10 Apr 2019

ހިތު ލޯބި ހިތާ ވަކިވާނޭހޭ

ހިތު ލޯބި ހިތާ ވަކިވާނޭހޭ

ކިނާންގެ އެ ޙަރަކާތްތަކަށް ބަލަން ހުރިއިރު އެ ދިރިއުޅުމަށް މުޅިން ބީރައްޓެއްސެއްކަމުގެ އިޙްސާސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. ފަޒްލީން ދެކެ އޭނާވާ ލޯތްބަށް އޭނާގެ އެ ކޮންމެ ޢަމަލެއް ދިޔައީ ހެކިވަމުންނެވެ.

އެ މަންޒަރު ދެކެން އަހަންނަށް އުނދަގޫވިއެވެ. ނަމަވެސް ހިއްވަރުކޮށްފައި ފަޒްލީން އޮތް އެނދުގެ އަނެއްފަރާތަށް އަހަރެން ހުއްޓުނީމެވެ. އަހަރެންގެ ކުރިމަތީގައި، ފަޒްލީންގެ އަތްތިލަ ނަގައި ތުންފަތުގައި ޖައްސާލައިގެން އިނދެ ކިނާން ބަލަމުންދިޔައީ ފަޒްލީންގެ މޫނަށެވެ. އެހެން އިނދެ އޭނާގެ ދެ ލޮލުން ފަޒްލީންއާ ސުވާލުތަކެއް ކުރިމަތިކުރުވަމުންދިޔަ އެވެ. އޭނާ ބުނާ ކަހަލައެވެ. ތިބާ އަހަރެންގެ ދިރިއުޅުމަށް އެނބުރި އައިސް ނިވެމުންމިދާ ޙަޔާތުގެ ދަންމަރު އަލުން ރޯކޮށްދޭނީ ކޮންއިރަކުން ހެއްޔެވެ؟

"ފަޒްލީންގެ ނަސީބު ވަރަށް ރަނގަޅު... ނަސީބުވެރިންނަށް ނޫނީ ކިނާން ކަހަލަ ރަނގަޅު ލައިފް ޕާޓްނަރ އެއް ނުލިބޭނެ..." ކިނާންގެ މޫނުމަތީގެ އިޙްސާސްތައް އިރުގެ އަލިކަން ފަދައިން އަހަރެންގެ ހިތަށް ސާފުވެ ފެންނަމުން ދިޔައެވެ. ކިނާންގެ ހިތުގެ އެންމެ ފުންމިނުން ފޫހިވުމެއްނެތި ތެދުވެރިކަމާއެކު ފަޒްލީންދެކެ ވަމުންދާ އެ ލޯތްބަކީ ފަޒްލީންގެ އަޚްލާޤުގެ ހަރުދަނާކަމާއި އަނތްބެއްގެ ވާޖިބު އޭނާ އަދާކުރިލެއް ފުރިހަމަ ކަމުގެ ނަތީޖާ ކަމުގައި ނޫނީ ނުވާނެއެވެ. "ދެން ބުނެބަލަ! އަސްލު ކިހިނެތްތަ ވީ؟!" އެ ލޯބީގެ ހަޤީޤަތްތަކުގެ އެންމެ ފުނަށް އަހަރެންގެ ނަފްސު ފެށި ދަތުރާއެކު، އެ ސުވާލު އަނެއްކާވެސް އަހަންނަށް ކުރެވުނެވެ. އެވަގުތު ވިދާލި ވިދުވަރުން، ކޮޓަރީގެ ބިއްލޫރި ކުޑަދޮރުގެ ހުދު ފަރުދާ ތޮރުފާލުމަށްފަހު ކޮޓަރިތެރެއަށް އެޅުނު އަލިން، އަހަރެން ސިހޭގޮތްވިއެވެ. އަހަރެންގެ އެ ޢަމަލުން ކިނާންގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމާއެކު، އޭނާގެ ނަަޒަރު ހުއްޓުނީ ފަޒްލީން އަށެވެ. ކުއްލި ހަދާންތަކެއްގެ ތެރެއަށް އެ ނަފްސު ގެނބިގެން ދިޔަ ކަހަލައެވެ.

"އަންހެން ކުއްޖެއް ވިއްޔާ ވިދުވަރުގެ އައްޔާ ގުގުރީގެ އަޑު ދެކެ ބިރު ގަންނަންޖެހޭނެ ދޯ؟! .." ލުއި ހުނުމެއްގެ ތެރެއަށްގޮސް ގެއްލެމުން މަޑުމަޑުން ކިނާން ބުނެލިއެވެ. އެރޭގެ އެ ހިސާބުން ކިނާން އޭނާގެ އެނބުރި ރުޖޫޢަވުމެއްނެތް އެ މަސްތީ އުފާވެރި ދިރިއުޅުމުގެ ޙަޤީޤަތްތައް އަހަންނަށް ތިލަކޮށްދިނެވެ.

***

"އަހަރެން މެރީ ކުރާނީ އަހަރެން ބޭނުން މީހަކާ.. މަންމައާ ބައްޕަދެކެ ކިތައްމެ ލޯބިވިޔަސް ދިރިއުޅުމަކީ އަހަރެންގެ އަމިއްލަ ޙައްޤެއްނު.. ދިރިއުޅުމެއް ފެށުމަށްފަހު ދިރިއުޅުމުގެ އޮބްސްޓްކްލް ތަކާ ކުރިމަތިލާން ހުންނާނީ އަހަރެން ދޯ؟!.. އަހަރެން ދެކޭ ގޮތުގަ ދަރިން ދެކެ ހަގީގީ ލޯބި ވަންޏާ ހެޔޮ ނުބަޔަށް މަގުދައްކާ ގޮތަށް ދިރިއުޅުމެއް ފެށުމަށް މައިންބަފައިން މަގުދައްކަދޭނީ.. އިންނާނެ މީހަކު ނިންމާނީކީ ނޫން! ހަމަގައިމުވެސް މަންމަމެން ބުނާހާ މީހަކާ މަށެއް ނުއިންނާނަން!..އެކަމް މަށަށް މަންމަމެން ދައްކާ މީހަކު ކަމުދަންޏާ އޭގަނެތް ދޯ މައްސަލައެއް! ކޮންމެގޮތެއްވިޔަސް ލޯބި ނުވާ މީހަކާ އެކު ކިހިނެތް އުޅޭނީ؟!"

މެންދުރުގެ އެންމެ ހޫނުގަދަވަމުން އައި ވަގުތެވެ. ކޮލެޖްގެ ފުރަތަމަ ސެމިސްޓަގެ ނިމުން ފާހަގަކުރުމުގެ ގޮތުން ގާތުގައި ތިބި ތިން އެކުވެރިންގެ އަތަށް ވަކިވަކިން އައިސް ކްރީމެއް ލައިދެމުން ކޮލެޖް ކެންޓީނުގައި އަތުރާފައިވާ ބެންޗްތަކުން ބެންޗެއްގައި އިށީނދެލުމަށްޓަކައި ފަޒްލީން ހިނގައިގަތެވެ. އޭނާގެ ފަހަތުން ތިން އެކުވެރިންވެސް ހިނގައިގަތެވެ. ކާވެންޏާމެދު އޭނާގެ ވިސްނުމާއި ފިކުރިއްޔާތު ހާމަކުރުމަކީ އޭނާގެ އާދައެކެވެ. މިއަދު އެ މަޢުޟޫއަށް އަލުން އެނބުރި ދާންޖެހުނީ އޭނާގެ އެކުވެރި ސާރާގެ ދިރިއުޅުމަށް ނަގައިގެން އުޅޭ ރާޅެއްގެ ސަބަބުންނެވެ. ސާރާގެ މައިން ބަފައިން ދައްކާ މީހަކާ ކާވެނި ކުރުމަށް މައިންބަފައިން އެދުނީއެވެ.

"މަންމަމެން އަބަދުވެސް ބުނާނެ ރަށުން މީހަކާ އިންނާށޯ! ރަށުމީދާ ރަށަށް ގަދަވާނެޔޯ!..." އަތުގައި އޮތް ވެނީލާ އައިސްކުރީމްގައި ތުންފަތް ޖައްސާލަމުން ސާރާ ބުނެލިއެވެ. އޭނާގެ ކަންބޮޑުވުމަކީ އޭނާގެ ހިތްކިޔާ ކުއްޖަކު ހުއްޓައި މައިންބަފައިންނަށް ޓަކައި އޭނާގެ ލޯބި ގުރުބާން ކުރަންޖެހުމެވެ. ފަޒްލީންގެ ޚިޔާލާ މަޝްވަރާއަށް އޭނާ އެހީ އެހެންވެއެވެ.

"ރަށުމީދާ ރަށަށް ގަދަވާނެޔޭ އެބުނާ ބުނުމުގެ މާނައަކީ ކޮބާ އަސްލު؟ މިސާލަކަށް ކާވެނިކޮށްފަ ދަރިންތަކެއް ލިބުނީމަ ވަރިކޮށްފަ އެއްލާލަނީ ޔޯ ތިބުނާ ރަށު މީހަކާ އިނދެގެން ހުއްޓަ... ދެން ޖެހޭނީ އުޅޭވޭނެ ގޮތެއް ނެތިގެން މައިންބަފައިންނަށް ޑިޕެންޑްވާން ދޯ.. އެވާނެ އެމީހުންނަށްވެސް ބޮޑު ބުރަޔަކަށް އަސްލު.. އެކަމަކު އަންހެނަކަށް ވިޔަސް ކިޔަވައިގެން ކޮންމެހެން ވަޒީފާއަކަށް ނުދިޔަޔަސް، ކޮންމެވެސް ކަހަލަ މަސައްކަތެއް ކޮށްގެން އުޅޭނަމަ، ނުޖެހޭނެ ހާލުގަ ޖެހޭ ދުވަހު ސަލާންޖަހާކަށް! އެހެންވެ ރަށުމީހަކާ އިނުމާ ރަށުން ބޭރު މީހަކާ އިނުމުގަ ނެތް ތަފާތެއް މަ ދެކޭ ގޮތުގަ... ހުރިހާ ވެސް އެއްޗަކީ އަމިއްލަ ނަފްސް... އަމިއްލަ ނަފްސު އޭނާ ތަރުބިއްޔަތު ކުރާގޮތް!.. އެހެން ނޫންތަ؟!" ދެކޮނޑުއަރުވާލަމުން ފަޒްލީން ބުނެލިއެވެ. ފަޒްލީން ބުނި އެއްޗަކާމެދު ފިކުރު ކުރުމުގައި ސާރާ އިނެވެ. އަނެއް ދެ އެކުވެރިން ފަޒްލީންގެ ވާހަކައާ އެއްބަސްވިއެވެ.

ފަޒްލީން ގެ މި ބުނުންތަކުން އަސަރު ކުރި ހިތެއް އެތަނުގައި ވިއެވެ. އެއީ ކިނާންއެވެ. ކިނާނުގެ އެކުވެރި ފަސް ފިރިހެން ކުދިންނާއެކު ފަޒްލީންމެން އިށީނދެ ތިބި ބެންޗާ ޖެހިގެން އިން ބެންޗްގައި އިން އިރު ފަޒްލީންގެ އެ ބުނުމާމެދު އޭނާ ފުންކޮށް ވިސްނަމުން ދިޔައެވެ. އެވިސްނުމުގެ ހަރުދަނާ ކަމާއި، އެ މިޒާޖުގެ އުޞޫލުތައް ކިނާންއަށް ކަމުދިޔައެވެ. ވިސްނުންތޫނު އަންހެން ކުދިންނަކީ އޭނާ ދެކޭގޮތުގައި މަދުންނޫނީ މި ދުނިޔެއިން ފެންނާނެ ބައެއް ނޫނެވެ. އެހެން ނޫނަސް މީގެ ކުރިންވެސް ފަޒްލީންގެ މޫނަކީ އޭނާއަށް ފާހަގަ ކުރެވިފައިވާ މޫނެކެވެ. އެ މޫނުގެ މައުސޫމްކަމާއި ހިތްގައިމުކަން އޭނާގެ ހުވަފެންތަކާ ގުޅިލާމެހެމުން ދިޔައެވެ. ތަޤުދީރު ރާވާ މަތިވެރި އިލާހުގެ ތަޤުދީރު ކުރެއްވުމާމެދު ކިނާން އުފާވިއެވެ. މިކަހަލަ ކޮލެޖަކަށް ވަނުމަކީ އޭނ ާމާގަޔާވާ ކަމަކަށް ނުވިޔަސް މައިން ބަފައިންގެ އެދުމަށްވެސް މި ކޮލެޖަށް ވަދެވުނީތީ އޭނާ އުފާކުރިއެވެ. އޭގެ ސަބަބަކީ ހަމައެކަނި ފަޒްލީން އެވެ.

ކިނާންގެ މައިންބަފައިންނަކީ އަތްމަތި ތަނަވަސް ފޯރާ ބަޔަކަށްވިޔަސް، ރާއްޖެއިން ބޭރުގެ ކޮލެޖްތަކުން ކިޔެވުމުގެ ފުރުސަތު އޭނާއަށް ގެއްލުނީ އޭނާގެ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ކިނާންއަކީ ކިޔެވުމަށްވުރެ އެކުވެރިންނާއެކު މަޖާކޮށްލުމަށް ކޮލެޖަށް އަންނަ ޒުވާނެކެވެ. އޭނާއަކީ މިނިވަންކަމުގައި އިމެއް ހުދޫދެއް އޮންނާނެ ކަމުގައި ޤަބޫލު ނުކުރާ ޒުވާނުން ތެރޭގައި ހިމެނޭ މިނިވަންކަމަށް ލޯބިކުރި ޒުވާނެކެވެ. މައިންބަފައިންގެ މުއްސަނދިކަމާއި ތަނަވަސްކަމުގެ ތެރެއިންވެސް އޭނާގެ ހިތުގައި އަށަނުގަތް ސިފައަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އޭނާއަކީ އެކުވެރިންނަށްޓަކައި މަރުދޭ ޒުވާނެކެވެ. ގޭގެ ހަތަރު ފާރުން އެތެރެއިން ނުލިބޭ ހިތްހަމަޖެހުން އެކުވެރިންގެ ސަބުން އޭނާއަށް ލިބެއެވެ. ކޮލެޖްގައި އޭނާއަށް އެ ހުރެވެނީ އެހެންވެ ކަމަށްވެދާނެއެވެ. އެހެންނޫންނަމަ، އޭނާ ކަހަލަ ކިޔެވުންދެކެ ފޫހިވާ މީހަކަށް އެއީ އެކަށީގެންވާ ކަހަލަ ތަނެއް ނޫނެވެ. މަންޒިލެއް ނެތި ދަތުރުކުރަމުންދާ ނަވެއްފަދައިން އޭނާގެ މަންޒިލާމެދު އޭނާވަނީ ޣާފިލްވެފައެވެ. އެ ޣާފިލްކަމާއި އާވާރާކަމުގައިވާ ކިނާނުގެ ހިތާއި ސިކުނޑިއަށް ފަޒްލީން އައިސް ގަދަވެގަތީ މަޑުމަޑުންނެވެ. ނަމަވެސް އެ ހިތްގައިމު އިހްސާސްގެ ފޮނިކަން ލިބިގަތުމަށް އޭނާވަނީ ނުކުޅެދިފައެވެ.

އޭގެ ސަބަބަކީ އަންހެން ކުދިންނަކީ "މުސީބާތެއް" ގެ ގޮތުގައި ސިފަކުރާ އޭނާގެ ޒަމާނީ އެކުވެރިންނެވެ. އެމީހުންނާ ހެދި ފަޒްލީންއާ ހަމައަށް ދިއުމަކީ އޭނާއަށް އުނދަގޫކަމަކަށް ވިއެވެ. އަންހެންކުއްޖަކާ ހެދި މޮޔަވާތަން ފެނުމުން އެމީހުން އޭނާއަށް މަލާމާތްކުރާނެވެ.

މިކަހަލަ ޚިޔާލުތަކެއްގައި ފަޒްލީންއަށް ބަލަހައްޓައިގެން އިންދައި ސާރާގެ ލޮލުގެ އިޝާރާތުން ފަޒްލީންއަށް ކިނާން ދެއްކިތަން ފެނުމުން ނޫންކަމަށް ހަދައި ކިނާން އޭނާގެ އެކުވެރިންނާ ދިމާއަށް އެނބުރުނެވެ.

"ކާކުތަ އެއީ؟!" ލޮލުގެ އިޝާރާތުން ފަޒްލީންއަށް ކިނާން ދައްކަމުން ސާރާ އެހިއެވެ. "ހާދަ ރީއްޗޭ އޭނަ!.." ސާރާ އެހެންބުނިއިރުވެސް ފަޒްލީންގެ ސިއްރު ނަޒަރުތައް ގޮސް ހުއްޓިފައިހުރީ ކިނާން އަށެވެ. އަންހެން ކުއްޖެއްގެ ހިތް ފުރަތަމަ ނަޒަރުން މިލްކުކުރެވޭނެ ފަދަ ރީތިކަމެއް ކިނާންއަށް ލިބިފައިވެއެވެ. ފަޒްލީންއަށް ކިނާން ފާހަގަކުރެވުނީ މިއަހަރު ކޮލެޖް ހުޅުވުނު ދުވަހުއެެވެ. ފަޒްލީންގެ ކުލާހުގެ ކުރިމަތީ ހުންނަ ކްލާހަށް ކިނާން ވަންނަނިކޮށް ދުށް ފުރަތަމަ ފަހަރުވެސް ކިނާންގެ އާދަޔާ ޚިލާފް ރީތިކަމަށް އޭނާގެ ހިތް ލެނބިގެން ދިޔައެވެ. ޚާއްޞަކޮށް އެދިގު އިސްކޮޅުގެ ފުރިހަމަކަން އެ ދުވަހުވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް ކިނާން ވީ އޭނާ ހީކުރިފަދަ ޒުވާނަކަށް ނޫނެވެ. ކޮލެޖުގެ އަންހެން ކުދިންނާ މައްލަވަ ކުރުމާއި ޖެއްސުން ކުރުމަކީ ކިނާންއާއި އޭނަގެ ގްރޫޕްގެ އާދައެކެވެ. ފިރިހެން ކުއްޖެއްގެ ކިބައިގައި ހަރުލާފައި ހުންނަ އެފަދަ އާދަތަކަކީ، ފަޒްލީން ދެކޭގޮތުގައި އެފަދަ ކުދިންނާ ވީހާވެސް ދުރަކަށް ދާން ލިބޭ ފެހި ސިގުނަލެކެވެ.

ރޭގަނޑެއްގެ ވަގުތެވެ. އެއީ މާލެއަށް މިއުޒިކީ ޢީދެއް އައިސްގެން އުޅުނު ދުވަސްކޮޅެކެވެ. ޒުވާނުންގެ ޖޯޝާއި ފޯރިން ކައްކަމުން ދިޔަ މާހައުލު ފަޅުފިލުވައިދެމުން ދިޔައީ ދުނިޔޭގެ ނަން މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަތަކުންނެވެ. އެ ހިތްގައިމު އަޑުތަކުން ވިރުވާ އަޅަމުންދިޔަ ލަވަތަކުން އެ މާހައުލުވަނީ މިއުޒިކީ މަސްތެއްގައި ރަނގަޅަށް ޖެހިފައެވެ. ދިއްލާފައިވާފޯނުތަކުގެ އަލިކަން ފިޔަވައި އަލިކަމެއް ނެތް އެމާހައުލުން ވެސް ކިނާންގެ ދެ ލޯ އެންމެ އަވަހަށް ހޯދައިގަތީ ފަޒްލީންއެވެ. ރަތްކުލައިގެ ހެދުމުގައި އޭނާ ފެންނަލެއް ހިތްގައިމެވެ. ހާމައަށް ދޫކޮށްލެވިފައިވާ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ މަންޒަރު ބަލަން ފޫހިވުމެއް ނެތި ކިނާން ހުއްޓެވެ. އެހެން ހުރިއިރު އޭނާގެ ނަޒަރުގެ ކުރިމަތިން، ވަށައިގެން ވާ އެންމެންތައް ގެއްލި ހަމައެކަނި ފަޒްލީން ނޫން މީހަކު އެތަނުގައި ނުވާ ކަހަލަ އިހްސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ.

"ދަ ލޭޑީ އިން ރެޑް އިޒް ޑޭންސިންގ ވިތް މީ ޗީކް ޓް ޗީކް

ދެއަރސް ނޯބޮޑީ ހިއަރ އިޓްސް ޖަސްޓް ޔޫ އެންޑް މީ

އިޓްސް ވެއަރ އައި ވޯންޓް ޓް ބީ

ބަޓް އައި ހާޑްލީ ނޯ ދިޒް ބިއުޓީ ބައި މައި ސައިޑް

އަވިލް ނެވަރ ފޮގެޓް ދަ ވޭ ޔޫ ލުކް ޓް ނައިޓް....."

ކިނާންގެ ޚިޔާލުތަކުގެ ފަހަތުން އިވެމުންދިޔަ އެ ހިތްގައިމު އިނގިރޭސި ލަވައަކީ ފަޒްލީންއާ މެދު އެރޭ ކިނާންގެ ހިތުގެ އިހްސާސްތައް ރަނގަޅަށް ބަޔާންކޮށްދިން ލަވައެކެވެ. އެއީ ހަމަ އޭނާގެ ވެސް ހިތުގެ ޝުޢޫރުތަކެވެ. ފަޒްލީން ފެންނަލެއް މިރޭ އެހާވެސް ރީއްޗެވެ.

"ހައި!..." ރައްޓެހި ކުދިންކޮޅާ، ފަޒްލީން ތަންކޮޅެއް ދުރައްޖެހިލި ވަގުތު ބަލާފައި ކިނާން ފަޒްލީންއާ ގާތަށް ޖެހިލިއެވެ. އެ އަނދިރިކަމާއި މިއުޒިކަށް ގޮސް ހުސްވެފައިވާ އެ މާހައުލުގެ މަސްތީކަން ކިނާންގެ ލަދުވެތިކަމަށްވެސް ނިމުން ގެނުވި ފަދައެވެ. ކިނާން އަށް އެރޭ ލިބިފައިވަނީ މުޅިން އާދަޔާ ޚިލާފް ހިއްވަރެކެވެ. ފަޒްލީންއާ އިސްވެ އަނގައިންބުނަން ނުކެރިފައި އޭނާ ހުންނަތާ ކިތައްމެ ދުވަހެކެވެ.

"ކިނާން..." ފަޒްލީން އާ ދިމާއަށް ކަނާއަތް ދިއްކޮށްލަމުން ކިނާން އަމިއްލައަށް ތަޢާރަފްވެލިއެވެ.

"ފަޒްލީން..." ކިނާންގެ އަތުގައި ހިފާލަމުން ފަޒްލީން ހިނިތުންވެލިއެވެ. ކިނާންގެ އިޝާރާތަކަށް އޭނާ އިންތިޒާރުކުރަމުން ދިޔަކަހަލައެވެ. ކިނާންއަކީ އޭނާ ހިތްއެދޭ ހުރިހާ ސިފަތަކެއް ލިބިފައިހުރި ޒުވާނަކަސް، އެ މިޒާޖުުގައި އޭނާ އަށް ޤަބޫލު ނުކުރެވޭ ފަދަ ޚަރާބުކަމެއްވެއެވެ. އެހެނަސް، އެރޭ އޭނާއަށްވީ ކީއްކަން ޚުދު އޭނާ އަށްވެސް ނޭނގުނެވެ.

"ވަރަށް ދުވަސް ވެއްޖެ ފަޒްލީންއާ ވާހަކަ ދައްކާލާ ހިތުން ހުންނަތާ... އެކަމް ގޮތް ނޭނގޭ ކުއްޖެއް ވީމަ އެޕްރޯޗް ކުރަން ނުކެރިފަ އަސްލު ހުރީ.. މިރޭ ގޮވާލީވެސް މޫނުމަތީ އެތިފަހަރެއް ޖެހިއަސް ހެޔޮކަމަށް.. ހެހެހެ.."

މަޑު މަޑު ހުނުމެއްގެ ތެރެއަށް ހިނދެމުން މަޑުމައިތިރިކަމާއެކު ކިނާން ވާހަކަ ދެއްކީ ފަޒްލީންއާއެވެ. ދުރުން އިވެމުންދިޔަ މިއުޒިކާއި ކުރިމަތިން ރާޅުޖަހަމުން ދިޔަ އައްސޭރިއަށް ނަޒަރު ހުއްޓާލައިގެން އާޓިފިޝަލް ބީޗްގައި އަތުރާލާފައިވާ ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެލައިގެން ކިނާންއާއި ފަޒްލީން ތިއްބެވެ. އެއިރު އެ ދެ ޒުވާނުންގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސް ވަމުންނެވެ. ވަށައިގެންވާ މާހައުލުގެ ފަޅުކަމާއި ހިނމޭކަން އެދެ ޒުވާނުންގެ ހިތަށް އަމާންކަން ގެނެސް ދެމުން ދިޔައެވެ.

"ރުޅި ނާންނަންޏާ ވާހަކައެއް ބުނަންތަ؟!.." ފަޒްލީންގެ މޫނަށް ބަލައިލަމުން ކިނާން އެހިއެވެ. ޖަވާބުގައި ފަޒްލީން ނިތްއަރުވާލިއެވެ. "ވަރަށް ލޯބިވޭ ފަޒްލީން ދެކެ.. ވިލް ޔޫ މެރީ މީ؟!.." އުނދަގުލަކާނުލައި އުންމީދުތަކަކުން ހިތް ފުރައިގެން އިނދެ ކިނާން އެހެން ބުނެލީ ފަޒްލީންގެ ފަރާތުން އޭނާ ހިތް އެދޭ ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ނަމަވެސް ކިނާން ބުނި އެއްޗަކުން ފަޒްލީންގެ މޫނު މައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އެގޮތުގައި އޭނާ އިނެވެ.

"ހިތްހަމަ ނުޖެހުނީތަ؟!.." ފަޒްލީންގެ ހަމަހިމޭންކަމުން ކިނާންއަށް ނެގުނީ އެ މާނައެވެ.

***

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް އަހަންނަށާއި ކިނާން އަށްވެސް ދޮރާދިމާއަށް ބަލައިލެވުނެވެ. އެއިރު އަހަރެން ހުރީ ކިނާން އިށީދެ އިން ގޮނޑިއާ ގާތުން ފަޒްލީން ބާއްވާފައި އޮތް އެނދުގައި ލެނގިލައިގެންނެވެ. ދޮރުކަނީގައި އަތް އަޅުވާލައިގެން އަހަރެމެންނާ ދިމާއަށް ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ބަލަންހުރި މީހާއަށް ނަޒަރު ހުއްޓުމާއެކު އަހަންނާއި ކިނާން އަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލައި ލެވުނެވެ. --ނުނިމޭ--

Popular