18 Feb 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ފެބްރުއަރީ 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ޔެސް އައި އޭމް..." ސާހިލް ހިނިތުންވެލާފައި ކުރިއަށްވުރެ ކައިރިވެލި އެވެ.

އަހަރެން ދެން ބުނަން އުޅުނު ޖުމްލަ ވިރިގެންދިޔައީ ސާހިލްގެ ދެތުންފަތް ދޭތެރެއަށެވެ. އެއްފަހަރު ތަޖުރިބާ ކުރެވުމުން ދެވަނަ ފަހަރު އެލިބޭ ޝޮކްގެ މިންވަރު ކުޑަވާނެކަމަށް ކުރިން އޮތީ ހީވެފަ އެވެ. އެކަމަކު އެއީ އަނެއްކާ ވެސް ކުރެވުނު ކުށްހީއެއްކަން އެވަގުތު ސާބިތުވި އެވެ. ކުޑަ ހިނދުކޮޅަކަށް އަހަރެން ގަނޑުވި އެވެ. ދެން އަލުން ހަރަކާތް ލިބުނުއިރު ހުރަހަކަށް އެމޭގައި ވިއްދައިލި ދެއަތުން ސާހިލްގެ ޓީޝާޓްގައި ހިފާ ބޮނޑިކޮށްލާފައި ގެނެވުނީ ކައިރިއަށެވެ.

ސާހިލް ނޭވައަކަށް ދުރަށް ޖެހިލިއިރު އަހަރެންގެ މޭ ނެގިނެގިފައި ޖެހެމުން ދިޔަ އެވެ. އަހަރެންގެ ދެފަރާތުން ކަކޫމައްޗަށް ތެދުވެ ޓީޝާޓްގެ ކަރުވަޅުގައި ހިފައި ގަޔާއި ވަކިކޮށްލީ އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްނުލަ އެވެ. އެލޮލުން އަހަންނަށް ބަލަމުންދިޔަ ގޮތުން ވެސް ލޯލިތައް ކޮޅަށް ހިއްލުނެވެ. ދެތުންފަތް ކުޑަކޮށް ހުޅުވިފައި ހުރިއިރު އަހަރެން ފަދައިން ސާހިލްގެ ނޭވާ ވެސް ހުރީ ފުންވެފަ އެވެ.

"އައިމް ގޯއިން ޓު އަންޑްރެސް ޔޫ...." ސާހިލްގެ އަޑު ނިކުތީ އާދައިގެ ވަރަށްވުރެ މާ ބަރުކޮށެވެ.

އަހަރެންގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާއި ހަމައަށް މަޑުމަޑު ތުރުތުރެއް ދަތުރުކޮށްލި އެވެ. ސާހިލް މަޑުކޮށްގެން ހުރީ އަހަރެންގެ ޖަވާބަކަށެވެ. ވާހަކަދައްކަން އުޅުނަސް އަޑު ބޭރުވާނެކަމުގެ ޔަޤީންކަމެއް ނެތުމުން އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. އެވަގުތު ސާހިލް ފެށީ އަހަރެންގެ ކަންފަތުގައި އިން ބޮޅާއި ހަމައިންނެވެ. ފަހަރަކު ބޮޅެއް ކަންފަތުން ވަކިކޮށްލާފައި ސައިޑު ޓޭބަލްމައްޗަށް ދޫކޮށްލުމަށްފަހު ބޮލުން ދޫވެގެން އައިސް އިސްތަށިގަނޑުގެ މެދާ ހިސާބުގައި ހަރުލާފައިވާ ވޫލްކޮޅު ވެސް ނެގި އެވެ.

އެވޫލްކޮޅު ވެސް ދެން އޮތީ ސައިޑު ޓޭބަލްމަތީ ހުރި އެހެން އެއްޗިއްސާއެކުގަ އެވެ. ސާހިލްގެ ނަޒަރު އަހަރެންގެ މޫނުން ހަށިގަނޑަށް ހުއްޓާލައިފައި އަހަރެން ލައިގެން އޮތް ދޫ ޓީޝާޓްގެ ތިރީކައިރީ ހިފާ އުފުލާލިއިރު ބަނޑުގެ އެއްފަރާތުގައި އެއިނގިލިތައް ބީހުނެވެ. އަހަންނަށް ކުރެވުނު ކަމަކީ ނޭވާ ހިފަހައްޓައިލުމެވެ. އެއާއެކު ސާހިލްގެ ނަޒަރު އަނބުރާ އަހަރެންގެ މޫނަށް ހުއްޓުނެވެ. ނަޒަރު ވަކިކޮށްނުލާ އިނދެގެން މަތިން ތިރިއަށް އިނގިލިތައް ހިންގައިލީ އަހަރެންގެ މޫނަށް ވާގޮތް ބަލަންވެގެންނެވެ. އަނގައިން ބޭރުވާން އުޅުނު އާހްގެ އަޑު އަހަރެން ހިފެހެއްޓީ ތުންފަތުގައި ދަތްއަޅާލައިފަ އެވެ. އެއަމަލާއި ސާހިލް މާ ހިތްހަމަޖެހުނު ހެނެއް ހިއެއްނުވެ އެވެ. ކައިރިކޮށްލެވުނު ދެބުމަ އޭގެ ހެއްކަކަށް ފުދުނެވެ.

"ވިތް މީ، ޔޫ ޑޯން ނީޑް ޓު ހޯލްޑް ބެކް...." ސާހިލްގެ ވާހަކައިން އޭނަގެ ހިތުގައި އޮތް ގޮތް ހާމަވި އެވެ.

އަހަރެންގެ މެއަށް ވާންވެލި އެވެ. އެކަމަކު މިރޭ އަހަރެން ބަލިކަށިވެ ކަރުނަ އޮއްސާކަށް ބޭނުމެއް ނޫނެވެ. މިރޭ އަހަރެން ބޭނުމީ ސާހިލްއާއެކު މުޅިން އާ ބާބެއް ފަށާށެވެ. މާޒީގައި ވީހައި ހިތްދަތި ދުވަސްތަކެއް ހަނދާން ނައްތާލައިފައި މުޅިން އާ ހަނދާންތަކެއް ޤާއިމު ކުރާށެވެ.

ސާހިލްގެ މަސައްކަތް ނިމުމުން އެލޮލުން އަހަންނަށް ބެލީ ލޯއްބާއި އަޖައިބުން ފުރިގެންވީ ބެލުމަކުންނެވެ. ތަކުރާރުކޮށް "ބިއުޓިފުލް" އޭ ބުނެލިއިރު އަހަރެންފަދަ ފުރިހަމަކަމެއް ލިބިފައިވާ ދެވަނަ އިންސާނަކު އޭނަގެ މުޅި އުމުރުގައި ދެކެފައި ނުވާފަދަ އެވެ. އަމިއްލަ ހަށިގަނޑުން ސާހިލްއަށް އުނިކަމެއް ފެނިދާނެތީ ކުރިން ޖެހިލުންވި ނަމަވެސް އެވަގުތު އެހުރިހާ ނުތަނަވަސްކަމެއް ވަޔަށް ބުރައިގެންދިޔަ އެވެ. ކަސްރަތެއް ނެތި ގޮނޑީގައި އިންނާތީ ހަންގަނޑުގެ ދަށަށް އިތުރުވެފައިވާ މަސްކޮޅަކީ އަހަރެން ހަނދާންހުރި އެއްޗަކަށް ވެސް ނުވި އެވެ. އަހަރެންގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ވަކިވަކިން ކޮންމެ ތަންކޮޅަކަށް ސާހިލްގެ ސަމާލުކަމާއި ލޯބި އޭގެ އެންމެ މަތީ ދަރަޖައަށް ލިބުނެވެ. އަހަރެންނަކީ ނުކުޅެދުންތެރިއެއްކަން އެންމެ ހިނދުކޮޅަކަށް ވެސް އިހްސާސްވިޔަކަ ނުދެ އެވެ. އެނުކުޅެދުންތެރިކަމަކީ އަހަންނާއި ސާހިލްގެ އެހުވަފެނީ ވަގުތުކޮޅަށް ހުރަހެއްކަމުގައި ޤަބޫލު ކުރާނެ އެއްވެސް ފުރުސަތެއް ނުދެ އެވެ. އެނދުގައި ހިމޭންވެ ނޭވާ ހަމައަކަށް އެޅުމާއި ހަމައަށް އަހަންނަށް ހީވީ އެހެން ދުނިޔެއެއްގައި އުޅެވުނު ހެންނެވެ. ހީވީ ކުޅެދޭ މީހެއްގެ ހަށިގަނޑުތެރޭ ހުރެގެން އެވަގުތުތަކުގެ އުފާލިބިގަނެވުނު ހެންނެވެ. ހީވީ އެކްސިޑެންޓްގެ ކުރިއަށް ދަތުރުކޮށްފައި ދެވުނު ހެންނެވެ. ސާހިލް އަހަންނަށް އެކުރީ ކީއް ހެއްޔެވެ؟ އެއީ އޭނަ އަހަންނަށް ޖެއްސި ސިހުރެއް ހެއްޔެވެ؟

"ޔޫ އޯކޭ؟" ދާހިލި ތެމިފައިވާ ނިއްކުރީގައި ތަތްލާފައިވާ އިސްތަށިކޮޅެއް އެއްފަރާތްކޮށްދެމުން ސާހިލް ސުވާލުކުރި އެވެ.

އެއަޑުގައި ލޯއްބާއި އަޅައިލުމެވެ. އަހަރެން ބޯޖަހައިލުމުން ކައިރިވެލާފައި ކޯތާފަތުގައި ބޮސްދިނެވެ. އެމޭމަތީ އަހަރެން ބާއްވާލައިފައި އެބާރުގަދަ ދެއަތުގެ ހިމާޔަތް އަހަންނަށް ދިނެވެ. ނިދިން ބަރުވެފައިވާ އެސްފިޔަތައް މެރުމުގެ ކުރިން ސާހިލް އަހަރެންގެ އިސްތަށިގަނޑުގައި ބޮސްދިންކަން އިހްސާސްވި އެވެ. އޭރު އަހަރެންގެ ނޭފަތުގައި ހަރުލާފައި ހުރީ ސާހިލްގެ ހަށިގަނޑުން ދުވާ މީރުވަހެވެ. ސާހިލްގެ ހިތް މޭގެތެރޭ އޮވެ ތެޅެމުންދިޔަ ކަމުގެ އިހްސާސް ކޯތާފަތަށް ކުރެވެމުން ދިޔަ އެވެ.

ދެން އަހަންނަށް ހޭލެވުނު ކޮޓަރިތެރެ އަދި ވެސް އަނދިރި އެވެ. އެކަމަކު އަހަރެންގެ ކައިރީގައި ސާހިލްއެއް ނެތެވެ. އަތުން ލޯ އުނގުޅާލައިފައި އެއްއަތުގެ އެހީގައި ތެދުވެލައި ބާލީހުގައި ލެނގިލީމެވެ. ވަށައިގެން ހޯދާލައިފައި ގަޑި ބަލައިލަން އުޅެނިކޮށް ސިއްސައިގެން ގޮސް ނޭވާ ހިފަހައްޓައިލެވުނެވެ. ސާހިލް ސަޖިދައިގައި އޮވެފައި ކޮޅަށް ތެދުވީ އެނދާއި ތަންކޮޅެއް ދުރުގައި ހުރި ލައުންޖް ގޮނޑި ކައިރިންނެވެ. ތެޅެމުންދިޔަ ހިތާއި ދިމާލުން އަތް އަޅައި ބާރުކޮށްލައިފައި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ގަޑި ބަލާލިއިރު ފަތިސް ނަމާދު ބަންގި ގޮވަން އަދި ގަޑިއެއްހާއިރު ހުއްޓެވެ. އަނެއްކާ ވެސް ތިރިވެ ބާލީހުގައި ބޯ އަޅައިގެން އަހަރެން އޮތީ ސާހިލްގެ ހަރަކާތްތަކަށް ބަލާށެވެ. އެކަމަކު އޭނަ ނިމިގެން ނުތެދުވަނީސް އަނެއްކާ ވެސް ނިދުނެވެ.

ހެނދުނު ލޯ ހުޅުވާލުމާއެކު ފުރަތަމަ ވެސް އިހްސާސްވީ ދުރުން އަހަރެންގެ މޫނަށް ހުއްޓިފައިވާ ސާހިލްގެ ލޮލެވެ. އެދިމާއަށް ބަލާލިއިރު ލައުންޖް ގޮނޑީގައި ސާހިލް އިށީނދެ އިނީ ފެންފުޅިއެއްގައި ތުންޖަހައިގެން ބޯށެވެ. ޓެނިހަކަށް އަރައި ބާޓީޝާޓަކާއި ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ޓްރެކްސޯޓެއްގައި އިންއިރު އިސްތަށިގަނޑާއި ނިއްކުރިން ދަލުގެ އަސަރު ފައުޅުވާން ހުއްޓެވެ. ގައިގައި އޮތް ޓީޝާޓް ވެސް މެއާ ދިމާލުން ތެމިފަ އެވެ. ފެން ފުޅި ބަހައްޓާފައި ބޫޓާއި ސްޓާކިން ބޭލުމަށްފަހު އޭނަ ތެދުވި އެވެ.

"ހާދަ ވަރަކަށް ތި ނިދަނީ، ޑިޑް އައި ވޯރ ޔޫ އައުޓް ލާސްޓް ނައިޓް؟" ސުވާލުކުރިއިރު ސާހިލްގެ އަޑުގައި ލާނެތްކަންވި އެވެ.

އަހަރެން ލޯހަނިކޮށްލި ނަމަވެސް މޫނަށްވެރިވި ލަދުރަކިކަން ސިއްރެއްނުވި އެވެ. ސާހިލް ޓީޝާޓް ބާލާފައި ކަނދުރާގެ ފަހަތުގައި އަޅުވާލަމުން ލުއި ހިނިގަނޑެއް ޖަހާލައިފައި ގޮސް ފާޚާނާއަށް ވަނެވެ.

ހެނދުނު ސަޔަށް ސާހިލް އަހަރެން ގެންދިޔައީ މަންމަމެންގެ ގެއަށެވެ. އަހަރެމެން ގޮސް ދިހަ ވަރަކަށް މިނިޓްތެރޭގައި ރާޔާ ވެސް އޮފީހުގައި އުޅެފައި ބައިވެރިވާން އައެވެ. ދޮންތަގެ ފުރުން ޖެހިގެން އޮތް ދުވަހަށް ހަމަޖެހިފައި އޮތުމުން އެއީ އަހަރުމެން އެންމެން އެގޮތަށް ބައްދަލުވާ ފަހު ދުވަހަށް ވެދާނެ ކަމުގައި ޤަބޫލުކުރެވުނެވެ. ދޮންތަގެ ފިރިމީހާ ގަދަ ހުމެއް އައިސްގެން އެކަނި އުޅެން އުދަނގޫވާނެތީ ދޮންތަ ކުއްލިއަކަށް ފުރަން ނިންމީ އެވެ. ދޮންތަބެއަށް ޗުއްޓީ ލިބޭހާ އަވަހަކަށް އަނެއްކާ ވެސް އަހަރުމެން ކައިރިއަށް އަންނާނެކަމުގެ ޔަޤީންކަން ދޮންތަ ދިނެވެ.

ތުއްތު ތުއްތު ޔަލާ އުނގަށް ލައިގެން އަހަރެން އިންއިރު ސާހިލް ވެސް ދޭތެރެއަކުން ޔަލާގެ އަތުގައި ނޫނީ ކޮލުގައި ކޮށްޓައިލަ އެވެ.

"އުންމީދު ކުރަން ވަރަށް އަވަހަށް އުފާވެރި ޚަބަރަކާއިގެން ދޮންތައަށް ގުޅާނެކަމަށް." އަހަރެމެން ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިނދެފައި ދޮންތަ ބުނެލި އެވެ.

އެއަޑު އަހާފައި އަހަރެންގެ މެއަށް ފިނިވެގެން އައެވެ. ކުއްލިއަކަށް ދޮންތަގެ މޫނަށް ބަލާލެވުނީ ލޯ އަޅައިލަމުންނެވެ. ދޮންތަގެ ހުނުމުގެ އަޑު ވީ ގަދަ އެވެ. މަންމަ އާއި ރާޔާ ވެސް ހިނި އައިސްފައި ތިބެގެން ނަޒަރު ބަދަލުކޮށްލިކަން ފާހަގަވި އެވެ. ސާހިލްގެ ނަޒަރު އަހަންނަށް ހުރިކަން އިހްސާސްވެގެން ބަލައިލިއިރު އެލޮލުން ފެނުނުހެން ހީވީ ކަމެއް ހޯދަން ބަލާފަދަ ކުލައެކެވެ. ހަތަރުކަޅި ހަމަވުމާއެކު ސާހިލް އެއްލޯ މަރައިލުމުން ރަކިވެގެން އަހަރެން އަވަހަށް ޔަލާއަށް ސަމާލުކަން ހުއްޓައިލީމެވެ.

މަންމަ ބަލަން ހަވާލުވެ ހުރި ކުއްޖާ އައުމުން ސާހިލް ކުރު ޗުއްޓީއެއް ނަގައިގެން އަހަރެން ގޮވައިގެން ފުރީ އެމެރިކާ އަށެވެ. އޭނަގެ ހަމައެކަނި މަޤްސަދަކީ ހަނީމޫން ހެދުމެއް ނޫނެވެ. މާކުރިއްސުރެ ސާހިލްގެ އެކުވެރިއަކު މެދުވެރިކޮށްގެން ޑޮކްޓަރެއްގެ މައުލޫމާތު ހުރީ އެއްކޮށްފަ އެވެ. ޕެރެލައިޒް ވެގެން ނުހިނގިފައިވާ ގިނަ ބަޔަކަށް އެމީހާ ކުރާ ޗައިނީޒް ބޭހަކުން ފަރުވާލިބި ރަނގަޅުވެގެން ހިނގާފައި އެބަހުއްޓެވެ. އެއިގެ ތެރެއިން ވެސް އަދި އެކަކީ ސާހިލް ފަދައިން ފިޒިއޯތެރަޕިސްޓެކެވެ.

އަހަންނަށް ހިނގޭނެ ކަމަށް ސާހިލް އަދި ވެސް އުންމީދު ކުރާކަން އޭނަގެ ވާހަކަތަކުން އެނގެ އެވެ. އެކަމަކު އަދި އެއަށްވުރެ މޮޅު އެހެން ގޮތިއްޔާ އެގޮތެއް ވެސް ހޯދައި ލިބިގަތުމަކީ ނެތްކަމެއް ނޫނެވެ.

މަންމަ ދޫކޮށްލާފައި ގޮސް ތިބެވެން ނެތުމުން ފަރުވާގެ ކަންތައް ކުރިއަށް ދިޔައީ މަދު ދުވަސްކޮޅަކަށެވެ. ސާހިލް ދެމުން ގެންދާ ފަރުވާތައް މިހާރެކޭ ވެސް އެއްގޮތަށް ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ޑޮކްޓަރު ލަފާދިނެވެ.

އެނބުރި އަންނަން ތައްޔާރުވެފައި ހުއްޓާ ސާހިލްއަށް ކޮންމެވެސް މީހަކު ފޯނު ކުރި އެވެ. އެފޯނުން ވާހަކަދައްކާފައި އައީއްސުރެ ސާހިލްގެ މޫޑު ރަނގަޅެއް ނުވެ އެވެ. އަހަރެން ސުވާލު ކުރީމައި ވެސް ކިޔައިދޭކަށް ނޫޅުނެވެ. ރިހުން އެކުލެވިފައިވާ ލޮލަކުން ކިތަންމެ އިރަކު ބަލަން އިނދެފައި މާފަށް އެދުމަށްފަހު ތެދުވެގެން ދިޔައީ އަހަންނާއި ދުރަށެވެ. އަހަރެން ހީކުރީ އެވާހަކަ ނުބުނުމުން އަހަރެންނަށް ލިބިދާނެ ހިތްހަމަނުޖެހުމަކަށްޓަކައި މާފަށް އެދެނީ ކަމަށެވެ.

އެރޭ އެހެން ހުރިހާ ރެއަކަށްވުރެ ގިނަ ވަގުތު ސާހިލްގެ އަތުތެރޭގައި އަހަރެން ހޭދަކުރީމެވެ. ހީވީ އޭނަގެ ހިތް ނުފުރިގެން އުޅޭހެންނެވެ. ހީވީ ދެން އޭނައަށް އަހަރެން ދެން ނުފެނިދާނެތީ އެންމެ ރެއަކުން ދެން އޮތްހާ ދުވަހަކަށް ބޭނުންވާ ހުރިހާ އުފަލެއް ހާސިލްކުރަން ނިންމައިގެން އުޅުނު ހެންނެވެ. ނިދި ލިބުނީ އެހާ ކުޑަ ވަގުތުކޮޅަކަށެވެ. އަނެއްކޮޅުން ކުރަން އޮތީ ދިގު ދަތުރެކެވެ. އޭގެ ނަތީޖާއަކަށް ވީ ކޮންމެ ދަތުރެއްގެ މަތީ ފްލައިޓް ތެރޭ ނިދިޖެހުމެވެ. އެކަމަކު ސާހިލް ނިދިހެނެއް ހިއެއްނުވެ އެވެ. އަހަރެން ހޭލެވިގެން ބަލާއިރު އޭނަ އަބަދުވެސް އިންނަނީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެލޮލުގައި އަހަންނަށް ތަރުޖަމާކުރަން ނޭނގުނު ކުލައެކެވެ.

"މިދަތުރަކީ އަހަރެންގެ މުޅި އުމުރުގައި ވެސް ދެކުނު އެންމެ އުފާވެރި ދުވަސްތައް. މިއަދު މަރުވިއަސް އަހަރެން މަރުވާނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާގެ ގޮތުގައި...ސާހިލްގެ ފަހު ޖުމްލަ އަހާފައި އަހަރެންގެ ހިނިތުންވުން ބިރުވެރިކަމަކަށް ބަދަލުވި އެވެ.

އަވަސް އަވަހަށް އަތް އުފުލާލައިފައި ސާހިލްގެ އަނގަމަތީ އަތް އެޅުނެވެ.

"ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ސާހިލް މަރުވީމަ އަހަންނަށް ވާނީ ކިހިނެތް؟" އަހަރެންގެ ޖުމްލަ ނިމުނުއިރު ކަރުތެރެ އަނދަންފެށިކަން އިހްސާސްވި އެވެ. ވަކިވުމުގެ ހިޔާލުން އެހާ އަވަހަށް ލޮލަށް ކަރުނަ ބޮނޑިވުމުން އަމިއްލައަށް ވެސް ހައިރާންވި އެވެ. އެކުގައި އެހާ މަދު ދުވަސްކޮޅެއް ވީތަނާ އެކަނިވެރިކަންދެކެ އަހަރެން ބިރުގަތީ ހެއްޔެވެ؟ ސާހިލްގެ ރައްދު އައީ އަހަރެންގެ ކޮނޑުގައި އެއަތުން ވަށާލައި ކައިރިކޮށްލާފައި ގެންގޮސް އެމޭގައި ޖައްސައިލުމެވެ. އެމޭގައި މޫނު ޖައްސާލައިގެން އިނދެފައި މޫނު އުފުލައިލިއިރު ސާހިލް ލޯ ފުހެލިހެން ހީވި އެވެ. އަހަރެން ބަލައިލަން އުޅުމުން އޭނަ މޫނު އަނބުރައިލީ ދުރަށެވެ. އަހަރެމެންނަށް މާލެ ދެވުނީ އެއްދުވަހެއްގެ މެންދުރު ވަގުތަށެވެ. އެކަމަކު އުޑުމައްޗަށް ބަލާފައި ހީވަނީ އިރު އޮއްސެން އުޅޭހެންނެވެ. އަޅި ވިލާތައް އުދަރެސް ވަށާލައިފައި އޮތްއިރު ކިތަންމެ އަވަހަކަށް ވެސް ވާރޭ ވެހެން ފަށައިފާނެ ކަހަލަ އެވެ. ސާހިލް އަހަރެން އަރުވާފައި ދޮރު ލައްޕާލުމަށްފަހު ބޭރުގައި ހުރެގެން ޑްރައިވަރާއި ކޮންމެވެސް ވާހަކަދައްކާތީ ފެނުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ ސާހިލް އަތް މުށްކަވާލައިފައި ރުޅިއައިސްފައިވާ މީހަކު ފަދައިން ދުރު ބަލައިލިތަން ފެނިފަ އެވެ. އެކަމަކު ކާރަށް އަރައި އަހަރެންގެ ކައިރީ އިށީނދެފައި ފުރަތަމަ ވެސް ހިނިތުންވެލައިފައި އަހަރެންގެ ކޮނޑުގައި ހިފާ ގަޔާއި ދިމާއަށް ގެންގޮސް ލައްކޮށްލި އެވެ.

އަހަންނަށް ފާހަގަވީ ސާހިލްގެ ހިނިތުންވުމުގައި އުފާވެރިކަމެއް ނެތްކަމެވެ. ސުވާލު ކުރަން ބޭނުން ވިއަސް ޑްރައިވަރު އައިސް އެރުމުން ސީދާ ވެގެން އުޅޭގޮތެއް އަހަން ފަސްޖެހުނެވެ.

"ޔޫ އޯކޭ؟" ސާހިލްގެ މޭގައި ދަތްދޮޅި ވިއްދާލައިފައި މޫނު އުފުލާލައި ހަތަރުކަޅި ހަމަކޮށްލަމުން އަހަރެން އެހީމެވެ.

ސާހިލް ވެރިކޮށްލީ ކުރިން ވެސް ވެރިކޮށްލި ހިނިތުންވުމެވެ.

ގެއާ ހަމައަށް ދެވުމުން ސާހިލް ފަރާތުން ފެނުނީ ނިކުންނަން ބޭނުން ނުވާފަދަ ހަރަކާތްތަކެކެވެ. ކާރު ހުއްޓީމައި ވެސް ފުރަތަމަ ލޯގަނޑުން ބޭރު ބަލަން އިނީ އެވެ. އަހަރެން ގޮވާލުމުން ސިހުނުހެން ހީވި އެވެ. ޑްރައިވަރު ގޮނޑި ގެނެސް ދިނުމުން އަހަރެން ބާލައި ގޮނޑިއަށް ލައިދިނުމަށްފަހު ދުއްވަމުން އެތެރެއަށް ވަދެގެން ދާން ފެށީ ފިނިހަކަ ދުވެލީގަ އެވެ. އަހަންނަށް ދެފަހަރެއްގެ މަތީން މޫނު އުފުލާލައިފައި އެމޫނަށް ބަލައިލެވުނެވެ. އެއިން ކޮންމެފަހަރަކު ސާހިލްގެ ކޯކަށިގަނޑު ހަރަކާތްކުރިތަން ފެނުނެވެ. ގޮނޑީގެ މުއްގަނޑުގައި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ދެއަތުގެ އިނގިލިތައް އޮތީ ހުދުވެފަ އެވެ.

ގޭގެ މައި ދޮރާއި ދެތިން ފޫޓެއްހާ ކައިރިއަށް ގޮއްސައި ސާހިލް ކުއްލިއަކަށް ހުއްޓުނެވެ.

"ހިނގާ އަހަރުމެން މިގެ ދޫކޮށްލައިފަ ގޮސް ޔަލްވީ މަންމަގެ އެޕާޓްމެންޓާއި ޖެހިގެން ހުރިތަނަށް ބަދަލުވާން..." ސާހިލް ފެށި ވާހަކައަކުން އަހަރެން ހައިރާންވި އެވެ.

"ސާހިލް ކޮންކަމަކާއި ބިރުން ތިއުޅެނީ؟ އަހަންނަށް ކޮންކަމެއް ފޮރުވަން ތިއުޅެނީ؟" އަހަންނަށް އިތުރަށް ނީނދެވިގެން ސުވާލު ކުރީމެވެ. އެވަގުތު ސާހިލްގެ މޫނުމަތިން ހުރަސްކޮށްލީ ރިހުމުގެ ކުލަވަރެވެ.

"މިތާގައި އުޅޭ އެއްވެސް މީހަކު އަހަރުމެންނަކަށް ބޭނުމެއް ނުވޭ. އެގެއަށް މަންމަ ވެސް ބަދަލުކުރެވިދާނެ...." ސާހިލް ކުރިއަށް ގެންދިޔައީ އޭނަ ކުރިން ވެސް ބުނި ވާހަކަ އެވެ. ހީވަނީ އަހަރެން އެއްޗެކޭ ނުވެސް ކިޔަނީ ހެންނެވެ. އަހަރެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ސާހިލްގެ މުލައްދަނޑީގައި ދެއަތުން ހިފައިލީމެވެ. ސާހިލް އަހަރެންގެ މޫނަށް ބަލައިލިއިރު އެލޮލުގައި ވީ އާދޭހުގެ ކުލަ އެވެ. އޭގެ ފަހަތުގައި ވަނީ ކޮން ސަބަބެއްތޯ ވެސް ނުބަލައި ސާހިލްގެ އެދުމަށް އިޖާބަ ދޭން އަހަރެންގެ ހިތް ބުނެލި އެވެ. އެކަމަކު އޭގެ ކުރިން ޑްރައިވަރު އައިސް ހުއްޓިފައި ބެލް ޖަހާލައިފި އެވެ.

ދެން އިވުނީ ގޭގެ މައިދޮރު ހުޅުވުނު އަޑެވެ.

"ވެލް ވެލް.. ލުކް ހޫޒް ބެކް..." އެއިވުނީ އަހަރެން ދަންނަ އަޑެކެވެ.

އެދިމާއަށް މޫނު އަނބުރައިލެވުނުލެއް އަވަސްކަމުން ކަނދުރާއަށް ވެސް ތަދުނުވާނެ ކަމަކަށް ހިއެއްނުކުރަމެވެ.

ދޮރުމަތީ ހުރިހާ ދަތެއް އެކީ ފެންނަވަރަށް ހެވިލައިފައި ހުރި ލިންތާ ފެނިފައި އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.

ފެންނަމުން މިދަނީ ބިރުވެރި ހުވަފެނަކަށް ވުމަށް އެދި ހިތާއި ހިތުން ދުޢާކޮށްލެވުނު އަދަދެއް ވެސް ނޭނގެ އެވެ. އެކަމަކު އެކަކު ވެސް އެނުބައި ހުވަފެނަކުން އަހަރެން ނުހޭލެއްވި އެވެ. ތަކުރާރުކޮށް އެސްފިޔަ ޖަހައިލީމައި ވެސް ކުރިމަތީވި ސޫރައަކަށް ބަދަލެއް ނަ އެވެ.

އެހީއަކަށް އެދި އަހަންނަށް ބަލައިލެވުނީ ސާހިލްގެ މޫނަށެވެ. އޭރު ސާހިލް ހުރީ އިސްއޮބާލައިގެންނެވެ. ކުށްވެރިކަން އެމޫނުން ރީތިކޮށް ފައުޅުވާން ހުއްޓެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ. ލިންތާގެ ނަޒަރު އަހަރުމެންގެ ދެމީހުންގެ މެދުން ދަތުރުކޮށްލާފައި ހުއްޓުނީ ސާހިލް އަށެވެ. އޭނަ އެހިނިތުންވުމާއެކު ގޮސް ސާހިލްގެ ކައިރިއަށް ހުއްޓި މުލައްދަނޑީގައި ދެއަތް އަޅުވައިލި އެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ދެން ހުއްޓުނީ ގުޅިފައިވާ އެދެމީހުންގެ އަތަށެވެ.

"އަދިވެސް ފަހަރިއަށް އަހަރެން ތައާރަފްނުކޮށްދެން ދޯ..." ލިންތާގެ ނަޒަރު ސާހިލްގެ މޫނުން އަހަންނަށް ބަދަލުކޮށްލި އެވެ.

"އަހަރެން މީ ސާހިލްގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ." ހުހަށް އޮތް އަތް އަހަންނާއި ދިމާއަށް ދިއްކޮށްލައިފައި ލިންތާ ތައާރަފްކޮށްދިނެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular