10 Jan 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ޖެނުއަރީ 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ގޭގެ ބެލްޖަހާލި އަޑަށް ތިން މީހުންގެ ސަމާލުކަން އެކަމަށް އެނބުރުނެވެ. ޔާނިޝް ގުޑާނުލުމުން ދޮރު ހުޅުވަން ދިޔައީ މަންމަ އެވެ. އެއްފަރާތުން ބޮލުގެ އިސްތަށިގަނޑަށް އަތުން ވާންކޮށްލައިގެން ހުރެ ޔާނިޝް އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަހަރެން ހިނިތުންވުމަކާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލީނަމަވެސް އޭނަ މުޅިން ހިތްހަމަޖެހުނު ހެނެއް ހިއެއްނުވެ އެވެ. އެވަގުތު މަންމަ އެއްފަރާތަކަށް ޖެހިލިތަނާ އެތެރެއަށް ވަން ރާޔާ ފެނިފައި ހައިރާންކަމެއް ލިބުނެވެ. އޭނަ ހުރީ އޮފީހަށް ދާން ތައްޔާރުވެގެން ރަސްމީކޮށެވެ. ބޭބީ ބްލޫ ގަމީސްކޮޅަކާއެކު ހުދުކުލައިގެ ފައިކުރިފުޅާ ހަރުވާޅެއްގަ އެވެ. އިސްތަށިގަނޑު މައްޗަށް އައްސާލައިފައި އޮތްއިރު ލުއި މޭކަޕުން މޫނުގެ ރީތިކަން އިތުރުވެފައިވި އެވެ.

"ގުޑް މޯނިން..." މަންމަ އެއްފަރާތަކަށް ޖެހިލުމުން ރާޔާ އަހަރެންގެ ކައިރިއަށް އައިސް ހުއްޓެމުން ވާހަކަދެއްކި އެވެ.

ތިރީގައި އޮތް ފެންތައް ފެނިފައި ވެގެން އުޅޭގޮތް އަހައިލީ ކަންބޮޑުވެފަ އެވެ. ކޮފީ ތަށި ބަންޑުންވި ވާހަކަ ބުނެފައި މަންމަ ތުވާލި ގަނޑެއް ހިފައިގެން އައިސް އެތަން ސާފުކުރި އެވެ. ޔާނިޝް ބަލަން ހުރެލާފައި ވަނީ ކޮޓަރިއަށެވެ. ރާޔާ އެއްޗެއް ބޯން އެއްބަސްނުވުމުން މަންމަ ވެސް މަސައްކަތަށް އެނބުރިއްޖެ އެވެ.

"ރޭގައި އާއިން ގުޅި." ދެމީހުން އެކަނިވުމުން ރާޔާ ބުނެލި އެވެ.

"ކީކޭ ބުނީ؟" އަހަންނަށް އެއްވެސް އަސަރެއް ކުރިކަން މޫނު ނުދައްކާވޭތޯ މަސައްކަތް ކުރަމުން އެހީމެވެ.

"އެހީ ޔަލްވީ ދިޔަތަނެއް...އަހަރެން ބުނީ ޔަލްވީއަށް ގުޅާފަ އަހަންވީނުންހޭ. އެހެންބުނީމަ ކިޔައިފި ޔަލްވީ ފޯނެއް ނުނަގައޭ. އެހެންވެ އަހަރެން ބުނީ. ހިތަށްއެރީ އެއީ އަދިވެސް ޔަލްވީގެ ފިރިމީހާ އޭ." ރާޔާ ކިޔައިދީފައި ތުންފަތް ހަފަންފެށީ ކުށްވެރިއަކުފަދައިންނެވެ.

"ރަނގަޅު." ރާޔާގެ ކޮނޑުގައި ހިފާލައިފައި އޭނަގެ ނުތަނަވަސްކަން ދުރުކޮށްދެމުން ބުނެލީމެވެ.

ރާޔާ ކުއްލިއަކަށް ބަލައިލީ ހައިރާންވެފަ އެވެ. ނޫނީ ޔަޤީންނުވެފަ އެވެ. އޭނަގެ ކުށްހީ ދުރުކޮށްދިނުމަށްޓަކައި އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. ފޯނަށް މެސެޖެއް އައުމުން ބަލާލައިފައި ރާޔާ ތެދުވި އެވެ. އޭނަ ބުނީ ދަމުން އެވާހަކަ ބުނެލަން ވަނީ ފޯނުން ނުބުނަންވެގެން ކަމަށެވެ. ރާޔާ ހަނާ އަޅާލައިފައި ގޮސް ދޮރާއި ހަމައިން ހުއްޓުނީ ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭފަދަ ގޮތަކަށެވެ.

"އަމް.... ޑިޑް ޔޫ ސީ ދަ ނެކްޓް ޑޯ ނޭބާ؟..." ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް ބަލަން ހުރެލައިފައި ރާޔާ އެހި އެވެ.

އަހަރެން ކުއްލިއަކަށް ހަނދާންވީ ދޮރުކައިރިން ނަގައިގެން ޔާނިޝް ގެނަ މަލާއި ކޮފީތަށި މަތިންނެވެ. އެވަގުތު އަހަރެން ދެފަރާތަށް ބޯ ހޫރުވައިލުމުން ރާޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވި އެވެ.

"ކޮންވާހަކައެއް އަހަރެން ކައިރީ ނުބުނެ ސިއްރުކޮށްގެން ތިއުޅެނީ؟ ކާކު އަހަރެންގެ އަވަށްޓެރިއަކީ؟" ހަށަން ބަނދެލަމުން އަހަރެން އެހީމެވެ.

"އިން ދެޓް ކޭސް... އަހަރެން ބުނީމަ އޭނަ ހިތްހަމަނުޖެހިދާނެ." ރާޔާ އަނެއްފަރާތަށް އެނބުރިފައި ދޮރުހުޅުވާލުމަށްފަހު ފަހު ފަހަރަށް ހަނާ އަޅާލައިފައި ނިކުތެވެ.

ނިތަށް ގިނަކޮށްލެވުނު ރޫތަކާއިއެކު އަހަންނަށް އެދިމާއަށް ބަލަން އިނދެވުނީ އެވެ. އެބުނާ އަވަށްޓެރިއަކީ ކާކުކަމާއިމެދު ހިޔާލުކޮށްކޮށް ޖަވާބެއް ނުލިބުނެވެ. ޝައްކުވާ މީހަކު ވެސް ނެތީ އެވެ. ފަހަރެއްގައި އެއީ އަހަރުމެން ދެމީހުންނާއެކު އޮފީހުގައި މަސައްކަތް ކުރި މީހަކަށް ވެދާނެ ހެއްޔެވެ؟ އަހަރެމެން ދެމީހުން ދަންނަ މީހަކަށް ދެން އުޅޭނީ އެނޫން ކާކު ހެއްޔެވެ؟

"ސާހިލް...." ކަންފަތްދޮށުގައި ވައިރޯޅި އައިސް ބުނެލި ސިއްރެއްހެން ހިތަށް އެނަން އައެވެ. އެކަމަކު އިއްޔެ ހޮސްޕިޓަލުން ބައްދަލުވެގެން ވެސް ސާހިލްގެ ފަރާތުން އެފަދަ އިޝާރާތެއް ނުލިބެ އެވެ. ވިސްނަން އިނދެލާފައި އަހަރެން ފޯނު ނަގައި ސާހިލްއަށް ގުޅީމެވެ.

"ހަލޯ. ޔަލްވީ؟" ތިންފަހަރު ރިންގް ވީތަނާ ސާހިލް ފޯނު ނެގި އެވެ.

"ކޮންތާކު ތިއުޅެނީ؟" ފުރަތަމަވެސް އަހަރެން އެހީމެވެ.

ސާހިލްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލާ ކޮނޑާއި ކަންފަތާއި ދެމެދު ފޯނު ފިއްތާލައިގެން އިނދެ ގޮނޑިއަށް އަރައި އިށީނދެފައި ދޮރާއި ދިމާއަށް ދާން ފެށީމެވެ.

"...ގޭގަ. ހޮސްޕިޓަލަށް ދާން މި ރެޑީވަނީ؟ ޔަލްވީ ކަމެއް ބޭނުންވީތަ؟" ސާހިލް ވާހަކަދެއްކިއިރު ދުރުން ލުއި މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ.

ބޭނުންވި ޖަވާބު ލިބުމުން އަހަރެން ދޮރު ހުޅުވާލައިފައި ގޮނޑި ދުއްވައިލީމެވެ. މަންމަ ގޮވި ނަމަވެސް އެއަޑަކަށް ސަމާލުކަމެއް ނުދެމެވެ. އަހަރެން ހުއްޓުނީ ކުރިމަތީ ހުރި ބައިގެ ދޮރު ކުރިމައްޗަށް ދެވުނީމަ އެވެ. އަހަރެންގެ ޖަވާބު ނައިސްގެން ސާހިލް ގޮވާލިއިރު އަހަރެން އިނީ ބެލްއަށް އަތްފޯރާނެ ގޮތަކާއިމެދު ވިސްނާށެވެ. އެކަން ވާން ނެތްކަން އެނގުމުން ފޯން ކަނޑާލައިފައި އުނގުމަތީ ބޭއްވުމަށްފަހު ދޮރުފަތުގައި އަތުން ޖަހާލީމެވެ. ސިކުންތުކޮޅެއް ކޮށްލާފައި ދެވަނަ ފަހަރު ޖަހާލިތަނާ އެތެރެއިން މީހަކު ހިނގާ އަޑު އިވުނެވެ. ނޭވާ ހިފަހައްޓާލައިގެން އިންދާ ކުޑައިރުކޮޅެއް ފަހުން ދޮރު ހުޅުވުނެވެ.

ޝައްކުމަތީ ހުއްޓާ ޔަޤީންވުމުން ވެސް ލިބުނު ސިހުން ކުޑައެއް ނޫނެވެ. ކުޑައިރުކޮޅަކަށް ސާހިލް ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ އެވެ.

"ޔަލްވީ!" ފަހަތުން މަންމަ ގޮވާލި އަޑަށް ސާހިލްގެ ނަޒަރު އަހަރެންގެ ފަހަތުން ދޮރުން ނިކުތް މަންމައަށް ހުއްޓުނެވެ.

ސާހިލް ފެނުމާއެކު މަންމަގެ ހިނގުން މަޑުޖެހުނެވެ. ދެން އަނެއްކާ ވެސް އައިސް އަހަރެންނާއި އެއްހަމައެއްގައި ހުއްޓުނެވެ. އަހަރެން ބަލާލިއިރު މަންމަ ހުރީ ހިނިތުންވެފަ އެވެ. އެލޮލުގައި ކަރުނަ ވިދަނީ އެވެ. އޭނަގެ އަސްލު އެނގުމަށްފަހު މަންމައާ އެއްބައްދަލުވީ ފުރަތަމަ ފަހަރަށެވެ.

"އަހަންނަށް އިނގޭ ޔަލްވީ ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެއް ހުންނާނެކަން. އަހަރެން ޔަޤީންކަންދެން އަހަރެން އެނބުރި އައިސް އެސުވާލުތަކަށް ޖަވާބު ދޭނަން." ސާހިލް އަތް އުފުލާލައިފައި އަތުކުރީ ގަޑިއަށް ނަޒަރު ދިނުމަށްފަހު އަހަރެންގެ މޫނަށް ހުއްޓާލައިފައި ވާހަކަދެއްކި އެވެ.

އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. އިތުރަށް އޮތީ ވެސް އެހެން ކޮން ގޮތެއް ހެއްޔެވެ؟

ސާހިލް ނިކުމެ ދޮރު ތަޅުލާފައި އެނބުރުނު ވަގުތު މަންމަ އޭނަގެ މުލައްދަނޑީގައި ހިފާލައިފައި މަޑުމަޑުން ފިތައިލި އެވެ. އެދެމެދުގައި ހިނިތުންވުމެއް ބަދަލުކުރެވުނުތަން އަހަންނަށް ފެނުނެވެ. ދެން ސާހިލް ހަރުކޮށް ހިނގާފައި ގޮސް ލިފްޓަށް އަރައި ދޮރާއި ނިވާވެއްޖެ އެވެ.

ފިޒިއޯގަޑި ޖެހެން ކައިރިވެފައި ހުއްޓާ އާއިން ފޮނުވައިގެން ޑްރައިވަރު އައެވެ. އަހަންނަށް އޭނަ ފެނުނީ ތައްޔާރުވެގެން ސިޓިންރޫމަށް ނިކުތްތަނާ އެވެ. އޭރު އޭނަ ގެނަ ފޮށިތައް އެތެރެ ކުރަނީ އެވެ. އަހަރެން ސުވާލުކުރުމުން ޖަވާބު ދިނީ އާއިން ފޮނުވި އެއްޗެހި ކަމަށެވެ. ނިތަށް ގިނަކޮށްލެވުނު ރޫތަކާއިއެކު އެންމެ ކައިރީ ހުރި ފޮށިގަނޑުގެ މަތީ އަޅާފައިވާ ޓޭޕްފަށް ނައްޓާލުމަށްފަހު އެތެރެ ބަލައިލީމެވެ. އެވަގުތު މޭގައި ހީވީ އެތިފަހަރެއް ޖެހިހެންނެވެ. އާއިން ފޮނުވާފައި ހުރީ އެގޭގައި އަހަރެން ބަހައްޓާފައި އައި އަހަރެންގެ އަމިއްލަ އެއްޗިއްސެވެ. އެގެއިން އަހަރެންގެ ވަސް ވެސް ފުހެލަން އާއިން ބޭނުންވަނީ އެވެ.

މަންމަ ކައިރިވެފައި ކޮނޑު ހިފަހައްޓައިލުމުން އެދިމާއަށް މޫނު އަނބުރައިލެވުނެވެ. މަންމަ މަޑުމަޑުން ބޯ ހޫރައިލީ ދެފަރާތަށެވެ. ލޮލަށް އެއްވަމުން އައި ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަހަރެން ހިންދިރުވައިލީމެވެ.

ހޮސްޕިޓަލަށް ގޮސް އަހަރެން މާ މަޑުން އިނުމުން ސާހިލް ހީކުރާނީ އޭނައާ ދެމެދު ވީ ކަންތަކާއި ވިދިގެން ކަމަށެވެ. އޭނަ ވެސް ހީވަނީ ވިސްނުމެއްގައި ހުރި ހެންނެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެ އެވެ. ދޮރުމަތިން މަންމަ ސާހިލް ހުއްޓުވާފައި ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނުމުން ފުރަތަމަ ފަހަރަށް އެދައުވަތު ޤަބޫލުކުރި އެވެ.

ގެއަށް ގޮސް އެންމެ އިރުކޮޅެއްވެސް ބޭކާރު ކުރުމަކާއިނުލައި ވަރީގެ ފޯމެއް ޑައުންލޯޑް ކޮށްގެން ފުރަން ފެށީމެވެ. ޔާނިޝް ގެއަށް އައުމުން ޕެންއަކަށް ލާފައި ޕްރިންޓް ކުރަން ފޮނުވީ އިތުރަށް ބޭނުންވާ އެއްޗެހީގެ ފޮޓޯކޮޕީ ވެސް ނަގާ ގޮތަށެވެ. ގެއަށް އައިސް ހުރިހާ އެއްޗެއް ހަމަކޮށްފައި ކޯޓަށްލާން ދާން ތައްޔާރުކޮށްދިނީ ޔާނިޝް އެވެ. އަހަރެން އިނީ އޭނަ ކުރާ މަސައްކަތް ފެންނަ ހިސާބުގައި ސޯފާގަ އެވެ. ފޮތިގަނޑު ކަހައިލުމުން ބަނަވެފައި އޮތް އުޑުމަތި ފެންނަން އޮތެވެ. އަވި ނުދޭތީ މާހައުލު އޮތީ ފިނިވެފަ އެވެ. އުނަގަނޑުން ތިރި ރަޖާ ގަނޑަކުން ނިވާކޮށްގެން ދެފައި ސޯފާއަށް ނަގައިގެން އިންއިރު ދާދި ކައިރީ ސޯފާގެ ހުސްތަނުގައި ފޯނު އޮތެވެ.

ޔާނިޝްއާއެކު ބޭރަށް ގޮސްފައި އައިސް އަހަރެން އަނެއްކާ ވެސް އިށީންނީ ކުރިން އިން ތާގަ އެވެ.

އަޞުރު ނަމާދު ކޮށްގެން މަންމަ ކެއްކުމުގެ މަސައްކަތް ފަށައިގެންފި އެވެ. ސޯފާގައި އިންއިރު މަންމަ އުޅޭ ގޮތް އަހަންނަށް ފެންނަނީ ދުރުންނެވެ. ދެފަހަރެއްގެ މަތިން އެއްޗެހި މަދުވެގެން ޔާނިޝް ފިހާރައަށް ފޮނުވި އެވެ. އެވަރުން ވެސް އަހަރެން ލައްވާ ކަމެއް ކުރާކަށް ބޭނުމެއް ނުވި އެވެ. އިރު އޮއްސި ބަންޤިގޮވަން ކައިރިވުމުން މަންމަ ކޮޓަރިއަށް ވަނެވެ. ނަމާދުކޮށްގެން ނިކުތްއިރު ސިޓިންރޫމް ހީވަނީ އަނދިރިކަމުން އެހެންކަމެއް ހެންނެވެ. ބައިންދާފައި އިން ބުދެއްހެން އަހަންނަށް އިނދެވުނީ އެއިންތާގަ އެވެ. މަންމަ އައިސް ބޮކި ދިއްލިތަނާ އަހަރެން ފެނިގެން ސިއްސައިގެން ދިޔަ އެވެ.

"ޔަލްވީ؟... ކީއްވެ ނަމާދުކުރަން ނުގޮސް ތި އިނީ؟" ކައިރިއަށް އަންނަމުން މަންމަ އެހި އެވެ.

މަންމަގެ ބަސްތައް އަނގައިގައި ތާށިވީ ކައިރިން އަހަރެންގެ މޫނު ފެނިފަ އެވެ. ކޮނޑުގައި އެއަތް ބީއްސައިލުމާއެކު ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ލޮލުތެރޭ ބޮނޑިވެފައިވާ ކަރުނަތައް މަސައްކަތް ކުރަން ފެށީ އޭގެ އަމިއްލަ އިޚުތިޔާރުގަ އެވެ. މަންމަ ގުދުވެ އަހަރެންގެ ބޮލުގައި ހިފާ ގެންގޮސް އެމޭގައި ޖައްސާލުމުން އަހަރެންގެ ރުއިމުގެ އަޑު ނިކުތީ ފިސްވެގެންނެވެ.

***

އޮއްސުނު އިރާއެކު ކޮޓަރިއަށް ވަދެ ރަޖާތެރެއިން ހިމާޔަތް ހޯދަން ބޭނުންވި ނަމަވެސް ސާހިލް އަންނަ ގަޑިއަށް ބޭރަށް ނިކުންނަން މަންމަ އެދުނެވެ. ނެތް ހިތްވަރާއެކު ވެސް އަހަރެން ތެދުވެ މޫނު ދޮވެލައިގެން ކުޑަކޮށް ތައްޔާރުވާން ގަސްތުކުރީމެވެ. ރާޔާ އައީ އަހަރެން އަލަމާރި ހުޅުވާލައިގެން އިންދަ އެވެ. ރާޔާ އާއި ރައިހާން ގެންނަން އެދުނީ ވެސް މަންމަ އެވެ.

"މިރޭ ލާން ވާނީ މަ ބުނާ ހެދުމެއް." ރާޔާ އައިސް އަލަމާރީގެ އަނެއް ދޮރު ވެސް ހުޅުވައިލި އެވެ.

އޭނަ ނެގީ ތިރީގައި ފަތްޖަހާފައި ބަހައްޓާފައި ހުރި އަންނައުނުތަކުތެރޭ އޮތް ނޫ ޖިންސަކާއި މަޑުފިޔާތޮށި ކުލައިގެ ގަމީހެކެވެ. އެކްސިޑެންޓްގެ ފަހުން އަހަރެން މުޅިން ވެސް ލަނީ ފަޔަށް ދޫކޮށް ހުންނަ އާދައިގެ ހަރުވާޅާއި ދޫކޮށް ހުންނަ ބޮޑެތި ޓީޝާޓްތަކެވެ. ރާޔާ އެއެއްޗެހި ނަގައިގެން އެނބުރުނުއިރަށް އަހަންނަށް ނޭފަތް ގުރުޑުކޮށްލެވުނެވެ. އެކަމަކު ރާޔާ ކުރެއް ނުކުރި އެވެ. އޭނަ ހުއްޓައިލީ އަހަރެން އެއެއްޗެހި ލައްވާފައި އަދި އިސްތަށިގަނޑުގައި އާގޮތަކަށް ފުނާވެސް އަޅައިފަ އެވެ. ބޮލުގެ ދެއަރިމަތިން ހިމަކޮށް ގަތާލައިފައި ގެންގޮސް މެދުން ކުޑަ ދައްޗަކުން ހަރުކޮށްލާފައި އިސްތަށިގަނޑުގެ ބާކީބައި ބުރަކަށި މައްޗަށް ދޫކޮށްލައިފަ އެވެ. ތުންފަތުގައި ކުލަ ޖައްސަން އުޅުމުން އަހަރެން އަނގަމަތީ އަތް އެޅީމެވެ. އަހަރެން އެހާ ތައްޔާރުވެގެން ނިކުތުމުން ދެން ތިބޭ މީހުންނަށް ނުބައި މެސެޖެއް ލިބިދާނެ އެވެ.

ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ހީވީ އެހެން މީހަކު ހެންނެވެ. ކުރީގެ ޔަލްވީއާ މިހާރުގެ ޔަލްވީގެ ހުރި ތަފާތު ފާހަގަވި އެވެ. ބަލަން ހުއްޓާ ހީވީ ފަހަތުގައި އާއިން ހުރެފައި ހިނިތުންވެލި ހެންނެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހައިލުމުން ފެނުނީ ރާޔާ އެވެ.

ނިކުންނަން ދިޔަ ގަޑީގައި އަނެއްކާ ވެސް ރާޔާ އަހަރެން ހުއްޓުވި އެވެ. އެތެރެއަށް ވަދެފައި ދެން އައީ އަހަރެން އަރަން ގެންގުޅުނު ތިރި ފައިވާނެއް ހިފައިގެންނެވެ. އަހަރެން ފެންކަޅި ވީ ރާޔާ އަހަރެންގެ ފަޔަށް އެފައިވާން ލެއްވިތަން ބަލަން އިންދަ އެވެ. މެއަށް ބާރުވެގެން އައުމާއެކު ކަރުތެރެ ބެނދިގެން ހިންދިރުވައިލަން ވެސް އުދަނގޫވި ވަގުތުކޮޅެކެވެ. އިތުރަށް އެންމެ އިރުކޮޅަކު ވެސް އެތާ މަޑުކުރިނަމަ ރޮވުނީހެވެ.

ރާޔާއަށް އެކަން ވިސްނުނީ ނޫންކަމެއްވެސް ނޭނގެ އެވެ. ހިންދެމިލިގޮތަށް އޭނަ އަވަހަށް އަހަރެން ގޮވައިގެން ނިކުމެއްޖެ އެވެ. އަހަރެންގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ސޯފާގެ އެއްކޮޅުގައި ޔާނިޝްއާ ވާހަކަދައްކަން އިން ސާހިލް އަށެވެ. އެވަގުތު ސާހިލް އަހަންނާއި ދިމާއަށް ބަލައިލި ގޮތުން ހީވީ އަހަރެން އެތަނަށް ނިކުތްކަން އިހްސާސްވެގެން މޫނު އަނބުރައިލި ހެންނެވެ. ދެވަނަ ސިކުންތުގައި އޭނަ ހައިރާން ވެގެން ކޮންމެވެސް ވަރަކަށް ލޯ ބޮޑުކޮށްލިތަން ފެނުނެވެ. ދެން މަޑުމަޑުން ކޮޅަށް ތެދުވެއްޖެ އެވެ.

"ޔަލްވީ....!" ސާހިލް ގޮވާލި އެވެ.

"ހައި." އަހަންނަށް ހަމައެކަނި ބުނެވުނު އެއްޗަކީ އެއީ އެވެ.

"ޔޫ ލުކް ބިއުޓިފުލް...." ސާހިލް އެހެން ބުނެފައި ދެފަރާތުގައި ތިބި މީހުންނަށް ބަލައިލި ގޮތުން ހީވީ އެހެން ބުނެވުނީތީ ލަދުގަންހެންނެވެ.

އެމޫނަށް ވެރިވި ރަތްކަމަށް ބަލަން، ޝައުޤުވެރިވެފައި އަހަންނަށް އިނދެވުނެވެ. ކުޑައިރުގެ އެއްސިފަ އަދިވެސް ސާހިލްއާ ވަކިނުވެ އޭނަގެ ކިބައިގައި އެބަހުއްޓެވެ.

އެލަދުވެތިކަމުން ސާހިލް ސަލާމަތްކޮށްދިނީ ބަދިގެއިން ނިކުތް މަންމަ އެވެ. ކާން ދާން ބުނެފައި ރާޔާ ކައިރީ މަންމަ އެދުނީ ތަށިތަކަށް ޖޫސް އަޅަން އެހީވެދިނުމަށެވެ. ރާޔާ ބޯޖަހާލައިފައި ކުރީގައި ގޮސް އެތެރެއަށް ވަނެވެ. ރައިހާން އާއި ޔާނިޝް އެމީހުން ފަހަތުން ހިނގައިގަތުމުން ސާހިލް ނެގީ މޭޒުމަތީ ކުރިއްސުރެ ބާއްވާފައި އޮތް ހުދު ފިނިފެންމާ ބޮނޑިއެކެވެ.

"މީ އަހަރެން ޔަލްވީއަށް ގެނަ ހަދިޔާއެއް. ހުދު ފިނިފެންމާ ކަމުދޭތަ؟" ސާހިލް މާބޮނޑި ދިއްކޮށްލަމުން އެހި އެވެ.

"ލަވް އިޓް." މާބޮނޑީގައި ހިފަމުން އަހަރެން ޖަވާބުދިނީމެވެ.

ސާހިލްގެ ހިތްހަމަޖެހުން އެމޫނަށް ވެރިވި ފުޅާ ހިނިތުންވުމުން ދޭހަކޮށްދިނެވެ.

ކެއުން ނިންމާފައި ނިކުމެ ސޯފާތަކުގައި އެންމެން ތިބި ގަޑީގައި އެތަނުން އެޕާޓްމެންޓް ލިބުނު ގޮތް ރާޔާ ކިޔައިދިނެވެ. އޭނައަށް ގުޅާފައި އެތަނުގެ ވާހަކަ ބުނީ ސާހިލް އަމިއްލަ އަށެވެ. އެވާހަކަ ބުނި ވަގުތު ސާހިލް އަހަރެންގެ މޫނަށް ބަލައިލި އެވެ. އޭނަ އިނީ އަހަރެން ބުނާ އެއްޗެއް ބަލަން ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފަ އެވެ. ޖެހިގެން ހުރި ތަނެއްގައި އުޅެންޏާ، އަހަރެމެން އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އެއެހީތެރިކަން ދެވޭނެ ގޮތް ހެދުން އެއީ ސާހިލްގެ މަޤްސަދެވެ. އަހަންނަށް އެއްޗެއް ނުބުނެވެނީސް މަންމަ ވާހަކަދެއްކި އެވެ. ސާހިލްގެ އެނިންމުމާއި މަންމަ ހިތްހަމަޖެހުނުވަރު ހާމަކޮށްފައި ޝުކުރު އަދާކުރި އެވެ. އެކަމަކު އެވަރުން އަދި ސާހިލް ހިތްހަމައެއްނުޖެހުނެވެ.

އަހަރެން ހިތްހަމަޖެހޭތޯ ސާހިލް އެހީ އެންމެފަހުން ނިކުންނަން ވެގެން ތެދުވެފަ އެވެ. އޭރު މަންމަ ވެސް ގޮސް ހުރީ ރާޔާމެންނާއި ވާހަކަދައްކަން ދޮރުމަތީގަ އެވެ.

ސާހިލްއަށް ބަލައިލުމުން ހީވީ އަހަރެންގެ ޖަވާބު އަހަން ނޭވާ ހިފަހައްޓާލައިގެން ހުރި ހެންނެވެ. އަހަރެން ބޯޖަހައިލުމުން އޭނަ އެނޭވާ ދޫކޮށްލި އަޑު ރީތިކޮށް އިވުނެވެ. ހީވީ ބޮލުން ބޮޑު ބަރެއް ނެތިގެން ދިޔަހެންނެވެ.

***

ހަފްތާއެއް ވެގެން ދިޔައިރު އެންމެ ފަހަރަކު ވެސް އާއިންގެ ޚަބަރެއް ނުވެ އެވެ. ގުޅާ ނުލާ ތާގައި މެސެޖެއްހާ ހިސާބު ވެސް ނުފޮނުވަ އެވެ. އަހަރެން ހުރީ ހެޔޮހާލުގައި ތޯ ބެލުން އެއްކިބައިގައި އޮތްވާ، ދިރި ހުރިތޯ ވެސް ބެލިކަމެއް ނޭނގެ އެވެ. އެ އެއްހަފްތާ އަހަރެން ވެސް ހޭދަކުރީ މުޅިން ގޭގަ އެވެ. ގިނަވާނީ ކޮޓަރީގައި އަހަރެން ހޭދަކުރާ ވަގުތެވެ. މަންމަ ވެސް ހީވަނީ އަހަރެން ހަމައަކަށް އެޅެން ވަގުތު ދީގެން އުޅޭހެންނެވެ. މަންމަ ވެސް ގަދަކަމުން އަހަރެން ބޭރަށް ނެރޭކަށް މަސައްކަތެއް ނުކުރެ އެވެ.

ހަފްތާއެއް ފަހުން ދެން އައީ ކޯޓަށް ހާޟިރުވާން އޮތް ލިއުމެކެވެ. -- ނުނިމޭ --

Popular