9 May 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* މެއި 6 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ފާޚާނާއަށް ވަނުމުގެ ބަހަނާގައި މޭޒު ދޮށުން ތެދުވެގެން ގޮސް ނިކުމެވުނީ ފިލަން ބޭނުންވި މީހާގެ ކުރިމައްޗަށެވެ. ނަވާލް ނުފެންނަ ކަމަށް ހަދާފައި ފުރަގަސްދީފައި ދާން އުޅެނިކޮށް އައިރީން ގޮވާލުމުން ފިޔަވަޅުތައް ގަނޑުވި އެވެ. އެނބުރި ބަލައިލިއިރު އައިރީން ބަލަހައްޓައިގެން ހުއްޓެވެ. އޭނަ އެހީ ނަވާލް އެތާ ކުރަނީ ކީއްތޯ އެވެ.

"ކާން އައިސް.." ނަވާލް ޖަވާބުދިނެވެ.

މީހަކާއި އެކު އައިކަން ހާމަކުރަން ނުކެރުނުއިރު އައިރީންއަށް ޖަވާބުދީ ނިމުމާއެކު ފާޑަކަށް ކުށްވެރިކަން އިހްސާސްވި އެވެ. ނަމެއްގައި ވިއަސް އައިރީންގެ ލޯބިވެރިއެއްގެ މަޤާމުގައި ހުރެ އޭނައަށް ބޭވަފާތެރިވެވެނީ ކަމުގައި ޤަބޫލުކުރެވުނެވެ. އަދި އެގޮތަށް އިހްސާސް ކުރެވެންވީ ސަބަބެއް ނުވިސްނުނެވެ. ގައިމު އައިރީން ވެސް އޭނަ ކުށްވެރިކުރާނެ ހެނެއް ހހިއެއްނުވެ އެވެ.

އެނބުރި އައިސް އިށީންއިރު އައިރީންމެން ތިބިތަން ނަވާލްއަށް ފެނުނެވެ. އެހިސާބުން އޭނަގެ ސަމާލުކަން ހުރީ ލީޒާއަށްވުރެ ބޮޑަށް އައިރީން އަށެވެ. ލީޒާ ދައްކާ ގިނަ ވާހަކަ ވެސް ނަވާލްއަކަށް ނީވެ އެވެ. ކިތަންމެ ފަހަރަކު އޭނަގެ ނަމުން ގޮވައިގެން އަލުން ދެއްކި ވާހަކަ އަހަން ޖެހުނެވެ. ފަހުން ލީޒާއަށް ވެސް އޭނަ ގަޔާނުވާވަރު އިހްސާސްވީ ކަންނޭނގެ އެވވެ. ކެއުން ގެނަ ފަހުން ލީޒާ މާގިނަ އެއްޗެއް ނުބުނެ އެވެ. ބެލީ ކެވޭތޯ އެވެ.

އާހިލްއާ ދެކެވޭ ވާހަކައިގެ ތެރެއިން އައިރީން އަބަދުމެ ފެންނަނީ ހިނިތުންވެފައި ވަނިކޮށެވެ. އައިރީންއަކީ އެހާ އުފާވެރިކޮށް ވެސް ފެނިދާނެ ކުއްޖެއް ކަމަކަށް ނަވާލް ކުރިން ހިއެއްނުކުރެ އެވެ. އާހިލްފަދައިން އޭނައަށް ވެސް އެގޮތަށް އައިރީންގެ ތުންފަތަށް ހިނިތުން ގެނެވިދާނެ ކަމާއިމެދު ހިތާއި ސުވާލުކުރެވުނެވެ. އެވާނީ ޔަޤީނުން ވެސް އޭނަގެ އެންމެ ބޮޑު އެއް ކާމިޔާބަށެވެ.

ގިނައިރެއްނުވެ އައިރީންމެން ނިކުމެގެން ދިޔަތަން ދެކެފައި އާހިލް ލީޒާއަށް ސަމާލުކަން އަނބުރައިލި އެވެ.

"ލުކް ލީޒާ. ސޮރީ އަހަރެން ބޭނުންވިގޮތަށް މިބައްދަލުވުން ކުރިއަށް ނުދިޔައީމަ. ސޮރީ އަހަންނަށް ލީޒާ ދެރަކުރެވުނު ކަމަށް ވަންޏާ. އެކަމަކު އަހަންނަކަށް ހިއެއްނުވޭ އަހަރެމެންގެ ގުޅުން މިއަށްވުރެ ކުރިއަށް ގެންދެވިދާނެ ހެނެއް.." ނަވާލް މަޑުމައިތިރިކަމާއެކު ވާހަކަދެއްކި އެވެ.

ލީޒާގެ ނަން ހަނދާން ވީތީ ވެސް އޭނަ ހިތާއި ހިތުން ޝުކުރު އަދާކކުރި އެވެ. ނޫންނަމަ އަދި އެކުއްޖާއަށް ކިހާ އަސަރުކުރާނެ ހެއްޔެވެ؟

"އިޓްސް އޯކޭ ނަވާލް. އަހަރެން ހިތްހަމަޖެހިއްޖެ ނަވާލް އަހަރެންނަށް އެއްފުރުސަތު ވެސް ދިނީމަ. ޤަބޫލުކޮށްފިން އަހަރެމެން މީ މެޗްއެއް ނޫންކަން. އުންމީދަކީ ނަވާލްއަށް ނަވާލް ބޭނުންވާ ކަންތައް ހާސިލް ވުން. ތޭންކްސް ފޯ ދި ޑިނާ." ލީޒާ ނެޕްކިން އިން ތުން ފުހެލާފައި ދަބަސް ކޮނޑުގައި އަޅުވައިގެން ތެދުވި އެވެ.

ލީޒާގެ ވާހަކަ ހުރިގޮތުން ނަވާލްއަށް ދޫކޮށްލެވުނީ ފުން ނޭވަ އެކެވެ. ނަސީބަކުން ލީޒާ މިވީ ވިސްނުން ރަނގަޅު ކުއްޖަކަށެވެ.

"ދިއުމުގެ ކުރިން އަހަރެން ދޭނީ އެންމެ ނަސޭހަތެއް. ދުރުގަ ބަލަން ނުހުރެ ކައިރިއަށް ގޮސް ހާމަކުރިއްޔާ ހާސިލް ވާނީ.." ލީޒާ ދާން އުޅެފައި ހުއްޓި ލުއި ހިނިތުންވުމަކާއެކު އިތުރަށް ބުނެލި އެވެ.

ގޮނޑީގައި ލެނގިލައިގެން އިނދެފައި އެއަޑު އިވިގެން ސިހޭގޮތްވެފައި ނަވާލްއަށް ކުރިއަށް ޖެހިލެވުނެވެ.

ލީޒާ ނިކުމެގެން ދާތަން ބަލަން އިނދެގެން އޭނަ ވިސްނައިލި އެވެ. ލީޒާއަށް އޭނަ އައިރީންއަށް ބެލިކަން އެނގުނީ ކިހިނެތް ހެއްޔެވެ؟ އެވަގުތު ޟަމީރު ޖަވާބުދިނެވެ. ނޭނގޭނީ ހަމައެކަނި ގަމާރަކަށެވެ. އޭނަގެ ލޯ އަބަދުގެ ހުރީ އައިރީންމެން ތިބި މޭޒަށެވެ. ނިކުމެގެން ދިޔަތަން ބަލަން އިނދެފައި ސަމާލުކަން އަނބުރާލިއިރު ލީޒާ އިނީ އޭނަގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔަޤީންވީ އެގަޑީގައި ނޫންކަމެއް ވެސް ނޭނގެ އެވެ. އޭނަގެ އިހްސާސްތައް އެހެންމީހުންނަށް ފާހަގަވާހާ ތިލަވެއްޖެކަން އިހްސާސްވުމުން ކުރިއަށްވުރެ ކަންބޮޑުވި އެވެ.

ގެއަށް ނުގޮސް ނަވާލް ދިޔައީ ހާރިސްއާ ބައްދަލުކުރާށެވެ. އޭނަގެ ކަންބޮޑުވުން ހިއްސާކުރެވޭފަދަ ފަރާތަކަށް ހުރީ ހަމައެކަނި ހާރިސް އެވެ. އައިރީންގެ ވާހަކަ ނޫންނަމަ އާހިލް ކައިރީ ވެސް ބުނެވިއްޖައީހެވެ.

"މޭން! ޔޫ ހޭވް އިޓް ބޭޑް.." ނަވާލް ކިޔައިދިން ވާހަކަތަކަށްފަހު ހާރިސް ބުނެލި އެވެ.

ޚުދު ނަވާލްއަށް ވެސް އެވާހަކައާ އެއްބަސްވެވުނެވެ. އޭނަ އެންމެ ހައިރާންވީ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ވަރުގަދަ އިހްސާސްތަކެއް އައިރީންއާމެދު އޭނަގެ ހިތުގައި އުފެދުނީތީ އެވެ. ގައިމު އައިރީންއަކީ އޭނަ ކުރިން ނުވެސް ދަންނަ ކުއްޖެކެވެ. ދަންނަން ފެށިއިރު ވެސް ދަންނަން ފެށީ އޭނަގެ ކޮއްކޮގެ ދަރިފުޅުގެ މަންމަގެ ގޮތުގަ އެވެ. އެމަޤާމުން އޭނަގެ ހިތުން ހާއްސަކަން ދެވުނު ހަމައެކަނި އަންހެންކުއްޖާއަށް ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ޚުދު އޭނައަށް ވެސް އޭގެ ޖަވާބެއް ނޭނގެ އެވެ.

"ނަވާ!" ނަވާލް ވިސްނުމަކަށް ގެއްލިފައި އިންދާ ފެނިގެން ހާރިސް އޭނަގެ ސަމާލުކަން ހޯދަންވެގެން ގޮވި އެވެ.

"ނަވާއަށް ބަލާލީމަ ހީވަނީ ބޮޑު ކުށެއް ކުރެވިގެން ކަންބޮޑުވެފަ އިންހެން. އަސްލު ބުނަންތަ؟ ލޯއްބަކީ އެއްވެސް މީހެއްގެ އަމިއްލަ އިޚުތިޔާރުގަ އޮންނަކަމެއް ނޫން. އެހެންނަމަތާ ވަކި މީހަކުދެކެ ވެފަ ވަކި މީހަކު ދެކެ ނުވާނީ.." ހާރިސް ގޮނޑިން ތެދުވެ އިށީނދެފައި ކުރިއަށް ޖެހިލަމުން ނަވާލްގެ ކޮނޑުގައި ހިފާލައިފައި ވާހަކަދެއްކި އެވެ.

"އެކަމަކު ހާރިސް ތަޖުރިބާކާރެއްހެން ތިކަހަލަ ނަސޭހަތް ތިދެނީ ހާރިސް ދުވަހަކު ވެސް މީހަކުދެކެ ލޯބިނުވަމެއްނު." ނަވާލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.

ހާރިސް އެއަޑު އަހާފައި އަތް ނެގި އެވެ.

"ރައިޓް." ހާރިސް އެއްބަސްވި އަޑު އަހާފައި ނަވާލްއާ ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. އެވަގުތު ދެމީހުންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަންނަން ދިޔައިރު އައިރީންގެ ކޮޓަރިއާ ދިމާއަށް ބަލަން މަޑުކޮށްލެވުނެވެ. އައިރީން މިހާރު ކުރަނީ ކީއްބާވައޭ ހިތަށް އެރި އެވެ. ނިދީތޯ ނޫނީ ކޮންމެވެސް ކަމެއް ކުރަން ހޭލާ އިނީތޯ ސުވާލު އުފެދުނެވެ. ޓަކި ޖަހާލައިފައި އޮޅުންފިލުވަން ބޭނުންވި އެވެ. އެކަމަކު ފަހު ވަގުތު އޭނަ ނިންމީ އޭގެ އިދިކޮޅަށެވެ. ހިޔާލު ބަދަލު ނުވަނީސް ދޮރު ހުޅުވާލައިފައި އަވަހަށް އެތެރެއަށް ވަނެވެ. ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތްއިރު އެންމެ ކަންބޮޑުވީ އައިރީންގެ ހިޔާލުގައި ނިދި ނައިސް އޮންނަން ޖެހިދާނެތީ އެވެ. ނިދި ހަމަނުވެއްޖެނަމަ އޭނަގެ މަސައްކަތަށް ބުރޫ އަރާނެ އެވެ.

އާހިލް އެރޭ ގެއަށް އައިއިރު ރާމީން އޮފީހުގައި އުޅެލާފައި އައިސް އޮތީ ނިދާށެވެ. ފުން ނިންޖެއްގައި އޮތުމުން އުދަނގޫ ނުކުރަންވެގެން އާހިލް ނިދަން ވަނީ އަނެއްކޮޓަރިއަށެވެ. ކެއުން ދިޔަ ގޮތަކާއިމެ ބޭގޮތުން ރާމީން އެހީ ހެނދުނު އޭނަ ދުވަން ދާން ތައްޔާރުވެގެން ނިކުތް ގަޑީގަ އެވެ.

ދޫ ޓީޝާޓަކާއި އޭގެ ތިރިން ކިރިޔާ ފެންނަވަރުގެ ސޯޓެއްގައި ހުރުމުން ހާމަވެފައިވާ ދެފަޔަށް އާހިލްގެ ނަޒަރު ދަތުރުކޮށްލި އެވެ. ދެން އެމޫނަށް ބަލައިލިއިރު ރާމީންގެ ކުލަ ހުރީ ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ. ބޭކާރު ކަމެއްކަން އެނގޭއިރުވެސް ޓީޝާޓް ފަސްބައިގައި ހިފާ ކުޑަކޮށް ދަމާލި އެވެ. ރާމީން ރަކިވުމުން އާހިލްއަށް މަޖާވި އެވެ. އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

އޮފީހަށް ދިއުމުގެ ކުރީން ދެމީހުން ހެނދުނުގެ ނާސްތާ ކުރީ އެއްމޭޒު ދޮށުގަ އެވެ. ރޭގަނޑު ކުރަން ރާވާފައި ކަމެއް އޮތްތޯ އާހިލް އެހުމުން ރާމީން ބަލައިލި އެވެ. އޭނަ ދެން ޖަވާބުދިނީ ދެފަރާތަށް ބޯ ހޫރާލައިފަ އެވެ. އާހިލް އެދުނީ ކަމެއް ނެތިއްޔާ އިތުރު ކަމެއް ނުރޭވުމަށެވެ. ރާމީން ކަންބޮޑުވެފައި ބަލަން ފެށުމުން އޭނަ ޖަހައިލީ ލުއި ހިނިގަނޑެކެވެ.

މެންދުރުފަހު ރާމީން ގެއަށް އައިސް ވަނީ ޝައްކެއްގެ މަތީ ހުރެފަ އެވެ. ފައިވާން ހަރުކައިރީ އާހިލްގެ އޮފީސް ބޫޓު ހުރިތޯ ބަލާފައި ފެންނަން ނެތުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ތަޅުދަނޑިފަތި ބާއްވާފައި ގޮސް ފެންވަރާލައިގެން ނިކުމެ ނަމާދުކުރި އެވެ. ކާންވެގެން އާހިލްއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދިނެވެ. ފޯނު ބަނޑުން މޭޒުމަތީ ބާއްވާފައި ރާމީން ފެށީ ކާށެވެ. ފޯނަށް ޖަވާބު ނުދިނުމުން އޭނަ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ.

އާހިލް ގެއަށް އައީ އިރު އޮއްސުނު ފަހުންނެވެ. ނިދި އައިސްފައި އޮތުމުން ރާމީން ނުތެދުވެ އޮތްގޮތަށް އޮތީ އެވެ. އޭނައަށް ދެން ހޭލެވުނުއިރު އަށެއް ޖަހަނީ އެވެ. ގަޑި ފެނިގެން އަވަހަށް ފުންމައިގެން ތެދުވެވުނެވެ. މޫނު ދޮވެލައިގެން ކޮޓަރިން ނިކުތްއިރު ނޭފަތުގައި މީރު ކާއެއްޗެއްގެ ވަސް ޖެހުނެވެ. ބަނޑުހައިވެފައި ހުރުމުން އިޚުތިޔާރެއްނެތި ބަދިގެއާ ދިމާއަށް ދެވުނެވެ. ދޮރާއި ހަމައިން އޭނައަށް ހުއްޓެވުނެވެ.

ފުރަގަސްދީގެން އާހިލް ހުރީ އުނދުން ކައިރީ ކޮންމެވެސް އެއްޗެއް ކައްކާށެވެ. އަތްދިގު ޓީޝާޓްގެ ދެއަތް އޮތީ މުލައްދަނޑީގެ މެދާކަށް ހަމައަށް މައްޗަށް ޖައްސާލައިފަ އެވެ. ތިރިން ޖިންސެއް ލައިފައި ހުރިއިރު އެދެފައިތިލަ ހާމައަށެވެ. ރާމީން ހަނދާން ވީ ދެމީހުން އެންމެ ލޯބިން އެކުގައި އުޅުނު ދުވަސްވަރެވެ. އޭރު ވެސް އާހިލް ބައެއްފަހަރު އޭނަ ބައިންދައިގެން ކައްކާނެ އެވެ.

"ކޯއްޗެއް ތި ކައްކަނީ؟" ރާމީން ސުވާލު ކުރި އަޑަށް އާހިލް ބަލައިލި އެވެ.

އެވަގުތު އެތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި ރާމީންގެ މެއަށް ފިނިވެލި އެވެ. އަތުތެރޭ އޮތް ދޭފަތް ބާއްވާފައި އަތް ފުހެލުމަށްފަހު އާހިލް އައީ ރާމީންގެ ކައިރިއަށެވެ. އޭނަގެ އަތުގައި ހިފާލައިފައި ގެންގޮސް މޭޒުކައިރިން ގޮނޑިއެއްގައި ބައިންދާފައި އަނެއްކާ ވެސް އުނދުނާއި ދިމާއަށް ދިޔަ އެވެ. އެކަމަކު ރާމީންއަށް ގިނައިރަކު ބަލާކަށް ނީނދެވުނެވެ. އޭނަ ތެދުވެގެން ގޮސް ފަހަތުގައި ހުއްޓިފައި ކައުންޓަރު މަތީ އާހިލް ހުޅުވާފައި ބާއްވާފައި އޮތް ފޮތް ނެގި އެވެ. އޭނަ އެއަށް ބަލައިލާފައި އާހިލްއަށް ބަލައިލުމާއެކު އާހިލް ހިނިގަނޑެއް ޖަހައިލި އެވެ.

ރާމީން ފޮތް އަނބުރާ ބާއްވާފައި އާހިލްގެ ބުރަކަށްޓަށް ބަލަން ހުރީ އަނެއްކާވެސް ކުރީގެ ހަނދާނެއް އާވެފަ އެވެ. އާހިލް ކައްކަން ހުންނައިރު އޭނަ ދުރުގައި އިނދެފައި އައިސް ފަހަތުން އެހަށިގަނޑުގައި ބައްދާލައިގެން ހުންނަ ހަނދާނެވެ. ކޯތާފަތުގެ އެއްފަރާތް އާހިލްގެ ބުރަކަށީ ޖައްސާލައިގެން ހުންނައިރު އާހިލް ބައެއް ފަހަރު އޭނަގެ އަތްތިލަ މަތީ ފިރުމައިލާ ހަނދާނެވެ. ގެއްލިފައި ހުރިވަރުން އާހިލް އެނބުރި ބަލައިލިކަމެއް ވެސް ރޭކައެއްނުލި އެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" އާހިލް ސުވާލު ކުރި އެވެ.

ސިހިފައި ރާމީންއަށް ކުރެވުނު ކަމަކީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމެވެ. އާހިލް އަނެއްކާ ވެސް އުނދުނާއި ދިމާއަށް އެނބުރުމުން އެދިމާއަށް ބަލަން އޭނަ ހުރީ ދެފިކުރެއްގަ އެވެ. ހިޔާލު ބަދަލު ނުވަނީސް ކުރިއަށް ޖެހިލާފައި އާހިލްގެ ބަނޑާއި ހަމައިން ދެއަތް ވަށައިލި އެވެ. ވަގުތުން އާހިލް ގަނޑުވި އެވެ.

"ފައިވް މިނިޓްސް.." ރާމީން ނަކަލުކުރީ އާހިލް ފަހަކަށް އައިސް އެގޮތަށް ބުނެއުޅޭ ބަސްކޮޅެވެ.

އާހިލް އެވަގުތު ހިނިތުންވެލި އެވެ. ރާމީން ކުރިއަށްވުރެ ކައިރިވެލާފައި އާހިލްގެ ހަށިގގަނޑުގައި ލައްވެލަމުން ބުރަކަށީގައި ކޯތާފަތް ޖައްސައިލި އެވެ. އެހަށިގަނޑުގެ ހޫނުން އުފާ ލިބިގަންނަމުން ލޯމަރައިލި އެވެ. އެވަގުތު އާހިލް އެއް އަތް އުފުލާލައިފައި ރާމީންގެ އަތްތިލަ މަތީ ފިރުމައިލި އެވެ. ކުޑައިރުކޮޅެއް ފަހުން ބުރަކަށި ތެމެމުން އައިކަން އިހްސާސް ވެގެން އާހިލް ރާމީންގެ އަތް ނައްޓުވާލައިފައި އެނބުރުނެވެ.

އޭނައަށް ހީވީ ރަނގަޅަށެވެ. ރާމީން ރޮނީ އެވެ. އެދެލޯ ފުރިގެން ފައިބަމުންދިޔަ ބޮޑެތި ކަރުނަ ތިކިތައް ފެނިފައި ހިތް ގެނބިގެންދިޔަފަދަ އިހްސާސެއް ކުރެވުނެވެ.

"ރާމީ!" އާހިލްގެ އަޑު ނިކުތީ ނިކަން މަޑުންނެވެ. ކަރުތެރެ ބެދޭހެން ހީވެގެން ހިންދިރުވައިލެވުނެވެ.

އެއީ ކަމެއް ނޫނޭ ބުނެ ގަދަކަމުން ހިނިގަނޑެއް ޖަހާލައިފައި ރާމީން އުޅުނީ ލޯ ފުހެލާށެވެ. އޭނަ ހުއްޓުވީ އާހިލް އެވެ. އެއަތުން ރާމީންގެ ކަރުނަތައް ފުހެދީފައި ގެނެސް މޭގައި ޖައްސައިލި އެވެ. އާހިލްގެ އުނަގަނޑާއި ހިސާބުން ދެއަތުން ވަށައިލާކަށް ރާމީން މިފަހަރު ފަހެއް ނުޖެހެ އެވެ. އާހިލް އޭނަ ދުރުކޮށްލީ ރާމީން ބުރަކަށީގައި މަޑުމަޑުން ޖަހާލީމަ އެވެ.

އިޝާރާތުން ރާމީން ދައްކައިލީ އުނދުނަށް އުނދާފައި ހުރި ތެއްޔެވެ. އާހިލް އެވަގުތު ކުއްލިއަކަށް ހަނދާންވެގެން އޭނަ ދޫކޮށްލައިފައި އުނދުނާއި ކައިރިވި އެވެ. ރާމީން ގާތަށް ހިނި އައުމުން އޭނަ އަވަހަށް އަނގަމަތީ އަތް އެޅި އެވެ. އެވަރުން ވެސް އާހިލްއަށް ފާހަގަނުވެއެއް ނުދިޔަ އެވެ. އާހިލް ލަނޑެއް ދީފާނެތީ އޭނަ އަވަހަށް އެތަނުން ދުރަށް ޖެހިލާފައި ތަށިތައް ނަގައި މޭޒުމަތީ އަތުރަން ފެށި އެވެ.

"ވަރަށް މީރު..." އަނގައަށް ލީ ފުރަތަމަ އެތިކޮޅާއެކު ރާމީން ބުނެލި އެވެ.

އާހިލް ހިނިތުންވެލީ ހިތްހަމަޖެހިގެންނެވެ. ދެން ދުވަހަކުން އާހިލް ކައްކާއިރު އައިރީންއަށް ދައުވަތު ދީގެން ގެންނަން ރާމީން ލަފާދިނެވެ. އާހިލް އެއްބަސްވެ ބޯ ޖަހައިލި އެވެ. އޭނަ ކުއްލިއަކަށް ހިމޭންވީ ނަވާލް މަތިން ހަނދާންވެފަ އެވެ. ނަވާލް އާއި އައިރީންގެ ނަން އެގޭތެރޭ ގުޅުވައިގެން އުޅޭކަން ރާމީންއަކަށް ނޭނގޭނެ އެވެ. އެނގޭ ދުވަހަކުން ރާމީން ކަންތައްކުރާނެ ގޮތެއް ލަފާކޮށްލާކަށް ވެސް ނޭނގެ އެވެ.

ތަށިތައް ދޮވެ ބަދިގެ ސާފުކޮށްފައި ދެމީހުން ނިކުމެ ތިބީ ޓީވީ ބަލާށެވެ. އާހިލް އިން ސޯފާގެ އެއްކޮޅުގައި އިށީނދެލީއްސުރެ ރާމީންގެ ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ. ހަމައެހެންމެ ހަމުގައި ކުޅެވެމުންދިޔަ ފޮނި ފޮނި ރާގުވެސް މެ އެވެ. މީގެ ކުރިން އެގޮތަށް އާހިލް ކައްކާ ރޭ ރޭ ޓީވީ ބަލަން އިނދެފައި ދެން ކަންތައް ވާގޮތް ހަނދާންވެފައި އޭނަގެ ކޯތާފަތް ރަތްވި އެވެ. އާހިލްގެ ސިކުނޑީގައި އޮތް އެއްޗެއް އޮޅުންފިލުވަން ބޭނުންވެގެން އިރުއިރުކޮޅާ އެދިމާއަށް ބަލައިލެވެ އެވެ.

"ތިހާ ވަރަށް ނުބެލިއަސް ކަމެއް ބޭނުންވަންޏާ ބުނެބަލަ!" އާހިލް ވާހަކަދެއްކި އެވެ.

އާހިލްއަށް އޭނަ ބަލާކަން އެނގިއްޖެކަން އެނގުމުން ރާމީން ގަތީ އަމަށަކު ލަދެއް ނޫނެވެ. ބިންފަޅާފައއި އަޑިއަށް ދާނެ ނަމައޭ ހިތަށްއެރި އެވެ. އޭނަ ނޫނެކޭ ބުނުމުގެ ގޮތުން އަވަހަށް ދެފަރާތަށް ބޯ ހޫރާލައިފައި ޓީވީއަށް ސަމާލުކަން ހުއްޓާލެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު އާހިލްގެ ނަޒަރު އޭނައަށް ހުރިކަން އިހްސާސްވާތީ އުދަނގޫވި އެވެ.

"ތިބުނީ އެއްވެސް ކަމެއް ބޭނުމެއް ނުވެއޭތަ؟ ޖަވާބު ދިނުމުގެ ކުރިން ވިސްނައިލާތި!" އާހިލްގެ މަޤްސަދަކަށް ވީ ރާމީން ތެޅުވުމެވެ.

އެމޫނަށް އަރާ ކުލަވަރު ބަލައި އޭނަ ފޫއްސެއް ނުވާނެ އެވެ.

އެބަ އަންނަމޭ ބުނެފައި ރާމީން އުޅުނީ އެތަނުން ތެދުވެގެން ދާށެވެ. އެކަމަކު އާހިލް ހުރީ ހުޝިޔާރުވވެގެންނެވެ. ރާމީން ހަމަ ތެދުވުމާއެކު އޭނަވެސް ހަށިގަނޑު ތެދުކޮށްލާފައި ރާމީންގެ އަތުގައި ހިފާ ހުއްޓުވައިފި އެވެ. ކޮންތާކަށްތޯ އެހުމުން ރާމީން ދުރުބަލައިލީ ދޭނެ ޖަވާބަކާއިމެދު ވިސްނައިލާފަދަ ގޮތަކަށެވެ. އާހިލް ހިފީ އެފުރުސަތުގެ ބޭނުމެވެ. ރާމީން ނުބަލާ ހުއްޓާ ތެދުވެފައި އޭނަގެ އަތްދަނޑިމައްޗަށް އެހަށިގަނޑު އުފުލައިލި އެވެ.

ހަޅޭތްލަވައިގެންފައި ރާމީންއަށް ހިފެހެއްޓުނީ އާހިލްގެ ޓީޝާޓް މޭމަތީގަ އެވެ. ތިރި ބަލައިލާފައި އާހިލްގެ މޫނަށް ބަލާލިއިރު އެތުންފަތުގައި ލުއި ހިނިތުންވުމެކެވެ. އިތުރަށް ވާހަކަދައްކާކަށް ވެސް ރާމީން އެވަގުތު ބޭނުމެއް ނުވި އެވެ. ހިތް އެދުނީ އެރީތި މޫނަށް ބަލަން އޮންނާށެވެ. އާހިލް އޭނަ ގެންދާނެ ތާކަށް ގެންދަން ފުރުސަތު ދީގެން އޮންނާށެވެ.

އޭނަގެ ހިތުގެ އަޑު އަހައިގެން ނޫންކަމެއް ވެސް ނޭނގެ އެވެ. އާހިލް އިރުކޮޅަކުން ހިނގައިގެންފި އެވެ. އޭނަ ނިދާ ކޮޓަރި ކުރިމައްޗަށް ހުއްޓުމުން ދޮރު ހުޅުވަދިނީ ރާމީން އެވެ. ދެވަނަ ސިކުންތުގައި އޭނައަށް ލޯ ބޮޑުކޮށްލެވުނެވެ. ކޮޓަރި ތެރެ އޮތީ އުއްބައްތި އަލީގަ އެވެ. އޭގެ މީރު ވަހުން އެތަން އެއްވަސްވެފަ އެވެ.

އެތެރެއަށް ވަދެފައި އާހިލް އޭނަ ތިރީގައި ބެހެއްޓުމުން ކުރިއަށް ހިނގާލައިފައި ގޮސް ކޮޓަރީގެ މެދާކަށް ހަމައަށް ހުއްޓި ވަށައިގެން ނަޒަރު ހިންގައިލި އެވެ. އޭނަ އެނބުރި ބަލައިލުމުގެ ކުރިން އާހިލް އައިސް ފަހަތަށް ހުއްޓުނުކަން އެނގުނެވެ. އިރުކޮޅެއް ނުވެ އޭނަގެ އުނަގަނޑާއި ހިސާބުން އެބާރުގަދަ އަތުން ވަށާލައިފައި ގެންގޮސް އެމޭގައި އޭނަ ލައްކޮށްލި އެވެ. -- ނުނިމޭ --

Popular