9 Mar 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

* މާޗް 5 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މިއީ ކާކުގެ ގެއެއްތަ؟" ޕޯޓިކޯގައި މަޑުކޮށްގެން ހުރެފައި މަލަކު އަހާލިއެވެ.

"ނޭނގެ، މުޝްތާފް ކަންނޭނގެ، މިގެއަކު އިތުރު މީހަކު ނުވެސް އުޅޭ، މެއިޑް އެކަނި ހުރީ، މަލަކު ކީއްވެތަ އަވަހަށް ދާން ބުނީ، ކާން މަޑުކުރަން ބުނެފައި އޮއްވާ،" ޒައިނީ މަލަކުގެ ކައިރިއަށް ޖެހިފައި ސިއްރުން ވާހަކަ ދެއްކިއެވެ.

"ޒައި ހެދުން ޗޭންޖުކުރީތަ؟" ޒައިނީއަށް ބަލާފައި މަލަކު އަހާލިއެވެ. ޒައިނީ ލައިގެން ހުރި ހުދު ޓީޝާރޓާއި ހަރުވާޅުކޮޅަށް ޒައިނީ ބަލާލިއެވެ. "ހޫމް، މިގެއިން ދިން އެއްޗެއް؟" ޒައިނީ ބުނެލިއެވެ. ހިތާއި ހިތުން ޝުކުރުކުރެވުނީ މުޝްތާފް ބެހެއްޓި ގާތްކަމަށެވެ.

"ޒައި، އެކަނި އުޅޭ މީހެއްގެ ގެއިން އަންހެންކުދިންގެ ހެދުން ހުރުމުގެ މާނައަކީ ކޮބާ؟ އޭނަގެ އަލަމާރީގައި އަހަންނަށް ހެޔޮވަރު ހެދުންވެސް ހުންނާނެޔޯ ބުނި، އަހަންނަށް ހީވަނީ..." މަލަކު އަވަހަށް ހުއްޓައިލިއެވެ. އޭނާގެ ބަނޑުން އެވާހަކަ ނިކުމެދާނެތީ ފަސްޖެހެވުނީއެވެ. އެމީހުންގެ ސިއްރު ސިފަތައް ޒައިނީ ކައިރީ ބުނަން ހިތް ދެކޮޅު ހެދިއެވެ. ދިމާވާނެ މައްސަލަތަކުގެ މަތިން ސިކުނޑި ހަނދާންކޮށްދެން ފެށިއެވެ.

މުޝްތާފް އަކީ އެކަނި މާއެކަނި އުޅޭ މީހެއްގެ ގޮތުގައި ފާހަގަވެފައިވާތީ މަލަކު ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އެގޭގައި އަންހެންކުދިންގެ ހެދުން ހުރީ އެގެއަށް އަންހެންކުދިން ގެނެސް ހަދާތީކަން ހިތް ޔަޤީންކޮށްދިނެވެ. "އެއް ފޮތި ފޭލިން ކަނޑާ ފޮތި ހުންނާނީ އެއްގޮތަށް" ދަތްވިކައިގަނެފައި މަލަކު އަމިއްލަ ނަފްސަށް ބުނެލިއެވެ. އާދިލްގެ ކޮޓަރިން ފެނުނު "ހުރަސް" ޕެކެޓްތަކަށްފަހު އާދިލް އާއި މެދު ދެކުނު ގޮތް ބަދަލުވިއެވެ. މުޝްތާފްގެ މައްޗަށްވެސް ހިތް ނުބައިވިއެވެ. މިއަދު އާދިލްގެ ޖަނަވާރުކަން ފެނި މިރަށްމަތިންވެސް ފޫހިވެއްޖެއެވެ.

"ނޭނގެ، އަހަންނަށް ހީވަނީ ޝާނީގެ ހެދުންކަންނޭނގެ މިއީ،. އޭނަ އަހަރެމެންނާއި އެއްވަރެއްނު ވާނި. އެކަމާއިތަ ވިސްނަންވީ؟ އަހަންނަށް ކީ މީ ކޮންމެ މީހެއްގެ ހެދުމަކަށްވިއަސް. އަހަންނަށް ހީވަނީ މި ހެދުމުގައި މުޝްތާފްގެ ގައިގެ ވަސްދުވާހެން." ޒައިނީ ބުނެލިއެވެ. ކާރު އައިސް މަޑުކުރީ އެމީހުންނާއި ދާދި ކައިރީގައެވެ. ކާރަށް އަރަމުން މަލަކު އަތްޖައްސައިލީ އޭނާ ލައިގެން ހުރި ހެދުމުގައެވެ. ހެދުން ތެމިފައިވާތީ ހީކަރުވާގޮތެއް އެބަހުއްޓެވެ. އޭނާ ކުޅިއަށް ނޭރުނުނަމަވެސް އާދިލްގެ ސަބަބުން އޭނާގެ ހެދުން ތެމުނެވެ. ދެން އޭނާ އުފުލީ މުޝްތާފްއެވެ. ކުޅިއަށް އެރި ތެމިފައިހުރެގެންވިއަސް މުޝްތާފް ފަހެއް ނުޖެހުނެވެ. ކާރަށް އަރާފައި ބަލާލިއިރު މުޝްތާފް އިނީ ލޯގަނޑަށް ބަލާށެވެ. އެގެއިން ނިކުމެގެން ދާންފެށުމުން މުޝްތާފްއަށް ޝުކުރުއަދާނުކުރެވޭކަން މަލަކު ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ދުލުން އެހެން ބުނަން ފަސްޖެހެވުނެވެ. މަލަކުގެ މައްޗަށް މުޝްތާފްގެ ހިތުގައި އޯގާތެރިކަން އުފެދުނީކަމާއިމެދ ު ޝައްކެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ ބުނެއެވެ. މަލަކު އަށް ފަރުވާދޭން ހޮސްޕިޓަލަށްވެސް ފޮނުވާލެވުނީހެވެ. މުޝްތާފް އެވަރަކުން އުޅުނީ ކީއްވެކަން ހިތަށް އެރުމުން މަލަކުއަށް ލިބުނީ ފޫހިކަމެކެވެ.

ގެއާއި ހަމަޔަށް ދެވެންދެން މަލަކު އަށް ލިބުނު އަނެއް ނުތަނަވަސްކަމަކީ އޭނާގެ ފޯނު ނެތުމެވެ. ސައްޔާރު އޭނާއަށް ގުޅާނެކަން ޔަޤީނެވެ. މަލަކުގެ ޚަބަރެއް ނުވެގެން ސައްޔާރު ހުންނާނީ ދެރަވެފައިކަންނޭނގެއެވެ. ކޮޓަރިއަށް ވަދެފައި މަލަކު އެދުނީ ޒައިނީގެ ފޯނު ދިނުމަށެވެ. ސައްޔާރުއަށް ގުޅާފައި ފޯނު ގެއްލުނު ވާހަކަ ބުނަން ބޭނުންވިއެވެ.

ޒައިނީ މަންމަ ކައިރިއަށް ގޮސް އާއިރު މަލަކު އިނީ ޚިޔާލަކަށް ގެއްލިފައެވެ. މަލަކުގެ އުނގުތެރޭ ޒައިނީގެ ފޯނު އޮތެވެ. މަލަކު އިނީ ސައްޔާރު ފޯނު ނުނެގީތީ އެކަމާއި ކަންބޮޑުވެފައެވެ. ޒައިނީ ކައިރީގައި މަލަކު ބުނީ ސައްޔާރު ފޯނު ނުނަގާ ވާހަކަ އެކަންޏެވެ. މިގަޑިއަކީ ސައްޔާރު ޑިއުޓީ ގަޑިއަށް ވެދާނެ ނޫންހޭ ޒައިނީ ބުނެލިއެވެ.

***

ކޮޓަރީގައި ޓަކިދިންހެ ހީވެ އާދިލް ބޯހިއްލާލިއެވެ. އޭނާގެ އަތްމަތީ އޮށޯވެ އޮތް ޒާނަ މޫނު ގެނެސް އާދިލްގެ މޭގައި ޖައްސާލިއެވެ. ގިނައިރު ސަކަރާތުގައި އުޅުމުގެ ސަބަބުން ޒާނަ ވަނީ ވަރުބަލިވެފައެވެ. ފެންވަރައިގެން އައިސް އޭސީގެ ފިނިކަން ގަދަ ކޮޓަރީގައި އޮތުމުން އިތުރަށްވަނީ ކަންނެތްކުރުވާފައެވެ. އާދިލް ތެދުވާން އުޅުމުން ޒާނަ ހުއްޓުވިއެވެ.އާދިލް ތެދުވީ އޭނާގެ ކޮޓަރީގައި ޓަކިދޭން ކޮންމެ މީހަކަށް ނުކެރޭނެކަން އެނގޭތީއެވެ. ގޭގައި ގެންގުޅޭ މީހަކު އޭނާގެ ކޮޓަރި އާއި ހަމަޔަށް ނާންނާނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވުމުން ފެނުނީ ދޮރުމަތީގައި ހުރި މުޝްތާފްއެވެ.

"ވާހަކައެއް ދައްކާލަންވެގެން." އާދިލް ގެ މޫނަށް ބަލަންހުރެފައި މުޝްތާފް ބުނެލިއެވެ. ދެން ދެޖީބަށް އަތްޖަހައި ހަމަޖެހިލިއެވެ. އާދިލް ބޯޖަހާލާފައި ކޮޓަރި ތެރެއަށް ދެމިގަތެވެ. ޓީޝާރޓެއް މަހާލަމުން ޒާނަގެ ކައިރިއަށް ގުދުވިއެވެ. ޒާނަ އޮތީ ނިދި ނިދިއެވެ. "ނުނިދައްޗެ، ވަރަށް އަވަހަށް އަންނާނަން." ޒާނަގެ މޫނަށް ނޭވާ އެޅޭހާ ކައިރިވެފައި އާދިލް ބުނެލިއެވެ. ދެން އަވަހަށް ބެލީ މުޝްތާފްގެ ކައިރިއަށް ދެވޭތޯއެވެ.

އާދިލް ފެންޑާއަށް ނިކުންއިރު މުޝްތާފް ހުރީ އުނަގަނޑާއި ހަމަޔަށް ރާނާފައި ހުރި ފާރުބުރީގައި އަތް އަޅުވާލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރުން ފެންނަން އޮތް ހިތްގައިމު މަންޒަރަށެވެ. ބިޔަކޮށް ހެދިފައި ހުރި ހިޔާދޭ ބޮޑެތި ގަސްތަކާއި މަލަމަތިން ފެށިގެން ފެންނަންހުރި ރުއްގަހަށެވެ. ކަނޑުން ބިންދާ ރާޅުތަކަށެވެ. ކަނޑުގެ ބިރުވެރިކަން ހިތަށް ނުގެނެސް ފަހިކަމާއި އެކު ދަތުރުކުރަމުން ދިޔަ އެކި ވަރުގެ އުޅަނދުތަކަށެވެ. އާދިލް އައިސް ހުއްޓުމުން މުޝްތާފް ބަލާލިއެވެ.

"ކިހިނެއްވީ؟" އާދިލް އަހާލިއެވެ. މުޝްތާފް އަންނާނީ ބޮޑު ކަމަކައިގެންކަން އާދިލް ހިތް ބުނަމުން ދިޔައެވެ.

"މަންމަ ބުނި ފޮޓޯނަގާކުއްޖާއަށް ނާދެވުނު ވާހަކަ." މުޝްތާފް ބުނެލިއެވެ. އާދިލް ކަންބޮޑުވިކަން މޫނުމަތިން ފެނުނެވެ. ކައިވެނީގެ ކަންތައް އެންމެ ފުރިހަމައަށް ދިއުމަށް އޭނާ ބޭނުންވެއެވެ. "އެންމެ ދުވަހަކަށްވެފައި އޮއްވާ ދެވަނަ މީހަކު ހޯދާނީ ކިހިނެއް؟ އިއްޔެ އާއި ހަމަޔަށް އޭނާ ހުރީ އަންނަގޮތަށް." އާދިލް ބުނެލިއެވެ. އޭނާ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ކައިވެނީގެ ރަސްމިއްޔާތުގެ ގިނަ ހަނދާންތައް އުމުރަށްވެސް ރައްކާކުރަން ބޭނުމެވެ. ގޭތެރޭގައި ފެންނަގޮތަށް ބަހައްޓަން ބޭނުމެވެ. ބަޔަކަށް ދެއްކުމުގެ ނިޔަތުގައި ވިއަސްމެއެވެ.

"އަހަރެން ހަމަޖައްސާނަން." މުޝްތާފްގެ މޫނަށް އާދިލްއަށް ބަލާލެވުނެވެ. މުޝްތާފްއަށް އެކަން ހައްލުކުރެވޭއިރު އެވާހަކަ އާދިލްއާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ "މަންމަ އެދުނީ އަހަރެން ކައިރީ، މަންމަ އެދުނުގޮތަށް އެކަން އަހަރެން ހަމަޖައްސައިދޭނަން، އާދިލް ކައިރީ ބުނަން ބޭނުންވީ އާދިލް ވަކި މީހަކު ގެންނަން ބޭނުންވެދާނެތީ، ދެޓްސް އިޓް،" މުޝްތާފް ކިޔައިދިނެވެ.

"ނޫން، ބޭބެއަށް ރަނގަޅު މީހަކު އަހަންނަށްވެސް އޯކޭ." އާދިލް ހިނިތުންވެލަމުން ބުނެލިއެވެ. އޭނާގެ ބޮލުގެ ރިހުން ފިލައި ދިޔައެވެ. އާދިލް ކޮޓަރިއަށް ދިއުމުގެ ހުއްދައަށް އެދުނެވެ. މުޝްތާފް ބޯޖަހާލާފައި ހުއްދަ ދިނެވެ. އާދިލް ދިޔަފަހަތުން މުޝްތާފް ހިނގައިގަތެވެ.

ބޮޑު ވަށިގަނޑެއްގެ ކުނި ހިފައިގެން ގޭގައި މަސައްކަތްކުރާ މީހަކު މުޝްތާފްގެ ކުރިމަތިން ދިޔައީ އޭނާ ގެއިން ނިކުމެ ނިކުމެ ހުއްޓައެވެ. އެމީހާއަށް ގޮވާ މުޝްތާފް ހުއްޓުވިއެވެ. ކުނިވަށިގަނޑު ބަހައްޓަން އެންގިއެވެ. އެމީހާގެ މޫނުމަތިން ފެނުނީ އެބުނި އެންގުން ޤަބޫލުނުކުރެވިފައިވާ ކަމެވެ. އެކަމަކު މުޝްތާފް އެދުނު ފަދައިން އޭނާގެ ހަރަކާތްތައް ބެހެއްޓިއެވެ.

ވަށިގަނޑު ތެރެއިން މުޝްތާފް ގުދުވެފައި ނެގީ ފޯނެކެވެ. ސްކްރީން ކުދިކުދިވެ ހަލާކުވެފައިވާ ފޯނެކެވެ.

"މިއީ ކޮންތާކުން ނެރުނު ކުންޏެއް؟" މުޝްތާފް އަހާލިއެވެ. ކުޑަކޮށް ޖެހިލުންވެފައި ޖަވާބު ދޭން އުދަނގޫވެފައި އެމީހާ ހުއްޓެވެ.

***

ޒާނަގެ އަތު ތެރެއަށް އާދިލް އައިސް ވެއްޓިގަތެވެ. ދެމީހުން އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަޖެހުމާއި އުފާ ހޯދަމުން ދިޔައެވެ. ރަސްމީ ކުލައެއްގައި އެކަކު އަނެކަކު މިލްކުވާން އޮތީ އެންމެ ދުވަހެކެވެ. އެހެންވިއަސް ކެއްތެރިކަން ދެމީހުންގެ ކިބަޔަކުވެސް ނެތެވެ. މިއީ އަލަށް ދެމީހުންގެ މެދުގައި ހިނގާކަމެއްހެން ހިއެއްނުވެއެވެ.

އާދިލް ސިއްސައިގެން ދިޔައީ ދޮރުގައި ނިކަން ބާރަށް ޖެހިއަޑަށެވެ. ހީވަނީ ކޮޅުފައިން ޖެހިހެންނެވެ. އަވަހަށް ޒާނަ އާއި ދުރަށް ޖެހެވުނެވެ. ދޮރާއި ދިމާލަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ކިރިޔާ ދޮރުގެ ތަޅަށް އަނބުރާލެވުނުކަމެވެ. ދޮރުފަތް ކޮއްޕާލިލެއް ބާރުކަމުން އާދިލްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދޮރު ހުޅުވާފައި މުޝްތާފް އެތެރެއަށް ދެމިގަތެވެ.

"ޒާނަ، އަހަރެން މިއައީ އާދިލް އާއި ވާހަކަ ދައްކަން؟" މުޝްތާފް އަށް ޒާނަ ފެނުމާއި އެކު ބުނެލިއެވެ. ޒާނަ ތެދުވެ އަވަހަށް ނިކުންނަން ހިނގައިގަތެވެ. ޒާނަ ނިކުމެފައި ދޮރު ލެއްޕިއަޑާއި އެކު އާދިލް އުޅުނީ ވީ ކިހިނެއްތޯ އަހާށެވެ. އޭގެކުރިން މުޝްތާފް ޖީބުން ނެގީ ފޯނެވެ.

"މިއީ މަލަކުގެ ފޯނެއް ނޫންތަ؟" މުޝްތާފް ދައްކާލީ ދެންމެ ވަށިގަނޑުތެރެއިން ނެގި ފޯނެވެ. އާދިލް އެ ފޯނަށް ބަލާލިއެވެ.

"ކިހިނެއް އެނގުނީ؟" އާދިލް އަތް ގެންދަން އުޅުނީ އެފޯނާއި ދިމާލަށެވެ. އޭގެކުރިން މުޝްތާފް ފޯނު ގެންގޮސް ޖީބަށް ލިއެވެ.

"މިއަދު މަލަކު ހޭނެތުމުގައި އާދިލްގެ އަތެއް ވާނެތަ؟" މުޝްތާފް އަހާލިއެވެ. އާދިލް ހަމަޖެހިލަން މަސައްކަތްކުރިއެވެ. މަލަކު މީހަކަށް ކިޔައިނުދޭހާ ހިނދު އެކަން އެއްވެސް މީހަކަށް ނޭނގޭނެކަމުގެ ޔަޤީންކަން އޮތެވެ.

"އަހަންނަށް ތި ފޯނު ފެނުނީ މަލަކު ގެންދިޔަފަހުން. އޭރުވެސް އޮތީ ތިވަރަށް ހަލާކުވެފައި، " އާދިލް ބުނެލިއެވެ. އޭނާ ހަދާ ދޮގުތައް ފަޅާނާރާނެކަމަށް އޭނާ ހީކުރިއެވެ. އަދި މުޝްތާފް ޤަބޫލުކުރާނީ އޭނާ ދައްކާ ވާހަކަތައްކަމުގައިވެސް ހީކުރިއެވެ.

"ތި ހަދަނީ ދޮގު." މުޝްތާފް އައިސް އާދިލްގެ ޓީޝާރޓްގައި ހިފާ ކައިރިއަށް ދަމައިގަތެވެ. "މަލަކުގެ ފޯނު އެތަނުގައި އޮތްނަމަ އެ ފޯނު ފެންނަންޖެހޭނީ އަހަންނަށް، އާދިލް ތެދަށް ބުނޭ، ކަލޭ އޭނައަށް ކީއްކުރީ؟" މުޝްތާފް ދަތްޕިލަޖައްސާލާފައި އަހާލިއެވެ. އޭނާ ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރާކަން އެނގެއެވެ.

"އަހަރެން މި ފޯނު ނެގީ އޭނަ އަހަރެން ކުރިމައްޗަށް ގެންނަންވެގެން، އެއީ ފަސޭހައިން މަޅީގައި ޖެހޭ ކަހަލަ އެއްޗެއް ނޫން. ތަންކޮޅެއް ދަހި." އާދިލް ސިކުނޑީގައިވި މާނަ ފޮރުވަމުން ބުނެލިއެވެ. މުޝްތާފްގެ އަތް ދުރުކޮށްލަން އާދިލް އުޅުނެވެ. އޭނާ ބުނި އެއްޗެއް މުޝްތާފްއަށް އެނގޭނެކަން އެނގިހުރެއެވެ.

"ހައު ޑެއަރ ޔޫ؟" މުޝްތާފް ދެއަތަށް ބާރުލައި އާދިލް ގެ ޓީޝާރޓްގައި އިތުރަށް ހިފައިގަތެވެ. އޭނާގެ ކަރަށް އދަނގޫވާވަރަށް ބާރުކޮށްލިއެވެ. "ކަލޭ އޭނައާ ކައިރިނުވައްޗެ،" މުޝްތާފް އާދިލް ކޮއްޕާލީ ފާރާއި ދިމާލަށެވެ. އަނެއްކާވެސް އައިސް އާދިލްގެ މޭގައި އަޅާ ކޮއްޕާލިއެވެ.

"އޭނަގެ މަޅީގައި ޖެހުނީ؟" މުޝްތާފް ފޮޅާލަމުން އާދިލް އަހާލިއެވެ. މިފަހަރު ރުޅީގެ އަސަރުއ އޭނާގެ އަޑުގައިވެސް ވިއެވެ. މުޝްތާފްއަށް ހީވީ އޭނާއަށް މަލާމަތްކޮށްލިހެންނެވެ. އެއްޗެއް ނުބުނެ ހުރެފައި އަތްހޫރާފައި ޖެހީ އާދިލްގެ އަނގަމަތީގައެވެ.

"ކަލޭ އާއި އެކަށީގެންވާ ކުއްޖެއް ނޫން އެއީ، ކައިވެނި ކުރަން އުޅޭއިރު ވާންއުޅޭ އަންހެނުންގެ ކިބައިން އެކަނި އުފާހޯދޭތޯ ބަލާބަލަ." މުޝްތާފް ގެ މޫނަށް ބަލަން އާދިލްއަށް ހުރެވުނީ އަނގަމަތީ ފިރުމަފިރުމައެވެ.

"ދެން ފަަހަރަކުން އޭނައަށް އެއްވެސް ގޯނާއެއް ކުރިމަތިވެގެން ނުވާނެ، އަހަންނަށް އެނގިއްޖެއްޔާ ކަންތައް ވެގެން ދާނެގޮތް ކަލޭގެ ޚިޔާލަށްވެސް ނުގެނެވޭނެ؟" މުޝްތާފް ހިނގައގަތެވެ. އާދިލް އެފިޔަވަޅުމަތީ ހުއްޓެވެ. މުޝްތާފްގެ އަމަލުހުރިގޮތުން އޭނާ ހުރީ އަޖައިބުވެފައެވެ. މީގެކުރިން ވެސް އާދިލް އުޅުނީ އެހެންނެވެ. މިގޭތެރޭގައި މުޝްތާފް ގެ ކުރިމަތީގައިވެސް އަންހެންކުދިންނާއި އެކު އުޅެމެއެވެ. ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. ބައެއްފަހަރު އޭނާ އަންހެންކުދިންނާއި އެކު މުޝްތާފް ގެ ރިސޯރޓަށް ދެއެވެ. ސަފާރީއަށްވެސް ދެއެވެ. ނޫނީ ރާއްޖެއިން ބޭރަށްވެސް ދެއެވެ. ހުރިހާ ޚަރަދެއް ދެނީ މުޝްތާފްއެވެ. ފައިސާ ޚަރަދުކުރާގޮތް އަހައިވެސް ނުލައެވެ.

"މަލަކް، ކަލޭގެ ޖާދޫގައި އޭނާ ރަނގަޅަށްވެސް ޖެހިފައި އެހުރީ، އެސުވާލަށް ޖަވާބުވެސް ނުދިން، މަށަށް ޔަޤީން މަލަކުގެ ބޭނުން، އެހެންވިއަސް ވަރިހަމަ، އަހަރެން ހުއްޓާލާނީ އެއްފަހަރު ނަމަވެސް މަލަކުގެ ފަރާތުން އަހަރެން ބޭނުންވާ ކަންތައް ފުދުނީމައި، އެވަރިހަމަ މުޝްތާފްގެ އެއްޗަކަށްވިއަސް." އާދިލް މޫނުމަތީ ފިރުމާލަމުން ބުނެލިއެވެ.

***

ދުވަހުގެ ނިމުން އައިސް ރޭގަނޑު ވުމުގެ ނިޝާންތައް އުދަރެހުން ފެންނަން ހުއްޓެވެ. މަލަކު ހުރީ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. މިއަދު މުޅިންވެސް ހާދަކުރަނީ ބަސްމަދުވެފައިހުރެއެވެ. ޒައިނީ އާއި އެކު ސަކަރާތްޖަހާކަށްވެސް ނައެވެ. ސައްޔާރުގެ ޚަބަރެއް ނުވެގެން އޭނާ ހުރީ ކަންބޮޑުވެފައެވެ. މީގެކުރިން ނަމަ މަލަކު ފޯނަށް ޖަވާބު ނުދީފިނަމަ ސައްޔާރު ޒައިނީއަށް ގުޅާނެއެވެ. ދޮންމަންމަ އާއި ހެދި ގެއިން ނުނިކުމެވިފައިހުއްޓަސް ޒައިނީ ފޮނުވާނީ ސައްޔާރުއެވެ. ދުވަހެއްގެ އިރު އަރައި އޮއްސެން ދާނީ ސައްޔާރު އޭނާ ކޮބައިތޯ ބަލާފަހުންނެވެ.

މަލަކުގެ ފޯނަށް ވީގޮތަކާއި މެދު ކަންބޮޑުވިއެވެ. އޭގައި އާދިލްގެ އަތެއް ވާނެކަމަށް މަލަކުގެ ހިތް ބުނެއެވެ. އާދިލް އޭނާގެ ފޯނު ގެންދިއުމުގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ. އޭގެ ފަހަތުގައި އޭނާގެ ފުށުން ފައިދާތަކެއް ނެގުން ވެދާނެކަމަށް ހިތް ބުނުމުން އޭނާގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ފޯނު ކިތަންމެ ބޭނުންވިއަސް އާދިލްގެ ކައިރީ އޭނާ ނާހާނެއެވެ. މީހެއްގެ ކުރިމަތީ ދެރަވެ ކަކޫ ނުޖަހަން އޭނާ ހިތާއި އެއްބަސްވިއެވެ.

އެރޭ ކެއުމުގައި މަލަކ ބައިވެރިއެއް ނުވިއެވެ. ޒައިނީ އާދޭސްކުރުމުންވެސް ގެއިން ބޭރަށް ދާން އެއްބަހެއް ނުވިއެވެ. މަލަކު އެކަނި ގޭގައި ބަހައްޓާފައި ދާން ދިޔާނާ ކަންބޮޑުވިއެވެ. އެކަމަކު ކެއުމުގެ ކަންތައް ހަމަޖެހިފައި އޮންނަނީ އާދިލްމެންގެ ގެއިންނެވެ. ގަޑިޖެހުނުއިރު ކާރު އޮތީ ބަލާ ފޮނުވާފައެވެ. މަލަކު ބާއްވާފައި ދިޔާނާ ޒައިނީ ގޮވައިގެން ނިކުތީ އަންނަމުން ކާން ގެނެސްދޭނެކަމަށް ބުނެފައެވެ.

މަލަކު އެކަނި އޮއްވާ ކޮޓަރީގައި މީހަކު ޓަކިދިނެވެ. އެއަޑު އަހާފައި މަލަކު ބިރުގަތެވެ. އެގޭގައި އޭނާ އެކަނިވީ ވަގުތުގެ ބޭނުން އާދިލް ހިފަނީބާއޭ ހިތަށް އެރިއެވެ. ދޮރުގައި ޓަކިދީފައި ދުރަށް ހިނގައިގެން އަޑު އިވުނެވެ. މަލަކު ދޮރާއި ހަމަޔަށް ގޮސް މަޑުކުރީ އެމީހަކު ދަނީކަމަށް ހީކޮށްފައެވެ. ދޮރުހުޅުވަން އޭނާ ހުރީ ޖެހިލުންވެފައެވެ.

ކުޑަދޮރު ކައިރިއަށް މީހަކު ހުއްޓުނުތަން ފެނުނެވެ. ކަޅު ހިޔަންޏެއްގެ ގޮތުގައި ފެނުނަސް އެއީ ފިރިހެނެއްކަން ޔަޤީނެވެ. ދެއަތުން ކުޑަދޮރުގައި އަތްޖައްސާލިއެވެ. މޫނުޖަހައި ކޮޓަރި ތެރެ ބަލަނީކަން އެނގެއެވެ. އެމީހަކަށް މަލަކު ފެންނާނެކަން ޔަޤީނެވެ. ދޮރުފޮތިގަނޑު ހުރީ އެއްފަރާތްކޮށްލެވިފައެވެ. މަލަކު ބިރުން ހަލާކުވާވަރުވިއެވެ. އެހީއަކަށް އެދި ގުޅާނެގޮތެއްވެސް ނޭނގެއެވެ. އޭނާގެ އަތުގައި ފޯނެއް ނެތެވެ.

އޭނާގެ ހިތަށް އާދިލް ނޫން އިތުރު ނަމެއް ނައެވެ. ޒައިނީމެން ދިއުމުން އޭނާ ނާންނަކަން އާދިލް ޔަޤީންކުރީއެވެ. އެމީހުން ކައިގެން އަންނަން ގަޑިއިރެއްހާއިރު ނަގާނެކަން އެނގޭނެއެވެ. އެހެންވެ އާދިލް އައީ ކަން ޔަޤީނެވެ. ކުޑަދޮރު ކައިރީގައި ހުރި މީހާ އަނެއްކާވެސް ދުރަށް ޖެހިލިއެވެ. ދުރަށް ހިނގައިގެން އަޑު އިވުނެވެ. މިގެއަކީ އާދިލްމެންގެ ތަނެކެވެ. ބޭނުންނަމަ ވަދެވޭނެގޮތް އޭނާ ހޯދާނެއެވެ. އެދިޔައީ ތަޅުދަނޑިބަލާ ކަންނޭނގެއެވެ. ކައުންޓަރު ކައިރީ ކީ ބޮކްސްއެއް ހުންނަތަން މަލަކުއަށް ފެނެއެވެ.

މިގެއަކީ އޭނާއަށް ރައްކާތެރިތަނެއް ނޫނެވެ. އާދިލް އެނބުރި އަންނަންވާއިރަށް އެތަނުން ނިކުމެގެން ދާން މަލަކު ހިތަށް އެރިއެވެ. މަޑުމަޑުން މަލަކު ދޮރު ހުޅުވައިލިއެވެ. ސިޓިންރޫމްތެރެ ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. މަލަކު ބޭނުންވީ އެގެއިން ނިކުންނާށެވެ. ގޭގެ ދޮރާއި ހަމަޔަށް ދަނިކޮށް ކުއްލިއަކަށް ދޮރުމަތީ ހުއްޓުނު މީހާ ފެނިފައި މަލަކުއަށް ހަރަކާތްކޮށްލަން ހަނދާންނެތުނެވެ. އަނގަމަތީ ދެއަތް އަޅާލެވުނެވެ. ދެލޯ ފުރިގެން އައެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular