23 Mar 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

ބައްޕަގެ އަތުތެރޭ ހުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އެ އަމަލުން މަލަކް އާއި މެދު ކަންބޮޑުވެފައިވާވަރު އެނގެއެވެ. އަބަދުހެން ރުޅި އައިސް ރުންކުރުވެފައި ހުއްޓަސް ބައްޕަގެ ހިތުގައި މަލަކްއަށްޓަކައި ފޮރުވިފައި ލޯބި ވާކަން މި އަމަލުން އެކަނިވެސް ހެކިވެދެއެވެ.

"ކޮންއިރަކު އައީ؟" މަލަކް ދުރަށްޖެހިލާފައި އަހާލިއެވެ. "އިރުކޮޅެއްކުރިން،" ވާހަކަ ދައްކަން އުދަނގޫވެފައިކަން މިޤްދާދުގެ އަޑުން އެނގެއެވެ. ބައްޕަ އޭނާއަށްޓަކައި ދުރު ރާސްތާއެއް ކުޑަކޮށްފައި އައިކަން އެނގުމުން ވަކިން ބޮޑަށް އުފާވިއެވެ.

"އަހަރެން ހުރީ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައި، މިހިސާބަށް އާދެވޭނީ ކިހިނެއްބާއޭ ހިތަށް އެރި، މިއީ މީހެއްގެ ހެޔޮކަން، އޭނަ އެހީނުވިނަމަ އަހަރެން ކިހިނެއް އަންނާނި؟" މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން މިޤްދާދު ބުނެލިއެވެ. ބައްޕަ ދައްކަމުން ދިޔައީ ކާކުގެ ވާހަކައެއްކަމެއް މަލަކްއަކަށް ނޭނގެއެވެ. އެހެން އަހަން ހިތަށް އެރިތަނާއި މަލަކްގެ އަތުގައި އައިސް ހިފީ ޒައިނީއެވެ.

އެމީހުންނަށްވުރެ ކުރީގައި ހުރި ނަރުސްކުއްޖާ ދިޔަ މަގުން ކުރިއަށް ދަމުން ޒައިނީ ވާހަކަ ދައްކަން ފެށިއެވެ.

"މި ހުރިހާ ކަމެއްގައި މުޝްތާފް އެހީނުވިނަމަ ނޭނގެ ވާނެ ގޮތެއް، މަލަކް، ސައްޔާރު މާލެ ގެންދެވުނީ ޗާޓަރުކޮށްގެން، އެވަރުގެ ޚަރަދެއް އެންމެންވެގެންވެސް ކުރެވޭނީކީ ނޫން. އެއްވެސް މީހެއްގެ އަތުން ބަދަލެއް އަދި އެއްޗެއްވެސް ބޭނުން ނުވާކަމަށް މުޝްތާފް ބުނި، " މަލަކްގެ އެއްކައިރީ ހުރި ޒައިނީ ކިޔައިދިނެވެ. މުޝްތާފްއަށް ޝުކުރު އަދާކުރަން ހަނދާންކުރަންޖެހޭކަމަށް މިޤްދާދު ބުނީ ވޯޑުތެރެއަށް ވަންނަމުންނެވެ. އެތަނުގައި ތިބި މީހުންގެ ސަމާލުކަން ކޮންމެވެސް ވަރަކަށް އެމީހުންނަށް ހުއްޓުނެވެ. ސައްޔާރު ކިހިނެއްތޯ މަލަކް ސުވާލުކުރީ ޒައިނީ އާއި އެވެ. އެސުވާލާއި އެކު ޒައިނީގެ މޫނަށް އައި ބަދަލު މަލަކްއަށް ސިފަކުރެވުނީ ނަރުސްކުއްޖާ ކިޔައިދިން ވާހަކަ ތަކާއި ފުށުއަރާކަމެވެ. ޒައިނީ އިސްޖަހާލިއެވެ. މަލަކް ކުރިމަތީ ހާމަކުރަން ނުކެރޭ ކަންތައްތަކެއް ޒައިނީއަށް އެނގޭހެން ހީވެއެވެ.

"ޒައީ؟" މަލަކް ކުރި ސުވާލުގެ ޖަވާބު ނުލިބި ވަގުތު ދިގުލައިގެންދާންފެށުމުން މަލަކްގެ ކެއްތެރިކަން ކޮޅުން ލިއެވެ. ޒަައިނީގެ ކޮނޑުގައި ޖަހާލެވުނެވެ. ޒައިނީ އިސްޖަހައިގެން ހުއްޓާ ދެލޯ ފުރިގެން ކަރުނަތިކި ކޯތާފަތްމައްޗަށް ވެއްޓުނެވެ. އެވަރުންވެސް ބަހެއް ނުބުނެ ހުރެފައި މަލަކްގެ ގައިގައި ޒައިނީއަށް ބައްދާލެވުނެވެ. މަލަކްގެ ހިތް ބިރުން ތެޅިގަތީ ޒައިނީއަށްވެސް އިޙްޞާސްވާނެހާ ބާރަށެވެ. މިފަހަރު ޒައިނީގެ ނަން މަލަކްއަށް ކިޔާލެވުނުއިރު އަޑުގައި ތުރުތުރުއެޅުންހުއްޓެވެ. "އޮޕަރޭޝަން ކުރިއަށް ދާ ވާހކަ މަންމަ ބުނީ، ސައުދު ބޭ މިހާރު މާލެ އަތުވެއްޖެ، ސައުދުބޭ ހުރީ ވަރަށް ހިތްހަމަނުޖެހިފައި، އެކްސިޑެންޓްވެގެން އެވަރު ނުވާނެކަމަށް އޭނާ ޤަބޫލުކުރަނީ، ކަން ހިނގިގޮތް އެނގޭނީ މަލަކްއަށް، އެންމެންވެސް ތިބީ އެނގެން ބޭނުންވެފައި، " ޒައިނީ ކިޔައިދިނެވެ. މަލަކްއަށް ހީވީ އޭނާގެ ދެއަތް ފިނިވެގެން ދިޔަހެންނެވެ. ކުރިއަށްވުރެ ހިތުގެ ތެޅުން އަވަސްވިއެވެ. އެހުރިހާ ކަމެއް ކިޔައިދޭން މަލަކް ބޭނުމެވެ. އެކަމަކު އެ ހާދިސާމަތިން ހަނދާންވިއަސް އޭނާއަށް ހީވަނީ މޫނުމައްޗަށް އަނދިރިވާން އުޅޭހެންނެވެ.

"ޒައިނީ." މުޝްތާފްގެ އަޑު އައީ އެންމެންގެ ފަހަތުންނެވެ. އެނދު ކައިރީ ހުއްޓެމުން މުޝްތާފްގެ މޫނު ބެހެއްޓީ ހަމައެކަނި ޒައިނީއަށެވެ. ޒައިނީ ދުރަށް ޖެހިލާފައި މަލަކްގެ މޫނަށް ބަލައިލިއެވެ.

"މިއީ ތިހުރިހާ ސުވާލެއް ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން. މަލަކް ހުންނާނީ އަރާމްކުރަން ބޭނުންވެފައި، ޒާނަ ބުނެގެން ޒައިނީ ބަލާ އަހަރެން މިއައީ، މަލަކްގެ ބައްޕަ އެހުރީ މިތަނުގައި، ޒައިނީ ދެން އަންނާނީ މާދަމާ." މުޝްތާފް ގެ މޫނަށް ބަލާފައ މިޤްދާދު ބޯޖަހައިލިެވެ. ޒައިނީ އިސްޖަހައިލީ އޭނާ ކުށްވެރިވެއްޖެހެން ހީވެއެވެ. މަލަކް ނެރުމުގެ ކުރިން މިޤްދާދުވެސް ޒައިނީ ކައިރީ އެދުނީ މަލަކް އާއި އެއްވެސް ސުވާލެއް ނުކުރުމަށެވެ. އަދި ސައްޔާރުގެ އެއްވެސް މައުލޫމާތެއް ނުދިނުމަށެވެ. މަލަކްގެ އަތާއި ޒައިނީގެ އަތް ވަކިކޮށްލާފައި ދަނީއޭ ބުނެލީ މަޑުމަޑުންނެވެ.

މަލަކްގެ ޖަވާބަކަށް މަޑުނުކޮށް ޒައިނީ ހިނގައިގަތެވެ. މުޝްތާފް ވާހަކަ ދެއްކީ މިޤްދާދު އާއި އެވެ. ކަމެއް ބޭނުންތޯ އަހާލިއެވެ. މިޤްދާދު ނޫނެކޭ ބުނެލިއެވެ. އިތުރަށް ކަމެއް ކިޔަން ނުކެރިފައިހެންވެސް މޫނުމަތިން ހީވެއެވެ. "އަހަރެންގެ ނަންބަރު އިންނާނެ މި ކާޑުގައި، ކަމެއް ބޭނުންވާނަމަ ނުގުޅާ ނުހުނައްޗޭ، މާދަމާ ހެނދުނު ޒަައިނީ ގޮވައިގެން އަހަރެން އަންނާނަން، މަލަކްއަށް އެއްޗެއް ބޭނުންވިއަސް މި ނަންބަރަށް ގުޅާ، އަހަރެނ ފޮނުވާނަން" މުޝްތާފްގެ އަޑުގައިވީ ފާޑުވެރިކަމެވެ. މިޤްދާދު އެކަން ބަލައިގަތީ އިހްސާންތެރިކަމުގެ ގޮތުގައެވެ.

މަލަކްއަށް ވަކި މާނައެއް ނަގާކަށް ނޭނގުނެވެ. ހިނގައިގަންނަމުން މަލަކްއަށް ބަލާލިއެވެ. އެހާމެ އަވަހަށް އިސްޖަހާލިތަންވެސް ފެނުނެވެ.

***

ނިދަން ލޯމަރާލާ ކޮންމެ ފަހަރަކު މަލަކްއަށް ސިފަވާ މަންޒަރުތަކުގެ ސަބަބުން ދެލޯ މަރަން ފަސްޖެހިފައި ލޯ ހުޅުވައިލެވެނީއެވެ. ފަނޑުއަލިކަމެއްހުރި ވޯޑުތެރޭގައި ގިނަ މީހުން ތިބީ ނިދިފައެވެ. އެހީތެރިންވެސް އެނދުގައި ބޯއަޅައިގެން ތިބީ ނިދާފައެވެ. އޭނާގެ ކުރިމަތީ ބައްޕަވެސް އިނީ ނިދިފައެވެ. މަލަކް ވިސްނަންފެށީ އެވާހަކަތައް ކިޔައިދޭނެގޮތެކެވެ. އެއީ އެކްސިޑެންޓެއްގެ ގޮތުގައި ޒައިނީމެން ސިފަކުރަނީ ކީއްވެކަމެއް ނޭނގެއެވެ.

ހުރިހާކަމެއް ފެށުނުގޮތުން ފެށިގެން މަލަކް ހިތަށް ގެނައެވެ. ދަންވަރުގެ ފިނި މާހައުލު އޭނާއަށް ވީ މެންދުރުގެ ހޫނުގަދަ ވަގުތެއއްފަދައިންނެވެ. މުޅި މީހާ ދާހިއްލަންފެށިއެވެ. އޭނާގެ ހަނދާނަށް އައީ ހެނދުނުގެ މަންޒަރުތަކެވެ.

އެމީހުންގެ އަމަލުތައް ހުރިގޮތުން ހީވަނީ މަލަކް ފެނިގެން އުޅުނުހެންނެވެ. މަލަކްއަށް ފޮށެން މަސައްކަތްކުރިއެވެ. އަންހެންކުއްޖަކަށް ފެންބޮވައިގެންފައިވާ ވަލު ޖަނަވާރުތަކެއްފަދައެވެ. ސައްޔާރުއަށް ހަމަލާ ދިނީ މަލަކްގެ ބޭނުމުގައިކަމަށްވާނަމަ މަލަކްއަށް އެއްވެސް ގޯނާއެއް ނުކުރީ ކީއްވެބާއެވެ.؟ އެ ފުރުޞަތު ނުލިބުނީ ބާއެވެ؟ ބަޔަކު އެމަގުން އަންނަތަން ފެނި އަވަހަށް ފިލީކަމަށްވެދާނެއެވެ.

"ނުނިދަން؟" މިޤްދާދުގެ އަަޑަށް މަލަކް ސިހުނެވެ. އޭނަ އާއި ދިމާލަށް ބަލާލާފައި މިޤްދާދު ދެލޯ ފޮހެލިއެވެ. ނިދިއައިސްފައި ހުރެވެސް ބެލީ ހޭލާ އިނދެވޭތޯއެވެ. "މިރޭގެ ނިދި ނިދިއްޖެހެން ހީވަނީ، ބައްޕަ އަރާމްކޮށްލާ، އަހަރެން ގޮވާލާނަން ކަމެއް ބޭނުންވީމައި." މަލަކް ބުނެލިއެވެ. މިޤްދާދު ގަޑި ބަލާލިއެވެ. ފަތިސްނަމާދަށް ގޮވަން މާގިނައިރެއް ނެތެވެ. މަލަކް އާއި ދެކޮޅު ހަދާފައި މިޤްދާދު ގަސްތުކުރީ ދެން ނުނިދާ ހުންނާށެވެ. ކަބަޑުމަތީގައި ހުރި ފެންފުޅިން ފެންތައްޓެއް އަޅާފައި ކޯވަރެއް ބޯލިއެވެ.

***

ހެނދުނު ލޯހުޅުވާލެވުނީ ލުއިލުއި މީރުވަހެއް ނޯށުގައި ޖެހުމުންނެވެ. ނިދަން ޖެހިލުންވެފައި އުޅެފައިވިއަސް ކުޑަ ވަގުތުކޮޅަކަށް ނިދިއްޖެކަން އެނގުނެވެ. މަލަކް ސިހުނީ އޭނާގެ ކުރިމަތީ މާބޮޑިއެއް ބާއްވާފައި މުޝްތާފް ދުރަށް ޖެހިލިތަން ފެނިފައެވެ. އޭނާގެ ނޭފަތަށް ފޯރި ލުއި ވަހަކީ މާތަކުން އަންނަ ވަހެވެ. މުޝްތާފްގެ ފަހަތުގައި ޒައިނީ ހުއްޓެވެ. ފަނޑު ހިނިތުންވުމެއްގައި ހުރި ޒައިނީ އަށް މަލަކް ބަލާލިއެވެ.

"ކޮންއިރަކު ދޫކޮށްލަނީ؟" މުޝްތާފް އެނބުރުނީ މިޤްދާދުގެ ކައިރިއަށެވެ. ޑޮކްޓަރު ބަލަން އައިސް ދޫކޮށްލާނެކަމަށް ބުނެފައިވާކަމަށް މިޤްދާދު ބުންޏެވެ. މިރަށް ދޫކޮށްފައި ދިއުމުގެ ދަތުރު ފަށަންވީއޭ މިޤްދާދު ބުނެލިއެވެ. މަލަކްއަށް ފުރަގަސްދެމުން މުޝްތާފް ހީލި އަޑު އަހާފައި މަލަކް އިނީ ހައިރާންވެފައެވެ. އެކަންތައް ހަމަޖެހޭނެކަމަށް މުޝްތާފް ބުންޏެވެ.

ޒައިނީ ކައިރިވާން ފުރުޞަތު ދީފައި ބައްޕަ އާއި މުޝްތާފް ނިކުތެވެ. ދެމީހުން އެކަނިވުމުން މަލަކް ޒައިނީ ކިބައިން އެދުނީ ސައްޔާރު އާއި ވާހަކަ ދެއްކޭނެ ގޮތެއް ހަދައި ދިނުމަށެވެ. ޒައިނީ ދިޔާނާއަށް ގުޅިއިރު އެމީހުން ތިބީ ހޮސްޕިޓަލަކު ނޫނެވެ. އެކަމަކު މިހާރު ދިއުމަށް ތައްޔާރުވަނީކަމަށް ބުނެލިއެވެ. ހޮސްޕިޓަލަށް ގޮސް ގުޅާނެކަމަށް ބުނެލިއެވެ.

އޮޕަރޭޝަންއަށްފަހު ސައްޔާރު ކުރިއަށްވުރެ ރަނގަޅުކަމަށް ދިޔާނާ ބުންޏެވެ. އެވަރުންވެސް މަލަކްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

"ހަމަ ތެދަށް މިބުނަނީ. މާލެ ގޮސް ސައްޔާރު ލޮލަށް ނުފެންނަނީސް އަހަރެން ހިތްހަމައެއް ނުޖެހޭނެ." މަލަކް ޒައިނީ ކައިރީ އެހެން ބުނިއިރު ދެލޯ ފުރެމުން ދިޔަކަން އެނގުނެވެ. "އެނގެއޭ." ޒައިނީ މަލަކްގެ އަތްތިލައިގައި ފިރުމާލަދިނެވެ. އިސްޖަހާލައިގެން އިނދެފައި އޭނާ ބަލައިލީ މަލަކްގެ އުނގުމަތީ އޮތް މާބޮޑިއަށެވެ. އޭރު އޭގެ ވަސް އޭނާގެ ސިކުނޑިއާއި ކުޅެލައިފިއެވެ.

"މިވަރުގެ ހަދިޔާއެއް އަހަންނަކަށް ނުދޭ، މިއީ މަލަކްއަށް ލިބުނު ދެވަނަ ގިފްޓް، ކުރިންވެސް ލިބުނީ މީގެ މާބޮޑިއެއް، ހިއެއް ނުވޭތަ އެއީވެސް މުޝްތާފްގެ ކަމެއްހެން." ޒައިނީ ބުނި އެއްޗަކާއި މެދު ވިސްނާލަން މަލަކްއަށް މަޖުބޫރުވިއެވެ.

"އެއީ މުޝްތާފް ދިން އެއްޗެއްނަމަ އޭނާ ކޮންމެވެސް އިޝާރާތެއް ކުރާނެހެން ހީވަނީ، އެމީހަކު އަޅެ ރަނގަޅެއްނު، އެއީ ކާކުކަން އަންގަންވެސް ބޭނުން ނުވާކަހަލަ" މަލަކް ޚިޔާލަކަށް ގެނބެމުން ދިޔަހެން މޫނުމަތިން ހީވެއެވެ.

***

ދެތިން ގަޑިއިރު ފަހެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން މަލަކް ގޮވައިގެން އައީ ގެއަށެވެ. ފުރަން ވަގުތު ވަނީ ކުޑަތަންވެފައެވެ. މަލަކްއަށް އެންމެ ފާހަގަވީ މުޝްތާފް އެމީހުންގެ ފަހަތުން ނުނެއްޓޭކަމެވެ. ދެވަނަ ކަމަކަށް ބައްޕަ އާއި މުޝްތާފް ހަމަޖެހިލައގެން ވާހަކަ ދައްކަން ތިބޭ މަންޒަރެވެ. މީގެ ކުރިން ދެކެފަރިތަ ނޫން ދެމީހުންހެއް ހީނުވާ ވަރުގެ ގާތްކަމެއް ހީވަނީ އުފެދިފައިވާ ހެންނެވެ.

މަލަކް އެކަނިވެފައި ހުރީ ޒައިނީ ޒާނަ އާއި އެކު ދުރުގައި ވާހަކަ ދައްކަން ތިބިތަން ފެނިފައެވެ. އާދިލް ފެނުމާއި އެކު އެދިމާލަށް ދިއުމުގެ ހިޔާލް މަލަކް ދޫކޮށްލިއެވެ. މިޤްދާދު ގޭތެރެއަށް ވަނުމުން މުޝްތާފްގެ ނަޒަރު މަލަކްއަށް ހުއްޓުނެވެ. އެދިމާލަށް އަންނަން މުޝްތާފް ހިނގައިގަތެވެ. "ކިހިނެއް؟" މަލަކް ބަލައިލީ މުޝްތާފްގެ އަޑަށެވެ.

"އަހަރެން ސުވާލެއްކޮށްފިއްޔާ ޖަވާބު ދޭނަންތަ؟" މަލަކް އާއި ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މަލަކްވެސް ކުރީ ސުވާލެކެވެ. ހީވެސްނުކޮށްހުއްޓާ މަލަކް އެހެން އަހާލުމުން ޤަބޫލުނުކުރެވިފައި ހުރެވުނެވެ. ދެން ޒާތަކަށް ހީލާފައި ބޯޖަހައިލީ ހުއްދަ ދޭ ފަދައިންނެވެ. "މިހުރިހާ ކަމެއްގެ ފަހަތުގައި މުޝްތާފްގެ ނިޔަތެއް އޮންނާނެހެން ހީވަނީ.ނޫންތަ؟' މިފަހަރު މުޝްތާފްގެ ހިނިތުންވުން ފިލައި މޫނުމަތިން ފެނުނީ އެސުވާލުން ސިހުނުވަރެވެ.

"މާނައަކީ؟" މަލަކް ހިތުގައި އޮތް އެއްޗެއް އިތުރަށް ކިޔަން މުޝްތާފް އެދުނެވެ. "އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ މީހުން ބުނާތީ." މަލަކް ގެ މޫނަށް ބަލަން ހުރެފައި މިފަހަރު މުޝްތާފް ހީގަތެވެ.

"އެންމެން އެއްގޮތެއް ނުވާނެއްނު." މުޝްތާފް ކިޔައިދޭން ގަސްތެއް ނުކުރެއެވެ. ހިތުގައި އޮތް އެއްޗެއް ފޮރުވާފައި ބާއްވަން އޭނާ ހުރީ އަޒުމްގައެވެ. މަލަކްއަށް އެހީވުމުގެ ފަހަތުގައި އޭނާ އެދެނީ މަލަކް ލިބުމަށެވެ. އެކަން ހެޔޮކަމެއްގެ ގޮތުގައި ބަލައިގަނެ މަލަކްގެ ބައްޕަ ޝަރުތަކާއި ނުލައި އޭނާއަށް ރުހުން ދިނުމެވެ. މަލަކްދެކެ ލޯބިވާކަން މަލަކްއަށް ކިޔައިނުދިނަސް ޤަބޫލުކުރުމެވެ.

"އަހަރެންގެ މައިންބަފައިން ދަސްކޮށްދިނީ އެހީއަށް ބޭނުންވާ މީހާއަށް އެހީވުމަށް. ދެޓްސް އިޓް." މުޝްތާފް އިތުރުކޮށްލިއެވެ.

"ދެޓްސް އިޓް؟" މުޝްތާފް ނިމުމާއި އެކު މަލަކް އެ ދެލަފްޒު ތަކުރާރުކޮށްލިއެވެ. މުޝްތާފް ދައްކާ ވާހަކަ ޤަބޫލުނުކުރާހެން ރާގުން ހީވެއެވެ.

"ސަބަބަކާއި ނުލައި މީހަކު ދެކެ ރުޅި އައުމަކީ ރަނގަޅުކަމެއް ނޫން، އަހަރެންގެ ހިތް އަބަދުވެސް އެންމެންނަށް ހެޔޮ، މަލަކް އާއި މެދުވެސް އޮތީ އެގޮތް، މަލަކް ފެނުނު ފުރަތަމަ ދުވަހު އަހަރެންގެ ހިތް ދެނެގަތް މަލަކްގެ ހުނަރު، އަދިވެސް އަހަރެން ބުނާނީ އެހެން، މަލަކް ފަސްޖެހެނީ ބައްޕަ ނުރުހުންވެދާނެތީކަން އެނގުމުން އަހަރެން ހުރީ މަލަކްގެ ބައްޕަ އާއި ދެދުވަސްތެރޭ، މަލަކް މިހާރު ބައްޕަގެ ކައިރީ ވަޒީފާއަށް ދާން ހުއްދައަށް އެދުނަސް ޔަޤީންކަން އެބައޮތް ނޫނެކޭ ނުބުނާނެކަން، އަދިވެސް މަލަކް ހިތަށް އަރާނެ މީގެ ފަހަތުގައިވެސް އަހަރެންގެ އެދުމެއް އޮތީއޭ، ނޫން، އަހަރެން ބޭނުންވަނީ އަހަރެންގެ އެހީތެރިކަމާއި އެކު ބަޔަކު ކުރިއެރުން، މީހަކަށް ލިބޭ މުއްސަނދިކަމަކުން، ނަފާއަކުން ހަސަދަވެރިވާނެ މީހެއް ނޫން އަހަންނަކީ، " މުޝްތާފް އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވާ ހާލުގައި މަލަކްގެ ކުރިމަތީ ހުށައެޅީ އޭނާގެ ތަޢާރަފެވެ.

މިޤްދާދު ނިކުންތަން ފެނި ދާންވީނުންހޭ މުޝްތާފް އަހައިލިއެވެ. މަލަކް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޮލަށް ފެނުނަސް އަދި ކަންފަތަށް އަޑުއިވުނަސް ބައެއް ކަންތައްތަކަކީ ޤަބޫލުކުރެވޭ ކަންތަކެއް ނޫނެވެ. މުޝްތާފްގެ ވާހަކަތަކުގައިވީ ހަޤީޤަތް އޮޅުވާލާފައިކަން ނަގައިގަނެވޭވަރެއްނުވިއެވެ. ބަސްމަގުގެ ފަށުވިކަމާއި މޮޅުކަމުން މަލަކްގެ ހިތާއި ހަމަޔަށް ފޯރިއެވެ.

***

މާލެއަށް ފުރައިގެން އާއިރު މަލަކް މަސައްކަތްކުރީ އިތުރު ކަމަކާއި ނުވިސްނާ އިނުމަށެވެ. ބޭނުންވަނީ ހަމައެކަނި ސައްޔާރު އާއި ބައްދަލުކުރާށެވެ. މިޤްދާދު އެކަމާއި ދެކޮޅު ނުހެދިކަމަށްޓަކައި މަލަކް އުފާކުރިއެވެ. މާލެއަށް އާދެވުނުއިރު ޒައިނީގެ ބައްޕަ ވަޖީހު ހުރީ އެމީހުންގެ އިންތިޒާރުގައެވެ. އެއާޕޯރޓުން ޓެކްސީއެއް ނަގައިގެން ސީދާ އައީ ހޮސްޕިޓަލަށެވެ.

ސައްޔާރު އޮތީ ޕްރައިވެޓް ރޫމެއްގައެވެ. ސައްޔާރުގެ ގާތުގައި އިނީ ސައުދެވެ. މަލަކް ފެނުމުން ތަންދައްކާފައި ސައުދު ބޭރަށް ނިކުތެވެ. ޒައިނީވެސް ދިޔާނާ އާއި އެކު ބޭރުގައި މަޑުކުރިއެވެ.

އާދައިގެ ވަރަކަށްވުރެ އުސްކޮށްފައި ހުރި އެނދެއްގައި ސައްޔާރު އޮތެވެ. މުޅި ހަށިގަނޑު ނިވާކޮށްފައި އޮތީ ހުދު ބެޑްޝީޓަކުންނެވެ. ބޮލުގައި ވެސް އޮތީ ބޭސްއަޅާފައެވެ. އެދިމާލަށް ދިޔައިރު ކުރިއަށްނަގާ ކޮންމެ ފިޔަވަޅަކާއި އެކު މަލަކްގެ ދެފައި ހީވީ ތުރުތުރުލާހެންނެވެ.

"މަލަކް" ސައްޔާރު ގެ ދުލުން މަލަކްގެ ނަން އިވިފައި މަލަކްގެ މެއަށް ފިނިވެގެން އައެވެ. އަމިއްލަ ހިތްވަރަށް ހަރަކާތް ކުރަން ނުކުޅެދިފައިވާ މީހެއްފަދައިން ސައްޔާރު އޮތެވެ.

މަލަކްގެ ހިޔަނިވިހެން ހީވެ ސައްޔާރުއަށް ކެތްތެރިވެގެން ނޯވެވުނީއެވެ. މަލަކްގެ މޫނު ފެނުމާއި އެކު އެނދުން ތެދުވަން ބޭނުންވިއެވެ. ހަށިގަނޑުގައި ނަގާ ވޭނުން އޭނާއަށް ބޯއަރިކޮށްލާ ބަލާލުމަކީވެސް އިތުރު އަނިޔާއެއް ލިބޭ ކަމެކެވެ. ސައްޔާރު ފެނުމުން މަލަކްއަށް ރޮވުނެވެ. މަލަކްގެ މޫނަށް ބަލަން އޮވެފައި ސައްޔާރު ހީލަން މަސައްކަތްކުރިއެވެ. އޭގެ ބަދަލުގައި ސައްޔާރުގެ ދެލޯ ފުރެންފެށުމުން މަލަކްއަށް ދުވެފައި ނުކުމެވުނީއެވެ. ބޭރުގައި މިޤްދާދު އާއި ސައުދު ކަމަކަށް ދެބަސްވާހެން ހީވެއެވެ. ހިމޭންވެފައިވާ ކޯރިޑޯގައި ދެމީހުންގެ އަޑު އާދައިގެ ވަރަކަށްވުރެ އަޑުގަދަކޮށް އިވެމުން ދިޔައެވެ. މަލަކް ދުވެފައި ނިކުންތަން ފެނިފައި ޒައިނީ ހިނގައިގަތެވެ.

"މަލަކް." މަލަކް ހުއްޓުނީ ފަހަތުން ޒައިނީގެ އަޑު އިވިފައެވެ. ދެން އެނބުރިފައި ދުއްވައިގަތީ ޒަައިނީ އާއި ދިމާލަށެވެ. ކުޑަކުއްޖަކު އައިސް މަންމަގެ އަތުތެރެއަށް ވަންނަހެން މަލަކް އައިސް ޒައިނީގެ އަތުތެރެއަށް ވަނީ ބާރަށެވެ. ޒައިނީއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން ނޫންނަމަ ޒައިނީ ނުވެއްޓި ސަލާމަތްނުވީހެވެ. ޒައިނީ ކޮނޑުގައި އަޅުވާފައި ހުރި ދަބަސް ވެއްޓުނެވެ. އޭގެތެރެއިން ބިންމައްޗަށް ގަނޑުތަކެއް ފައިބައިގަތެވެ. މަލަކްގެ ސަމާލުކަން އެއެއްޗިއްސަށް ހުއްޓުނެވެ. ޒައިނީ ދުރަށްޖެހިލާފައި އަވަސް އަވަހަށް އެ ކަރުދާސްގަނޑު ނަގަން އުޅުނެވެ. އޭގެކުރިން އޭތި ނެގީ މަލަކްއެވެ. -- ނުނިމޭ--

ދިގު ވާހަކަ

Popular