13 Apr 2019

ނޭނގި ޔާާރު ވަކިވީ

ނޭނގި ޔާާރު ވަކިވީ

ސައްޔާރުގެ މޭގައި ޒައިނީ މޫނުޖައްސާލިއެވެ. އޭނާގެ ދެލޮލުން ފޭދުނު ކަރުނައިގެ ހޫނުކަން ކޯތާފަތަށް އިހްސާސްކުރެވުނެވެ. ސައްޔާރުގެ ދެއަތް ގެނެސް އޭނާގެ ބުރަކަށީގައި ޖައްސާލިއިރު އެފަދައިން އޭނާގެ ދެއަތް ވީ ސައްޔާރުގެ އުނަގަނޑާއިވީ ދިމާލުން ވަށާލެވިފައެވެ.

އޭނާގެ ދޫ ވަނީ ހިމޭންވެފައެވެ. ސައްޔާރުގެ ދުލުން އިވުނު ޝުކުރުގެ ބަސްތަކުން ހިތަށް އުފާވެރިކަން ލިބުނެވެ. އޭނާގެ އެހީތެރިކަން ސައްޔާރު ބަލައިގަތެވެ. ސައްޔާރުއަށްޓަކައި ޒައިނީ ކެއްތެރިވީވަރު ވަޒަންކުރިއެވެ.

އޭގެފަހތުގައިވަނީ ހަމައެކަނި އާއިލީ ގުޅުން ނޫންކަން ސައްޔާރުއަށް އެނގުނު ދުވަހުގެ މަތިން ޒައިނީ ދުވަހަކުވެސް ހަނދާނެއް ނުނެތެއެވެ. އެއީ އުފާވެރިކަމާއި ހިތާމައިގެ ޝުއޫރުތައް މަސްހުނިވެގެން އައި ދުވަހެކެވެ. ސައްޔާރު އަމިއްލަ ފުރާނަ ދުއްވާލަން އުޅުނު އިރު އިހްޞާސްވީ އަމިއްލަ ހަށިގަނޑާއި ފުރާނަ ވަކިވެގެންދާކަމެވެ. ސައްޔާރު ނުލައި އޭނާގެ ދިރިއުޅުން ގެންދާނެ ގޮތެއް ނުވިސްނުނެވެ. ސައްޔާރުގެ ކުރިމައްޗަށް ޅަފުރައިގެން ފެށިގެން ފޮރުވައިގެން އުޅުނު ޝުއޫރުތައް ބަންޑުންކޮށްލެވުނެވެ.

ސައްޔާރުގެ އަތުން ހަންޖަރު ދޫވެ ޒައިނީގެ މޫނަށް ބަލާލި ގޮތް އޭނާއަށް ސިފަވިއެވެ. އެދެލޮލުގައިވި ސިހުމާއި ހައިރާންކަން އެއީ ދިރިހުރިހާ ހިނދު ހަނދާންނެތޭނެ މަންޒަރެއް ނޫނެވެ. ޒައިނީގެ އަތުގައި ހިފާ ސައްޔާރު އަދި އެއްފަހަރު އެހެން ބުނުމަށް އެދުނެވެ. ޒައިނީއަށް ހިމޭންވެވުނެވެ. އިޚްތިޔާރަކާއިނުލައި އޭނާގެ ދުލުން ބޭރުވި ބަސްތައް ތަކުރާރުކުރާނެ ހިތްވަރެއް ނުލިބުނެވެ. އެއަޑު ސައްޔާރުއަށް ނީވުނުނަމައޭވެސް ހިތަށް އެރިއެވެ. ހިލައިގެ ބުދެއްފަދައިން ޖެހިފައި ހުއްޓާ އޭނާއަށް އިވުނީ ސައްޔާރުގެ ހިތުގެ ތެޅުމުގެ އަޑެވެ. ސައްޔާރުގެ މޭގައި އޭނާގެނެސް ޖައްސާ ދެއަތުގެ ހިމާޔަތުގެ ދަށަށް އޭނާ ގެނައެވެ.

އޭގެ ފަހުން ފާއިތުވި ކޮންމެ ދުވަހަކީ ތަފާތު ދުވަހެކެވެ. ދިރިއުޅުންމަތިން ފޫހިވެފައިވާ ސައްޔާރުގެ ދެލޮލުން އުއްމީދީ ކުލަތަކެއް ޒައިނީއަށް ފެނުނެވެ. ދިރުން ގެއްލިފައިވާ މޫނުމަތިން ހިނިތުންވުން ފެންނަންފެށިއެވެ.

ބަލިކަށިވަމުން ދިޔަ ނަފްސަށް އިތުރު ކުރިއެރުމެއް އައީ ނުވެސް ދަންނަ އެހީތެރިއެއްގެ ސަބަބުންނެވެ. އެމީހުން ނަގައި ކޮޅަށް ޖަހައިދިނީ ގުލްޒާރެވެ. އެންމެ ހެޔޮކަމެއްގެ ބަދަލުގައި ކީރިތި ވަންތަ ﷲ ގެ ރަޙްމަތެއްގެ ގޮތުގައި އެމީހުންގެ ދިރިއުޅުމަށް އައީ ގުލްޒާރެވެ.

ކުއްލިއަކަށް މިލްކަކަށްވި ބޮޑު ވިޔަފާރީގެ ސަބަބުން ސައްޔާރުއަށް ބޮޑު ބަދަލެއް އައެވެ. އަމިއްލަ ދެފައިން ހިނގޭނެ ދުވަހަކަށް ހުދު އޭނާވެސް ކެއްމަދުވެފައިވާކަން އެނގިގެން ދިޔައެވެ. ހެނދުނު ހޭލެވެނީ ސައްޔާރު ކަސްރަތުގައި ހުއްޓައެވެ. ގަޑިން ގަޑިން ބޭސްކާން ޒައިނީއަށް ހަނދާންކޮށްދެން ނުވެސްޖެހެއެވެ. ޒައިނީ އާއި ގާތްކަން ބާއްވަމުން ދިޔައެވެ. އަޅާލުމާއި އޯގާތެރިކަން ފެނުނެވެ. ސައްޔާރުގެ މަސައްކަތް ކާމިޔާބުވީއިރު އަށްމަސްދުވަސްވެއްޖެއެވެ.

ޒައިނީއަށް ހުސްވަގުތުކޮޅެއްނުވާހާ ބުރަވީ ވިޔަފާރީގެ ކަންތައްތަކުގައެވެ. މުޅިން އާ ކަންތައްތަކަށްވެފައި އެކަން އުނގެނި ދަސްކުރަންޖެހުނެވެ. ކިތަންމެ ބިޒީ ދުވަހަކަށްވިއަސް އޭނަ އާއި އެކު ވަގުތުކޮޅެއް ހޭދަނުކޮށް ސައްޔާރު ދުވަސް ނިންމާނުލައެވެ. އެއްރެއަކު މަސައްކަތް ނިންމާފައި އާއިރު ކޮޓަރި ތެރެ އޮތީ އޭނާ ހިތަށްވެސް ނުގަނެވޭ ގޮތަކަށެވެ. ބޮޑު ހިތެއްގެ ބައްޓަމަށް ކުރަހާފައިވާ ކުރެހުމެއްގައި "ވިލް ޔޫ މެރީ މީ؟" ޖަހާފައި އޮތްތަން ފެނި ޒައިނީއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ސައްޔާރުގެ ދުލުން ދުވަހަކުވެސް އޭނާ ދެކެ ލޯބިވެއޭ ނުބުނެއެވެ. އަޖައިބުވެފައި ހުއްޓާ ފަހަތުން އައިސް ސައްޔާރު އޭނާގެ ހަށިގަނޑު ބައްދާލިއެވެ. ލޯބިވާކަން ހާމަކުރި ފުރަތަމަ ރެއަކީ އެއެވެ. ޖަނަވަރީ ހަތަރު ވަނަ ދުވަހެވެ. ތާރީޚާއި ވަގުތާއި ތަން އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.

"ޒައި" ސައްޔާރުގެ އަޑަށް ޒައިނީގެ ޚިޔާލުތައް ފުނޑުވެގެން ދިޔައެވެ. އެ އުފާވެރި މަންޒަރު ގެއްލުނެވެ. ސައްޔާރުގެ މޫނަށް ބަލާލެވުނުއިރު އޭނާގެ މޫނުމަތީގައިވީ ލުއި ހިނިތުންވުމެކެވެ.

"އަހަރެން ވިސްނައިފިން ކައިވެނި ކުރާނެ ތާރީޚެއް." ސައްޔާރު ގެ މޫނަށް ބަލަން ހުރެވުނެވެ. އެވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ފުރުޞަތު ދީފައި ޒައިނީ ހިމޭނުން ހުރީއެވެ. އެދެމީޙުންގެ މުސްތަޤްބަލާއި މެދު ސައްޔާރު ވިސްނާކަމީ އޭނާއަށް ލިބޭ ފަޚުރެކެވެ. "ޒައި އުފަންދުވަހު އަހަރެމެން ދެމީހުން ތިބޭނީ ރަށުގައި، އަހަރެމެންގެ މައިންބަފައިންގެ ކައިރީ، އެމީހުންނާއި އެކު އަހަރެމެންގެ މި އުފާވެރިކަން ހިއްސާކުރާނީ،" ސައްޔާރު ހިނިތުންވެލިއެވެ. "އާ ޔޫ އޯކޭ؟" ހިނިތުންވުމުގެ ފުރަގަހުގައިވީ ރިހުން ޒައިނީއަށް ނަގައިގަނެވުނެވެ. ސައްޔާރުގެ މޫނަށް ބަލާލާފައި ޒައިނީ އަހާލިއެވެ. "އަހަރެން އަތުން ގެއްލުނު އެއްޗަކާއި މެދު އަހަރެން ހިތާމަ ނުކުރަން، ނިއުމަތަކަށްވަނީ ހަމައެކަނި ލިބޭ އެއްޗެއް ނޫން، ޒައި، މިއަދު އަހަރެންގެ މި ނިންމުމަކީ މަލަކްގެ ކައިވެނީގެ ސަބަބުން ނިންމި ކަމެއް ނޫން. ގުލްޒާރުގެ ކައިރީ ރާއްޖެއަށް އަންނަން އަހަރެން ބުނީ އަހަރެމެންގެ މައިންބަފައިންނަށް މި ގުޅުން އަންގަން ބޭނުންވެގެން. އިތުރަށް އަހަންނަށް ކެތްނުވާނެ، އހަރެން ބޭނުމެއް ނޫން ކައިވެނީގެ ބޭރުން ދުވަހަކުވެސް އުފާވެރިކަމެއް. ބަޓް އައި ޕްރޮމިސް، އަހަރެންގެ ސަބަބުން ޒައި އަށް ނުޖެހޭނެ ދުވަހަކުވެސް ރޯކަށް،" ސައްޔާރުގެ މޫނަށް ބަލަން ހުއްޓާ އެ ސޫރަ ފުސްވެގެން ދިޔައެވެ. އަވަހަށް އެސްފިޔަތައް ތަޅުވާލުމާއި އެކު ބަންޑުންވީ އުފާވެރިކަމުގެ ކަރުނައެވެ.

***

އެނދުގައި ފުރޮޅި ފުރޮޅިފައި މަލަކް ތެދުވިއެވެ. ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލިއެވެ. އެނދުން ތެދުވަމުން ބަލައިލީ ނިދީގައި އޮތް މުޝްތާފްއަށެވެ. އެއާއިއެކު ޒައިނީ މިރޭ އުކި ބަސްތަކުގެ މަތިން ހަނދާންވިއެވެ. މި ކައިވެންޏަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ޒައިނީ ސިފަކޮށްދިނެވެ. އިތުރަށް އޭނާގެ ފުށުން މުޝްތާފް ހޯދާނެ އުފަލެއް ނުވެއޭ ޒައިނީ ބުންޏެވެ. އެއީ ކިހާ ބޮޑު ހަޤީޤަތެއްކަން މަލަކްއަށް ވިސްނުނެވެ.

ފާއިތުވި ބާރަމަހަކީ އޭނާއަށް އަނބުރާ ލިބޭނެ ދުވަސްތަކެއް ނޫނެވެ. އެއިން ކޮންމެ ދުވަހަކީ މުޝްތާފް ލޯބި އިތުރުވި ދުވަހެކެވެ. އަގުބޮޑު ހަދިޔާތަކުން ހިތް ފުރަމުން އައިސް ފަހުން އުފާކޮށްދެންފެށީ މުޝްތާފްގެ ބީހުންތަކުންނެވެ. އެކަމަށްވެސް މަލަކް ހޭނުނެވެ. އެ ފުރާޅު ދޮށުން އޭނާއަށް ފެނުނީ އެކަމަށް ދޭ ތަރްހީބެވެ. އާދިލް އާއި ޝިއުނީ އުޅޭ ގޮތެވެ. މުޝްތާފް އާއި އެކު ރިސޯރޓްތަކަށާއި ބޭރަށްދާ ކޮންމެ ފަހަރަކު އެމީހުން ފަދަ ލޯބިވެރިން އުޅެމުން އައި ގޮތެވެ. އެއީ އެންމެންވެސް އުޅެންޖެހޭ ގޮތްކަމުގައި އޭނާއަށް ސިފަވިއެވެ. އޭނާގެ ހިތް އެންގީ ދުނިޔޭގެ އުފަލަށް ހެއްލުމަށެވެ.

މަލަކް ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ކަހާލިއެވެ. ދަންވަރުގެ ހިމޭންކަން މަގުތަކުންވެސް ފެންނަމުން ދިޔައެވެ. ބެލްކަންޏަށް ނިކުންއިރު ޖެހެމުން ދިޔަ ރޯޅިތަކުން އޭނާ ހީކަރުވައިގަތެވެ. އެކަމަކު އެތާ ހުންނަ ހިތްވިއެވެ. މިރެއަކީ އޭނާގެ ލޮލަށް ނިދި އައި ރެއެއް ނޫނެވެ.

ސައްޔާރު އާއި ޒައިނީ ސިފަވި ވަރަކަށް ހިތަށް އުދަނގޫވަމުން ދިޔައެވެ. މޭމަތީ ބަރުއެއްޗެއް ބާއްވާ ހީވަނީ އޭނާގެ ނޭވާ ތާށިކުރުވާހެންނެވެ. ޒައިނީގެ މަތިން އޭނާ ހަނދާންކުރާވަރަށްވުރެ ދުވަސްތައް ދިޔައީ އަވަހަށެވެ. ސައްޔާރު ނެތްތަން މުޝްތާފް ފޫބައްދައިދިން ނަމަވެސް ޒައިނީގެ ބަދަލަށް މީހަކު ނެތެވެ. ޝިއުނީ އާއި އެކު ކިތަންމެ ވަގުތެއް ހޭދަވިއަސް ޒައިނީގެ ބަދަލަކަށް ނުފުދެއެވެ. އެ ހުސްކަން އިޙްޞާސްވިއަސް ޒައިނީ އާއި ގުޅަން އެންމެ ފަހަރަކުވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ސައުދުގެ ކޯލަށް ޖަވާބު ނުދިނުމުން ޒައިނީ އެތައް ފަހަރަކު ގުޅިއެވެ.، އެތައް ބައިވަރު މެސެޖުކުރިއެވެ. ސައްޔާރުއަށްޓަކައި އާދޭސްކުރިއެވެ. އުދަނގޫވެގެން ސިމް ބަދަލުކުރީ މަލަކްއެވެ. އެމީހުންނަށް މަލަކްގެ އަގުހުރި ވަގުތު ހުސްކޮށްދެވެންނެތްކަން އަމަލުން ދެއްކިއެވެ. ވީއިރު މިރޭ އުދަނގޫވަނީ ކީއްވެއްހެއްޔެވެ؟

މަލަކްގެ ކޮނޑަށް ނޭވާގެ ހޫނުކަން އިހްޞާސްވެ ބަލާލިއިރު ކައިރީގައި ހުއްޓިހުރީ މުޝްތާފްއެވެ. އޭނާގެ ބަނޑާއި ވީ ދިމާލުން މުޝްތާފް ދެއަތް ގެނެސް އޭނާ ވަށާލިއެވެ. މުޝްތާފްގެ ދަތްދޮޅި ޖައްސައިލީ މަލަކްގެ ކޮނޑުގައެވެ. ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގެ ކަށިތައް ހެރެންފެށުމުން އޭނާ ހީލިކަރުވައިގަތެވެ. މަލަކް ތެޅިގެންފައި ދުރަށް ދާން މަސައްކަތްކުރިއެވެ. އެކަމަކު އޭނާ ހައްޔަރުވެވިފައިހުރީ އެއަށްވުރެ ބާރުގަދަ އަތެއްގެ ތެރޭގައެވެ.

"މިރޭގެ ނިދިނަގައިލީ ކޮންކަމެއް؟" މުޝްތާފް ސުވާލުކުރިއެވެ. މަލަކްއަށް ހިންދިރުވާލެވުނެވެ. އެއީ އެ ސުވާލަކަށް ޖަވާބު ދޭން ބޭނުންނުވާ ސުވާލެވެ. ސައްޔާރު ފެނުނު ވަގުތުންފެށިގެން ހިތުގެ ހަމަޖެހުން ގެއްލުނު ވާހަކަ މުޝްތާފް ކައިރީ ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އޭނަ އާއި މެދު ނުބައި ހީއެއް ކޮށްފާނެއެވެ.

"މަލަކް، ލުކް އެޓް މީ. އެމީހުން ދެއްކި ވާހަކަތަކުގެ ސަބަބުން އުދަނގޫވަނީތަ؟ ދެޓްސް ވަޓް ދޭ ވޯންޓް، މި ކައިވެނި ހުއްޓުވަން އެމީހުންނަށް އެ ނޫން ބަހަނާއެއް ނުފެނުނީކަން ކަށަވަރު، އެއީ މަލަކްގެ ނިދި ނަގާލައި ވިސްނަންޖެހޭވަރުގެ ކަމެއް ނޫން، އެމީހުން ދެއްކި ވާހަކަތަކުގައި ނެތް ހަޤީޤަތެއް، އެމީހުން ސާބިތުކުރަން ބޭނުންވަނީ އަހަރެން މިއީ މަލަކްގެ ދެކެ ލޯބިނުވާމީހެއްގެ ގޮތުގައި، ހެއްދެވިފަރާތް ގަންދީ ބުނާ ތެދެއް މިއީ، އަހަރެން މަލަކް ދެކެ ލޯބިވޭ، އިންތިހާއަށް." މަލަކް ކޮނޑުގައިހިފާ މަގަތަށް އަނބުރާލާފައި މުޝްތާފް އެމޫނަށް ބަލާލިއެވެ. މަލަކްގެ ކޯތާފަތުގައި ދެއިނގިލިން ފިރުމާލަމުން އޭނާ ބަޔާންކުރީ އެވާ ލޯތްބެވެ. މަލަކްގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. މީގެކުރިން ނަމަ މުޝްތާފް އެހެން ބުނާ ކޮންމެ ފަހަރަކު އުފާވެރިކަން ލިބެއެވެ. އޭނާގެ ހިތާއި އެމީހުން ކުޅެލީ ވަރަށް މޮޅަށެވެ. މުޝްތާފް އާއި މެދު ހިތްނުބައިކުރުވައިފިއެވެ. އެކި ޒާތުގެ ޚިޔާލުތަކުން އަދިވެސް ސިކުނޑި ފުރެމުންދަނީއެވެ.

"އަހަރެމެންގެ ކައިވެނީގެ ޚަބަރާއި އެކު މަލަކް އުފަލެއްނުވޭތަ؟" މުޝްތާފްގެ ދެލޮލުން ފެނުނީ ސީރިއަސްކަމެވެ. އެމޫނަށް ބަލަން ނުކުރިގެން މަލަކް އިސްއޮބާލިއެވެ. އޭނާ އުފާވެއެވެ. ކައިވެންޏާއި ހަމަޔަށް ދެވުނީ މަލަކްގެ އެދުމަށެވެ. މިއީ މަލަކް ބޭނުންވި ގޮތެވެ. ވީއިރު އުފާނުވާންވީ ކީއްވެހެއްޔެވެ؟

"އުފާވޭ،" މަލަކްގެ މޫނުމައްޗަށް އެ އުފާވެރިކަމުގެ ކުލަތަކެއް ނުގެނެވުނެވެ. މުޝްތާފްގެ އަތުގައި މަލަކް ހިފަހައްޓާލިއެވެ. އޭނާ ބިރުގަންނަނީ ސައްޔާރުގެ ސަބަބުން އެދެމީހުންގެ ގުޅުން ކެނޑިދާނެތީއެވެ. އޭނާ ދޫކޮށްލީ ސައްޔާރު ދެރަވާނެކަން އެނގިހުރެއެވެ. އެކަމަކު ސައްޔާރު އަށް ކޮޅަށް ތެދުވެވިދާނެއެކޭ ހިތަކަށް ނާރައެވެ. އެނބުރި އަންނާނީ ކުރިއަށްވުރެ ބާރުގަދަކޮށްކަމެއްވެސް ހިތަކަށް ނާރައެވެ. އޭނާ ހީކުރީ އުމުރުގެ ބާކީބައި އޭނާ އުޅޭނީ އެއީ ނުދަންނަ ބަޔަކަށް ހަދައިގެންކަމަށެވެ. މުޝްތާފްގެ މޭގައި މަލަކް މޫނު ޖައްސާލިއެވެ. އޭނާ ހިތަށް އަރާ ހުރިހާ އެއްޗެއް ކިޔައިދޭނެ ގޮތެއް ނޭނގެއެވެ. ކިޔައިދީފިނަމަ މުޝްތާފް މާނަކުރާނެ ގޮތެއް ނޭނގެއެވެ.

***

ޖެހިގެން އައި ދުވަހު މަލަކް އެންމެ އިސްކަން ދިނީ މިޤްދާދު އާއި ބައްދަލުކުރުމަށެވެ. ކައިވެނީގެ ޚަބަރާއި އެކު މިޤްދާދުވަނީ އާއިލާ އާއި އެކު އައިސްފައެވެ. ރޭގެ ހަފްލާއަށް އާދެވުނީ ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. ގިނަ ދުވަސްތަކަކަށްފަހު ބައްދަލުވާއިރު ބައްޕަ ދައްކަން ބޭނުންވެފައި ގިނަ ވާހަކަތަކެއް ހުންނާނެކަން އެނގެއެވެ. ބައްޕައަށް ކުޑަ ވަގުތުކޮޅެއްވެސް ހުސްކޮށްނުދެވުނެވެ. ބައްޕަ ހުރި ހޮޓަލަށް ގޮސް ބައްދަލުކުރިއިރު މަލަކްއަށް ފެނުނީ ކުރީގެ ބައްޕައެވެ.

ދޮންމަންމަގެ ކުރިމަތީގައި ނަމަ ބަސްމަދުވެފައި ހުންނަ ބައްޕައެވެ. ކައިވެނީގެ ކަންތަކުގައި އެންމެ ބަހެއްވެސް ނުބުންޏެވެ. މަލަކް ރުހުމުގައި ކުރާ ކަމެއްތޯވެސް ބަލައިނުލިއެވެ. ނުވިތާކަށް ބައްޕަގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯވެސް ނޭހިއެވެ. މުޝްތާފްގެ ފަރާތުން ޚަރަދުގެ އުނިކަމެއް ނައި ނަމަވެސް ބައްޕަ އެއްޗެއް ދޭން ބުނި ނަމަ އުފާވީހެވެ. މުޅިންވެސް ދެކެވުނީ ބޮޑުވެފައި ހުރި ޖީލަންއަށް ނުކޮށްދެވި ހުރި ކަންތައްތަކުގެ ވާހަކައެވެ. މަލަކްގެ އެހީތެރިކަން ލިބޭތޯ ވާސިފާ އެހިއިރު އެމޫނުމަތީގައިވީ ދެއްކުންތެރިކަންކަން މަލަކްއަށް އެނގެއެވެ. މުޝްތާފްގެ މުދާވެރިކަން ފެނި އެމީހުން ތިބީ މިތަނުގައި ވަޒަންވެރިވާން ބޭނުންވެފައެވެ. ހޮޓަލުން ނިކުންއިރު އެތަނަށް ނުދެވުނުނަމައޭ ހިތަށް އެރިއެވެ. ކައިވެނީގެ ކަންތައް ނިމުނުހާ އަވަހަށް ބައްޕަ ރަށަށް ދިއުމަކީ އެންމެ ރަނގަޅުގޮތެވެ. މުޝްތާފްގެ ކައިރިން ބައްޕައަށް އެހީ ހޯދުނު އަދަދެއްވެސް ނޭނގެއެވެ. އެކަމަކު މިފަހަރު އޭނާ ނުބުނާނެކަމަށް އަމިއްލަ ނަފްސަށް ވައުދުވިއެވެ. ޖީލަން ގެ މުސްތަޤްބަލާއި މެދު ކަންބޮޑުވާފަދައިން އޭނާ އާއި މެދު ވިސްނާލަން އެބައްޕަގެ ވަގުތުން ފަޅި ސިކުންތެއްގެ މިންވަރުވެސް ހޭދަވިހެން ހިއެއް ނުވެއެވެ.

ގެއަށް ދިޔަމަގުމަތީ ހެދުންފަހާ ޑިޒައިނަރ ނައުމާ އާއި ބައްދަލުކުރިއެވެ. މަލަކް ބޭނުންވިގޮތަށް ހެދުން އޮތީ ނިމިފައެވެ. ހަމައެކަނިހުރީ ބޫޓާއި ބައެއް ކުދި ކުދި ކަންތަކެވެ. ގަހަނާތައް އޯޑަރުކޮށްފައިވާކަމަށް އެމީހުން ބުންޏެވެ. އެއީ ކޮންތަނަކުންތޯ މުޝްތާފް އެހިއެވެ. "އެސް،ޒީ ޖުވެލްސް" ނައުމާ ބުނެލިއެވެ. މުޝްތާފް ނިތަށް ރޫގިނަވީ އެޖަވާބު އަހާފައެވެ. އޭނާއަށް އެތަން ކަމުނުދަނީތޯ ނައުމާ އެހިއެވެ.

"މިއީ އިއްތިފާޤެއްތަ؟ ނޫނީ ރޭވުމެއްތަ؟" މުޝްތާފް އަހައިލީ މަޑުންނެވެ. މަލަކްއަށް އަޑުއިވޭވަރަށެވެ. އެއީ ސައްޔާރުގެ އަމިއްލަ ތަނެކެވެ. ރޭގައި އެޅުވި އަނގޮޓިތަކަކީވެސް އެ ތަނުން ގެނައި އެއްޗިއްސެވެ. "އެއީ އަހަންނަށް ވަރަށް ކަމުދާތަނެއް، މިހާރު އަހަރެން ތައްޔާރުކުރާ ސެޓުގައި އެތަނުގެ ޖެވެލެރީސް ނޫން އެއްޗެއް ނުހިމަނަން.. އެއީ މުޅި އޭޝިއާއިންވެސް އެއްވަނަ، ކުއަލިޓީވެފައި ބުނާ ދުވަހަށް ނިންމައިދޭނެ." ނައުމާ ކިޔައިދިނެވެ. އެކަންކަމާއި މުޝްތާފްގެ ހިތް ދެބަހެއް ނުވެއެވެ.

ހިތްހަމަނުޖެހުނީ އެތަނުގެ ވެރިޔައަކީ ސައްޔާރުއަށްވާތީއެވެ. އޭނާގެ ވަޒީފާގައި ހުރި އާދައިގެ މީހަކު އޭނާއަށްވުރެ ކުރިއަރައި ދިޔައީތީއެވެ. ކުރަން ބޭނުންވި ކޮންމެ ކަމެއް ކޮށްފައި ނޫނީ ދޫކޮށްނުލާ މުޝްތާފްއަށް ހާސިލްނުވި ހަމައެކަނި ކަމަކީ އެއީއެވެ. ކޮންމެވެސް ދުވަހަކުން އެތަން މިލްކުކުރަން ހިތުއަޅައި ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަތީއެވެ. އަދި އެވެސް ސައްޔާރުއެވެ.

އެތަނުން ނިކުމެވުނުއިރު މުޝްތާފްގެ މޫޑްވަނީ ގެއްލިފައެވެ. އޭގެ މާކުރިން މަލަކްގެ ހިނިތުންވުން ވަނީ ފިލާފައެވެ. ގެއަށް އައިމަގުމަތީ ދެމިހުންތިބީ ހިމޭންވެފައެވެ. ހުޅުމާލެއަށް އަންނަން ދާލަން ހުރަސްކުރިއިރު ރޭގަނޑު ނުވައެއްޖަހަނީއެވެ. މަގުތައް ހަލަބޮލިކަމުން ރޭގަނޑުގެ ހިމޭންކަން އިޙްޞާސްވާވަރެއް ނޫނެވެ. ހުޅުމާލެއަށް އެރުނުއިރު ދުއްވާއެއްޗެހީގެ އަޑު މަޑުވެއްޖެއެވެ. މުޝްތާފްގެ ފޯނު ވައިބްރޭޓްވިއެވެ. އޭނާ އިނީ އަޅާނުލަންވެގެންނެވެ. އެކޯލު ނިމޭނެކަމަށް ހީކޮށްހުއްޓާ އެތައް އިރެއްވީއިރުވެސް ނުހުއްޓުނެވެ. އެކަނިވެލަން ބޭނުންވެފައި އިން މަލަކްއަށްވެސް އުދަނގޫވިއެވެ. ފޯނު ނަގަންވީނުހޭ ބުނެވުނެވެ. މުޝްތާފް ޖީބުން ފޯނު ނެގިއެވެ. ސްކްރީނަށް އަރަމުން ދިޔަ ނަން ފެނިފައި އޭނާއަށް ބަލައިލެވުނީ މަލަކްއަށެވެ. ސިއްރުކުރަން ބޭނުންވާކަން މުޝްތާފްގެ މޫނުމަތިން ފެންނަ ކުލަވަރުން އެނގެއެވެ. ނަޞީބަކުން މަލަކްގެ ސަމާލުކަންހުރީ ބޭރަށެވެ. އެއްއަތުން ސަރަކަ ހިފަހައްޓާލަމުން ފޯނު ކަނޑާލިއެވެ. ކުރުމެސެޖަކުން މިވަގުތު ވާހަކަ ދެއްކެން ނެތްކަން ލިޔަން ފެށިއެވެ. މެސެޖު ފޮނުވަން އޮއްބާލިތަނާއި ކުރިމައްޗަށް ގަދަ އައްޔެއް އެޅުނެވެ. ސައިކަލެއްގެ ރޭސް އަޑު އިވުނެވެ. ކާރުގެ ކުރީގައި ބަރު އެއްޗެއް ޖެހުނުހެން ހީވިއެވެ. ފޯނު އަތުން ދޫވެ ވެއްޓުނެވެ. ކާރު ކޮންޓްރޯލްވޭތޯ މުޝްތާފް ބެލިއެވެ. މަލަކްގެ ހަޅޭކުގެ އަޑު އޭނާއަށް އިވުނެވެ. ލޮލަށް އެޅފައިހުރި ގަދައަލީގެ ސަބަބުން އޭނާއަށް ތަނެއް ނުފެނެއެވެ. ކާރު އެނބުރިގަތެވެ. ކޮންޓްރޯލްނުވެ ގޮސް ޖެހުނީ ހަރުތަނެއްގައެވެ. ވިންޑްސްކްރީން ފުނޑުވެގެން އައީ ގަޔާއި ދިމާލަށެވެ.

މަންޒަރުތައް ފުސްވެގެން އައެވެ. އެދިމާލަށް ހިނގާފައި ފިރިހެނަކު އަންނަތަން އޭނާއަށް ފެނެއެވެ. އޭނާ ބަލައިލީ މަލަކްއަށެވެ. ގޮނޑިމަތީ ހޭނެތިފައިކަހަލަގޮތަކަށް މަލަކް އިނެވެ. "މަ..މަ'' މަލަކްއަށް ގޮވަން މުޝްތާފް މަސައްކަތްކުރިއެވެ. އޭނގެ ގަޔަކު ވަރެއް ނެތެވެ. މަލަކްގެ ނިތްކުރީގައި އަތްޖައްސާލެވުނުއިރު އަތުގައި ދިޔާ އެއްޗެއް ޖެހުނެވެ. އެއީ މަލަކްގެ ނިތްކުރި ފަޅައިގެންގޮސް ފައިބަމުން ދިޔަ ލެއެވެ.

ކާރުގެ ދޮރުފަތް ހުޅުވިއެވެ. މުޝްތާފް ލައިގެންހުރި ގަމީހުގައި ހިފާ ބޭރަށް ދަމާފައި ނެރުނެވެ. ދެފައި ތުރުތުރުއަޅާކަން އެނގުނީ އެކަނިކޮޅަށް ހުންނަން މަސައްކަތް ކުރުމުންނެވެ. އަދިވެސް މަންޒަރު ފުސްވެފައި ކުރިމަތީގައިހުރި މީހާވެސް ވަކިވާވަރެއް ނުވެއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular