11 Jul 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

އެއަށްފަހު ދެން އޮތީ ހުކުމް އިއްވުމެވެ. ގާޟީ ވާހަކަދައްކަން ފެށުމާއެކު އައިރީންއަށް ނޭވާ ހިފަހައްޓައިލެވުނެވެ.

މައްސަލަ ނިމުނީ އައިދަންއާއި އައިރީންގެ ކައިވެނި ކުރެވުނު ތާރީޚުގައި އެކައިވެނި ރެޖިސްޓްރީ ކުރާގޮތަށެވެ. އައިރީން ވިހެއުމާއި ހަމައަށް އޮތް އިއްދައިގެ މުއްދަތުގައި ރުޖޫއަނުކޮށްފިނަމަ ވަރިވާނެ އެވެ. އަދި އައިދަންއަށް ޖެހުނީ ބޮޑު އަދަދަކުން ޖޫރިމަނާއެއް ދައްކާށެވެ.

ދަރިފުޅަށް ބައްޕަގެ ނަން ލިބޭނެ ވާހަކަ އަހާފައި އައިރީންއަށް އިތުރަށް ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ. ފަހުން ދެއްކި އެއްވެސް ވާހަކައެއް އޭނަގެ ކަންފަތަކު ހަރެއްނުލި އެވެ. އެހެންމީހުންގެ ލޯތަކުން ސަލާމަތްވުމަށްޓަކައި ކަންތައް ކުރެވުނީ އެވަގުތު ހިތަށް އައި އެންމެ ފުރަތަމަ ގޮތަށެވެ. ދެއަތުން މޫނު ފޮރުވައިލައިގެން އިނދެ ދެތުންފަތް ވެސް ޖައްސާ ބާރުކޮށްލީ އަޑު ނުނިކުންނާނެހެންނެވެ. ފަހަރަކު މީހަކު ގޮނޑިތައް ދުރުކޮށްލާފައި ދިޔައިރު ޖެހިގެން އިން އައިދަން ވެސް ތެދުވިކަން އިހްސާސްވި އެވެ.

އޭގެ އިރުކޮޅެއް ފަހުން އޭނަގެ ކޮނޑުގައި ކޮންމެވެސް މީހަކު ހިފައިލި އެވެ.

"ރީން! ހިނގާ ދާން.." ކަންފަތްދޮށުން ދައްތަގެ އަޑު އިވުނެވެ.

އައިރީން ބޯޖަހައިލި ނަމަވެސް އޭނައަށް ހުއްޓައިލެވުނީ ވަގުތުކޮޅެއް ފަހުންނެވެ. މޫނުން އަތް ނެގުމމުގެ ކުރިން ދެއަތުން ފުހެލާފައި ތެދުވެ އެނބުރުނުއިރު ދައްތަ ބަލަން ހުއްޓެވެ. އެކަމަކު ދެން އިތުރު އެއްޗެއް ނުބުނެ އޭނަގެ އއުނަގަނޑުގައި ހިފާލައިގައި އެކުގައި ދޮރާއި ދިމާއަށް ހިނގަންފެށި އެވެ.

ދެބެން ނިކުތްއިރު އާހިލް މަޑުކޮށްލައިގެން ހުރީ މަގުމަތީގަ އެވެ. އޭނަގެ ނަޒަރު ހުރި ދިމާއަށް ބަލައިލުމުން ޝެހެނާޒްމެން ތިބި ކާރު ދުރުވަމުންދިޔަތަން ފެނުނެވެ. ދާދި ކައިރިވެފައި ހުއްޓާ އާހިލް އެނބުރި ބަލާލައިފައި އެތަނަށް އައިސް ކައިރިކޮށްލި ކާރުގެ ފަހަތު ދޮރު ހުޅުވައިދިނެވެ. އައިރީން އަރުވަން އާހިލް ހަވާލުވުމުން ރާމީން ކާރު ވަށާލައިފައި ދިޔޔައީ އަނެއްފަރާތަށެވެ. ގެއަށް ދިޔަ މަގުމަތީ އެކަކު ވެސް ވާހަކައެއްނުދައްކަ އެވެ. އައިރީން ބޭރު ބަލަން އިންދާ ރާމީން އޭނަގެ އަތުގައި ހިފާލައި ފިތައިލި އެވެ. އެކުގައި އޭނަ ހުރިކަން ހަނދާންކޮށްދޭފަދަ ގޮތަކަށެވެ. ރައްދުގައި އައިރީން ދޮރުފަތާއި ދުރރުވެލާފައި އައިސް ދައްތަގެ ކޮނޑުގައި ބޯއަޅައިލި އެވެ.

"ރީން އެތެރެއަށް ނުގޮސް މަޑުކުރައްޗޭ!" ގެއަށް ވަދެފައި ފައިވާން ބާލަން ހުރެގެން ރާމީން އެދުނެވެ.

އޭނަ އެހެންމީހަކަށް ބެލުމެއްވެސް ނެތި ވަދެގެން ދިޔައީ ބަދިގެއާ ދިމާއަށެވެ. އާހިލްއާއި އައިރީންއއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. އައިރީން ގޮސް ސޯފާގައި އިށީނދެލުމުން އާހިލް ވެސް ރާމީން ކުރަން އުޅޭ ކަމެއް އޮޅުންފިލުވުމުގެ ޝައުޤުގައި މަޑުކޮށްލި އެވެ.

ކުޑައިރުކޮޅެއް ފަހުން ފިޔަވަޅުގެ އަޑު އިވިފައި ރާމީން ބޯދިއްކޮށްލުމަށްފަހު އެދުނީ އޭނަފަހަތުން އެތެރެއަށް ވަނުމަށެވެ. ރާމީން ގެއްލުމާއެކު އާހިލް ކައިރިވެފައި އައިރީންއަށް އެހީވާންވެގެން އަތްދިއްކޮށްލި އެވެ. އައިރީން އެއަތުގައި ހިފައިލުމުން އާހިލް އޭނަ ނަގައިގެން ދެމީހުން އެކުގައި ގޮސް ބަދިގެއަށް ވަދެފައި ހުއްޓެވުނެވެ. ކާމޭޒުމަތި ތައްޔާރުކޮށްފައި ހުރީ ކެއުމަކަށެވެ.

"ވީއާ ސެލެބްރޭޓިން..." މޭޒުކައިރީ ހުރެ ދެއަތް ހުޅުވާލަމުން ފުޅާ ހިނިތުންވުމަކާއެކު ރާމީން ހާމަކުރި އެވެ.

ފްރިޖްތެރެއިން ކޮންމެވެސް އެއްޗެއް ނަގައިގެން އެނބުރުނު ޒަހާ އެމީހުންގެ ލޮލުގައި އަޅައިގަތީ ދެނެވެ.

"ވާނެގޮތެއް ނޭނގުނަސް އަހަރެން ހުރީ ރަނގަޅުވާނެ ކަމަށް ވަރަށް އުންމީދުކޮށްގެން. އެހެންވެ ޓޭކްއަވޭ ނަގަން ޒަހާއާ ހަވާލުކޮށްފަ ކޯޓަށް ދިޔައީ.. " ރާމީން ވާހަކަދެއްކި އަޑަށް އައިރީންގެ ނަޒަރު އަނެއްކާވެސް އެމޫނަށް ބަދަލުވި އެވެ.

"ހިތަށް އެރީ ކާމިޔާބު ނުލިބުނަސް ގްރީވް ކުރާއިރުވެސް ކާއެއްޗެހީމަ ހުރީމަ ބޭކާރެއް ނުވާނެއޭ.. ނަސީބަކުން މައްސަލަ ނިމުނީ އަހަރެމެންގެ ކޮޅަށް.." އައިރީން ގޮސް ކައިރިވުމުން އޭނަގެ ބަނޑުގައި އަތް ޖައްސާލައިފައި ރާމީން ޖުމްލަ ނިންމައިލި އެވެ.

ފެންކަޅިވެފައި ހުރެގެން ބޯޖަހައިލުމަށްފަހު އައިރީން ދެން ހިނިތުންވެލީ ޒަހާއަށެވެ. ޒަހާގެ އަތުގައއި ހުރި ޖޫސްޖަގު މޭޒުމަތީ ބަހައްޓާފައި އަވަހަށް އައިރީން ކައިރިއަށް އައެވެ. އައިރީންގެ ގައިގައި ކުޑަކޮށް ބައްދާލައިފައި މަރުހަބާ ކިއުމަށްފަހު ބަނޑުގައި ދެއަތުން ހިފާލައިގެން ހުރެ އެމީހުންގެ އަމިއްލަ ވާހަކަދައްކަން ފެށި ވަގުތު ރާމީން ބަލައިލީ އާހިލް އަށެވެ. އޭރު އާހިލްވެސް ބަލަން ހުރީ އެމޫނަށެވެ.

"އައިދަން އެއީ އާހިލްގެ ކޮއްކޮއަށް ވިއަސް އޭނައަށް އެލިބުނީ އަދަބާއިމެދު އަހަރެން އުފާކުރަން..." ކައިރިވެލާފައި އާހިލްގެ ގަމީހުގެ ގޮށްފަތީ ދެއަތުން ހިފާލައިގެން ހުރެ ރާމީން މަޑުމަޑުން ބުނެލި އެވެ. އެވަގުތު އާހިލް އޭނަގެ ދަތްދޮޅީގެ ދަށަށް ޝަހާދަތް އިނގިލި ލައްވާލައިފައި މައްޗަށް އުފުލައިލި އެވެ. ރާމީންގެ ލޮލުގައި ވި ކުށްވެރިކަން ފެނުމުން އެކަން ދުރުކޮށްދޭން އޭނަ ބޭނުންވި އެވެ.

"ހީ ޑިޒާވް އިޓް ރާމީ.." އާހިލް ބުނީ ތެދެއްކަން އެލޮލުން އަންގައިދިނެވެ.

އިތުރު ވާހަކައެއް ބުނަން އުޅޭފަދަ އިޝާރަތެއް ފެނިފައި ވެސް ފަހުވަގުތު ރާމީން ހަމައެކަނި ބޯޖަހައިލި އެވެ. ދެން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލައިފައި އާހިލްގެ އަތުގައި ހިފައިގެން ގޮސް އައިރީންގެ އަނެއްފަރާތުގައި ޖެހިޖެހިގެން އިށީނދެލައިފި އެވެ.

އާވި އަރަ އަރާހުރި މީރު ކާއެއްޗެހިތައް ފެނިފައި އެންމެން ކުޅުދިޔާވި އެވެ. ކުޑައިރުކޮޅެއް ކުރިން ރޮއިރޮއިފައި އައިކަމެއް އައިރީން ވެސް ދެން ހަނދާނެއްނުވި އެވެ. އެކަމަކު އެމީރު ކާއެއްޗިއްސާއި އެތަކެއްޗަށް އިންސާފުކުރަމުންދިޔަ އުފާވެރި މޫނުތައް ފެނިގެން އެހެން މީހަކު އޭނަގެ ހިޔާލުތެރެއަށް ވެރިވެގަތެވެ. އެއީ އެލިބުނު ކާމިޔާބީގައި ބައިވެރިކުރަން އައިރީން ބޭނުންވި އެއްފަރާތެވެ.

***

މައްސަލަ ނިމުނުގޮތުގެ ވާހަކަ ނަވާލްގެ ކަންފަތަށް ފޯރީ ޑިއުޓީ ނިންމީގައި އެރޭ ގެއަށް އައިސް ވަންފަހުންނެވެ. އެވާހަކަ އަހާފައި ފުރަތަމަ ވެސް ބޭނުންވީ އައިރީންއަށް ގުޅާފައި މަރުހަބާ ކިޔާށެވެ. އެކަމަކު އޭގެ ކުރިން އޭނަގެ އިނގިލިތައް މަޑުޖެހުނީ ބައްޕަގެ ކޮޓަރިއަށް ވަންނަން އައި އައިދަން ފެނިފަ އެވެ.

"އައިދަން!" އައިސް ހަމަވުމާއެކު ނަވާލް ފޯނު ތިރިކޮށްލާފައި ގޮވައިލި އެވެ.

"ނަވާ!" އައިދަން ކުޑަކޮށް ދަތްދޮޅި އުފުލާލަމުން ރައްދުދިނެވެ.

ދެން އެތެރެއަށް ވަންނަން ވެގެން ތަޅުގައި ހިފާލައިފި އެވެ.

"ކިހިނެތް ހާލު؟" ނަވާލްގެ ސުވާލާއެކު އައިދަންގެ އަތަށް މަޑުޖެހުމެއް އައެވެ.

"ބައްޕަ ފަރާތުން އެނގިއްޖެ ކޯޓުގަ ކަންހިނގި ގޮތް. ސޯ... އާޔޫ އޯކޭ؟" ނަވާލް އަތް އުފުލާލުމަށްފަހު އައިދަންގެ ކޮނޑުގައި ހިފައިލި އެވެ. ނަވާލް ރަނގަޅަށް ހަތަރުކަޅި ހަމަކޮށްލީ އެގަޑީގަ އެވެ. ނަވާލް ނޫން މީހަކު މިއަދު އެސުވާލު އޭނައަކާ ނުކުރެ އެވެ.

"ތެދަށް ބުނަންޏާ މިއަދު ކުރެވުނުފަދަ އިހްސާސެއް ކުރެވުނު ދުވަހެއް ނާދޭ. އަދި މިބުނީ ގޯސް އިހްސާސސެއްގެ ވާހަކައެއް ނޫން.." އައިދަން ވާހަކަފެށިގޮތުން ނަވާލްއަށް މުޅިން ދޭހަނުވެގެން ބުމަ ކައިރިކޮށްލެވުނެވެ.

"އެތަނަށް ފުރަތަމަ ދިޔައިރު ވަކީލުގެވެސް ލަފައާއެކު ނިންމާފަ އޮތީ އެހެން ގޮތަކަށް ވާހަކަ ބަހައްޓޓަން. އެކަމަކު އެތަނަށް ގޮސް ނޭނގެ ވީގޮތެއް. އެތަނަށް ގޮސް ވާހަކަދައްކަން ބޭނުންވީ އެއްވެސް އޮޅުވާލުމެއްނެތި ތެދަށް. އަދި އެވާހަކަތަކަށްފަހު ލިބުނީ މުޅިން އާ ހަމަޖެހުމެއް. އިޓް ފެލްޓް ރައިޓް. ހިތަށްއެރި އެއިހްސާސް ކުރެވޭފަދަ ކަންކަން ގިނަގިނައިން އަހަރެން ނުކުރަންވީ ކީއްވެހޭ. އަދި މިއަދު ހުކުމް އިއްވުމަށްފަހު .. އައިރީން ރޯންފެށިގޮތުން ޔަޤީންވި އެދުވަހުގެ ނިންމުން އެއީ ރަނގަޅު ނިންމުމެއްކަން." އައިރީންގެ ނަން ކިޔާލިއިރު އައިދަންގެ އަޑަށް އައިބަދަލު ނަވާލްއަށް ފާހަގަވި އެވެ.

އެނަން އިވިފައި ޚުދު އޭނަގެ ހިތަށް ވެސް އެނގުންވި އެވެ. އަދި އައިދަން އެދެއްކި ވާހަކަތަކަކީ އެހހިތުގެ އަޑުކަން ވެސް ނަވާލްއަށް ޔަޤީންކުރެވުނެވެ. މިއޮތްހާ ދުވަހު އައިދަންގެ އަމަލުތައް ބެހެއްޓި ގޮތާއިމެދު ކުޑަކޮށް ވެސް އޭނަ ހިތާމަ ކުރާކަން ދައްކާފައެއް ނުވެ އެވެ. އެކަމަކު ކޯޓުގައި ހިނގި އަމަލުތަކުން ދޭހަވި އެއްޗަކީ ކުޑަމިންވަރަކަށް ވިއަސް އައިދަން މިހާރު، ހެދުނު ގޯސް ޤަބޫލުކޮށް އެކަން ރަނގަޅުކުރަން ބޭނުންވި ކަމެވެ. ކުޑަ މިންވަރަކަށް ވިއަސް އަމިއްލަ ނަފްސް ކުށްވެރިކުރި ކަމެވެ. އަދި އެއީ ނަވާލްގެ ނަޒަރުގައި ރަނގަޅު ފާލެކެވެ. އަމިއްލަ ކުށް ޤަބޫލުކުރުމަކީ އިސްލާހަށް އޮތް ފުރަތަމަ ފިޔަވަޅެވެ.

އޭނަ އަމަލުކުރި ގޮތާއިމެދު ނަވާލް ހިތްހަމަޖެހޭކަން ބުނެލީ އައިދަންގެ ކޮނޑުގައި ހިފައި ފިތާލައިފައެވެ. ދެން އޭނަ ވަންނަން ފުރުސަތުދީފައި އަނެއްކާ ވެސް ފޯނަށް ބަލަމުން ހިނގައިގެންފި އެވެ.

ކުރު މެސެޖެއް ކޮށްލާފައި ނަވާލް ވަނީ ފެންވަރާށެވެ. ފަނަރަ ވަރަކަށް މިނިޓްފަހުން އުނުގައި އޮތް ތުވާއްޔާއެކު ނިކުމެ އެއް އަތުން ކުޑަ ތުވާއްޔަކުން ބޯ ހިއްކަމުން ފުރަތަމަ ވެސް ނެގީ ފޯނެވެ. އޭނަ ހައި ޖަހާއި ކޮށްފައި އޮތް މެސެޖުގެ ޖަވާބުގައި އައިރީން ވެސް ހަމަ އެހެން ލިޔެފައި ފޮނުވާފައި އޮތުމުން ހިނިތުންވެލެވުނެވެ. ބޯހިއްކުން ނިންމާލައިފައި ތުވާލިކޮޅު އެތާހުރި ގޮނޑިއެއްގެ އަތްގަނޑުގައި އެލުވާލުމަށްފަހު އެނދުގައި އިށީނދެ އިތުރު މެސެޖެއް ލިޔަން ފެށި އެވެ. މަރުހަބާ ޖަހާފައި އޭނަ ނަތީޖާއާމެދު އުފާވާކަމަށް ބުނެލީ ހިނިތުންވެފައިވާ އިމޯޖީއަކާއި ވެސް އެކުގަ އެވެ. އައިރީންއަށް ޖަވާބު ނުފޮނުވެނީސް އިތުރު މެސެޖެއް ކޮށްލީ "ސެލެބްރޭޓް" ކުރަން ބައްދަލުކުރަންވީނޫންހޭ އަހައިފަ އެވެ. އައިރީންގެ ޖަވާބު ނައިސް ހުއްޓުނީ އެހިސާބުންނެވެ.

"ޝިޓް.." ބަލަން އިނދެ އިނދެ އެތައް އިރެއްވީފަހުން ނަވާލްއަށް ބުނެލެވުނެވެ.

***

"ރީން!" އޮފީސް ނިންމާފައި އައިސް ގެއަށް ވަންގޮތަށް ރާމީން ގޮވައިލި އެވެ.

ބޫޓު ހަރުގައި ބަހައްޓާފައި ހުސްފައިގައި ވަދެގެން ގޮސް ޓީވީ ރެކްމަތީ ހުރި ބޯތަށިތެރެއަށް ތަޅުދަނޑި ލަމުން ދެވަނަ ފަހަރަށް ގޮވައިލި އެވެ. ޖަވާބު ނުލިބުމުން ގޮސް ދޮރު ހުޅުވިއިރު ކޮޓަރި އޮތީ ހުހަށެވެ. ރާމީން ހަނދާންވީ ދެނެވެ. ކޮއްކޮ ވީ ޒަހާއާއެކު އެގެއަށް ގޮހެވެ. އަނބުރާލައިފައި ގޮސް ބަދިގެއަށް ވަދެ އޭނަގެ އަތުގައި ހުރި ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު އެތެރޭ ހުރި އައިސްކްރީމްތަށި ނެގި އެވެ. ދެން ސަމުސަލެއް ހިފައިގެން އައިސް އެކަނި އިނދެގެން ކާން ފަށައިފި އެވެ.

ކުޑައިރުކޮޅެއް ފަހުން ސަމުސާ އެއްފަރާތެއްގައި ބާއްވާފައި ފުން ނޭވައެއް ދޫކޮށްލި އެވެ. ބަނޑުގައި ފިރުމާލައިފައި ގަދަކަމުން ހިންދިރުވާލެވުނުއިރު ލޮލަށް ކަރުނަ ބޮނޑިވަމުން އައެވެ.

"ބޭބީ! މަންމައަކަށް ނޭނގެ މަންމައަށް ތިދަރިފުޅު ލިބުން ހައްޤުކަމެއް ވެސް..." ރާމީންގެ އަޑު ނިކުތތީ ކުރެހިގެންނެވެ.

ލޮލުން ފޭދެން ފެށި ކަރުނަތައް ފުހެލާފައި ދެން އަނެއްކާ ވެސް އޭނަ ފެށީ ކާށެވެ. ސަމުސަލަކަށްފަހު ސަމުސަލެއް އަނގައަށް ލައި ދިރުވިއެއް ކަމަކު ސިކުނޑި ގުޅިފައި ހުރީ ކުޑަދުވަސްކޮޅެއް ކުރީގެ ހަނދާނަކާއެވެ.

ކޯޓުން ލިއުން އައުމާއެކު އައިރީން އައީ އޭނަ ހޯދަން ވެގެންނެވެ. އައިރީންގެ އަތުގައި އޮތީ ކޯއްޗެއްތޯ އެހުމުން އެ ފުރަގަށް ލައިފައި ބުނީ ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ އެވެ. އަދި މިހާރު ވެސް އެވާހަކަ ބުނުން ލަސްވެއްޖެ ކަމމުގަ އެވެ. ދެން އައިރީން ފެށީ މާފަށް އެދޭށެވެ. އޭނަ ކައިރީ ނުބުނީ ސިއްރުކުރަން ބޭނުން ނުވެގެން ކަމާއި ބުނަން ޖެހިލުންވާތީ ކަމަށެވެ. އައިރީން ދެން ކިޔައިދިނީ އޭނައާ އައިދަންއާ ދެމީހުންގެ ކައިވެނީގެ ވާހަކަ އެވެ. ރާމީންއަށް ވަގުތުން އަތް އަޅައިލެވުނީ އަނގަމަތީގަ އެވެ. އެނބުރި ބަލާލިއިރު އާހިލް ވެސް ބަލަން ހުރީ ކުށްވެރިއަކު ފަދައިންނެވެ. އެކުލަވަރު ދެކެފައި އޭނައަށް ވިސްނުނެވެ. އެއީ އާހިލް އެޚަބަރު އެހި ފުރަތަމަ ފަހަރެއް ނޫނެވެ. އައިރީން ޤަބޫލުކުރި ގޮތުގައި ވަރިވެސް ވެފައި ހުރުމުން އެކައިވެނި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވެނީސް ދައްތަ ކައިރީ ބުނުން އެހާ މުހިންމު ވެސް ނުވީ އެވެ. އެކަމަކު އެއެންމެ ޖުމްލައަކުން ރާމީންއަށް ކުރި އަސަރު އޭނައަކަށް ވެސް ރޭކައެއްނުލަ އެވެ.

"ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ ދައްތަ ބޭނުމިއްޔާ އެއްޗެހި ކިޔަސް އަހަރެން މިހުރީ އަޑުއަހަން..." އައިރީންއަށް ރާމީންގެ ހިމޭންކަން ފެނިގެން އަމިއްލައަށް ބުންޏެވެ.

އެކަމަކު ރާމީންއަށް ހަމައެކަނި ކުރެވުނު ކަމަކީ ކޮއްކޮގެ ކޯތާފަތުގައި ހިފާފައި މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލުމެވެ. ހަޤީޤަތުގައި އައިރީން ފުރަތަމަ ބަނޑުބޮޑުވިކަން އެނގުމުން ތުއްތު ދަރިފުޅާއިމެދު އޭނަގެ ހިތުގައި ކުލުނެއް ނުއުފުދެ އެވެ. ނަހަލާލު ކުއްޖަކު ދުނިޔެއަށް އުފަންކޮށް ބައްޕައެއްގެ އެހީއާ ނުލައި ނިކަމެތިކަންމަތީ ބޮޑުވުމަށްވުރެ ދުނިޔެއަށް ނައުން ވެސް މާ ރަނގަޅު ވާނެ ކަމުގައި ހުރީ ޤަބޫލުކޮށްގެންނެވެ. އަދި ޝެހެނާޒްގެ އާއިލާގެ ކިބައިން ބަދަލުހިފުމަށްޓަކައި އެދަރިފުޅު އެއީ ލިބުނު ޢަނީމާއެއްފަދަ އެވެ. ބަދަލު ހިފުމުގެ ރޫޚުގައި އޭނަ ހުރީ ރަނގަޅަށް ވެސް ކަނުވެފަ އެވެ.

އޭނަ ގެ ހިތް ބަދަލުވާން ފެށީ އައިރީން އެދަރިފުޅު ބޭނުންވާވަރު ފެންނަން ފެށީމަ އެވެ. ފަހުން ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހްސާސް ވެގެން ގެއަށް އަންނަން ހުށައެޅީމަ ވެސް އައިރީން ބޭނުންވީ މަޑުކުރާށެވެ. ލޭ އަންނާތީ އައިރީން ގުޅިދުވަހު އޭނަ ބިރުން ހަލާކުވި އެވެ. އުފަން ނުވާ ފުރާނައަށްޓަކައި އޭނަގެ ހިތް ރުޔެވެ. އެދަރިފުޅު ސަލާމަތްކޮށްދެއްވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރިވަރު އެނގޭނީ އޭނަ އަށެވެ.

"ރާމީ!" އާހިލްގެ އަޑު އިވިފައި ރާމީންގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

އިސްއުފުލާއިރު އާހިލް މޭޒުކައިރިއަށް ހުއްޓި ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ.

"ކިހިނެތްވީ ރާމީ؟ ހާދަ ފާޑަކަށް ތި އިންނަނީ..." އާހިލް ކުރިމަތީ ހުރި ގޮނޑީގައި އިށީނދެފައި ރާމީންގެ އަތްތިލަ ނަގައި މުށުތެރެއަށް ލި އެވެ.

ކަޅިޖަހާނުލާ ބަލަން އިނދެލާފައި ރާމީން ހިންދިރުވައިލި އެވެ. ސަމުސާ ތަށިތެރެއަށް ދޫކޮށްލައިފައި އެއަށް ގެނެސް އާހިލްގެ އަތްމަތީ ބޭއްވި އެވެ.

"މިހާރު އައިރީންއަށް އިންސާފު ލިބުނީމަ ވެސް ރާމީ އަބަދު ހީވަނީ ކޮންމެވެސް ކަމާއި ކަންބޮޑުވެފަ ނޫނީ ދެރަވެފަ ހުންނަހެން. ކޮންކަމެއް އަހަންނަށް ތި ސިއްރުކުރަނީ؟" އާހިލް ސުވާލުކުރީ ކުށްވެރިކުރާފަދަ ގޮތަކަށް ނޫނެވެ. އެއަޑުގައި ވީ އަޅައިލުމެވެ. ލޮލުން ފެންނަން ހުރީ އޭނަ ރާމީންދެކެ ވާ ލޯއްބެވެ. ރާމީން ހެޔޮ ހާލުގައި ވުމަށް އެދޭވަރެވެ.

"އަހަރެން ބުނަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް.." ހިންދިރުވާލައިފައި ރާމީން ބުނެލި އެވެ. އާހިލް ވަކި އެއްޗެއް ނުބުންޏެއްކަމަކު އަޑު އަހަން އިންކަން އެނގުނެވެ.

"އަހަރެން ރީން އެގެއަށް ފުރަތަމަ ފޮނުވީ ބަދަލުހިފަންވެގެން. އައި ޑިޑިން ކެއާ އެބައުޓް ހާ ބޭބީ...." ރާމީންގެ ފުރަތަމަ ޖުމްލަ އަހާފައިވެސް އާހިލްގެ ހަށިގަނޑަށް ހަރުކަށިކަމެއް އައެވެ. އެއާއެކު ދާދި އަވަހަށް އެމޫނަށް ފެތުރުނު ކުލައިން ބުނެދިނީ އެއީ ތެދެއްކަން އޭނައަށް ވެސް ވިސްނުނުކަމެވެ.

"އަހަންނަށް އިނގޭ ރާމީ ހުރީ އަހަރުންގޭ އެންމެންދެކެ ނަފްރަތުވެފަކަން. އަހަރެން ރާމީ ކުށްވެރިއެއއް ނުކުރަން. އެކަމަކު އެއީ ބޭބީއާ މެދު ކެއާ ނުކުރާތީއެއް ނޫން...." އާހިލް ރާމީންގެ އަތަށް ފިތާލައިފައި ޖަވާބުދިނެވެ.

"ނޫން. އާހިލްއަށް އަދި އެކައްޗެއް ވެސް ނުވިސްނޭ. އަހަރެންގެ ދަރިފުޅު އަހަންނަށް ގެއްލުނީ އެގެއަށް ދިއުމުން... އަހަންނަށް ޔަޤީން އާހިލް މަންމައާ އެކަމާއި ގުޅުމެއް ވާކަން. އެކަން އެނގި ހުއްޓާ ވެސް އަހަރެން ރީން ފޮނުވީ. ކައިވެނިން ބޭރުން ލިބުނު ކުއްޖެއްކަން އޭރު އެނގިފަ އޮތީމަ އައި ޑިޑް ނޮޓް ކެއާ އިފް އިޓް ލިވްޑް އޯ ނޮޓް... ވާހަކައިގެ ވަކި ހިސާބަކުން އާހިލް އަތް ދަމައިގެންފައި ތެދުވުމުން ރާމީންއަށް ހުސްކަން އިހްސާސް ކުރެވުނެވެ. އެކަމަކު އޭނަ ހުއްޓައިލީ ބުނަން އޮތް ވާހަކަތައް އަމުނާލައިފަ އެވެ. ހުއްޓާލައިފިނަމަ ފުރިހަމަ ކުރާނެ ފުރުސަތު އާހިލް ނުދީފާނެ ކަމުގެ ބިރު އޮތެވެ. އެފުރުސަތު އަލުން ނުލިބިދާނެ ކަމާއިމެދު ވިސްނަން ޖެހުނެވެ.

"އަހަންނަށް އިނގޭ އާހިލް ޤަބޫލު ނުކުރާނެކަން އެހެންވެ އަހަރެން މިއޮތްހާ ދުވަހު ވެސް ނުބުނެ ހުރީ.. އެހެންވެ އަހަރެން އާހިލްއާ އަލުން ގުޅެން ބޭނުން ނުވީ. އަހަންނަށް އިނގޭ އާހިލް އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރާނެކަން..." އާހިލް ކޮޅަށް ތެދުވެފައި ފަހަތަށް ދެފިޔަވަޅު އެޅިތަން ބަލަން އިންދާ ރާމީންގެ ލޮލުން ފުރަތަމަ ކަރުނަތިކި ވެއްޓުނެވެ.

އެވަގުތު އޭނަ އިސްޖަހާލައިފައި އަތުން ހިފައިލީ ބަނޑުގަ އެވެ. އޭނައަށް ހެދުނު ގޯސް އާހިލްގެ ލޮލުނން ބުނެދީފި އެވެ. އާހިލް ދެވަނަ ފަހަރަށް ވެސް އޭނަގެ ކުރިއަށް އިސްކުރާނީ މަންމަ އެވެ. އެކަން އޭނައަށް ޔަޤީނެވެ.

މޫނު ދިގަށް އަތް ހިންގައިލުމަށްފަހު އާހިލް އެޅީ އަދިވެސް އެއްފިޔަވަޅު ފަހަތަށެވެ. ރާމީން ދެއްކި ވާހަކަތައް އެދެމެދުގައި ވައިގެތެރޭ ހަރުލާފައި ވުމުން އެލޮލުން ވެއްޓުނު ކަރުނަ ފުހެން ބޭނުންވެފައި ވެސް ފަސްޖެހެވުނީ އެވެ. އެވަގުތު ދޮރާއި ދިމާއިން އައިރީންގެ ރިހުން އެކުލެވޭ އަޑު އިވިފައި ދެމީހުންގެ ނަޒަރު އެދިމާއަށް ދިޔަ އެވެ.

"ބަނޑުގައި ރިއްސަނީ..." އައިރީން ހުރީ ދަށްބަނޑުގައި ހިފަހައްޓާލައިގެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular