14 Jan 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ޖެނުއަރީ 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ހަފުތާއެއް ފަހުން ދެން އައީ ކޯޓަށް ހާޟިރުވާން އޮތް ލިއުމެކެވެ.

***

އެކެއް: އަހަރެން ވަރަށް ލޯބިވޭ ޔަލްވީދެކެ. އަހަންނާއި ރައްޓެހިވާންވީނު!

ދޭއް: މެރީ މީ! ޔަލްވީގެ ހަޔާތުގެ ބާކީ އޮތްހާ ދުވަހެއް އުފަލުން ފުރާލަދޭނަން.

ތިނެއް: އަހަރެން މިއުޅެނީ ދެއަންބަށް މީހަކާ އިންނަން.

ލޯކުރިމަތީ ޕްލޭވަމުން ދިޔަ ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އެކި ދުވަސްވަރު ހިނގާފައިވާ އެހާދިސާތައް ސިފަވެގެން އައެވެ. ހަމަހޭވެރިކަންވީ މަންމަ ކޮނޑުގައި އަތް ޖައްސައިލީމަ އެވެ. އެވަގުތުން ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑު އިވިގެން އިސްއުފުލައިލިއިރު އާއިން ވަދެގެން އަންނަނީ އެވެ.

ރަސްމީކޮށް އަތްދިގު ގަމީހާއެކު ޓައީ އަޅާފައި ހުރުމުން އޮފީހުގައި އުޅެފައި އައިކަން ދޭހަވި އެވެ. އެކަމަކު އެމޫނުން ވަރުބަލި ކަމެއް އަދި ހަމަނުޖެހުމެއް ވެސް ފެންނާކަށް ނެތެވެ. އަހަރެންގެ ހަނދާނަށް އައީ އަންނަން ވެގެން އަހަރެން އުޅުނު ހާލެވެ.

ކަރުނަ ނުހިކިގެން އުޅުނު ގޮތެވެ. އަހަރެންގެ ހުރި ހިތްވަރާއި، އަސަރެއް ނުކުރާކަން ދައްކަން އޮފީހުގައި ހަރަކާތްތެރިކޮށް އުޅުނު ދުވަސްވަރު ލީ ހެދުމެއް ނަގައިގެން ލާން އުޅެވުނުކަމެވެ. އެކަމަކު އެންމެ ފަހު ވަގުތު އަހަރެން ލީ އަހަންނަށް ލާން ފަސޭހަ ހެދުމެކެވެ. އާއިންއަށް ކަމެއް ސާބިތުކޮށް ދިނުމަކީ މިއަދު އަހަރެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އަހަރެން ކުރާ އެއްވެސް ކަމެއްގައި އާއިންގެ ނުފޫޒު އޮވެގެން ނުވާނެ އެވެ.

"ހާލު ކިހިނެއް؟" ޖެހިގެން ހުރި ގޮނޑީގައި އިށީނދެފައި އާއިން އެހި އެވެ.

"ގޯހެއް ނޫން." އަހަރެންގެ އަޑު ނިކުތީ އުންމީދު ކުރި ވަރަށްވުރެ ވެސް ރަނގަޅަށެވެ. އެތެރެ އެތެރެއިން އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެލެވުނެވެ.

"ބަހައްޓާފައި އައި އެތިކޮޅު ފޮނުވާލަދިނީމަ ވަރަށް ފަސޭހަ ވި. ތޭންކްސް." އާއިން އިތުރު އެއްޗެއް ނުބުނުމުން އަހަރެން ބުނެލީމެވެ.

އާއިން ފުރަތަމަ އަހަރެންގެ މޫނަށް ބަލައިލީ އެވާހަކަ އަހައިފަ އެވެ. އެމޫނުގައި ވި ހައިރާންކަން ފެނިފައި ޝައްކުވި އެވެ. އަނެއްކާ އެއީ އާއިންއަށް ނޭނގި ލިންތާ ކުރުވި ކަމެއްބާވަ އެވެ. އެހެންވިއަސް ތަފާތަކީ ކޮބައި ހެއްޔެވެ؟

އާއިން ބޯޖަހައިލީ އޭނައަށް ވެސް އެކަން ވިސްނުނުފަދަ ގޮތަކަށެވެ. ދެން އަނެއްކާ ވެސް ދުރު ބަލަން ފަށައިފި އެވެ. ނަސީބަކުން ގިނައިރެއް ނުވެ އަހަރެމެންނާއި ޖެހުނެވެ. މަންމަ ތެދުވެ އަހަރެން ގެންގޮސްދޭން ހުށައެޅުމުން އަހަރެން މަނާވެގަތީމެވެ. މަންމަ ބޯޖަހާލައިފައި އަހަރެމެން ގޮސް ވަންނާންދެން ބަލަން ހުއްޓެވެ.

އެންމެ ދުވަހަކުން އަދި މައްސަލައެއް ނުނިމުނެވެ. އެންގީ މައްސަލަ ނިންމަން އަދި އެއްހަފްތާ ފަހުން އެނބުރި އައުމަށެވެ. އެކަމަކު އެއް ހަފުތާ ތެރޭގައި އަންނާނެ އިތުރު ބަދަލެއް ނެތްކަން، މީ ދުވާލު ފަދައިން އަހަންނަށް ޔަޤީންވި އެވެ.

އެ އެއް ހަފުތާއަކީ އަހަރެންގެ ހަޔާތުގެ އެންމެ ދިގު ހަފްތާ އެވެ. އާއިންއަށް ގުޅާފައި އަހަރެންގެ ހައްޤުތައް ހޯދަން އެދެން ހިތަށްއެރި ވަގުތުކޮޅެއް އައެވެ. ވަރިވާން ނިންމިއިރު އެންމެ ފަހަރަކު ވެސް ސީދާ މައްސަލައާ ބެހޭގޮތުން އާއިންއާ ވާހަކަދެއްކިފައި ނުވާކަން ހަނދާންވި އެވެ. ލިންތާ ދެވަނަ އަންބެއްގެ މަޤާމުގައި ހުއްޓަސް އާއިން އަހަންނާއި ދޭތެރޭ ހަމަހަމަކޮށް ކަންތައްކޮށްދޭން ނިންމަފާނެ އެވެ. އަހަރެން އަޑު އުފުލައިފިނަމަ އެހައްޤު ހޯދަދޭން އާއިންއަށް މަޖުބޫރުވެދާނެ ނޫން ހެއްޔެވެ؟ އަހަންނަށް ޔަޤީނެވެ. އާއިން އަހަރެންދެކެ ވީ ލޯބި އެއްކޮށް ފުހެވިގެން ނުދާނެ އެވެ. ސާހިލް އައިސް ވަނީ އަހަރެން އާއިންގެ ނަންބަރަށް ބަލަހައްޓައިގެން ދެފިކުރެއްގައި އިންދަ އެވެ.

"ޔޫ ލުކް ލައިކް ޝިޓް." އެންމެ ބަލައިލުމަކުން ސާހިލްއަށް އަހަރެންގެ ހިތުގެ ހާލު އެނގުނެވެ.

"ޓެލް މީ އެބައުޓް އިޓް." ފޯނު ތިރިކޮށްލާފައި އެނދުމައްޗަށް އެއްލަމުން އަހަރެން ބުނެލީމެވެ.

ސާހިލް ކިޔައިދޭކަށް ބާރެއް ނާޅަ އެވެ. އޭނަ އައިސް ފެށީ އޭނަ ކުރަން ހަވާލުވެފައިވާ މަސައްކަތެވެ. މަންމަ ފަރާތުން އޭނައަށް މައްސަލަ އޮތް ހިސާބު އެނގިފައި ވެސް އޮވެދާނެ އެވެ. އެކަމަކު އެނގުނަސް އޭނަ އެކަމެއް ނުއެއްދައްކަ އެވެ.

"އަހަރެން މިއުޅެނީ ޑިވޯސް ވާން..." އަހަރެން އެންމެ ފަހުން ބުނެލީމެވެ.

ސާހިލް ކުއްލިއަކަށް އަހަރެންގެ މޫނަށް ބަލައިލި އެވެ.

"އެބައުޓް ޓައިމް.." އިސްޖަހާލައިފައި އަނބުރާ މަސައްކަތަށް ރުޖޫޢަ ވަމުން އޭނަ ހަމައެކަނި ބުނި އެއްޗަކީ އެއީ އެވެ.

އަހަންނަށް އެސްފިޔަ ޖަހައިލަ ޖަހައިލާ ބަލަން އިނދެވުނީ އެވެ. އަހަރެން އެހާބޮޑު ވާހަކައެއް ބުނީމަ ވެސް ސާހިލް ބުނާނެ އިތުރު އެއްޗެއް ނެތީ ހެއްޔެވެ؟

"އައިމް ނޮޓް ސޮރީ ޔޫއާ ގެޓިން އެ ޑިވޯސް. އައިމް އެކްޗުއަލީ ރިލީވްޑް. ކުރިން ވެސް އަހަރެން ބުނީމެއްނު އޭނަ ޔަލްވީ ޑިޒާވް ނުކުރާ ވާހަކަ." ސާހިލް ވާހަކަދެއްކިގޮތުން ހީވީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނިހެންނެވެ. ނޫނީ އެއީ އޭނަގެ ހިތުގައި އޮތް އެއްޗެއް އަހަންނަށް އެންގީ ކަމަށްވެސް ވެދާނެ އެވެ.

ސާހިލްގެ އެވާހަކައިން ހިތްހަމަޖެހުމުގެ ބަދަލުގައި އަހަންނަށް ލިބުނީ އިތުރު ވޭނެކެވެ. ދުލުން އެހެން ބުނެލަން ސާހިލްއަށް ވެސް ފަސޭހަ ވާނެ އެވެ. އެކަމަކު އާއިންގެ ކިބައިން މިނިވަން ވެގެން އަހަރެން ހޭދަ ކުރަން އޮތީ އަނެއްކާ ވެސް އެކަނިވެރި ދިރިއުޅުމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދައްކައިގެން އެއްވެސް މީހެއްގެ ހަމްދަރްދީ ހޯދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފުން ނޭވައެއް ދޫކޮށްލައިފައި އަހަރެން ދެން މަޑުން އިނީ އެވެ.

ސެޝަން ނިމެން އުޅެނިކޮށް ސާހިލްގެ ފޯނު ވައިބްރޭޓް ވާން ފެށި އެވެ. ނަގައި ބަލައިލުމުން ނިއްކުރިއަށް ރޫ ގިނަވެގެން އައެވެ. އިތުރު ވިސްނުމަކަށް ނުގޮސް ސާހިލް ފޯނު އަނބުރައިލީ ޖީބަށެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ވައިބްރޭޓް ވާން ފެށި އެވެ. ނަގައި ބަލައިލުމުން މިފަހަރު ވެސް ފެނުނީ ކުރިއެކޭ އެއްފަދަ ކުލަވަރެކެވެ.

"ފޯނަށް ޖަވާބުދޭންވީނު. މުހިންމު ކަމަކު ކަންނޭނގެ އެހާ ވަރަށް އެގުޅަނީ..." އަހަރެން ވާހަކަދެއްކި އަޑަށް ސާހިލް ކުއްލިއަކަށް ހަތަރުކަޅި ހަމަކޮށްލި އެވެ.

ދެން އަނެއްކާ ވެސް ފޯނަށް ނަޒަރު ބަދަލުކޮށްލައިފައި އެންމެފަހުން ނަގައިފި އެވެ.

ކީ އެއްޗެއް ނޭނގުނަސް އަންހެން ކުއްޖަކު ޖޯޝާއެކު ކޮންމެވެސް އެއްޗެކޭ ބުނެލި އަޑު އަހަންނަށް ވެސް އިވުނެވެ. މިފަހަރު ރޫ އެރީ އަހަރެންގެ ނިތަށެވެ.

"ކިހިނެތް އެޑްރެސް ހޯދީ؟" ސާހިލް ސުވާލު ކުރިއިރު އެއަޑުގައި ހިތްހަމަނުޖެހުމެއްވި އެވެ. އަހަރެން އިނީ ފަރުވާވެ ބަލާށެވެ.

އަންހެންކުއްޖާ ދިން ޖަވާބު އަހައިގެން ނުރައްޓެހި އަޑަކުން ހޫމ އެކޭ ބުނެލިއިރު އަތް އުފުލާލައި ދެބުމަ ދޭތެރެއިން ނޭފަތުގައި ހިފާލައިފައި ތިރިކޮށްލި އެވެ.

"ކުޑައިރުކޮޅެއް ފަހުން މިދަނީ." ފޯނު ބޭއްވުމުގެ ކުރިން ސާހިލް ބުނެލި އެވެ.

ހިމޭންކަމާއެކު މަސައްކަތް ކުރިއަށް ގެންދިޔައިރު އަހަރެން އިނީ އެމޫނަށް ބަލާށެވެ. އެކަމަކު ސާހިލްއަށް އެކަން ރޭކައިލި ކަމެއް ވެސް ނޭނގެ އެވެ. އެމޫނުން ދޭހަކޮށްދިނީ ފުން ވިސްނުމެއްގެ ކުލަވަރެވެ. މަސައްކަތް ކޮށް ނިންމާފައި ތެދުވެ ދަބަސް ހިފައިގެން ދޮރާއި ހަމައަށް ގޮސްފައި ކުއްލިއަކަށް ހުއްޓުނެވެ. ދެން ފެނުނީ އެނބުރި ބަލައިލިތަނެވެ.

"ޔަލްވީ!" ސާހިލް ގޮވާލިހާ އަވަހަކަށް އަހަރެން ހޫމ އެކޭ ބުނީމެވެ.

ސާހިލް އަތް އުފުލާލައިފައި ދަތްދޮޅި ކަހައިލުމަށްފަހު އަތް ތިރިކޮށްލި އެވެ.

"ޔަލްވީ އަދި އެއްފަހަރު ވެސް އަހަރެންގެ އެޕާޓްމެންޓަކަށް ނުދަމެއްނު..." ސާހިލްގެ ވާހަކަ އަހާފައި އަހަންނަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ.

އޭނަ ބަލަހައްޓައިގެން ހުރީ އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކޮށްކޮށެވެ.

"އިންވައިޓެއް ނުކުރަމެއްނު..." ވިސްނާލައިފައި ފުރަތަމަ ހިތަށް އައި ގޮތަށް ބޭރުކޮށްލީމެވެ.

"މިހާރު މި އިންވައިޓް ކުރީ. ދާނަންތަ؟" ސާހިލްގެ ޖުމްލަ ނިމުނުއިރު އަދިވެސް މޫނުގައި ހުރީ ސީރިއަސްކަމެވެ. އަހަރެން ދެކޮޅު ހަދައިފާނެތީ ނޭވާ ހިފަހައްޓާލައިގެން ހުރި ކަހަލަ އެވެ.

"އޯކޭ..." މާބޮޑަށް ނުވިސްނާ އަހަރެން ޖަވާބުދިނީމެވެ.

ސާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އަހަރެން ތާޒާ ވެލަން ފުރުސަތު ދީފައި އޭނަ ނިކުތީ ބޭރަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަހަރެން ނިކުތްއިރު ސާހިލް ސޯފާގައި އިނދެފައި ތެދުވި އެވެ. މަންމަ ބަދިގެއިން ނިކުމެ ދޮރުކަނީގައި އަތް އަޅުވާލައިގެން ހިނިތުންވެފައި ބަލަން ހުރެގެން އަހަރުމެންނަށް ހަނާ އަޅާލި އެވެ. ސާހިލް މަންމަ ކައިރީ ބުނީކަން އަހަންނަށް ވިސްނުނެވެ.

ދޮރު ހުޅުވާލައިފައި ނިކުތުމާއެކު ސާހިލް އުޅޭ ބައިގެ ބޭރުގައި ފުރަގަސްދީގެން ހުރި ޒުވާން އަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެނބުރި ބަލައިލުމާއެކު އެމޫނުން ދަންނަ ގޮތެއް ނުފެނުނެވެ. އެއީ އަދި ސާހިލްއާއެކު ރެސްޓޯރެންޓުން ފެނުނު ކުއްޖާ އެއް ނޫނެވެ.

އަންހެންކުއްޖާގެ ނަޒަރު ސާހިލްގެ މޫނުން އަހަރެންނަށް ދަތުރުކޮށްލާފައި އަނބުރާ ސާހިލްއަށް ހުއްޓައިލިއިރު ހައިރާންކަން ފެނުނެވެ.

"ނީމާ މީ ޔަލްވީ." ސާހިލް އަންހެންކުއްޖާއަށް އަހަރެން ތައާރަފްކޮށްދިނެވެ.

ބޯޖަހައިލި ނަމަވެސް ނީމާ ހީވަނީ ސުވާލު އުފެދިފައި ހުރިހެންނެވެ.

ސާހިލް ދޮރު ހުޅުވުމުން އަތުގައި ހުރި އެތެރެ ނޭނގޭ ކޮތަޅުތަކެއް އަތަށް ނަގާފައި ނީމާ ފުރަތަމަ ތަންދެއްކީ އަހަރެން ވަންނާށެވެ. އެތެރެއަށް ވަދެގެން ދިޔައިރު ޝައުޤުވެރިކަމާއެކު އެތެރެއަށް ނަޒަރު ހިންގައިލެވުނެވެ.

އެއްގޮތަކަށް ތަނުގެ ޑިޒައިން ހުއްޓަސް އެތެރެ ފެނުނީ މުޅިން ތަފާތު ކޮށެވެ. ސާހިލްގެ ސިޓިންރޫމްގައި ލައިފައި ހުރީ އެއްބައިގައި އަޅި އަދި އަނެއް ބައިގައި ހުދު ކުލަ އެވެ. ފައިދަށުގައި އަގު ބޮޑު ފާޑު ޖަހާ ރަގެއް އޮތެވެ. ސިޓިންރޫމްގެ މެދުގައި ސޯފާ ސެޓެއް ބަހައްޓާފައި ފާރުގައި ފްލެޓް ސްކްރީނެއް ހަރުކޮށްފަ އެވެ. ދެ ކުރެހުމެއް ނޫނީ ފާރުގައި ހަރުކޮށްފަ އެއް ނެތެވެ.

އެބަ އަންނަމޭ ބުނެފައި ސާހިލް ވަދެގެން ދިޔައީ އެތެރެއަށެވެ. ނީމާ ވަށައިގެން ލޯ ހިންގަމުން ކޮތަޅުތައް ހިފައިގެން ގޮސް ވަނީ ހީވާގޮތުން ބަދިގެއަށެވެ. އޭގެ އިރުކޮޅެއް ފަހުން ސާހިލް ނިކުމެގެން އައެވެ.

"އަހަރެން ތިގެނައީ އޭނައާއެކު އެކަނިވެދާނެތީތަ؟ ކިހިނެތްވީ އޭނަ ކަމުނުދަނީ؟" ނީމާ ފެނުނީއްސުރެ އަހަރެންގެ ހިތުގައި އޮތް ސުވާލު ސާހިލްއާ ކުރީމެވެ.

"ނީމާ އަކީ ގޯސްކުއްޖެއް ނޫން. އެކަމަކު އެއީ އަހަރެން ބޭނުންވާ ކުއްޖާއެއް ވެސް ނޫން." ސާހިލް ދިން ޖަވާބުން އަހަރެންގެ މެއަށް ފިނިވެގެން އައެވެ.

އެކަކު އަނެކަކަށް ބަލަހައްޓައިގެން ދެމީހުން ތިއްބާ ނީމާ ނިކުތެވެ. އޭނަ ސާހިލްގެ އެހީއަށް އެދުނީ ކައްކަން ބޭނުންވާ ކޮންމެވެސް އެއްޗެއް ނުފެނިގެންނެވެ. ސާހިލް އަހަރެންގެ މޫނަށް ބަލަން ހުރެގެން ދާން ވެގެން އެނބުރުނެވެ. ދެމީހުން ގޮސް ގެއްލުމާއެކު އަހަރެންނަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ސާހިލްގެ އެވާހަކައިން ހިތަށް ފާޑެއްގެ ގޮތެއް ވެއްޖެ އެވެ.

ސާހިލް އެނބުރި އައީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އޭނަ އައިސް އަހަރެން ގޮނޑިން ނަގައި ސޯފާގައި ބައިންދަދީފައި ޓީވީ ރިމޯޓް ނަގައިގެން ދާދި ކައިރީގައި ހަމަޖެހިލި އެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން ހަލުވަން އިނދެފައި އެހީ އަހަރެން ބަލާނީ ކޮން ފިލްމެއްތޯ އެވެ. އަހަރެން ވިސްނަން ފެށުމުން ސާހިލް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ނެޓްފްލިކްސްއިން އޭނައަށް ކަމުދާ ފިލްމަކަށް ލި އެވެ. އިރުކޮޅެއް ފަހުން ނީމާ އައީ ކުޑަ ބޯ ތައްޓަކަށް އޭނަ ތައްޔާރުކުރާ އެތިން ސޯސްކޮޅެއް ނަގައިގެން ހިފައިގެންނެވެ.

ނީމާ އެތަށި އަހަރެން އަތަށް ދިނުމުން އަހަރެން އެއިން ސަމުސަލަކަށް ކުޑަ އެތިކޮޅެއް ނަގައި ރަހަ ބަލާލައިލުމުން ސާހިލް އާއި ނީމާ ތިބީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ. ޖަވާބު ދޭން އަނގަ ހުޅުވާލައިފައި އަނެއްކާ ވެސް އަހަރެން ލައްޕައިލީމެވެ. މަޑީ ކޮން ރަހައެއް ކަމެއް ނޭނގިގެން ދެވަނަ ފަހަރަށް ރަހަ ބަލަން އަނގައާ ކައިރިކުރަނިކޮށް ސާހިލް އަހަރެންގެ އަތުގައި ހިފަހައްޓާފައި އޭނައާ ދިމާއަށް އަނބުރާލުމަށްފަހު އޭގައި ބާކީ ހުރި އެތިކޮޅު ލޮވެލައިފި އެވެ.

ސާހިލް ނީމާއަށް ޖަވާބުދިންއިރު އަހަންނަށް އިނދެވުނީ އެސްފިޔަ ޖަހައިލަ ޖަހައިލާ އެމޫނަށް ބަލާށެވެ. އޭނަ އެކުރީ ކީއްކަން އޭނައަށް އިހްސާސްވީ ކަމެއް ވެސް ނޭނގެ އެވެ. ނޫނީ އެއީ އޭނަ ގަސްތުގައި ކުރި ކަމެކެވެ.

ނީމާ އެނބުރި ދިއުމުން އަހަރެން ސާހިލް ކޮނޑުގައި އަތުން ތަޅައިގަތީމެވެ.

"ވަޓް ވޯޒް ދެޓް ފޯ؟..." އަހަރެން ތަޅައިގަތް ތަނުގައި އަތުން ފިރުމާލަމުން ސާހިލް އެހި އެވެ.

"އެނގޭނެ ކީއްވެކަން." ލޯ ހަނިކޮށްލައިފައި އެމޫނަށް ނުބަލަން ވެގެން އަހަރެން ބަލަން ފެށީ ޓީވީ އަށެވެ.

"ނޭނގޭތީއެއްނު މިއަހަނީ." ސާހިލް އިންގޮތް ބަދަލުކޮށްލާފައި މަގަތަށް ވާހެން އަހަންނާއި ދިމާއަށް އެނބުރުނެވެ.

"އަހަރެން ރަހަ ބެލި ސަމުސަލުން ރަހަ ބެލީ ނީމާއަށް ހާޓްކުރަން ކަމަށް ވަންޏާ އެއްގޮތަކަށް ވެސް ކަމަކުނުދޭ. ސާހިލްއަށް އޭނަކަމުނުދަންޏާ ލީޑްއޮން ނުކޮށް ރީތިކޮށް ބުނޭ. އެއިރުން ގައިމު ވެސް އޭނަގެ ވަގުތު ބޭކާރު ވިޔަނުދީ ސަލާމަތް ވާނެ..." އަހަރެންގެ ވާހަކަ ނިމުނުއިރު ދެމީހުންނަށް ވެސް ތިބެވުނީ ސީރިއަސްވެފަ އެވެ.

ސާހިލް ބޯޖަހާލައިފައި ހިމޭންވި އެވެ.

ކައި ނިމިގެން ނިކުމެ ތިންމީހުން ފެށީ ފިލްމުގެ ބާކީ ބައި ބަލާށެވެ. ސާހިލް އިނީ ކުރިން ވެސް އިންތަނުގައި އަހަރެންގެ ކައިރީގަ އެވެ. ނީމާ އަރިމައްޗަށް ހުރި ވަކި ގޮނޑިއެއްގަ އެވެ. ގަޔާވި ކަމަށް ހެދިގެން އިނަސް ކައިރީގައި އިން ސާހިލް ކުރާ ކޮންމެ ހަރަކާތަކާއި ނީމާ އިރުއިރުކޮޅާ އަހަރުމެން ދެމީހުންނާއި ދިމާއަށް ބަލައިލާތަން ލޮލުގެ ކުޑަކޮޅުން އަހަންނަށް ފެނެ އެވެ. އެއްފަހަރު އަހަރެން ސޯފާމަތީ އަތް ބާއްވައިގެން އިންދާ ސާހިލްއަށް އަހަރެންގެ އަތްމަތީ އަތް ބޭއްވުނެވެ. އަހަރެން އަވަހަށް ދަމައިގަތުމުން ސާހިލް ބަލައިލި އެވެ. ނީމާ އުދަނގޫވެފައި އިންގޮތް ބަދަލުކޮށްލިތަން ފެނުނެވެ.

ފިލްމު ނުނިމެނީސް އާ ފުރޭ ގޮތް ދައްކާލައިފައި ނީމާ ތެދުވި އެވެ. އޭނަ އަހަންނާއި ސަލާމްކޮށްލިއިރު އެލޮލުގައިވި ރިހުން އަހަންނަށް ފާހަގަވި އެވެ. އެތަނަށް އާދެވުނީތީ ވެސް އެވަގުތު އަހަރެން މޮޔަހިތަށްއެރި އެވެ. ލިންތާއަށްވުރެ އަހަރެން ވަކި ރަނގަޅީ ކޮންގޮތަކުން ހެއްޔެވެ؟

ސާހިލް ނީމާ ގޮވައިގެން ދޮރާއި ހަމައަށް ގޮސްފައި އަންނަން ފެށުމުން ޓީވީ ނިއްވާލައިފައި ހަށަން ބަނދެލީމެވެ.

"ސާހިލްއަށް އެނގޭތަ ތިކުރެވުނު ކަމެއް؟ ނީމާ މިތަނުން ނިކުމެގެން އެދިޔައީ ސާހިލްއާ އަހަރެންގެ މެދުގައި އެހެންކަހަލަ ގުޅުމެއް އޮތްކަމަށް ޤަބޫލުކޮށްގެން. އޭނަ ހީކުރާނީ ސާހިލްގެ ހިތުގައި އޮތް ކުއްޖަކީ އަހަރެން ކަމަށް." އަހަރެންގެ ވާހަކަ ނިމުމުން ސާހިލް އިސްޖަހައިލި އެވެ.

އެއް އަތް އުފުލާލައިފައި ކަނދުރާމަތީ އުނގުޅައިލުމަށްފަހު ސާހިލް އިށީނދެލީ އޭނަ ކުރިން ވެސް އިންތާގަ އެވެ. މިފަހަރު އަނެއްކާ ވެސް މަގަތަށް ވާނެހެން އަހަންނާއި ކުރިމަތިލައިގެންނެވެ. ސާހިލް އިންގޮތަށް އަހަރެން ވެސް ކުރިން އިންގޮތް ބަދަލުކޮށްލީމެވެ.

"ޔޫ އާ ދަ ވަން." ހަތަރުކަޅި ހަމަކޮށްލާފައި ސާހިލް ހާމަކުރި އެވެ.

އެލޮލުގައި ސަމާސައެއް ނުވެ އެވެ. ހަށިގަނޑު ތެދުކޮށްލައިގެން އިނީ ސީރިއަސްވެފަ އެވެ. ޖެހިލުންވެފަ އެވެ. ހިންދިރުވައިލީ އުދަނގޫވެފައިއިންފަދަ ގޮތަކަށެވެ.

"އަހަރެން ބޭނުންވަނީ ޔަލްވީ. އަހަރެން ހަމައެކަނި ބޭނުންވަނީ ޔަލްވީ." އަހަރެން ވާހަކަދައްކަން އުޅެނިކޮށް ސާހިލް އިތުރަށް އޮޅުންފިލުވައިދިނެވެ.

އެއަޑު އަހާފައި އަހަރެން ގަނޑުވި އެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular