11 Apr 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* އޭޕްރީލް 8 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އާހިލް ވީ ކިހިނެއްތޯ އަހައި ނިމުމާއެކު ނަވާލް ދިން ޖަވާބު އަހާފައި އައިރީންގެ ނަޒަރު ކުއްލިއަކަށް އެމޫނަށް ހުއްޓުނެވެ. އައިދަން އެތަނުން ދިޔަކަމެއް ނަވާލްއަށް އެނގުނު ގޮތަކާއިމެދު ސުވާލު އުފެދުނެވެ.

"އައިދަންތަ ރީންއަށް މިއަނިޔާ ދިނީ؟" އާހިލްގެ ސުވާލު އަހާފައި އައިރީންއަށް ތެޅިގަނެވުނެވެ.

އޭނަގެ ޖަވާބުގެ އިންތިޒާރުގައި އާހިލް އިނީ ބުމަ ކައިރިކޮށްލައިގެންނެވެ. އޭނަ ހަމަ އާއެކޭ ބުނާއިރަށް އައިދަންގެ ކަށިތައް މުގުރައިލަން ދާން ތައްޔާރުގައިއިން ކަހަލަ އެވެ. އެނުރައްކާތެރި ކުލަވަރު ފެނިފައި އައިރީން ގަތީ އަމަށަކު ބިރެއް ނޫނެވެ. އަވަސްއަވަހަށް ބޯ ހޫރާލައިފައި ޖަގު ވެއްޓުނީ އޭނަގެ އަތުންނޭ ބުނެ އޮޅުންފިލުވައިދިނެވެ. އާހިލް އެވަގުތު ފުން ނޭވައެއް ދޫކޮށްލައިފައި ތެދުވީ ކޮޅަށެވެ.

"އޭނަ ކީކޭ ބުނީ؟" އާހިލްގެ ސުވާލުތައް ނިމުނީކަމަށް ހީކޮށްގެން ހުއްޓާ އިތުރަށް އެހި އެވެ.

އައިރީންއަށް މަޖުބޫރުވީ ދުރު ބަލައިލާށެވެ. އެސުވާލަށް ޖަވާބުދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ލޮލަށް ގިނަވާން ފެށި ކަރުނަތައް އޮއްބައިލަން މަސައްކަތް ކުރަމުން ތިރީ ތުންފަތުގައި ދަތް އަޅައިލި އެވެ.

"ރީން!.. މިކޮޅަށް ބަލާބަލަ!" އާހިލް އެދުނެވެ.

"ކޮންއިރަކުން ހޮސްޕިޓަލަށް ދާނީ؟" އާހިލްއާ ދިމާއަށް މޫނު އަނބުރާލަމުން އައިރީން އެހި އެވެ. އޭނަގެ މަޤްސަދަކީ މައުޟޫ ބަދަލުކޮށްލުމެވެ.

އާހިލްއަށް އައިރީންގެ ބޭނުން އެނގުނެވެ. އެކަމަކު އޭނަ ހުރީ އެހާ ފަސޭހައިން އެވާހަކަ ހުއްޓައިލާ ގޮތަކަށް ނޫނެވެ. އައިރީންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެފައި އާހިލް ދެން ގޮވައިލީ ނަވާލްގެ ނަމުންނެވެ. ނަވާލްއަށް އިތުރަށް ކިޔައިދޭކަށް ނުޖެހުނެވެ. އާހިލް ހަމަ ގޮވާލުމާއެކު ކާރު ތައްޔާރުކުރަނީއޭ ބުނެފައި ބޭރަށް ނިކުމެއްޖެ އެވެ.

"އައިދަން މިހާރު އަހަރެންދެކެ މާބޮޑަށް ރުޅި އަންނަން ފަށައިފި... އަހަރެން ދާންވީ ކަންނޭނގެ މިގެއއިން ނިކުމެގެން.." ދެމީހުން އެކަނިވުމާއެކު އައިރީން ވާހަކަދެއްކި އެވެ.

ލޮލުން ކަރުނަ ތިއްކެއް ފޭދިގެން ދިއުމާއެކު އަތުގެ ނުފުށުން ފުހެލާފައި އިސްޖަހައިލި އެވެ. އާހިލް އެވަގުތު ގޮސް އިށީނދެލީ އައިރީންގެ މަގަތުގަ އެވެ.

"ހާދަ އަވަހަކަށް ތި އުންމީދުކަނޑާލަނީ؟ ރީން ތިހާ އަވަހަށް ބަލި ޤަބޫލުކުރީމަ އާހިލްބެއަށް ވާނީ ކިހިނެތް؟..." އާހިލް ހަނދާންކޮށްދިނީ އައިރީން ކުރިން ބުނެފައި އޮތް ވާހަކައެކެވެ.

"އަހަރެންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް..." އައިރީން ނޭފަތް ދަމައިލި އެވެ.

ހަޤީޤަތުގައި ވެސް އޭނަ މާޔޫސްވެއްޖެ އެވެ. އައިދަން އައިސް ދުވަހަކުވެސް ހިތް ބަދަލުނުވާނެކަމަށް ބުނިއިރު އެމޫނުގެ ކުލަ އޭނަ ދުށްޓެވެ. އެއީ އައިދަން އޭނަ ފޮނުވައިލަން ނޫނީ ދެރަކޮށްލަން ބުނި ވާހަކައެއް ނޫނެވެ. އެއީ އައިދަން ހިތުގެ އަޑިން މާނަކޮށްފައި ބުނި ވާހަކައެކެވެ. ބަނޑުގައި އެވާ ތުއްތު ދަރިފުޅުގެ ހައްޤުގައި ނޫންނަމަ އޭނަ މިހާރު އައިދދަން ހަނދާން ނައްތައިލަން މަސައްކަތް ފަށައިފީހެވެ. އެކަމަކު އެދަރިފުޅަށްޓަކައި އޭނަވަނީ އަމިއްލަ ނަފްސަށް ވަޢުދުވެފަ އެވެ. އޭނަ ހުއްޓައިލާނީ އަދި އެއްފަހަރު މަސައްކަތްކޮށްފަ އެވެ.

ހޮސްޕިޓަލަށް ގޮސް ރާމީންއަށް ގުޅަން ބޭނުންތޯ އެހުމުން އައިރީން ހެދީ ދެކޮޅެވެ. އޭނަ އެގެއަށް ނިކުތީއްސުރެ ދައްތަ އެންމެ ފަހަރަކު ވެސް ގުޅައެއްނުލަ އެވެ. އެހެންވެ އޭނަ ވެސް އެހުންނަނީ އިސްވެ އެކަން ނުކުރަންވެގެންނެވެ. ދައްތައަށް ގޮތުގައި ހުރެވެންޏާ އޭނައަށް ވެސް ހުރެވޭނެ އެވެ.

ނަސީބަކުން ފުޅިތޮށިކޮޅު ހެރިފައި ހުރީ މާފުނަކަށް ނޫނެވެ. ފުންނާބާއި ހިސާބަށް ހެރިފައި ހުރުމުން ފައިގެ ކުރި ޖައްސައިގެން ހިނގޭވަރުވެ އެވެ. ބޭސްއަޅައިގެން ނިކުމެ އައިރީން ގޮނޑި ބަރީގައި ބައިންދާފައި އާހިލް ދިޔައީ ބޭސް ނަގާށެވެ. އިސްޖަހައިގެން އިންދާ ކުޑައިރުކޮޅެއް ފަހުން އައިރީންގެ ސަމާލުކަމަށް އައީ ތުއްތު ކުއްޖެއްގެ ކުކުރުމުގެ އަޑެވެ. ހިތް ތެޅިގަތުމާއެކު އަޑު އައި ދިމާއަށް ބަލައިލެވިއްޖެ އެވެ.

އޭނަ އާއި ޖެހިގެން ކަނާތްފަރާތަށް ހުރި ގޮނޑީގައި އިށީނދެލި އަންހެނެއްގެ އަތުތެރޭގައި ތުއްތު ކުއްޖަކު އޮތެވެ. ފޮތިގަނޑަކަށްލައި އޮޅާލައިފައި އޮތްއިރު ފެންނަނީ ހަމައެކަނި ދެއަތާއި މޫނެވެ. އައިރީންގެ ނަޒަރު އެތުއްތތު މޫނަށް ހުއްޓުނުގޮތަށް ވަކިކޮށްލަން ނޭނގިފައި އިނދެވުނެވެ. އަޖައިބެއްފަދަ ގޮތަކަށް މެއަށް ބާރުވެގެން އައުމާއެކު ލޮލުތެރޭ ކަރުނަ ހިނގައިލި އެވެ. ތުއްތު ކުއްޖާ ނިދިފައި އޮވެގެން ހިނިތުންވެލީ ވަގުތު އޭނައަށް ވެސް ހިނިތުންވެލެވިއްޖެ އެވެ. އިޚުތިޔާރެއް ނެތި އެއް އަތުން ބަނޑާއި ހިސާބުގައި މަޑުމަޑުން ހިފަހައްޓައިލެވުނެވެ.

ބަލިވެއިންކަން އެނގުނީއްސުރެ ބަނޑުގައި އުފެދި ބޮޑުވަމުން އައި ދަރިފުޅާއި ބައްދަލުކުރަން އެހާ ބޮޑަށް ހިތް އެދުނު އެއީ ފުރަތަމަ ވަގުތުކޮޅެވެ.

"ރީން؟" އައިރީން ސިހުނީ އާހިލް ގޮވައިލި އަޑަށެވެ.

އޭނަ އަވަހަށް ތެދުވެ އުނގުތެރޭ އޮތް ދަބަސް ކޮނޑުގައި އަޅުވާލައިފައި ދާން ހިނގައިގަތެވެ. ފަސްދެމުން ވެސް އަދި އެއްފަހަރު އެނބުރި އެތުއްތު ކުއްޖާއަށް ނަޒަރެއް ދެވުނެވެ.

***

އާހިލް މެސެޖްކޮށްފައި އައިރީން ފައި ހަލާކުވެގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ އެންގުމާއެކު ރާމީންއަށް އެންމެ އިރުކޮޅަކު ވެސް އެގެއަށް ނުގޮހެއް ނުހުރެވުނެވެ. ގޭގައި ލައިގެން އުޅުނު ބޮޑު ޓީޝާޓާއެކު ތިރިން ޖިންސެއް މަހާލައިގެން އަވަހަށް ނިކުމެއްޖެ އެވެ. ދަބަސްތެރެއަށް ފޯނު ލާފައި ކޮނޑުގައި އަޅުވާލުމަށްފަހު ބޮލުގައި ހުޅި ޖެހީ ވެސް މަގުމަތީ ހިނގާފައި ދަމުންނެވެ. ނަސީބަކުން މަޖީދީ މަގުން މީހަކު ހުސްކުރި ޓެކްސީއެއް އަތުޖެހިގެން މާދުރަށް ހިނގާކަށް ނުޖެހުނެވެ.

ބެލް ޖަހާލުމާއެކު ގޭތެރެއިން ބައްދަލު ކުރީ ގޭގައި ގެންގުޅޭ އަންހެނެކެވެ. އައިރީން އުޅެނީ ކޮން ކޮޓަރިއެއްގައިކަން އޮޅުން ފިލުވައިގެން އަވަހަށް ގޮސް ސިޑިން އެރި އެވެ. ދެނަމާދު ދޭތެރެއަށް ވުމުން ގޭތެރެ ފެނުނީ ފަޅުކޮށެވެ. ރާމީން ގޮސް ޓަކި ޖަހައިލި އެވެ. އިރުކޮޅަކު މަޑުކޮށްލާފައި ޖަވާބު ނައިސްގެން ހުޅުވާލިއިރު އައިރީން ނަމާދު ކުރަނީ އެވެ.

ރާމީން އެތެރެއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލައިފައި ގޮސް އެތާހުރި އަތްގަނޑުލީ ގޮނޑިއއެއްގައި އިށީނދެލި އެވެ. ކޮއްކޮގެ ދިރިއުޅުން ހުރިގޮތެއް އޮޅުންފިލުވަން މަސައްކަތްކުރާފަދަ ގޮތަކަށް ވަށައިގެން ލޯ ހިންގަން ފެށި އެވެ. ކުޑައިރުކޮޅެއް ފަހުން އައިރީން ސަލާން ދީފައި އެނބުރި ބަލައިލި އެވެ. ރާމީން ފެނުމާއެކު އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެ އެވެ. އެވަގުތު ފުންނާބަށް ބާރުކޮށްލެވުމުން ތަދުވެގެން އާހެއްގެ އަޑު އިއްވައިލެވުނެވެ.

"ވަރަށް ބޮޑަށް ހަލާކުވިތަ؟" ރާމީން ގޮނޑިން ތެދުވެގެން ކޮއްކޮއާ ގާތަށް ހިނގައިގަތެވެ.

އައިރީން އެއްޗެއް ނުބުނެ ބަލަން ހުރީ އަނގައިން ބުނަން ބޭނުންނުވެފައި ހުރިފަދަ ގޮތަކަށެވެ. ދެން އިރުކޮޅަކުން ދޮޅިއާއި ސްޓާކީން ބާލައި މުސައްލަތެރޭ އޮޅާލައިފައި ނަގައިފި އެވެ. ރާމީން މަޑުކުރީ ކޮއްކޮ އެއެއްޗެހި ބަހައްޓާފައި އަންނަން ދެނެވެ. އެކަމަކު މުސައްލަ ބާއްވައިފައި ވެސް އައިރީން ކައިރިއަށް އަންނާކަށް ނޫޅުނެވެ. ދުރުގައި ބަލަން ހުރީ އެވެ.

"ކޮޅަށް ހުރީމަ ހައްތަހާ ތަދުވާނީއެއްނު. އާދެބަލަ މިތާ އިށީންނަން!" ރާމީން އަތުގެ އިޝާރާތުން އެނދު ދައްކާލައިފައި އެދުނެވެ.

އައިރީން އައިސް އިށީނދެލުމުން ކައިރީގައި ރާމީން ޖައްސައިލި އެވެ.

"ކާކުބުނީ އަހަރެން ފައިހަލާކުވި ވާހަކަ؟" އައިރީން އަހައިލި އެވެ.

"އާހިލް.." ރާމީން ކޮއްކޮގެ މޫނަށް ބަލައިލި އެވެ.

"އަހަރެން ހީކުރީ ދައްތަ އާހިލްބެއާ ވާހަކަނުދައްކާ ކަމަށް." އައިރީން ބޭނުންވީ ދައްތަ ބުނާ އެއްޗެއް ބަލާލުމަށެވެ.

ރާމީން ނުތަނަވަސްވުމުން އާދައިވެފައިވާ ގޮތަށް ކަންފަތް ކައިރިން އިސްތަށިގަނޑު ރީތިކޮށްލި އެވެ. އޭނަ އެދުނީ އޭނަގެ ވާހަކަ ބާއްވާފައި އައިރީންގެ ވާހަކަ ދެއްކުމަށެވެ. ފައި ހަލާކުވީ ގޮތަކާއި ވެފައި ހުރި ގެއްލުމުގެ ތަފްޞީލަށް އޭނަ އެދުނެވެ. ޑޮކްޓަރު ބޭސް ދިނީ ކިހާ ދުވަހަކަށްތޯ އާއި ފަހަން ޖެހުނުތޯ އެހި އެވެ. ހިތްހަމަނުޖެހިފައި އިނދެގެން ވެސް އައިރީން ދައްތަގެ ސުވާލުތަކަށް ޖަވާބުދިނެވެ. އެހާ ދުވަސްފަހުން ބައްދަލުވުމުން އޭނަ ކުރިން އައިސް ހުރި ރުޅިވެސް ވަނީ ހިސސާބަކަށް ފިނިވެފަ އެވެ. އެކަން ހާމަކުރަން ބޭނުން ނުވިއަސް ދައްތަ އައުމުން އޭނަ ވަނީ އުފާވެފަ އެވެ.

"ކޮންދުވަހަކުން ޑޮކްޓަރަށް ދައްކަން ދާން ޖެހެނީ؟" ހިމޭންކަމުގެ ސުކޫތުކޮޅަކަށްފަހު ރާމީން އަނެއްކާވެސް އެހި އެވެ.

އައިރީން ޖަވާބުދޭން އުޅެނިކޮށް ދައްތަ އަތް ޖައްސައިލީ އޭނަގެ ބަނޑުގަ އެވެ. ރާމީންގެ ސުވާލު އޭނައަށް ވިސްނުނީ އަދި އެހިސާބުންނެވެ. ހައިރާންކަމާއެކު ކުއްލިއަކަށް އެމޫނަށް ބަލައިލެވުނެވެ.

"ދާންވީމަ ދައްތައަށް ގުޅާތި! ދައްތަ ދާނަން ރީންއާއެކު. ކުރީބައިގަ ބުނިއްޔާ އަދި ބޮޑަށް ފަސޭހަ ވާނެ.." ރާމީން އަތް ދުރުކޮށްލާފައި އިތުރަށް ވާހަކަދެއްކި އެވެ.

އައިރީންއަށް ހީވީ ކަރުތެރެ ބެދެމުން އައި ހެންނެވެ. ހިންދިރުވައިލުމަކީ އުދަނގޫ ކަމަކަށް ވެއްޖެ އެވެ.

"ކީއްވެ ތިހާ ހައިރާންވީ؟ އަހަރެން ވަކި ބޭނުމެއް ނުވާނެތަ ރީންއަށް ހެލްދީ ބޭބީއެއް ލިބޭކަށް؟ ބޮޑުދައިތައިންނަކީ ދެވަނަ މަންމައިން. ރީންގެ ބޭބީ ވާނީ އަހަރެންގެ ވެސް ކުއްޖަކަށް." ރާމީންއަށް ކޮއްކޮގެ މޫނުގެ ކުލަވަރު ތަރުޖަމާ ކުރެވިގެން ވާހަކަދެއްކި އެވެ.

އައިރީންއަށް ވާހަކަދައްކަން ދަތިވެގެން ޖަވާބުދިނީ ބޯޖަހައިލުމަކުންނެވެ.

ކޮންމެވެސް މީހަކު ޓަކިދިން އަޑާއެކު ދެމީހުންގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރުކުރި އެވެ. އައިރީން ވަންނާށޭ ބުނުމާއެކު ދޮރު ހުޅުވާލައިފައި ވަނީ ނޯކަރެކެވެ. އަތުގައި ހުރި ތަބަކުގައި ދެޖޯޑާއި މަތި ޖަހާފައި ހުރި އިތުރު ތައްޓެއް ހުއްޓެވެ. ރާމީންގެ ނަޒަރު ކޮއްކޮއަށް ބަދަލުކޮށްލާފައި އަނެއްކާ ދޮރާއި ދިމާއަށް ބަލައިލެވުނީ ޝައްކެއް ވެގެންނެވެ. އޭނައަށް ހީވީ ރަނގަޅެވެ. ނޯކަރުގެ ފަހަތުން އާހިލް އެތެރެއަށް ވަދެއްޖެ އެވެ. އެތަނަށް ސައި ގެނުވި މީހަކަށްވެސް ވާނީ އާހިލްއޭ އޭނަ ހިތަށްއެރި އެވެ.

"ހިއެއް ނުކުރަން އަންނާނެ ކަމަކަށް..." ގެންގުޅޭ މީހާ ނިކުތްކަން ޔަޤީންކުރަން ދޮރާއި ދިމާއަށް ބަލާލައިފައި އަނބުރާ ރާމީންއަށް ހުއްޓައިލަމުން އާހިލް ވާހަކަދެއްކި އެވެ.

ރާމީން ބަލައިލީ އައިރީންއަށެވެ.

"ޑޮކްއަށް ދާންވީމަ ހަނދާންކޮށް ގުޅާތި އިނގޭ! ދައްތަ ދެން ގޮސްލާނަން. ވަރަށް ރަނގަޅަށް ކައިގެން ބަލައިގެން އުޅޭތި!" ރާމީން ކޮޅަށް ތެދުވެފައި ދަބަހުގެ ވާގަނޑާއި ކުޅެލަމުން ވާހަކަދެއްކި އެވެ. ދައްތަ މަޑުކުރުވަން ހިތް އެދުނު ނަމަވެސް އައިރީން އެކަމެއް ފައުޅެއް ނުކުރެ އެވެ. ޖަވާބުދިނީ ބޯޖޖަހައިލުމަކުންނެވެ.

"ދަނީ!" ނިކުންނަން ދޮރާއި ދިމާއަށް އެނބުރެމުން އާހިލްއަށް ބަލާލައިފައި ރާމީން އިއްވައިލި އެވެ.

އެމޫނުން ތަފާތު އަސަރެއް ފެނުނު ނަމަވެސް އާހިލް ރައްދުދިނީ ބޯޖަހައިލުމަކުންނެވެ. ރާމީން ނިކުމެ ދޮރު ލައްޕައިލުމުން އައިރީން ގޮވާލި އަޑަށް އެދިމާއަށް ބަލައިލި އެވެ.

"ކީއްވެ ތިހުންނަނީ! ދޭބަލަ ދައްތަ ފަހަތުން!" އައިރީން ލޯ ބޮޑުކޮށްލާފައި ވާހަކަދެއްކި އެވެ.

***

ރާމީ!" ސިޑީގެ މެދާކަށް ހިސާބަށް ފޭބުނުތަނާ މަތިން އާހިލްގެ އަޑު އައެވެ.

ރާމީން ހުއްޓިފައި އެނބުރި ބަލައިލި އެވެ. އާހިލް އޭރު ހަރުކޮށް ހިނގާފައި އަންނަނީ އެވެ. ފަހަރަކު ދެހަރުފަތް ގިރާކޮށްލާފައި ދާދި އަވަހަށް އައިސް އަރާހަމަކުރި އެވެ.

"ކުރިންވެސް ވާހަކަދައްކަން ބުނީމަ ވަގުތެއް ނެތޭ ކިޔާފަ ދިޔައީ. މީ ބިޒީގަޑިއެއް ނޫނެއްނު." އާހިލް ސިޑިގެ ރެއިލިންގައި ހިފާލައިފައި ވާހަކަދެއްކި އެވެ. އޭނަ ހުރީ ކުޑަކޮށް ނޭވާ ކުރުވެފަ އެވެ.

ޖަވާބުދޭން އުޅެފައި ރާމީންއަށް ބަލައިލެވުނީ ކުރިމަތިން ފިޔަވަޅުގެ އަޑު އިވިގެންނެވެ. ބަދިގެއިން ނިކުމެގެން ސިޑިއާ ދިމާއަށް އައި ޝެހެނާޒްގެ ހަނިކޮށްލެވިފައިވާ ދެލޯ ހުރީ އޭނައަށެވެ.

"އޯކޭ..." ހިޔާލު ބަދަލުކޮށްލާފައި ރާމީން އެއްބަސްވި އެވެ. އޭރުވެސް އޭނަގެ ނަޒަރު ހުރީ ޝެހެނާޒް އަށެވެ.

އާހިލްގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އޭނަ އަވަހަށް ކާރު ނެރެންވެގެން ކުރީގައި ގޮސް ގެއިން ނިކުތެވެ. ރާމީން މަޑުކުރީ ޝެހެނާޒްއާ ބައްދަލުކުރަން ވެގެންނެވެ.

"މިހާރު އަނެއްކާ އާހިލް ލައިގެން ކޮން ގޭމެއް ކުޅެން ތިއުޅެނީ؟ ރާމީން އޭނަ ދޫކޮށްލިފަހުން އަދި ކިރިޔާ އޭނަ ހަމައަކަށް އެޅުނީ. ދެވަނަ ފަހަރަށް އޭނައަށް ހާޓްކޮށްފިއްޔާ އަހަރެން ނުހުންނާނަން މަޑަކުން" ޝެހެނާޒް ވާހަކަދެއްކީ އިންޒާރުދޭފަދަ ރާގެއްގަ އެވެ.

އެކަމަކު އެވާހަކަ އަހާފައި ރާމީންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޝެހެނާޒްގެ އެ އިންޒާރު ތަކަކީ އޭނަގެ ކުރިމަތީ އެއްވެސް ބާރެއް ހުރި އެއްޗެއް ނޫންކަން އެއަމަލުން އެކަނި ވެސް ސާބިތުކޮށްދިނެވެ.

"އޯހ އަހަރެން ވަރަށް ބިރުގެންފި!" ލޯ ބޮޑުކޮށްލާފައި ރާމީން ބުނެލި އެވެ. ދެން ފެށީ ހޭށެވެ.

ޝެހެނާޒް ގާތަށް އައިރުޅިން ދެއަތް އުފުލާލައިފައި ރާމީންއާ ދިމާއަށް ދެވުނެވެ. އެކަމަކު އެންމެ ފަހު ވަގުތު އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ޖެހިލީ ފަހަތަށެވެ.

"ކޮންމެކަމެއް ކުރުމުގެ ކުރިން ވެސް ހަނދާން ކުރާތީ ރާމީންގެ ކޮއްކޮ ހުރީ ކާކުގެ ބެލުމުގެ ދަށުގައިކކަން.." ޝެހެނާޒް ހަނދާންކޮށްދިނެވެ.

ރާމީން ސީރިއަސްވީ އެހިސާބުންނެވެ. އޭނަ ރައްދުދޭން އުޅެފައި ދޮރާއި ދިމާއަށް ހިނގައިގަތީ އާހިލް ބަރުގޮނު އަޅައިލި އަޑަށެވެ. ބޭރަށް ނިކުމެފައި ކާރަށް އެރުމުގެ ކުރިން ދެތިންފަހަރު ފުން ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލަން މަސައްކަތް ކުރި އެވެ. ލަވަ ޖަހަން ބޭނުންތޯ އާހިލް އެހުމުން އޭނަ ބޯ ހޫރައިލީ ދެފަރާތަށެވެ. ދެން ބިއްލޫރިގަނޑާއި ދިމާއަށް އެނބުރި ބޭރު ބަލަން ފަށައިފި އެވެ. ދުއްވަމުންދިޔައިރު އާހިލް ދޭތެރެއަކުން ބަލައިލިއަސް އެއިން ކޮންމެ ފަހަރަކު ވެސް ރާމީން އިންނަނީ ބޭރު ބަލަހައްޓައިގެންނެވެ. ވިސްނުމެއްގައި ކަމެއް ނޫނީ އޭނައާ ވާހަކަނުދައްކަން ވެގެން ކަމެއް ނޭނގެ އެވެ.

ނަވާލް ކޮޓަރީގައި އުޅެނިކޮށް ކޮންމެވެސް މީހަކު ޓަކިދިނެވެ. ވަންނާށޭ ބުނެފައި އިރުކޮޅަކުން ބޯދިއްކޮށްލީ ނިޝާލް އެވެ. ނަވާލްގެ މޫނުން ހައިރާންކަން ފެނުނެވެ. ނިޝާލްއަކީ އެކޮޓަރިއަށް ވަންނަ މީހެއް ނޫނެވެ. އޭނަގެ މިޒާޖު ހހުންނަ ގޮތުން އެހާ ގާތްކޮށް ނޫޅޭތީ ނުކެރެނީ ކަންނޭނގެ އެވެ.

"އައިދަން ނުފެނުނީތަ؟" އެނދުގެ ފައިލާކޮޅުގައި އޮތް ޓީޝާޓް ނަގައި ބޮލަށް މަހައިލަމުން ނަވާލް ސުވާލުކުރި އެވެ.

"އަހަރެން އަމިއްލަ ކަމަކުވެސް އަތުވެދާނެއެއްނު... ނިޝާލް ހިނިގަނޑެއް ޖަހާލައިފައި ވަށައިގެން ލޯ ހިންގަމުން ވަދެގެން އައެވެ.

ދޫކޮށް ހުއްޓަސް ލައިގެން ހުރި ޓީޝާޓް ކުރުކަމުން އޭގެ ފަސްބަޔާއި ލައިގެން ހުރި ސޯޓުގެ ދެމެދުން ބަނޑުން ބައެއް ފެންނަން ހުއްޓެވެ. ސޯޓު ކުރުވެ ދެފައި އޮތީ ހާމައަށެވެ. ނަވާލް ނުވެސް ބުނަނީސް އެނދުގެ މަގަތުގައި އިށީނދެފައި ދެފަރާތުން އަތް ވިއްދާލި އެވެ. ނަވާލް ގޮސް އިށީނދެލީ އެތާ ހުރި ލައުންޖް ގޮނޑިއެއްގަ އެވެ.

"ޑިއުޓީ ނިންމާފަ އައިސް ވެސް އެކަނި އުޅެ އުޅެފަ ނިދަނީ ދޯ؟ މަ ހީކުރީ މިހާރު އެކަމަކު ތަފާތު ވާނެކަމަށް..." ނިޝާލްގެ ބޭނުމަކީ ކަމެއް އޮޅުންފިލުވުމެވެ.

"ތިބުނީ؟" ފޯނަށް ބަލަން އިނދެގެން ފަރުވާކުޑަ ރާގަކަށް ނަވާލް އެހި އެވެ.

"ގާލްފްރެންޑްއެއް ހުންނާތީ... އަދި އެވެސް ޕްރެގްނެންޓް ކުއްޖެއް." ނިޝާލްގެ ވާހަކައިން ނަވާލްގެ ސަމާލުކަން ލިބުނެވެ.

އެވަރުން ވެސް ރައްދެއް ނުދެ އެވެ. ނިޝާލް ކޮންމެ އެއްޗެއް ވިސްނިއަސް އެއިން އޭނައަށް ލިބޭނެ ކަންބޮޑުވުމެއް ނެތްފަދަ އެވެ.

"އަސްލު ބުނެބަލަ! ގާލްފްރެންޑެއް ނޫން ދޯ އެއީ؟ ވަން ނައިޓް ސްޓޭންޑެއް ދޯ؟" ނިޝާލް ކަކޫމަތީ ދެއުޅަބޮށި ވިއްދާފައި ކޯތާފަތުގެ ދެފަރާތުން ދެއަތްތިލައިން ހިފާލައިފައި ޝައުޤުވެރިކަމާއެކު އެހި އެވެ.

ނަވާލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ފޯނު ބާއްވާފައި އޭނަގެ ހުރިހާ ސަމާލުކަމެއް ނިޝާލްއަށް ހުއްޓައިލީ ދެނެވެ.

"ނިޝާލްއަށް ހީވަނީ ކިހިނެތް؟" ނަވާލް ފުރުސަތު ދިނީ ނިޝާލް އަށެވެ.

"އަހަންނަށް ހީވަނީ ކުރިން މިބުނި ގޮތަށް. ދެން ޕްރެގްވީމަ ދޫކޮށްނުލެވިގެން ބަލަނީ..އޭނައަށް ބަލާލައިފަ ވެސް އެނގޭ ނަވާގެ ގާލްފްރެންޑް މެޓީރިއަލް ނޫންކަން. އެހެރީ އޭނަ ހުންނަލެއް ކަޓުކަން. އާހިލް ގެނަ ކުއްޖާދެން ފެމެލީ ބެކްގްރައުންޑް ކަމުނުދިއަސް ތަންކޮޅެއް ސްޓައިލިޝްކޮށް ހެދުން އަޅާއުޅޭތީ އެންމެ ކަމުނުދާ ވަރެއް ނޫންވިއްޔަ." ނިޝާލް ޖަވާބުދީފައި ނަވާލް ބުނާ އެއްޗަކަށް އިންތިޒާރު ކުރި އެވެ.

"ނިޝާލްއާ ހީވާ ހީވުމަކީ ކޮންމެހެން ތެދަކަށް ވާކަށް ނުޖެހޭ. އަދި އަހަރެންގެ ގާލްފްރެންޑާއިއެކު ވަގުތު ހޭދަ ކުރާނެ ގޮތާއި ކުރާނެ މިންވަރަކީ ވެސް އަހަރެން އަމިއްލައަށް ކަނޑައަޅާނެ ކަންކަން." ނަވާލް އަނެއްކާ ވެސް ފޯނު ނަގާފައި ފަހަތަށް ޖެހިލައި ގޮނޑީގައި ހަށިގަނޑު ދަމާލައިފައި ސަމާލުކަން ހުއްޓައިލީ އެއަށެވެ.

ނިޝާލްގެ އަނގައަށް ޖައްސައިލި ވައްތަރުން ހީވީ ހުތް އެއްޗެއް ކެވުނުހެންނެވެ. ނަވާލް އޭނައަށް ކަމުނުދަނީ އެހެންވެގެންނެވެ. އެގޭގައި އުޅޭ އެހެން އެންމެންނާއި އޭނަގެ މިޒާޖު ނުބައްދަލެވެ. ޝެހެނާޒް ބުނާހެން ހުރިހާ ދަރިންގެ ހަށިގަނޑުގައި އެއް ލެއެއް ހިނގިއެއްކަމަކު އެހެން މީހަކު ބަނޑު އަޅައި ވިހެމުން ތަފާތު އެހުންނަނީ ފެންނާށެވެ. ނަވާލް ބުނަން ބޭނުން ނޫނިއްޔާ ސިއްރެއް ވެސް އޭނަގެ ކިބައިން ހޯދުން ވާނީ ނާދިރު ކަމަކަށެވެ. އެކަމަކު އައިރީންގެ ކަންތައްގަނޑުގައި ނުބައެއް އުޅޭހެން އޭނައަށް ހާދަ ހީވެ އެވެ. -- ނުނިމޭ --

Popular