4 Dec 2018

ލިޒީ

ޑިސެމްބަރު 1 ގެ ބަޔާ ގުޅޭ

ނައިރާ ސިހުނީ އަތުގައި އޮތް ފޯނު ވައިބްރޭޓްވެގެންނެވެ. އޭނާގެ ފޯނަށް މެސެޖެއް އައެވެ.

މެސެޖު ބަލާލިއިރު އެއީ ރީޗާޖު ކޮށްދިނުމުން އައި އެލާޓް މެސެޖެކެވެ. ޔާނިއުގެ ފޯނު ނައިރާއަށް ދިނުމުގެ ގަސްތެއް ނެތްކަން އެ އަމަލުން ވެސް ހެކި ދިނެވެ. އެއީ ކީއްވެތޯ ނައިރާއަށް ކުރެވުނީ އަމިއްލަ ހިތާއެވެ.

"އަހަރެން ހީކުރީ ޔާނިއުގެ ފޯނު ދޭނެ ކަމަށް. މަންމައަށް ގުޅާލަން ނުނަގާނެ އެހާ އިރެއް." ފޯނަށް ބަލަން ހުރެފައި ނައިރާއަށް ކުރެވުނީ ޝަކުވާއެވެ.

"ވަޓްސް ދަ ޑިފެރެންޓް؟ އަހަރެން ފޯނުން ގުޅުމަށްވުރެ ރަނގަޅުވާނެ ތިގޮތް، އެހެން ނޫނަސް ކޮންމެ ފަހަރަކު އަހަރެންގެ ގާތުގައި ފޯނު ދޭށޭ ބުނުމަށްވުރެ ފަސޭހަވާނެ އަމިއްލަ ފޯނުން ގުޅާލެވުނީމަ،" ޔާނިއު އެ ބުނީ ތެދެކެވެ. އެކަމަކު ނައިރާ ބޭނުންވީ އެ ފަސޭހައެއް ނޫނެވެ. ހިތުގައި އުފެދެމުން ދިޔަ ޝައްކު ނައްތާލާށެވެ. ހިތް ޝައްކުވުމަކީ އުނދަގޫކަމެކެވެ. ހަމަޖެހުން ގެއްލޭ ކަމެކެވެ.

"އަހަރެންގެ އަތަށް ތި ފޯނު ދޭންބޭނުން ނުވަނީ ކީއްވެ؟ ފޯނުގެ ޕާސްވޯޑް ބަދަލުކޮށް، ނޭނގެ އަހަންނަކަށް،" އެންމެ ފަހުން ނުހުރެވިގެން ނައިރާއަށް ބުނެވުނީއެވެ. ޔާނިއުގެ މޫނަށް އައި ބަދަލު އެންމެ ކައިރިން ފެނުނީ ނައިރާއަށެވެ. މަޑުމަޑުން އޯހް އޭ ބުނެލިއިރު ބުމަވެސް އުފުލިގެން ދިޔަތަން ނައިރާއަށް ދުށްޓެވެ.

"އަން، އަހަރެން ފޯނުގައި އެއްޗެއް ހުރިތޯ ބަލާބަލަ، ކަމެއް ސިއްރުކުރާކަށް ނޫނޭ އަހަރެން ޕާސްވޯޑު ބަދަލުކުރީކީ، އެކަމަކު ނައިރާ ކައިރީ ބުނަން މިހުރީ ހަނދާންނެތިފައި." ޔާނިއު ގުދުވެފައި ނައިރާގެ އަތުގައި ހިފާ އެ މުށުތެރެއަށް ގަދަކަމުން އޭނާގެ ފޯނު ލައިދޭން އުޅުމުން ނައިރާ ދެކޮޅު ހެދިއެވެ.

"އަހަރެން ހިއެއް ނުކުރަން ނައިރާ އަހަންނަށް ޝައްކު ކޮށްފާނެ ކަމަކަށް، ނޫނީ ސިއްރުން އަހަރެންގެ ފޯނު ބަލަން ދޮގު ހަދާފާނެ ކަމަކަށް ވެސް، ރީތިކޮށް ބުނި ނަމަވެސް އަހަރެން ފޯނު ދޭނަން." ނައިރާގެ ދޫ މުޅިން ބަންދުކޮށްލި އެވެ. ވީދެރައިން ޔާނިއު އާއި ދިމާލަށް އިސްއުފުލާލާ ބަލާލަން ވެސް ނުކެރުނެވެ.

"އައި އެމް ސޮރީ،" އިރުކޮޅެއް ފަހުން ނައިރާ ބުނެލިއެވެ. މަޑުމަޑުން ޔާނިއު އަށް ބަލާލިއިރު އޭނާ އަށް ލިބުނީ ހައިރާން ކަމެކެވެ. މުޅިތަން އޮތީ ހުސްކޮށެވެ.

*** ***

ނައިރާ ނިކުތްއިރު ޔާނިއު ގެއަކު ނެތެވެ. ސައި ވެސް ނުބޮއި އައި ރުޅީގައި ނިކުމެގެން ދިޔައީ އެވެ. އަނެއްކާ ވެސް ނައިރާ އައިސް ވަނީ ކޮޓަރިއަށެވެ. އޭނާ ދެކެ ހިތްހަމަނުޖެހިފައި ހުރެ ޔާނިއު ނިކުމެގެން ދިޔަކަމަށްޓަކައި ނައިރާ ދެރަވިއެވެ. ލޮލުން ކަރުނަ އައިކަން އެނގުނީ ބާލީސް ތެމެންފެށި ހިސާބުންނެވެ.

ރޭގަނޑު އަށެއްޖަހައި ބޮޑުވިއިރު ވެސް ޔާނިއު އެނބުރި ނާދެއެވެ. އެއްޗެއް ހަވާލުކޮށްލަން ދާންޖެހޭ ވާހަކަ ޔާނިއު ބުންޏެވެ. އަދި ބުރެއް ޖަހާލަންދާން ތައްޔާރުވާށޭ ވެސް ބުންޏެވެ. އެ ހުރިހާ ކަމެއް ބަދަލުވީ ނައިރާގެ ސަބަބުންނެވެ. ފޯނު ނަގައި ޔާނިއުގެ ނަންބަރަށް ނައިރާ ގުޅާލި އެވެ. ޖަވާބެއް ނައެވެ.

ކުރިއަށްވުރެ ބޮޑަށް ދެރަވީ އޭނާގެ ފޯނަށް ޖަވާބު ނުދިނީތީ އެވެ. އެއީ ދުވަހަކު ވެސް ޔާނިއު ކުރިކަމެއް ނޫނެވެ. ރުޅި އަޔަސް ގެއިން ނިކުމެގެންނެއް ނުދާނެއެވެ. އޮންނާނީ ގޭގަ އެވެ. ފަހުން ދެ މީހުން ވާހަކަ ދައްކައިގެން ހައްލުކުރާނީ އެވެ.

ބަނޑުހައިވެގެން ހާންތިވާވަރުވެފައި ވިއަސް ނައިރާ ނިކުންނަ ޚިޔާލެއް ނުކުރިއެވެ. އޮފީހުން އައިގޮތަށް އަދި އެހުރީ ނުކައެވެ. އެކަމަކު ތެދުވާހިތެއް ނުވިއެވެ. ފޯނު ވައިބުރޭޓްވާހެން ހީވެ ބަލާލިއިރު ގުޅަނީ މަންމައެވެ. މަންމަ ގެއަށް ވަދެނުލާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެންވެ ކޮބައިތޯ ބަލަން ވެސް ގުޅާފާނެ އެވެ. ނައިރާ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. ހަލޯއޭ ބުނުމުގެ ކުރިން މަންމަ ނައިރާގެ ނަމުން ގޮވާލިއިރު އަޑުގައި ހުރީ ކަންބޮޑުވުމެވެ.

"ނޫރީން އެބަހުރިތަ ތި ގޭގައި؟"

ނޫރީން އަކީ ނައިރާގެ ކޮއްކޮ އެވެ. އެގޭގައި ތިބީ ތިން އަންހެންކުދިންނެވެ. އެންމެ ދޮށީ ނޫރާ އެވެ.

"މިގެއަކަށް ނާދޭ، ކިހިނެއްވީ؟" ނައިރާ މަޑުމަޑުން އަހާލިއެވެ.

"ތިގެއަށް ވަދެލާފައި އަންނަމޭ ބުނެފަ ދިޔާމަ، މިހާރު ނޭނގެ ދިޔަތަނެއްވެސް، ކޮލެޖު ނިމިގެން ގެއަށް އަންނަނީ ވަރަށް ލަސްވާފަހުން. އެހެންވެ ބައްޕަ ބުނެފި ކޮލެޖަށް ނުފޮނުވާނަމޭ ވެސް." ނޫރީންގެ ކަންތައް ހުރިގޮތް ކިޔައިދެމުން ދިޔައިރު ނައިރާއަށް ވިސްނުނީ ނޫރީންގެ ކަންތައް މާ މައްޗަށް ގޮސްފައިވާ ކަމެވެ.

"މަންމާ، އަހަރެން އެބަ ބަލަން ނޫރީން ހުރިތަނެއް، ގުޅާނަން ބަލާފައި،" މަންމައަށް ގޮވާލެވުނީ ކޮންމެ އަކުރަކަށްވަކިން ދަމާލާފައެވެ. މަންމަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާފައި ކަންބޮޑުނުވާށޭ ބުނާފަދައިންނެވެ.

މަންމަގެ ފޯނު ބާއްވާފައި ނައިރާ ގުޅީ ނޫރީންގެ ފޯނަށެވެ. އޭނާގެ ކޯލަށް ޖަވާބު ނުދީ ހުންނާކަށް ނޫރީންއަކަށް ނުކެރޭނެއެވެ. އަދި ނުރުހުންވެ ދެކޮޅަށް އެއްޗެއް ބުނާކަށް ވެސް ނުކެރޭނެއެވެ. ދައްތަމެންގެ ތެރެއިން ނޫރީން އެންމެ ލޯބިވާނީ ވެސް އޭނާ ދެކެއެވެ. ނޫރީން ފޯނު ނެގުމާއި އެކު ނައިރާ އެހީ ހުރިތަނެކެވެ. ރައްޓެހި ކުދިންތަކަކަކާ އެކު ރެސްޓޯރެންޓެއްގައި އިން ވާހަކަ ނޫރީން ބުނެލިއެވެ. ތަނުގެ ނަން އަހާފައި ނައިރާ ބުނެލީ ބަލާ ދަންދެން އެތަނުގައި ހުރުމަށެވެ. ދެން ތެދުވެ ކުޑަކޮށް ރީތިވެލައިގެން ދިޔައީ ނައިރާ ދިޔައީ އޭނާގެ ސައިކަލުގައެވެ.

ސައިކަލު ޕާކިން ޒޯނުގައި ބަހައްޓާފައި އަންނަނިކޮށް ނައިރާގެ ލޮލުގައި އަޅައިގަތީ އޭނާއަށް ފުރަގަސްދީގެން މީހަކާއި ވާހަކަ ދައްކަން ހުރި ޔާނިއު އެވެ. ނޫރީން ވެސް ހުރި ރެސްޓޯރެންޓްގެ ބެލްކަނީގައި ޔާނިއު އާއި އެކު އެ ހުރީ އަންހެންކުއްޖެކެވެ. ޔާނިއު ރުޅި އައިސްގެން ވާހަކަ ދައްކާކަން އެނގެއެވެ. ޝަހާދަތް އިނގިލި އުފުލާލާފައި ކޮންމެވެސް އެއްޗެކޭ ކިޔަނީ އެވެ. ޔާނިއުގެ ކޮނޑާ ހަމަޔަށް އަންނަ އެ އަންހެންކުއްޖާ ހުރީ ބުރުގާ އަޅާފަ އެވެެ. މޫނު ސާފެއް ނުވިއެވެ. އެ ދެ މީހުންނަށް ޝައުޤުވެރިކަމާ އެކު ބަލަން ހުއްޓާ ނޫރީން ނިކުތެވެ. ރައްޓެހި ދެތިންކުއްޖަކާއި އެކުގަ އެވެ.

ނައިރާ ފެނުމާ އެކު ނޫރީން ރައްޓެހިކުދިންނާ އެކު ކައިރިއަށް އައެވެ. އަލްޔާގެ އަތުގައި ފަޅާފައި އޮތް ކޭކެއް އޮތެވެ.

"ނޫރީންގެ ތިއްތަ މީގެން ރަހަ ބަލާބަލަ." އަލްޔާ އައިސް ވާހަކަ ދެއްކީ ވަރަށް ގާތްކޮށެވެ. ނައިރާ ބޯޖަހާލަމުން ސައިކަލުން ފޭބިއެވެ. އަނެއްކާ ވެސް އޭނާގެ ނަޒަރު ސިއްރުން ވިއަސް ދަތުރުކުރީ ރެސްޓޯރެންޓުގެ ބެލްކަންޏަށެވެ. އަދިވެސް އެ ދެ މީހުންގެ ޒުވާބުގެ ކޮޅެއް މެދެއް ނުފެންނަ ކަހަލަ އެވެ. ޔާނިއު ވޮލެޓް ނަގައި ރުފިިޔާތަކެއް އެ އަންހެންކުއްޖާ އަށް ދިނެވެ.

އަލްޔާ ކޭކު ފޮއްޗެއް ނަގައި ދިއްކުރުމުން ނައިރާ ހިނިތުންވެލި އެވެ.

"ހެޕީ ބާތު ޑޭ އިނގޭ، އެކަމަކު ދެރައީ މަގުމަތީގަައި ހުރެގެން ކާން ޖެހުނީމަ." ނައިރާ ވެސް ބެހެއްޓީ ހަމަ އެ ގާތްކަމެވެ. ނޫރީން ގެ ގާތުގައި ނައިރާ ނުދަންނަ ކުއްޖަކު ނެތެވެ.

"ވަރަށް މީރު." ނައިރާ އަނގަ ހުސްކޮށްލާފައި ބުނެލިއެވެ. އެ ދެ ކުދިން ޓެކްސީއެއް ނަގައިގެން ދަންދެން ނައިރާ މަޑުކުރިއެވެ. އެ ހުރިއިރު ވެސް ދޭތެރެއަކުން ބެލެނީ ޔާނިއުއަށެވެ. ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރިހުމެއް އުފެދެއެވެ. ނައިރާ ޝައްކު ކުރާތީ އޭ ކިޔާފައި އަޑު އުފުލި މީހާގެ ކަންތައް މި ފެނުނީ ލޮލަށެވެ. ސިއްރެއް ނެތް ނަމަ ގެއާ ދުރުން މީހަކާ ބައްދަލުކުރުމުގެ ބޭނުމެއް ނުވިސްނެއެވެ. އަނެއްކޮޅުން ބައްޕަ ދޭ އެހީއެއް ނަމަ ދިއްކޮށްލާފައި ހަމަ އަންނަންވީ އެވެ.

"ތިއްތަބޭ ވެއްޖެ ބިޓަކާ އެކު ގޮސް މަތީގައި." ނޫރީން ސައިކަލަށް އަރަމުން ބުނެލިއެވެ. ނައިރާ ސިހިފައި ފަސްއެނބުރި ނޫރީންގެ މޫނަށް ބަލާލިއެވެ. މި ހުރިހާ އިރު ސިއްރުން އެ ދިމާލަށް ބެލީ ނޫރީންއަށް އެނގިދާނެތީ އެވެ.

"އެ ކާކުކަން އެނގޭތަ؟" ނައިރާ ހިތަށް އުދަނގޫވާން ފެށި އެވެ. ސައިކަލު ދުއްވާލަމުން އޭނާގެ މޫނު ބެހެއްޓީ މަގުމައްޗަށެވެ.

"އާން. އެނގެއެއްނު ލިޒްނާ." ނޫރީން އަށް އެ ދެ މީހުން އެކުގައި ވަންތަން ފެނުނުކަން ނައިރާއަށް ޔަޤީންވި އެވެ.

"ލިޒްނާ؟" ނައިރާ ހިތާއި ހިތުން ކިޔާލިއެވެ. ދަންނަ ނަމެއްހެން ހީވެއެވެ. އެކަމަކު އޭނާގެ ސިކުނޑި އަށް އެއީ ކާކުކަން ނޭނގި އުޅެނިކޮށް އެ ޖަވާބު ވެސް ލިބުނީ ނޫރީންގެ ފަރާތުންނެވެ.

"ތިއްތަ އާ އެކު އޭރު އުޅެއެއްނު ލިޒީ، އޭނަގެ ކޮއްކޮ،" ނައިރާގެ ސިކުނޑި އަށް ލިޒްނާގެ ތަސްވީރު އައީ ކުއްލިއަކަށެވެ. ލިޒީގެ ނަން ހީވީ ކަންފަތްތެރޭ ގުގުމައިލީހެންނެވެ.

"އެ ވާހަކަ ބާއްވާ، މަ ދައްކާ ވާހަކަ އަޑުއަހާ، ނޫރީން ތިހެން އުޅެން މަންމަ ޤަބޫލު ނޫންކަން އެނގެއެއްނު." ނައިރާ ބޭނުންވީ ނޫރީން އަށް ނަސޭހަތް ދޭން އުޅޭތީ އެކަން އޮއްބަން ނޫރީން ފެށި ވާހަކައެއްކަން ދައްކާށެވެ. ހަޤީޤަތަކީ ނޫރީން ދެއްކި ވާހަކަ އޮއްބައިލީ ނައިރާކަމެވެ.

"މަންމަގެ ރަންދަރި ނޫންވީމަ." ތުންދަމައިގެން އިނދެ ނޫރީން ބުނެލި އެވެ.

"ތިއްތަ މެރީ ކުރުމުގެ ކުރިން ރައްޓެހިންނާ އެކު ބޭރަށް ނުގޮސްތަ އުޅުނީ؟" ނައިރާ އަށް ނޫރީން ބުނެލިއެވެ.

"މަންމަ ކައިރީ އަހާފައި. އޯކޭ." ނައިރާ ބުނެލިއެވެ.

"އައި ޑޫ.، އަހަރެން ވެސް އަހަން، އެކަމަކު މަންމަ އަހަންނަށް އިތުބާރެއް ނުކުރޭ، ތިއްތައަށް ފެންނާނެ އަހަރެމެން މިނުކުތީ އެންމެން ވަންނަން ބޮޑު ރެސްޓޯރެންޓަކުން، އެތަނުގައި ކޮން ނުބައިކަމެއް އަހަރެމެންނަށް ކުރެވޭނީ، މިއަދު އައީ އެލޫގެ ބާތުޑޭ ވީމައި، މަންމަ ގަބޫލުކުރާނީ ތަންގަނޑު މީހުން ދައްކާ ވާހަކަ."

ނޫރީން އާއި މަންމަ ސުލްހަ ކުރުމަކީ ނައިރާ އަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނައިރާ ހިމޭނުން އިނީ ގެއަށް ދެވެންދެންނެވެ. ދޮރާށި ކައިރީ ވަހީދާ ހުރިތަން ފެނިފައި ނޫރީން ކުޑަކޮށް ފަސްޖެހުނެވެ. ކަޅި އަޅައިގެން ހުރިގޮތުން އެއްޗެއް ނުބުނެ ކެއްކުރާނީ ގޭތެރެއަށް ވަންނަންދެންކަން އެނގެއެވެ. އެ ދެ މީހުން ޒުވާބު ކޮށްފާނެތީ ނައިރާ ބޭނުންވީ އިހަށް ގޭގައި މަޑުކުރާށެވެ.

*** *

ގެއަށް އާދެވުނު އިރު ރޭގަނޑު ދިހައެއް ޖަހައި ބޮޑުވީއެވެ. ފުރަތަމަ ވެސް ބަލައިލެވުނީ ޔާނިއުގެ މަންމަ އިންތޯއެވެ. ސޯފާސެޓްގެ ފަޅުކަން ފެނި ނައިރާ ހިތްހަމަޖެހުނެވެ. އެހެން ނަމަ ނައިރާ އައިތަން ފެނި ކޮންމެވެސް އެއްޗެކޭ ބުނާނެއެވެ. ކޮޓަރި އާ ދިމާލަށް ދިޔައިރު ނައިރާ ހިތަށް އެރީ ޔާނިއު އަތުވެއްޖެބާއެވެ.

ނައިރާ ވަދެ ކޮޓަރިއަށް ބަލާލިއިރު ޔާނިއުގެ ހިލަމެއް ނެތެވެ. އަދިވެސް ނާންނަނީ ކަން އެނގުމުން ވަކިން ފޫހިވިއެވެ. ސައިކަލު ތަޅުދަނޑި ވެސް މޭޒުމައްޗަށް އެއްލައިލެވުނެވެ. ހަވީރު ދިޔަގޮތަށް އަދިވެސް ގެއަށް އަންނަ ހިތްނުވެގެން އުޅެނީ ކީއްވެކަމެއް ނޭނގެއެވެ. ނައިރާގެ ހިތަށް އައީ ލިޒްނާ އެވެ. އެއީ ޔާނިއުއަށްވުރެ ހަތް އަހަރު ނޫނީ އަށް އަހަރު ހަގު ކުއްޖެކެވެ. ޔަޤީނެވެ. ލިޒީ އާއި ލިޒްނާގެ މެދުގައި އެވަރުގެ ފަރަގެއް ހުންނާނެ އެވެ.

"މި ފިރިހެނުން ބޭނުންވާނީ ޅަ ކުދިން، އެ މީހުން ވަކި މުސްކުޅި ނުވާނެތަ؟" ގޮސް އެނދުގައި އިށީންނަމުން ނައިރާ އަށް ކުދި ކިޔާލެވުނީ ހަމައެކަނި އަމިއްލަ ނަފްސަށް އިވޭވަރަށެވެ.

"ލިޒްނާ، ލިޒް، ލިޒީ." ނައިރާގެ ޚިޔާލަށް ލިޒީގެ ނަން އައެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑި ފުރައިލީ ލިޒީ އާއި މެދު އުފެދުނު ކަންބޮޑުވުންތަކުންނެވެ. އެތަނަށް އައި ފިރިހެންމީހާ ސިފަވި އެވެ. އެއީ ހަމަ ލިޒީގެ ފިރިމީހާ ބާއެވެ؟ ލިޒީ އަކީ ވަރަށް ރީތި އަންހެންކުއްޖެކެވެ. އަމިއްލަ ވަޒީފާއެއްގައި އުޅުނެވެ. ރަނގަޅު ފެންވަރަކަށް ކިޔެވިއެވެ. ވިއިރު އޭނާއަށްވުރެ ދެގުނަ ދޮށީ ފިރިހެނަކާއި އިންނަންޖެހުނީ ކީއްވެބާއެވެ؟ ލިޒީ އަށް އެ މީހާ އަނިޔާކުރާއިރު ސިއްރުކުރަން ވީ ކީއްވެހެއްޔެވެ؟ ރުޅި މަޑުވާނީ ލޯބިންނޭ ބުނެއެވެ. އެ ދެމެދުގައި އުފެދޭނީ ކޮން ލޯތްބެއް ހެއްޔެވެ؟

ދޮރު ހުޅުވުނު އަޑަށް ނައިރާ އަށް ބަލާލެވުނެވެ. ކޮޓަރިއަށް ވަން ޔާނިއު ނައިރާއަށް ބަލާލާފައި ހިނިތުންވި އެވެ. ކަމެއްވިހެން ވެސް ހީނުވެއެވެ.

"ކޮން އިރަކު އައީ؟" ނައިރާ ފެނިފައި ޔާނިއު އަހާލި އެވެ. ހީވަނީ ނައިރާ ގޭގައި ނެތީސް ޔާނިއު އަށް ކުރިއަށް އާދެވުނީ ހެންނެވެ. ނައިރާ ގޭގައި ނެތްކަން އެނގިގެން އަލުން ބޭރަށް ދިޔައީ ކަންނޭނގެ އެވެ. ނައިރާ މަންމަ ގޭގައި ގަޑިއިރެއްހާއިރު ވިއެވެ. ނޫރީން އާއި މަންމަ ޒުވާބުކޮށްފާނެތީ އޭނަ އަށް ޖެހުނީ ދެމީހުން ފިނިވަންދެން ވާހަކަ ދައްކަން އިންނާށެވެ.

"ދެންމެ." ނައިރާ ދިނީ ކުރު ޖަވާބެކެވެ. ޔާނިއު އައީ ކޮންތާކުން ކާކު ކައިރިންތޯ އަހަން ނައިރާގެ ހިތަށް އެރިއެވެ. އެކަމަކު އޭނާ ހިތަށް ފިލުވައިލީ ދެވަނަ ފަހަރަށް ވެސް ޔާނިއު ދޮގު ހަދަން ފަސްޖެހޭނެހެން ހީނުވާތީ އެވެ. އިތުރު ސުވާލެއް ނައިރާ ކުރާނީ ބޭނުންވާ ވަރަށް މައުލޫމާތު އެއްކުރެވިގެންނެވެ.

"ކަމް ވިތު މީ، ވޯންޓް ޝޯ ޔޫ ސަމްތިން." ޔާނިއު އައިސް ނައިރާގެ އަތުގައި ހިފައި ނެގިއެވެ. ދެން ދާންފެށީ ކޮޓަރިން ނިކުންނާށެވެ. ނައިރާ މަޑުމަޑުން ހުރެ ޔާނިއުގެ ފަހަތުން ދިޔަ އެވެ. ސުވާލު ކުރާވަރަށްވުރެ އޭނާގެ ސިކުނޑި ވަނީ ވަރުބަލިވެފަ އެވެ. މިއަދަކީ ވަރަށް ދިގު ދުވަހެއްހެން ހީވެއެވެ. ހައްލު ކުރަން އެތައް ކަމެއް އަތުވެއްޖެ އެވެ.

އޮފީހުން އާއިރު އޭނާ ހުރީ ހަމަޖެހިގެން ޔާނިއު އާއި ވާހަކަ ދައްކަން ނިންމައިގެންނެވެ. ކުއްޖަކު ހޯދަން ބޭނުންވާއިރު ހިޖާމާ ޖެހުމާ ގުޅޭގޮތުންނެވެ.

ޔާނިއުގެ މިސްރާބު ހުރީ ޓެރަސް އާ ދިމާލަށެވެ. ލިފްޓުން ގޮސް ޓެރަސްގެ ދޮރާއި ކައިރިވީއިރު ރަން އައްޔެއް ފެންނަހެން ހީވި އެވެ. ބިއްލޫރި ދޮރު ކަހާލުމުން ނައިރާ އަށް ފެނުނީ ޓެރަސްގައި ޔާނިއު ކޮށްފައި ހުރި މަސައްކަތެވެ. އެއޮށްބޮޑު ހުސްތަނުގައި ވަށް މޭޒެއް ބަހައްޓާފައި ދެ ގޮނޑި ހުއްޓެވެ. ހުދުފޮތިގަނޑެއް އަޅާފައި އޮތް މޭޒުމަތީ އުއްބައްތި އާއި ދެ ޖޫސްތަށި ހުއްޓެވެ.

"ހެޕީ އެނިވާސަރީ." ކަންފަތްދޮށުގައި ޔާނިއު ބުނެލީ ވައިއަޑުންނެވެ. ނައިރާގެ ކަނދުރާއަށް ޔާނިއުގެ ހޫނު ނޭވާ އެޅުނެވެ.

ނައިރާއަށް ދެލޯ މަރާލެވުނެވެ. މިއަދަކީ އެ މީހުންގެ ކައިވެންޏަށް އިތުރު އަހަރެއް ވީ ދުވަހެވެ. މި ނޫނީ މި ދުވަސް ނައިރާ ދުވަހަކު ވެސް ހަނދާނެއް ނުނެތެއެވެ. މިފަހަރު ވީގޮތެއް ނޭނގެއެވެ.

ނައިރާގެ ކޮނޑުގައި ހިފައި މޭޒާއި ކައިރިވިއެވެ. މޭޒުގެ މެދުގައި އޮތް ކަޅުފޮއްޓެއް ޔާނިއު ނެގިއެވެ. ލަސްލަހުން ފޮށިގަނޑު ހުޅުވާލިއިރު އެތެރޭގެ ވިދުން ނައިރާގެ ލޮލަށް އެޅުނެވެ. އަލިމަސް ޖަހާފައި އިން އަނގޮޓި ފެނިފައި އެއް އަތުން މޭގައި އަތް ޖައްސާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ޔާނިއު އާ ދިމާލަށް އިސްއުފުލާލިއިރު އެދެލޯ ވަނީ ކަރުނުން ފުރިފަ އެވެ. ހިތް ޝުކުރުން ފުރުނީ އެވެ.

"މޭ އައި؟" ނައިރާގެ އަތުގައި ހިފަމުން ޔާނިއު އަހައިލި އެވެ. ނައިރާ ބޯޖަހާލުމުން އަނގޮޓި އަޅުވައިދިނީ ޔާނިއު އެވެ. ނައިރާ އަށް ރޮވިދާނެތީ ތުންފިއްތާލައިގެން ހުއްޓާ ޔާނިއު އޭނާގެ އިނގިލިތަކުގައި ބޮސްދިނުމުން އިތުރަށް ނަފްސު ކޮންޓްރޯލްކުރަން ދަތިވި އެވެ. ޔާނިއުގެ ކޮނޑުގައި މޫނު ޖައްސާލަމުން ނައިރާ އަށް ރޮވުނީ އެވެ. އެކަމަކު ހިތްވަނީ އުފަލުން ފުރިފަ އެވެ. މުޅި ދުވަހުގެ ވަރުބަލިކަމަށް ފަހު ސިކުނޑި އަށް ހަމަޖެހުން ލިބުނު ހަމައެކަނި ވަގުތުކޮޅަކީ މިއީ އެވެ.

މަގުތައް ހަލަބޮލިވެފައި ވިއަސް އެތަނުގައި ވީ ހިމޭންކަމެވެ. ބޫންއަޑު ކިޔާފައި ޖެހިލާ ރޯޅިތަކުގެ އަޑު މަދު ފަހަރަކު އިވެއެވެ. ޔާނިއުގެ މޭގައި މޫނު ޖައްސާލައިގެން ނައިރާ ހުއްޓެވެ. އެ ހިތުގެ ވިންދު އޭނާގެ ކަންފަތަށް އިވޭގޮތަށެވެ. ދެ މީހުން އަތުގެ އިނގިލިތައް މަހާލައިގެން ހިމޭންކަމުން ހިތްހަމަޖައްސަމުން ދިޔައެވެ.

ކުއްލިއަކަށް އިވުނީ މީހަކު ހަޅޭއްލަވައިގެން އަޑެވެ. ދޮރާ ދިމާލަށް ދެ މީހުންނަށް ވެސް އެކުގައި ބަލާލެވުނެވެ. އަޑު އައީ ގޭތެރެއިންކަން ޔަޤީންވެގެން ޔާނިއު ހިނގައިގަތީ ނައިރާގެ އަތުން ދޫކޮށްލާފަ އެވެ. ޔާނިއުގެ ފަހަތުން ނައިރާ ހިނގައިގަތެވެ. ގޭތެރެއަށް ވަދެވުނުއިރު އަޑު އަންނަ ދިމާލެއް ޔަޤީން ވެއްޖެ އެވެ. އެކަމަކު ހިތްބިރުގަތީ އެއީ ކާކުގެ އަޑެއްކަން ޔަޤީންވި ހިސާބުންނެވެ. (ނުނިމޭ)

Popular