19 Mar 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

* މާޗް 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

މަޑު ދުވެލީގައި ސައިކަލު ދުއްވަމުން ދިޔަ ސައްޔާރު ފަސްއެނބުރި ބަލާލިއެވެ. އޭނާގެ ފަހަތުގައި އިން މަލަކްގެ މޫނު ފެނުމާއި އެކު ހިނިތުންވިއެވެ.

"ބަލަންވީ މަގަށް، މަށަކަށް ނޫން އިނގޭ." މޫނުގައި އަތުން އަޅާ ކޮއްޕާލަމުން މަލަކް ބުނެލިއެވެ.

"އަހަރެން މަގު ބަލަން ބޭނުންވަނީ ތި ދެލޮލުން." ސައްޔާރު މޫނު އަނބުރާލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައީ މަލަކް ހީލި އަޑު އަހާފައެވެ.

"ފޮނި ވާހަކަ ދައްކަން އެނގޭނި." މަލަކް އެއްއަތުން ސައްޔާރުގެ ކޮނޑުގައި ޖަހާލިއެވެ.

"އަހަރެން ބުނެފިއްޔާ ފޮނި ވީ، ފޮންޏަށް ވިއަސް މި ބުނަނީ ތެދު، އަހަރެން ބޭނުންވަނީ މަލަކްގެ މޫނަށް ބަލަން އިންނަން. އަހަރެމެން ދެމީހުންނަށް ވާހަކަ ދައްކާލަން ވަގުތުކޮޅެއްވެސް ނުލިބުނު، ރޭގައިވެސް މަލަކް ތާއްޔާ ޖެހިޖެހި، އެހެންވެ އިތުރަށް ނުހިފެހެއްޓީ." ސައްޔާރު އެބުނީ ތެދެކެވެ. ދެމީހުންނަށް ވާހަކަ ދައްކާލެވުނީ ސައްޔާރު ލަފައިގެން އައި ރެއެވެ.

"އެކޮޅަށް ގޮސް ޒައި ފޯނަށް ގުޅައްޗޭ." މަލަކް މޮޅިވެރިރާގަކަށް ބުނެލިއެވެ. ފޯނު ނެތުމުގެ ފަޅުކަން އޭނާއަށް އިޙްޞާސްވިއެވެ. ކޮންމެ ރެއަކު ނިދަނީ ސައްޔާރު އާއި ގުޅައިގެން އޮވެއެވެ. ސައްޔާރުގެ އަޑު ނީވޭނަމަ ނިދޭކަމަކަށް ނުވެއެވެ.

"އަހަރެން ފުރަތަމަ މުސާރައިން މަލަކް އަށް ފޮނުވާނަން ފޯނެއް" ސައްޔާރު ބުނެލިއެވެ. މަލަކް ވަގުތުން އިންކާރުކުރިއެވެ. ރަށަށް ގޮސް ބައްޕަ ކައިރީ ބުނެގެން ފޯނެއް ހޯދާނެކަމަށް މަލަކް ބުންޏަސް އެއީ ޔަޤީންކަން ނެތް ކަމެކެވެ.

މަލަކް އިންކާރު ކުރިއަސް ސައްޔާރުގެ ނިންމުން ބަދަލެއް ނުކުރެއެވެ. މުސާރައިން ފުރަތަމަ ހޭދަކުރަން ބޭނުންވަނީ މަލަކްއަށެވެ. ދެން ބާކީވާ އެއްޗެއް ބައްޕައަށް ފޮނުވަން ބޭނުމެވެ. ފުރުމުގެ ކުރިން ބައްޕަ އާއި ދެކެވުނު ވާހަކަ ސައްޔާރު ހަނދާން އެބަހުއްޓެވެ. އެއްއަހަރު ތެރޭ މަލަކް އާއި ކައިވެނިކުރަން ބޭނުމެވެ. ބައްޕަ އެދުނީ ގެ ހަދާށެވެ. ބައްޕަ ކުރާ ޚަރަދުގެ އެއްބައިގައި ހިފާށެވެ. ސައްޔާރުއަށް ލިބޭ ހުރިހާ އެއްޗެއް ބައްޕަ އަށާއި ކޮއްކޮމެންނަށް ދޭން އޭނާ އެއްބަހެވެ. ސައްޔާރުއަށް ނުކިޔެވުނަސް ހަގަށްތިބި ކުދިންނަށް ކިޔަވައިދޭން ބޭނުމެވެ. އެއްކޮޓަރިގަނޑުގައި ބޮޑުވަމުން އަންނަ ކުދިންނަށް ނޫޅެވޭނެކަން އެނގެއެވެ.

"ސައްޔާރު" މަލަކް މަޑުމަޑުން ސަައްޔާރުއަށް ގޮވާލިއެވެ.

"އަހަރެން ބޭނުން ވަޒީފާއަށް ދާން، ބައްޕަ ކައިރިން ހުއްދަ ހޯދައިގެން އަމިއްލަ ޚަރަދުތައް ބެލެހެއްޓޭނެގޮތެއް ހޯދަން ބޭނުން، އަހަރެމެންގެ ކައިވެންޏަށް ވާއިރަށް އެއްޗެއް ރައްކާކުރަން ބޭނުން، ސައްޔާރުގެ އަތްބަކަށްވުމަށްފަހު ގޭގައި މަޑުކުރަން އަހަރެންގެ މައްސަލައެއް ނެތް، " މަލަކްގެ ވާހަކަތައް ސައްޔާރު އެހިއެވެ. މަލަކް ދިރިއުޅުމާއި މެދު ވިސްނާކަން ހާމަވުމުން އޭނާ އުފާވިއެވެ. ރަށުން ރަނގަޅު ވަޒީފާއެއް ލިބުމަކީ އޭނާވެސް އެދޭގޮތެވެ. ކައިވެންޏަށްފަހުވެސް މަލަކް ބޭނުންނަމަ ދާންވީއެވެ. ސައްޔާރުގެ ހަނދާނަށް އައީ އިއްޔެ ހަވީރު މުޝްތާފް ދެއްކި ވާހަކައެވެ.

"އޭނަގެ އޮފަރ ޤަބޫލުކުރަންތަ ތި ވިސްނަނީ؟" ސައްޔާރު ނުރުހިފައި އަހާލިއެވެ. މަލަކްއަށް ޖަވާބެއް ނުދެވިއުޅެނިކޮށް ފެނުނީ ކުރިމަތިން ހަތަރު ސައިކަލެއް އަންނަތަނެވެ. އެމީހުންގެ ސްޕީޑް ހުރީ ވަރަށް ބާރަށެވެ. ހައިވޭގައި ދުއްވާފައި އަންނަނީ ވައިރޯޅިއަކަށްވުރެ ހަލުވިކޮށެވެ. އެ ސައިކަލުތައް އަންނަނީ ކުރިމަތިންކަމަށްވާތީ ސައްޔާރު ސައިކަލް މަޑުކޮށްލަން މަސައްކަތްކުރިއެވެ. މުޅި މަގު ފުރިފައިވަނީ އެމީހުންގެ ސަބަބުންނެވެ. އަރިއަކަށް ޖެހެންވެސް އުދަނގޫވާހެންނެވެ.

މަގުގެ އެއްކައިރިއަށް ސައިކަލު އަނބުރާލެވުނުއިރު އެމީހުން އަރާ ހަމަވީއެވެ. އޭގެ ދެމީހަކު ކުރިއަށް އަރައިގެން ދިޔައެވެ. އަނެއް ދެމީހަކު މަޑުކުރިއެވެ. މަގުން ތަންދެއްކިހެން ހީވެ ސައްޔާރު ސައިކަލު ދުއްވަންފެށިއެވެ. އޭނާގެ ފަހަތުން އެމީހުން އަންނަކަން އެނގިގެން ބަލާލިއިރު އެއީ ހީވި ހީވުމެއް ނޫންކަން އެނގުނެވެ. ބައެއް ފަހަރު ސައިކަލުގައި ޖައްސަން އުޅޭހެން ހީވެއެވެ.

"އަހަރެމެންނާއި އެކު ރައިޑަކަށް ދާންވީނު؟" ސައިކަލާއި އަރާ ހަމަކޮށްފައި އެކަކު މުޚާތަބުކުރީ މަލަކްއަށެވެ. ސައްޔާރު ދެބުމަ ކައިރިކޮށްލާފައި އެމީހުންނަށް ބަލާލިއެވެ. އޭނާގެ ސައިކަލު ދެފަރާތުގައި ދެ ސައިކަލެއް ދުއްވަމުން ދިޔައެވެ. ސައްޔާރު އާއި އެއްވަރަށް ދުއްވަމުން ދިޔައެވެ. އެމީހުންގެ ނަޒަރުހުރީ މަލަކްއަށްކަން އެނގުމުން ސައްޔާރުގެ ލޭ ހޫނުވެގެން ދިޔައެވެ.އެކަކު އެއްއަތުން ސައިކަލް ކޮންޓްރޯލްކޮށްފައި މަލަކްގެ ބުރަކަށީގައި އަތް ފިރުމާލިއެވެ. ސައްޔާރު ހަޅެއްލަވައިގަތެވެ.

އެމީހުން ހޯބޯ ލައްވައިގަތެވެ. އަޑުގައިވީ މަލާމާތެވެ. ބިރުގެންކަމަށް ހެދިފައި ހީނގަތެވެ. "މި ކުޑަ އެތި އަހަރެމެންނަށް ހަޅެއްލަވާއެބަ." އެމީހުން އެކުގައި ހީނގެންފައި ފަހަރަކު މީހަކު މަލަކްގެ ގައިގައި އަތްލަން މަސައްކަތްކުރިއެވެ. ސައްޔާރުއަށް ކުރެވުނު ކަމަކީ އަތްނުލާށޭ ގޮވުމެވެ. ކުޅަދާނަނުވެގެން ސައިކަލުގެ ސްޕީޑް ބާރުކޮށްލައެވެ. އެއިން ކޮންމެ ފަހަރަކުވެސް އެމީހުންގެ ފަރިތަކަމުން ސައްޔާރު އާއި އެއްވަރުކުރެއެވެ.

ސައިކަލުގެ މުއްގަނޑަށް ބާރުކޮށްލަން އުޅެނިކޮށް އެއްސައިކަލު ކުރިމައްޗަށް އޯވާއެޓޭކުކޮށް ސައްޔާރު ހުއްޓުވިއެވެ. އެމީހުންގެ އަމަލުތަކުގެ ސަބަބުން ބިރުގެންފައިވާ ވިއަސް މަލަކްއަށްޓަކައި ހިތްވަރުކޮށްފައި އިން ސައްޔާރުގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ގެނުވީ ކުރިމަތީގައި ހުރި ސައިކަލުން ފޭބި ޒުވާނާ ސައިކަލުގެ މަޑިދަށުން ނެތި ކަތިވަޅި ފެނިފައެވެ. އެހެން ސައިކަލެއްގައި އިން ޒުވާނަކު އައިސް މަލަކްގެ އަތުގައި ހިފާ ގަދަކަމުން ސައިކަލުން ބޭލުއްވިއެވެ. މަލަކް އާއި ދިމާލަށް ބަލާލާފައި ސައްޔާރު ސައިކަލުން ފައިބަން އުޅުނުވަގުތު ދެމީހަކު ވެގެން ސައްޔާރު ހިފެހެއްޓިއެވެ.

***

މުޝްތާފް ކާރު ދުއްވީ އޭނާއަށް ދެވޭ އެންމެ ބާރަކަށެވެ. އެކަމާއި ކަންބޮޑުވެގެން ވަޖީހު މަޑުކުރުމަށް އެދުމުން އެއަޑު މުޝްތާފް އިވޭކަމަށް ނުހެދިއެވެ. އެއްއަތުން އޭނާގެ ފޯނުން ގުޅަމުން ގެންދިޔައީ ހަލީމްއަށެވެ. ހަލީމް ފޯނަށް ޖަވާބު ނުދޭތީ މުޝްތާފްގެ ލޭ ހުރީ ކެކިކެކިއެވެ.

ލިންކުގެ ރޯޑުގެ ވަކި ހިސާބަކުން ފެނުނީ އެއްވެގެން އުޅޭ މީހުންތަކެވެ. އެމަގުގައި އެމްބިއުލެންސާއި ފުލުހުންގެ ވެހިކަލް މަޑުކޮށްގެން އޮތެވެ. ތަންކޮޅެއް ކައިރިކޮށްލާފައި މުޝްތާފް ނިކަން އަވަހަށް ކާރުން ފޭބިއެވެ. އެންމެންގެ ތެރެއިން ކޮއްޕަމުން ގޮސް އެންމެ އެތެރެއަށް ވަންއިރު އެމްބިއުލެންސަށް އަރުވަން ގެންދިޔަ ސްޓެޗަރ ގައި ހޭނެތިފައި އޮތް މަލަކް ފެނިފައި އެދިމާލަށް ހިނގައިގަނެވުނެވެ.

"މިއީ އާއްމުން ވަނުން މަނާ ސަރަހެއްދެއް." މުޝްތާފްގެ ކުރިމައްޗަށް ހުއްޓުނީ ޔުނީފޯރމްގައި ހުރި ފުލުހެކެވެ. އެމީހާ އަތުން މުޝްތާފްގެ ކޮނޑުގައި ޖައްސާލީ މަޑުކުރާށޭ ބުނާފަދައިންނެވެ. ވަށައިގެންދަމާފައި ހުރި ޓޭޕްތައް ފާހަގަކުރެވުނީ ދެނެވެ. އެމަންޒަރު ބަލަން އެތަނުގައި އެތައް ބަޔަކު ތިއްބެވެ. އެމީހުންގެ ފޯނުތަކުން މަންޒަރު ރިކޯޑްކުރަމުން ދިޔައެވެ. ފުނޑުވެ ހަލާކުވެފައިވާ ސައިކަލާއި މަގުމަތީގައި ރޮނގަކަށް ދެމިފައިވާ ލޭގެ ކޯރުތައް ފެނިފައި އެންމެންވެސް ކިޔައީ އެކްސިޑެންޓް ވެގެން އުޅޭ ވާހަކައެވެ.

"ހައު އިޒް ޝީ؟ އަހަރެން މިއީ މިވަގުތު އޭނާގެ ޒިންމާ ނަގަން ހުރި މީހަކީ." މަލަކްއަށް އިޝާރަތްކުރަމުން މުޝްތާފް އެހިއެވެ. އޭނާ އަޑުގައިވި ރުންކުރު ކަމުން ފުލުހުންގެ މީހާ އެދިމާލަށް ބަލައިލިއެވެ. ދެން އެމީހުންނަށް އެތަނަށް އާދެވުނު ވަގުތުން ފެށިގެން ފެނުނު ކަންތައް ކިޔައިދިނެވެ. ސައްޔާރު ގެ ޚަަބަރަކީ ކޮބައިތޯ އަހަން މުޝްތާފް ހިތަށް އެރިއެވެ. މަލަކް އަރުވަން އެމްބިއުލެންސްގެ ދޮރު ހުޅުވުނު ވަގުތު އޭނާއަށް ސައްޔާރުގެ ހަށިގަނޑު ފެނުނެވެ. ބަލަން ނުކެރި މޫނު އެއްފަރާތްކޮށްލެވުނެވެ. މެއަށް ފިނިވެގެން ދިޔައީ އެގަޑީގައި ކަންތައް ހިނގާނެ ގޮތް ލަފާކޮށްފައެވެ. އެ މަންޒަރުތައް ފެނުމުން މަލަކްއަށް ވާނެ ވަރު ހިތަށް އެރުމުން ހަށިގަނޑު ތުރުތުރުއަޅަންފެށިއެވެ. މަލަކް އާއި ސައްޔާރު އަރުވައިގެން އެމީހުން ދަތުރު ފެށުމުން އަވަސްވެގަތީ އެމްބިއުލެންސް ފޯރުމުގެ ކުރިން ހޮސްޕިޓަލަށް ދެވޭތޯއެވެ.

ކާރުން ފޭބި ވަޖީހު އަށް އިވުނީ އެއްވެފައި ތިބި މީހުން ދެއްކި ވާހަކައެވެ. ސައްޔާރު އަކީ ޒައިނީ އާއި ދެބެންގެ ދެދަރިކުއްޖެކެވެ. މުޝްތާފް އާއި އެކު ކާރަށް އަރާފައި ވަޖީހު ބޭނުންވީ ހޮސްޕިޓަލަށް ދާށެވެ. ވަޖީހުއަށް ބަލާފައި ވީކިހިނެއްތޯ ދިޔާނާ އެއްސެވެ. ވަޖީހު ކިޔައިދިނީ އެތަނުގައި ތިބި މީހުން ލަފާ ކޮށްފައި ދެއްކި ވާހަކައެވެ.ކަންތައްވީ ގޮތް އަހާފައި ޒައިނީއަށް ރޮވެންފެށިއެވެ.

***

ހޮސްޕިޓަލުގެ ކޮރިޑޯ ތެރޭ މުޝްތާފް ހުރީ ދެކޮޅަށް ހިނގަ ހިނގައެވެ. މަލަކް އާއި ސައްޔާރުގެ އެކްސިޑެންޓްގައި މުޝްތާފް ހާސްވާންޖެހެނީ ކީއްވެކަމާއި މެދު އެތަނުން އެންމެ މީހަކުވެސް ފިކުރުކޮށްލިނަމަ ސުވާލު އުފެދޭނެއެވެ. އެތަނުގައި ހުރި ގޮނޑިބަރިއެއްގައި ދިޔާނާގެ ކޮނޑުގައި ބޯއަޅައިގެން ޒައިނީ އޮތެވެ. ވަޖީހު ފޯނު ނަގައިގެން ނިކުތީ ބޭރަށެވެ. ސައުދުއަށް ގުޅާފައި ޚަބަރު ދީފައި މިޤްދާދުއަށް ގުޅަން ހިތަށް އަރާފައި ފަސްޖެހެވުނެވެ. މަލަކް ފޮނުވަން ބޭނުން ނުވެފައި ހުރި މިޤްދާދުއަށް އޭނާ ދިނީ މަލަކް ބަލާނެކަމުގެ ފުރިހަމަ އިތުބާރެވެ. އެކަން ނާކާމިޔާބުވުމުން މިޤްދާދުއަށް ގުޅާނެ ހިތްވަރުވަނީ އެލިފައެވެ.

ރުޅިގަދަވެގެން ހަލާކުވާން ކައިރިވެފައި ހުރި މުޝްތާފްގެ ފިޔަވަޅުތައް ހުއްޓުނީ އެދިމާލަށް އައި އާދިލް އާއި ޒާނަ ފެނިފައެވެ. އެމީހުންގެ ފަހަތުން ހަފްސާ އާއި އެކު ވަދެގެން އަންނަ ހަލީމް ފެނިފައި މުޝްތާފް ހިނގައިގަތީ އެމީހުންނާއި ދިމާލަށެވެ. ހަފްސާ އެއްޗެއް ބުނަން އުޅުނުހެން ހީވިއަސް މުޝްތާފް އަމުރުކުރީ ހަލީމްއަށެވެ. ހަލީމް އާއި އެކު ބޭރަށް ހިނގައިގެންއިރު ވަޖީހް އައިސް ވަންނަނިއެވެ. ހޮސްޕިޓަލްގެ ގޯތިތެރެއަށް މުޝްތާފް ނިކުންތަން ބަލަން ވަޖީހް އިރުކޮޅަކު ހުއްޓެވެ. އެދެމީހުން ގޮސް ހުއްޓުނީ އެމީހުން ދައްކާ ވާހަކަ އަޑުނުއިވޭހާ ދުރުގައެވެ. ވަޖީހް އެތެރެއަށް ހިނގައިގަތީ ޒާނަ އައުމާއި އެކު ދިޔާނާގެ ރުއިމުގެ އަޑު ގަދަވެގެންދިޔަކަން ފާހަގަވެގެންނެވެ.

"ކަލޭ ފޯނު ނިއްވައިގެން ކީއްކުރީ؟" މުޝްތާފް ދަތްޕިލަ ޖައްސާލިލެއް ބާރުކަމުން ކޯކަށިގަނޑު ފާޅުވިއެވެ. ދެލޮލުގައިވި ރުޅިވެރިކަމާއި އެކު ދެބުމަ ފިއްތާލިގޮތުން ހަލީމް ބިރުގަންނަގޮތްވިއެވެ.

"ނިދިފައި އޮތީ، ހެނދުނު އަހަރެން އެމީހުންނަށް ގުޅިން. އެމީހުން ތައްޔާރަށް.." ހަލީމްއަށް ކުރިއަށް ގެންދަން މުޝްތާފް ފުރުޞަތެއް ނުދިނެވެ. "އަހަރެން ގުޅީ އެމީހުން ހުއްޓުވާށޭ ބުނަން" މުޝްތާފް ބުނެލިއެވެ. ހަލީމްގެ މޫނުމަތިން ފެނުނީ ހައިރާންވިވަރެވެ. އަރައިގެން އަންނަ އިރު ފަދައިން މުޝްތާފްގެ ޚިޔާލު ބަދަލުވެދާނެކަން އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ރޭގައި ނިމުނުލެއް ލަސްކަމުން ރަނގަޅަށް ނިދާލަން ބޭނުންވެފައި ހުރުމުން ހަލީމް ފޯނު ނިއްވައިލީއެވެ.

"ކީއްވެ؟" ހަލީމް އެނގެން ބޭނުންވިއެވެ.

"އޭނަ ދިޔައީ މަލަކް ގޮވައިގެން." މުޝްތާފްގެ މޫނުމަތިން ފެނުނީ އޭނާއަށް ކުރެވުނީ ރަނގަޅު ނޫންކަމެއްކަން އިޙްޞާސްވެފައިވާ ފަދަ މާޔޫސްކަމެކެވެ. އެކަންތައް ހުއްޓުވަން އޭނާ މަސައްކަތް ކުރިއެވެ. ކާމިޔާބު ނުވުން އެއީ ވަކި ކަމެކެވެ.

"ދެން ހަދަންވީ ކިހިނެއް؟" ހަލީމް އަހާލިއެވެ. މިވަގުތު އެއްވެސް ކަމަކަށް ފިކުރުކުރާވަރަށްވުރެ މުޝްތާފްގެ ސިކުނޑި ވަނީ ވަރުބަލިވެފައެވެ. އޭނާގެ ހިތާއި ނަފްސުގައިވީ މަލަކްއަށްޓަކައި އުފެދެމުން ދިޔަ ޝުއޫރުތަކެވެ. އޭނާ ދެން ކުރާ ކަމެއް ކުރާނީ މަލަކް ރައްކާތެރިކުރުމަށެވެ. މަލަކްއަށް ދެވެން އޮތް ފަރުވާއެއް ދިނުމަށެވެ. އޭނާގެ މުދަލާއި ވަގުތު ހުސްކުރާނީ އެކަމަށެވެ.

***

ލޮލަށް ގަދަ އައްޔެއް އެޅުމުން މަލަކް ދެލޯ މަރާލަން މަސައްކަތްކުރިއެވެ. ދެތިން ސިކުންތަށްފަހު އަނެއްކާވެސް އޭނާގެ ދެލޯ ޑޮކްޓަރު ހުޅުވާލަދިނެވެ. މޫނުމަތި ފޮރުވައިގެން ހުރި ޑޮކްޓަރު މަލަކްއަށް ފެނުނެވެ. އޭނާގެ އެއްއަތުގައި އޮތް ޓޯޗު ދެވަނަ ފަހަރަށް ދިއްލައިލިއެވެ.

"ޔޫ އޯކޭ؟" މާސްކު ތިރިކޮށްލާފައި ޑޮކްޓަރު އަހާލިއެވެ. މަލަކް ބޯޖަހާލަން މަސައްކަތް ކުރިއެވެ. ކަނދުރާމަތީ ހުރި ރިހުން އެނގުނީ ކުޑަކޮށް ބޯ ހަރަކާތްކޮށްލުމުންނެވެ. މަޑުމަޑުން ބޮލުގައި އަތްޖައްސާލެވުނެވެ. ނިތްކުރިމަތި ބާރުވެފައި ރިހުން ގަދައެވެ.

މުޅި ހަށިގަނޑުގައި ވަނީ ރިހުމެއް ހިފާފައެވެ. ނަރުހަކު އައިސް ހިނިތުންވެލާފައި މަލަކްގެ އަތް ދަމާލާފައި ލޭގެ ޕްރެޝަރު ބަލަމުން ދިޔައެވެ. ނަރުސްކުއްޖާގެ ކައިރީ ހުއްޓެމުން ޑޮކްޓަރު ބުނީ ކީކޭކަން މަލަކްއަށް ފަހުމްވިއެވެ. ކުރިއަށްވުރެ މިހާރު ހަމަޖެހެމުން އަންނަކަމަށް ޑޮކްޓަރު ބުނެލީ ފަޚުރުވެރިކަމާއި އެކުގައެވެ.

"އަހަރެން މިތާ އޮންނަތާ ކިތައް ގަޑިއިރުވެއްޖެ؟" މަލަކްގެ ސުވާލާއި އެކު ނަރުސްކުއްޖާ ޑޮކްޓަރުގެ މޫނަށް ބަލާލިއެވެ. އޭގެ ޖަވާބު އައީ ޑޮކްޓަރުގެ ފަރާތުންނެވެ. މަލަކް ގެނައި ފަހުން ހަގަޑިއިރުވެއްޖެކަމަށް ބުނި އަޑު އަހާފައި މަލަކް އަށް ރޮވުނެވެ. މަލަކްގެ ކައިރިން އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާ އޮތީ އެއްވެސް މީހަކަށް ވަނުމުގެ ހުއްދަ ނެތް ތަނެއްގައިކަން ހިތަކަށް ނާރައެވެ. ޒައިނީމެން ފުރައިގެން ދިޔައީއޭ ހިތަށް އެރިއެވެ.

"ސައްޔާރު.، އޭނަ ކޮބާ؟" މަލަކް ކުއްލިއަކަށް ހަނދާންވެ ތެޅިފޮޅިގަތެވެ. ތެދުވަން މަސައްކަތްކުރިއެވެ.

"އެމެޖެންސީކޮށް މާލެ ފޮނުވީ، މިހާރު ދެގަޑިއިރުވެއްޖެ، މަލަކް، ހަމަޖެހޭ، ހުރިހާކަމެއްވެސް ރަނގަޅުވާނެ." ހިތްހެޔޮކަމާއި ނަރުސްކުއްޖާ ހިނިތުންވިއެވެ. ސައްޔާރުގެ ހާލާއި މެދު މަލަކް ކަންބޮޑުވުން ވީ އިތުރެވެ. ނަރުސްކުއްޖާގެ ވާހަކަތަކަކީ ހަމައެކަނި އޭނާ ހިތްހަމަޖައްސަން ބުނި އެއްޗެއްކަން އެނގެއެވެ. ހުރިހާ ކަމެއް ރަނގަޅުވާނީ ސައްޔާރު ރަނގަޅުވެގެންނެވެ. ސައްޔާރުގެ ފުރާނަ އާއި މެދު މަލަކް ފިކުރުބޮޑުވިއެވެ. އޭނާގެ ސިކުނޑިއަށް ޖަމާވާންފެށީ މިއަދު ހެނދުނުގެ މަންޒަރުތަކެވެ. މަލަކް ހިފަހައްޓާފައި ސައްޔާރު އާއި ދިމާކޮށްލިގޮތެވެ. ކަތިވަޅީގެ ހަމަލާތަކެއް ދޭން އުޅޭހެން ހީވެ މަލަކް ދެލޯ މަރާލިއެވެ. ދެން އިވުނީ ސައްޔާރު ހޭރިގެން އަޑެވެ. ލޯކިރިޔާ ހުޅުވާފައި ބަލާލިވަގުތު ފެނުނީ ލެއިން ކަޅިވެފައިވާ ކަތިވަޅިއެވެ. އެއާއި އެކު މަންޒަރުތައް އަނދިރިވެ އޭނާ ދެމުނީއެވެ.

"މަލަކް، ބައްދަލުކުރަން ވަރަށް ގިނަ މީހުން އެބަތިބި، މަލަކް އާއި ސުވާލުކުރާނެ، އެކަން އެނގި ތައްޔާރުވުމުން ނޫނީ ވޯޑަށް ބަދަލްކުރަން ޑޮކްޓަރު ހުއްދައެއް ނުދޭ، މަލަކް ރެޑީވީމައި ބުނޭ،" ނަރުސްކުއްޖާ ބުނެލިއެވެ. މަލަކް ބޯޖަހައިލީ އޭނާ ތައްޔާރޭ ބުނާފަދައިންނެވެ. ސައްޔާރުއަށް ލިބުނު ގެއްލުމުގެ ބަދަލު ލިބޭނީ މަލަކް ކުރިމަތިލައިގެންނެވެ. އެއީ ކޮންބައެއްކަމެއް މަލަކްއަކަށް ނޭނގެއެވެ. އެކަމަކު ދެމީހެއްގެ މޫނު އޭނާގެ ހިތަކުން ނުފިލައެވެ. އެއްވެސް މީހަކު ނަމުން މުޚާތަބުކުރަނިކޮށް އޭނާ އަޑެއް ނާހައެވެ.

ނަރުސްކުއްޖާގެ އެހީގައި މަލަކް އެނދުން ފޭބިއެވެ. ލަސްލަހުން ބޭރަށް ނިކުންއިރު އޭނާ ހީކުރީ ތިބޭނީ ހަމައެކަނި ފުލުހުންކަމަށެވެ. ދޮރު ހުޅުވާލިއިރު ފެނުނީ ގޮނޑިބަރީގައި އިން ޒައިނީއެވެ. މަލަކް ފެނުމުން ކޮޅަށް ތެދުވިއިރު ޒައިނީއަށް ރޮވެނީއެވެ. ދިޔާނާގެ ނަޒަރު އެއްފަހަރު މަލަކްގެ މޫނަށް ދަތުރުކޮށްލާފައި އަނެއްފަރާތަށް ބަލާލިގޮތުން ހީވަނީ އެތަނުގައި މީހަކު ހުރީހެންނެވެ.

މަލަކްއަށް އެދިމާލަށް ބަލާލެވުނެވެ. މަލަކްއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ހިތްވަރުކޮށްފައި ހިފަހައްޓާފައި ހުރި ކަރުނަތައް ބަންޑުންވީ ރުއިމުގެ އަޑާއި އެކުގައެވެ. އޭނަ އާއި ދިމާލަށް ހިނގަމުން ދިޔަ މިޤްދާދުގެ ލޯ ފެންކަޅިވެ ފުރެމުން އައިތަން ފެނުނެވެ. މަލަކްގެ ދެކޮނޑުގައި ހިފާފައި ގެނެސް މިޤްދާދުގެ މޭގައި ޖައްސާލިއެވެ. އަދި މަލަކްގެ ބުރަކަށީގައި ދެއަތް ވަށާލިއެވެ. ބައްޕަގެ އަތުތެރޭ ނޫނީ ހިމާޔަތެއް ނުވާފަދައެވެ. މިޤްދާދުގެ މޭގައި މޫނު ޖެހުމާއި އެކު މަލަކް އަނެއްކާވެސް ދިޔައީ ފަޅައިގެންނެވެ. އޭނާގެ ހިތްބަލިކަށިވެފައިވާކަން އެނގުނީ ދެނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular