12 Feb 2019

ލިޒީ

* ފަހު ބައި ...

ލިޒީއަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ޖެހިހެންނެވެ. މޫނުމައްޗަށް ކުޑަކޮށް އަނދިރިވިއެވެ. އޭނާގެ ކުރިމަތީ އެ ހުރީ ހިސާންއެވެ.

"ނޫން." ލިޒީއަށް ޖެހެވުނީ ފަހަތަށެވެ.

"ލިޒް، އައި ކޭމް ފޮރ ޔޫ" ހިސާންގެ އަޑުގައިވީ އޯގާތެރިކަމެވެ. މޫނުމަތީގައި ވީ އުފާވެރިކަމެވެ. އެ ހުރިހާ އަސަރަކުން ލިޒީގެ ހިތަށް ވަނީ ބިރުވެރިކަމެވެ. "ނޫން، ޔާނިއު، ހިސާން އަށް ކިހިނެއް އެނގުނީ އަހަރެން ހުރިތަނެއް." ލިޒީ ޔާނިއު އާއި ސުވާލުކުރިއިރުވެސް ނަޒަރު ހުރީ ހިސާންގެ މޫނަށް ހުއްޓިފައެވެ. ލިޒީގެ ސުވާލުން ސާފުވެގެން ދިޔައީ ލިޒީ ހިސާންއަށް ފިލަން ދުވާކަމެވެ.

"އައި އެމް ސޮރީ ލިޒް، އަހަރެން ދޫކޮށްލާފައި ލިޒް އައި ފަހުން އަހަންނަށް އިހްޞާސްވީ އަހަންނަށް ގެއްލުނީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިއްމު ފަރާތްކަން، ލިޒް، އައި މިސްޑް ޔޫ ސޯ މަޗް" ހިސާން އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ލިޒީ ފަހަތަށް ޖެހެމުން ދިޔައެވެ. "ލިޒް، އައި ނީޑް ޔޫ" ހިސާން އަދިވެސް ކައިރިވަމުން ދިޔައެވެ. ލިޒީ ބިރުން ތެޅިގެންފައި އައިސް ޔާނިއުގެ ފުރަގަހަށް ވަނެވެ.

"ލިޒީ، ހިސާން މަޢާފަށް އެދޭއިރު އެއްޗެއް ނުބުނާނަންތަ؟" ޔާނިއު ގެ ބުރަކަށީގައި ލިޒީގެ މޫނު ޖައްސާލުމުން ޔާނިއު އަހާލިއެވެ.

"އަހަރެން ބޭނުމެއް ނޫން ހިސާން އެނބުރި އަންނާކަށް، އަހަރެން މަސައްކަތް ކުރީ އޭނަ އާއި ފިލަން، އުމުރަށްވެސް، ޔާނިއު، އޭނަ މިތަނަށް ގެނައީ ކީއްކުރަން، ވެއިޓް،" ލިޒީ ކުއްލިއަކަށް ޔާނިއު އާއި ދުރަށް ޖެހިލިއެވެ. ދެން ޝަހާދަތް އިނގިލި ދިއްކޮށްލާފައި އޭނާ ކުރިމަތި ކުރުވީ މުހިއްމު ސުވާލެކެވެ.

"އޭނައަށް އަހަންނާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެ، ޔާނިއު ހިސާން ހޯދައިގެން އަހަރެން ކުރިމައްޗަށް ގެނައީ، އެވެސް މިރޭ، ވައި؟" ލިޒީގެ އަޑު ކުރަކިވެގެން އައި ވަގުތު ދެލޯވެސް ކަރުނުން ވިދައިގަތެވެ.

"ހިސާން އަކީ ލިޒީއަށް އެންމެ އެކަށީގެންވާ މީހާ، އޭނަ ލިޒީ އުފަލުގައި ގެންގުޅޭނެ." ޔާނިއުގެ މޫނަށް ބަލާލާފައި ލިޒީ ދެބުމަ ކައިރިކޮށްލިއެވެ.

