9 Apr 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

* އޭޕްރީލް 6 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ޒައި" ޒާނަ ކުރިއަށް ޖެހިފައި ޒައިނީ ގެނެސް މޭގައި ޖައްސާލިއެވެ. ޒައިނީ ހިނިތުންވެލާފައި ސަލާމްކުރިއެވެ.

ހޭލާއިރު ހުވަފެނެއް ފެންނަނީބާއޭ މަލަކް ހިތަށް އެރިއެވެ. ޒާނަ ގައިގައި ބައްދާލާފައި ދުރަށް ޖެހިލި ޒައިނީއަށް އޭނާ ބަލައިލީ އަދިވެސް ލޮލަށް ޤަބޫލުނުކުރެވޭ ހާލުގައެވެ،. ކުރިން ކޮނޑާއި ހަމަޔަށް ކިރިޔާ ފޯރާ އިސްތަށިގަނޑު މިހާރު ބުރަކަށީގެ މެދަކާއި ހަމަޔަށް އާދެއެވެ. ފަންކޮށްލާފައި އިސްތަށިގަނޑު ދޫކޮށްލާފައި އޮތްއިރު ކަންފަތާއި ވީ ފަރާތުގައި ބޮޑު ދައްޗެއް ޖަހާފައި އިނެވެ. މެރޫން ކުލައިގެ ހެދުން އަންނަނީ ކަކުލާއި ހަމަޔައަށެވެ. އެއްކޮނޑަށް ވާގޮތަށް މަލެއް ޖަހާފައި ހިމަ ވާކޮޅަކުން އައްސާފައިވިއަސް އަނެއްކޮނޑު އޮތީ ހާމައަށެވެ. ރިހި އެހުން ހެދުމުގެ މޭމަތި އޮތީ ފުރާލާފައެވެ. ބަނޑުގައި އެކުލައިގެ ބެލްޓެއް އަޅާފައި އޭގެ ތިރި އޮތީ ސޮހިގެންދާ ކަހަލަ ރޫތަކެއް ޖައްސާފައެވެ. ޒައިނީ ގެ އަތުގައި ސައްޔާރު ހިފިއެވެ. އެދިމާލަށް މަލަކް ބަލައިލިއިރު އެމަންޒަރު އޭނާގެ ހިތުގައި ރައްކާކުރެވުނެވެ. ހިތުގައި ޖެހުނެވެ. އެއީ މަލަކް ބޭނުން ނުވެގެން ދޫކޮށްލި ސައްޔާރު ނޫންހެއްޔެވެ؟ މަލަކް ހިތުގައި ޖެހެންވި ސަބަބެއް ހުދު އޭނާއަށްވެސް ނޭނގުނެވެ.

ޖަވާބު ނުލިބޭ ސުވާލަކީ ސައްޔާރު އާއި ޒައިނީ ގުލްޒާރު އާއި އެކު އަންނަންޖެހުނު ސަބެބެވެ. އެމީހުންނާއި ގުލްޒާރުގެ އޮތް ގުޅުމެވެ.

ސައްޔާރުއަށް އަމިއްލަ ފައިމައްޗަށް ތެދުވެވުނީ ކޮންއިރަކުތޯ ހިތަށް އެރިއެވެ. އެއިން އެއްވެސް ސުވާލެއް ކުރާނެ ހައިސިއްޔަތެއް ނެތްކަން ހިތަށް އަރާފައި މަލަކް ހުރެވުނެވެ.

ގުލްޒާރު ގޮވައިގެން އެތެރެއަށް ވަންނަން މަޖީދު އެދުނެވެ. ރަންކިއުމުގެ ހަފްލާގައި އައިސްތިބިހާ މެހެމާނުންނަށްވުރެ ގުލްޒާރުއަށް ހާއްސަގޮތެއް ބަހައްޓަންޖެހޭނެކަން މަޖީދު ހަފްސާއަށް ހަނދާންކޮށްދިނެވެ. ގުލްޒާރު އާއި އެކު އެތެރެއަށް ވަންނަމުން ހެކިވެރިން މަޑުކުރުވާށޭ މަޖީދު ބުނެލިއެވެ. ހަފްސާ ދިއުމާއި އެކު އާދިލް ވެސް އެތަނުގައި މަޑުކުރާ ޚިޔާލެއް ނެތެވެ. ޒައިނީ ކައިރީ އަންނާށޭ ޒާނަ ބުނެލިއެވެ.

"އަހަރެން މިއައީ އަހަރެން ބުނި ވައުދު ފުއްދަން. އަހަރެމެން ދެމީހުން ކައިވެނިކުރާއިރު އެކަކު އަނެކަކަށްޓަކައި ހުންނާނެކަމަށް އަހަރެމެން ދެމީހުން ވައުދުވިން. ދޯ މަލަކް، އަހަރެން މިއީ ވައުދުގެ މަތިން ހަނދާންނެތޭ މީހެއް ނޫން." ޒައިނީ ގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ މަލަކް އެންމެ ހިތްބިރުގަންނަގޮތްވި ކަންތަކެވެ. މަލަކްގެ މޫނުމަތީ އަތްދަމާފައި ޖެހި ފަދަ އިހްޞާސެއް ކުރެވުނެވެ. މުޝްތާފް އާއި ސައްޔާރު ތިބީ އެކަކު އަނެކަކަށް ކަޅި ހުއްޓާލައިގެންނެވެ. މަލަކްގެ އުނަގަނޑުގައި މުޝްތާފްގެ އަތް އަޅުވައިލީ ލޮލުގެ އިޝާރާތުން ސައްޔާރުއަށް ދައްކަމުންނެވެ. ސައްޔާރުގެ ކަޅި މަލަކްގެ މޫނަށް ހުއްޓާލައިގެން ހުއްޓެވެ. މަލަކްއަށް އެންމެ އުދަނގޫވީ އެކަމާއި އެވެ.

"ޔެސް، އެއީ އެހެން ބުނާ އެއްޗެއް ނޫނޭ، މި ހަފްލާއަށް ކަލޭމެން ތިއައީ ކީއްކުރަން؟ އަހަރެމެން ދައުވަތެއް ނުދެން، މިތަނަށް އަންނާނެ ބަހަނާއެއް ނުފެނިގެންތަ ގުލްޒާރުގެ ފަސްފަހަތުން ތިއައީ، މިއީ އަހަރެމެން ރަންކިޔާ ރޭ، މިރެއަށްފަހު އަހަރެންގެ އަތްބަކަށް މަލަކް ވާންއޮތީ ހަފްތާއެއްހާ މަދު ދުވަސްކޮޅެއް، " މުޝްތާފް ޒައިނީއަށް ރައްދު ދިނެވެ. އެދެލޮލުން ބުރައިގެން ދިޔައީ ރުޅިވެރިކަމުގެ ކަނިތަކެވެ. އެއިން އެއްވެސް އަސަރެއް ނުކުރާކަން ޒައިނީގެ މޫނުން ފެނެއެވެ.

"މި އެއް އަހަރު ތެރޭ މުޝްތާފްގެ އަތްބެއްގެ ގޮތަކު ނޫންތަ މަލަކް އިނީ." ޒައިނީ އާއި ދިމާލަށް ޒާނަ ލޯ އަޅާލިއެވެ. އެއިން އެއްވެސް އިޝާރާތުން ޒައިނީގެ ދޫ ހިމޭންނުވާނެކަން ޒައިނީ އަންގައިދެމުން ދިޔައެވެ.

"ދެމީހުންގެ މީސްމީޑިޔާއަށް ބަލާފައި އަހަރެން ހީކުރީ މިހާރު ތިބޭނީ ކުދިންވެސް ލިބިފައިކަމަށް، މީގެ ދެމަސްކުރިން ގްރީސްއަށް ގޮސް ޕޫލްގައި ހުރި ފޮޓޯތަކުން ހީވެސްނުކުރަން ތިދެމީހުންގެ ރަސްމީ ގުޅުމެއް ނެތްކަމަކަށް. އަހަރެން ހިތަށް އަރާ ދެން އިތުރަށް ކައިވެނިކުރަނީ ކީއްކުރަންބާއޭ؟ ކަލޭމެން ދެމީހުން އަލަށް ކުރާނެ ކަމެއް ދެން އޮންނާނެތަ؟" ޒައިނީގެ ޖަވާބު އަހާފައި މުޝްތާފްއަށް ބަލައިލެވުނީ އެވާހަކަތައް އަޑުއިވޭހާ ކައިރީގައި ބަޔަކު ތިބިތޯއެވެ. "ޒައިނީ، " މަލަކްއަށް ޒައިނީގެ ނަމުން ގޮވާލެވުނެވެ، އެއަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ. ޒައިނީ ހިނިގަނޑެއް ޖަހާލިއެވެ. ސައްޔާރުގެ މުލައްދަނޑީގައި ހިފާ ކައިރިވަމުން މަލަކް އަނެއްކާވެސް ލަދުގަންނުވާލިއެވެ.

"މިއީ މަލަކް ބޭނުންވި ދިރިއުޅުން، ފައިސާއިން ހުރިހާ އެއްޗެއް ގަނެވޭނެތަ؟" ޒައިނީ އާއި ދިމާލަށް މަލަކް އަތް ނެގީ ހުއްޓާލާށޭ ބުނުމުގެ ގޮތުންނެވެ.

"ހުރިހާ އެއްޗެއް އަހަންނަށް ހުރީ ލިބިފައި، އިތުރަށް އަހަރެން ގަންނަންޖެހޭ އެއްޗެއް ނެތް، އަހަރެން މިހުރީ އުފަލުން، ޒައިނީ މިތަނަށް ތިއައީ އަހަރެންގެ އުފާވެރިކަން ނަގާލަންކަމަށްވަންޏާއި ހަމަ މިހާރު މިތަނުން ދޭ." މަލަކް އިނގިލިން އިޝާރަތްކުރީ އެތަނުން ދާށެވެ. މަލަކްގެ އަތްތިލައަށް ޒައިނީ ބަލައިލިއެވެ. އެއަތުގައި ޒައިނީ ހިފެހެއްޓިއެވެ. ކަށިވާ އިނގިލީގައި އޮތް އަނގޮޓީގައި އަތްލަން އުޅުމުން މަލަކް އަތް ފޮޅާލިއެވެ.

" ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިމީހެއްގެ އަތުން އަހަރެން ކަހަލަ ނިކަމެތި މީހަކަށް ކޯއްޗެއް ނިގުޅައިގަނެވޭނި؟' ޒައިނީ އަހާލިއެވެ.

"އާން ތެދެއް ތިބުނީ، މަލަކް އެހުރީ އުފަލުން، މިއީ މަލަކް ބޭނުންވެގެން ކުރާ ކައިވެންޏެއް، އޭނާގެ އިޚްތިޔާރުގައި، މަލަކް އަކީ މިހާރު މުޅި ދުނިޔެ ދަންނަ މަޝްހޫރު މީހެއް، މަލަކް ދެކުނު ހުވަފެނުގައި ކުލަ ޖައްސައިދިނީ އަހަރެން، ކަލޭ މިތަނަށް ތިއައީ ކީއްކުރަން؟ މަލަކް ޖަހައިގަންނަންތަ؟ ކަލޭ ބޭނުންވީ މަލަކް ގެންގޮސް ފޮއްޓަކަށްލައިގެން ގެންގުޅެއް، ދުނިޔޭގެ ލޯތަކަށް ފޮރުވަން، އޭނާއަށް މިނިވަންކަން ހޯދައިދިނީ އަހަރެން، އުމުރުގެ ކޮޅުންވެސް ކަލޭ ކައިރިއަކަށް މަލަކް ދާކަށް ނުޖެހޭނެ، "މުޝްތާފް ރުޅި ގަދަވެގެން ގޮސް ހުރިހާ ކަމެއް ކިޔައިލެވުނެވެ. މަލަކްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ސައްޔާރު އެއްމިޔަނުން ހީލިއެވެ. އެމީހުންގެ މުދާވެރިކަމުގެ ވާހަކަ ނޭވާލާ ކޮންމެ ފަހަރަކު ކިޔަނީ އަދިވެސް ހިތް ނުފުރޭތީތާއޭ ހިތަށް އެރިއެވެ.

"މަލަކް ކަރުގައި އޮތް ހާރުގެ އަގަކީ ކިހާވަރެއް؟" ދައްކާ މައުޟޫ އާއި ނުވެސް ގުޅޭ ސުވާލެއް ސައްޔާރުކުރިއެވެ. އޭނާ ތައްޔާރުވަމުންދަނީ މުޝްތާފް ދޫބަންދުކޮށްލާވަރުގެ ޖަވާބެއް ދޭންކަން މުޝްތާފް ހިތަކަށް ނާރައެވެ. މަލަކްގެ ކަރާއި ދިމާލަށް މުޝްތާފް ބަލައިލިއެވެ. ޖަވާހިރު ޖެހި ހާރުގައި މުޝްތާފް އިނގިލި ޖައްސާލިއެވެ.

"މީގެ އަގު؟ މިއީ ކަލޭގެ ފެންވަރެއް ނޫނޭ." މުޝްތާފްގެ މޫނުމަތިން ބޮޑާކަން ފިޔަވައި އިތުރު ސިފައެއް ނުފެނެއެވެ. މިފަހަރުވެސް ސައްޔާރު ހީލިއެވެ.

ސައްޔާރު ކިޔައިލީ ހާރުގެ އަގެވެ. އަކުރަކަށް ބަދަލެއް ނުގެހެވެ. މުޝްތާފް ހައިރާންވެ ބަލަން ހުރެވުނީއެވެ. ސީދާ އެއަގު އެނގުނީމައެވެ. "މި ހަފްލާއަށްފަހު މަލަކް ހާރު ގެންގޮސް ފޮރުވާނީ ވަރަށް ރައްކާތެރިތަނެއްގައި، ގޭގެ އެއްވެސް މުއައްސިސަކަށްވެސް އޭގައި އަތް ނުލެވޭގޮތަށް، އަލަމާރީގެ ތިޖޫރީގައި، ހާރުގެ އަގުބޮޑުކަމުން ގެއްލިދާނެކަމުގެ ބިރަށް، އެހެންނު؟ " ސައްޔާރު އެއްބުމަ އަރުވާލަމުން މަލަކް ކައިރީ އެއްސެވެ. "އަގެއް ހުންނަ ކޮންމެ އެއްޗަކީ އެންމެންނަށް އަތްލެވޭ އެއްޗަކަށް ވެގެން ނުވާނެ، އެންމެންގެ ކަޅިތައް ތާއަބަދު އެއަށް ހުއްޓޭގޮތަށް ފެންނަގޮތަކަށްވެސް ނުބަހައްޓާނެ، އަހަރެމެންގެ ގޭގައި އަންހެނުންގެ ޤަދަރަކީ އެއީ، އެއީ މިނިވަންކަން ނަގާލުންކަމަށް ވިސްނަންޏާއި އެއީ އެބައެއްގެ ވިސްނުމުގެ ހަނިކަން.، މަލަކް ވަޒީފާއަކަށް ދާން އަހަރެން ދުވަހަކުވެސް ނުރުހެން. އަހަރެން ބޭނުންނުވީ މަލަކްގެ އިއްޒަތަކީ ނީލަމެއްގައި އޮތް ފިނިފެންމަލަކަށް ވާން. ދެޓްސް އިޓް. އަދި އެއްވާހަކަ، މުޝްތާފް މަލަކް ދެކެ ވާ ލޯބީގެ ހަޤީޤީ ކުޑަ މިންވަރެއް ހުރިނަމަ ދެއްކުންތެރިކަމެއް ނުހުރީސް، ބޭރު ކުރާ ކޮންމެ ނޭވާ އަކާއި އެކު މަލަކްއަށް ކޮށްދޭ ހުރިހާކަމެއް ކިޔަން ޖެހިލުންވާނެ، އެއީ ލޯތްބެއް ނޫން. ދެއްކުންތެރިކަން، ބޮޑާކަން، މަލަކް ޖެހުނީ އެ ދަޅައިގައި، ވަގުތީ އުފާވެރިކަން ގެއްލޭދުވަހަކުން އެނގޭނެ އަތުން ބީވީ ކިހާ އަގުބޮޑު ޖަވާހިރެއްކަން" ސައްޔާރުގެ ޖަވާބަށްފަހު މުޝްތާފްއަށް ހަނު ހުންނަން މަޖުބޫރުވިއެވެ. މަލަކް އޭނާގެ މޫނަށް ނުބަލަން ދުރު ބަލަން ހުރިގޮތުން އެކަނިވެސް ހިތަށް އަސަރުކުރިވަރު އެނގުނެވެ. މަލަކް ހިތަށް ތޫނު ކަށިތަކެއް ހެރުނު ކަހަލައެވެ. މުޝްތާފްގެ އަތް އޭނާގެ އުނަގަނޑާއި ވަކިކޮށްލެވުނެވެ.

"އަހަރެން މިތަނަށް އައީ ކީއްކުރަންތޯ މުޝްތާފް ކުރި ސުވާލުގެ ޖަވާބު އަދި ނުދެވޭ، " ސައްޔާރު ޒައިނީގެ އަތުގައި ހިފާލިއެވެ. "ޕްލީޒް، ދޭ މިތަނުން." އެތައް އިރެއްގެ ހިމޭންކަމަށްފަހު މަލަކްގެ ދޫ ހަރަކާތްކުރީ ފުރަތަމަ ފަހަރަށެވެ. އެމީހުންނާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނެތެވެ. މިރޭ އޭނާ ލަދުގަންނުވާލައިފިއެވެ. އަމިއްލަ ސިކުނޑިން ނަގައިގަންނަން ނުކެޅިފައިހުރި މެސެޖު ނަގައިގަނެވުނުއިރު މުޝްތާފް އާއި މެދު ހިތުގައި ފުރަތަމަ ފަހަރަށް ކިލަނބުކަމެއް އުފެދިއްޖެއެވެ.

***

ގުލްޒާރު އާއި މަޖީދު ދައްކަމުން ދިޔައީ އޮލަ ވާހަކައެކެވެ. ހެކިވެރިންނަށް ލަސްވާކަން އަންގަން ދިޔަ ހަފްސާއަށް އެހެން ބުނާކަށް ނުކެރުނެވެ. އޭނާ ގޮސް މަޖީދުގެ ފުރަގަހުގައި ހުއްޓުނެވެ. އެމީހުން އިށީދެ ތިބި ގޮނޑީގެ އެއްއަތްގަނޑުގައި ހަފްސާ ހިފަހައްޓާލިއެވެ. ގުލްޒާރު ކިޔައިދެމުން ދިޔައީ ސައްޔާރު އާއި ގުޅުން ބަދަހިވިގޮތެވެ.

ވިޔަފާރީގެ ރޮނގުން ގުލްޒާރުއަށް ގޮންޖަހާލެވޭވަރުގެ މީހަކު ނެތެވެ. އެހެންނަމަވެސް އޭނާގެ ދިރިއުޅުން އޮތީ ވީރާނާވެފައެވެ. ދެ ކައިވެންޏަށް ކުދި ލިބުނު ނަމވެސް ޅަފަތުގައި ނިޔާވަނީއެވެ. ކޮންމެ ކުއްޖަކުވެސް އުފަންވީ ނުކުޅެދުންތެރިކުއްޖެއްގެ ގޮތުގައެވެ. އެކަންވީ ފައިސާއިން ހައްލުނުވި ކަމަށެވެ. މުސްކުޅި އުމުރަށް އެރިއިރު ދެ އަންހެނުންވެސް ގުލްޒާރުގެ ކައިރިން ވަރިވެގެން ދިޔައީއެވެ. އޭނާ ކައިރީ ބާކީ ތިބީ ވަފާތެރި ދެތިން ޚާދިމުންނެވެ. އޮފީސް ނިމިގެން ގެއަށް އަންނަނިކޮން އޭނާގެ ކާރު އެކްސިޑެންޓްވެ ހާލުގައި ޖެހުނެވެ. އެހައިވޭއިން އެތައް ބަޔަކު ދަތުރުކުރި ނަމަވެސް އޭނާއަށް އެހީވާން އެއްވެސް މީހަކު ނައެވެ. ދުވަހުގެ އިރު އަލްވަދާއު ކިޔއި ހައިވޭ ފަޅުވިއެވެ. ހަށިގަނޑަށްލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން އޭނާއަށް ތެދުވެވޭގޮތެއް ނުވިއެވެ. ފޯނުވީ ހިސާބެއް ނޭނގެއެވެ. ހާލުދެރަވެ ލޯމެރެނިކޮން ދުރުން ވަރަށް ގަދަ އައްޔެއް ފެނުނެވެ. އޮޓޯއެއްގައި އައި އަންހެންކުއްޖަކު މަޑުކޮށް އޭނާގެ ކައިރިއަށް އައެވެ. އެކުއްޖާ އަތުގައި ހިރ ބައިފުޅި ފެނުން ފެންފޮދެއް ގުލްޒާރަށް ޖެއްސިއެވެ. ހޮސްޕިޓަލަށް ގެންގޮސްދިނެވެ. އެއަށްފަހު އެކުއްޖާ ގުލްޒާރަށް ގެއްލުނެވެ. އޭނާގެ ޚާދިމުން އޭނާ ހޯދިއެވެ. އެމީހުންގެ އެހީތެރިކަމާއި އެކު އޭނާ ގަދަވެ އޭނާއަށް އެހީތެރިވެދިނީ ކާކުތޯވެސް ހޯދިއެވެ. ހަމަ އެހޮސްޕިޓަލުގައި ވަރަށް ދަތިހާލުގައި ވަނިކޮށް ގުލްޒާރަށް އެކުއްޖާ ފެނުނެވެ.

ބަލިއެނދުގައި އޮތް ފިރިހެނެއްގެ ކައިރީ އެނޫން މީހަކު ނެތެވެ. ޒައިނީގެ ނަމާއި ޤައުމަށްދަންދެން އޮޅުންފިލުވައި ގުލްޒާރު އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވިއެވެ. އެނދުމަތީ އޮތް މީހަކީ ސައްޔާރެވެ. ސައްޔާރުގެ މައުލޫމާތު ނެގީ ހޮސްޕިޓަލުންނެވެ. ފައިސާ ނުދެއްކިގެން ގެއަށް ބަދަލުނުވެވި އުޅޭތީ އެކަމުގެ އެހީވެދިނީ އޭނާއެވެ. އެމީހުންގެ ޚަބަރު ބަލައިލަން ހޮސްޕިޓަލަށް އައި ދުވަހަކީ އެތަން ވަރަށް ހަލަބޮލި ދުވަހެކެވެ. އަމިއްލައަށް ކެނިއުލާ ނައްޓާލައި މޭޒުމަތީއޮތް ކުޑަ ވަޅިއެއް ގައިގައި އަޅައި މަރުވާން މަސައްކަތްކުރަމުން ދިޔ ހިތްދަތިވެފައިވާ ޒުވާނާ ގުލްޒާރަށް ފެނުނެވެ. ހަމްދަރުދީވެވުނެވެ. އެއްއިރެއްގައި މާޔޫސްވެގެން އެއީ އޭނާވެސް އުޅުނު ގޮތެވެ. ދިރިއުޅުމުގެ ދަތިކަމުން އޭނާއަށް އަރައިގަނެވުނު ގޮތް ހަނދާންވީއެވެ. އޭނާ ފަދައިން ސައްޔާރުވެސް ވަނީ ދިރިއުޅުން މަތިން ފޫހިވެފައިކަން ދެނެގަނެވުނެވެ.

ސައްޔާރު ހުއްޓުވީ އެތައް ބައެއްގެ މަސައްކަތުންނެވެ. ހަމައަކަށް އެޅުވުނުއިރު ޒައިނީގެ ހާލަތުވަނީ ގޯސްވެފައެވެ.

ގިނައިރުވަންދެން ރުއިމުގެ ސަބަބުން ދެލޯވަނީ ދުޅަވެފައެވެ. ސައްޔާރުގެ ހިތާމަތައް ލުއިކޮށްދެވޭނެ އެއްވެސް ގޮތެއް ޒައިނީގެ ސިކުނޑިއަކަށް ނުވެއެވެ. ގުލްޒާރު ވާހަކަ ދައްކަން މަޑުކޮށްލިއެވެ. އަންހެނެއްގެ ސަބބުން ދިރިއުޅުން މަތިން ފޫހިވި ފުރަތަމަ މީހަކީ ސައްޔާރު ނޫންކަން ހަނދާންކޮށްދިނެވެ. އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަނިޔާލިބިގަތުމެއްނުވާކަމަށް ވިސްނައިދިނެވެ. އެހެން ނަމަ އަމިއްލަ އަށް މަރުވުމަކީ ކުފުރެއްކަމުގައި ނުލެއްވީހޭ ބުނެލިއެވެ. ސައްޔާރުގެ ހިމޭންކަން ގުލްޒާރުގެ ހިތަށް އުދަނގޫކުރިއެވެ. ދެވަނަ ފަހަރަށްވެސް އޭނާ މަރުވާން މަސައްކަތްކޮށްފާނެކަމުގެ ބިރުއޮތެވެ. ގެއަށް ފޮނުވާވަރަށްވުރެ ސައްޔާރުއަށް ބޭނުންވަނީ ސިއްހީ ފަރުވާކަން ގުލްޒާރު ދެނެގަނެތެވެ. ހުރިހާ ކަމެއް އޭނާގެ ހަރަދުގައި ހަމަޖައްސައިދިނެވެ. ޒައިނީއަށް ކޮށްދޭކަމެއްގެ ގޮތުގައެވެ.

ސައްޔާރުއަށް އެކަނި ކޮޅަށް ތެދުވެވޭވަރު ކޮށްދިނެވެ. އެއްމަސްވީ ދުވަހު ގުލްޒާރު އައީ އޭނާގެ ވިޔަފާރީގެ ބައެއް މަސައްކަތްތައް ސައްޔާރު އާއި ޒައިނީއަށް ހިއްސާވާގޮތަށް ލިޔުންތައް ހިފައިގެންނެވެ. އެދެކުދިންނަށް އޭނާ ހަދިޔާކުރީ އޭނާ ވިޔަފާރީގެ އެންމެ ބޮޑު ފިހާރައެވެ.

***

މަޖީދު އާއި ގުލްޒާރު ނިކުންއިރު ހޯލްގައިތިބި ޒުވާނުންގެ މޫޑްވަނީ ގެއްލިފައެވެ. އެކަން ނަގައިގަންނަވަރަށްވުރެ މަޖީދުގެ ހަރަކާތްތައްހުރީ އަވަސްކޮށެވެ. ހެކިވެރިންނަށް ލަސްވެގެން އުޅޭތީ އަވަހަށް ރަންކިޔަން އެދުނެވެ. އޭގެ ރަމްޒެއްގެ ގޮތުން ދެޒުވާނުންގެ އަތުގައި އަޅުވާ އަނގޮޓި ހަފްސާ ގެނައެވެ.

"މި ޑިޒައިންތަކާއި މެދު ހިތްހަމަޖެހޭނެކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތް، " އެއީ މަޖީދުގެ ފަރާތުން މުޝްތާފް އާއި މަލަކްއަށް ހަދިޔާކުރި އަނގޮޓިތަކެކެވެ. ހަފްލާގައި ތިބި މީހުންގެ ނަޒަރުހުރީ އެއަށެވެ. ޖަވާހިރުގެ ވިދުމާއި އަނގޮޓީގެ ފަރުމާގެ ފުރިހަމަކަން އެމީހުންގެ ހިތްތައް ފަތަހަކުރިއެވެ.

"މިއީ ސައްޔާރުގެ ޑިޒައިން، އަހަރެންގެ އެންމެ އަގުބޮޑު އެއް ވިޔަފާރީގެ މިލްކުވެރިންނަކީ މިއީ." ސައްޔާރުގެ ބުރަކަށީގައި އަތް ފިރުމަމުން ގުލްޒާރު ބުނެލިއެވެ. އޭނާގެ މޫނަށް މުޝްތާފް ބަލައިލީ ހައިރާންވެ ހުރެއެވެ. މީގެ ހަމަސްކުރިން މުޝްތާފް ވިޔަފާރި ދަތުރެއްގައި ގުލްޒާރު އާއި ބައްދަލުކުރިއެވެ. އެ ވިޔަފާރި ބެލިއެވެ. އެފިހާރައަށް ޝައުޤުވެރިކަން އުފެދުނެވެ. އޭގެ ގޮތްޕެއް ނަމަވެސް ހުޅުވަން ގަސްތުކުރާކަން ހާމަކުރިއެވެ. އެދުވަހު ގުލްޒާރު އެދުނީ އަގު ދައްކާފައި މުޅިން ގެންދިއުމަށެވެ. މުޝްތާފް އެ ގަހަނާތަކުގެ އަގުބެލިއެވެ. އޭނާ އެނބުރި އައީ ކޮންމެވެސް ދުވަހަކުވެސް ގޮސް އެ ވިޔަފާރި އަމިއްލަ ކުރުމުގެ އުއްމީދުގައެވެ.

ހަފްލާގައި ތިބި މީހުންނަށް ދައްކަން ގަދަކަމުން ހިނިތުންވުން ނޫންގޮތެއް ނެތެވެ. މަލަކްގެ އިނގިލީގައި އަނގޮޓި އަޅުވައި ހެދިއިރު އެމީހުންގެ އުފާވެރިކަން ވަނީ ގެއްލިފައެވެ. ރަންކިޔައި ނިމި އާއިލާ އާއި އެކު ވަގުތުކޮޅެއް ހޭދަކުރިއެވެ. މަޖީދުގެ ގިނަ އެކުވެރިންނާއި ބައްދަލުކުރުން އޮތެވެ. އެތަނުގައި ގަދަވީ ސައްޔާރުގެ އަޑެވެ. އެންމެންނަށް އޭނާ ތަޢާރަފްވަމުން ދިޔައިރު މުޝްތާފް ހުރިކަމުގެ އިހްޞާސްވެސް ނުކުރެވޭކަހަލައެވެ. އޭނާ ބަލިވަމުންދާހެން ހީވީ ފުރަތަމަ ފަހަރަށެވެ. ޒާނަ އާއި ވަގުތުކޮޅެއް ހޭދަކުރަން ޒައިނީއަށް ލިބުނެވެ. ޒާނަ ދިރިއުޅެނީ އައްޑޫގައެވެ. އާދިލް ވަޒީފާގައި އުޅެނީ މާލޭގައެވެ. އެދެމީހުން އެއްތަންވީ މި ކައިވެންޏަށެވެ. އެކަމަކު މިއީ އެންމެ ހަފްތާއެއްހާ ދުވަހެވެ. އެނބުރި އައްޑޫއަށް ދާންޖެހޭނެއެވެ. ޒައިނީ ރަށަށް ދާނަމަ ޒައިނީ އާއި އެކު ދުވަސްކޮޅަކަށް ރަށަށް ދާން ޒާނަ ބޭނުމެވެ.

ޒާނަ ކައިރީ އިނދެފައި ގެއަށް ދާން ޒައިނީ ނިކުތެވެ. ހަފްލާ ނިމި ތަންވަނީ ފަޅުވެފައެވެ. ސައްޔާރުއަށް ޒައިނީ ފެނުމުން ދާންވީތޯ އަހާލިއެވެ. އޭނަ އާއި އެކު ބޭރަށް ނިކުންނަން ދިޔަ ވަގުތު ލޮލުގައި އަޅައިގަތީ އެމީހުންގެ ކާރު ކައިރީ ތިބި ދެޒުވާނުންނެވެ. އޭގެތެރެއިން އެކަކު ޒައިނީއަށް ފާހަގަކުރަން އެނގުނެވެ. ދެރައީ އެމީހުންނަށް ތިބެވުނީ މަގުމަތީގައިކަންވެސް ނޭނގޭތީއެވެ. ހާމަކޮށް ތިބެ އެދެމީހުންގެ ލަދުވެތިކަމުގެ ފޭރާން ވީދި ކުދިކުދިވަމުން ދިޔަކަމެވެ.

އާދިލްގެ ކޮނޑުގައި ހިފާ ދަމައިގެންހެން ހީވެ ބަލާލެވުނެވެ. އެއީ ކާކުކަން އެނގުމުގެ ކުރިން އޭނާގެ މޫނުމައްޗަށް އެރީ ހޫނު ހަމަލާއެކެވެ. އެއްފަހަރަކު ނޫނެވެ. ވިދިވިދިގެން ތިން ހަތަރު ފަހަރެވެ. އެމަންޒަރު ފެނިފައި ޝިއުނީއަށް ހަޅެއްލަވައިގަނެވުނެވެ. ސައްޔާރު ދެއަތުން އާދިލްގެ ގިރުވާނުގައި ހިފާ ކާރާއި ދިމާލަށް ކޮއްޕާލިއެވެ. އެދެމެދަށް ޝިއުނީ ވަންނަން އުޅުމުން އޭނާވެސް ފޮޅާލީއެވެ. ހޮޓަލުގެ ބޭރުގައި ތިބި ސެކިއުރިޓީންގެ ބަޔަކު އަންނަންވީއިރު އާދިލްގެ ތުންފަތްވަނީ ފަޅާލާފައެވެ.

އެމީހުންނާއި ދިމާލަށް އާދިލް ކޮއްޕާލާފައި ސައްޔާރު ކާރަށް އެރިއެވެ. ޒައިނީ ކާރަށް އެރުމުގެކުރިން ޝިއުނީއަށް ރަނގަޅަށް ބަލާލިއެވެ. ދެވަނަ ފަހަރަށް ފެނުނަސް ވަކިކުރަން އެނގޭވަރަށް ސިފަ ފާހަގަކުރިއެވެ. ކާރުގެ ދޮރު ލައްޕާލާފައި ގޮނޑީގައި ލެނގިލިއިރު ޒައިނީގެ ދެލޯ ވިދައިގަތީ ކަރުނުންނެވެ. އޭނާގެ އުނގުތެރޭ އޮތް އަތްތިލއިގައި ސައްޔާރު ހިފާލިއެވެ.

***

ކުރިމަތީ އާވި އަރަމުން ދިޔަ ނޫޑްލިސް ތައްޓެއް ބަހައްޓާފައި އޭގެން އެތިކޮޅެއް ދެއިނގިލިކުރިން ނަގައި ސައްޔާރު ކާލިއެވެ. ޒައިނީގެ މޫނަށް ބަލާލިއިރު އަދިވެސް އިނީ ރޮވިފައެވެ.

"ލަވައިދެންވީތަ؟" ސައްޔާރުގެ އަޑުގައިވީ އޯގާތެރިކަމެވެ. މަޑުމަޑުން ބޯހޫރުވާލާފައި ޒައިނީ އިސްޖަހާލިއެވެ. ނޫޑްލިސްތަށި ދުރަށް ޖައްސާލިއެވެ. "މިހާރު ހިތަށް އަރާ އެތަނަށް އަހަރެމެން ދިޔައީ ކީއްކުރަންބާއޭ؟" ޒައިނީ ގެ އަޑުނިކުތީ ކުރަކިވެގެންނެވެ. އެމޫނަށް ސައްޔާރު ބަލައިލިއެވެ. ދެލޯ ކައިރި ފަވާފައިވާ އަނދުނުގެ ކުލަވަނީ މޫނަށް ފޭދެންފަށާފައެވެ. ރުއިމުގެ ސަބަބުން ނޭފަތާއި މޫނުމަތި ވަނީ ރަތްވެފައެވެ. ސައްޔާރު ދެއަތުން ޒައިނީގެ މޫނުގައި ހިފަހައްޓާލިއެވެ.

"އެވާހަކަ ބުނަން އެމީހުން ފުރުޞަތެއް ނުދެއެއްނު." ސައްޔާރު ބޮޑުވީ އިނގިލިން ޒައިނީގެ ލޯ ކައިރި ފޮހެލައިދިނެވެ. ނިތްކުރީގައި ބޮސްދިނެވެ.

"އަހަރެން ދިރިއުޅުމަކި އަދި ހިތަކުވެސް މަލަކްއަށް އިތުރު ޖާގައެއް ނެތް، އެއީ އަހަންނަށް ފެނުނު ކަޅު ހުވަފެނެއް، އެ ހުވަފެނުން ހޭލެވުނުއިރު އަހަންނަށް އަސްލު ދުނިޔެ ފެނިއްޖެ، ޒައި، އަހަރެންގެ ދިރިއުޅުމުގެ ހުސްކަން ފުރާލަދިނީތީ ޝުކުރިއްޔާ،" ސައްޔާރުގެ އަޑު ހިނދެމުންގޮސް ނިކުތީ ކިރިޔަ ކިރިޔާއެވެ. މޭޒުމަތީ އިށީދެ އޭނާގެ އުނގުތެރެއަށް ޒައިނީ ގެނެސް ލިއެވެ. -- ނުނިމޭ --

Popular