7 Feb 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ފެބްރުއަރީ 4 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މެރީ މީ!" އުންމީދުން ފުރިގެންވީ އަޑަކުން ސާހިލް އެދުނެވެ.

އަހަންނަށް ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. އެވަގުތު ސާހިލް އަހަރެންގެ މޫނުގެ ދެފަރާތުން ހިފާލައިފައި ތިރިކޮށްލުމަށްފަހު ނިތުގައި ބޮސްދިނެވެ.

***

ދެހަފްތާފަހުން އަހަންނާއި ސާހިލްގެ ކައިވެނި ކުރެވުނީ ހަމައެކަނި ގާތް މީހުންގެ ހާޟިރުގައި އަހަރުމެން ގޭގައި ބޭއްވުނު ކުޑަ ކުޑަ ހަފްލާއެއްގެ ތެރެއިންނެވެ. އަކީލް އާއި ރިއާނާ ބައިވެރިވުން ނުފެނުނަސް ސާހިލްގެ މަންމަ އާއި ކޮއްކޮ ފެންނާނެކަމަށް އަހަންނަށް ހީކުރެވުނެވެ. އެކަމަކު އޭނަގެ ފަރާތުން އައީ ހޮސްޕިޓަލުގައި އެކުގައި މަސައްކަތް ކުރާ ދެތިން އެކުވެރިއެކެވެ. ސާހިލްއަށްޓަކައި އަހަރެންގެ ހިތް ކަރުނަ އެޅި އެވެ. އެރީތި ހިނިތުންވުމުގެ ފަހަތުގައި ސާހިލް ސިއްރުކޮށްފައިވާ އެތައް ވާހަކައެއް ވާނެކަމުގައި ހިތް ބުނެލި އެވެ.

ހަފްލާ ނިމުމަކާއި ހަމައަށް އައިސް ހަމައެކަނި ގޭ މީހުންނަށްވުމުން މަންމަ އައިސް އިނީ އަހަރެންގެ ކައިރީގަ އެވެ. ރާޔާ އަހަރެންގެ ކައިރީގައި އަނެއްފަރާތުގައި އިނދެގެން އަހަންނާއި ވާހަކަދެއްކިއިރު އުނގުމަތީ އޮތް އަހަރެންގެ އަތްތިލަ ނަގައި މަންމަގެ މުށުތެރޭ މަޑުމަޑުން ފިތާލިކަން އިހްސާސްވި އެވެ. އިރުކޮޅެއްނުވެ ދޮންތަ ވެސް ކޮޓަރިން ނިކުމެގެން އަހަރުމެން ކައިރިއަށް އައެވެ. ދޮންތަ އިށީނދެލީ މަންމަގެ އަނެއްފަރާތުގަ އެވެ.

އަހަރެން މޫނު އަނބުރައިލިއިރު މަންމަގެ ތުންފަތުގައި ވި ހިނިތުންވުމާއިއެކު ވެސް ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފާހަގަކުރެވުނެވެ. އިސާހިތަކު މެއަށް ބާރުވެގެން އައެވެ. ކަރުތެރެ ހިކި ހިންދިރުވައިލަން އުދަނގޫވި އެވެ.

"މަންމާ!" އަހަންނަށް ހަމައެކަނި ގޮވާލެވުނީ އެހެންނެވެ.

ކުރިއަށްވުރެ ވެސް ކައިރިވެލާފައި މަންމަގެ ކޮނޑުގައި އަހަރެން ބޯއަޅައިލީމެވެ. އެވަގުތު އަނެއްފަރާތުން ދޮންތަ ވެސް މަންމަގެ އަނެއްކޮނޑުގައި ބޯ އެޅި އެވެ. ދޮންތަ އަތް ފޯރުވާލައިފައި އަހަރެންގެ ބޮލުގައި މަޑުމަޑުން ފިރުމަން ފެށިއެވެ. "އައި ވިލް މިސް ޔޫ ސޯ މަޗް...."

"މަންމަގެ ދުޢާއަކީ މަންމަގެ ހުރިހާ ކުދިން ވެސް އަބަދުމެ އުފަލުގައި ލެހެއްޓެވުން..." ކުރެހިފައިވާ އަޑަކުން މަންމަ ބުނެލި އަޑު އިވުނެވެ.

ދޮންތަ އެވަގުތު ރާޔާއަށް ހަނާ އަޅައިލުމުން ރާޔާ ހިނިތުންވެފައި ހުރެގެން ދޮންތަކައިރީ އިށީނދެފައި އަހަރުމެންގެ ގުރޫޕް ހަގްގައި ބައިވެރިވި އެވެ. ސާހިލް އާއި ޔާނިޝް އަހަރެންގެ ފޮށްޓާއި ގެންދަންހުރި ބައެއް އެހެން އެއްޗެހި ތިރިއަށް ބާލައިފައި އެނބުރި އައިސް ވާހަކަދައްކަމުން އެތެރެއަށް ވަން ވަގުތު އަހަރުމެން ތިބިގޮތް ފެނިގެން ހުއްޓުނެވެ.

"ސާހިލް އެއައީ ޔަލްވީ ބަލާ ކަންނޭނގެ." ދޮންތަ މަޑުމަޑުން ހީގަނެފައި ކޮޅަށް ތެދުވީ ލޮލުން ކަރުނަ ފުހެމުންނެވެ.

ސާހިލް އިސްޖަހާލައިފައި އަނެއްކާ ވެސް އަހަރުމެންނަށް ބަލާލުމުގެ ކުރިން ތިރީ ތުންފަތުގައި ދަތް އަޅައިލިކަން އަހަންނަށް ފާހަގަވި އެވެ. އޭނަ ދެން ކުރިއަށް ޖެހިލާފައި ބުނީ އަހަރުމެން ބޭނުމިއްޔާ އަދި މަޑުކުރެވިދާނެ ކަމަށެވެ.

"ނޫނޭ. ދެން އެންމެ ރަނގަޅުވާނީ ލަސްނުކޮށް ޔަލްވީ ޔަލްވީގެ އަމިއްލަ ގެއަށް ގެންދިޔައިއްޔާ." މަންމަ ދެފަރާތަށް ބޯ ހޫރާލައިފައި ތެދުވަމުން ޖަވާބުގައި ވާހަކަދެއްކި އެވެ.

މަންމަ އެހެން ބުނުމުން އެމޫނަށް ބަލައިލެވުނެވެ.

ސާހިލް އަހަރެންގެ ގޮނޑި ދުއްވާފައި ނިކުމެ ލިފްޓަށް އަރަންދެން އެންމެން ނިކުމެ ދޮރުމަތީ ބަލަން ތިއްބެވެ. ލިފްޓްގެ ދޮރު ލެއްޕުމާއެކު އަޖައިބެއްފަދަ ހުސްކަމެއް އިހްސާސްވި އެވެ. މަގުމައްޗަށް ނިކުތްއިރު އަހަރުމެން ބަލާ އައިސް އޮތް ކާރުން ނިކުމެ ހުރީ ރިއާނާގެ ޕާޓީގައި އެގޭތެރެއިން ފެނުނު މީހެކެވެ. ސާހިލް އޮޅުންފިލުވައިދިނުމަކާއިނުލައި އެއީ އެގޭގައި މަސައްކަތް ކުރާ މީހެއް ކަމުގައި ނިންމީމެވެ.

ފިރިހެންމީހާ ދޮރުފަތް ހުޅުވައިދިނުމުން ސާހިލް އަހަރެން ނަގައިގެން ގެންގޮސް ކާރަށް އަރުވައިދިނެވެ. އޭނަ އަނެއްފަރާތުން އެރިއިރު ޑްރައިވަރު ގޮނޑި ފަތްޖަހާލައިފައި ޑިކީއަށް އެރުވީ އެވެ. ސާހިލް ދޮރުފަތް ޖަހާފައި އެއްފަހަރު އަހަރެންގެ މޫނަށް ބަލައިލިކަން އިހްސާސްވި އެވެ. އުނގުމަތީ އޮތް އަތްތިލައިގައި ސާހިލް ހިފާލުމުން ފިނިވާގޮތްވެފައި އެއައަތަށް ބަލައިލެވުނެވެ. ސާހިލް އަހަރެންގެ އަތް އުފުލާލައިފައި ގެންގޮސް ތުންފަތް ޖައްސާލުމަށްފަހު ތިރިކޮށްލާފައި ބޭއްވީ އޭނަގެ ފައިމަތީގަ އެވެ. އޭނަ ދެން ނަޒަރު ހުއްޓައިލީ ބިއްލޫރިގަނޑުން ބޭރަށެވެ.

ސާހިލް ކޮންމެވެސް ކަމަކާއި ނުތަނަވަސްވެފައި އިންކަން ދޭހަކޮށްދިނީ ކައިރިކޮށްލެވިފައިވާ ދެބުމައިންނެވެ. އޭނަ ކަންބޮޑުވުމުން ބައެއްފަހަރު ހަދާގޮތަށް އަނެއް އަތް އުފުލާލައިފައި ކަނދުރާމަތީ ހިފަހައްޓާލައިގެން އިރުކޮޅަކު އިނދެފައި ތިރިކޮށްލި އެވެ.

"ޔޫ އޯކޭ؟" އަހަންނަށް ނާހައެއް ނީނދެވުނެވެ.

ސާހިލް އެއަޑަށް އަހަންނާއި ދިމާއަށް މޫނު އަނބުރައިލި އެވެ.

ލުއި ހިނިތުންވުމަކާއެކު މަޑުމަޑުން ބޯޖަހައިލިއިރު އެލޮލުން ފައުޅުވާން ހުރި އަޅައިލުމުގެ ފުންކަމުން މެއަށް ފިނިވެގެން އައެވެ. އަހަންނަށް މަޖުބޫރުވީ އިސްޖަހާލުމަށެވެ. ހުހަށް އޮތް އަތްތިލައިން ހެދުމުގެ ތަންކޮޅެއްގައި ހިފާ ބޮނޑިކޮށްލެވުނެވެ.

ބެލް ޖެހުމުން ގޭގެ ދޮރު ހުޅުވީ ރިއާނާގެ ނެނީ އެވެ. ނެނީގެ ނަޒަރު ސާހިލްގެ މޫނުން އަހަންނަށް ހުއްޓާލައިފައި އަނބުރާ ސާހިލްއަށް ހުއްޓުނެވެ. ސާހިލް އެއްޗެއް ނުބުނެ ވަދެގެން ދާން ފެށުމުން އަނެއްކާ ވެސް އަހަންނަށް ބަލާލަމުން ނަމުން ގޮވައިލި އެވެ.

"މިގަޑީގައި ޓިއުޝަން ނަގަން އަކީލްތަ ބުނީ؟ އެކަމަކު ރިއާނާ މިހާރު ....ނިދައިފި." ނެނީ ވާހަކަދައްކަދައްކާ ހުއްޓާ ފަހަތުން އަހަރެންގެ ސޫޓު ކޭސް ހިފައިގެން ވަން ޑްރައިވަރު ފެނިގެން މަޑުޖެހިލާފައި ޖުމްލަ ފުރިހަމަކުރީ ތަންކޮޅެއް ލަހުންނެވެ. އެލޮލުން އަހަންނަށް ބަލަން ހުރީ އޭނަގެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަށް އެދޭފަދަ ނަޒަރަކުންނެވެ.

އަހަންނަށް ކުރެވުނީ ކުށްވެރިކަމުގެ އިހްސާސެކެވެ. އެގޮތަށް ކުއްލިއަކަށް އައުމުގެ ކުރިން ކޮންމެވެސް ވަރަކަށް އޮޅުންފިލުވައިދެވުނުނަމައޭ ހިތަށްއެރި އެވެ.

"ޔަލްވީ އައީ އެއްވެސް މީހަކަށް ޓިއުޝަން ނަގާކަށް ނޫން. މީ މިހާރު ޔަލްވީ ގެ ވެސް ގެ. ޝީޒް މައި ވައިފް." ސާހިލް އަހަންނަށްވުރެ ކުރިން ޖަވާބުދިނެވެ.

އަހަރެންނަށް ލޯމަރައިލެވުނީ ސާހިލްގެ ވާހަކަދެއްކުމުގައި ހުރި ނުރުހުމުގެ ރާގުންނެވެ. އެކަމަކު ނެނީ ހުއްޓާ ސާހިލްއާ ދިމާއަށް އެހެން ބުނާކަށް ބޭނުމެއްނުވި އެވެ. ސާހިލް އެވަގުތު އަހަރެން ގޮނޑިން ނަގައި އަތްދަނޑިމައްޗަށް ލައިގެން ސިޑިއާ ދިމާއަށް ދާން ފެށިއިރު ކާކޮޓަރި ތެރެއިން އަދި އިތުރު މީހަކު ނިކުމެ ނެނީ ކައިރީ ހުރެގެން ސިއްރު ސިއްރުން ވާހަކައެއް ދައްކަން ފެށި އެވެ. އެމީހުންގެ ނަޒަރުން ފިލަން ބޭނުންވެގެން އަހަންނަށް ސާހިލްގެ މޭމަތީ މޫނު ފޮރުވައިލެވުނެވެ. އެވަގުތު ނޭފަތުގައި ޖެހުނު މީރުވަހުން ހިތަށް ލިބުނު ނުތަނަވަސްކަން ފިލި އެވެ.

ސާހިލްއަށް ދެވުނުއިރު ޑްރައިވަރު ކުރީގައި ގޮސް ދޮރު ހުޅުވައިގެން ހުރީ ކޮޓަރި ކައިރީގަ އެވެ. ސާހިލް އެދޮރުން ވަންއިރު އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. ޝައުޤުވެރިކަމާއެކު ވަށައިގެން ނަޒަރު ހިންގައިލެވުނެވެ.

ފާރުތައް ފަޅުފިލުވާލައިފައި ހުރީ އަޅިކުލަ އާއި ހުދު ކުލައިންނެވެ. ކިންގް ސައިޒުގެ އެނދުގެ ބޯލާ ކޮޅުގައި ހުރި ބިތުގައި އަޅިކުލަ އެވެ. އެހެން ހުރިހާ ބިތެއްގައި ހުދު ކުލަ އެވެ. ކުޑަދޮރުތައް ކައިރީ ދަމާފައި ހުރި ފަރުދާތަކާއި އެނދުގައި އޮތް ބެޑްޝީޓުން ވެސް އަޅިކުލަ ފެންނަން ހުއްޓެވެ.

ސާހިލް އަހަރެން އެނދުގައި ބައިންދާފައި ދޮރާއި ދިމާއަށް ގޮސް ޑްރައިވަރު ދިން ފޮށި އެތެރެކޮށްލައި ފާރުކައިރީ ބެހެއްޓި އެވެ. އެވަގުތު ފަހަތުން އައި މީހާ ދެން ހުރި އެއްޗެހި ހިފައިގެން ވަދެ ފޮށި ކައިރީ ބަހައްޓާފައި ނިކުތެވެ. ސާހިލް ދޮރު ލައްޕާލައިފައި އެނބުރެންވާއިރަށް އަހަރެންގެ ނަޒަރު އަނެއްފަރާތަށް އަނބުރާލީމެވެ. ދެން އަހަރެންގެ ސަމާލުކަން ހުއްޓުނީ އެނދުގެ ކައިރީ ބަހައްޓާފައި ހުރި ލޭމްޕާއި ދިމާއިން މަތީގައި ފާރުގައި ހަރުކޮށްފައިވާ ތިން ފޮޓޯ ފްރޭމެވެ. އެތަނުން އެއްފްރޭމްގައި ހުރީ މެދުއުމުރަށްވުރެ ދޮށީ ފިރިހެނެކެވެ. ލޮލުގެ އަޅިކުލަ އާއި ސިފައިން ސާހިލްއާ ވައްތަރުވެ އެއީ އޭނަގެ ބައްޕަކަން ލަފާކޮށްލެވުނެވެ.

ޖެހިގެން ތިރިއަށް ހުރި ފޮޓޯގައި އެއަށްވުރެ ޒުވާން އަންހެނަކާއި ހަތްވަރަކަށް އަހަރަށްދާ ކުޑަ އަންހެންކުއްޖެކެވެ. އެއީ ސާހިލްގެ ކޮއްކޮއަށް ވެދާނެ އެވެ.

އަހަރެންގެ ނޭވާ ކަރުތެރޭ ތާށިވީ އެންމެ ތިރީގައި ހުރި ފްރޭމްތެރެއިން އަހަރެންގެ މޫނަށް ހުއްޓިފައިވާ ދެލޯ ފެނިފަ އެވެ. އެއީ އަހަރެންގެ އުމުރުން ދިހަ ވަރަކަށް އަހަރުގައި ރަށުގައި އުޅެނިކޮށް ނަގާފައިވާ އަހަރެންގެ ފޮޓޯއެކެވެ. ހިނި އައިސްފައި ހުރިއިރު މެދު ދަތްތަކުން ދެ ދަތް މަދެވެ.

"ޔަލްވީމެން މާލެ ފުރުމުގެ ކުރިން އެއްދުވަހަކު ޔަލްވީ މަންމަ ދިން ފޮޓޯއެއް އެއީ." ސާހިލް ދާދި ކައިރިން ވާހަކަދެއްކި އަޑަށް ސިހޭގޮތްވި އެވެ.

ބަލައިލިއިރު ސާހިލް ވެސް ހުއްޓި ހުރީ އެފޮޓޯގަނޑަށް ބަލަހައްޓައިގެންނެވެ. އެވަގުތު އެރޭ ފުރަތަމަ ފަހަރަށް ސާހިލްއަށް ފުންކޮށް ބަލައިލެވުނެވެ. ލައިގެން ހުރި ހުދު ކުލައިގެ އަތްދިގު ގަމީހުގެ ދެއަތުކުރި އުޅަބޮށްޓާއި ހަމައަށް އޮޅާލައިފައި އޮތްއިރު މަތީ ގޮށް ވެސް މިހާރު ހުރީ ނައްޓައިފަ އެވެ. އެދިމާއިން ސާހިލްގެ މޭމަތީ ފަޅާފައިވާ އިސްތަށިތަކުން ބައެއް ފައުޅުވާން ހުއްޓެވެ.

"އަހަންނަކަށް ތިކަމެއް ނޭނގެ." ސާހިލް ބަލައިލަން އުޅޭހެން ހީވެގެން އެމޫނުން ނަޒަރު ވަކިކޮށްލާފައި އިސްޖަހައިލަމުން ބުނެލީމެވެ.

ސާހިލް އެވަގުތު ޖީބުން އަތް ނަގާފައި އަހަރެންގެ ކޯތާފަތް މައްޗަށް ވެއްޓުނު އިސްތަށިކޮޅެއް އެއްފަރާތްކޮށްލަދިނެވެ.

"ބަނޑުހައެއް ނުވޭތަ؟ މިރޭ ރަނގަޅަށް ނުވެސްކަމެއްނު.." އަހަރެން ބަލައިލިވަގުތު ސާހިލް އިތުރަށް ވާހަކަދެއްކި އެވެ.

އަހަރެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލީމެވެ. ސާހިލް ވަކި އެއްޗެއް ނުބުނެ އަތް ތިރިކޮށްލާފައި އަނެއްކާ ވެސް ކޮށްޕައިލީ ޖީބަށެވެ. ދެން ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭމީހަކު ހެން ފޯނު ނަގައި ގަޑި ބަލާލައިފައި ގޮސް ހުއްޓުނީ ކުޑަދޮރުތަކާއި ދިމާގައި އެއްފަރާތެއްގައި ހުރި ލައުންޖް ގޮނޑި ކައިރިއަށެވެ. އޭގެ ކުރިމަތީ ހުރި ކުޑަ ކޮފީ މޭޒެއްގެ މަތިން ލެޕްޓޮޕް އަތަށް ނަގައިގެން ކައިރިއަށް އައެވެ.

"ޔަލްވީއާ ބައްދަލުކުރުވަން އަހަރެން ކޮންމެހެން ބޭނުން މީހަކު އެބަހުރި." ސާހިލް އަހަރެންގެ މަގަތުގައި އެނދުގައި އިށީނދެ އެއްފައި މައްޗަށް އަރުވާލައިފައި އަނެއްފައި ތިރިއަށް އެލުލާވައިގެން ހަމަޖެހިލުމަށްފަހު ލެޕްޓޮޕް ހުޅުވާފައި ބެހެއްޓީ އެނދުގެ ފައިލާކޮޅާއި ދިމާގައެވެ. އަހަރެން މާ މަގަތުގައި އިނުމުން އުނަގަނޑުގައި އެއް އަތުން ވަށާލައިފައި އުފުލާލުމަށްފަހު ބިތްދޮށަށް ގެނެސް ލެޕްޓޮޕާއި ކުރިމަތިވާގޮތަށް އަނބުރައިލި އެވެ.

އެވަގުތު ފުރަތަމަ ވެސް އަހަރެންގެ ހިތަށް އައީ ސާހިލް ބައްޕަ އެވެ.

"ޔުއަ ޑޭޑް؟" އަހަންނަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އަހައިލެވިއްޖެ އެވެ.

އެވަގުތު ސާހިލް ކުއްލިއަކަށް ގަނޑުވި އެވެ. ވީގޮތެއް ނޭނގިގެން އަހަންނަށް ބުމަ ކައިރިކޮށްލެވުނެވެ. މޫނު އަނބުރާލިއިރު ސާހިލްގެ މޫނުން ކުށްވެރިކަން ފެންނަން ހުއްޓެވެ.

"ސޮރީ މިވާހަކަ ކުރިން ނުބުނެވި އޮތީމަ. މައި ޑޭޑް އިޒް ނޯ މޯ..." ސާހިލް މައާފަށްއެދެމުން ހާމަކުރި އެވެ.

މިފަހަރު ސިހުން ލިބުނީ އަހަންނަށެވެ. ސާހިލް އެކަން ސިއްރުކޮށްފައި އޮތުމުން އެކަމާއި ޝަކުވާ އިހްސާސްވުމުގެ ބަދަލުގައި ހިތުގައި ރިހުން އުފެދުނީ ސާހިލްއަށްޓަކަ އެވެ. ބުނާނެ އެއްޗެއް ނޭނގިގެން އަހަންނަށް ހިފަހައްޓައިލެވުނީ ސާހިލްގެ އަތުގައެވެ. އެވަގުތު ސާހިލްގެ ނަޒަރު ގުޅިފައިވާ އަހަރުމެންގެ އަތަށް ހުއްޓުނެވެ. އޭނަ އަހަރުމެންގެ އިނގިލިތައް ރީތިކޮށް މަހާލައި އުފުލާލުމަށްފަހު ތުންފަތުގައި ޖައްސާލައިފައި އަނބުރާ ލެޕްޓޮޕަށް ސަމާލުކަން ހުއްޓައިލި އެވެ.

ކުޑައިރުކޮޅެއް ފަހުން ލެޕްޓޮޕްގެ ސްކްރީން ފުރައިލީ މުސްކުޅި އަންހެނެއްގެ ސޫރައިންނެވެ. އަހަރެންގެ ސަމާލުކަން ފުރަތަމަވެސް ދަމައިގަތީ މުސްކުޅިޔާ ހެދުން އަޅާފައިއިން ގޮތަށެވެ. ދޯޕައްޓާއަކުން ބޯ ނިވާކޮށްފައި ހުރިއިރު ދެފަރާތުން ނުރައިސްތަށިތައް ފެންނަން އޮތެވެ. ދެއަތުގައި ރަން ދެގަނޑު ތަނޑި އޮތްއިރު ކަރުގައި ވެސް ރަނުން ގަތާފައި އޮތް ފަލަ ފަށެއް އޮތެވެ. އަތުގައި އަނގޮޓިތަކެވެ.

"ޔަލްވީ މީ އަހަރެންގެ ނިޔާ. އަހަރެންގެ މާމަ." ސާހިލް ކުރު ތައާރަފެއް ދިނެވެ.

ސަލާމްގޮވާފައި ދެން ފެށީ އުރުދޫ ބަހުންނެވެ. ސާހިލްއާ އެއްވަރަށް އެކޮޅުން މާމަ ވެސް ހަމައެބަހުން ތަޅުވާ ނަގަ އެވެ. އަހަންނަށް އިނދެވުނީ އެސްފިޔަ ޖަހައިލަން ވެސް ނޭނގިފަ އެވެ. އަލިބެގެ ދަރިން ސާހިލް ކުޑައިރު އެތިވަރު ގޮވަމުން ސާހިލް އަކީ އޭނަ މަންމަ ބޭރުމީހަކާއި އިނދެގެން ލިބުނު ދަރިއެކޭ ކީ އަޑު އަހަންނަށް ވެސް އިވިފައި އެބަހުއްޓެވެ. މާލޭގައި ހުރެފައި ސާހިލްގެ ބައްޕަ އޭނަ ގެންދިޔަކަން އެނގުނު ދުވަހު އޭނަގެ ބައްޕައަކީ އަދި އޭނަގެ އަންހެންކޮއްކޮގެ ބައްޕަ ނޫންކަން އަހަންނަށް އޮޅުންފިލީ މަންމައާ ބައްޕަ ދެއްކި ވާހަކައެއް އަހައިގެންނެވެ. އެކަމަކު ސާހިލްގެ ބައްޕައަކީ ޕާކިސްތާނު މީހެއްކަން އެނގުނީ ދާދި އިހަކަށްދުވަހު މިކައިވެނީގެ ތެރެއިންނެވެ. އެކަމަކު އަދި އެނގުމާއި ލޮލަށް ފެނުމާއި ވެސް ތަފާތެވެ.

ބޮޑުވެގެން އައި ދުވަސްވަރު ހިންދީ ފިލްމު ބެލިފައި ހުރުމުން ބައެއް ކުދި ކުދި ބަސްތައް ދަސްވެފައި ހުއްޓެވެ. ސާހިލް އާއި މާމަގެ މެދުގައި ދެކެވުނު ވާހަކައިން ތަންތަންކޮޅު ފަހުމްވީ މިހެންވެ އެވެ. ބައެއްފަހަރު އަދި ތަންކޮޅެއް ތަފާތު ބަސްތައް ވެސް ބޭނުންކުރެ އެވެ. ހީވާގޮތުން އަދި އެއީ ކޮންމެވެސް އެހެން ބަހެކެވެ. އަރަބި ބަސްތަކާއި ތަފާތު އުރުދޫ ބަސްތައް ކިޔާލާއިރު ލޯބިކަމުން އަޑުއަހަން އިނދެވުނެވެ.

ސާހިލް މާމައަށް އަހަރެންގެ ނަން ބުނެދީފައި އަހަރެން ކައިރީ އެދުނީ ސަލާމް ގޮވުމަށެވެ. މާމަ ސަލާމް ބަލައިގަނެފައި ވާހަކަދެއްކިއިރު ހީވީ އަތްފޯރާ ހިސާބުގައި ހުރިނަމަ އަހަރެންގެ ގައިގައި އޮޅުލައިގެންފާނެހެންނެވެ.

"ވާއު...އިޒިންޓް ޝީ ދަ ކިއުޓެސްޓް ތިންގ؟" ސާހިލް ކޯލް ނިންމާލައިފައި ލެޕްޓޮޕް ލައްޕައިލުމާއެކު އަހަންނަށް އިތުރަށް ނީނދެވިގެން ބުނެވުނެވެ.

ލެޕްޓޮޕް ސައިޑު ޓޭބަލް މައްޗަށް ލައިފައި ސާހިލް އަހަންނާއި ދިމާއަށް އެނބުރުނެވެ. އެތުންފަތުގައި ހިނިތުންވުމެކެވެ. ފައިގައި އޮތް ދެ އިސްޓާކީނު ބާލައި ތިރިއަށް ދޫކޮށްލައިފައި އޭނަ ތެދުވެގެން ގޮސް ޑްރެސިންޓޭބަލް ކުރިމަތީ ހުރެގެން ކޮންމެވެސް ކަމެއް ކުރި އެވެ. އަހަރެންގެ ފޯނު ވައިބްރޭޓް ވެގެން ބަލައިލިއިރު ރާޔާގެ މެސެޖެއް ފެނިގެން ކިޔަން އިންދާ ސާހިލް އައިސް އެނދަށް އަރައި ބިތްދޮށަށް ފައި ދަމާލުމަށްފަހު އިޝާރާތެއް ވެސް ނުދީ ދެން ބޯ އަޅައިލީ އަހަރެންގެ އުނގުގަ އެވެ. އަހަންނަށް ހަމަޖެހިލެވުނީ އޭނަ ލޯމަރައިގެން އޮތްކަމުންނެވެ. އެހެން އޮވެ ސާހިލް ކިޔައިދޭން ފެށީ ނިޔާ އާއި ފުރަތަމަ ބައްދަލުވި ދުވަހުގެ ވާހަކަ އެވެ.