"ޔާނިއު، އައި ޓޯލްޑް ޔޫ އެވްރިތިން އެބައުޓް ހިމް، އޭނަ އަހަންނަށް ކީއްވެ ހެޔޮވާންވީ، މި ހިސާން އޭ ބުނީ އަހަރެން ކައިރީ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން، އޭނަ އަހަންނަށް އަނިޔާކުރީ ބަނޑުބޮޑުކަން އެނގިގެން، ހީ މޭޑް މައި ލައިފް އޭޒް ހެލް، އެންޑް ޔޫ އާ ޓެލިން މީ، ހިސާން ވިލްބީ ބެސްޓް ފޮރ މީ." ލިޒީ ރުޅި ގަދަވެ ތުރުތުރުލައިގަތެވެ.

"ވަޓް އެވަރ ޔޫ ޓޯލްޑް މީ ވޯޒް އަ ލައި." ލިޒީއަށްވުރެ އަޑުގަދަކޮށް ޔާނިއު ހަޅެއްލަވައިގަތެވެ. ލިޒީ ސިއްސައިގެން ދިޔައެވެ،

އޭނާ ހުރީ ބަސްހުއްޓިފައެވެ. ޔާނިއު އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. "ލިޒީ، ބަނޑުބޮޑުކަން އެނގުމާއި އެކު އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ގޮސް ދަރިފުޅު ވައްޓާލަން މަސައްކަތް ކުރީ ލިޒީ، އެކި ފާޑުގެ ބޭސްތައް ކެއީ ލިޒީ، އެ ހުރިހާ ވަގުތެއްގައި ލިޒީއަށް އެންމެ އަޅާލީ ހިސާން، އޭނަ ހުރީ ލިޒީ ތި ދަރިފުޅާއި އެކު އެކްސެޕްޓްކުރަން ތައްޔާރަށް، ހިސާން އާއި ފިލައިގެން އައީ ލިޒީ، ލިޒީ ބޭނުންވީ ހަމައެކަނި އަހަރެން. ބިރުދައްކައިގެން ވިއަސް ނޫނީ ސިންޕަތީކޮށްގެން ވިއަސް، ހިސާން އާއި ބެހޭ ދޮގު ވާހަކަތައް ދައްކައިގެން އަހަރެން ހިތް އަތުލަން އުޅުނީ، އެވަރުން ނުވީމައި ބުލެކްމެއިލްކުރީ ލިޒީ، ޔޫ ހޭވް މޭޑް މައި ލައިފް އޭޒް ހެލް، " ޔާނިއު ހަޅެއްލަވައިގަތުމުން ހިސާން އައިސް ޔާނިއުގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ރުޅި މަޑުކުރާށޭ ބުނެލިއެވެ. " އާން، އަހަރެން ޔާނިއު ހޯދަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނަން، އަހަންނަށް މިހުރެވުނީ އެހާ ހިސާބަށް އާދެވިފައި، ޔާނިއު ޔޫ ހެވްޓް މެރީ މީ، ނޫނީ." ލިޒީ އައިސް ހިފީ ޔާނިއު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ.

"ކީއްކުރެވޭނީ؟ ވީޑިޔޯތައް ލީކުކޮށްލާނީ، މިހާރު ލިޒީ އަތަކު އެއްވެސް އެއްޗެއް ނުހުންނާނެ." ލިޒީގެ އަތް ފޮޅާލަމުން ޔާނިއު ބުނެލިއެވެ. ލިޒީ ހައިރާންވެފައި ބަލައިލީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ލޮކު ކޯޑު ޖަހައި ހުޅުވައި ބަލަން ފެށިއެވެ. ފޯނުން ހޯދަން ބޭނުންވާ އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ހާސްވެގެން ތެޅިގަތެވެ. "އަހަރެން އެ ޑިލީޓްކޮށްފިން." ޔާނިއު ހަމަޖެހިލާފައި ބުނެލިއެވެ.

"ކިހިނެއް؟" ލިޒީގެ އަޑު މަޑުވެގެން ދިޔައެވެ. "އަހަރެން ބުނީމެއްނު ދެދުވަސް ފަހުން ރަންކިޔަން އުޅޭ ވާހަކަ، އެރޭ ލިޒީ ހުރީ ވަރަށް އުފަލުން، ވަރަށް ގިނަ ވާހަކަ ދެއްކި، ކޮލެޖުގެ ވާހަކަތައްވެސް ދެއްކި، ބައެއް ފޮޓޯތައް ދައްކަން ލިޒީ ފޯނުގެ ޕާސްވޯޑް ޖެހީ އަހަރެން ކުރިމަތީ، ފަހުން ލިޒީ ލޫތު ހޭލައިގެން އުޅުނު ގަޑީ އަހަރެން ޑިލީޓްކުރީ،" ޔާނިއު ކިޔައިދިނެވެ. ލިޒީ ރުޅި އައިސް ހަޅެއްލަވައިގަތެވެ. އަތްދަމާފައި ޔާނިއު މޫނުމަތީ ޖަހަން އަތް މެޅިއެވެ. އެއަތުގައި ޔާނިއުއަށް ނުހިފެހެއްޓުނު ނަމަ އެ ހަމަލާ އަމާޒުވާނީ ޔާނިއުގެ މޫނަށެވެ. ލިޒީގެ ކުޑަހުޅަށްވުރެ ތިރީގައި ޔާނިއު ހިފަހައްޓާލިއިރު ރުޅި އައިސް އެ ހަށިގަނޑު ތުރުތުރުއަޅާކަން ޔާނިއުއަށްވެސް އެނގެއެވެ.

"އަހަރެން ހީކުރީ ލިޒީ ލޫތު ދެކެ ލޯބިވާކަމަށް، ހިސާން ކިޔައިދިނުމުން އަހަންނަށް ސާފުވީ ލިޒީ އެކުއްޖާ ދެކެ ކުޑަވެސް ލޯބިނުވާކަން، އެއީތަ ލިޒީ އަހަރެން ދެކެ ލޯބިވާ ގޮތަކީ؟ އެދަރިފުޅަކީ އަހަރެމެން ދެމީހުންގެ ނިޝާނޭ ލިޒީ ނުބުނަންތަ؟ އެކަމަކު އެކުއްޖާ މަރާލަން ލިޒީ ނުކުރަނީ ކޮން މަސައްކަތެއް؟ " ޔާނިއު ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. އެދެލޮލުގައި ވިދަމުން ދިޔަ ރުޅި އާއި ކެކުޅުން ލިޒީއަށް ފެނުނެވެ. އޭނާގެ ހިތް ޖެހިލުންވީ ފުރަތަމަ ފަހަރަށް ޔާނިއު އެހާ ރުޅި އައިތަން ފެނިފައެވެ. މީގެކުރިން ލިޒީ ބުނި ހާ ގޮތަކަށް ޔާނިއު ހެދިއެވެ.

"އަހަރެން ބޭނުމެއް ނޫން އެކުއްޖާއެއް، ފިރިހެނުންނަށް ނޫންކޮށްލާފައި ހުރިހާ ޒިންމާއަކުން ދުރަށްދެވޭ، ދެޓްސް ވަޓް ޔޫ ޑިޑް، ނުވަމަސްދުވަހު ރިހުމުގައި އުޅުނީ އަހަރެން، އަހަރެންގެ ނިންޖާއި އަރާމު ގެއްލުވައިލީ އެކުއްޖާ، އުފަންވީވެސް އެހާ ތަކުލީފާއި އެކު، އަހަރެންގެ ސިފަވެސް ހުތުރުކޮށްލައިފި، އަހަރެން ފޫހިވޭ އެދަރިފުޅު ދެކެ، އެކަމަކު ޔާނިއު ހާސިލް ކުރުމަށް އެއީ ހަމައެކަނި މަގަކީ، އެހެންވެ އަހަރެން ކިރިޔާވެސް ރުހުމުގެ ލޮލުން ބަލައިލަނީ، އެހެން ނަމަ މިހާރު.." ލިޒީގެ މޫނުމަތީ މީހަކު ޖެހިހެން ހީވެ ބަލާލިއިރު އެތަނުގައި އައިސް ހުއްޓުނީ ލިޒީގެ މަންމައެވެ. ޒަހީރާގެ ދެލޯ ފެންކަޅިވެ ފުރިފައި ވެއެވެ.

"ދަރިއަކު ރޯ އަޑަށް މައި ލަނގޮޑިއަށް ކެތެއް ނުވާނެއޭ މީހުން ބުނޭ، ގައިމު އަހަންނަށް ކެއްވާވަރު ކަމެއް ނޫން އެއީ، އެކަމަކު ކަލޭ ތިއީ މައެއް ނޫން، ކިތައްރޭ އެކުއްޖާ ރޮއިރޮއި ހާންތިވާއިރު އަޅާނުލައި އޮންނަނީ، ފަހުން އަހަރެން ކައިރީ އެކުއްޖާ ބޭއްވީ އެހެންވެ. އަހަރެން ހީކުރީ ލިޒީ ބަލީގެ ސަބަބުން ވާކަމެއްކަމަށް، އެހެންވެ އެއްޗެއް ނުބުނެ ކެއްކުރަނީ، އަމިއްލަ އެދުމައިގެން ކުޅޭ ކުޅިވަރެއްކަން އެނގުނު ނަމަ ކަލޭ ސަލާމަތްކުރަން އަހަރެން ފަރީލާގެ ފައިދޮށަށް އައިސް އާދޭސްނުވެސް ކުރީސް، ޖަލުގެ ތޭރިތައް ނޫން ތަނެއް ކަލެއަށް އެކަށީގެންނުވޭ." ޒަހީރާ ރޮމުން ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ޔާނިއުގެ ކައިރިއަށް އައިސް ހުއްޓުނު ފަރީލާގެ ފިޔަވަޅުގެ އަޑަށް ޔާނިއު ބަލާލިއެވެ. ލިޒީ އިސްޖަހާލިއެވެ. ޒަހީރާގެ ވާހަކަތަކުން އެނގި ހާމަވީ ލިޒީގެ ނުބައިކަމެވެ. އިތުރަށް ފަޟީހަވެ ޔާނިއުގެ ކުރިމައްޗަށް ހުށައެޅުނީއެވެ. ކުރިންވެސް ޔާނިއު ކުރީ ނަފްރަތެވެ.

"ލިޒް،" ހިސާންގެ އަޑަށް ލިޒީ އެނބުރުނެވެ. "އައި ސްޓިލް ލަވް ޔޫ، ލިޒީ ފުރައިގެން އައުމާއި އެކު އަހަރެން ހޯދަން މަސައްކަތްކުރިން، ކިޔެވުން ހުއްޓާލާފައި މިކޮޅަށް އައީވެސް އެހެންވެ. ޕްލީޒް،ހިނގާ އަހަންނާއި އެކު، ލިޒީ އުފަލުގައި ގެންގުޅޭނަން،" ހިސާން އާއި ދިމާލަށް ލިޒީ ހިނގައިގަތެވެ.

"ކަލޭ ނޫންތަ ބުނީ އަހަރެން ކަހަލަ ވިޔާނުދާ އަންހެނަކު މި އުޑުދޮށަކުން ނުދެކެމޭ." ލިޒީ އައިސް ހީވީ ހިސާންގެ މޫނު ނޮޅާލަން އުޅުނުހެންނެވެ. ލިޒީގެ ދެއަތުގައި ހިސާން ހިފެހެއްޓިއެވެ.

"އަހަރެން އެހެން ބުނިން، ލިޒީ ދެކެ އަހަރެން ރުޅި އައީމައި އެހެން ބުނެވުނީ، އަަހަރެން ވާން އުޅޭ އަންހެނުން އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނީމައި އެހެންވެސް ބުނެވޭނެ، ކޮންމެ ފިރިހެނަކު ނަމަވެސް ރުޅި އަންނާނެ، އެކަމަކު އަހަންނަށް ފަހުން އެނގުނު ލިޒީ ލަދުގަންނާނެވަރު، ލިޒީގެ ޕެއިން އެންމެ ކައރިން ފެނުނީ އަހަންނަށް، ލިޒީ ޑޮކްޓަރަށް ދައްކަންދިޔައީ އަހަންނާއި އެކު، ކައުންސެލިންވެސް ނެގީމެއްނު، ލިޒް،ޔޫ ހޭވް "ސްކިސްޒޯފްރޭނިއަރ" ، ލިޒްގެ މައިންޑްގައި ސިފަވެދާނެ ދުވަހަކުވެސް ނުހިނގާ ކަންތައްތަކެއް، ފިލްމަކުން ނޫނީ ވާހަކައަކުން ފެނި އެ މަންޒަރަކީ ލިޒީއަށް ދިމާވި ކަމެއްގެ ގޮތުގައި، ނޫނީ މާ ކުރީގެ ކަމެއް ތަކުރާރުކޮށް ސިކުނޑީގައި ހަރުލާފައި ހުންނާތީ، ލިޒީއަށް ކަންތައްކުރެވެނީ އެގޮތަށް، ރުޅި އާއި ނުބައި ސިފަތައް އަށަގަންނަނީ އެކަމުން ލިޒީ ސަލާމަތްކުރާނެ މީހަކު ނެތިގެން، އަހަރެން ލިޒީއަށް އެހީވާނަން، ތިއީ އަރައިނުގަނެވޭ ވަރުގެ ކަމެއް ނޫން، ޑޮކްޓަރުވެސް ބުނި ރަނގަޅުވާނެއޭ، "ހިސާން ގެ މޫނަށް ލިޒީ ބަލަން ހުރީއެވެ.

ބޮލުގެ އެއްފަޅީގައި އެއްއަތުން ލިޒީ ހިފަހައްޓާލިއެވެ. ދެލޯ މަރައިލީ ހިސާން ބުނި ފަދައިން އެ ކަންތައްތައް ތަކުރާރުވާން ފެށުމުންނެވެ. ކޮލެޖުގައި އުޅުނުއިރު ހިސާން އާއި ދިމާވި ދުވަސްތައް އޭނާގެ ބޮލު ތެރޭ އެނބުރެމުން ދިޔައެވެ. ބަނޑުބޮޑުވެގެން އުޅުނު ދުވަސްވަރު އެކަން އެނގިގެން ދިއުމުން ދެން ކަންތައްވީ ގޮތުގެ މަންޒަރުތައް ހީވީ ލޯމަތީ ސިފަވިހެންނެވެ. ބޭސްތައް ކައިގެން ބަނޑު ހުސްވަންދެން ހޮޑުލެވި ގައިގެ ވަރުދޫވެ ވެއްޓެން ދިޔަ ކިތަންމެ ފަހަރަކު ހިސާންގެ ދެއަތުން ލިޒީ ނަގައިގެން ގެނައި މަންޒަރުތައް އޭނާއަށް ސިފަވިއެވެ.

"ނޫން" އެހުރިހާ ކަމެއް ހަނދާންކުރަން ބޭނުން ނުވެގެން ލިޒީ ހަޅެއްލަވައިގަތެވެ. ރުޅި ގަދަވެ ތުރުތުރު އަޅައިގަތެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. އޭނާއަށް ހީވަނީ އެންމެން އޭނާގެ މައްޗަށް މަލާމަތްކުރާހެންނެވެ. އެންމެންގެ ސޫރަތައް ފުސްވަމުން ދިޔައެވެ. ދެން ޚަބަރު ހުސްވެގެން ލިޒީ ވެއްޓުނެވެ.

***

ނައިރާ އޮތީ ޔާނިއުގެ ޚަބަރެއްވޭތޯއެވެ. އެގޭގައި ކަންތައް ހިނގީ ކިހިނެއްތޯ އެނގެން ބޭނުންވެފައެވެ. މީގެ ދެދުވަސްކުރިން އެގެއިން ނިކުމެގެން އާއިރު ޔާނިއު އާއި މެދު ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުމެއް ހުއްޓެވެ. އޭގަ ފަހުން އެރޭ ޔާނިއު ގުޅިއެވެ. ބައްދަލުކުރަން އެދުނެވެ. ހިސާން އާއި ބައްދަލުކުރަން ދާއިރު ނައިރާ ދިއުމަށް އެދުނެވެ. ނައިރާއަށް އޮތީ ހިސާން އުޅޭ ގޭ ކުރިންވެސް އެނގިފައެވެ. އެހެންވެ ޔާނިއު އާއި އެކު ދިޔައީ ސީދާ އެގެއަށެވެ.

ހިސާންވީ ހީކުރިވަރަށް ވުރެ ހަމަޖެހޭ މަޑުމައިތިރި މީހަކަށެވެ. ލިޒީ ސިފަކޮށްދިން އެއްވެސް ސިފައެއް ހޭކިފައިވެސް ނެތް މީހަކަށެވެ. ލިޒީ ދެކެ ހަޤީޤީ ލޯބިވާ މީހަކަށެވެ. ޔާނިއު އަކީ ކާކުކަން ހިސާންއަށް އެނގުނީ ލިޒީގެ ފަރާތުންނެވެ. ލިޒީގެ ގިނަ ކަންތައް ފެނިފައިވީ ހިސާންއަށެވެ. އެކަމަކުވެސް ލިޒީގެ މައްޗަށް އޮތް ލޯބި މަރުނުވެ ހިސާންގެ ހިތުގައި އޮތެވެ. ލިޒީ އާއި ޔާނިއުގެ ކައިވެނި ހުއްޓެވޭނެ މީހަކީ ހިސާންއެވެ. އެކަމަކަށް ހިސާން ދެކޮޅެއް ނުހެދިއެވެ. ބަދަލުގައި އެއްޗެއް ބޭނުން ނޫންކަމަށްވެސް ބުންޏެވެ.

ހިސާންއަށް ލިޒީގެ ޚަބަރެއް ނޭނގިފައި އޮތީ މާލޭގައި އުޅޭ އެޑްރެސް ނޭނގޭތީއެވެ. ލިޒީ އާއި އެކު ގާތްގުޅުމެއް ބޭއްވި ނަމަވެސް ލިޒީގެ އާއިލާ އާއި ބެހޭ މައުލޫމާތު ލިޒީގެ ފަރާތަކުން ނުލިބެއެވެ. އެކަން ހޯދާން ހިސާން ނުވެސް އުޅެއެވެ. ލިޒީ ކުއްލިއަކަށް ފިލައިގެން އަތުވެދާނެކަމަށް ހީކުރެވިފައި ވެސް ނެތީއެވެ. ނައިރާގެ ކޮޓަރީގައި ޓަކިދިން އަޑަށް ނައިރާ އަވަހަށް ތެދުވިއެވެ. ހިތާއި ހިތުން އެއީ ޔާނިއުއަށް ވޭތޯ ދުޢާކުރެވުނެވެ. ދޮރު ހުޅުވުނު އިރު ފެނުނީ ދޮރުމަތީގައި ހުރި ވަހީދާއެވެ. ނައިރާ ކައިރީ އަންނާށޭ ބުނެފައި ހިނގައިގަތުމުން ނައިރާވެސް ފަހަތުން އައެވެ. ސިޓިންރޫމްގައި ނައިރާގެ އިންތިޒާރުގައި އިނީ ޔާނިއުއެވެ.

***

ހޮސްޕިޓަލުގައި ލިޒީއަށް ފަރުވާދެމުން ދިޔައެވެ. ބޭރުގައި ލިޒީގެ އާއިލާ ތިއްބެވެ. ވަކިން ހިސާން އިނެވެ. އޭނާގެ ކައިރީ ޔާނިއު އިނެވެ. ލިޒީ ހޭއެރުމާއި އެކު ހަޅެއްލަވައި އަޑުގަދަކުރަމުން ދިޔައެވެ. ކެނިއުލާ ނައްޓާލައި އެނދުން ފުންމާލަން އުޅެއެވެ. ދިހަ ބާރަ މީހުންވެގެން ހިފަހައްޓާ އިންޖެކްޝަނުން ނޫނީ މަޑުނުކުރެވެއެވެ. ޒަހީރާ ރޮއި ރޮއިފައި ދައްކަނީ އެއް ވާހަކައެކެވެ. ލިޒީ ހުރީ ކުއްޖަކު ބަލާ ފަދަ ހާލަތެއްގައި ނޫންކަމެވެ.

"އަހަރެން ލޫތު ބަލައިދޭނަން." ނައިރާގެ އަޑަށް އެންމެން ސިހުނެވެ. ފަރީލާ އާއި އެކު ނައިރާ އައިސް ހުއްޓުނީ ޒަހީރާގެ ކުރިމަތީގައެވެ. ލިޒީގެ ޒިންމާ ނަގަމުން ލޫތު ބެލުމަކީ ޒަހީރާއަށް އެކަނި ކުރެވޭވަރަށްވުރެ ބުރަކަމެކެވެ. ލިޒީގެ ފަރާތުން ލޫތުއަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ހުރިހާ ދެރައެއް އެ ތުއްތު ކުއްޖާއަށެވެ. ދުނިޔެއަށް އުފަންވީ ޝަރުއީ ބައްޕައެއް ނެތް ގޮތުގައެވެ. މިއަދު ޔާނިއު އެއްބަސްވިއަސް ލިޔެކިއުމުން އެގޮތެއް ބަދަލެއް ނުކުރާނެއެވެ.

ނައިރާގެ ނިންމުމަށް އެއްވެސް މީހަކު ދެކޮޅެއް ނުހަދައެވެ. ޒަހީރާވެސް ނައިރާއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ލިޒީ ހަމަޖެހުމުން ޒަހީރާ އެތެރެއަށް ވަނެވެ. ލޫތު ކޮބައިތޯ ނާހާނަންތޯ ލިޒީކުރެ އެހިއެވެ. އެދަރިފުޅު ދެކެން ބޭނުން ނުވާކަމަށް ލިޒީ ބުންޏެވެ. ނައިރާ ގެންދަންވީތޯ އެހުމުން އެސުވާލަށްވެސް ލިޒީ ޖަވާބު ދިނީ އެފަދައިންނެވެ.

***

ފަރީލާ އެކަނިވެފައި ކޮޓަރި ތެރޭ އޮތެވެ. ޝަމާއިލް ފޯނު ނުކުރާތާގައި ފަރީލާއަށްވެސް އިސްވެ ގުޅަން ނުކެރިފައެވެ. ޔާނިއު ލިޒީ އާއި ކައިވެނި ނުކުރާކަން އަންގަން ބޭނުންވިއެވެ. އެއީ ޝަމާއިލް ރުހޭ ހަބަރަކަށްވެގެން ދާނެއެވެ. އެކަނި އޮންނަން ޖެހުމުން ޝަމާއިލް ކީ އެއްޗެހިމަތިން ފަރީލާ ހަނދާންވެއެވެ. އެންމެ ދެރަވީ ނައިރާއަށް ކިޔުނު އެއްޗެހިމަތިން ހަނދާންވީމައެވެ. ޝަމާއިލް ބުނިހެން ނައިރާ ގެ ކިބައިން މަޢާފަށް އެދެންޖެހޭވަރުގެ ބަސްތައްވެސް ވަނީ ބުނެވިފައެވެ.

ޔާނިއުގެ ދިރިއުޅުމަށް އެންމެ ރަނގަޅުވާނީ ނައިރާކަން މިއަދު ޤަބޫލުކުރެވެއެވެ. ޔާނިއުގެ މޫނުމަތިން މިއަދު އުފާވެރިކަން ފެންނަނީ ނައިރާގެ ސަބަބުންނެވެ. ނައިރާ ވެދިން އެހީތެރިކަމުގެ ސަބަބުންނެވެ. އެހެން އަންހެނަކު ނަމަ ޔާނިއު ކަހަލަ މީހަކަށް ދެވަނަ ފަހަރަށް އިތުބާރެއް ނުކުރާނެއެވެ.

ހަމައެކަނި ނައިރާ ކިބައިންނެއް ނޫނެވެ. އޭނާގެ ހުރިހާ ދަރިންގެ ކިބައިންނެވެ. އެކުދިންގެ ކާފައަށް ހެދުނު ގޮތް ހަނދާންވީމައި ލޮލުން ކަރުނަ ހިލެއެވެ. ޝަމާއިލް އެނބުރި އަންނާނީ ފަރީލާގެ ނިޔަތް ރަނގަޅުވީމައި ކަންނޭނގެއެވެ. ފަރީލާ ހިތްވަރުކޮށްފައި ޝަމާއިލްއަށް ގުޅިއެވެ. އެގޭތެރޭގެ ކަންތައް ކިޔައިދިނެވެ. ޝަމާއިލް ހުރީ ހަމަޖެހިފައެވެ. އޭނަ އާއި އެކު ގެއަށް އަންނަން ބައްޕަ އެއްބަސްވެފައި ވާތީއެވެ.

***

ލޫތު އެގެއަށް ގެނައުމަށްފަހު ނައިރާ މަސައްކަތް ކުރީ ދައުލަތުގެ އެހީ އާއި އެކު އޭނާގެ ބެލެނިވެރިކަމަށް ލޫތު ބަދަލުކުރާށެވެ. އެ މަސައްކަތުގައި ލިޒީ ދެފަހަރަކު ކޯޓަށް ހާޟިރުކުރެވުނެވެ. ލިޒީ ކޮންމެ ފަހަރަކުވެސް ޖަވާބު ދެނީ އެގޮތަށެވެ. ލޫތު ބޭނުން ނުވާކަމަށް ބުނެއެވެ. ލިޒީ އަކީ ނަފްސާނީ ބައްޔަށް ބޭސްކުރަންޖެހޭ މީހަކަށްވާތީ ލިޒީއަށް އެ ޒިންމާ ނަގަން މަޖުބޫރެއް ނުކުރެއެވެ. ނައިރާއަށް އެކަން ކާމިޔާބުވިއެވެ. ހިސާން ދިން އުއްމީދުން ލިޒީއަށް ވަކި ބަދަލެއް ނައެވެ. އެންމެ ފަހުން ގުރައިދޫއަށް ބަދަލުކުރަންޖެހުނެވެ. ހިސާން އަށް އޮތީ ކެއްތެރިވުމެވެ. ލިޒީ އެނބުރި އަންނަންދެންނެވެ. ޝަމާއިލް އެނބުރި އައީ ބައްޕަ ގޮވައިގެންނެވެ. އިސްމާއިލްގެ ފަރާތުން މޢާފަށް އެދި މަޢާފްލިބުނީމައެވެ. އެކޮޅުގައި ޝަމާއިލް މަޑުކުރީ ބައްޕަ އާއި އެކު ނޫންވެ ނާންނާށެވެ. ޔާނާއަށްވީ ވައުދު ފުއްދަން ޝަމާއިލް ބޭނުންވިއެވެ. ހުރިހާ ދަރިންވެސް ޝަމާއިލްއަށް މުހިއްމެވެ. ޔާނާ ދަސްކޮށްދިނީ ވަރަށް މުހިއްމު ފިލާވަޅެކެވެ. އިސްމާއިލްގެ ކިބައިން ފަރީލާވެސް މަޢާފަށް އެދުނެވެ. އެ އާއިލާއަށް އުފާވެރިކަން ލިބިއްޖެކަމުގެ ފޮނި އިހްޞާސްކުރެވުނީ އެންމެން އެއްތަނެއްގައި ބައްދަލުވީމައެވެ. ލޫތުވެސް ހިމަނައިގެން އާއިލާ އާއި އެކު ނެގި ފޮޓޯ ޔާނާއަށް ފޮނުވިއެވެ. ޗުއްޓީ ލިބޭހާ އަވަހަށް ޔާނާ ހުރީ އަންނަން ބޭނުންވެފައެވެ.

***

ލޫތު ރޮއިގެން އަޑަށް ނައިރާ ދިޔައީ ސިއްސައިގެންނެވެ. ހޭލެވުނުއިރު ލޫތުގެ އެނދުކައިރީ ކޮޅަށް ހުރީ ޔާނިއުއެވެ. ޔާނިއުގެ ހިޔަނިވުމުން ލޫތުގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ނައިރާ އައިސް ޔާނިއުގެ ފުރަގަހުގައި ހުއްޓުނެވެ. ލޫތު އުރާލާފައި ޔާނިއު އަނެއްއަތުން ނައިރާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. "ތެންކިއު" ޔާނިއު ބަލައިލީ ޝުކުރުވެރިވާ ހާލުގައެވެ. ނައިރާގެ ކިބައިން ފެނުނު ކެއްތެރިކަމަކީ އެދެމީހުންގެ ގުޅުން ވަކި ނުވެ އޮތް ސަބަބެވެ. ދެވަނަ ފަހަރަށް ނައިރާގެ އިތުބާރު ގެއްލޭފަދަ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ޔާނިއު ދޭން ބޭނުމެވެ. އެކަމަކު ދުލުން ބުނާ ބަހެއްގެ ގޮތުގައެއް ނޫނެވެ. އުމުރުގެ ބާކީބައި އެކަން ދައްކައިދޭނީ އަމަލުންނެވެ.

ލިޒީ އަކީ ޔާނިއުއަށް ފެނުނު ކަޅު ހުވަފެނެވެ. އޭގެ ސަބަބުން އިބްރަތް ހާސިލްވެއްޖެއެވެ. - ނިމުނީ -

Popular