7 Jan 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

"އޯކޭ." ހުއްދިދިން ނަމަވެސް ޖަވާބުދިންއިރު ސާހިލްގެ ނޭވާ ހުރީ ކުރުވެފަ އެވެ.

ފައި ހެލުވުން ހުއްޓާލައިފައި ސޯފާގެ ލެނގޭބައިމަތީ ބޭއްވި އަތް ގެނެސް ފައިމަތީ ބޭއްވި އެވެ. އަނެއް އަތުން ކައިރީ އޮތް ކުޝަންގެ ކަން ބޮނޑިކޮށްލައިގެންނެވެ.

"އެއީ ކޮން ވާހަކައެއް؟" އަހަރެން އަނގައިން ނުބުނެ ބަލަން އިނުމުން ސާހިލް އިސްވެ އެހި އެވެ.

ތަކުރާރުކޮށް އެސްފިޔަ ޖަހާލައިފައި އަހަރެން ފަހަތަށް ޖެހިލައި ގޮނޑީގައި ހަމަޖެހިލީމެވެ.

"އަހަންނަށް މިހާރު ޔަޤީނެއްނޫން އަހަރެން އެކަން އޮޅުންފިލުވަން ބޭނުންވާ ކަމެއް. ސާހިލް ތިހާ ބިރުން އުޅެންޏާ އަހަރެންނަކަށް ނުކެރޭނެ އަހާކަށް..." އަހަރެންގެ ވާހަކަ ނިމުމުން ސާހިލް ޖަހައިލީ ހިނިގަނޑެކެވެ.

ލިބުނު ހައިރާންކަމުގައި ކުޑަކޮށް ލޯ ބޮޑުކޮށްލައިފައި އަހަންނަށް ބަލަން އިނދެވުނެވެ. ސާހިލްގެ ހިނިތުންވުމަކީ މަދުން ނޫނީ ނުފެންނަ ސިފަ އެކެވެ. އެކަމަކު އޭނަ އެގޮތަށް ހޭތަން މިފެނުނީ ފަނަރަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތީ ފިނީގެ އަސަރެއް ކޮށްގެނެއް ނޫނެވެ. އެހުނުމުގެ އަޑު އިވިފަ އެވެ. ހުނުމާއެކު އެމޫނަށް ވެރިވި ކުލަވަރު ދެކެފަ އެވެ.

"އިޓްސް އޯކޭ. އަހާބަލަ!" ހިނިގަނޑުގެ އަސަރު ފިލުމާއެކު ސާހިލް އެދުނެވެ.

"ލޮލުގެ ކުލަ ބަދަލުކޮށްގެން ތިއުޅެނީ ކޮންއިރަކުން ފެށިގެން؟ އެއީވެސް އައިޑެންޓިޓީ ފޮރުވުމުގެ ބައެއްތަ؟" އަހަރެންގެ ސުވާލު އަހާފައި ސާހިލްގެ ހަމަޖެހޭ މޫޑު ސީރިއަސްކަމަށް ބަދަލުވިތަން ފެނުނެވެ.

އެސުވާލު ނުކުރެވުނުނަމައޭ އަހަރެން އަނެއްކާ ވެސް ހިތަށް އެރީ ދެނެވެ. އެކަމަކު މިފަހަރު ދުލުން ބޭރުވެއްޖެ އެވެ. ދެން އެނބުރިދިއުމެއް ނެތެވެ.

"ނޫން." ސާހިލް ޖަވާބުދިނީ ހަމައެކަނި ފަހު ސުވާލަށެވެ. އަދި އެވެސް އެހާ ކުރުކޮށެވެ. އިތުރު ތަފްޞީލެއް ނުދިނެވެ.

ސިކުނޑީގައި އިތުރު ސުވާލުތައް އުފުލުނު ނަމަވެސް ކުރިއަށް ގެންގޮސްފިނަމަ ސާހިލް ހިތްހަމަނުޖެހިދާނެކަމުގެ ބިރު އޮތެވެ. އެހެންނޫނަސް އަހަރެން ސުވާލު ކުރީ ވެސް އޮޅުންފިލުވަން ބޭނުންވާ އެންމެ ކަމެއްގެ ވާހަކަ ބުނެފަ އެވެ.

ފޯނު ރިންގް ވާން ފެށުމުން ޝަހާދަތް އިނގިލިން އެކެއް ދައްކާލައިފައި ބުނީ އެއް މިނިޓޭ ކަމެއް ނޫނީ މަޑުކުރާށޭ ކަމެއް ނުނިންމިފައި އިންދާ އޭނަ ތެދުވެގެން ދުރަށް ދިޔަ އެވެ. އަހަރެން ބަލަން އިންދާ ގޮސް ނިކުތީ ސިޓިންރޫމުން ނިކުމެވެން ހުރި ކުޑަ ބެލްކަނިކޮޅަށެވެ. ފޮތިގަނޑު ކަހާފައި ހުރުމުން އަހަރެންނަށް ބެލުނީ ސާހިލް އަށެވެ. އޭނަ އަންނަން އެނބުރިލީތަން ފެނިގެން ނޫންކަމަށް ހެދިފައި ޓީވީ ރިމޯޓް ނަގައި ހުޅުވައިލީމެވެ.

ސާހިލް އައިސް ކައިރިވީތަނާ ގޭގެ ދޮރު ހުޅުވާ އަޑު އައެވެ. ގެއަށް އަންނާނެ ހަމައެކަނި މީހަކަށް ހުންނާނީ ރާޔާގެ ކޮއްކޮކަން އެނގުނަސް ހިތް ތެޅެން ފެށި އެވެ. ސާހިލް އަހަރެންގެ މޫނަށް ބަލާލައިފައި ނުހުއްޓި ދާން ފެށީ ދޮރާއި ދިމާއަށެވެ. އޭނައަށް މާ ކައިރިއަށް ނުދެވެނީސް ދޮރު ހުޅުވާލައިފައި ރައިހާން ވަނެވެ. އޭނައަށް ސާހިލް ފެނުމާއެކު ކުއްލިއަކަށް ހުއްޓުނެވެ.

"ތީ ކާކު؟" ބުމަ ކައިރިކޮށްލަމުން ރައިހާން އެހި އެވެ.

ސާހިލް އެވަގުތު އަހަންނާއި ދިމާއަށް އެނބުރުމުން ރައިހާންއަށް ވެސް އަހަރެން ފެނުނެވެ. އިސާހިތަކު އޭނައަށް އަހަރެން އެނގުނުކަން މޫނުން ދޭހަވި އެވެ.

"ތީ ދޮންތަގެ ފްރެންޑް ޔަލްވީތަ؟" ރައިހާން އަދި އެއްފަހަރު ސާހިލްއަށް ބަލާލައިފައި އަހަންނާއި ދިމާއަށް އަންނަމުން ވާހަކަދެއްކި އެވެ.

އަހަރެން ބޯޖަހައިލުމުން ރައިހާން ހުއްޓިފައި ހިނިތުންވެލި އެވެ. އަހަރެން އިން ގޮނޑިއަށް އޭނަގެ ސަމާލުކަން ހުއްޓުމާއެކު އަނެއްކާ ވެސް ނިތަށް ރޫގިނަވި އެވެ.

"ފަޔަށް ކިހިނެއްވީ؟" ރައިހާން މަޑުމަޑުން އަހައިލި އެވެ.

އަހަންނަށް ޖަވާބު ނުދެވެނީސް ރައިހާންގެ ފޯނު ރިންގް ވާން ފެށުމުން ޖީބުން ނެގި އެވެ. ސްކްރީނުގައި އޮތް ނަން ފެނުމާއެކު ރާޔާއޭ ބުނެފައި ފޯނު ނަގައިގެން އައިސް ސޯފާގައި ސާހިލް އިނދެފައި ތެދުވިތަނުގައި އިށީނެވެ. އޭނަ ވާހަކަދައްކަން ފެށުމުން އަހަރެން ބަލާލިއިރު ސާހިލް ދުރުގައި ހަށަން ބަނދެލައިގެން ހުރީ ރައިހާންއަށް ބަލާށެވެ.

"ދޮންތަ ހަމަޖެހިބަލަ އަހަރެން އޭނައަށް އުދަނގުލެއް ނުކުރާނަމޭ." ރައިހާން ދެއްކި ވާހަކައަކާއެކު އަހަރެންގެ ސަމާލުކަން އަނބުރާ އެމޫނަށް ހުއްޓުނެވެ.

އިއްތިފާޤުން އެވަގުތު އޭނަ ވެސް އަހަންނާއި ދިމާއަށް ބަލައިލީ އެވެ. ލުއި ހިނިތުންވުމަކާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އޭނަ ފެށީ އަނެއްކާ ވެސް ރާޔާ ކިޔާ އެއްޗެއް އަޑު އަހާށެވެ.

"އޭނައަށް ނޭނގޭނެ އަހަރެން މިތާ އުޅޭކަން ވެސް." ފޯނު ބޭއްވުމުގެ ކުރިން ރައިހާން އެންމެފަހުން ބުނީ މިހެންނެވެ. ދެން އަހަންނަށް ހަނާ އަޅާލައިފައި ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.

ރައިހާން ބުނިހެން އޭނަ އެތާ އުޅޭކަން ވެސް ދެން އަހަންނަކަށް އިހްސާސެއް ނުވެ އެވެ. ސާހިލް އެނބުރި އައިސް ސޯފާގައި އިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. ރޭ ގެއްލުނު ނިދީގެ ސަބަބުން އެސްފިޔަތައް ބަރުވާން ފެށީ އަހަރެން ވެސް ޓީވީއަށް ސަމާލުކަން ދެވޭތޯ މަސައްކަތްކޮށްކޮށް އިންދަ އެވެ. ސާހިލް ކައިރީ ގެއަށް ދިޔަސް އެންމެ ރަނގަޅޭ ބުނެފައި ވަން ނަމަވެސް އޭނަ އެތަނުން ނުދާނެކަން އަހަންނަށް ޔަޤީންވި އެވެ.

ދެން އަހަންނަށް ހޭލެވުނީ ރާޔާ ތިނެއް ޖެހިއިރު އޮފީހުން އައިސް ދޮރު ހުޅުވާލި އަޑަށެވެ. އަހަރެން ހޭލިތަން ފެނިގެން އޭނައާއެކު ކާން ބުނި ވަގުތު ބަނޑުހައިކަން އިހްސާސްވި އެވެ. ހެނދުނު ކެވުނު އެއްޗެއް ނޫނީ ބަނޑަކަށް އަދި އެތެރެއެއްނުވެ އެވެ. ބޯޖަހާލައިފައި ތެދުވެ ފޯނު ހޯދާލިއިރު މަންމަ އާއި ދޮންތަ ނޫން މީހަކު ގުޅާފައެއް ނެތެވެ. އަހަރެން އެގޮތަށް އާއިން ނުވެސް ދަންނަ މީހަކާއެކު ނިކުމެގެން އައުމުން ކުޑަމިނުން ވީތަނެއް ބަލައިލަން ގުޅާނެކަމުގައި ބުނީ އަހަރެންގެ މޮޔަ ހިތެވެ. ތަހައްމަލު ކުރަން ޖެހުނު ހުރިހާ ކަމަކަށްފަހު އަދިވެސް އަހަންނަށް އާއިން ދަސްނުވަނީ ހެއްޔެވެ؟ އަހަރެން ވަކިވާން އެދޭ ވާހަކަ ބުނީމަވެސް ކަމެއް ވީކަމަށް ހަދާނުލައި އެންމެން ނިކުމެގެން ދިޔައީ އާދައިގެ މަތިން އެމީހުން ހެނދުނު ދާ ތަންތަނަށް ކަންނޭނގެ އެވެ. އެއްބަޔަކު މަސައްކަތަށް އަދި އަނެއްބަޔަކު އަމިއްލަ މަޖަލުގައި ވަގުތު ހޭދަކުރުމަށެވެ.

"އާތް ޓު ޔަލްވީ..." ރާޔާ އަހަރެންގެ މޫނުމަތީގައި އިނގިލި ގޮއްވައިލި އަޑަށް ހިޔާލުތަކުން ނިކުމެވުނެވެ. އޭނަ ވާހަކަދައްކަމުން ކައިރިއަށް އައިކަން ވެސް އަހަންނަށް ރޭކައިނުލި އެވެ.

"އަހަރެން މިހުރިހާ އެއްޗެއް ކީއިރު ޔަލްވީ ތިއިންނަނީ އެހެން ދުނިޔެއަކަށް ގެއްލިފަ.." އަހަރެންގެ ސަމާލުކަން ލިބުނުކަން އެނގުމުން ރާޔާ ބުނެލި އެވެ. ދޫކޮށްލާފައި އޮތް އިސްތަށިގަނޑު އަތަށް އޮޅާލައިފައި ވޫލްކޮޅެއް ޖަހާލުމަށްފަހު ރާޔާ ތެދުވެ ޓީޝާޓްގެ ދެއަތް މައްޗަށް ޖައްސަން ފެށި އެވެ. އެމޫނުގައި ހުރި މޭކަޕަށް ބަލާފައި ދޭހަވީ ރާޔާ އޮފީހުން އައިތާ އަދި ގިނައިރެއް ނުވާކަމެވެ. ހެދުން ބަދަލުކުރި ގޮތަށް އެއައީ އަހަރެން ކައިރިއަށެވެ.

ރާޔާ ކީ ކީކޭތޯ އެހުމުން އޭނަ އިޝާރާތުން އެކަމާއި އަޅާނުލާށޭ ބުނީ އެއީ މުހިންމު ވާހަކައެއް ނޫނޭ ބުނާފަދަ ގޮތަކަށެވެ. ކާން އަންނާށޭ ބުނެފައި އޭނަ ދެން ދާން ފެށީ ކޮޓަރިން ނިކުންނާށެވެ. މޫނު ދޮވެލައިގެން އަހަރެން ދިޔައިރު ރާޔާ އުޅެނީ ބަދިގޭގަ އެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން އޭނަ ތިން ތައްޓަށް ކާ އެއްޗެހި އަޅާފައި އެއްތަށި ގެންގޮސް ރައިހާންއަށް ދީފައި އައެވެ.

"ސާހިލްއާ ދެމީހުންގެ ކޮން ގުޅުމެއް އޮތީ؟" އަހަންނަށް ކާން ނުފެށެނީސް ރާޔާ ކުއްލިއަކަށް އަހައިލި އެވެ.

"ކީއްވީ؟ އަހަންނަށް އިނގޭ އެއްޗަކީ ހަމައެކަނި ފިޒިއޯއެއްގެ ހައިސިއްޔަތުން އުޅޭ މީހަކު އަހަރެން އޮފީހުގަ އުޅެފައި އަންނަންދެން ޔަލްވީ ބަލަން މިގޭގައި ނީންނާނެކަން..." އަހަރެން ލޯ ބޮޑުކޮށްފައި ބަލައިލިގޮތުން ރާޔާ ވާހަކަކުރިއަށް ގެންދިޔަ އެވެ.

"ސާހިލް އެއީ އަހަރެންގެ ކުޑައިރުގެ ބެސްޓްފްރެންޑް." އިތުރަށް ފޮރުވުމުގެ ބޭނުމެއް ނެތުމުން އަހަރެން ބުނެދިނީމެވެ.

ރާޔާގެ އަނގައިގައި ހުރި ކާއެއްޗެއްސާއެކު ވަގުތުން ގަނޑުވި އެވެ. އޭނަ އަލުން ހަރަކާތް ކުރީ ސިކުންތުކޮޅެއް ފަހުންނެވެ. އަވަސްއަވަހަށް ހަފައި އަނގަ ހުސްކޮށްލާފައި ފުރަތަމަ ވެސް އެހީ އަހަރެން ދައްކަނީ ތެދުވާހަކައެއްތޯ އެވެ. ރާޔާ އަހަރެންގެ ވާހަކަ ޤަބޫލު ނުކުރަނީ ނޫންކަން އަހަންނަށް އެނގުނެވެ. އޭނަގެ ބޭނުމަކީ އިތުރަށް ޔަޤީންކުރުމެވެ.

"އަހަންނަށް ވެސް އެނގުނީ ވަރަށް ފަހުން އޭނަ ބުނީމަ. އަހަރުމެން އެންމެފަހުން ބައްދަލުވީ އޭނަގެ އުމުރުން ބާރަ އަހަރުގަ. އައި ވޯޒް ޓެން.." އަހަރެން ކިޔައިދިނީމެވެ.

"ކިހިނެތްވީ؟" ރާޔާ އިޝާރާތް ކުރީ އަހަރުމެން އަލުން ބައްދަލުނުވި ސަބަބާއި ބެހޭގޮތުންނެވެ.

އަހަރެން ފެންތަށި ބަހައްޓަން ދެން އޭނަ ކެތްމަދުވެފައި ބަލަން އިނެވެ.

"ބައްޕަ އަހަރުމެން މިކޮޅަށް ބަދަލު ކުރީ. އޭގެ ހަފްތާއެއް ފަހުން ލިބުނީ އޭނަ ބައްޕަ އައިސް ގެންދިޔަ ޚަބަރު. އެގޭ މީހުންނަށް ވެސް ގެންދިޔަތަނެއް އެނގުނު ކަމަކަށް ނުވި." އަހަރެންގެ ޖަވާބު ނިމުނުއިރު ކަރުތެރެއަށް ހޫނުވެގެން އައެވެ. އެދުވަހު އެޚަބަރު ލިބުމުން ކުރެވުނު އިހްސާސަކީ އަހަރެންގެ ދުޝްމިނަކު ވެސް ކުރަން އަހަރެން ނޭދޭ އިހްސާސެކެވެ.

"އެކަމަކު މިހާރު އޭނަ އެހުރީ ޔަލްވީގެ އެންމެ ގާތުގަ..." ރާޔާ އަހަރެންގެ އަތްމަތީގައި އަތް ބާއްވާލައިފައި ހަނދާންކޮށްދިނެވެ.

ލޮލަށް ގިނަވި ކަރުނަތައް އޮއްބާލަން މަސައްކަތް ކުރަމުން އަހަރެން ހިނިތުންވެލީމެވެ.

އާއިން އާއި އަހަރެންގެ މެދުގައި ހިނގި ކަންތައްގަނޑު އަހަރެން ރާޔާއަށް ކިޔައިދިނީ އެރޭ ކޮޓަރީ ތިބެފަ އެވެ. ކަންތައް ވީ ގޮތް އޮޅުން ފިލުމުން ރާޔާ ވެސް ތާއީދު ކުރީ އަހަރެން އާއިންގެ ގާތުން މިނިވަން ވުމަށެވެ. އޭނަގެ ބަސްތަކުން އަހަރެންގެ ނިންމުމާއިމެދު ކުރިއަށްވުރެ ބޮޑު ޔަޤީންކަމެއް އިހްސާސްވި އެވެ. އެހުރިހާ ހިތްވަރެއް އުދުހިގެން ދިޔައީ ރޭގަނޑު ކޮޓަރީގައި އެކަނިވީމަ އެވެ. އުމުރުގެ ބާކީ އޮތް ބަޔާއިމެދު ފިކުރު ބޮޑުވެފަ އެވެ. އާއިންގެ އަމަލުތަކަށްފަހު ދެވަނަ ފިރިހެނަކަށް އިތުބާރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އާއިން ނޫން ދެވަނަ މީހަކު ދެކެ ލޯބި ވުމަކީ ނުވާނެ ކަމެކެވެ. އެކަން އެހެން އޮތްވާ އަހަރެންފަދަ ނުކުޅެދޭ އަންހެނަކާއިއެކު ދިރިއުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟ މުސްތަޤްބަލެއް ނެތްތާގައި އަހަރެންނަށް އެކަށީގެންވާ ގޮތުގައި އުފަލެއް ވެސް ނުދެވޭނެ އެވެ.

***

ގެއެއް ހޯދާ ވާހަކަ ބުނުމުން ރާޔާ ބުނީ އެކަންތައް އޭނަގެ އަތްމައްޗަށް ދޫކޮށްލުމަށެވެ. މަންމަ އަންނަން އޮތް ދުވަހު ރާޔާ އައީ އެތަން ހިފައި އެޑްވާންސް ވެސް ދައްކައިފަ އެވެ. އަހަރެން ފައިސާ ދައްކަން އުޅުމުން ރާޔާ ބުނީ ފަހުން ހަމަޖެހިލައިގެން ދެއްކުމަށެވެ. ފުރަތަމަ އަދި ބަދިގޭ ސާމާނު ވެސް ގަންނަން ހުރީ ނޫން ހެއްޔެވެ؟ މަންމަ އަންނަން ގަޑިއިރަކަށް ވެފައި އޮތްވާ އަހަރެން އެތަނަށް ދިޔައީ ރާޔާއާއެކުގަ އެވެ. އެކުގައި ގެންދަން އަހަރެން ގެއިން ގެނަ މަދު އެއްޗެއް ނޫނީ ނެތެވެ.

ދެ ކޮޓަރިއާއި ސިޓިންރޫމެއްގެ އިތުރުން ބަދިގެއެއް ހިމެނޭ އެޕާޓްމެންޓް ތަނަވަސްވެފައި ރީއްޗެވެ. ރާޔާ ބުނި އަގަށް އެތަން ލިބޭނެ ކަމާއިމެދު ވެސް އަހަންނަށް ޝައްކުވި އެވެ. އެކަމަކު އޭނަ އަހަންނަށް އޮޅުންވާލަންވީ ސަބަބެއް ނެތެވެ. ފަހަރެއްގައި އެތަން ކުއްޔަށް ދިން ފަރާތަކީ ރާޔާ އާއި ގާތް ގުޅުމެއް އޮތް މީހަކަށް ވެދާނެ އެވެ.

ތަނަށް ގޮސް ވަނުމުން އަހަރެން ހައިރާންވީ އެއީ ފަރުނީޗަރު ވެސް ހުރި ތަނަކަށް ވީތީ އެވެ. އަދި އެވެސް އާދައިގެ އެއްޗިއްސެއް ނޫނެވެ. އެކަމަކު އަހަރެން ސުވާލެއް ނުކުރަމެވެ. ހިތަށް ވިސްނައިދިނީ ބުނަން ޖެހޭ އެއްޗެއް އޮތްނަމަ ރާޔާ ބުނާނެ ކަމުގަ އެވެ.

ގަޑިއެއްހާއިރު ފަހުން މަންމަ ގޮވައިގެން ގެއަށް އައީ ޔާނިޝް އެވެ. މަންމައަށް އަހަރެން ފެނުމާއެކު އަހަރެން ގައިގައި އޮޅުލައިގަންގޮތަށް އެތައް އިރެއް ވަންދެން އެހެން އިނެވެ. ދުރަށް ޖެހުނު ގޮތަށް އަހަރެންގެ މޫނަށް ބަލާލައިފައި މަންމަ ފުރަތަމަ ވެސް ބުނީ ޖެހިގެން އަންނަ ދުވަހު އޮފީސްތައް ހުޅުވުނުހާ އަވަހަކަށް ވަރީގެ ފޯމް ލާންޖެހޭނެ ކަމުގަ އެވެ. އެއަޑު އަހާފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ރާޔާ ވެސް ފާޑަކަށް ބަލައިލި އެވެ. މަންމަ ޖަވާބަކަށް އިންތިޒާރުކޮށްގެން ބަލަން އިނުމުން އަހަރެން ބޯޖަހައިލީމެވެ.

ރޭގަނޑު އަހަރުމެން ކެއީ ބޭރުން ކާއެއްޗެހި ގެނެސްގެންނެވެ. އަށެއް ޖެހިތަނާ މީހަކު ބެލް ޖަހާތީ ދިޔައިރު ރާޔާ އެވެ. އޭނަ އައީ ކާއެއްޗެހި ހިފައިގެންނެވެ. އެކުގައި ރައިހާން ވެސް އައެވެ. އަދި އެގަޑީގައި ދޮންތަ ވެސް ގުޅި އެވެ. ކުޑަ މީހާ ނިދި ފިލުވާލައިގެން އޮތީ ހީލަ ހީލަ އެވެ. ރައިހާން އާއި ޔާނިޝް ދާދި އަވަހަށް އެކުވެރިވި އެވެ. އެއް އާއިލާއެއް ހެން އެކިކަހަލަ ވާހަކަ ދައްކަން ތިބެގެން ކެއުމުގެ ވަގުތު ހޭދަވި އެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ސާހިލް މަތިންނެވެ. ހިޔާލު ބަދަލު ނުވަނީސް މަންމަގެ ކޮނޑުގައި ހިފާ ސަމާލުކަމަށް ގެނުވާފައި ސާހިލްގެ ވާހަކަ ބުނީމެވެ. މަންމަގެ މޫނުން ފެނުނު އުފާވެރިކަމަކީ އެވަގުތަށް އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް އެންމެ ބޭނުންވިފަދަ ޝިފާއެއްކަމުގައި ވި އެވެ. ބައެއްފަހަރު އެހެން މީހުންގެ އުފާތަކުން ވެސް ތިމާގެ ހިތަށް ހަމަޖެހުން ގެނެވިދާނެކަން އެވަގުތު އަހަންނަށް ކަށަވަރުވި އެވެ. ތިމާ ލޯބިވާ އެހެން މީހެއްގެ ހިނިތުންވުމުން އެކަނި ވެސް އަމިއްލަ ހިތާމަތައް ހަނދާން ނައްތައިލެވިދާނެ އެވެ.

އެރޭ އަހަރެން ނިދީ މަންމަ އުނގުގައި ބޯ އަޅައިގެން އޮވެ މަންމަގެ ކައިރީގަ އެވެ. އެތައް ދުވަހަކަށްފަހު ފުން ނިންޖަކުން ނިދާލެވުނެވެ. ހޭލެވުނުއިރު ހެނދުނު ހަތެއް ޖަހައިފި އެވެ. އޭރު މަންމަ ނިކުމެ ބޭރުގައި އުޅޭ އަޑު އިވެ އެވެ. އަހަރެން ނިކުތްއިރު މަންމަ އުޅެނީ ސައިތައްޓެއް ތައްޔާރުކުރާށެވެ.

ފޯނު ނެގިއިރު އާއިންގެ މިސްކޯލެއް އިންދާ ފެނުމުން ހިތް ތެޅިގަތެވެ. އޭނަ ގުޅާފައި އިނީ އަހަރުމެން ދޮންތައާ ވާހަކަ ދައްކާ ނިމިގެން ރާޔާ ދެއްކި މާ ފޯރިގަދަ ވާހަކައެއް އެހުމުގައި ތިބި ވަގުތުގަ އެވެ. ފަހުން އަހަރެން ނިދިއިރު ފޯނު ބަލައިނުލާ އޮތުމުން ކުރިން ނުފެނުނީ އެވެ. މަންމަ ސައިތައްޓެއް ހަދައިދެންތޯ އެހި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ވަގު ހިފައިގެން ހިތް ތެޅިގަތް ހެންނެވެ.

މަންމައަށް ނުފެންނަނީސް ފޯން ސޯފާގައި ބަންޑުން ބާއްވާފައި ބޯ ޖަހައިލީމެވެ. އެވަގުތު ޔާނިޝް ދޮރު ހުޅުވާލައިފައި ވަނީ ދާހިއްލާ ފޯވެފައި ހުރެގެންނެވެ. ޓީޝާޓަކާއި ސޯޓެއްގައި ހުރިއިރު އަރައިގެން ހުރީ ޓެނިހަކަށެވެ. އޭނަ އެއައީ ދުވަން ގޮސްފައިކަން އެނގުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ އޭނަ އަތުގައި އޮތް ހުދު ފިނިފެންމަލަކަށެވެ.

ސުވާލު ކުރަން އުޅެނިކޮށް ޔާނިޝް އައިސް އެމާ އަހަރެންގެ އުނގުމައްޗަށް ވައްޓާލައިފައި އަތުގައި ހުރި ކޮފީ ތަށި ދައްކާލުމަށްފަހު އޭނައަށް ދޯއޭ ކިޔާ ކޯވަރެއް ބޯލައިފި އެވެ.

"މިކާކު ގެނަ އެއްޗެއް؟" މަލުގެ ދިގު ތަނޑީގައި ހިފާލައިފައި އުފުލާލުމަށްފަހު ޔާނިޝްއަށް ބަލާލަމުން އަހަރެން އެހީމެވެ.

ޔާނިޝް ކޮނޑު އަރުވާލައިފައި ބުނީ އޭނައަށް ފެނުނީ އަހަރެމެން ބައިގެ ދޮރުމަތީ ބާއްވާފައި އޮތްވާ ކަމަށެވެ. އެއަޑު އަހާފައި އަހަރެންގެ ލޯ ބޮޑުވި އެވެ. ކާކު ގެނަ އެއްޗެއް ކަމެއް އަދި އެއަށް އަޅާފައި ހުރީ ކޯއްޗެއްކަމެއް ވެސް ނޭނގެ އެވެ. ޔާނިޝްގެ އަތަށް ދަމާލައިފައި ކައިރިއަށް ގެނެސް އަތުގައި ހުރި ކޮފީތަށި ޖަހައިގަތީމެވެ. އެވަގުތުން އެއިން ބައެއް ބަންޑުން ވީ އަހަރެންގެ ފަޔަށެވެ. މަންމައަށް ފެނިގެން ހަޅޭތްލަވައިގަންތަނާ ޔާނިޝް އަވަހަށް އެންމެ ކައިރިން އަތު ޖެހުނު ފިނި ފެންފުޅި އެތަނަށް އަޅާލައިފި އެވެ.

މަންމަ ފުރަތަމަ ވެސް އައިސް އަހަރެން އަތުގައި ހުރި ތަށި އަތުލާފައި ދުރުގައި ގެންގޮސް ބެހެއްޓި އެވެ. ފެންފުޅި ހުސްވުމުން ޔާނިޝް ބަލައިލީ އަހަރެންގެ މޫނަށެވެ. އެލޮލުގައި ކުށްވެރިކަމެވެ. މަންމަ އަހަރެންގެ ފަޔަށް ބަލާލައިފައި ފިހިފައި ނެތުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލި އެވެ.

ގޭގެ ބެލްޖަހާލި އަޑަށް ތިން މީހުންގެ ސަމާލުކަމަށް އެކަމަށް އެނބުރުނެވެ. -- ނުނިމޭ --

Popular