ސާހިލް ކިޔައިދިން ގޮތުން ސާހިލްގެ ބައްޕަ ކިޔަވަން ދިޔައީއްސުރެ އެއްފަހަރު ނޫނީ އެނބުރި ޕާކިސްތާނަކަށް ނުދެ އެވެ. ސާހިލްގެ މަންމައާ ވަކިވުމަށްފަހު ފަހުން އިނދެގެން އުޅުނީ އެމެރިކާ މީހަކާ އެވެ. އެތަނުގެ އާދަކާދަ އޮންނަގޮތުން ކައިވެނި ކުރަނީ ދެބެންގެ ދެދަރި ކުދިންނާ އެވެ. ސާހިލް ބައްޕަ ކައިވެނި ކުރުވަން ވެސް އާއިލާއިން ބޭނުންވި ކުއްޖަކު ހުއްޓެވެ. ސާހިލް ބައްޕަ އެކަމާއި ފައުޅުގައި ދެކޮޅު ހަދާފައި އެދިޔަގޮތަށް ދެން އެނބުރި ދިޔައީ ހަމައެކަނި ބައްޕަ ހާލުދެރަވެގެންނެވެ. އެކަމަކު ފެނުނީ ފުރާނަނެތް މަސްގަނޑެވެ.

ސާހިލް އެކޮޅަށް ދިއުމަށްފަހު ނިޔާއާ ބައްދަލުވީ ފުރަތަމަ ސްކައިޕުންނެވެ. ފަހުން ދެފަހަރަކު ނިޔާ އެމީހުން އުޅޭތަނަށް ބައްޕަ ގެންދިޔަ އެވެ. ސާހިލް ބައްޕަ ހީކުރީ މަންމައާއެކު ދާން ދޫކޮށްލުމުން އެކަންކޮށްދެވުނީ ސާހިލްއަށް ރަނގަޅަކަށް ކަމުގަ އެވެ. ހިތާއި ދެކޮޅަށް އަމިއްލަ ނަފްސް ހިފެހެއްޓި އެވެ. އެތައް އަހަރެއް ފަހުން މަންމަ އާއި ބައްޕައާއެކު އެކުގައި ކިޔަވަން އުޅުނު އެކުވެރިއަކާއި ދިމާވެގެން ސާހިލްގެ ދިރިއުޅުން އޮތްގޮތް ކޮންމެވެސް ވަރަކަށް އޮޅުންފިލި އެވެ. ބައްޕަ ސާހިލް ހޯދުމުގެ މަސައްކަތް ފެށީ އެހިސާބުންނެވެ. އަނބުރާ ގެންދަން ބަލާ އައުމުން މަންމަގެ އެއްވެސް ދެކޮޅު ހެދުމެއް ކުރިމައްޗެއް ނުވި އެވެ.

އެހިސާބުން މަންމައާ ބެހޭގޮތުން އޮޅުންފިލުވަން ހިތަށް އަރާފައި ވެސް ފަސްޖެހުނެވެ. އަހަންނަށް ބަލައިލެވުނީ ސާހިލް ހިމޭންވެފައި ގިނައިރުވެގެންނެވެ. ބަލައިލިއިރު އޭނަ އޮތީ ދެލޯ މަރައިގެންނެވެ. ނޭނގުމުގެ ތެރޭގައި އަހަރެންގެ އެއް އަތް އުފުލި ސާހިލްގެ އިސްތަށިގަނޑާއި ކުޅެވެމުންދިޔަ އެވެ. ވާހަކައިގައި ގެއްލިފައި ހުރުމުން އަހަންނަށް އެކަން އިހްސާސް ނުވީ އެވެ. ސާހިލް އެވަގުތު އޮތީ ނިދާފައި ކަމެއް ނޫނީ އަހަރެން އިސްތަށިގަނޑާއި ކުޅޭތީ އަރާމުވެގެން ލޯ ހުޅުވަން ބޭނުންނުވެފައި ކަމެއް ނޭނގުނެވެ.

ބަލަން އިނދެލާފައި އަހަރެން އިރުކޮޅަކުން އަތް ދުރުކޮށްލުމާއެކު ސާހިލް ލޯ ހުޅުވައިލި އެވެ. އެވަގުތު އަހަރެންގެ މެއަށް ފިނިވެގެން އައެވެ. ދާދި ކައިރިން އަހަރެންގެ މޫނަށް ހުއްޓިފައި އޮތީ އަހަރުތަކެއް ކުރިން އަހަރެން ދުށް އަޅި ދެލޮލެވެ. -- ނުނިމޭ --

Popular