8 Jul 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

އަތް ދަބަސް ދޫކޮށްލުމަށް ފަހު ނިޝާލް އައިސް އެނދުގައި އިށީނދެފައި އެއްފައި މައްޗަށް އަނެއްފައި ލައިގެން ހަމަޖެހިލީ މާ އުފާވެރި ވާހަކައެއް ކިޔައިދޭން ތައްޔާރުވެފައިވާ މީހަކު ފަދައިންނެވެ.

އާހިލްގެ ބޮލުގައި ރިއްސައިލި އެވެ. ނިޝާލްގެ މޫނުގެ ކުލައާ އޭނަ ދައްކަން އުޅޭ ވާހަކައާ ގުޅުމެއްނުވާ ކަމުގައި ހިތް ބުނެލި އެވެ.

"އަހަރެން މިއުޅެނީ އައިދަން ކައިރިން ވަރިވާން..." މޫނުމަތީގެ ހުރިހާ އަސަރެއް އެއްފަރާތްކޮށްލާފައި ނިޝާލް ހާމަކުރި އެވެ.

"ސަމާސަ ކުރަނީ ދޯ؟" އާހިލް ފިޔަވަޅެއް އަޅާލައިފައި ކުރިއަށްވުރެ ކައިރިވެލި އެވެ.

އެމޫނަށް ބަލަން ވެގެން ނިޝާލްއަށް ޖެހުނީ ތަންކޮޅެއް ފަހަތަށް ޖެހިލާށެވެ. އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލިތަން ފެނިގެން އާހިލްގެ ނިތަށް ރޫގިނަވި އެވެ. ދަތްދޮޅީގެ އެއްފަރާތުން ކަހާލައިފައި ދުރު ބަލައިލުމަށްފަހު އަނބުރާ ނިޝާލްގެ މޫނަށް ބަލައިލާފައި އެހީ ޖެހުނު މައްސަލައަކީ ކޮބައިތޯ އެވެ. އޭނަގެ ހިތުގައި އެއްފަހަރާ އެތައް ހިޔާލުތަކެއް ދައުރުވި އެވެ. ނިޝާލްއަށް އައިދަން އާއި އައިރީންގެ ކަންތައްގަނޑު އެނގުނީބާވައޭ ވެސް ހިތަށް އެރި އެވެ. އެކަމަކު އިހަށް އޭނަ ބޭނުންވީ ނިޝާލް ބުނާ އެއްޗެއް އޮޅުންފިލުވާށެވެ. އޭނަ އެސުވާލު ކުރުމުން ނިޝާލް އެއްފަރާތަކަށް މޫނު އަރިކޮށްލާފައި ބަލައިލީ މަޖާވެފަ އެވެ.

އާހިލް އަދިވެސް އެއުޅެނީ ނޫންކަމަށް ހެދެންވެގެންނެވެ. މައްސަލައެއް ނެތެވެ. އޭނައަށް ވެސް އާހިލް އެކުޅޭ ކުޅިގަނޑުގައި ހިއްސާ ވެވިދާނެ އެވެ.

"އަހަރެން ތެދަށް ބުނިއްޔާ އާހިލް އަހަރެންގެ މައްސަލަ ހައްލުކޮށްދޭނަންތަ؟" ނިޝާލް އެންމެފަހުން އެހި އެވެ.

އާހިލް ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ތިރިބަލައިލަމުން ކަނދުރާމަތީ ހިފައިލީ އުދަނގޫވެފަ އެވެ. ހޫމ އެކޭ ބުނެ އެއްބަސްވިއަސް އެއީ އެއީ ސާބިތުކަމެއް ނުވާ ޖަވާބެކެވެ. ނިޝާލް އާ އައިދަންގެ ކައިވެނީގައި ކޫރުން އެޅޅެން ޖެހުނީ އައިރީންގެ މަޤާމު އެނގިގެން ކަމަށްވާނަމަ އެއީ އޭނައަށް ވެސް ހައްލު ކުރެވެން އޮތް ކަމެއް ނޫނެވެ.

"އަހަރެންގެ މައްސަލަ އަކީ އަހަރެން ލޯބިވާ މީހާ ހުއްޓާ އެހެން މީހެއްގެ އަންބަކަށް އަހަރެން ވުން.." ނިޝާލް ކޮޅަށް ތެދުވި އެވެ.

އާހިލްއަށް އޭނަ ބުނި އެއްޗެއް އިވުމާއެކު ކުއްލިއަކަށް އިސްއުފުލައިލި އެވެ.

"އަހަރެން އަމިއްލަ ހިތަށް ވިސްނައިދީދީ ވަރުބަލިވެއްޖެ. އެކަމަކު އާހިލް ނޫން މީހަކު ދެކެ ލޯތްބެއް ނުވެވުނު.."އާހިލްގެ ޓީޝާޓް މޭމަތީ ދެއަތުން ހިފާ ބޮނޑިކޮށްލަމުން ނިޝާލް ހާމަކުރި އެވެ. އެލޮލުގައި ކުރިންވި ކުލަވަރު ބަދަލުވެ އާހިލްގެ މޫނަށް ބަލައިލީ އާދޭހާއެކުގަ އެވެ.

އާހިލް އެވަގުތު އެސްފިޔަ ޖަހައިލީ އެއިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެގެން އުޅޭ މީހަކު ފަދައިންނެވެ. ދެވަނަ ސިކުންތުގައި ނިޝާލްގެ ދެއަތުގައި ހިފާ ކުއްލިއަކަށް ދުރުކޮށްލި އެވެ. ނިޝާލްގެ ދެފައި ހަރުލީ ދެފިޔަވަޅެއްވަރު ފަހަތަށް ޖެހިފަ އެވެ.

"ކިހިނެއްވީ އާހިލް؟ ދެއަންބަށް ވެސް އިނދެވޭނެއެއްނު..." ނިޝާލް އަނެއްކާ ވެސް ކުރިއަށް ފިޔަވަޅެއް އަޅައިލުމުން އާހިލް އެދެމެދަށް އަތް ހުރަސްކޮށްލާފައި މަނާކުރި އެވެ.

"ނިޝާލް ލަދެއް ނުގަނޭތަ އަހަރެންގެ ކޮއްކޮގެ އަންބެއްގެ ގޮތުގައި ހުރެ ތިކަހަލަ ވާހަކަދައްކާކަށް..." ނިޝާލް ކުރިއަށް ޖެހިލިވަގުތު އޭނަ އަތްލުމުގެ ކުރިން އެއަތުގައި ޖަހާ ދުރަށް ވިއްސާލައިފައި އާހިލް ވާހަކަދެއްކި އެވެ. "ތިބުނާ ކޮއްކޮއެއްގެ އަންބަކަށް އަހަރެންވީ އިހަކަށްދުވަހު އެއްނު. އޭގެ މާކުރިއްސުރެ އަހަރެން މީ އާހިލްގެ ލޯއްބަށް އެދިގެން ސަލާންޖެހި އަންހެންކުއްޖާ. އެހެންނޫނަސް އަމިއްލަ އިހްސާސްތައް ހާމަކުރަން އަހަރެން ލަދުގަންނަން ޖެހޭ ސަބަބެއް ނެތް. އާހިލް ތީ މާރަނގަޅު މީހެއްނަމަ އަމިއްލަ އަންހެނުންގެ ކޮއްކޮ އައިދަންއަށް ބަލިވެއިންދާ އޭނަ އެހެންމީހަކކާ އިންނަތަން ދެކެން ހުންނާނެތަ؟ އާހިލް ވެސް އަމިއްލަ އެދުން ފުދުނީމަ އެހެންމީހުންނަށް ވާނެގޮތެއް ވާން ބަލަން ހުރީ..." ނިޝާލްގެ ވާހަކަ ނިމުނުއިރު އާހިލް ހުރީ ބިރެއް ފެނިގެން އުޅޭ މީހަކު ފަދައިން ލޯ ބޮޑުވެފަ އެވެ.

"ކިހިނެއް އެނގުނީ؟" އާހިލް އޮޅުންފިލުވަން ބޭނުންވި އެވެ.

"އަހަންނަށް ކުރިން ވެސް އެނގޭ. އެންމެ ފުރަތަމަ ދުވަހު އެނގިގެން އެންމެން އޮޅުވާލަން ދެއްކި ވާހަކައާ ދެކޮޅު ނުވިއެއް ކަމަކު އަހަންނަށް އެނގުނު ގޯހެއް އުޅޭކަން. އަހަންނަށް އިހްސާސްވި އަދި ލޯމައްޗަށް ފެނުނު ކަންތައްތަކުން އެނގުނު ނަވާލްއާ އައިރީންގެ ކަނެކްޝަންއެއް ނެތްކަން. އަހަރެން ދުށިން އައިރީން އައިދަންއަށް ބަލާ ގޮތް. އަހަރެން ހިތަށް އެރީ މިގޭ އެންމެންނަށް ގޭމް ކުޅެވެންޏާ އަހަންނަށް ވެސް ކުޅެވޭނެއޭ. އެހެންނޫނަސް އައިދަންގެ އަންބަކު ނޫނީ ދަރިއަކކު ހުރުމުން އަހަރެންނަށް އެއީ މައްސަލަ އެއް ނޫން. އަހަރެން ހާސިލް ކުރަންވި ބޭނުންމީހަކީ އެއީއެއް ނޫން. އައިދަންއަކީ މަޤްސަދާއި ހަމައަށް ވާސިލްވާން އަހަރެން އަރަން ބޭނުންކުރި ސިޑިއެއް...އަދި އޭގެ ސަބަބުން ރާމީންއަށް އަސަރުކުރާތަން ފެނުމުން އަހަރެން ހަޤީޤަތުގައި އެންޖޯއިވެސް ކުރިން. އަދި މިހާރު އަހަރެން ބޭނުންވިހެން އައިދަން އަމިއްލައަށް ވެސް އެއްބަސްވެއްޖެ ހުރިހާ ކަމަކަށް." ނިޝާލްގެ ފަހު ވާހަކަތައް އިވިފައި އާހިލްއަށް ހިމޭނަކުން ނުހުރެވުނެވެ.

"ވަޓް ދަ ** ނިޝާލް؟ ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗެއްތަ؟" އާހިލް މޫނުގެ މަތިން ތިރިއަށް އަތް ހިންގާލައިފައި އަލިފާން ފަދަ ބެލުމަކުން ނިޝާލްއަށް ބަލަމުންދިޔަ އެވެ.

އެކަމަކު އެބެލުމުން ނިޝާލް ކުޑަކޮށް ވެސް ޖެހިލުމެއްނުވި އެވެ. ފަހަތަށް ޖެހުމުގެ ބަދަލުގައި އޭނަ އައީ ހައްތަހާ ކުރިއަށެވެ. ޝަހާދަތް އިނގިލިން އާހިލްގެ މޭގައި ވިއްދާލައިފައި އޭނަ ހަތަރުކަޅި ހަމަކޮށްލި އެވެ. "އަހަންނެކޭ އާހިލްއެކޭ އެއްވެސް ތަފާތެއް ނެތް. އައިދަން އާ ރާމީންވެސް ހަމަ އެހެން. މިގޭ އެންމެންނަކީ ވެސް އަމިއްލަ އެދުމުން ފުރިފައިވާ ބައެއް. ނަވާލް ނޫނީ ނެތް ސަހަލު އެކަކުވެސް. އެން އައިމް ޑަން ވިތް އޯލް އޮފް ޔޫ. ސޯ ޑަން...." ނިޝާލް އަތް ތިރިކޮށްލާފައި ދުރަށް ޖެހުމާއެކު އަނެއްފަރާތަށް އެނބުރިފައި ގޮސް ބެލްކަންޏަށް ނިކުމެ ފޯނަކަށް ޖަވާބުދީގެން ރެއިލިން ކައިރިއަށް ހުއްޓުނެވެ.

އާހިލްއަށް އަތް އުފުލާލައިފައި ދެ އިނގިލިން ހިފަހައްޓައިލެވުނީ ނޭފަތު ކުރީގަ އެވެ. އޭނަ އިރުކޮޅެއް ވަންދެން އެގޮތަށް ލޯމަރައިގެން ހުރެލާފައި އަތް ތިރިކޮށްލުމަށްފަހު ނިކުންނަން ދިޔައިރު ފާރުކައިރީ ހުރި ކަބަޑެއްގައި ކޮޅުފައިން ޖެހި އެވެ. އެވަގުތު އެއަށް އައި ލޮޅުމާއެކު އޭގެމަތީ ބަހައްޓާފައި ހުރި ބިއްލޫރި ވާސްއަކާއި ފޮޓޯ ލޯގަނޑެއް ގުޑައިގެން ގެންފައި ވެއްޓި ތެޅުނެވެ.

***

ކާރުގެ ފަހަތު ސީޓުގައި އިންއިރު އައިރީންގެ ހިތް ތެޅޭވަރުން ހީވަނީ ބޭރަށް ފުންމައިލަން އުޅޭހެންނެވެ. އަތުގައި ބޮނޑިކޮށްލެވިފައި އޮތް ޓިޝޫއަކުން އިރުއިރުކޮޅާ ނިއްމަތީ ޖައްސާލައިފައި ދާތިކިތައް ފުހެލަ އެވެ. އިން އެއްގޮތަކަށް ނީނދެވިގެން އިރުއިރުކޮޅާ އިންގޮތް ބަދަލުކޮށްލަ އެވެ. ޖެހިގެން ހުރި ސީޓުގައި ރާމީން އިނީ މުޅިން އަމިއްލަ ދުނިޔެއަކަށް ގެއްލިފަ އެވެ. ޓެކްސީ މަޑުކޮށްލުމާއެކު ބޭރު ބަލާލައިފައި އައިރީންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އޭނައަށް ހޭވެރިކަން ވީ ރާމީން އޭނަގެ ކޮނޑުގައި ހިފައިލީމަ އެވެ.

ނިކުންނަން ހިނގާށޭ ދައްތަ ބުނުމުން އޭނަ އަވަސް އަވަހަށް ބޯޖަހައިލި އެވެ. ދެބެން ދެފަރާތުން ފައިބައިގެން ގޮސް އެއްހިސާބެއްގައި ހުއްޓި ކުރިމަތިން ފެންނަމުންދިޔަ އިމާރާތާއި ދިމާއަށް ނަޒަރު ހުއްޓައިލި އެވެ. ދެން އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި ހިނގައިގެންފި އެވެ. އާހިލް ވަދެގެން އައީ ދެބެން ވެއިޓިން އޭރިއާގައި ތިބޭތާ ކުޑައިރުކޮޅެއް ފަހުންނެވެ. ކޮންމެ މީހަކު ވަންނައިރަށް އައިރީން ހާސްކަމާއެކު އިސްއުފުލާލަ އެވެ.

"އައިރީން!" އާހިލް އައިސް އިށީނދެލީ ރާމީންގެ ކައިރީގަ އެވެ.

"ޔޫ އޯކޭ؟" އައިރީންގެ ސަމާލުކަން ލިބުމުން އާހިލް އެހި އެވެ.

އެވަގުތު އައިރީން މަޑުމަޑުން ބޯ ހޫރައިލީ ދެފަރާތަށެވެ. އޭނަގެ ހިތް އޮތީ ތެޅިތެޅި އެވެ. މައްސަލަ ކުރިއަށް ދާނެ ގޮތަކާއިމެދު ކަންބޮޑުވެފައި އިންއިރު އެތައް ދުވަހަކަށްފަހު އައިދަން އޭނަ ކުރިމައްޗަށް އަންނަން އުޅޭތީ ލިބިފައިވާ ހާސްކަން ވެސް އެހާމެ ބޮޑެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް..." ރާމީން ކޮއްކޮގެ އަތްތިލައިގައި ދެއަތުން ހިފާލައިފައި ހިތްވަރުދިނެވެ.

އެވަގުތު އާހިލް ވެސް އެވާހަކައަށް ބާރުދިނުމުގެ ގޮތުން ބޯޖަހައިލި އެވެ. އިސާހިތަކު ތިންމީހުންގެ ސަމާލުކަން އަތުލީ ދުރުން އައި އަޑަކަށެވެ. ވަގުތުން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލި އެވެ.

ޝެހެނާޒް ވާހަކަދައްކަމުން ކުރީގައި ވަދެގެން އައިއިރު އައިދަން ހުރީ ފަހަތުގަ އެވެ. އެމީހުންގެ ނަޒަރު އިހްސާސްވެގެން ނޫންކަމެއް ވެސް ނޭނގެ އެވެ. ތަންކޮޅަކަށް އައިސްފައި އައިދަންމެންގެ ދެމައިންގެ ނަޒަރު ވެސް އެދިމާއަށް ދަތުރުކޮށްލައިފި އެވެ.

އާހިލް މަންމަމެންނާ ވާހަކަދައްކަން ދާންވެގެން ތެދުވިއިރު ރާމީން ގުޑިވެސްނުލާ ބަލަން އިނެވެ. އެކކަމަކު އައިރީން އެއިން މީހަކާ ހަތަރުކަޅި ހަމަނުވަނީސް އިސްޖަހާލައިފި އެވެ. މިހާރަކަށް އައިސް އަބަދު އާދަވެފައިވާ ގޮތަށް އޭނައަށް ފިރުމަން ފެށުނީ ބަނޑުގަ އެވެ. އެމީހުން ތިބި ގޮނޑިތަކާއި ކުރިމަތިވާގޮތަށް ހުރި އަނެއް ގޮނޑި ބަރީގައި އިށީނދެލި އައިދަންގެ ނަޒަރު އައިރީންގެ ބަނޑަށް ހުއްޓުނެވެ. ލައިގެން އިން ދޫ ހެދުމާއިއެކު ވެސް ނުވަ މަސްވެފައިވާ ބަނޑު މިހާރު ހުރީ އެންމެ ރީތިކޮށް ފައުޅުވާށެވެ.

އައިދަންއަށް ހިންދިރުވައިލެވުނެވެ. ރާމީންގެ ނަޒަރު އޭނައަށް ހުރިކަން އިހްސާސްވެގެން ބަލާލިއިރު ލޯ ހަނިކޮށްލައިގެން އިނުމުން އޭނަ އަވަހަށް ދުރު ބަލާލި އެވެ. ޝެހެނާޒްއާ ވާހަކަދައްކައިލުމަށްފަހު އާހިލް އައިސް އިށީނދެލީ އަނެއްކާ ވެސް ކުރިން އިން ތަނުގަ އެވެ.

ދުރުބަލަން އިން ނަމަވެސް އައިރީންގެ ހިޔާލުތައް އެވަގުތު ގުޅިފައިވީ އައިދަންއާއެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް ބަލާލެވުނު ނަމަވެސް އޭނައަށް އައިދަންއަށް އައިސްފައިވާ ބައެއް ބަދަލުތައް ފާހަގަވެއްޖެ އެވެ. ތުނބުޅި މަތިމަސް ނުބާލައި ދުވަސްކޮޅެއް ވެފައި ހުރުމުން މޫނުމަތިން ކުރިއަށްވުރެ ހަރުކުލަ ޖަހާލައިފި އެވެ. އެއިސްތަށިގަނޑު ވެސް ނުކޮށަން އެހުންނަނީ ދިގު ކުރަން ބާވައޭ ހިތަށް އެރި އެވެ. ދެފަރާތުން ކަންފަތަށްވުރެ ތިރިއަށް ފައިބާފައި ހުއްޓެވެ. ކުރިއަށްވުރެ ހިކިހެން ވެސް ހީވި އެވެ. އެކަމަކު އެހުރިހާ ކަމަކަށްވުރެ ބޮޑަށް ފާހަގަވީ އައިދަންގެ މޫނާއި ލޮލުގެ ކުލަ އެވެ. ބައެއްފަހަރު ހިމޭން ކަމަކީ ވެސް އެތައް ވާހަކައެއް ބުނެދޭ އެއްޗެކެވެ. އާންމުކޮށް އެމޫނުން ފެންނަ ބޮޑާއި ކަމާއި ފޮނިކަމެއް ޔަޤީނުން ވެސް ނެތެވެ.

މައްސަލަ ބަލާ ގާޟީގެ ކުރިމަތީގައި ޖެހިޖެހިގެން ހުރި ދެގޮނޑީގައި އިށީންނަން ގޮސް އައިރީން އިށީންނަން ދެން އައިދަން ހުރީ ކޮޅަށެވެ. އޭނަ އިށީނދެލީ އޭގެ ފަހުންނެވެ. އެތައް ދުވަހަކަށްފަހު އައިދަން ޖަހާ ސެންޓްގެ ވަސް ދުވާހާ ކައިރީގައި އިނދެވުމުން އައިރީންއަށް ހީވީ މާޒީގެ ތެރެއަށް އިއާދަ ވެވުނުހެންނެވެ.

ފަށާފައި ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދިންއިރު ކަރުކެހިލަން ޖެހުނެވެ. އެވާހަކަތައް ދެއްކިއިރު ހީވީ އެހުރިހާ މަންޒަރެއް އަލުން ލޯކުރިމަތީ ނިއުޅިގެން ދިޔަހެންނެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓަން ތިރީ ތުންފަތުގައި ދަތް އަޅައިލި އެވެ. ހިތްވަރު ހޯދަން އޭނަ ހިފެހެއްޓީ އަނެއްކާ ވެސް ބަނޑުގަ އެވެ. އެދަރިފުޅަކީ މިއަދު އޭނަގެ ހިތްވަރުގެ އެންމެ މުހިންމު އެއްބައެވެ. އައިރީން ހައިރާންކޮށްލީ އޭނަ ހީކުރިހެން ހުށައަޅާފައި އޮތް މައްސަލައާ ދެކޮޅު އެއްވެސް ކަމެއް އައިދަންގެ ވާހަކައިގައި ނުހިމެނުނީމަ އެވެ. ސުވާލުތަކަށް ޖަވާބުދިންއިރު ވެސް އަމިއްލަ ނަފްސް ކުށްވެރި ނުވާނެހެން ވާހަކަދެއްކުމުގެ ބަދަލުގައި އައިދަން ވާހަކަދެއްކީ ކަންހިނގި ގޮތަށެވެ. ވަކީލުގެ ހިތްހަމަނުޖެހުން ފެނިފައި އެނގުނު އެއްޗަކީ އެއީ އެމީހުން ކުރިއަށް ގެންދަން ރާވައިގެން އައިގޮތް ނޫންކަމެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއްތަ؟" އައިދަންގެ ވަކީލުގެ ވާހަކަ ނުނިމެނީސް ގާޟީއަށް ނީނދެވިގެން ގުގުރައިގެން އަޑަށް އައިރީން ދިޔައީ ސިއްސައިގެންނެވެ. އެމޫނަށް ނުބެލިއަސް ގާޟީ މުޚާތަބު ކުރީ އެދެމީހުންނަށްކަން އެނގުނެވެ.

ފުރަތަމަ ފަހަރަށް އައިދަންގެ މޫނަށް ބަލައިލެވުނީ އެގަޑީގަ އެވެ. އައިދަން ގާޟީއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނީ ގުޑިވެސްނުލަ އެވެ. ފަހަތުގައި ތިބި މީހުންގެ ތެރެއިން ގޮނޑި ދަމައިލި އަޑު އިވުނީ ޝެހެނާޒްހެން ހީވި އެވވެ. އެކަން ޔަޤީންވީ އާހިލް ޝެހެނާޒް ހަމަޖައްސަން ވެގެން ވާހަކަދައްކާ އަޑު އިވުނީމަ އެވެ.

ރޮވޭކަން އައިރީންއަށް އެނގުނީ ކޯތާފަތްމަތިން ތެތްކަން އިހްސާސްވެފަ އެވެ. އޭނަ އަވަސް އަވަހަށް ލޯ ފުހެން ފެށިތަނާ އައިދަން ކުއްލިއަކަށް އޭނައާ ދިމާއަށް ބަލައިލި އެވެ. ހަތަރުކަޅި ބައްދަލުވުމާއެކު އައިރީންގެ އަނގައިން ނިކުންނަމުން ދިޔަ ހިމޭން ރުއިމުގެ އަޑު މެދުކެނޑުނެވެ. އިސްޖަހައިލުމުގެ ކުރިން އެލޮލުން ރިހުމުގެ އަސަރު ފެނުނުހެން ހީވި އެވެ. ނޫނީ އެއީ އޭނައަށް ހީވި ގޮތެކެވެ.

އައިރީންއިން ހާލާއިމެދު ހަމްދަރްދީ ވެގެން ނޫންކަމެއް ވެސް ނޭނގެ އެވެ. ގާޟީ ދެން އެމައުޟޫއަށް ދެއްކި ވާހަކަތައް ދެއްކީ ތަންކޮޅެއް މަޑުމައިތިރިކޮށެވެ،

އަޑު އެހުން މެދުކަނޑައިލީ ޖެހިގެން އަންނަ ދުވަހު ކައިވެނިކޮށްދިން މީހުންނާއި އައިރީންއަށް ވަލީ ދިން ފަރާތް ވެސް ހާޟިރުކުރާ ގޮތަށް ނިމިގެންނެވެ. މެދުކަނޑާލައިފައި ގާޟީ ތެދުވުމާއެކު އައިދަން ތެދުވެގެން ނިކުންނަން ހިނގައިގަތެވެ. ގޮނޑިން ނުތެދުވެވިފައި އައިރީން އިންދާ ކައިރިއަށް އައިސް އެހީވެދިނީ އާހިލް އާއި ރާމީން ދެފަރާތުގައި ހުރެގެންނެވެ. އެމީހުންނަށް ނިކުމެވުނުއިރު އައިދަން މެން ފެންނަން ވެސް ނެތެވެ. ނަސީބަކުން އާހިލް އަވަހަށް ކާރު ގެނުވައިފި އެވެ.

އައިރީންގެ ކަރުނަތައް ކޮންޓްރޯލުން ނެއްޓީ ކާރަށް އަރައި ހަމަޖެހިލި ފަހުންނެވެ. ދައްތަގެ އޯގާތެރިކަން ލިބުމުން އެކަރުނަތައް ވީ އިތުރެވެ. ޑްރައިވަރާއި ޖެހިގެން ހުރި ސީޓުގައި އިނދެގެން އާހިލް ވެސް އިރުއިރުކޮޅާ ކަންބޮޑުވެފައި އެނބުރި ބަލައިލަ އެވެ.

ގެއަށް ދެވުމުން އައިރީން ބޭނުންވީ ކޮޓަރީގައި އެކަނިވުމަށެވެ. ރާމީން ކާއެއްޗެއް ގެނެސްދޭން އެހީމމަ ވެސް ދެފަރާތަށް ބޯ ހޫރުވާލައިފައި މަނާވެގަތެވެ. ދައްތަ ނިކުމެ ދޮރު ލައްޕައިލުމާއެކު ބާލީހަށް މޫނު ހަރާލައިގެން އޮވެ ލޮލުގައި ބާކީ ހުރި ކަރުނަ އޮއްސަން ފެށި އެވެ. ކުޑައިރުކޮޅެއް ފާއިތުވެދިޔަ ފަހުން އޭނަގެ ސަމާލުކަމަށް އައީ ކައިރީގައި ބޭއްވި ފޯނު ވައިބްރޭޓް ވާން ފެށީމަ އެވެ. އުއްޑުން ބަދަލުކޮށްލާފައި ބެލިއިރު މެސެޖެކެވެ. ނަވާލް މެސެޖްކޮށްފައި އޮތީ އޭނަ ރަނގަޅުތޯ އެވެ. އާއިލާ މީހުން ފަރާތުން މިއަދު ކޯޓަށް ދިޔަކަން އެނގުނީކަމަށް ވެދާނެ އެވެ. އައިރީން ފޯނު ދުރަށް ލައިފައި އޮށޯވެ ލޯމަރައިލި އެވެ.

ރާމީން ވަންއިރު އާހިލް ހުރީ ބެލްކަންޏަށް ނިކުމެ ފޯނެއްގަ އެވެ. އިރުކޮޅެއް ނުވެ ފޯނު ބާއްވާފައި އަތުވެއްޖެ އެވެ. ރާމީން ފެށީ ގައިގައި އޮތް ހެދުން ބަދަލުކުރާށެވެ. އޭރު އާހިލް ކަޅިޖަހާނުލާ ބަލަން އިނެވެ. އޭނަ ލީ ކުރު ޓީޝާޓްކކޮޅު ތަންކޮޅެއް ހަނިވެ ކިރިޔާ އެނގެން ފަށާފައިވާ ބަނޑަށްހުރީ ވާންވެލާފަ އެވެ. ރާމީން ގޮސް ފޯނު ޗާޖަށް ޖަހަން ހުއްޓާ އާހިލް އޭނަގެ އަތަށް ދަމާލައިފައި ގެނެސް އުނގުގައި ބެއިންދި އެވެ. ޓީޝާޓް ހިއްލާލައިފައި ބަނޑުގައި ބޮސްދިނުމަށްފަހު ހިންދެމިލިއިރު ރާމީން ބަލަން އިނެވެ.

އޭނަ ފެށީ މައްސަލަ ނިމޭނެ ގޮތަކާއި ބެހޭގޮތުންނެވެ. އައިރީންއާ ދަރިފުޅަށް އިންސާފު ލިބޭނެތޯ ސުވާލު އުފެއްދި އެވެ. އާހިލް ބޯޖަހައިލިތަން ފެނިގެން ހަމަޖެހުމުގެ ނޭވައެއްލައިފައި ކޮނޑުގައި ބޯ އަޅައިލި އެވެ. އެހަށިގަނޑުގެ ވަހުން ހިތް އުފާކުރުމުގައި އިރުކޮޅެއް ވަންދެން އިނެވެ.

"އައިދަން ހީވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެހެން.. އޭނަ ވަކީލު ވެސް ހީވަނީ އޭނަދެއްކި ވާހަކައިން ރުޅި އައިސްފަ ހުރިހެން. އަހަރެން އުންމީދު ކުރި ގޮތަކަށް ނޫން އޭނަގެ ވާހަކަ އެހުރީ.." ރާމީން ބޯ ކުޑަކޮށް ތެދުކޮށްލާފައި އާހިލްގެ ކޯތާފަތުގެ އެއްފަރާތުން ހިފާ އޭނައަށް ދިމާއަށް އަނބުރާލައިގެން އޮވެ ހާމަކުރި އެވެ.

"ނިޝާލް އުޅެނީ އޭނަ ކައިރިން ވަރިވާން..." އާހިލް ދިން ޖަވާބު އަހާފައި ރާމީންއަށް ތެޅިގަނެވުނެވެ. އެއީ އަނެއްކާ ވެސް އޭނަ އަހަން އުންމީދުކުރި ފަދަ ވާހަކައެއް ނޫނެވެ.

***

ކައިވެނި ކުރި މީހުންނާއި ވަލީވެރިޔާގެ ހެކިބަސް ނެގުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ ހުކުމް އިއްވުމާއި ހަމައަށް ދިޔަ އެވެ. މައްސަލަ ނިމޭނެ ގޮތް ގާތްގަނޑަކަށް ލަފާކުރެވިފައި ވިއަސް އައިރީން އަނެއްކާ ވެސް އެދުވަހު ހުރީ ނުތަނަވަސްވެފަ އެވެ. ޝެހެނާޒް އާއި އެކު އަބްދުލް ހަންނާނު ވެސް އެދުވަހު ކޯޓު ތެރެއިން ފެނުނެވެ. އައިރީންމެން ވަދެގެން ދިޔައއިރު އެއިން ކޮންމެ މީހެއްގެ ސަމާލުކަން އައިރީންގެ ބަނޑަށް ހުއްޓުނެވެ. އައިދަން އެންމެ ނޫންކަމަށް ހެދިގެން އިން މީހާ ވެސް ކޮއްކޮގެ ބަނޑަށް ބަލަނިކޮށް ރާމީންއަށް ފެނުނެވެ.

ހަމަޖެހިފައިވާ ތަންތަނުގައި އެންމެން އިށީނދެ ނިމުމުން އަދިވެސް އެއްފަހަރު ތައާރަފް ހުށައެޅުން އއޮތެވެ. އެއަށްފަހު އައިރީން އާއި އައިދަން ކުރެން އެހީ އިތުރަށް އެއިން އެކަކުވެސް ހުށައަޅަން ބޭނުންވާ ކަމެއް އޮތްތޯ އެވެ. އެއަށް ދެމީހުން ވެސް ރައްދު ދިނީ ނޫނެކޭ ބުނެފަ އެވެ.

އެއަށްފަހު ދެން އޮތީ ހުކުމް އިއްވުމެވެ. -- ނުނިމޭ --

Popular