18 Jun 2019

މި ދެ ހިތް ގުޅުނޭ

* ޖޫން 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ދާނިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނުކަން އެނގުނީ ލަދުން ދާނިޔާ މޫނު އަނެއްފަރާތަށް އަނބުރާލީމައެވެ. ކުދިންނާއި ދިމާލަށް އެނބުރިފައި ދާނިޔާ ފަސްދިންއިރު ކޮލުގެ މަސްގަނޑު އުފުލިފައިވާކަން އެނގެއެވެ. ލަދުންހުރެވިއަސް ނިކަން ފުޅާ ހިނިތުންވުމެއް ހުރިކަން އެނގެއެވެ.

ނިކުންނަން ހިނގައިގެންތަނުން އިވުނީ އޭނާގެ ނަމުން ދާނިޔާ ގޮވާލި އަޑެވެ. ފަސްއެނބުރި ބަލާލުމުން ފެނުނީ ސައިކަލުގެ ތަޅުދަނޑި ދިއްކޮށްލައިގެން ހުއްޓައެވެ. މިގަޑީގައި ދާނިޔާ ބޭރަށް ނުދާތީ ހޮސްޕިޓަލަށް ދާއިރު ސައިކަލުގައި ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. އޭގައި އަޔާމީން ހިފީ ހިތުގެ އަޑިން ޝުކުރުވެރިވަމުންނެވެ.

އަޔާމީން ސައިކަލަށް އަރައި ދަންދެން އެމަގުގައި ލީވާން މަޑުކޮށްގެން ހުއްޓެވެ. އޭނާ ހުރީ ރިންޒީ ނިކުންނައިރެއްގެ އިންތިޒާރުގައެވެ. އަޔާމީން ދިޔަ މަގާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނުއިރު ހަށިގަނޑުގެ ލޭ ހޫނުވަމުން އައިހެން ހީވެއެވެ. ދާނިޔާ އާއި އަޔާމީންގެ މެދުގައި ގުޅުމެއް އުފެދިގެން އަންނަ ކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނެވެ.

"ވަޓް ހެވް ޔޫ ޑަން ޓު ހަރ؟ ދުވަހަކު އަހަންނަށްވެސް ސައިކަލުގެ ތަޅުދަނޑި ނުދޭ، އަހަރެންގެ މަޤާމަށް އަންނަން މަސައްކަތް ކުރަނީތަ؟ އަދި އަހަރެން މިއީ ކާކުކަން އެނގިފައިނެތީތާ، ދާނިޔާ؟ އަހަރެން މަތިން ހަނދާންނައްތާލާފައި އެހެން މީހަކާއި އެކު ދިރިއުޅެން ހިތަށްވެސް ނާރުވައްޗޭ،ދާނިޔާއަށް ފެނިފައި ހުންނާނީ އަހަރެންގެ ނުބައި ސިފައިގެ އެއްބައި ، އަހަރެން ކަންތައް ކުރާނެ ގޮތް އެނގޭ، މިހާރު ކަންތައް މާ މައްޗަށް ތިދަނީ." އަނގައިން ސިނގިރޭޓް ދުންގަނޑު މަގާއި ދިމާލަށް ބުރުވާލަމުން ލީވާން ފާރުގައި ލެނގިލިއެވެ. އޭނާ ރުޅި އައިސްގެން ފަޅައިގެންދާ ވަރުވެއްޖެއެވެ.

ރިންޒީ ނިކުތީ ލީވާން ސިނގިރޭޓް ކޮޅު އެއްލާލި ވަގުތެވެ. އޭތިކޮޅު ގޮސް ޖެހުނީ ރިންޒީގެ ފައިބުޑުގައެވެ. ރިންޒީ ފައިން އަރައި އެބައި ޗިސްކޮށްލިތަން ފެނިފައި ލީވާން ގެ ސިކުނޑީގައި ކުރެހުނީ އެހެން ޚިޔާލުތަކެކެވެ. ރިންޒީ އަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ މީހެއްކަން އޭނާގެ ސިކުނޑި ވިސްނައިދެންފެށިއެވެ. އޭނާގެ މަގު އަލިވެގެން ދާނީ ރިންޒީގެ ބޭނުން ހިފިގެންނެވެ.

"ހޭއި ބޭބް." ލީވާން ރިންޒީއަށް ގޮވާލިއެވެ. ރިންޒީ ހުރީ ލީވާން ސަމާސާކުރާވަރަށްވުރެ ބޮޑަށް ތަބީއަތް ބަދަލުވެފައެވެ. ހެނދުނުންފެށިގެން ނުކައި ހުރުމުންނާއި އެކު ރުޅިވެސް ވަނީ ގަދަވެފައެވެ. ހިތްހަމަނުޖެހުން ކޮންމެވެސް ސިފައެއްގައި ބާލަން ބޭނުންވެފައެވެ.

"އޭނަ ކީއްތަ ކުރީ؟" ރިންޒީގެ އަތުގައި ހިފައި ހިނގައިގަންނަމުން ލީވާން އަހާލިއެވެ.

"އެވާހަކަ ބާއްވާ." ރިންޒީ ރުންކުރުގޮތަކަށް ބުނެލިއެވެ.

"މާބޮޑަށް ބަނޑުހައިވީމަ ވާގޮތޭ ތިއައީ، ހިނގާ އަހަންނާއި އެކު." ލީވާން ވަނީ އެންމެ ކައިރީގައި ހުރި ރެސްޓޯރެންޓަށެވެ. ރިންޒީއަށް އޯޑަރު ދީފައި ލީވާން ގެނައީ ކަޅު ކޮފީއެކެވެ.

ރޭގަނޑުގެ އަނދިރިކަން ފޮރުވައިދެމުން ދިޔައީ އެކި ދިމާލުން ފެންނަމުން ދިޔަ އަލިތަކުންނެވެ. ރެސްޓޯރެންޓެއްގެ ދެވަނަ ފަންގިފިލާގައި އިންނައިރު މަންޒަރު ފެންނަނީ ހިތްގައިމުކޮށެވެ. ދުއްވާ އެއްޗެހީގެ އަލިން އެކަނިވެސް މަގުތައް އަނދިރިވިޔަ ނުދެއެވެ. އެމަންޒަރަށް ބަލަން ރިންޒީ އިނެވެ. ކަނޑުގެ ފިނިރޯޅިތައް އައިސް މޫނުގައި ބީހެމުން ދިޔައެވެ. މާހައުލުގެ އުފާވެރިކަން އިތުރުކޮށްދިނީ މަޑު ރާގެއްގައި އިވެމުން ދިޔަ މިއުޒިކުންނެވެ. އެއިން އެއްވެސް ކަމަކުން ރިންޒީގެ މޫޑް ބަދަލުވެގެން ނުދިޔައެވެ. ދުރަށް ބަލަހައްޓައިގެން އިންދާ މަންޒަރު ފުސްވަމުން ދިޔަހެން ހީވެ އެސްފިޔަޖަހާލެވުނެވެ. ލޮލަށް ކަރުނަތައް ގިނަވެ ބަންޑުންވަމުން އައިކަން އެނގުނީ ދެނެވެ. އެހާވަރަށް ރިންޒީ ހިތުގައި ޖެހުނު ދުވަހެއް ހަނދާނަކު ނެތެވެ.

"ރިންޒީ." ރިންޒީގެ އަތްތިލައިގައި ލީވާން ފިރުމާލިއެވެ. ތެޅިގެންފައި އަތް ދުރުކޮށްލާފައި ރިންޒީ ދުރަށްޖެހިލިއެވެ. ލީވާން ގޮނޑީގައި ހަމަޖެހިލިއެވެ. އޭރު އޭނާގެ ސިކުނޑިވަނީ ރިންޒީގެ ބޯ ކާނެ ގޮތަކާއި މެދު އެންމެ ރަނގަޅަށްވެސް ތައްޔާރުވެފައެވެ. އެކަމަކު ރިންޒީ ހިތަށް އަރާ އެއްޗެއް ބަލާލަން ބޭނުންވެ ސުވާލުކުރިއެވެ. ރިންޒީ ކިޔައިދިނީ ހޮސްޕިޓަލުތެރޭ ކަންވީ ގޮތެވެ. އޭގެފަހުން އަދިވެސް އަޔާމީން ވާހަކަ ނުދައްކާ ކަމެވެ.

"ތީގައި އަހަންނަށް ގޯހީ ރިންޒީ، ދިރިއުޅުމެއްގައި އެންމެ ބާރުގަދަވާނީ އަންހެނުން،. އެއީ ކުދިންގެ ހުރިހާ ޒިންމާއެއް ނަގަނީ އެމީހުން ވީމައި، ފިރިން ކޮންޓްރޯލް ކުރުމުގެ އުކުޅަކަށް ކުދިން ހެދޭއިރު ރިންޒީއަށް އޭގެ ފައިދާ ނަގަން ނޭނގުނީތީ އަހަރެން ހައިރާންވެއްޖެ، ރިންޒީގެ އަތުގައި މިހާރު އެއްވެސް ބާރެއް ނެތް، ދަރިފުޅު ބެލޭނެކަމަށް ފިރިމީހާ ބުނާ ދުވަހަކުން ރިންޒީގެ ބޭނުން ކެނޑިގެންދާނެ، އޭގެކުރިން ހުރިހާކަމެއް ރިންޒީ އެބަޖެހޭ ކޮންޓްރޯލްކުރަން." ލީވާން ވިސްނައިދެމުން ދިޔައީ އެކައިވެނި ރޫޅާނުލާނެ ގޮތެކެވެ. އަދިވެސް ވަގުތު ފާއިތުނުވާކަމަށް ރިންޒީގެ ގާތުގައި ލީވާން ބުންޏެވެ.

"އަހަރެން މިހުރީ ހަދާނެގޮތް ނޭނގިފައި، ލީވާން ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް." ރިންޒީ ދެފަރާތަށް ބޯ ހޫރާލިއެވެ. މޭޒުމަތީ ބާއްވާފައި އޮތް ގެންގޮސް އޭނާގެ ބޮލުގައި ފިރުމާލިއެވެ. ނިތްކުރީގައި ވާ ހޫނު އިޙްޞާސްވީ އެހިނދެވެ. ދުވަހަކުވެސް ނުރިއްސާވަރަށް މިއަދު ބޮލުގައިވެސް ރިއްސައެވެ. މިއަދަކީ އޭނާގެ ދެލޮލުން އެންމެ ގިނައިން ކަރުނަ އޮއްސި ދުވަހެވެ.

"ރިންޒީ މަޢާފަށް އެދިގެން ފިރިމީހާއަށް އެއްވެސް އަސަރެއް ނުކުރި، އޭނަގެ ކުރިމަތީ ރިންޒީގެ ބަހެއް ނުވިކޭ، ނޫނީ ރިންޒީއަށް ކުޑަވެސް އިތުބާރެއް ނެތީ، އެހެން ނޫނަސް ދުލުން ބުނާ ބަހަށްވުރެ ބާރުގަދައީ އަމަލުގެ، ރިންޒީ އަމަލުން ދައްކަންވީ ފިރިމީހާ އާއި ދަރިފުޅަށްޓަކައި ރިންޒީއަށް ބަދަލުވެވިދާނެކަން. އޭރުން މަޢާފްއަކީ މާދުރުގައިވާ އެއްޗެއް ނޫން. އަޔާމީން ރިންޒީ ވަރިނުކުރުން އެއީ ރިންޒީގެ ޕްލަސް ޕޮއިންޓެއް، އޭނަ ދުލުން ނުބުނި ކަމުގައިވިއަސް ރިންޒީއަށް އެ ދިނީ ފުރުޞަތު،" ރިންޒީ މަޑުމަޑުން ބޯޖަހާލީ ލީވާން ބުނި އެއްޗަކާއި މެދު ރުހިގެންނެވެ. އެއީ ތެދެއްކަން އޭނާ ޤަބޫލުކުރިއެވެ.

***

ކައި ނިމުނުހާ އަވަހަށް ރިންޒީ ބޭނުންވީ އަޒާން ދެކިލުމަށް ދާށެވެ. ޓެކްސީގައި ހޮސްޕިޓަލަށް ދިޔައީ ރިންޒީ އެކަންޏެވެ. ލީވާން ހިނގައިގަތީ ރިންޒީ އެކަނި ދާން ބޭނުންވާތީއެވެ. ހޮސްޕިޓަލަށް ޓެކްސީ މަޑުކުރުމާއި އެކު އޭގެ އަގު އަދާކޮށްފައި ރިންޒީ ނިކުތެވެ. މަންމަ އާއި ކުރިމަތިލާން ރިންޒީ ހުރީ ތައްޔާރުވެގެންނެވެ. ލީވާންގެ އެހީ އާއި އެކު ރިންޒީގެ ރުޅިވަނީ ފިނިވެފައެވެ. އޒާން ދެކިލުމަށް ކެއްމަދުވެފައެވެ. އަޒާން އުރާލަން ބޭނުންވެފައެވެ.

ޕްރައިވެޓް ރޫމްގެ ދޮރުގައި އަތްލި އިރު ރޫމް ހުރީ ތަޅުލާފައެވެ. ރިންޒީ މަޑުމަޑުން ދޮރުގައި ޓަކި ދިނެވެ. މަޑުކޮށްގެން ހުރިއިރު އޭނާ ބަލައިލީ އަތުގައި އޮތް ކޮތަޅަށެވެ. އަޒާންއަށް ގެނައި ހަދިޔާ ކަމުދާނެކަމުގެ ޔަޤީންކަން އޮތުމުން ހިތުގައި އުފެދުނީ އުފާވެރިކަމެވެ.

"ކާކު؟"

އިސްޖަހައިގެން ހުއްޓާ އިވުނު އަޑުން ރިންޒީ ސިހިފައި ބަލާލިއެވެ. ދޮރު ހުޅުވާފައި ބަލަހައްޓައިގެން ހުރީ ރިންޒީ ދަންނަ މީހެއް ނޫނެވެ. އަޒާން ކޮބައިތޯ އަހާލުމުން އެމީހާ ބަލައިލީ ކޮޓަރި ތެރެއަށެވެ. މިކޮޓަރީގައި މިވަގުތު ތިބީ އެމީހާގެ އަންހެނުންނާއި އޭނާގެ ދަރިފުޅެވެ. ދޮރު ހުޅުވިފައި ހުރި ހިސާބުން އެނދުމަތީ ބުއްދޭން އިން އަންހެންކުއްޖާ ފެނުމުން ރިންޒީ މާޔޫސްވިއެވެ. ހިތަށް އަސަރުކުރިއެވެ. އަޒާން ދޫކޮށްލީއޭ ހިތަށް އެރިއެވެ. ހޮސްޕިޓަލުން އެކަން ކަށަވަރުކޮށްފައި ރިންޒީ ނިކުތީ ގެއަށް ދާށެވެ.

އަޒާން ގޮވައިގެން އަޔާމީން ދާނީ ގެއަށްބާއޭ ހިތަށް އެރިއެވެ. ރިންޒީ ގެއިން ނިކުންފަހުން އަޒާން ގެއަށް ގޮސް ރިންޒީ ކޮބައިތޯ އަހާނެކަންނޭނގެއެވެ. ރިންޒީ ތެޅިގަތީ އަވަހަށް ގެއަށް ދާށެވެ. ހޮސްޕިޓަލަށް ހުސްވި ކާރަކަށް އަރައި ގެއަށް އާއިރު އަނެއްކާވެސް އިވުނީ ހިތްމަރުވާ ފަދަ ޖަވާބެކެވެ.

ބަދިގެ ނިއްވާފައި ނިކުން ދާނިޔާ ފެނިފައި ރިންޒީ ސުވާލުކުރީ ކޮޓަރި ތެރެ ހުސްކަން ފެނިފައެވެ. ރިންޒީ ދިޔަފަހުން އެއްވެސް މީހަކު ނާންނަކަމަށް ދާނިޔާ ބުނެލިއެވެ. އަޔާމީން ނާދެއޭ ބުނެލިއެވެ. ރިންޒީ ދަބަސްތެރެއިން ފޯނު ނަގައި އަޔާމީންއަށް ގުޅަމުން ގޮސް ކޮޓަރިއަށް ވަންއިރު ރޮވެން ފަށައިފިއެވެ. ފޯނު ތިރިކޮށްލީ އަޔާމީންގެ ނަންބަރު ނިއްވާލާފައި ކަމަށް ބުނާތީއެވެ. ރިންޒީ މަންމަގެ ފޯނަށްވެސް ގުޅިއެވެ. ޖަވާބު ނުދޭތީ ރިންޒީއަށް ލިބުނީ ނުތަނަވަސްކަމެވެ.

އަޒާން ދޫކޮށްލުމުން އެމީހުން ދިޔައީ ކޮންތަނަކަށްބާއޭ ހިތަށް އެރިއެވެ. ރިންޒީ ބޭނުންވެގެން އަޒާން ބޮޑާހާކާނެނަމައޭ ހިތަށް އެރިއެވެ. އޭރުން އަޒާންއަށްޓަކައި އަޔާމީން އޭނާގެ ކުރިމައްޗަށް އަންނާނެއެވެ. އެކަމަކު އެއީ ހަމައެކަނި އޭނާގެ ޚިޔާލަށް އައި ކަމެކެވެ. މުޅި ދުވަހު ރިންޒީ ނުފެނުނަސް އަޒާން މިހާރު ނުހޯދާނެއެވެ.

"އަޔާމީން، އަހަރެން މިއީ ނުބައިމީހެއްކަން ޤަބޫލުކުރަމޭ، އެކަމަކު މިވަރުގެ އަދަބެއް ދޭން ހެޔޮނުވާނެ. " ރިންޒީ އެނދުގައި އޮށޯތެވެ. އަރިއަކަށް އޮތްއިރު ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެނދު ތެންމަމުން ދިޔައެވެ. އެގޮތުގައި ވިއްސަކަށް މިނެޓް ހިމޭންކަމާއި އެކު ރޯން އޮވެފައި ރިންޒީ ތެދުވިއެވެ.

އޭނާގެ ލޮލުގައި އަޅައިގަތީ އަޔާމީންގެ ދަބަހެވެ. އޭގައި ހުރި މަދު އަންނައުނުކޮޅު ވީދާ ކުދިކުދި ކޮށްލިއެވެ. ހިތުގައި ޖެހުނުވަރުން ރިންޒީގެ މޭގައި އަދަންފެށީ ރުޅިއެކެވެ. އަޔާމީން ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.

"އައި ސެޑް ސޮރީ، އައި މީން އިޓް." ޑްރެސިން ޓޭބަލްގެ މަތީގައި ހުރި އެއްޗެހިތައް އުކާލަމުން ރިންޒީ ހަޅެއްލަވައިގަތެވެ. އެއަޑު ކޮޓަރި ތެރޭ އެތައް ފަހަރަކު ތަކުރާރުވިހެން ހީވެއެވެ. އޭނާގެ އަޑު ހިމޭންކަން ނަގާލިއެވެ. އަޔާމީންގެ ސެންޓްފުޅި ނަގައި ރިންޒީ ބަލައިލީ ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމުން އޭނާގެ ސިފަ ހުރީ އަޔާމީން ގަޔާވާހާ ފުރިހަމައަށެވެ. ރިންޒީ ދެކެ ލޯބިން އުޅުނު ދުވަސްތައް ހީވީ އެ ލޯގަނޑުތެރެއިން މަދު ސިކުންތުކޮޅަކަށް ފެނުނުހެންނެވެ. ވީއިރު ރިންޒީ މަތިން ފޫހިވީތީ އަމިއްލަ ސޫރަ ދެކެ ރުޅި އާދެވުނެވެ.

ސެންޓްފުޅިން ޖަހައި ލޯގަނޑު ކުދިކުދިވެގެން ދިޔަ އަޑުން ހީވީ އޭނާގެ ކަންފަތް ފަޅައިގެން ދިޔަހެންނެވެ. ލޯގަނޑުގެ އެކި ތަންތަންކޮޅުން ވަކިވަކިން އޭނާގެ ސޫރަ ފެންނަންހުއްޓެވެ. ތިރިއަށް ފޭބި ލޯގަނޑުގެ އެތިކޮޅުތަކަށް ރިންޒީ ބަލާލިއެވެ. އޭނާ ގުދުވެފައި ނެގީ އެއްކޮޅަށް އޫވެފައި އޮތް އެތިކޮޅެކެވެ. އޭގެ ތޫނުކަން އަރިމަތިން ވިދަވިދާހުއްޓެވެ.

"ބައެއް ފަހަރު ލޯބި އެއީ ސަލާންޖަހައިގެން ލިބޭ އެއްޗެއް." ރިންޒީ އެއްމިޔަނުން ހީލިއެވެ.

"އަތުގެ ނާރެއް ބުރިކޮށްލައިގެން ވިއަސް އަޔާމީން އަހަރެން ބޭނުން." ރިންޒީ ވާއަތް އޭގެން ޒަޚަމްކޮށްލަން ބޭނުންވިއެވެ.

ރިންޒީ ސިހުނީ އޭނާގެ އަތުގައި ހިފާ މީހަކު ދަމައިގެންހެން ހީވެގެންނެވެ. ފަހަތުގައި މީހަކު ހުރިކަން އެނގި ބަލައިނުލެވި އުޅެނިކޮށް ކޯތާފަތްމަތީ ބާރަށް ޖެހިއެވެ. އިސްއުފުލާލިއިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީ އަޔާމީންއެވެ.

"އަދިވެސް ތިއުޅެނީ އަހަރެންގެ ސްޓްރެސް މަދުކަމަށްތަ؟ ޑްރާމާތައް ނުޖައްސާ ރިންޒީ ބަލާބަލަ އަމިއްލަ ހާލައިގެން އުޅެވޭތޯ، ފުރަތަމަ ރިންޒީ އަމިއްލަ ނަފްސަށް އަޅާލެވިގެންނު އެހެން މީހަކަށް އަޅާލެވޭނީ." ރިންޒީގެ އަތުން ގަދަކަމުން ބިއްލޫރިކޮޅު ދަމައިގެންފައި އަޔާމީން އެއްލާލިއެވެ. "އަހަރެންނަށް އަޒާން ނުދައްކަންވެގެންނު ތިއުޅެނީ،" ރިންޒީ ތުރުތުރުލައިގަތެވެ.

"އަހަންނަށް ހީވަނީ ރިންޒީ ތިހުރީ މޮޔަވެފައިހެން، އަޒާން ދޫކޮށްލީމައި އަހަރެން މިއައީ ކުއްޔަށް ކޮޓަރިއެއް ހިފައި އެތަނުގައި ބަހައްޓާފައި، މިތަނަށް އެންމެން ނުގެނެވޭނެއެއްނު، ރިންޒީ ކައިރީ އެވާހަކަ ބުނަން މިއައީ. އަހަރެން މީގެ އިރުކޮޅެއް ކުރިންވެސް އައިން. އެކަމަކު ރިންޒީ ނެތީމައި ދިޔައީ، އަހަރެންގެ ފޯނު މިއޮތީ ނިވިފައި، " އަޔާމީން ވާހަކަ ދެއްކީ ނުރުހުންވެފައެވެ. އެކަމަކު އޭނާގެ އަޑު ހުރީ އާދައިގެ ވަރަކަށެވެ.

ރިންޒީ ދެރަވެފައި ބަލާލިއެވެ.

"މިއީ ރިންޒީ ބައްޕަ ހޯދި މުދަލެއް ނޫނޭ ރުޅި އަންނަ ކޮންމެ ފަހަރަކު ކުދިކުދި ކުރާކަށް." ކޮޓަރި ތެރެއަށް ބަލާލަމުން އަޔާމީން ބުނެލިއެވެ. ޑްރެސިންޓޭބަލްއަށް ވެފައިވާވަރު ފެނިފައި އަލުން އާ އެއްޗެއް ހޯދަންޖެހޭނެކަން އަޔާމީންއަށް އެނގެއެވެ. މިއީ ކުއްޔަށް ހިފައިގެން ހުރި ތަނެކެވެ. ގެއްލުމުގެ ބަދަލު ދޭންޖެހޭނީ އޭނާގެ ޖީބުންނެވެ. ރިންޒީއަށް ފުރަގަސްދީފައި އަޔާމީން ބަލަންހުރީ ކަންބޮޑުވެފައެވެ.

'"އައި އެމް ސޮރީ" ރިންޒީގެ މޫނު އަޔާމީންގެ ބުރަކަށީގައި ޖައްސާލިއެވެ. ރިންޒީގެ ދެއަތް ގެންގޮސް އަޔާމީންގެ މޭގައި ޖައްސާލިއެވެ. އެހަށިގަނޑުގައި ބައްދާލީ އެގޮތަށް ހުރެފައެވެ. ރިންޒީގެ އަތްތިލައިގައި އަޔާމީން ހިފަހައްޓާލިއެވެ. ރިންޒީގެ ނަމުން ގޮވާލީ އެހެން ހުރެފައެވެ.

"އަޒާން ކައިރިއަށް ދާން އަވަސްކުރޭ،" އަޔާމީން އަޑުގައިވީ މަޑުމައިތިރިކަމެވެ. ރިންޒީ ދުރަށް ޖެހިލާފައި ދެލޯ ފޮހެލިއެވެ. އޭނާއަށް އައި ރުޅީގައި ކުރެވުނު ކަންތަކާއި މެދު ދެރަވިއެވެ.

"އަޒާން އަހަރެން ކޮބައިތޯ އެހިތަ؟" ރިންޒީ އަހާލިއެވެ. އަޔާމީން މަޑުމަޑުން ބޯޖަހާލިއެވެ.

"އަހަރެން ގެންގޮސްދީ އަޒާން ކައިރިއަށް، އަހަރެން މިހުރީ ވަރަށް ދެކިލާހިތްވެފައި، އަޒާންއަށް ހަދިޔާއެއްވެސް ގަތިން، " ރިންޒީ އާދޭސްކުރަންފެށުމުން އަޔާމީން އައިސް ރިންޒީގެ ކޮނޑުގައި ހިފަހައްޓާލިއެވެ. "ރިންޒީ ރެޑީވީމައި ދާންވީ." އަޔާމީން ބުނެލިއެވެ. ރިންޒީ ބޭނުންވީ މޫނުދޮވެލައި ތައްޔާރުވާން ފަނަރަ ވަރަކަށް މިނެޓެވެ.

އަޔާމީން ނިކުތީ ދާނިޔާ ކައިރީ ކޮޓަރި ދޫކޮށްލާ ވާހަކަ ބުނާށެވެ. އެގެއިން ދާން ޖެހޭތީ ދެރަވެއެވެ. އޭނާ މާލެ އައީ އެއްމަސްދުވަހުގެ ކުރު ކޯހެއް ފުރިހަމަކުރާށެވެ. އެކަމަކު މިރޭ އޭނާ ނިންމީ އެހުރިހާކަމެއް ދޫކޮށްލާފައި ރަށަށް ދާށެވެ. އަޒާންއަށް ވަގުތުދޭން ބޭނުމެވެ.

ދާނިޔާ ތެދުވީ ކޮޓަރީގައި ޓަކިދޭތީއެވެ. ދޮރު ހުޅުވުމުގެ ކުރިން ލައިގެންހުރި ހެދުމާއި މެދު ވިސްނާލެވުނެވެ. ކޮނޑު ކިރިޔާ ނިވާވާރުގެ އަތްކުރު ޓީޝާރޓަކާއި އެކު ކަކުލާއި ހަމަޔަށް އަންނަ ކުރު ހަރުވާޅުކޮޅާއި އެކު ހުރެ ދޮރު ހުޅުވަން ޖެހިލުންވިއެވެ. ހެދުން ބަދަލުކޮށްލަން ލަސްވާނެތީ ދޮރު ހުޅުވީ ކުޑަކޮށެވެ. ހަނިދޭތެރެއިން އަޔާމީން ދިއްކޮށްލީ ސައިކަލުގެ ތަޅުދަނޑިއެވެ.

"އަޒާން ދޫކޮށްލީތަ؟" ދާނިޔާ އަހާލިއެވެ. އަޔާމީން ދިއްކުރި ތަޅިދަނޑީގައި ހިފާފައި ބަލަން ހުރެވުނީ އަޔާމީން ޖީބަށް އަތްލައި އެހެން އެއްޗެއް ނަގާހެން ހީވެގެންނެވެ. އަޔާމީން މިފަހަރު ދިއްކުރީ ކޮޓަރި ތަޅުދަނޑިއެވެ.

"މިރޭ ފުރަން މިއުޅެނީ، ކޮޓަރި ދޫކޮށްލަން ދެން އޮތީ ހަފްތާއެއް، އެހެންވިއަސް އެއްމަސްދުވަހުގެ އަގު އަހަރެން ދައްކާނަން، އަދި ޑްރެސިންޓޭބަލް ކުޑަކޮށް ހަލާކުވެފައި ހުރީ، އޭގެ އަގަށްވާވަރަށާއި އެކު މާދަމާ ޖަމާކޮށްލަދޭނަން." އަޔާމީންގެ ޖަވާބާއި އެކު ދާނިޔާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މިއީ އަޔާމީން ފެންނަ އެންމެ ފަހު ފަހަރުހެން ހީވެ މޭގައި އުފެދުނު ދިލަ ރިހުމެކެވެ.

"މިގެއަކީ މާލޭގައި އުޅުނު ގެތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހުނު ގެ، ޒޯހާ އާއި ޒާން ކައިރީ ދާ ވާހަކަ ބުނަން ވަގުތެއްވެސް ނުލިބުން. މިހާރު ނިދީތަ؟ އެކުދިން މަތިން އަހަރެން ހަނދާންވާނެ އިނގޭ." އަޔާމީން ގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދުލުން ބަހެއް ނުބުނެވުނުތާގައި ބޮލުގެ އިޝާރާތުންވެސް އެއްވެސް މުއާމަލާތެއް ނުކުރެވުނެވެ. އަމިއްލަ ހިތް މޮޔަކަމާއި މެދު ދެރަވިއެވެ. މީހުން ބުނެއެވެ. އެމީހަކަށް ހައްޤު ނޫން އެއްޗެއް އެދިގެން ކުރާ އުއްމީދަކީ އެންމެ ހިތި އުއްމީދެކެވެ. އޭގެ ސަބަބުން ހިތަށް ލިބޭ ތަކުލީފް ބޮޑެވެ. ދާނިޔާއަށް ވީ އެހެންނޭ އޭނާގެ ހިތަށް އެރިއެވެ. އަޔާމީން އަކީ ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ މީހެކެވެ. ޒިންމާ ނަގަން ޖެހޭ ބައްޕައެކެވެ. މީހެއްގެ ފިރިއެކެވެ. ވީއިރު ދާނިޔާގެ ހިތް އަޔާމީންއަށް ފިދާވީ ކީއްވެކަމެއް ނޭނގެއެވެ. އަޔާމީންގެ ފަރާތުން ފެނުނު މަދު ސިފަތަކަށް އޭނާގެ ހިތް ލެނބުނީއެވެ.

ރިންޒީ ކޮޓަރިން ނިކުތެވެ. އެއަޑަށް އަޔާމީން ދަނީއޭ ބުނެފައި ހިނގައިގަތެވެ. ރިންޒީ އަތުގައި ހުރި ދަބަސް ނަގައި އެއްކޮނޑުގައި އަޅުވާލަމުން އަނެއް އަތުން ހިފަހައްޓާލީ ރިންޒީގެ އުނަގަނޑުގައެވެ. އެގެއިން ނިކުންނަން ދިޔައިރު އަޔާމީން އާއި ރިންޒީގެ ދެމެދުގައި އެއްވެސް ޖާގައެއް ނެތެވެ. އެދެމީހުންގެ ދޭތެރެއަށް ވަންނަން ދާނިޔާއަށް ޖާގައެއް ނެތްކަން އަމިއްލަ ލޮލަށް ފެނުނެވެ. ހިންދިރުވާލަން އުދަނގޫވެފައި ދާނިޔާއަށް ހުރެވުނެވެ. ހިފަހައްޓާލައިގެން ހުރި ކަރުނަތަކުގެ ސަބަބުން އޭނާގެ އަރުތެރެ ބެދޭގޮތްވީއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular