17 Jan 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ޖެނުއަރީ 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އަހަރެން ބޭނުންވަނީ ޔަލްވީ. އަހަރެން ހަމައެކަނި ބޭނުންވަނީ ޔަލްވީ." އަހަރެން ވާހަކަދައްކަން އުޅެނިކޮށް ސާހިލް އިތުރަށް އޮޅުންފިލުވައިދިނެވެ.

އެއަޑު އަހާފައި އަހަރެން ގަނޑުވި އެވެ.

"އަހަރެން ބޭނުމީ ގެއަށް ދާން." ޤަރުނެއްހާ ދިގުމިނަށް ދެމިގެންދިޔަ ހިމޭންކަމަށްފަހު އަހަރެން ބުނެލީމެވެ.

ސާހިލްގެ ޖަވާބު އައީ ހަމައެކަނި ބޯޖަހައިލުމަކުންނެވެ.

ގެއަށް އަންނަން ވެގެން ދޮރާއި ހަމައަށް ސާހިލް އައެވެ. އޭނަ މަޑުކުރީ މަންމަ ދޮރު ހުޅުވަންދެނެވެ. އަހަރުމެން ދެމީހުން ފެނުމާއެކު މަންމަގެ މޫނަށް އުފާވެރިކަން ވެރިވެގެން އައެވެ. އަހަރެން ހިނިތުންވެލީ ގަދަކަމުންނެވެ. ސާހިލް ވެސް ގިނައިރު މަޑުކުރާކަށް ގަސްތެއް ނުކުރެ އެވެ. މަންމަ ކުރި ސުވާލަކަށް ޖަވާބު ދީފައި ގަޑި ބަލައިލިގޮތުން ނަސީބަކުން މަންމައަށް އޭނަ ދާން ބޭނުންވެފައިހުރިކަން ވިސްނިއްޖެ އެވެ.

ދެން އައީ އަނެއްކާ ވެސް އަހަންނާއި ސާހިލްގެ މެދަށް ހިމޭންކަން ވެރިވެފައި އޮތް ދުވަސްކޮޅެކެވެ. ވަގުތު ޖެހުމުން އޭނަ އައިސް އޭނަގެ ވާޖިބު އަދާކުރެ އެވެ. ބުނާ އެއްޗެއް ވިއްޔާ ހަމައެކަނި ބުނަނީ އެކަމާއި ބެހޭގޮތުންނެވެ. އަހަރެންގެ ހިމޭންކަމާއިމެދު އޭނަ ސުވާލެއް ނުއުފައްދަ އެވެ. އެހިމޭންކަމުން އޭނައަށް ތަކުލީފެއް ލިބެމުންދާ ކަމެއް ނުވަތަ ނޫންކަމެއް ނާންގަ އެވެ. އޭނަގެ ވާހަކަތަކަށް އަހަރެން ޖަވާބެއް ނުދީގެން އެކަމަށް ބާރެއް ނާޅަ އެވެ.

ކޯޓުން އަހަންނާއި އާއިން ބައްދަލުވި ދެވަނަ ދުވަސްވީ ކައިވެނީގެ ވެސް ފަހު ދުވަހަށެވެ. ލޯއްބާއި އިތުބާރާއެކު ޖެހި ގޮށް މޮހާލުމުގެ ކުރިން އަދިވެސް އެއްފަހަރު އަހަރުމެންގެ ނިންމުމާއިމެދު ސުވާލުކުރެވުނެވެ. ކުޑަ ހިނދުކޮޅަކަށް އަހަންނަށް ހީވީ އާއިން އޭނަގެ ބަސް އަނބުރާ ގެންދަން އުޅުނުހެންނެވެ. އެތައް ދުވަހަކަށްފަހު އެލޮލުން އަހަންނަށް ބަލައިލީ މީން ދުވަހަކު ވެސް ނުބަލާ ގޮތަކަށެވެ. އެއީ ހަމްދަރްދީ ހެއްޔެވެ؟ ނޫނީ ރިހުން ހެއްޔެވެ؟ އެއީ ކުށްހީއެއްކަން އެނގުނީ އާއިންގެ ޖަވާބު އިވިފަ އެވެ. އޭނަގެ ފަހުގެ ނިންމުމަކީ އަހަންނާއި ވަކިވުމެވެ.

އިތުރަށް އާއިންއަށް އަހަންނަށް ދެވޭނެ އަނިޔާއެއް ނެތެވެ. އެ ވަކިވުމުން އަހަންނަށް ކުރާނެ އިތުރު އަސަރެއް ނެތެވެ. އަހަރެންގެ ހިތާއި ރޫޚު އޮތީ އެކަމަށް ތައްޔާރުވެފަ އެވެ. އެނިންމުން ބަލައިގަނެފަ އެވެ. ކަނޑުވެދާނެތީ ބިރުގަންނަ މީހާ ވެސް ކަނޑުވުމުން ބިރެއް ނުގަނެއޭ މީހުން ކިޔައި އުޅޭ ނޫން ހެއްޔެވެ؟ އަހަންނަށް ވެސް ވީ އެހެންނެވެ.

އެކަނިވެރިއެއްގެ ގޮތުގައި ހުރެ އަލުން ބޭރުތެރެއަށް ނިކުތުމާއެކު ފުރަތަމަ އައިސް ބީހިލި ވައިރޯޅި ވެސް ކުރުވީ ތަފާތު އިހްސާސެކެވެ. ދެން އެހެން މީހަކަށްޓަކައި ދިރިއުޅުމެއް ނެތެވެ. ދެން އޮތީ އަމިއްލަ ނަފްސަށްޓަކައި އަދާ ކުރަން އޮތް ވާޖިބުތަކެވެ. އެނަފްސަށް އަދާކޮށްދޭން ޖެހޭ ހައްޤުތަކެވެ.

"އަހަރެން އެބަ ވިސްނަން މާހައުލު ބަދަލުކޮށްލަން ވީކްއަކަށް އެހެން ތަނަކަށް ދާން." ހަވީރު ސާހިލް އައިސް އުޅެނިކޮށް އަހަރެން ބުނީމެވެ.

އޭނަގެ އަތް މަޑުޖެހުމާއެކު ލަސްލަހުން އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ސްޕޭސް ބޭނުންވަނީތަ؟" ސާހިލް އެހި އެވެ.

"އަސްލު ދޮންތަ ދިން އައިޑިއާއެއް. ހިތަށްއެރީ ކުޑަ ބްރޭކެއް ނެގީމަ އަހަންނަށް ވެސް ރަނގަޅުވާނެއޭ." އަހަރެންގެ ވާހަކައަށް އިތުރަށް ބާރު ދިނުމުގެ ގޮތުން ދެވަނަ ފަހަރަށް ބުނީމެވެ.

"އެންމެ ރަނގަޅު. އެކަމަކު ފިޒިއޯ ކުރިއަށް ގެންދަންވާނެ. އަހަރެން ކިޔައިދޭނަން އެކަނި ކުރެވޭ ކަހަލަ ގެއްލުން ކުޑަ ބައެއް ކަސްރަތު. ގޭ މީހެއްގެ އެހީ ވެސް ހޯދިދާނެ." ސާހިލް ބޯޖަހާލައިފައި އެއްބަސްވި އެވެ.

އަހަންނަށް ދޫކޮށްލެވުނީ ފުންނޭވައެކެވެ.

އަހަރެން ފުރަން އޮތް ދުވަހުގެ ކުރީ ރޭ ރާޔާ ގުޅައިގެން ކެއުމަކަށް ދައުވަތު ދިނެވެ. ތައްޔާރުވެގެން އިންދާ މަންމަ އައިސް ދޮރު ހުޅުވައިލި އެވެ. އަހަރެން ތައްޔާރުވެގެން އިނުމުން އައިސް ކައިރިވެފައި ގޮނޑީގެ ފަހަތުގައި ހުއްޓި ދޮރާއި ދިމާއަށް ދުއްވަން ފެށި އެވެ. ނިކުތްއިރު ގޭގެ ސިޓިންރޫމްގައި ބޮޑު ޤުރޫޕެއްގެ މީހުން ތިއްބެވެ. އަހަންނާއެކު އޮފީހުގައި މަސައްކަތް ކުރި މީހުންނާއި ދެކެފަރިތަ ބައެއް މީހުންނެވެ. އަދި ނުވެސް ދަންނަ ބައެއް މީހުންނެވެ. ގޭގައި ކަމެއް ކުރާކަން އަހަންނަށް ރޭކައިވެސްނުލި އެވެ. ވާނީވެސް އެހެންނެވެ. ފަހަކަށް އައިސް ގިނަ ވަގުތު އަހަރެން ހޭދަ ކުރަނީ ކޮޓަރީގަ އެވެ. މަޤްސަދެއް މަންޒިލެއް ނެތް މުސާފިރެކޭ އަހަންނެކޭ އެއްގޮތެވެ.

އަހަރެންގެ ލޯ ހޯދައިލީ ރާޔާ އެވެ. އޭނަ ފެނުނީ ކުޑަ މޭޒުމަތީ ބަހައްޓާފައި ހުރި ކޭކެއްގައި ސްޕާކްލާސް ހަރުކުރަން ވެގެން އުޅެނިކޮށެވެ. ކައިރީ ހުރި އެހެން ކުއްޖަކު ކޮށްޓާލުމުން އެނބުރި ބަލައިލާފައި އަވަހަށް ކައިރިއަށް އައިސް އަހަރެންގެ ބޮލުގައި އެޅުވީ ތާޖެކެވެ.

"ވެލްކަމް ޓު ސިންގަލްހުޑް." ހިންދެމިލުމުގެ ކުރިން ވައިއަޑުން ކަންފަތްދޮށުގައި ރާޔާ ބުނެލި އެވެ.

ވިސްނައިލާއިރު އެއީ ކިތަންމެ ބޮޑު ނިކަމެތިކަމަކަށް ވިއަސް އެވަގުތު ރާޔާ އެކަން މާނަކުރިގޮތުން ހިނި އައެވެ. އަހަރެންގެ ރައްދު އައިގޮތް ފެނިފައި އެމޫނުގައި ވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔަ އެވެ. މަންމަ ދުރަށް ޖެހިލާފައި ގޮސް އެތަނުން ނިކުތުމުން ގޮނޑީގައި ހިފައި ދުއްވާފައި ރާޔާ އަހަރެން ގެންދިޔައީ އެތަނުގެ މެދަށެވެ. އޭނަ އަތް ޖަހާލައިފައި ދެންތިބި އެންމެންގެ ސަމާލުކަން ހޯދި އެވެ.

ދެކެވެމުންދިޔަ ވާހަކަތައް ހުއްޓި ތަން ހިމޭންވުމުން ރާޔާ ގޮނޑި ވަށާލައިފައި އައިސް އަހަރެންނާއި އެއްހަމައެއްގައި ހުއްޓުނެވެ.

"މިތާ މިތިބި މީހުންގެ ތެރޭގައި އަހަރެންގެ އެކުވެރިޔާ ޔަލްވީ ދަންނަ މީހަކަށް ވިއްޔާ އެނގޭނެ އޭނަ އެއީ ކާކުކަން. މިފަހަރު މިކިޔައިދެނީ އޭނަ ނުދަންނަ މީހުންނަށް." ރާޔާ ވާހަކަ ފަށާފައި ދެއަތްތިލަ ގުޅުވާލައިގެން ދުރުގައި ތިބި މީހުންތަކުގެމެދުން ނަޒަރު ހިންގައިލި އެވެ.

އަހަންނަށް ލިބުނު ސިހުމާއެކު އެމޫނަށް ބަލައިލެވުނެވެ. އެންމެންގެ ސަމާލުކަން ލިބުމުން ކަންބޮޑުވެގެން ރާޔާ ހުއްޓުވަން އޭނަގެ އުޅަބޮށީ ހިފާލި ނަމަވެސް އޭނަ ދިޔައީ ވާހަކައިގައި ކުރިއަށެވެ. ދެން ކުރާނެ ކަމެއް ނޭނގިގެން އަހަރެން އިނީ އެއް އަތް އުފުލާލައި އިނގިލިތައް ނިއްކުރީ ޖައްސާ ކުޑަކޮށް މޫނު ނިވާކޮށްލައިގެން ތިރި ބަލާށެވެ.

"ޔަލްވީއާއި އަހަންނާއި ދިމާވީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން. ވަރަށް ޓެލެންޓެޑް އިންޓީރިއާ ޑިޒައިނާއެއް އޭނަ އަކީ. އަދި މިހާރު އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އެކަމަކު އެވާހަކައެއް ނޫން މިރޭ އަސްލު ދައްކަން މިއުޅެނީ..." ރާޔާ ވާހަކަދައްކަމުން އަހަރެންގެ މޫނަށް ބަލާލައިފައި އަނެއްކާ ވެސް ދުރުގައި ތިބި މީހުންނަށް ނަޒަރު ބަދަލުކޮށްލި އެވެ.

އަހަރެންގެ ހިތް ތެޅެން ފެށީ ދެނެވެ. މޫނުން އަތް ނަގާފައި އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ. ރާޔާ އަހަރެންގެ މޫނަށް ބަލައިލާތޯ އިނދެ ބަލައެއްވެސް ނުލި އެވެ.

"މިރޭ މިފާހަގަ ކުރަން މިއުޅެނީ އަހަރެންގެ ޓެލެންޓެޑް، ބިއުޓިފުލް އެން ސްވީޓް ސްވީޓް އެކުވެރިޔާ ސިންގަލް ވެގެން އެކަން....." ރާޔާގެ ވާހަކަ ދިޔަ މިސްރާބު އަހާފައި އަހަންނަށް ތެޅިގެންފައި އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ.

ވަށައިގެން ތިބި މީހުންގެ ތެރެއިން ބަޔަކު ފޯރީގައި އެކަން ފާހަގަކޮށް ހަޅޭތްލަވައިގަތް ވަގުތު އެދިމާއަށް ބަލައިލާފައި ލަދުން މޫނުގައި ދެއަތް އެޅުނެވެ. ރާޔާ ދެން ދެއްކި ގިނަ ވާހަކައެއް ސާފެއް ވެސް ނުވި އެވެ. އަހަރެން ބެލީ ވަށައިގެން ހޯދާލައިފައި ހުސްތަންކޮޅެއް އޮތް ދިމާއަކުން އެމީހުންގަނޑު ތެރެއިން ނިކުމެވޭތޯ އެވެ. ބަދިގެއާ ދިމާއަށް ދިޔައިރު ރާޔާ އެމީހުންނާއި މުޚާތަބުކޮށް އަހަރެން ހުރީ އާ ފުރުސަތު ތަކަށް ހުޅުވިކަމަށް ފާހަގަކޮށްފައި އެތާ ހުރި ކާއެއްޗިއްސަށް އިންސާފުކުރުމަށް ހުޅުވައިލި އަޑު އިވުނެވެ.

ފްރިޖް ހުޅުވާލައިފައި ފެންފުޅިއެއް ނަގައި ބޯން އިންދާ ރާޔާ އައިސް ވަނެވެ. އަހަރެން ލޯ އަޅައިލުމުން އޭނަ ޖަހައިލީ ހިނިގަނޑެކެވެ.

"ނޮޓް ފަނީ. ރާޔާއަށް ވެގެންވިއްޔާ ލަދުން އަހަރެން މަރުވާވަރު ކުރާނެ..." ފެންފުޅީގައި މަތި ޖަހަމުން އަހަރެން ބުނީމެވެ.

"ކަމްއޮން. ކާންޓް އައި ހޭވް ސަމް ފަން. ޔަލްވީ ދިޔައީމަ ދެން ނޯންނާނެ މަޖާކޮށްލެވޭކަށް ވެސް. މަގޭ ހިތެއް ނުބުނޭ ޔަލްވީ އަހަންނަށް އަންނާނެއެކޭ. އަހަންނަށް އިނގޭ ޔަލްވީ ތިކުރާ ކަމެއް. ޔޫއާ ރަނިން އަވޭ..މިތަނާއި ސާހިލްއާ ދުރަށް." އަހަރެން އަތުން ފެންފުޅި އަތުލާފައި މަތި ނަގަމުން ރާޔާ ވާހަކަދެއްކި އެވެ.

ފަހު ޖުމްލަ އިވިފައި އަހަރެންގެ ހިތް މަޑުޖެހިލިހެން ހީވި އެވެ. ރާޔާއަށް އެހާ ރަނގަޅަށް އަހަރެން އެނގެން ފެށީ ކޮންއިރަކު ހެއްޔެވެ؟ އަހަރެން އެވަގުތު ދެކޮޅު ހަދަން އުޅުމުން ރާޔާ އަތް އުފުލާލައިފައި އަހަރެން ހުއްޓުވީ ދޮގު ހެދުމުގެ ބޭނުމެއްނެތޭ ކިޔައިފަ އެވެ. އޭނަ ފެންފުޅި ބަހައްޓާފައި ދިއުމުން އަހަރެން އަދި ވެސް އިނީ ނުނިކުމެ އެތާގަ އެވެ. އިރުކޮޅަކުން އަނެއްކާ ވެސް ފިޔަވަޅުގެ އަޑު އިވުމުން ހީކުރީ ރާޔާ އެނބުރި އައީ ކަމަށެވެ.

"ކުރިން މިވާހަކަ ނާހަންވެގެން ހުރީ އެކަމަކު..." ސާހިލް ވާހަކަދައްކަން ފެށި އަޑަށް އަހަރެން ސިހިފައި ކުއްލިއަކަށް ބަލައިލުމުން އޭނަ މެދުކަނޑާލި އެވެ.

މޭގައި އަތް އަޅާ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެމޫނުން ނަޒަރު ވަކިކޮށްލުމާއެކު ސާހިލް ދެން އައިސް ހުއްޓުނީ ދާދި ގާތަށެވެ. ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލައިފައި އޭނަ އިށީނދެލީ އަހަންނާއި ކުރިމަތިވާގޮތަށެވެ.

"އާ ޔޫ ރަނިން އަވޭ ފްރޮމް މީ؟..." ސާހިލްގެ ސުވާލު އަހާފައި އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ.

އަހަރެން އެހީ ރާޔާ އެއްޗެއް ބުނިތޯ އެވެ. އެކަމަކު ރާޔާ އާއި ސާހިލްގެ މެދުގައި ވާހަކައެއް ދެކެވޭހާ ވަގުތެއް އަދި ނުނަގަ އެވެ.

"މީ ރާޔާގެ ސުވާލެއް ނޫން. އަހަރެންގެ ސުވާލެއް." ސާހިލް ޖަވާބަކަށް ބާރު އެޅި އެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ނަޒަރު ހުއްޓައިލީ އަނެއްކާ ވެސް ދުރަށެވެ. މިގޮތަށް ދެމީހުން ވާހަކަނުދެއްކޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

"އަހަރެން ޤަބޫލުކުރަން އަހަރެން އެރޭ ދެއްކި ވާހަކަތައް ދެއްކުނީ ރަނގަޅު ވަގުތަކު ނޫންކަން. އަހަރެން ޕްލޭންކޮށްގެން ހުރީ އެގޮތަކަށް ނޫން. އެކަމަކު އަހަރެން ޔަލްވީއަށް ބުނެދޭން ބޭނުންވީ އޭނަ ކައިރިން ވަރިވިއަސް ޔަލްވީ އެކަނި އުމުރު ދުވަހު ހުންނަން ނުޖެހޭނެކަން. ޔަލްވީއަށް އެދޭ އެހެން މީހަކު ހުރިކަން... އަހަރެން ކުރިން ވެސް ބުނީމެއްނު ޔަލްވީއަށް އަހަރެންގެ އައިޑެންޓިޓީ ފޮރުވުމުގެ ފަހަތުގައި ސަބަބު ވާ ކަމުގައި.... އަހަންނަށް އިނގޭ އަހަންނަކީ ކާކުކަން އެނގޭއިރަށް އަހަރެންގެ އެކުވެރިކަމަށް ޔަލްވީ އުންމީދު ކުރާނެކަން. އެކަމަކު އަހަރެން ބޭނުމެއް ނުވި އެކުވެރިއެއްގެ ގޮތުގައި ހުރެ ޔަލްވީ އެހެން މީހެއްގެ އަންބެއްގެ ގޮތުގައި ވާތަން ދެކެން ހުންނާކަށް. އެހެންވެ އަހަރެން ނިންމީ ފިޒިއޯތެރަޕިސްޓެއްގެ ގޮތުގައި ހުރެ އަހަންނަށް ކޮށްދެވުނު ކަމެއްވިއްޔާ ކޮށްދީފަ ޔަލްވީގެ ދިރިއުޅުމާއި ދުރަށް ދާން." އަހަރެން އެއްޗެއް ނުބުނާނެކަން އެނގުމުން ސާހިލް ވާހަކަދެއްކި އެވެ.

ރުޅިއާއި ވޭނުން އަހަރެންގެ ލޮލަށް ކަރުނަ ޖަމާވި އެވެ. އެކަމަކު އަހަންނަށް ރައްދު ނުދެވެނީސް ސާހިލް އަނެއްކާ ވެސް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އައިމް ސޮރީ ޔަލްވީ އުންމީދު ކުރިފަދަ ރަނގަޅު މީހަކަށް އަހަރެން ނުވީތީ. އަހަރެން ޤަބޫލު ކުރަން އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއްކަން...." ސާހިލްގެ ޖުމްލަ ނިމުމާއެކު އަހަރެން އެމޫނަށް ބަލައިލީމެވެ.

"އަހަރެން ފަހަކުން ނުވިސްނަން ސާހިލް އެވާހަކަ ސިއްރު ކުރީ ކީއްވެކަމެއް. އަހަންނަށް އެކަން މުހިންމެއް ވެސް ނުވި. އަހަރެންގެ އެކުވެރިޔާ އަނބުރާ ލިބުނީމަ އަހަރެން ހުރީ ހިތްހަމަޖެހިފަ. އުފާވެފަ. އެކަމަކު ސާހިލް އެވާހަކަ ބުނެފަ އަނެއްކާ ވެސް އަހަންނަށް އަހަރެންގެ އެކުވެރިޔާ ގެއްލުވާލީ..."އެތައް ދުވަހެއް ވަންދެން މެއަށް ވާންކުރަމުން އައި ރުޅިއާ ޝަކުވާގެ ސަބަބު އަހަރެން ހާމަކޮށްލީމެވެ.

އެވާހަކަ އަހާފައި ސާހިލްގެ ސިހުނުކަން މޫނުން އެނގުނެވެ. ކުޑަކޮށް ލޯ ބޮޑުކޮށްލުމާއެކު އިޚުތިޔާރަކާ ނުލައި ދެކޮނޑު އުފުލުނެވެ. އަހަރެން ދުރު ބަލަން ފެށި ފަހުން ވެސް އެނަޒަރު އަހަރެންގެ މޫނަށް ހުރިކަން އިހްސާސްވި އެވެ.

"ކޮންމެ މީހަކު ވެސް ކަންތައް ކުރަނީ އެމީހަކަށް ފެންނަ ގޮތަކަށް. އަހަރެންގެ އަމިއްލަ ދިރިއުޅުމަށް ވިއަސް އަހަރެންގެ އެއްވެސް އިޚުތިޔާރެއް ނެތް. ފުރަތަމަ އާއިން. އަހަރެންގެ ޒަވާޖަކީ ހަޔާތަކީ އިތުރު އަންހެނަކާއި އޭނަ ހިއްސާ ކުރާ ހަޔާތަކަށް ހަދަން އޭނައަށް ފެނުނީ. ދެން އަހަރެންގެ އެކުވެރިޔާ. އަހަރެންގެ ދިރިއުޅުމުން ބައިވެރިއެއްގެ މަޤާމު ލިބެން ނެތިއްޔާ އެކުވެރިއެއްގެ މަޤާމުގައި ނުހުންނަން ނިންމީ އަމިއްލައަށް. އެއްފަހަރު ވެސް އަހަރެން ބޭނުންވާ ގޮތަކަށް އިޚުތިޔާރެއް ނެތް. އެހެންވެ މިފަހަރު އަހަރެން އަމިއްލައަށް ނިންމާނީ. އެކަކަށް ވެސް އަހަރެންގެ މައްޗަށް ބާރެއް ނުފޯރުވޭނެ. މައި ލައިފް އިޒް މައިން." އަހަރެންގެ ވާހަކަކޮޅު ނިންމައިލަމުން ސާހިލްގެ މޫނަށް ބަލައިލީމެވެ.

ސާހިލްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އުދަނގޫ ގޮތަކަށް ހިންދިރުވައިލުމަށްފަހު އޭނަ ހަމައެކަނި ކުރިކަމަކީ ބޯޖަހައިލުމެވެ. އެހަރަކާތް ގެނަލެއް ކުޑަކަމުން އަހަންނަށް ވެސް ޔަޤީންކުރަން އުދަނގޫވި އެވެ. ދެން ފެނުނީ ތެދުވެގެން ފަސްދީ ގޮސް އެތަނުން ނިކުމެ ލޯމަތިން ގެއްލުނުތަނެވެ.

ހަތަރު މަސް ފަސް:

އެއް ހަފްތާ އެއް މަހަށްވެ، މަސް ދެމަހަށް ވެ ތިން މަސް ވީ އިރުވެސް އެނބުރި އައުމުގެ ހިޔާލެއް އަހަރެންގެ ނެތެވެ. މަންމަ ގުޅައިގެން މާލެ ދާ ވާހަކަ ބުނާއިރަށް ކޮންމެވެސް ބަހަނާއެއް ދައްކަމެވެ. އެންމެފަހުން އަހަރެން ނުގޮސްގެން ބަލާ އައީ މަންމަ އެވެ. އަހަރެން އެހާ ފަސޭހައިން އެއްބަސްވީ ދޮންތަ ވެސް ކުޑަމީހާ ގޮވައިގެން ދުވަސްކޮޅަކަށް އަހަރުމެންނާއެކު ދާން ހަމަޖެއްސީމަ އެވެ. އަނެއްކޮޅުން ރާޔާ އާއި ޔާނިޝް ހުރީ އަހަރެން ނުގޮސްގެން ކައިވެނި ނުކުރެވިފަ އެވެ.

އޭނަގެ ލޯބިވެރިޔާއާއެކު ނުފެންނަން ފެށީ ތަންކޮޅެއް އަވަދިނެތި އުޅޭތީ ކަމުގައި އަހަރެންނަށް ހީކުރެވުނެވެ. އަހަރެން ހުހަށް ހުރިކަން ފާހަގަ ކުރި އިރު އެދެމީހުން ރުޅިވެފައި އޮތްކަން އަހަންނަށް ނޭނގުނީ ރާޔާ އެކަން އިހަށް ސިއްރުކޮށްފައި އޮތީމަ އެވެ. އަހަންނަށް ވުރެ ކުރިން ރާޔާ އާއި ޔާނިޝްގެ ލޯބީގެ ކުޅިގަނޑު ފަޅާއެރީ މަންމަ އަށެވެ.

މަންމަ ފުރަތަމަ އެހާ ހިތްހަމައެއްނުޖެހުނެވެ. ޔާނިޝްއަށްވުރެ ރާޔާ އުމުރުން ދޮށިވެ މަންމަ އެކަން މައްސަލައެއްގެ ގޮތުގައި ނެގި އެވެ. އަހަންނާއި ދޮންތަ ވެގެން ވާހަކަދެއްކީ ޔާނިޝްއާއެވެ. ޔާނިޝް އެކަމަށް ސީރިއަސް މިންވަރު އެނގުމުން މަންމަ އެއްބަސްކުރުވީ އަހަރުމެން ދެމީހުންނެވެ.

ލިފްޓުން ނިކުމެވުމާއެކު އަހަރެންގެ ސަމާލުކަން ފުރަތަމަ ވެސް ހުއްޓުނީ ސާހިލް އުޅޭ ބައިން ނިކުތް ނުދަންނަ ޒުވާނަކަށެވެ. ތަޅުދަނޑި ނަގައި ޖީބަށް ލައިގެން ފޯނަށް ބަލަމުން އައި ގޮތުން ހީވީ އަމިއްލަ ތަނެއް ހެންނެވެ. އަހަރެން އިންތިޒާރު ކުރީ ރާޔާ އަންނަންދެނެވެ. އެސުވާލު އަހަންނަށް ކުރަން ކެރޭނީ ރާޔާއާއެވެ. އޭގެ ކުރިން މަންމަ ދެއްކި ވާހަކައެއް އަހަރެންގެ ސަމާލުކަމަށް އައެވެ. އެއީ ޖެހިގެން ހުންނަ ބައިގައި އުޅޭ ޒުވާނަކަށް މަންމަ ކައްކައިދޭ ވާހަކަ އެވެ. އެއީ ސާހިލްނަމަ މަންމަ އޭނަގެ ނަން ބޭނުން ކުރާނެ އެވެ. އަދި ދޮންތައަށް ސާހިލްގެ ވާހަކަ ކިޔައިނުދީއެއް ވެސް ނުހުންނާނެ އެވެ. އަނެއްކާ ސާހިލް އެތަނުން ދިޔައީ ހެއްޔެވެ؟ -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular