14 Apr 2019

ހިތުލޯބި ހިތާ ވަކިވާނޭހޭ

ހިތުލޯބި ހިތާ ވަކިވާނޭހޭ

* އޭޕްރީލް 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ދޮރުކަނީގައި އަތް އަޅުވާލައިގެން އަހަރެމެންނާ ދިމާއަށް ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ބަލަންހުރި މީހާއަށް ނަޒަރު ހުއްޓުމާއެކު އަހަންނާއި ކިނާން އަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލައި ލެވުނެވެ.

ރޭގަނޑުގެ އެގަޑީގައި ގޭތެރެއަށް ފެތުރިފައިވާ ފަނޑުއަލީގެ ތެރެއިންވެސް އިފާޝާގެ މޫނު މައްޗަށް ވެރިވެފައިވާ ހައިރާންކަން އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެއްދިއެވެ. އޭނާގެ ނިތްކުރިއަށް ގިނަވެފައިވާ ރޫތަކާއި އަހަންނާއި ކިނާންއަށް އޭނާ ބަލަމުންދިޔަ ނަޒަރަކީ ޝައްކާއި ވަހުމުން ފުރިގެންވި ނަޒަރެކެވެ. އޭނާގެ މޫނުމަތީގެ އެ އިހްސާސް، އަހަރެންނާ ގުޅޭ ނުބައި ތަޞައްވުރެއް މެހެރުމެންގެ ހިތުގައި ކުރަހައިދިނުމަށް ފުދޭހާވެއެވެ.

"މިޝްކާ! ކީއްކުރަނީ މިތާ؟ މާމަގެ ގޭގަ އުޅޭހާ ގޮތަކަށް ކޮންމެ ކޮންމެ ތާކު ނޫޅެވޭނެކަން ނޭނގެނީތަ!..ބޭރު ހިލޭ ތަންތަނަށް އައިސް ވެސް ތިއުޅޭނީ ގޮތެއް ފޮތެއް ނެތް މީހުން އުޅޭހެން...!"

އިފާޝާގެ ރާގުގައި ވަނީ ހަރުކަށި ކަމެވެ. ވަގުތާއި ހާލަތާއި އެތަނުގައި ހުރީ ކާކުކަން ބެލުމުގެ ޝައުޤެއް އޭނާގެ ކިބައިގައި ނުވާ ކަހަލައެވެ. ޢުމުރުން އޭނައަށް ވުރެ އަހަރެން ދޮށްޓަސް، އޭނާގެ ކުރިމަތީގައި އަހަރެންގެ މަޤާމަކީ އެއީއެވެ. އަހަންނާ މުޚާޠަބުކުރުމުގައި ދުލުގެ ރައްކާތެރި ކަމާއި ހިތުގެ އޯގާތެރި ކަމަކަށް އެމީހުން ބޭނުމެއް ނުވާނެއެވެ. ހިތަށް އެރި އެއްޗިހި ގިނަކަމުން އަހަރެންގެ ހިތަށް އެވަގުތު އަސަރުތަކެއް ކުރިއެވެ. ނަމަވެސް އަހަންނަށް ކުރެވުނުހާވެސް ކަމަކީ ކަޅިޖަހާ ނުލައި އަހަންނަށް ބަލަން އިން ކިނާން އާ ނަޒަރު ސީދާކޮށްލުމެވެ. އެމޫނުގައިވަނީ ހަމްދަރުދީއެެވެ. އިފާޝާގެ ބަހުރުވަ އޭނާއަށް ކަމުނުދިޔަކަން އޭނާގެ ނިތްކުރިއަށް ގިނަވެފައިވާ ރޫތައް ބުނެދެމުންދިޔައެވެ.

ގަތްލަދުން އަހަރެންގެ ލޮލަށް ގިނަވާން ފެށި ކަރުނަތައް ފޮރުވުމަށް ޓަކައި އަހަރެން އިސްޖަހާލަމުން އިފާޝާގެ ފަހަތުން އެ ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. މީހަކު ޝައްކު ކުރާނެފަދަ ކަމެއް އަހަރެމެން ދެމެދުގައި ނުހިނގިޔަސް އަހަންނާއި ކިނާންގެ ގުޅުމުގެ ޚަބަރު ނުބައި ގޮތަކަށް މެހެރުއާ ހަމައަށް ދާނެކަން އަހަންނަށް ޔަގީންވިއެވެ.

މެންދުރު ހޫނުކަން އެންމެ ގަދަވެގެން އައި ގަޑިއެވެ. އަހަރެން ހުރީ ގޭގެ ބެލްކަނިން ތިރި ބަލާށެވެ. އެ ގަޑިއަކީ އާއްމުކޮށް އެ ގޭތެރެ މުޅިން ހިމޭންވެ ފަޅުވާ ގަޑިއެވެ. އަޒްކާ ސްކޫލަށް ދިއުމުން އަހަރެން ކުރާނެކަމެއް ނެތި ގޭތެރެއަށް ގިނަވެފައި ހުންނަން ޖެހެއެވެ. މިހާރަކަށް އައިސް ޒޯޔާ އެގެއަށް އައިސް ގޮސްވާލެއް ގިނަކަމުން މަޑުމަޑުން އަޒްކާއާއި އަހަރެންގެ ގުޅުމަށްވެސް ދުރުކަމެއް އަންނަމުން ދިޔައެވެ. ޒޯޔާ ގެނެސްދޭ އަގުބޮޑު ހަދިޔާތަކާ ހެދި މަޑުމަޑުން އަޒްކާގެ ހިތުން ޒޯޔާއަށް ޖާގަ ދެމުން ދިޔައެވެ. އަހަރެންގެ ބޭނުން މިގެއަށް ނެތިދާކަން އަހަންނަށް އިހްސާސްވާން ފެށި ހިސާބަކީ އެއީއެވެ. ކުރީ ރޭގެ ހާދިސާއަށް ފަހު ސުރައްޔާވެސް މިހާރު އަހަންނާ ދިމާއަށް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އިފާޝާ އެހާ ކުޑަކަމެއް އެހާ ބޮޑުކޮށް އެމީހުންގެ ކަންފަތާ ހަމައަށް ގެންދަން ޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

އެ އުސް ޢިމާރާތުގެ ބެލްކަނިން ތިރިއަށް ބަލަން ހުރިއިރު މަގުމަތިން ހިނގާ ބިނގާވާ މީހުން އަހަންނަށް ފެންނަމުން ތިޔައީ ހިނިތަކެއް އުތުރޭ ފަދައިންނެވެ. އުއްމު މަތިން އެވަގުތު އަހަރެން ހަނދާން ވިއެވެ. އަތުގައި އޮތް ފޯނަށް ބަލަން ހުރުމަށް ފަހު އުއްމުގެ ނަންބަރަށް އަހަރެން ގުޅާލީމެވެ. ފޯނަށް ދެފަހަރު ގުޅިއިރުވެސް އުއްމު ޖަވާބެއް ނުދިނެވެ. އެވަގުތު އުއްމުއަށް ކަމެއްވީކަމުގެ ވަސްވާސްތައް ހިތުގައި އުތުރި އަރަން ފެށިއެވެ. އަހަރެން އިއްޔެ އެ ގެއަށް ދިޔަ އިރުވެސް އުއްމުގެ ޙާލު މުޅިން ރަނގަޅެވެ. މިފަދަ ވިސްނުންތަކެއްގައި ހުރުމަށް ފަހު އުއްމުގެ ކޮޓަރީގެ ލޭންޑްލައިން ނަންބަރަށް އަހަރެން ގުޅީމެވެ. އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެންގެ ނުތަނަވަސްކަން ދެގުނަވިއެވެ.

ޢަބްދުލްޤާދިރުގެ ވިޔަފާރީގެ ކަންކަމުގައި އެމީހުންގެ އޮފީހަށް އައިސް ގޮސްވުމަކީ ސުރައްޔާގެ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެކެވެ. އެހެންވެ އެވަގުތަކީ ސުރައްޔާވެސް އޮފީހުގައި ވީ ވަގުތަކަށްވާތީ، އެ ގޭތެރެއޮތީ ހުހަށެވެ. އަހަރެން ދެވަނަ ވިސްނުމަކަށް ނުގޮސް އުއްމު ކައިރިއަށް ދިއުމަށްޓަކައި ތިރިއަށް ފޭބީމެވެ. ކަޅުކުލައިގެ ކާރު އައިސް އެ އިމާރާތުގެ ދޮރު މައްޗަށް ހުއްޓާލީ އެވަގުތުއެވެ.

"ކިހިނެތްވީ؟! ކަމަކާ ވަރަށް ހާސްވެފަ ހުރިހެން ހީވަނީ.." ކާރުން ފައިބަމުން ލޮލުގައި އަޅާފައިވާ އަވިއައިނު ނަގަމުން ކިނާން އެހިއެވެ. ޖަވާބުގައި ވެގެން އުޅޭ ގޮތް ބުނުމުން ކާރަށް އެރުމުގެ ދަޢުވަތު ކިނާން ދިނެވެ. އަހަރެން ގޮސް ކާރުގެ ކުރީ ސީޓުގައި އިށީނީމެވެ.

"ވެދާނެއެއްނު މިގަޑީގަ ނަމާދުގަ ހުރީ ކަމަށްވެސް... އިއްޔެ ދިޔަ އިރުވެސް މާމަ ރަނގަޅެއްނު!.." އަހަރެންގެ ފިކުރުތަކަށް ލުޔެއް ލިބޭތޯ ކިނާން ބެލިއެވެ. ޖަވާބުގައި އިތުރު އެއްޗެއް ނުބުނެ ބޯޖަހާލަމުން އަހަރެން ހިނިތުންވެލީމެވެ. ޕޯސްޓް އޮފީހުގެ ތެރެއިން ޒޯޔާ ނުކުންނާތީ ފެނުނީ އެވަގުތުއެވެ.

"އެއީ ޒޯޔާއެއްނު!.." ކިނާންގެ ސަމާލުކަން ޒޯޔާއާ ހަމައަށް އެހާ ފަސޭހައިން ފޯރުމުން އަހަރެންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގައިގަތެވެ. ޒޯޔާއަށް މިވަގުތު ކިނާންގެ އެހީތެރިކަން ނުލިބުމަށް އަހަރެންގެ ހިތުގެ އަޑިން އެދެމުން ދިޔައީމެވެ. ނަމަވެސް އެ ހޫނުގައި ކަޅުކުލައިގެ ކުޑަވަރެއްގެ ލަގެޖެއް ހިފައިގެން ހުރެ ޓެކްސީއެއްގެ އިންތިޒާރުގައި ހުރި ޒޯޔާއާ މެދު ކިނާންގެ ހިތުގައި ހަމްދަރުދީ އުފެދުނީ ނޫންކަމެއްވެސް ނޭނގެއެވެ.

"މިތާ ކީއްކުރަނީ؟!..ޓެކްސީއެއް ނުލިބިފަތަ؟!.." ކާރުގޮސް ޒޯޔާގެ ކުރިމައްޗަށް ހުއްޓާލަމުން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު ކިނާން އެހިއެވެ. ހުދު ބްލައުސްއާއި އައިސް ބުލޫ ޖިންސްގައި ޒޯޔާ ފެންނަލެއް ރީތިވެފައި ހިތްދަމައި ގަންނަފަދަ ގޮތެއް ހުއްޓެވެ. އޭނާގެ އާދަޔާ ޚިޔާލު ބުޅި ދިގު އިސްތަށިގަނޑަކީ ޒޯޔާގެ އެންމެ ޚާއްސަ ސިފައެވެ. އެމޫނުގެ ވަށްކަމާއި ތުނިކަމުން އޭނާ ހީވަނީ ބާބީޑޯލްއެއް ހެންނެވެ. އަހަރެމެންގެ ބޮޑު އާއިލާއިން އަހަންނާ އެންމެ ވައްތަރުވާނީ ޒޯޔާއެވެ. އޭނާއާ އަހަރެންގެ ތަފާތަކީ އޭނާގެ ބުޅި އިސްތަށިގަނޑާއި އިސްކޮޅެވެ. އޭނާ އިސްކޮޅުން ދިގުވެފައި އަހަރެންގެ އިސްކޮޅު އޭނާއަށްވުރެ ކުޑަތަންކޮޅެއް ކުރުވާނެއެވެ. "މީ އެކޮޅުން އައިއިރު ލަގެޖެއް އެކޮޅުގަ ބަހައްޓާފަ އާދެވުނީ.. އެހެންވެ އެ ނަގަންވެގެން މިތަނަށް މިއައީ.. ޒޯޔާ މިތަނަށްލާފަ ބައްޕަ އޮފީހަށް ދުރުވީ.. ވަރަށް ގުޅައިފިން.. އެކަމް ބައްޕަ ފޯނެއް ނުނަންގަވާގާ!.. ޓެކްސީއެއްވެސް ލިބޭގޮތެއް ނުވެގެން މިއުޅެނީ.."

ލޮލުގައި އަޅާފައި އިން އަވިއައިނު ބޮލުގައި އަޅުވާލަމުން ޒޯޔާ ކާރާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު ކިނާންގެ ގާތުގައި އަހަރެން އިންތަން ފެނުމާއެކު އޭނާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔަތަން އަހަރެން ދުށީމެވެ.

"އަރަންވީނު!.. ތިގެއަށް މިދަނީވެސް!.." ކިނާންގެ ދަޢުވަތާއެކު ޒޯޔާ އަހަންނާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އަހަރެން އިށީނދެ އިން މަޤާމް އޭނާއަށް ދިނުމަށް އޭނާ ލޮލުގެ އިޝާރާތުން އެދިނީ ފާޑެއްގެ އިންޒާރެކެވެ. ކިނާން ގޮސް ކާރުގެ ޑިކީ ހުޅުވާލުމަށް ފަހު ލަގެޖް ޑިކީއަށް ލައިދިނެވެ. އަހަރެންގޮސް ފަހަތު ސީޓުގައި އިށީނުމާއެކު ޒޯޔާ އެ މަޤާމް އަތުލިއެވެ. ކިނާންގެ ސަމާލުކަން އެކަމަށް ހުއްޓުނުތަން އަހަރެން ދުށީމެވެ. އަހަރެން އޭނާގެ ގާތުގައި ވުމަށް އޭނާ އެދި އެދި ހުރިހެން އެވަގުތު އަހަންނަށް ހީވިއެވެ. ކާރުގެ ފަހަތު ސީޓުގައި އިންއިރު ކުރިމަތީއިން ލޯގަނޑުން ކިތައްމެ ފަހަރަކު އޭނާގެ ނަޒަރު އަހަންނަށް ހުއްޓިފައި ހުރިތަން އަހަރެން ދުށީމެވެ. އަހަންނާ ހަތަރު ކަޅި ހަމަވުމާއެކު އޭނާގެ އެ ރީތި ނަޒަރު ދުރަށް ހުއްޓާލައެވެ. އެ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ތެޅުން އަވަސްވެލައެވެ. އެކުރު ދަތުރުގައި ފުރަތަމަ ފަހަރަށް ބަސްމޮށުންތެރި ކަމެއް ނުވާ ބަހުރުވައަކުން އަހަރެމެންގެ ދެމެދުގައި އިހްސާސްތަކެއް ބަދަލުކުރެވިގެން ދިޔައެވެ. ގޭގެ ގޯތިތެރެއަށް ކާރު ހުއްޓާލުމާއެކު ކާރުން ފޭބުމަށްފަހު އަހަރެން އަވަސްވެގަތީ އުއްމުގެ ކޮޓަރިއާ ދިމާއަށް ދިއުމަށެވެ. އޭގެ ކުރިން އަހަންނާ ދިމާވީ ސަލްމާއާއެވެ. އުއްމުގެ ގާތް އެކުވެރިއެއް ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ އުއްމު ދިޔައީ ހޮސްޕިޓަލަށް ކަމުގައި ސަލްމާ ބުންޏެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ދެނެވެ. ފަސް އެނބުރި ބަލައިލިއިރު، ކަޅު އަވިއައިނުން ލޯނިވާކޮށްލައިގެން ކާރުގައި އެއްފައި ވިދެލައި ހަށިގަނޑު ކާރުގައި ލައްކޮށްލައިގެން ކިނާން ހުއްޓެވެ. ކުރިމަތީ ހުރި ޒޯޔާއާ ހީހީފައި އޭނާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އަހަރެންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. އެވަގުތު އަހަރެން ގޭތެރެއަށް ވަތް ދޮރުނޫން ދެންހުރި ދޮރުން މެހެރު ބޭރަށް ނިކުމެ އެމީހުންނާ އަރާހަމަވާތީ ދުށީމެވެ. ބޮޑުދައިތަ މެހެރުއަށް ފެނުމުގެ ކުރިން އަހަރެން ގޭތެރަށް ވަދެ އުއްމުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އުއްމުގެ ކޮޓަރިއަށް ވަދެ ފޮތް ހަރުގަނޑުން ފޮތެއް ނަގައިގެން އަހަރެންގޮސް އުއްމުގެ ޚާއްޞަ ގޮނޑީގައި އިށީނދެލީމެވެ. އެއަރ ކޮންޑިޝަނަރގެ ފިނިކަމާއި އެ ފޮތުގައި ލިޔެފައިވާ ބަލާޣާތްތެރި ބަސްތަކުންވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. އަހަރެންގެ ހިތުގައި މިވާ ލޯބި ފޮރުވައިގެން ހުރުމަކުން އަހަރެންގެ ހިތަށް ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކިނާންގެ މުސްތަޤުބަލަށް ޓަކައި އޭނާގެ މައިންބަފައިން އެދުނީ ޒޯޔާ އަށެވެ. އަޒްކާ އަހަރެން ދެކެ ވާ ލޯތްބާއި އެ އާއިލާގެ އުފަލަށްޓަކައި އަހަރެން ކޮށްދިން އެއްވެސް ކަމެއްގައި އަގެއްނެތީ ބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ވީގޮތް ޔަގީން ނުވިޔަސް ސުރައްޔާ އެފަދަ ނަޒަރަކުން އަހަންނާ ދިމާއަށް ނުބެލީ ކީއްވެކަން އަހަންނަށް އެނގެއެވެ. އަހަރެންގެ އަތުގައި ހިފަންއައި އެހެން ހުރިހާ ފިރިހެނުންވެސް އަހަރެން ދޫކޮށްދިޔައީ އަހަންނަކީ ޔަތީމް މިސްކީނަކަށް ވާތީ ހެއްޔެވެ؟ ނޫނީ އެއަށްވުރެ ފުން ޙަޤީޤަތްތަކެއް އަހަރެންގެ މާޒީއާ ގުޅިފައިވަނީ ހެއްޔެވެ؟ އަހަންނަކީ ޔަތީމް މިސްކީނަކަށް ވުމަކީ އަހަރެންގެ ދިރިއުޅުމާ ފެއަށް ޖެހެން ހަމަޖެހޭ ސަބަބެއް ހެއްޔެވެ؟ މިޒަމާނުގައި މީހުންގެ ވިސްނުން އެއަށްވުރެ ތަނަވަސްވެފައި ޢިލްމީ ވާނެކަމުގައި އަހަރެން ޤަބޫލުކުރީމެވެ.

އަހަރެންގެ ވިސްނުންތައް އެހިސާބަށް ދިއުމާއެކު، ޖޫސްތައްޓެއް ތަބަކަކަށް ލައިގެން ސަލްމާ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ޖޫސްތަށި އަތަށް ނެގުމުން ލުއި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ސަލްމާ ނުކުމެގެން ދިޔައީއެވެ. އެވަގުތު ސުރައްޔާ އައިސް ކޮޓަރި ތެރެއަށް ވަނެވެ. އަހަންނަށް އިށީނދެ އިން ގޮޑިން ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. "ކަލެއަށް އެނގެއެއްނު ޒޯޔާއާއި ކިނާންގެ ކާވެނިވަނީ ރޭވި ނިމިފައިކަން.. ކިނާންގެ ފަހަތުން އަޅައިގަނެގެން ނޫޅެ އެކަމަށް ވިސްނައިގެން އުޅޭތި!.. ކަލޭގެ މަންމަ އަހަރެމެންގެ ދިރިއުޅުމަށް ފެތުރި ސުންޕާކަން ކަލޭގެ ފަރާތުން އަހަރެންގެ ދަރިންނަށް ޖެހޭކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން!..އެކަހަލަ ކަމެއް ވެއްޖިއްޔާ މިފަހަރު އަހަރެން މަޑަކުން ނުހުންނާނަން!"

ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، އަހަރެންގެ ހިތް ހާސްކުރުވާފަދަ ރުޅިވެރި ނަޒަރަކުން އަހަންނަށް ބަލައިލަމުން މެހެރުގޮސް އެނދުގައި އިށީނދެލައި ފިއެވެ. އެމޫނު މައްޗަށް ތާއަބަދު ފެތުރިފައި އެހުންނަ މަޑުމައިތިރިކަމާއި އަބުއިކަމަށްވުރެ ފުން ހަގީގަތްތަކެއް އޭނާގެ ކޮންމެ ޢަމަލަކުން ބުނެދޭނެއެވެ. ދުރުވިސްނޭ ހަރުދަނާ މީހެއްކަމުގެ ތާޖު އަމިއްލައަށް އަޅައިގެން ހުއްޓަކަސް ބޮޑުދައިތަ މެހެރު އަކީ އަހަރެން ދެކޭގޮތުގައި ހަމަނުޖެހޭ ކޫސަނި ކަންތައްތަކުން އަމިއްލަ ސިފަވަންތަކަން ރީތިކުރަން މަސައްކަތް ކުރާ އަންހެނެކެވެ. އޭނާގެ ހިތުގެ ހަމަޖެހުމަކީ އޭނާ ހިތް އެދޭ ކޮންމެ ކަމެއް އޭނާއަށް ހާސިލްވުމެވެ. އޭނާގެ އިންޒާރާއެކު އެމޫނު މައްޗަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އިތުރު އެއްޗެއް ބުނުމުގެ ކުރިން އަހަންނަށް އިސްޖަހާލެވުނެވެ. އެއިރު ތިރިއަށް ދަމާލެވިފައިވާ ތުންފަތާއި މަސްއަރާ ފުރިފައިވާ ދޮން މޫނުމަތިން ފެންނަން ހުރި ބޮޑާކަމުން އޭނާގެ ރުޅިވެރި މިޒާޖު ރަނގަޅަށް ހާމަވަމުން ދިޔައެވެ. އަތްފައިގައި އަޅާ ފުރާފައިވާ ރަނުގެ ގަހަނާތަކުން އޭނާގެ މުޅި ޢުމުރުގައިވެސް އޭނާއަށް ހާސިލްކުރެވުނު އުފަލަކީ އެއީ ކަމުގައި ބުނެދެމުން ދިޔައެވެ. ލައިގެންހުރި މަޑު ފެހިކުލައިގެ ފަށުވި ފޭރާމުން ތަނަވަސްކަން ނޫން އެހެން އެއްވެސް ކަމަކަށް އޭނާގެ ހިތް ދޫކޮށްލެވިފައި ނުވާކަން ހާމަވާހާ ވެއެވެ.

އެއީ މީގެ ކުރިންވެސް އޭނާ އަހަންނާ ދިމާއަށް ބުނާ އެއްޗެކެވެ. އަހަރެންގެ މަރުވެފައިވާ މަންމައާ ދިމާއަށް އޭނާ ރައްދުކުރާ އިހާނާތްތެރި ބަސްތަކުން އަހަރެންގެ ހިތަށް ފަސޭހަވުމެއްނެތް ޒަޚަމްތަކެއް އޭނާ ލައްވަމުން ދެއެވެ. އެ ކޮންމެ ފަހަރަކު، މަރުގެ ދާނުގައި މަންމަގެ ރޫޙަށްވެސް އޭގެ އަސްލީ ވަޒަނުގައި ނޯވެވޭފަދަ އެ ބުނުންތަކަށް ދޭނެ ރައްދެއް ނޭނގި ހިމޭންކަމުގައި ގަބުވެފައި އަހަރެން ހުންނަމެވެ.

"އެނގެއެއްނު! ކަލެއާ އިންނަން އަންނަ އެއްވެސް ފިރިހެނަކު ކަލޭގެ ހަގީގަތް އެނގުމަށްފަހު ކަލެޔާ ގާތްވާންވެސް ބޭނުންނުވާކަން..! ގޭގޭގަ ނޯކިރީކަން ކުރަން ކަލޭ ރަނގަޅުވާނެ! އަޒްކާ ބަލަން ކަލޭ އެގެއަށް ގެންދިޔައީ ސުރައްޔާއަށް ކަލޭ ކަމުގޮސްގެނެއް ނޫނޭ!.. ކިނާންގެ ހުވަފެން ދުށުމަކީ ކުރެވޭ މޮޔަކަމަކަށް ނޫނީ ނުވާނެ.. އޭނަގެ ހިތުގަ ކަލެއަށްޓަކައި ދުވަހަކުވެސް ލޯތްބެއް ނުއުފެދޭނެ!"

އިތުރު ސުވާލުތަކެއްގެ ތެރެއަށް އަހަރެންގެ ސިކުނޑި ގަންބުވާލަމުން އަނެއްކާވެސް މެހެރު ބުނަން ފެށިއެވެ. އޭނާގެ ކޮންމެ ލަފްޒެއް ރުވާފައި ދޫކޮށްލާ ތީރެއްހެން އަހަރެންގެ ހިތަށް ހެރެމުން ދިޔައެވެ. އެއީ ރުޅިވެރިކަމާއި ނަފްރަތުގެ އިންތިހާއެވެ. މަލާމާތާއި ބަދުދުޢާ ނޫން އެހެން އެއްވެސް އެއްޗެއް އެ ބުނުންތަކުގައި ނުވެއެވެ.

އެވަގުތު ކާރެއް އައިސް ގޯތިތެރެއަށް މަޑުކޮށްލި އަޑު އިވުނެވެ. މެހެރު ކޮޓަރިން ނިކުތެވެ. އަހަރެންގޮސް ގޭގެ ގޯތިތެރެއާ ދިމާއިން ބޭރު ފެންނަ ގޮތަށް އެ ކޮޓަރީގައި ހުރި ބިއްލޫރި ކުޑަދޮރުގެ ފަރުދާ ކަހާލީމެވެ. އުއްމު ކާރުން ފޭބުމަށްފަހު އެއިރުވެސް ވާހަކައިގައި ތިބި ކިނާންއާ ޒޯޔާއާ އަރައި ހަމަވަމުން ކިނާން ކައިރީ ކޮންމެވެސް އެއްޗެއް ބުނެލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތްތައް ފެނުނެވެ. މެހެރުގެ ބުނުންތަކާމެދު ވިސްނާލެވި އަހަރެންގެ ލޮލުން ކަރުނަ ފާއްދާލީ ދެނެވެ. ބުނެއެއް ނޫން ހެއްޔެވެ؟ ކަރުނަތައް ހިކިވެ ފޮހެވިގެން ދިޔަޔަސް އެ ކަރުނުން ހިތަށް ލިބޭ ޒަޚަމަށް ދުވަހަކުވެސް ނިމުމެއް ނުވެއެވެ. ކަރުނަ އޮހޮރުވައި ހިތަށް ތަސައްލީއެއް ލިބުމަށްޓަކައި ވަފާތެރި ކޮނޑެއްގެ ހިމާޔަތް ބޭނުންވާނެއެވެ.

އުއްމު ކޮޓަރިއަށް ވަދެގެން އައި އިރު އަހަންނަށް ހަމަ ރަނގަޅަށްވެސް ގިސްލެވެން ފެށިއްޖެއެވެ. އަހަރެން ހުރި ހާލުވެނިފައި މޭގައި އަތް އަޅާލަމުން އުއްމު އައިސް އަހަރެން އެނދުގައި ބައިންދަމުން ވީގޮތް އޮޅުން ފިލުވިއެވެ. ކަހާލެވިފައިވާ ފަރުދާގެ ބިއްދޮށުން ފެންނަމުން ދިޔަ މަންޒަރުން އުއްމުގެ ވިސްނުން ތޫނު ސިކުނޑިއަށް ވީގޮތް އޮޅުން ފިލިއެވެ.

"ދަރިފުޅާ..! ޒޯޔާއާ ކިނާން ވާހަކަ ދައްކާލުމަކުން އަދި ދަރިފުޅަށް ކިނާން ގެއްލޭކަށް ނޫޅޭއެއްނު!" އުއްމުގެ އެ ޖުމްލައިން އާއިލާތެރޭ ރޭވެމުންދިޔަ ކާވެނީގެ ޚަބަރުވެސް އުއްމުއަށް ލިބިފައިނުވާކަން އަހަންނަށް އެނގުނީ އެވަގުތުއެވެ.

ކުރިއަށްވުރެވެސް ބޮޑަށް އަހަރެން ދެރަވީ އެހެންވެގެންނެވެ. އަހަރެންގެ ސަބަބުން އާއިލާގެ އެ މުހިއްމު ނިންމުންތަކުން ވެސް އުއްމު އެކަހެރި ކުރެވެނީއެވެ. އުއްމުގެ މިޒާޖާއި ހަރުދަނާ އުސޫލްތައް އެމީހުންގެ ކުރިމަތީގައި ޖޯކަކަށްވެފައިވާ މިންވަރު އެކަމުން ހާމަވިއެވެ. އެކަން އުއްމުއަށް ބުނެދީގެން އާއިލާ ތެރޭގައި މައްސައެއް އުފަންވެދާނެ ކަމުގެ ބިރު އަހަންނަށް ހީވިއެވެ. އަހަރެންގެ މި ކަރުނަތައް ގޮސް ގުޅިފައި ވަނީ މެހެރުގެ ހަރުކަށި ބުނުން ތަކާކަން އަހަރެން ބުނެދީފިނަމަ ގޭތެރޭގެ މަސްލަހަތު ގޯހުން ގޯހަށް ދާނެކަން އަހަންނަށް އެނގެއެވެ. އެ ހުރިހާ ވިސްނުންތަކުން ދުލުގައި އެޅުވުނު ތަޅާއެކު އަހަރެން އުއްމުގެ އުނގުގައި އަހަރެންގެ މޫނު ފޮރުވާލީމެވެ. ދުނިޔޭގެ އަނިޔާވެރިކަމަށް ފިލަން މަސައްކަތްކުރި ތުއްތު ކުއްޖެއް ފަދައިންނެވެ.

"އޭނަ ނުވޭ އަހަރެން ދެކެ ލޯތްބެއް!.. އޭނަގެ އަނބިމީހާ ދުނިޔޭގަ އެ ބައޮތޭ މާމާ... އެކަމަކު އޭނަ ވަރަށް ބަލި!...މިހާރު ބޭނުމެއްވެސް ނުވޭ އެނބުރި އެގެއަށް ދާކަށެއް!.." އަހަންނަށް އެހިސާބަށް ބުނެވުމާއެކު ކުޑަކޮށް ހުޅުވިފައިވާ ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް އަހަންނަށާއި އުއްމުއަށްވެސް ދޮރާ ދިމާއަށް ބަލައިލެވުނެވެ. "ކާކު؟!" އަހަރެންގެ މޫނަށް ބަލައިލަމުން އުއްމު އެ ސުވާލު ކުރީ އަހަންނާއެވެ. އެވަގުތު އެނދުމަތީގައި އޮތް އަހަރެންގެ މޮބައިލް ރިންގުވިއެވެ. --ނުނިމޭ--

Popular