3 Dec 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

ބުރާސްފަތި ދުވަހާ ގުޅޭ

ސާހިލް ނުތަނަވަސްވެފައި ހުއްޓާ މިފެނުނީ އަލަށެވެ. އަނެއްކާ އޭނަ ބުނަން އެއުޅެނީ ކީކޭ ހެއްޔެވެ؟

"އިއްޔެ ގެއަށް ގޮސް ޔަލްވީ ދެއްކި ވާހަކައާމެދު އަހަރެން ވިސްނިން..." ކުޑަކޮށް ކަރުކެހިލާފައި ސާހިލް ފެށި އެވެ.

އަހަންނަށް ކުރެވުނު ކަމަކީ ތަކުރާރުކޮށް އެސްފިޔަ ޖަހައިލުމެވެ. ސާހިލް އެ ފާހަގަ ކުރާ ވާހަކައަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނެ އެވެ. އިއްޔެ އަހަރެން ބައިވަރު ވާހަކަ ދެއްކީމެވެ. ހަނދާންކޮށްލާފަދަ ގޮތަކަށް ދުރު ބަލައިލިތަނާ ސާހިލް ވާހަކަދެއްކުމުން އެމޫނަށް ނަޒަރު ބަދަލުކޮށްލެވުނެވެ.

"ޔަލްވީގެ ފަޔާއި ބެހޭގޮތުން..." ސާހިލް އޮޅުންފިލުވައިދިނެވެ.

"ކޮންމެ ދުވަހަކު ދެގަޑިއެއް ހާއިރަށް މިދޭ ފިޒިއޯ ސެޝަންގެ އިތުރަށް ވެސް ކުރެވިދާނެ ކަންތައްތައް އެބަހުރި. މިތަނުން ހަމަޖައްސާފައި މިއޮތް ހަމަސް ދުވަހުގެ ސެޝަންތައް ވެސް ނަގަމުން އަދި އަމިއްލަ ގޮތުން ފިޒިއޯއަކު ހަޔާ ކޮށްގެން އިތުރަށް މަސައްކަތް ކޮށްފިނަމަ އަވަހަށް ނަތީޖާ ފެންނާނެ. ޔަލްވީ އެގޮތް ބޭނުމިއްޔާ އަހަރެން މިހުރީ އެހީވާން ތައްޔާރަށް." ސާހިލްގެ ވާހަކަ ނިމުމުން އެވާހަކަތަކާއިމެދު ވިސްނައިލަން އަހަންނަށް ވަގުތުކޮޅެއް ބޭނުންވި އެވެ.

ސާހިލްއަށް އެކަން ވިސްނިގެން މަޑުމަޑުން ބޯޖަހާލައިފައި ތެދުވެގެން އަހަރެން ކައިރިއަށް އައެވެ. އޭނަ ޓްރާންސްފާ ބޯޑު ބާއްވާފައި ބަލަން ހުރި ގަޑީގައި އަހަރެން ގޮނޑިން އެނދަށް ބަދަލުވެ ހަމަޖެހިލީމެވެ. ސިކުނޑީގައި އޭރު ވެސް ސާހިލް ދެއްކި ވާހަކަ އެވެ.

"ކިހިނެތް އެކަމަކު ގޭގަ މިތާ ދޭ ކަހަލަ ސެޝަންތަކެއް ނަގާނީ؟ މިބުނީ...ކަމަށް ބޭނުންވާ އާލާތްތަކެއް ނުހުންނާނެ އެއްނު..." ވަށައިގެން ލޯހިންގާލައިފައި އަހަރެން ފާހަގަ ކުރީމެވެ.

"ތެދަށް ބުނަންޏާ މިތާ މިހުރި އާލާތްތަކެއް ނުޖެހޭ ހުންނާކަށް. އެހެންނޫނަސް މިތާ މިކުރާ ކަސްރަތު ތަކުގެ އިތުރު އެހެން ކަންތައްތައް ކުރާ ވާހަކަ އަހަރެން މިބުނީ. ދެން... އަހަރެން ކުރިން ވެސް ހުންނާނެ އަމިއްލަ ގޮތުން މަސައްކަތްކޮށްދީފަ.." ސާހިލްގެ ވާހަކައިން އަހަރެން ކުރި ސުވާލުގެ ޖަވާބުލިބުނެވެ.

"އެކަމަކު އަހަރެން މިބުނީ މިހާރު މިވަގުތު ޖަވާބެއް ދޭކަށް ނޫން. ވިސްނާލައިފަ ޖަވާބެއް ދީ!" އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވެނީސް ސާހިލް ބުނެލި އެވެ.

ހީވީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ވާހަކަދެއްކިހެންނެވެ. ކޮންމެ ގޮތެއް ވިއަސް އާއިން ކައިރީ ނާހައި އަހަންނަށް ޖަވާބެއް ނުދެވޭނެ އެވެ.

"ތޭންކްސް." އަހަރެން މަޑުމަޑުން އިއްވައިލީމެވެ.

***

ގެއަށް ދެވުނުހާ އަވަހަށް އާއިންއަށް ގުޅަން އަހަރެން ބޭނުންވި އެވެ. މަންމަ އަހަރެން ސިޓިންރޫމްގައި ބައިންދާފައި ފިނި އެއްޗެއް ގެނެސްދޭން ހުށައެޅުމުން ބޯޖަހައިލީމެވެ. މަންމަ ގޮސް ގެއްލުމާއެކު ދަބަސް ތެރެއިން ފޯނު ނަގައި ބެލިއިރު އެގާރަ ޖަހަން ދަނީ އެވެ. އާއިން މިހާރު ހޭލަފާނެ އެވެ.

އަހަރެން އެނަންބަރަށް ޑައިލްކޮށްގެން އިނީމެވެ. ފުރަތަމަ ފަހަރު ޖަވާބެއް ނުދިނެވެ. ފޯނު ތިރިކޮށްލަން އުޅެފައި ވެސް ދެވަނަ ފަހަރަށް ގުޅީމެވެ. މިފަހަރު އިރުކޮޅެއް ނުވެ ފޯނު ނެގި އެވެ.

"ހަލޯ..." އެކަމަކު އެކޮޅުން އައީ އާއިންގެ އަޑެއް ނޫނެވެ.

ލިންތާގެ އަޑު ކަންފަތުގައި ޖެހިފައި މެއަށް ހީވީ ފެން އެއްޗެއް އަޅައިލެވުނު ހެންނެވެ. އާއިންގެ ފޯނުން ލިންތާ ވާހަކަ ދައްކާ އަޑު އަހަން އަހަންނަށް ދުވަހަކު ވެސް ހޭނޭނެބާވަ އެވެ.

"ސޮރީ ޔަލްވީ. ކުރިން ވެސް އެއްފަހަރު ގުޅީމަ މުހިންމު ފޯނަކަށް ވެދާނެތީ ނެގީ." އަހަރެން އެއްޗެއް ނުބުނަނީސް ލިންތާ މާފަށް އެދުނެވެ.

"އޯކޭ..." އަހަންނަށް ބޭރުކޮށްލެވުނީ އެވަރަށެވެ. ދެން އަނެއްކާ ވެސް ވާހަކަދެއްކީ ލިންތާ އެވެ.

"އާއިން އޮތީ ނިދާފަ މަޑުކުރޭ އިނގޭ ގޮވާލާނަން..." ލިންތާގެ ވާހަކަ ދައްކާފައި އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ދުރުކޮށްލި އެވެ.

އާއިން ނިދާފައި އޮތްއިރު އެކޮޓަރީގައި ލިންތާ ހުއްޓާ ސިފަ ކޮށްލެވުމާއެކު ކުރިން ވެސް ވީހެން މެއަށް އުދަނގޫ ގޮތެއްވި އެވެ. ބޭނުންވީ ފޯނު ބާއްވާށެވެ. އެކަމަކު އަހަރެން ހަށިގަނޑު އެކަމަށް އިޖާބައެއްނުދިނެވެ. ތަނެއްގައި ބަހައްޓާފައި ހުރި ބުދެއްހެން އެއިންގޮތަށް އިނދެވުނީ އެވެ.

އެކޮޅުން ފޮތިކަހަލަ އެއްޗެހި ހިރޭ އަޑު އިވިފައި ލިންތާ އެނދުމައްޗަށް އަރާ އިންދާ އަހަންނަށް ސިފަކުރެވުނެވެ. ދެން އިވުނީ ލިންތާ ވައިއަޑުން އާއިންއަށް ގޮވާ އަޑެވެ. އެއާއެކު އާއިން ނިދިއަޑަކުން ކުކުރާލި އެވެ. އެއާ ޖެހިގެން އައީ އާއިން ނިދި އަޑަކުން ބޭބީއޭ ކިޔާލި އަޑާއި ލިންތާ ތޫލި އަޑަކުން ހަޅޭތްލަވައިގަތް އަޑެވެ. އެސްފިޔަތަކުގެ ފުރަގަހަށް ކަރުނަތައް ޖަމާވި ކަމެއް ވެސް އިހްސާސްނުވެ އެނގުނީ ކޯތާފަތްމައްޗަށް ފައިބަން ފެށި ކަމެވެ. އަހަރެންގެ އަތަށް ބާރު ލިބުނީ އެހިސާބުންނެވެ. އަވަސް އަވަހަށް ކަރުނަ ފުހެލާފައި ފޯނު ބާއްވަން ފިތާލީމެވެ. އޭގެ ކުރިން ލިންތާ އާއިން ކައިރީ އަހަރެން ގުޅައިފައި އޮތް ވާހަކަ ބުނި އަޑު އިވުނެވެ.

ފޯނު އުނގުމައްޗަށް ދޫކޮށްލެވުމާއެކު އިތުރު ދެކަރުނަތިކި ދެލޮލުން ވެއްޓި ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދިޔަ އެވެ. އެކަރުނަތައް ވެސް އަތުގެ ނުފުށުން ފުހެލާފައި ތުރުތުރުލާން ފެށި ތުންފަތުގައި ދަތް އަޅާ ބާރަށް ހިފަހައްޓައިލީމެވެ. އަހަރެން ރޯކަށް ބޭނުމެއް ނޫނެވެ. އަހަންނަކީ އެއަށްވުރެ ހިތްވަރުގަދަ ޖާނަކީމެވެ. އަހަރެންގެ ފިރިމީހާގެ އުފަލުގައި އަހަރެން އުފާވާނަމެވެ.

އުނގުމަތީ އޮތް ފޯނު ރިންގް ވާން ފެށި އަޑާއެކު ސިހުމެއް ލިބުނެވެ. ނަގައި ބަލާލިއިރު އާއިން ގުޅަނީ އެވެ. އެވަގުތު މަންމަ ބަދިގެއިން ނިކުމެގެން އަންނަމުން ފޯނު ރިންގް ވަނީނޫންހޭ ބުނެލި އެވެ. ބޯޖަހާލައިފައި އަހަރެން ފޯނު ނަގައި ކަންފަތުގައި ޖަހައިލީމެވެ.

"ހަލޯ ލިވީ." އާއިން ވާހަކަދެއްކިއިރު އެއަޑުގައި މިހާރު ނިދީގެ އަސަރެއް ނެތެވެ. އަހަރެންނަށް އާއިންއާ ލިންތާގެ މެދުގައި ހިނގިކަންތައް އިވުނުކަން އެނގުނީ ކަންނޭނގެ އެވެ.

"އާއިން..." އަހަރެން ހަމައެކަނި ބުނެލީ އެވަރަށެވެ.

މަންމަގެ އަތުގައި ހުރި ޖޫސްތަށި އަހަރެންގެ އަތް ފޯރާ ހިސާބުގައި ބަހައްޓަމުން އާއިންގެ ނަންކީއަޑު އިވުމާއެކު ބަލައިލި އެވެ. ދެން އިތުރު އެއްޗެއް ނުބުނެ އަހަންނަށް ފުރުސަތު ދީފައި އެތެރެއަށް ހިނގައްޖެ އެވެ.

"ސޮރީ ލިވީ. ރޭގަ މާލަހުން ނިދުނީމަ މިއަދު ހޭނުލެވުނީ..." އާއިން މާފަށް އެދުނެވެ. އެއާއެކު އަނެއްކާ ވެސް އަހަރެންގެ ސިކުނޑި ދަތުރުކޮށްލީ އެންމެ ބޭނުން ނުވާ މިސްރާބަށެވެ.

"އަހަރެން ވާހަކައެއް ދައްކައިލަން ވެގެން. މިގެއަށް އާދެވިދާނެތަ!" ހިޔާލު ބަދަލުނުވަނީސް އަހަރެން އަވަސް އަވަހަށް ވާހަކަދެއްކީމެވެ.

"އެބަ ދަން ފެންވަރާލައިގެން." އާއިން އެއްބަސްވި އެވެ.

އަހަރެން ފޯނު ކަނޑާލައިފައި ކުރިމަތީ ހުރި ޖޫސްތަށި އަތަށް ނެގީނުން އެއްނޭވައިން ހުސްކޮށްލީމެވެ. ހުސްތަށި އަނބުރާ ބެހެއްޓިއަޑު ތަނުގެ ހިމޭންކަން ނަގައިލި އެވެ. ނަސީބަކުން މަންމައަކަށް އަޑެއް ނީވެ އެވެ. ސިކުނޑިއަށް ވެރިވާންއުޅޭ ހިޔާލުތަކާއި ދުރަށް ދާން ވެގެން އަހަރެން ރިމޯޓު ނަގައި ޓީވީ ހުޅުވީމެވެ. އާއިން އައިސް ބެލް ޖެހީ އަހަރެން ސޯފާގައި ދެފައި ދަމާލައިގެން އޮތްވަ އެވެ. އިރުކޮޅަކުން މަންމަ ބަދިގެއިން ނިކުމެގެން އައިސް އަހަރެން ފަސްދީ ދޮރާއި ދިމާއަށް ދިޔަ އެވެ.

"އާއިން؟" މަންމަގެ އަޑުގައި ހައިރާންކަންވި އެވެ.

މަންމަ ކިހިނެތްހޭ ކިޔައިގެން އާއިން ކުރުކޮށް ވިއަސް ވާހަކަދައްކަން މަސައްކަތް ކުރި އެވެ. ރަނގަޅޭ ބުނެ ޖަވާބުދީފައި މަންމަ އެހީ ބޯން ގެންނަންވީ އެއްޗަކާއި ބެހޭގޮތުންނެވެ. މަންމަގެ ހިތް އާއިންއާ ދޭތެރޭ މުޅިން ސާފު ނުވިއަސް މެހުމާންދާރީ އަދާކުރުމުގައި މަންމަ އެކަކު ވެސް ތަފާތެއް ނުކުރާނެ އެވެ. އާއިން އެދުނީ ކޮފީއަކަށެވެ.

އަހަރެން ބަލަން އިންދާ އާއިން އައިސް ހުއްޓުނީ އަހަރެން އިން ސޯފާ ކައިރިއަށެވެ. އަހަރެން އަވަހަށް އާއިންއަށް ތަން ދޭން ދެފައި ކުރުކޮށްލީމެވެ. އާއިން އިށީނދެފައި އަހަރެންގެ ދެފައިތިލައިގައި ހިފާލައިފައި އުނގަށް ނެގި އެވެ. އެދެއަތުގެ ހޫނުން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން ނުފަށައި މަޑުކުރީ މަންމަ އަންނަން ދެނެވެ. އާއިން ފައިގައި ފިރުމަން ފެށުމުން އެބީހުމަށް މަރުހަބާ ކީމެވެ.

އިރުކޮޅަކުން މަންމަ ނިކުމެ ކޮފީ ޖޯޑުބަހައްޓާފައި ގޮސް އެތެރެއަށް ވަނެވެ. މަންމަ ގޮސް ގެއްލުނު ދިމާއަށް ބަލާލައިފައި އަހަރެން ސާހިލްދެއްކި ވާހަކަ އާއިންއަށް ކިޔައިދިނީމެވެ. އޭނަ ކޮފީ ޖޯޑު އަތަށް ނަގައިގެން އިނދެ ބޮމުން ދެފަހަރަކު ބޯޖަހައިލި އެވެ. ޖަވާބުދިންއިރު އޭނަ ދިނީ އަހަރެން ބޭނުންވި ޖަވާބެވެ. އެއީ އަހަރެންގެ ފަރުވާއަށް ލިބެން އޮތް ކުރިއެރުމަކަށް ވިއްޔާ މަރުހަބާ ކިޔާނެ ވާހަކަ އެވެ.

"އަދިވެސް ނުބުނަމެއްނު ރާޔާ އާއިން ހޯދަން ދިޔައީ ކީއްވެކަމެއް؟" ކުއްލިއަކަށް ހަނދާންވެގެން އަހަރެން ސުވާލުކުރީމެވެ.

އާއިން ކިޔައިދިނީ ރާޔާ ހޯދަން ދިޔައީ އަހަންނާއި ގުޅޭކަމެއްގައި ނޫންކަމެވެ. އެކަމަކު އަހަރެންގެ ވާހަކަ އެހި ކަމަށާއި މަސައްކަތުން ފުރުސަތެއް ލިބުމުން ވަރަށް އަވަހަށް ބައްދައްލު ކުރަން އަންނާނެ ކަމަށް ބުންޏެވެ. އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ.

ދާންވެގެން ތެދުވެފައި އާއިން އެހީ ކުރީ ދުވަހު ވެސް އެހި ވާހަކަ އެވެ. އަހަރެން ގެއަށް ދާނީ ކޮންއިރަކުންތޯ އެވެ. އެއީ އޭނަ އަހަރެން ގެންދަން ބޭނުންވާވަރުން ކަމެއް ނޫނީ އަހަރެންގެ ހިތްހަމަޖައްސަން ވެގެން ކަމެއް ނިންމާކަށް ނޭނގުނެވެ.

އާއިން ދިއުމުން އަހަރެން ފުރަތަމަ ފަހަރަށް މަންމަ ކައިރީ ގެއަށް ދިއުމާއި ބެހޭގޮތުން ވާހަކަދެއްކީމެވެ. މަންމަ ކިޔައިދިން ގޮތުން މަންމަ ނިންމައިގެން އައީ ދެހަފްތާއެއްވަރު ކޮށްފައި އެނބުރި ދޮންތަ ކައިރިއަށް ދާށެވެ.

އެކަމަކު އެއީ އަހަރެންނަށް ނުހިނގޭ ކަމާއި އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާގެ ޚަބަރު ލިބުމުގެ ކުރީގެ ނިންމުމެކެވެ. މިހާރު އަހަރެން އާއިންއާއެކު އެގެއަށް ދޫކޮށްފައި ދާން މަންމަ ފަސްޖެހެ އެވެ. އެކަމަކު މާލޭގައި ވެސް އަހަރުމެންގެ އަމިއްލަ ގެއެއް ހުރީއެއް ނޫނެވެ. މަންމަ އުޅެން ހުރީ ކުއްޔަށެވެ. ޔާނިޝްއަށް ލިބޭ ޗުއްޓީ ފިޔަވައި އަހަރުގެ ދެން އޮތް ބައި ހޭދަ ކުރަނީ ރިސޯޓުގަ އެވެ. މަންމަ އުޅެން ޖެހޭނީ އެކަނިމާ އެކަންޏެވެ. އޭގެ ބަދަލުގައި ދޮންތަ ކައިރިއަށް އެނބުރި ދިއުން ބުއްދިވެރި އެވެ.

ޖެހިގެން އައި ދުވަހު ސާހިލްއާ ބައްދަލު ވެގެން އޭނަގެ ހުށައެޅުން އަހަރެން ޤަބޫލުކުރީމެވެ. އެވާހަކަ އަހާފައި ސާހިލް ފުން ނޭވައެއް ދޫކޮށްލި އެވެ. ހީވީ ކުރިއްސުރެ ބޮލުގައި އޮތް ބަރެއް ނެތިގެން އެކަމާއި ހިތްހަމަޖެހުނު ހެންނެވެ. އަހަރެން ނިންމީ ސުވާލު ނުކުރުމަށެވެ. ހިތަށްއަރާ ކޮންމެ އެއްޗަކީ ގިނަފަހަރު ހަޤީޤަތަކަށް ނުވެ އެވެ.

"އެހެންވީމަ މާދަން ފަށާ ގޮތަށް ދޯ. ހަވީރު ފަހެއް ޖަހާއިރު ރަނގަޅުތަ؟" ސެޝަން ނިންމާފައި އަހަރެން ގޮނޑީގައި އިށީނުމުން ސާހިލް އެހި އެވެ.

"ސާހިލްއަށް ދެވޭގަޑިއެއް ހަމަޖައްސާ. އަހަރެން ކޮންމެ ވަގުތަކު ވެސް އެވެއިލެބަލް ވާނެ..." ޖަވާބު ދީ ނިމުމާއެކު ހިތުގައި ރިހުމެއް އުފެދުނެވެ. އެކްސިޑެންޓްގެ ކުރިން އަހަރެންގެ ހުރިހާ ވަގުތެއްހެން އޮންނަނީ ކޮންމެވެސް ކަމެއް ކުރުމުގަ އެވެ. އޮފީހުގެ މަސައްކަތް ނެތިއްޔާ ގޭގެ ކޮންމެވެސް ކަމެއްގަ އެވެ. ނޫނީ އާއިންއާއެކު ވަގުތު ހޭދަ ކުރުމުގަ އެވެ. އެކަމަކު މިހާރު އާއިން ވެސް ވަގުތު ހުސްކުރަން ޖެހޭ އިތުރު ފަރާތެއް ވެއެވެ.

"އެހެންވިއްޔާ ފަހެއް ޖަހާއިރު ދާނަން. އެޑްރެސް މެސެޖްކޮށްލާފަ ބަހައްޓާ!" ސާހިލް ވާހަކަދެއްކި އަޑާއެކު ހިޔާލުތަކުން ނިކުމެވުނެވެ.

މަޑުމަޑުން ބޯޖަހައިލުމަށްފަހު އަހަރެން ގޮނޑި ދުއްވަމުން ދޮރާއި ދިމާއަށް މިސްރާބު ޖެހީމެވެ. ދޮރާއި ކައިރިވެފައި ހުއްޓާ ސާހިލް ގޮވާލިއަޑު އިވުނެވެ. އަހަރެން ވަގުތުން ދުއްވުން ހުއްޓައިލީމެވެ. އިރުކޮޅަކުން ސާހިލް އައިސް ހުއްޓުނީ އަހަރެންގެ ކުރިމައްޗަށެވެ. ސުވާލު އުފެދިފައި ހުއްޓާ ސާހިލް ދައްކައިލީ ފޯނެވެ. އެދުނީ އަހަރެންގެ ފޯނު ނަންބަރު ދިނުމަށެވެ. އަހަރެން އަނެއްކާ ވެސް ބޯޖަހައިލާފައި އަދަދުތައް ކިޔާލަދިނީމެވެ.

ގެއަށް ގޮސް ފޯނު ނެގިއިރު ކާކުކަން އެނގޭނެހެން ސާހިލް މެސެޖްކޮށްލާފައި އިނެވެ. އަހަރެން އޭގެ ޖަވާބުގައި އަމިއްލަ އެޑްރެސް ލިޔެފައި ފޮނުވީމެވެ. މެސެޖް ހަމަ ފޮނުވިހާއިރުން އިތުރު މެސެޖެއް އައެވެ. އަހަންނަށް އަވަސް އަވަހަށް ހުޅުވައިލެވުނެވެ.

"އޯކޭ..." ސާހިލްގެ މެސެޖްގައި އޮތެވެ.

***

"ފަހެއް ޖަހާއިރު އަންނާނެ ފިޒިއޯ ދޭން." އަހަރެން މަންމައަށް އެންގިއިރު ގަސްތުގައި ސާހިލްގެ ނަން ބޭނުން ނުކުރީ އެވެ.

އެނަމާއިއެކު މަންމަގެ ވިސްނުން ދަތުރުކޮށްފައި ދާނީ ކޮންދިމާއަކަށްކަން އަހަންނަށް އެނގެ އެވެ. މަންމަގެ ޝައްކުތަކަށް އިތުރު ބޮޅެއް އިތުރުވެ ހަޤީޤަތާއި ނުގުޅޭ އުންމީދުތަކަކަށް އާ ދޮރެއް ހުޅުވޭނީ އެވެ. އެއަށްވުރެ ނުބުނެ ބޭއްވުން ވެސް ރަނގަޅެވެ. އެކަމަކު އަދި އެވަރުން ވެސް މަންމަ ކުރި ކަންތައްތައް މަދެއް ނޫނެވެ.

ސާހިލް އަންނަންވާއިރަށް އަމިއްލައަށް ހެދިކާ ހަދައިގެން ހަވީރު ސައި ތައްޔާރު ކުރި އެވެ. ސިޓިންރޫމް ސާފު ކުރަން ނެތުމުން މޭޒުމަތީ ހުރި މާވަށިގަނޑަށް ތާޒާ މާބޮނޑިއެއް ޖެހި އެވެ. ސޯފާމަތީ ހުރި ކުޝަންތަކުގެ ކަވަރު ބަދަލުކުރި އެވެ. އަހަރެން ކިޔާ އެއްޗެއް މަންމަ ނާހާނެކަން އިނގޭތީ އަޅައިނުލާ އިނީ އެވެ.

ފަހެއް ޖަހަން ބަރާބަރު ފަސް މިނިޓަށް ވެފައި ހުއްޓާ ބެލް ޖެހި އެވެ. މަންމަ ސޯފާގައި އިނދެފައި އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވި އެވެ. އިރުކޮޅަކުން މަންމަގެ ފަހަތުގައި ހުރެގެން ސާހިލް އަންނަތަން ފެނުނެވެ. ކޮނޑުގައި ސައިޑު ބޭގެއް އޮތެވެ.

ފުރަތަމަ ފަހަރަށް ސާހިލް ނުރަސްމީ ހެދުމުގައި ފެނުމުން ޝައުޤުވެރިވެފައި ބަލައިލެވުނެވެ. އަތްދިގު އަޅި ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހޭވިފަ އެވެ. ހީވަނީ ދެތިން ފަހަރެއްގެ މަތީން އަތުގެ އިނގިލިތައް އިސްތަށިގަނޑުތެރެއަށް މަހާލައިފައި ތިރިކޮށްލާފައި ހުރިހެންނެވެ. ޓީޝާޓްގެ ދެއަތް އުޅަބޮށްޓާއި ކޮނޑާއި ދެމެދުންނާއި މެއާ ދިމާއިން ކޮންމެވެސް ވަރަކަށް ގަޔަށް ހިފާލައިފައި ހުރިކަން ފާހަގަވި އެވެ. ސާހިލްއަށް ފާހަގަ ވެދާނެތީ އަހަރެން އަވަހަށް އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލީމެވެ.

އައިސް ކައިރިވުމާއެކު ނޭފަތުގައި ހަރުލީ އަހަރެން މިހާރު އެންމެ ދަންނަ ދެ ސެންޓްގެ ވަހުން އެއްވަހެވެ. އަހަރެން އިސްއުފުލާލިއިރު ސާހިލް ސޯފާގައި އިށީންނަނީ އެވެ. މަންމަ ސައިބޯން ހުށައެޅުމުން އެސުވާލަށް ޖަވާބު ދެމުން ވަށައިގެން ލޯ ހިންގާލައިފައި އަނބުރާ އަހަރެންގެ މޫނަށް ހުއްޓައިލި އެވެ. އަހަރެން ލުއި ހިނިތުންވުމެއް ވެރިކޮށްލީމެވެ.

ސާހިލް ދަބަހުން ލެޕްޓޮޕް ނަގައި ހުޅުވާލައިފައި އަހަންނަށް ފެންނާހެން އަނބުރައިލި އެވެ. އެއިން ކުރު ދެތިން ވީޑިއޯއެއް ދައްކާފައި ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ދެން ނެގީ ޒާތެއްގެ ފޮއްޗަކުން ހަދާފައި އޮތް ރަބަރު ބޭންޑެކެވެ. އޭގެ އެހީގައި ދެ ވައްތަރެއްގެ ކަސްރަތެއް ކުރުވި އެވެ.

ނިންމާފައި ދާން އުޅުނު ގަޑީގައި މަންމަ އަދި ވެސް އެއްފަހަރު ސާހިލްއަށް ސައިދޭން އެއްބަސް ކުރުވޭތޯ އުޅުނެވެ. ސާހިލް މަނާ ކުރުމުން މަންމަ އެތެރެއަށް ވަދެފައި ސާހިލް ނިކުންނަންވާއިރަށް އައީ ބަންދުކޮށްގެން ކާ އެއްޗެހި ހިފައިގެންނެވެ. މަންމަގެ ލޮލުގައި ވި އާދޭސް ފެނިގެން ނޫންކަމެއް ވެސް ނޭނގެ އެވެ. ނުހިފަން އުޅެފައި ވެސް ސާހިލް އެންމެފަހުން ނިކުމެގެން ދިޔައީ އެހިފައިގެންނެވެ.

އޭގެ ފަހުން ދެތިން މިނިޓް ވެސް ވީކަމެއް ނޭނގެ އެވެ. އަނެއްކާ ބެލް ޖަހައިފި އެވެ. އަހަންނާއި މަންމައަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ސާހިލްއަށް އެއްޗެއް ބޭއްވިގެން ބަލާ އައީ ބާވައޭ ހިތަށް އަރާފައ އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ނޫނީ އޭނަ ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވީ ކަންނޭނގެ އެވެ. ވިސްނަން ގިނައިރަކު އިންނާކަށް ނުޖެހުނެވެ. މަންމަ ތެދުވެގެން ގޮސް ދޮރު ހުޅުވައިފި އެވެ. އައީ ކާކުތޯ ބަލަން އެދިމާއަށް ނަޒަރު ހުއްޓާލައިގެން އިންދާ މަންމަ އެއްފަރާތަކަށް ޖެހިލާފައި އެމީހަކު ވަންނަން ތަން ދެއްކި އެވެ.

ނުނިމޭ

Popular