20 Mar 2019

ހިތު ލޯބި ހިތާ ވަކިވާނޭހޭ

ހިތު ލޯބި ހިތާ ވަކިވާނޭހޭ

* މާޗް 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ފޯނު ކަންފަތުގައި ޖަހައިގެން ހުރެ މަޑު ހިނގުމެއްގައި އެތެރެއަށް ވަދެގެން އައީ އެ ޒުވާނާއެވެ. ދިރުން ގެއްލިފައިވިޔަސް ދެވަނައެއް ނެތްފަދަ ފުރިހަމަ ކަމުގައިވާ އެމޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމުގެ އަސަރެވެ. އަހަރެންގެ ނަޒަރުތަކުގެ ފުރިހަމަ ޝިކާރައަކަށް އެޒުވާނާވަމުންދިޔަ އިރު އަހަރެންގެ ލަދުވެތިކަންވެސް އެ ނަޒަރުތަކުގެ ހުރަހަކަށް މިފަހަރަކު ނުވިއެވެ. އެންމެ ފަހަރަކު އިސް އުފުލާލައި އަހަންނަށް ބަލައިލިނަމަވެސް ހުޅުވިފައިވާ ފޮތެއްގެ ޞަފްޙާތައް ފަދައިން އަހަރެންގެ ހިތް އޮތްގޮތް އެ ޒުވާނާއަށް އެނގި ބޭޒާރުވީހެވެ.

"އިފާޝާ އާ ނުލާ އެންމެ ދުވަހެއްވެސް ހިއެއްނުވޭ ދެން ޒަޔާނަށް ކެތްވެދާނެހެނެއް!..."

މައިދައިތަގެ އެ ސަމާސާއިން އިފާޝާ ލަދުން މޯޅިވެލަމުން މަންމަ މެހެރުގެ ކޮނޑާދިމާއިން ބުރިކަށީގައި މޫނު ޖައްސާލައި މޫނު ނިވާކޮށްލި އެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އުއްމު ކުލްޘޫމްގެ އެ ގަނދުވަރެއްފަދަ ގޭގެ ތެރެއިން ގުގުމާލިއެވެ. އެތަނުގައި އުފާވެރިކަން ނޫން އެހެން އެއްވެސް ކަމެއް ނުވެއެވެ. ބޭޤަރާރުވެ މާޔޫސްކަމުގައި ވަނީ ހަމައެކަނި އަހަރެންގެ ހިތެވެ. ކާވެނީގެ މެހެފިލްތަކާއި ޚާންދާނީ ބައްދަލުވުންތަކުން ގުގުމާލާ ކޮންމެ ހުނުމެއްގެ އަޑު އަހަރެންގެ ކަންފަތަށް އިވި ސިކުނޑިއަށް ނެގެނީ މަލާމާތެއްގެ ސިފައިގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ އުފާވެރިކަމުގެ ތެރެއިންވެސް މެހެރުގެ ނަފުރަތުގެ ބެލުންތައް ދޭތެރެ ދޭތެރެއިން އަހަންނަށް ދިޔައީ އަމާޒުވަމުންނެވެ. ސަބަބު ނޭނގޭ އެ ރުޅިވެރި ނަޒަރުތަކަށް ފިލަން އުއްމުގެ އުނގުތެރޭގައި ފޮރުވިލަން އަހަރެން ބޭނުންވިޔަސް އެވަގުތު އުއްމުގެ ސަމާލުކަންވެސް ހުރީ އެ އުފާވެރި މާހައުލަށެވެ.

އެމީހުންގެ އެ އުފާވެރި ޖަޒުބާތުތަކުގައި ބައިވެރިވުމެއްނެތި ރޫޙު ނެތް މައްޔިތެއް ފަދައިން އަހަރެން ހުރީމެވެ. އަހަރެން ފަދައިން ހަމަހިމޭންކަމުގައި ނަފްސުގެ މައުޖޫދުޤީ މުޅިން އެހެން ދިމާލަކަށް ދޫކޮށްލައިގެން ދެން އިނީ އެޒުވާނާއެވެ. ސުރައްޔާގެ މަގަތުން އޭނާ އިށީނދެ އިން ސޯފާގެ އަތްގަނޑުމަތީގައި އިށީނދެލައިގެން އިން އިރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އަހަންނެކޭ އެއްފަދައިން އުއްމުއަށްވެސް އެ ޒުވާނާއަކީ ބީރައްޓެއްސެކެވެ. އުއްމުގެ ވިސްނުންތޫނު ސިކުނޑިއަށް ޒުވާނާގެ ހަމަހިމޭންކަމުން އުނދަގޫ ވީ ކަންނޭނގެއެވެ. ނަޒަރުގެ ބަހުރުވައިން ޒުވާނާއާ ބެހޭގޮތުން ސުރައްޔާ އާ ސުވާލު ނުކޮށެއް އުއްމު އަކަށް ނީނދެވުނެވެ.

"މިއީ އަހަރެންގެ ދޮށީ ދަރިފުޅު... ކިނާން... އެއީ އަޒްކާ! ކިނާންގެ ދަރިފުޅު އަދި އަހަރެންގެ ހުރި ހަމައެކަނި މާމަ ދަރިފުޅު!"

ކުއްލިޔަކަށް ކަމެއް ހަނދާންވެގެން ބުނެލިހެން، ސުރައްޔާ އެހެން ބުނެލި އަޑަށް އިސް އުފުލާލަމުން ނިތްއަރުވާލައި ލުއި ހިނިތުންވުމެއް އުއްމުއަށް އޭނާ ރައްދު ކޮށްލިއެވެ. އޭނާގެ އެހިމޭން ހިނިތުންވުމާއި ކުރާ ކޮންމެ ޙަރަކާތަކާއެކު އަހަރެންގެ ހިތް އަވަސްވެލައެވެ. ދެންމެ ދެންމެ އޭނާގެ ނަޒަރު އަހަންނަށް ހުއްޓިދާނެހެން އަހަންނަށް ހީވަނީއެވެ. ނަމަވެސް ހަގީގަތަކީ އެވަގުތު އެތަނުގައި ތިބި މީހުންގެ ތެރެއިން ކުޑަމިނުން އަހަރެން އެތަނުގައި ހުރިކަންވެސް އޭނާއަށް ނޭނގޭކަމެވެ. އަޒްކާ އައިގޮތަށް އައިސް އަހަރެންގެ އަތުގައި ހިފައިގެން ހުއްޓަސް އޭނާގެ ޝައުގުވެރިކަން އެކަމަށް ދެވުނު ތަނެއް އަހަރެން ނުދެކެމެވެ.

"މި ދަރިފުޅުގެ މަންމަ ކޮބާ؟!" އަޒްކާއަށް އިޝާރާތްކުރަމުން މެހެރު ކުރި ސުވާލާއެކު ސުރައްޔާ ކިނާންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ކިނާނުގެ މޫނު މަތިން ފެނުނު ނުތަނަވަސްކަން، އެތަނުގައި ތިބި އެކަކަށްވެސް ސިއްރެއް ނުވިއެވެ.

އަޒްކާ ނިދިއައިސްގެން އާފުރެން ފެށުމާއެކު އެތަނުން އަވަހަށް ދާނެ ބަހަނާއެއް ސުރައްޔާއަށް ލިބުނެވެ. އެއީ ވަގުތުގެ ފަރުވާއަށްޓަކައި މާތް ރަސްކަލާނގެ ލެއްވި ރަޙުމަތެއްކަމަށް ބަލައިގެން އެރޭގެ ބައްދަލުވުން އެހިސާބުން ކުރުކޮށްލުމަށްފަހު، ސުރައްޔާމެން އެނގެއިން ނިކުންނަން ތައްޔާރުވީ އިފާޝާ އަބަދުވެސް އުފަލުގައި ބަހައްޓާނެ ކަމުގެ ވަޢުދާއެކީގައެވެ.

ނިދިއައިސް ތާއްޔާ ޖެހިޖެހި ހުރި އަޒްކާ، އޭނާގެ އަތްޖެހޭ ހިސާބުން އަހަރެން ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ މެކްސީއަށް ދަމާލަމުން އުރާލުމަށް އެދުނެވެ. ސުރައްޔާގެ މޫނަށް ބަލާލުމުން އެވަގުތު އޭނާ ރައްދުކޮށްލި ހިނިތުންވުމަކީ އަޒްކާގެ އެ ޢަމަލުގެ ޖަވާބުކަމުގައި ބަލައިގެން އަހަރެން އަޒްކާ އުރާލީމެވެ. ނިދެމުން ދިޔަ އިރުވެސް އަހަރެންގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެ އަހަރެންގެ އިސްތަށިގަނޑުގައި އަޒްކާ ދިޔައީ ފިރުމަމުންނެވެ. ކުޑަ ހިނދުކޮޅެއްގެ ފެނިލުމުން އުފެދުނު އެ ގާތްކަމާމެދު ހައިރާންވީ ހަމައެކަނި އަހަރެން ނޫންކަން، އަހަރެމެންނާ ދިމާލަށް ހުއްޓިފައިވާ އެންމެންގެ ނަޒަރުތަކުން ބުނެދެމުންދިޔައެވެ.

ލަސްލަހުން މެރެމުންދިޔަ އަޒްކާގެ އެސްފިޔަތަކަށް ހިމޭންކަން ވެރިވުމާއެކު ސުރައްޔާ އަހަންނާ ދިމާއަށް އެޅި ފިޔަވަޅު ހުއްޓުވަމުން ލަސް ހިނގުމެއްގައި ކިނާން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓި އަހަރެންގެ ކޮނޑުމަތިން ތިރިއަށް އެލިފައިވާ އަޒުކާގެ އަތުގައި ހިފިއެވެ. ބޭރަށް ދޫކޮށްލަން ތައްޔާރުވެފައިވާ ނޭވާތައްވެސް އެވަގުތު އަހަންނަށް ހިފަހައްޓާލެވުނެވެ. އަހަރެންގެ އިސްކޮޅު ހުރީ ކިނާނުގެ މޭމައްޗާ ހަމައަށެވެ. އެއީ އެއިސްކޮޅުގެ ދިގުކަމާއި، އެ މޫނުގެ ރީތިކަން އެހާގާތުން އަހަރެން ދުށް ފުރަތަމަ ފަހަރެވެ. ދެމެދުގައި ފޫޓެއްހާ ދުރުމިންވެސް ނެތް އެވަގުތުކޮޅު ކިނާނުގެ ގައިންދުވި ޖޯޖޯ އަރުމާނީގެ "އަކްއާ ޑި ޖިއޯ" ސެންޓްގެ މީރުވަސް އަހަރެންގެ ނޯށަށް އަރާމުކަން ގެނެސް ދިނެވެ. ހިތަށް ލިބެމުންދިޔަ ރޫޙީ އުފާވެރިކަމުގައި ނޭވާ ހިފަހައްޓައިލައިގެން ހުއްޓައި ކިނާނުގެ ގާތަށް ނުދިއުމަށް ނިދީގެ ތެރޭގައި އޮވެ އަޒްކާ ގަދަ ދައްކާލިއެވެ. އެވަގުތު ސިހިފައި ހަދާލެވުނު ގޮތަކުން ކިނާނުގެ އަތުގެ ބީހުން އަހަރެންގެ އަތްތިލައާ ގުޅި ލާމެހިލިއެވެ. ހަތަރުކަޅި ހަމަވެ އަހަރެންގެ ހިއްސުތަކަށް ފިނިކަން އިހްސާސްވިޔަސް، ކިނާންގެ އެ ބެލުމުގައި އެއްވެސް އަސަރެއް ނެތެވެ. އަހަރެން ހިތްއެދޭ މަންޒިލް ކިތައްމެ ގާތުގައި ވިޔަސް ކުރަން އޮތް ދަތުރުގެ ދިގުކަން އެވަގުތު އަހަންނަށް އިހްސާސްކުރެވުނެވެ. ފަހަރުގައި އެދަތުރަކީ އަހަރެންގެ މުޅި ޢުމުރުގައި ކޮށް ނުނިމޭނެ ދަތުރަކަށް ވެސް ވެދާނެއެވެ. ނަމަވެސް އެކަމަކަށް އަހަރެންގެ ފަރުވާލެއްނެތެވެ. މީހުން ބުނެއެއް ނޫން ހެއްޔެވެ؟ ދަތުރު ދިގުވި ވަރަކަށް ދާންއޮތް މަންޒިލްގެ ރީތި ކަމާއި ފުރިހަމަކަންވެސް ދާނީ އިތުރުވަމުންނެވެ.

އެރޭގެ އެ ޢާއިލީ ބައްދަލުވުން ނިމުމުން އަހަރެންވެސް ކޮޓަރިއަށްވަދެ އަހަންނަށް ހާއްސަ ކުރެވިފައިވާ އެނދުގައި އޮށޯވެލީމެވެ. އެ ކޮޓަރީގެ ޒީނަތްތެރިކަމާއި އަރާމު އެތަންމަތިން އަހަރެންގެ ނަފްސަށް ކުރުވި ރާހަތެއް ނެތެވެ. ކަންފަތުގައި އެވަގުތުވެސް ގުގުމަމުން ދިޔައީ އުއްމު ހަމަޖެއްސުމަށް ތައްޔާރުވަމުންދިޔަ އަހަރެންގެ ކާވެނީގެ ވާހަކަތަކެވެ. ހިތުގައިވަނީ ކިނާންގެ އަސަރެއް ނެތް ނަޒަރާއި އެ ބީހިލުުގެ އިހްސާސެވެ. އެއިހްސާސްތަކާއެކު ދެފަޔަށް ބާރުލިބި އަހަރެން އެނދުންތެދުވެ ކޮޓަރިން ނިކުތީމެވެ. ގޭގެ ކޮރިޑޯއަށް ނިކުމެ މަހުމަލުގެ ދޫލައަށް އަހަރެންެގެ ފިޔަވަޅުތައް އޮބަމުން ގޮސް ދުރުގައި ހުރި ބޮޑު ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ބިއްލޫރީގެ ބޮޑު ޗާންދަލިޔާއިން ފަތުރަމުންދާ ރަންއައްޔާއި އުއްމުގެ ފޮތްކިޔާ މޭޒު މަތީގައި ހުރި ޓޭބަލް ލޭމްޕްގެ ހުދު އަލިކަން ފިޔަވައި އިތުރު އަލިކަމެއް އެތަނަކު ނުވެއެވެ. އެއަރކޮންޑިޝަނަރގެ ފިނިކަމާ އެއްވަރަށް ލެވެންޑަރގެ މީރުވަސް މުޅި ކޮޓަރިއަށް ފެތުރިފައިވެއެވެ. ފެއްސާއި ރަންކުލައިން ޖަރީކުރެވި އެނދު ވަށައިގެން ލެވިފައިވާ ސަނދުވާއާއި ސަނދުވާގެ މަތިން އެނދު ނިވާކުރުމަށް ލެވިފައިވާ ހަތަރެސްކަން ފުރާޅުގެ ވަށައިގެން ރަނުން އަތްކަންއެޅައި ކަނޑާ ނަގާފައިވާ ޑިޒައިނުގައި ޝާހީގޮތެއް ހުއްޓެވެ. އެނދުގެ ބޯލާކޮޅުން ފާރުގައި ހަރުކުރެވިފައިވަނީ ފަހަރުގައި އުއްމުއާއި ކާފަ އަޚްތަރުގެ އާކާވެނީގެ ރޭގެ ކަޅާހުދުގެ ތަސްވީރެވެ. އެކޮޓަރީގެ އެއްކޮޅުގައި ބަހައްޓާފައި ހުރި ފޮތް ހަރުގަނޑުތަކުން އުއްމުއަކީ ފޮތްތެރި މީހެއްކަން އެނގޭހާވެއެވެ. ކޮޓަރިން އެ ފޮތްހަރުގަނޑުތަކަށް ޙާއްޞަކުރެވިފައިވާ ޖާގައިގައި ބަހައްޓާފައިހުރި މޮޅު ލަކުޑީގައި ކިއްސަރު އަޅައިގެން ހެދިފައިވާ މޭޒާއި ގޮނޑިން އެ ތަކެތި ފަރުމާކުރި ވަޑީގެ ކުޅަދާނަކަން ފެންނަން ހުއްޓެވެ. ކޮޓަރިތެރޭގައި އަޅާފައިވާ ރަތް ދޫލައާއި ތަރުތީބުން ބެހެއްޓިފައިވާ މާވަށިތަކުގެ ފުރިހަމަކަން މި ޚާންދާނުގެ އެ ޝާހީ ދިރިއުޅުމުގެ ދިރުން ދައްކުވަމުން ދިޔައެވެ. ލިބިފައިވާ މުއްސަނދިކަމާއި ތަނަވަސްކަމަށް ވެސް އުއްމުގެ ހިތުގެ އީމާން ނަގައެއް ނުލެވުނެވެ. މުޞައްލަމަތީގައި އިނދެ ފުރިހަމަ ކުއްތަންވުމަކުން ކުއްތަންވެ އިނދެ އުއްމު ދަމުނަމާދުގެ ސުންނަތް އަދާކުރަމުން ދިޔައެވެ. އަހަރެންގޮސް އެނދުގެ ކޮޅުން ފެތުރިފައިވާ ސަނދުވާ ހިއްލާލުމަށްފަހު އެނދުގައި އިށީންދެލީމެވެ. ނަމާދުކޮށް ނިމިގެން ޒިކުރުކުރަމުން ތެދުވެ ފޮތްހަރުގަނޑުން މުޞްޙަފު ނަގައިގެން އައިސް، އެނދުކައިރީ ބަހައްޓާލާފައި އިން އުއްމުގެ ހާއްސަ ޤަދަރެއް ދެވިފައިވާ "ރޮކިން ޗެއަރ" ގައި އިށީނދެލިއެވެ. އަހަރެން އެތަނުގައި އިންކަން އުއްމުއަށް ރޭކާލީ އެވަގުތުއެވެ. ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަހަންނަށް ސަމާލުކަން ދެމުން އުއްމު މުޞްހަފު ޖެހިގެން ހުރި ކުޑަ މޭޒުމަތީގައި ބާއްވާލިއެވެ. އަހަރެންގޮސް ދޫލަމަތީގައި އިށީނދެލަމުން އުއްމުގެ ކަކުލުގައި ބޯއަޅައިލީމެވެ. އެވަގުތު އަހަރެންގެ ބޮލުމެދުން ފެށިގެން ކަނދުރާއާ ހަމައަށް އަތް ހިންގާލުމަށްފަހު އަހަރެންގެ ބޮލު މެދުގައި އުއްމު ބޮސްދިނެވެ.

"ދަރިފުޅާ! ކާވެންޏަކީ ބިރުވެރި ފުރޭތައެއް ނޫނޭ އެވާހަކަ ދައްކާ ހިސާބުން ނިދިނަގާލަން.. މާމަ އަކީވެސް އަޖަލެއް ލެއްވިގެންވާ އިންސާނެއް.. މާމަ ފަސްގަނޑު ދަށަށް ދާންޖެހުމުގެ ކުރިން ދަރިފުޅުގެ ދިރިއުޅުން އާބާދު ވާތަން ދެކެން ބޭނުންވޭ!.. އެހެން ނޫނީ މިމީހުން ދަރިފުޅަށް ހަދާނެ ގޮތެއްވެސް ނޭނގޭ!"

އަހަރެންގެ ހިތަކީ އުއްމުއަށްޓަކައި ހުޅުވާލެވިފައިވާ ފޮތެކެވެ. އެ ފޮތުގެ އަކުރުތަކަކީ އަހަރެންގެ މޫނުމައްޗަށް އަރައި ފައިބަމުންދާ އަސަރުތަކެވެ.

"އަދި ހަމަ ކުޑަކުޑަ ދުވަސް ކޮޅެއް އަޅުގަނޑަށް ދެއްވާ!.. އޭގެ ފަހުން މާމަ ބޭނުންވެލައްވާ ކޮންމެ ގޮތެއް އަޅުގަނޑަށް އެންމެ ރަނގަޅު! ބޮޑުދައިތަ މެހެރު އާ މިގޭ އެހެން މީހުންވެސް ބޭނުންވާ ގޮތަށް އަޅުގަނޑު މިގެއިން ގޮސްފާނަން! އެކަމަކު މިގެއިން ދިއުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ބޮޑުދައިތަ މެހެރު އަޅުގަނޑު ދެކެ އެވަރަށް ނަފްރަތުކުރާ ސަބަބު އެނގެން ބޭނުން.." އެހެން ފަހަރުތަކެކޭ އެއްގޮތަށް އެފަހަރުވެސް އަހަރެން ނުސީދާކޮށް ނަމަވެސް ކާވެންޏަށް އިންކާރުކުރީމެވެ. އަދި އުއްމު އާ ނަޒަރު ސީދާ ކޮށްލަމުން މެހެރުއާ ބެހޭ ގޮތން އަހަރެން އެހެން ބުނެލުމާއެކު އުއްމު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަހަރެންގެ ޙަޔާތުގެ ސިއްރުތަކަކީ އުއްމު ނޫން މީހަކަށް ރަނގަޅަށް ކިޔައިދޭން އެނގޭނެ ސިއްރުތަކެއް ނޫންކަން އަހަންނަށް އެނގެއެވެ. އިފާޝާއާއި އަހަރެންގެ ދެބެންގެ ދެދަރި އެހެން ކޮއްކޮއިން ސްކޫލު ނިންމައި ކޮލެޖަށް ދިޔައިރު ސުކޫލު ތަޢުލީމު ނިމި ކޮލެޖު ތަޢުލީމުގެ ވަކި ހިސާބަކުން އަހަރެންގެ ކިޔެވުން މެދުކަނޑާލައި މި ގެއާއި އުއްމުގެ ޚިދުމަތަށް އަހަރެން ހުސްވާންޖެހުނެވެ. ތަޢުލީމް އުނގެނުމަކީ ހިތުގެ މުރާދަކަށްވިޔަސް އެ އުފަލުން އަހަރެން މަހުރޫމް ވާންޖެހުނެވެ. އަހަރެން ބޭނުންވާގޮތް އެކަކުވެސް ނާހައެވެ. އަހަރެންގެ ހިތާ ހަމައަށް އެހަގީގަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވަނީ ސާފު ހިތަކާއި އޯގާތެރި އަޑެކެވެ. ނަމަވެސް އަހަރެންގެ އެ އެދުމަށް ކޮންމެފަހަރަކުވެސް އުއްމު ދެނީ ފިނި ޖަވާބެކެވެ. ގިނަފަހަރަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި އެ ގޮތަށް ބޭރުކޮށްލާ ފުންނޭވާއަކުން ނިންމާލައެވެ. އެފަހަރުވެސް ކަންތައްވީ އެހެންނެވެ.

ރޭގަނޑުގެ އަނދިރިކަން ދުވާލުގެ އަލިކަމަށް ތަންދިނުމާއެކު ތަންމަތި ތަކުގައި ކަންނެތްވެފައި ތިބި މީހުން އެނދުތަކުން ތެދުވެ ދިރިއުޅުމުގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކުރުވިއެވެ. މަދުން ނަމަވެސް ދޭތެރެއަކުން އިވިލާ ދޫނި ސޫފަ ސޫފީގެ އަޑާއި މަގުމަތިން ދުއްވާ އެއެްގަމު އުޅަދުފަހަރުތަކުން އިވިލީ ބަރުގޮނުގެ އަޑުން މުޅި މާހައުލަށް ހަލަބޮލިކަން ވެރިވަމުންދިޔައެވެ. އަހަރެމެން ގޭގެ ކުރިމަތިން ވިނަ ހައްދައި ފެހިކުރެވިފައިވާ ސަރަޙައްދުގައި އިން ފިތުރޯނު ގަހުގެ ހިޔަލުގައި އިން ބެންޗްގައި އަހަރެން އިށީނދެލައިގެން އިނީ ކަސްރަތަށް ހިނގަމުންދިޔަ އުއްމު ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ.

އުއްމު އައިސް އިށިނދެލުމާއެކު އަޒްކާ އަތުގައި ހިފައިގެން އައި ސުރައްޔާގެ ލޮލުގައި އަހަރެމެން އަޅައިގަތެވެ. އަޒްކާ ދުވެލާފައި އައިސް އަހަރެންގެ އުނގުތެރެއަށް ވަނެވެ. ދެން އަހަރެންގެ އިނގިލީގައި ހިފައި ކުރިމަތިން ފެންނަންއޮތް މުދާދިމާއަށް އަޒްކާ ހިނގައިގަތެވެ. އަހަރެން އަޒްކާ އާއެކު ތަންކޮޅެއް ދުރަށްގޮސް އުއްމު މެންނާދިމާއަށް ބަލައިލިއިރު ސުރައްޔާއާއި އުއްމު ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ. ދިހަ ވަރަކަށް މިނިޓް ފަހުން އެނބުރި އާދެވުނު އިރު އުއްމު އާއި ސުރައްޔާގެ މޫނުމަތިންވެސް ކުރިން ނުފެންނަ އަސަރެއް ފެންނަން ހުއްޓެވެ.

"ދަރިފުޅާ ދުވަސްކޮޅަކަށް ސުރައްޔާ މެންގެ ގެއަށް ދާން ކެރޭނެތަ؟ އަޒްކާ އަށްޓަކައި....!" އަހަންނަށް ބަލަން އިރުކޮޅަކު އިނުމަށްފަހު، އުއްމު އެހެން އެހުމާއެކު އަހަރެންގެ ހިތް ތެޅިލިއެވެ. އުއްމީދު ނުކޮށްހުރި ކަމަކަށް ކުއްލިއަކަށް އުއްމު އެދުމުން އަހަރެން ހައިރާންވިއެވެ. އުއްމުއާއި ސުރައްޔާގެ މޫނަށް ކިތައްމެ ވަރަކަށް ބެލިއަސް އަހަރެންގެ އެ ހައިރާން ކަމުގެ ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. --ނުނިމޭ--

ދިގު ވާހަކަ ހިތުލޯބި ހިތާ ވަކިވާނޭހޭ

Popular