26 Mar 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

ހުދުކަރުދާހުގައި ރަތް ގަލަމަކުން ކުރަހާފައިވާ ހިތެއްގެ ތެރޭގައި ސައްޔާރުގެ ނަން ލިޔެފައިވެއެވެ. އޭގެތިރީގައިވަނީ މެސެޖެކެވެ،. އެބަސްކޮޅު ފަށުވިވެފައި ހިތާއި ކުޅެލާގޮތެއް ހުއްޓެވެ.

"އައި ހެވް މޭޑް އަ ކާޑް ފޮރ ހިމް." ޒައިނީ މަޑުމަޑުން ބުނެލިއެވެ. މަލަކް ހިނިތުންވެލާފައި ޒައިނީގެ އަތަށް ދިނެވެ. ޒައިނީ އާއި ސައްޔާރު އަކީ ދެބެންގެ ދެދަރިކުދިންނެވެ. ބޮޑުވީ އެކުގައެވެ. ޒުވާން އުމުރު ހޭދަކުރަނީ އެކުގައެވެ. އާއިލީ ގުޅުމާއި ލޯބި އޮންނާނެއެވެ. މަލަކް ދެކުނީ އެގޮތަށެވެ. އެކުވެރިކަމުގެ ނިޔަތުގައި އޮތް ގުޅުމެއްގެ ނަން ދެވުނަސް ޒައިނީގެ ހިތުގައިވަނ އިޝްޤީ ލޯބިކަން މަލަކް ހިތަކަށް ނާރައެވެ.

"މީތި ފެނުނީމައި ސައްޔާރު އުފާވާނެކަން ޔަޤީން، އަހަރެން މިތަނަށް އައީ ހުސްއަތާ، އެއްވެސް އެއްޗެއް ނުގެންނަން." މަލަކް ހުރީ ދެރަވެފައެވެ. "ޑޮކްޓަރީ ފަރުވާއިން ނުލިބޭ ޝިފާ ސައްޔާރުއަށް ލިބޭނެ މަލަކް ފެނިލައިގެން، ވީއިރު ހަދިޔާ އަކުން ކުރާނީ ކޮންފައިދާއެއް؟ މަލަކް، ސައްޔާރު ފެނުނީމައި ދުވެފައި ނިކުތީތަ؟ އޭނަގެ ކުރިމަތީ ހުއްޓިފައި ވާހަކަ ދައްކާނުލަންތަ؟" ޒައިނީ ސުވާލުތަކެއް ކުރިއެވެ. މަލަކް ކިޔައިިދިނީ ސައްޔާރު ފެނުމާއި އެކު އޭނާގެ ހިތަށް ކުރި އަސަރެވެ. ސައްޔާރުކުރިމަތީ ރުއިން ފިޔަވައި އޭނާއަށް އިތުރުކަމެއް ނުކުރެވޭނެއެވެ. އޭނާގެ ފުށުން ސައްޔާރުއަށް ލިބޭނީ ހިތްދަތިކަމެވެ.

މަލަކް ހަމައަކަށް އެޅުމުން ސައްޔާރު ކައިރިއަށް ވަނީ ޒައިނީ އާއި ވެސް އެކުގައެވެ. މިފަހަރު މަލަކްފެނުމުން ތެދުވެ ފުރުޞަތު ދޭން ސައުދު ގަސްތުނުކުރާ ކަހަލައެވެ. ސައުދު އިނުމުން މަލަކް މާބޮޑަށް ޖެހިލުންވާ ގޮތްވިއެވސައްޔާރުއަށް ލިބުނު ޒަޚަމްތައް ފުންކަމުން އަދި ފަސޭހަވާން ދުވަސްނަގާނެއެވެ. ހޮސްޕިޓަލުން ދޫކޮށްލާނެ މުއްދަތެއްވެސް ނޭނގެއެވެ. ސައުދު އެދުނީ ޒައިނީ ކައިރީ މަޑުކޮށްދިނުމަށެވެ. ދިޔާނާގެ އިއުތިރާޟެއް ނޯންނާނެކަން އެނގެއެވެ. މަލަކްގެ ފުރުން އޮތީ ކޮންއިރަކު ތޯ ސައްޔާރު ސުވާލުކުރިއެވެ.

"މާދަމާ". ޖަވާބު ދިންއިރު ހިތުގައިވަނީ ރިހުމެއް އުފެދިފައެވެ. ދޭތެރެއަކުން ލޮލަށް ކަރުނަ ގިނަވިއަސް މަލަކް ހިތްވަރުކުރިއެވެ. ފުންނޭވާއެއް ލާފައި ހަމަޖެހެން މަސައްކަތްކުރިއެވެ. ސައްޔާރުގެ އތްތިލައިގައި މަލަކް މަޑުމަޑުން ފިރުމާލަދިނެވެ. މާގިނަ ވާހަކަތަކެއް ނުދެކުނެވެ.

ސައްޔާރުއަށް ގޮވާލަން މިޤްދާދު އެތެރެއަށް ނުވަންނަކަން ފާހަގަވީ އެނބުރި ކޮޓަރިއަށް އާދެވުމުންނެވެ. ދުވަހަކުވެސް ބައްޕަ ސައްޔާރު އާއި ވާހަކަ ދައްކާ ނުހަދައެވެ. އެއީ ފަހަރެއްގައިވެސް އެ ގުޅުމަށް ނުރުހުންވާތީއެއް ނޫނެވެ،. ބައްޕަ ޤަބޫލުކުރާ ހަމަތަކެއްގައި ހިފަހައްޓަންވެގެން ހުންނަ ގޮތެއްކަން މަލަކްއަށް އެނގެއެވެ. ކައިވެނީގެކުރިން ގެއަށް އައިސް އުޅެން ބައްޕަ އެހާ ޤަބޫލެއް ނޫނެވެ. ރަށުތެރެއަށް ދެމީހުން އެކުގައި ނިކުންނަންވެސް ޤަބޫލެއް ނޫނެވެ. ބައެއް ފަހަރު އިންނަނީ ކޮންއިރަކުންހޭ އަހާލައެވެ. ***

ކުއްޔަށް ނަގާފައި ހުރި ކޮޓަރިއަށް އާދެވުނުއިރު މަލަކް ހުރީ ޖައްސާލަން ބޭނުންވެފައެވެ. މިޤްދާދު ތައްޔާރުވީ މިސްކިތަށް ދާށެވެ. ނަމާދުކޮށްގެން އަންނަމުން ކާން ގެންނަންވީ ކޮންއެއްޗެއްތޯ މިޤްދާދު އެހިއެވެ. ނިކުންނަން އުޅެފައި އައިސް ޖީބުން ނެގީ މުޝްތާފް ދިން ކާޑެވެ.

"މުޝްތާފް ބުނި މަލަކް ބޭނުންނަމަ ރަނގަޅު ވަޒީފާއެއް ހަމަޖައްސައިދޭނަމޭ، މަލަކް ބޭނުމިއްޔާ ނަންބަރަށް ގުޅާލާށޭ ބުނި." މިޤްދާދު ދިއްކުރި ކާޑުގައި މަލކް ހިފިއެވެ. އެމީހުންނަށްޓަކައި މުޝްތާފް ފޯރިއެއް ހުރެއޭ މަލަކް ހިތަށް އެރިއެވެ.

"ބައްޕަގެ ޖަވާބު އެނގޭތީ އަަހަރެން އަޅާނުލަން މިހުރީ، " މަލަކްގެ މޫނަށް މިޤްދާދުގެ ނަޒަރު ހުއްޓުނެވެ.

"ކޮންމެ މީހަކަށް އިތުބާރު ކުރުމަކީ ފަސޭހަކަމެއް ނޫން، މުޝްތާފް އަކީ ރަނގަޅު މީހެއްކަމަށް ޤަބޫލުކުރެވޭ، އަހަންނާއި ބެހޭގޮތުން އޭނަ ވަރަށް އޮޅުންފިލުވި، އަހަރެން އެކަނި އާމްދަނީން އާއިލާ ނުބެލެހެއްޓޭނެކަމަށް ޤަބޫލުކުރެވޭތީ މަލަކް ވަޒީފާއަށް ފޮނުވަންވީނުންތޯ އެހި، އަހަރެން ރުހޭކަމެއް ނޫން ރަށާއި ދުރަށް އަންހެންދަރިއަކު ފޮނުވަން، ރަށަކު ވަޒީފާއެއް ނެތް،.... މުޝްތާފް ވަރަށް ޔަޤީންކަން ދީފި، މަލަކްގެ ކަންތައް ރަނގަޅަށް ބަލައިދޭނެކަމަށް، ހުންނާނެ ތަން ހަމަޖައްސައިދޭނެކަމަށް، އަންހެންކުދިންވެސް ރިސޯރޓްވަޒީފާ ތަކުގައި އުޅޭކަމަށް ބުނި، އެއީ ރައްކާތެރިކަމެކޭވެސް ބުނި، އެހެންވެ އެކަމާއި ވަރަށް ވިސްނައިފިން،.ބައްޕަގެ ލޯނު ނިމެންދެންވިއަސް މަލަކް ވަޒީފާއަށް ފޮނުވަން ހިތަށް އެރީ، އެކަމަކު މަލަކް ބޭނުންނަމަ އަހަރެން މައްސަލައެއް ނެތް، މުޝްތާފްއަށް ގުޅާލާ." މިޤްދާދު އަމިއްލަ ފޯނު ނަގައި މަލަކްއަށް ދިއްކުރިއެވެ.

މިޤްދާދު ނިކުމެގެން ދިއުމުން މަލަކް ބަލައިލީ މުޝްތާފް ދިން ކާޑަށެވެ. އޭގައި މުޝްތާފްގެ ނަމާއި ކުންފުނީގެ ނަން އޮތެވެ. އެޑްރެސްވެސް އޮތެވެ. ގުޅޭނެ ފޯނު ނަންބަރުވެސް އޮތެވެ. މަލަކްގެ ތުންފަތުގައި ކުޅެލީ ހިނިތުންވުމެވެ. ކޮންމެ މީހަކު މެދުވެރިވެގެން ނަމަވެސް އޭނާއަށް ހިތްއެދޭގޮތް ވީތީއެވެ.

***

ގަޑިއަށް ބަލާލާފައި މުޝްތާފް އުންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ހަވީރު ހަތަރެއްޖެހީއެވެ. ފަހެއް ޖަހާއިރު މިޤްދާދު ފުރާނެއެވެ. އޭނަ އާއި އެކު މަލަކްވެސް ދާނެއެވެ.

"އަހަންނަށް ކިހިނެއްތަ މިވަނީ؟" އަމިއްލަ މޭގައި އަތްޖައްސާލި ހިނދު އިޙްޞާސްވީ އެތެރޭގައި ތެޅި ފޮޅެމުން ދިޔަ ހިތުގެ ބާރުމިނެވެ. މުޝްތާފް އަމިއްލަ ހާލާއި މެދު ސުވާލު އުފެދުނެވެ. މިއީ އަންހެންކުއްޖަކަށްޓަކައި އޭނާގެ ހިތް ދީވާނާވި ފުރަތަމަ ފަހަރެވެ. އޭނާގެ ހަޔާތަށް އެތައް ބަޔަކު އައިސް ގޮސްފައިވިއަސް މި ކަހަލަ ޝުއޫރުތަކެއް ނުހިނގައެވެ.

"އޭނަގެ ކުރިމަތީ ހިތް ބަންޑުންކޮށްލަންވެސް ނުކެރުނު." އަމިއްލަ ހިތް އޭނާއަށް މަލާމަތްކޮށްލިއެވެ. އޭނާގެ އަޑު އެ ލަފްޒުތައް ކިޔާލިހެން ހީވެއެވެ. މުޝްތާފް ބޯހޫރުވާލިއެވެ. "އަހަރެން މިއީ ހަމަޖެހިލައިގެން ކޮންމެ ކަމެއްވެސް ކުރަން ބޭނުން މީހެއް، މަލަކް ކައިރީ ލޯބިވެއޭ ބުނާއިރަށް އަންނާނެ ޖަވާބު އިނގޭ، ނޫނެކޭ ބުނުން އެއީ އަހަރެން އަހާ ހިތްވާ ޖަވާބެއް ނޫން، ކޮންމެ މީހަކަށްވެސް ލޯބިވެއޭ ބުނެވިދާނެ، އަހަރެން ސާބިތުކުރާނީ އަމަލުން، މިހާރުވެސް މަލަކްއަށް ފާހަގަވޭ، އޭނަ ސުވާލުވެސް ކޮށްފި، އަހަރެން ބުނަން ބޭނުންނެތީ، އަމިއްލައަށް އިސްނަގައިގެން އަހަރެންގެ ކުރިމަތީ ލޯބިވެއޭ ބުނާނީ މަލަކް، އަދި އެދުވަސް އަންނާނެ،" އޭނަ ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. އެކޮޓަރީ ތެރޭގައި އެ އަޑު އަހާނެ މީހަކު ނުވިއަސް ފަރުވާލެއް ނެތެވެ.

"ގަޑި ޖެހެނީ." ސައްޔާރު ގަޑިއަށް ބަލާލިއެވެ. އޭނާއަށް ފޯންކޯލެއް ލބޭނެ ކަމުގެ އުއްމީދުގައި އޮތެވެ. މިޤްދާދުގެ ސިކުނޑިއާއި ކުޅެލެވުނުގޮތް ހަނދާންވުމުން އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓްވި އަޑު އަހާފައި އޭނާއަށްހީވީ ތެޅިފޮޅެމުން ދިޔަ ހިތް މަޑުޖެހިލިހެންނެވެ. ފޯނު ނަގާފައި ބަލާލިއިރު އޭނާގެ ދަތްތައް ފެންނަވަރަށް ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

"އަހަންނަށް އެނގޭ، މަލަކް، އަހަންނަށް އެނގޭ މަލަކް ގުޅާނެކަން،" މުޝްތާފްއަށް ހެވުނެވެ.

ފޯނު ކެނޑިދާނެހެން ހީވުމުން މުޝްތާފް ފޯނު ނެގިއެވެ. ހިމޭންކަމާއި އެކު ކުޑަ ވަގުތުކޮޅެއް ދިޔައެވެ. ދެން އިވުނީ މަލަކްގެ ލުއި އަޑެވެ. މުޝްތާފްގެ ނަމުން ގޮވާލި އަޑު އަހާފައި އެނދުން ތެދުވެވުނެވެ. މަލަކްގެ ނަމުން ގޮވާލެވުނުއިރު އޭނާއަށް ހުރެވުނީ އެނދުގެ ކުރިމަތީ ހިނގާށެވެ.

"އަހަރެން މިގުޅީ ވަޒީފާ ބޭނުންވާ ވާހަކަ ބުނަން." މަލަކް ގެ އަޑު އިވުނެވެ.

"ގުޑް، އަހަރެން ފޮނުވާނަން މަލަކް ބަލާ." މުޝްތާފް ބުނެލިއެވެ. ފޯނު ކުރުކޮށްލާފައި މުޝްތާފް އަވަސްވެގަތީ މަލަކް ކައިރިއަށް ދިއުމަށެވެ.

އޭނާ މާލެ އައީ މަލަކްމެން އައިތާ އެއްގަޑިއިރުފަހުންނެވެ. އަމިއްލަ އެއާޓެކްސީގައެވެ. މާލެއިން ކޮޓަރި ހިފައިދިނީ މުޝްތާފްއެވެ. މިޤްދާދުގެ ރުހުން ލިބޭނެ ހުރިހާކަމެއް ރޭވުމުގައި އޭނާ ފަސްޖެހުމެއް ނެތެވެ.

މަލަކްގެ އަތުގައި ފޯނެއް ނެތްކަން އެނގޭތީ ފުރުމުގެ ކުރިން މިޤްދާދު ދިނީ އާދައިގެ ފޯނެއް ގަނެވޭވަރުގެ ފައިސާކޮޅެކެވެ. އެއީ މިވަގުތު އޭނާގެ އަތުގައި ހުރިވަރެވެ. ރަށުގައި ހުރެގެން ވާސިފާ ގުޅަނީ މާލެއިން އަންނައިރު ބައެއް އެއްޗެހި ޒީލަންއަށް ހޯދާށެވެ. އެކަމާއި މިޤްދާދު ހުރީ ކަންބޮޑުވެފައެވެ. އޭނާގެ މާލީ ހާލަތު އެނގިވެސް ވާސިފާގެ ކަންތައްހުންނަގޮތުން ހިމޭނުންހުރީ އޭނާގެ ބަސް ވާސިފާގެ ކުރިމަތީ ނުވިކޭނެކަން އެނގޭތީއެވެ. މަލަކްއަށް އެއްޗެއް ދިންކަން އެނގޭއިރަށް ވާސިފާ ޒުވާބުކުރާނެކަން އެނގެއެވެ.

ފުރަންވީއިރަށް މުޝްތާފް ހުރީ އައިހެވެ. އެއީ މުޝްތާފްއަށް އޮތް އިތުބާރު ބޮޑުވެގެން ދިޔަ ސަބަބަކަށްވިއެވެ. ސަލާމްކޮށް މިޤްދާދުއަށް އެއާޕޯރޓަށް ދެވޭނެ ގޮތް ހަމަޖައްސައިދީފައި މުޝްތާފް މަލަކް ގެންދިޔައީ ހުޅުމާލޭގައި ހުރި އޭނާގެ އަމިއްލަ އެޕާރޓްމެންޓަށެވެ. ރިސޯރޓަށް ދާނީ ކޮންއިރަކުންތޯ އަހާލާނެ ފުރުޞަތެއް ނުދީ މުޝްތާފް ނިކުމެގެން ދިޔައީ މަލަކް އެތަނުގައި ތަޅުލާފައެވެ.

***

"ޒައި" ސައްޔާރުގެ އަޑަށް ޒައިނީ ފޯނު ދުރުކޮށްލާފައި ބަލާލިއެވެ. ސީލިންގ އާއިދިމާލަށް ބަލަން އޮވެފައި ސައްޔާރު އަތުގެ އިޝާރާތުން އެންގީ ކައިރިއަށް އައިސް ދިނުމަށެވެ. ސައްޔާރުގެ އަޑު ނިކުންނަނީ އާދައިގެ ވަރަކަށްވުރެ މަޑުންނެވެ.

"މަލަކް ފުރީތަ؟" ޒައިނީކުރެ ސައްޔާރު އަހާލިއެވެ. ޒައިނީ ބަލައިލީ އަތުގައި އޮތް ގަޑިއަށެވެ. ޗެކިން ނިމޭހާއިރު ވެއްޖެއެވެ. ޒައިނީ ޤަބޫލުކުރީ މަލަކް ފުރައިގެން ރަށަށް ދިޔައީ ކަމަށެވެ.

"މަލަކްއަށް އެނގޭނެތަ އަހަރެން އުމުރުގެ ބާކީބައި ހޭދަކުރަންޖެހެނީ ކިހިނެއްކަން؟" އަރުބެދޭގޮތްވުމުގެ އިތުރުން ސައްޔާރުގެ އަޑުގައި ހުރި ރިހުމުގެ ސަބަބުން ޒައިނީއަށް އަސަރުކުރިއެވެ. ސައްޔާރު ކައިރީ ބުނާނެ އެއްޗަކާއި މެދު ވިސްނާލުމުގައި މަދު ސިކުންތުކޮޅެއް ހޭދަކުރިއެވެ. ގަދަކަމުން އޭނާގެ މޫނުމައްޗަށް ގެނައި ހިނިތުންވުމަކީ މިވަގުތު އޭނާގެ ފަރާތުން ދެވޭނެ ހަމައެކަނި ފަރުވާއެވެ.

"ސައްޔާރު ބޭނުންތަ އެނގެން؟" ޒައިނީ ކުރީ ސުވާލެކެވެ. މަޑުމަޑުން ޕިސްއެއް ޖަހާލުމުން އެއީ ސައްޔާރުގެ ޖަވާބުކަން ޒައިނީއަށް އެނގުނެވެ. "މަލަކްއަށް އެއްވެސް ކަމެއް ނޭނގޭނެ، ސައްޔާރު، ބިރުގަންނަނީ ކޮންކަމަކާއި؟ މަލަކްއަށް އެނގޭ ހިސާބުން ކަންތައްކުރާނެ ގޮތަކާއި މެދު ކަންބޮޑުވަނީތަ؟ އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ހުރީ ދަސްވެފައި، ތިދެމީހުން ވާލޯބި އަހަންނަށްވުރެ ބޮޑަށް އެނގޭނީ ކާކަށް؟ މަލަކް އަށް އިތުބާރުކުރޭ، ބުނާބަހުގައި އތިބާރު ދަމަހައްޓަން މަލަކް މަސައްކަތްކުރާނެ. ޝީ އިޒް ބެސްޓް ތިން ޔޫ ހެވް ގޮޓް." ޒައިނީ މަޑުމަޑުން ސައްޔާރުގެ އަތުގައި ފިރުމާލަދިނެވެ. ޒައިނީގެ މޫނަށް ބަލަން އޮތް އރު ސައްޔާރުގެ ދެލޯ ފުރިގެން އައިތަން އޭނާއަށް ފެނުނެވެ. ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަން ފެށުމުން ޒައިނީ ދެއަތުން ސައްޔާރުގެ މޫނު ފޮހެލައިދިނެވެ.

"ޒައި، މަލަކްގެ ބައްޕަގެ ފޯނަށް ގުޅާފައި ބަލާދީބަލަ މަލަކްއަށް ދެވުނުތޯ؟" ނޭފަތް ދަމާލާފައި ސައްޔާރު ވާހަކަދެއްކިއިރު އަދިވެސް އަޑުގައިވީ އަސަރު ފޮރުވާލެވޭ ގޮތެއް ނުވިއެވެ. އަމިއްލަ ހާލަށްވުރެ ސައްޔާރުގެ ވިސްނުމާއި ޚިޔާލުތައް ގުޅިފައިވީ މަލަކްއަށެވެ. ޒައިނީ އެ ނަންބަރަށް ގުޅިއެވެ. ފޯނު ނުނަގައި ދިގުލައިގެންދާން ފެށުމުން އޭނާ ހުއްޓާލިއެވެ. އަނެއްކާވެސް ސައްޔާރު ހިތްހަމަޖެހޭކަހަލަ އެއްޗެއް ބުނެލިއެވެ. މަލަކް ގުޅަންދެން މަޑުކުރަން ބުނެލިއެވެ.

***

މަލަކް ކަންބޮޑުވުން އިތުރުވީ އިރުއޮއްސުނުއިރުވެސް މުޝްތާފްގެ ޚަބަރެއްނުވެގެންނެވެ. ނުވެސް ދަންނަ ތަނަކަށް ލާފައި ތަޅުލާފައި އޭނާ ދިޔައީ ކީއްކުރަންކަމެއްވެސް ނޭނގެއެވެ. ބައްޕަ އަށް ގުޅަން މަލަކް ހުރީ ބޭނުންވެފައެވެ. ޒައިނީއަށްވެސް ގުޅަން ހަނދާނެއް ނުނެތެއެވެ.

އެޕާރޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށް މަލަކް ކޮޓަރިން ނިކުތެވެ. އެތެރެއަށް ވަން މުޝްތާފް ފެނިފައި މަލަކް މަޑުކޮށްލިއެވެ. މުޝްތާފްގެ ދެއަތުގައި ބައިވަރު ކޮތަޅުތަކެއް ހުއްޓެވެ. ބާޒާރުކޮށްލައިގެން އައިކަން އެނގެއެވެ. ދޮރު ތަޅުލާފައި އައިސް ކޮތަޅުތައް ސޯފާމަތީ ބެހެއްޓިއެވެ. މަލަކްއަށް ގޮވާލާފައި އޭނާ އަވަދިނެތި އުޅެންފެށީ ގެނައި އެއްޗެހިތައް ނެގުމުގައެވެ. މަލަކް އައިސް ހުއްޓެންވީއިރަށް ކުޑަ މޭޒުގަނޑުމަތީ ޕާރިސަލް ދެތަށި ބެހެއްޓއެވެ. ދެން އިސްއުފުލާ ބަލާލާފައި ދިއްކުރީ އެތެރެ ނޭނގޭ ކޮތަޅެކެވެ.

މަލަކް ކޮތަޅު ތެރެ ބަލާލުމާއި އެކު ހައިރާންވެފައި މުޝްތާފްގެ މޫނަށް ބަލާލެވުނެވެ. މަލަކްގެ މޫނަށް ބަލަހައްޓައިގެން ހެވިފައި މުޝްތާފް ހުއްޓެވެ.

"ފަސްޓް ގިފްޓް، އަހަރެންގެ ޖޮބު ޤަބޫލުކުރީމައި." މުޝްތާފް އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އަދިވެސް ލޮލަށް ފެނުނަސް ހުވަފެނެއްހެން ހީވާތީއެވެ. ކޮތަޅުތެރޭގައި އޮތް ފޮށިގަނޑުގައިވަނީ ފޯނެއްކަން މަލަކްއަށް އެނގުމާއިއެކުވެސް ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު އެއްޗެއް ލިބިދާނެކަމަށް ހިއެއް ނުކުރެއެވެ.

"އަހަރެން ދަރަނި ކުރުވަނީތަ؟" މިހާރުވެސް މަލަކްއަށް ހުރެވުނީ މުޝްތާފްއަށް ޝުކުރުއަދާކުރާނެ ގޮތެއް ނޭނގިފައިއެވެ. މުޝްތާފް ފެންނަ ކޮންމެ ފަހަރަކު ބައްޕަ ޝުކުރު އަދާކުރެއެވެ. މުޝްތާފް އެކަމަށް އިންކާރުކުރަނީ ޝުކުރުއަދާކުރަންޖެހޭވަރުގެ ކަމެއް އަދި ނުކޮށްދެވެއޭ ކިޔާފައެވެ. ފަހަރެއްގައި މިއިން ކޮންމެ ކަމަކީ އޭނާއަށް މާބޮޑުކަމަކަށް ނުވެދާނެއެވެ.

"ތެންކިއު." މަލަކް އިސްޖަހާލިއެވެ. ލޮލަށް ކަރުނަތައް ޖަމާވާންފެށީ އުފަލުންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular