14 Aug 2019

ލޯބި - ދުލަކުން ނުވާނޭ ބަޔާން

ލޯބި - ދުލަކުން ނުވާނޭ ބަޔާން

"އޯކޭ... ފުރަތަމަ ޖެހޭނީ ބައްޕަގެ ހުއްދަ ހޯދައިގެން ބައްޕަ އެއްބަސްކުރުވަން... އެއީ އެންމެ ކުރަން އުނދަގޫ ކަންތައް...!" ޖީހާންގެ ރާގުގައި ހުރި ސަމާސާކުރުންތަކަށް ރައްދުދެމުން ހަމަ އެރާގުގައި ލިލިއަންވެސް ބުނެލިއެވެ. އެވަގުތު ތެޅިގަނެފައި ޖިހާން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ވީގޮތް އެނގުނީ ހަމައެކަނި އަނުމްއަށެވެ.

މޭޒުމަތީގައި ހުރި ފެންތަށި ބަންޑުންވީ ޖީހާންގެ އުނގަށެވެ. ޖީހާނަށްވެފައި ހުރިގޮތުން ނުހޭން ލިލިއަން މަސައްކަތްކުރިއެވެ. ބަޑިފަޅައިގެން ދިޔައީ އަނުމްގެ އެވެ. މިންހާލް އަދިވެސް މާނޫންކަމަށް ހަދައި ދުރަށް ބަލާކަމަށް ހެދިގެން އިނެވެ. އަނުމް އެންމެ ހިނިއައީ މިންހާލްގެ އެ ހަރުދަނާ މިޒާޖުގެ ތެރެއިން ފާޅުވެލި މިންހާލްގެ އެ ޅަކަން ފެނުމުންނެވެ. ހަދަންވީގޮތް ނޭނގި ބޯ ކަހާލަ ކަހާލަ ހުރި ޖީހާނަށް ބަލައިލުމަށްފަހު މިންހާލްއަށް ބަލައިލެވުނީ ލިލިއަންގެ މޫނަށެވެ. އެއިރު ލިލިއަން އިނީ މިންހާލްއަށް ބަލަހައްޓައިގެންނެވެ. މިންހާލްގެ މޫނުމައްޗަށް ފޭދިގެންދިޔައީ ވަގު ހިނިތުންވުމެކެވެ.

"ގެއަށްދާންވީތަ؟ ތި އެއްޗެހި ބަދަލުކޮށްގެންނެއްނު ދެން އަހަރެމެން ދާންއުޅޭ ތަނަށްވެސް ދެވޭނީ؟!.." ކަރުކެހިލާފައި ހަމަޖެހޭ ގޮތް ދައްކަމުން ޖީހާންއާ ދިމާއަށް އެނބުރެމުން މިންހާލް ބުނެލިއެވެ. އެއިރުވެސް ޖީހާން ހުރީ ފެންތަށި ވެއްޓުނީ ކިހިނެތް ކަމާމެދު ވިސްނާށެވެ. ހުރިހާކަމެއް ކޮށްފައި އެއްވެސް ކަމެއް އޭނަ ނުކުރާކަން ދައްކަން އުޅުނުގޮތުން މައުސޫމްކަމެއް މިންހާލްގެ މިޒާޖުން އަނުމްއަށް ފާހަގަވިއެވެ.

ސައިކަލުގައި މިންހާލްއާއި ޖީހާން ދާތަން ބަލަން އިނުމަށްފަހު، އަނުމް އެނބުރުނީ ލިލިއަންއާ ދިމާއަށެވެ.

"ތި ދެމީހުން މެދުގަ އޮތީ ކޮންކަހަލަ ގުޅުމެއް؟!..." ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މޭޒުމަތީ އިން ފިނިފެންތަށި ނަގައި ތުނބުގައި ޖަހަމުން އަނުމް ބުނެލިއެވެ. ދެން ތަށި އަލުން ހުރިތަނުގައި ބަހައްޓަމުން މޭޒުގައި އުޅަނބޮށި އަޅުވާލުމަށްފަހު ދަތްދޮޅީގައި އަތްވިދެލިއެވެ.

"ކާކު؟! ޖީހާންތަ؟.." ގަބޫލު ނުކުރެވުނު ކަހަލަގޮތަކަށް މޫނަށް ވައްތަރެއް ޖައްސާލަމުން ލިލިއަން އެހިއެވެ.

"ނޫން.. ދޮންބެއާއި ލިލިއަންގެ އޮތީ ކޮންގުޅުމެއްހޭ މިއަހަނީ؟!..." އަނުމް އެހެން އެހުމާއެކު ސިހިފައި، ކުއްލިއަކަށް އަނުމްގެ މޫނަށް ލިލއަންއަށް ނަޒަރު ހުއްޓާލެވުނެވެ. ދެން ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައި އޭނާއަށް އެގޮތުގައި އިރުކޮޅަކު އިނދެވުނެވެ. ހަގީގަތުގައި މިންހާލްއަށްޓަކައި އޭނާގެ ހިތުގައި ޖަހަމުން އެދާ ވިންދުތަކާއި އެ ހިތުގެ އެ އިހްސާސްތަކަކީ އެއިހްސާސްތައް އެހިތުގައި ވުޖޫދުވުމާ ހަމައިން ނިމުމުގެ ސިއްކަ ޖަހަން މަޖުބޫރުވެފައިވާ ޖަޒްބާތުތަކެކެވެ. މިންހާލްއަކީ އެހެން މީހެއްގެ ހައްގަކަށް ވާން ތައްޔާރުވަމުންދިޔަ ޒުވާނެއްކަން އޭނާއަށް އެނގެއެވެ. ލިލިއަންގެ ހިތުން މިންހާލްއަށްޓަކައި ޖާގަ ދެވުނީ ހަމަ ކުއްލިއަކަށެވެ. އެރީތި ކަމާއި އެނަޒަރުގެ ފުރިހަމަ ކަމުންނެވެ. ނަމަވެސް އެރީތި ބެލުންތަކާއި އެވަރުގަދަ އަތުގެ ހިމާޔަތް ދުވަހަކުވެސް ލިލިއަންގެ ނަސީބުގައި ވާހެނެއް ހިއެއް ނުވެއެވެ. އެ ހުރިހާ ނަސީބެއް ވަނީ ތަބައްސުމްއަށްޓަކައި ލިޔެވި ނިމިފައި ކަމުގައި ލިލިއަން ދުށްޓެވެ. ތަބައްސުމްގެ ޙަޔާތުގެ ވޮށަށްވެގެން އެ ޙަޔާތް މިންހާލް އަލިކޮށްދޭނެއެވެ. މިންހާލްގެ އެ މަޑުމައިތިރި ލޯބި މިޒާޖުގައި އެފަދަ ހަރުދަނާކަމެއް ވެއެވެ.

"އަހަންނަކީ ދެއަންބަށް ކާވެނިކުރަން އެއްވެސް އިރަކު ރުހޭނެ މީހެއް ނޫން!... އެހެން ނޫނަސް އަނުމް ނުވާނެއެއްނު ތިކަހަލަ ވާހަކަ ދައްކާކަށްވެސް.." ހިތަށް އެވަގުތު އެރި އެއްޗިހި ގިނަކަމުން ލިލިއަންއަށް ވާހަކަ ފެށުނީ މާ ދުރު ދުރުންނެވެ. ލިލިއަން އެ ކިޔާ އެއްޗެއް ނޭނގިފައި އަނުމްއަށް އިނދެވުނެވެ.

"ކާކާ ދެއަންބަށް އިންނަ ވާހަކައެއްތަ ތި ދައްކަނީ؟!..." ލިލިއަން ބުނީ ކީކޭކަން ނުވިސްނުމުން އަނުމްއަށް ދެންވެސް ކޮށްލެވުނީ ސުވާލެކެވެ. ވެއިޓަރ ބިލް ކޮޅު ހިފައިގެން އައިސް އެމީހުންތިބި މޭޒު ކުރިމައްޗަށް ހުއްޓުނީ އެވަގުތުއެވެ. އަނުމް ބިލަށްވާވަރަށް ފައިސާ ދިނެވެ. ދެން އޭނާ އިތުރު އެއްޗެއް ބުނަން ލިލިއަންއާ ދިމާއަށް އެނބުރިލި ވަގުތު ލިލިއަންގެ ފޯނަށް މުނައްވަރު ގުޅިއެވެ. އެހިސާބުން އަނުމްގެ ހިތުގައި އޮތް ސުވާލު އެވަގުތަށް ބޭއްވުމަށްފަހު ދެމީހުންވެސް މިސްރާބު ޖެހީ ލިލިއަންގެ ގެއާ ދިމާއަށެވެ.

ލިލިއަންމެން ގެއަށް ދިޔައިރު، ތޫބާއާއި ތަސްނީމް ކުށްވެރިންތަކެއްހެން މުނައްވަރުގެ ކުރިމަތީގައި ސިޓިންގރޫމްގައި ތިއްބެވެ. މުނައްވަރު ސޯފާގައި އިށީނދެ އިނދެ ޓީވީގެ ރިމޯޓުން ފަހަރަކު ޗެނަލްއެއް ބަދަލުކުރަމުން ދިޔައެވެ. ލިލިއަންއާއި އަނުމް ގެއަށް އައިސް ވަނުމާއެކު ރިމޯޓް ބާއްވަމުން މުނައްވަރު ލިލިއަންއަށް ކުރިމަތިލިއެވެ. އޭގެ ކުރިން ލިލިއަންއަށް ބަލައިލެވުނީ ތަސްނީމްގެ މޫނަށެވެ. ދަތުރުގެ ވާހަކަ ބައްޕަ ކައިރީބުނެ އެއްބަސް ކުރުވުމަށް ތަސްނީމް ކައިރީ އޭނާ ބުނީ މީގެ ކުޑައިރުކޮޅެއްކުރިން ކެފޭގައި އިނދެފައެވެ. އެހާ އަވަހަށް މުނައްވަރާ ހަމައަށް އޭނާ އެވާހަކަ ގެންދިޔައީކަން އެނގުމުން ތަސްނީމްއާ ދިމާއަށް ލިލިއަންއަށް ދެލޯ ހަނިކޮށްލެވުނެވެ. ތަސްނީމް ކައިރިން ކަމަކު އެދިއްޖެނަމަ ވަގުތާއި ހާލަތާއި ބައްޕަގެ މޫޑަކަށްވެސް އޭނާއެއް ނުބަލާނެއެވެ.

"ކޮން ދަތުރެއްގެ ވާހަކައެއް ތަސްނީމް މިދައްކަނީ؟!" އަލުން ޓީވީއާ ދިމާއަށް އެނބުރެމުން މުނައްވަރު އެހެން އެހި އިރު އެއަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމެވެ. އެބަރު އަޑާއި އޭނާގެ ރާގުން އެކަނިވެސް ލިލިއަން އެފަދަ ދަތުރެއް ދިއުމަށް ޚިޔާލުކުރިކަމާމެދު އޭނާ ނުރުހުނުވަރު ހާމަވަމުންދިޔައެވެ. މުނައްވަރަށްޓައި އޭނާގެ ތިން އަންހެން ދަރިންނަކީ ކޮށްޓެއްގައި ބަންދު ކުރެވިފައިވާ ރީތި ދޫނިތަކެކެވެ. މިނިވަންކަމާއެކު ދުނިޔެވީ އެދުންތަކަށް ރުހިގެން އުޅެން ދަރިންނަށް ދަސްކޮށްދީފިނަމަ، ނުފިލާނެފަދަ ލައްގަނޑެއް އޭނާއާއި އެ ކުޑަ ޚާންދާނުގެ ނަން ޚަރާބުކޮށްފާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އޮންނަނީއެވެ. ދުނިޔޭގެ އަނިޔާތަކާއި މަކަރުގެ ލޯތަކަށް އެ ތިން އަންހެން ދަރިން ފަރުދާކުރުމަށް އޭނާއަށް ފެނުނު އެންމެ މޮޅުގޮތަކީ އެއީއެވެ. ފިޔަ ކޮށާލެވި މިނިވަންކަމެއްނެތް ޤައިދަކުން ޤައިދުކުރެވިފައިވާ ރީތި ދޫނިތަކެއްހެން އެ ގޭގެ ހަތަރު ފާރުން އެތެރޭގައި ބަންދުކުރުމެވެ. ހާއްސަ ޒަރޫރަތަކަށްޓަކައި ނޫނީ އެ ތިންދަރިންގެ އަމިއްލަ މިނިވަންކަމަށް އާންބަސް ބުނުމަކީ އޭނާ ހިތުން ރުހުމުން ކުރާނެކަމެއް ނޫނެވެ.

މުނައްވަރުގެ މޫނުމަތިން ފެނުމު ހިތްހަމަ ނުޖެހުމާއެކު ލިލިއަންގެ ހުރިހާ އުންމީދުތަކެއް ފެނަށްވި ކަހަލައެވެ. ނާއުންމީދުގެ ނަޒަރަކުން އޭނާ ދެން ބަލައިލީ އަނުމްގެ މޫނަށެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅޭނެއޭ ބުނާކަހަލަ ބީދައަކުން ލޮލުން އިޝާރާތްކުރަމުން ހަމަޖެހުމަށް އޭނާ އެދުނެވެ.

ބޭބޭ... އެއީ އަޅުގަނޑުގެ އާއިލާއާއި ރައްޓެހިން ބައިވެރިވާ ދަތުރެއް.. މި ފަހަރު ދަތުރު ހާއްސަވަނީ އަޅުގަނޑުގެ ބޭބެގެ ކާވެނީގެ ކަންތައްތަކާވެސް ދަތުރު ގުޅުވާލެވޭތީ.. ލިލިއަންއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް.. ދަތުރު ގޮސްގެން ލިލިއަންއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދޭނަން.." ޖެހިލުންވެ ހުރެވެސް ހިތަށް އައި ހުރިހާ އެއްޗެއް ބުނަމުން އަނުމް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.

"އެކަމަކު އަހަރެންގެ ދަރިންނަށް އެންމެ ރަނަގަޅުގޮތް އެނގޭނީ އަހަންނަށް.. އެހެންމީހުން ދޭ ޔަގީންކަމަކީ ކަމެއް ނޫވާނެކަމެއް ދެއްކޭނެ ޔަގީން ކަމެއްވެސް ނޫން!.. އަހަންނާއި އަހަރެންގެ ދަރިންގެ ކަންކަމުގަ އަހަރެން ނިންމާ އެއްވެސް ނިންމުމަކަށް އެކަކަށްވެސް ގޮތެއް ނުކިޔޭނެ!"

އެވަގުތު ކުއްލިއަކަށް މުނައްވަރުގެ ނަޒަރު އަނުމްއަށް ހުއްޓާލަމުން ހަރުކަށިކަމާއެކު އޭނަ ބުނެލިއެވެ. އެ ބެލުމުގައި ނުރުހުންތެރިކަން ނޫން އެހެން އެއްވެސް ކަމެއް ނުވެއެވެ. މުނައްވަރުގެ އެބެލުމާއެކު އަނުމްއަށްވެސް ބިރުން އިސްޖަހާލެވުނެވެ. ބައްޕަގެ އެ ރުންކުރުކަން ފެނުމުން ލިލިއަން ހިތުގައި ޖެހޭގޮތްވިއެވެ. ބައްޕައަށްޓަކައި އެމީހުންގެ ރައްޓެހިންނަކީ އެއްވެސް ބައެއް ނޫންކަން މީގެ ކުރިންވެސް އެތައް ގޮތަކުން މުނައްވަރު ދިޔައީ ބުނެދެމުންނެވެ. މަސްލަހަތު އިތުރަށް ގޯސްވުމުގެ ކުރިން އެތަނުން ދިއުމުގެ އިޒުނައަކަށް އަނުމް އެދުނެވެ.

"ތިކަހަލަ ފާޑު ފާޑުގެ ދަތުރުތަކުގަ ދާން ނުވިސްނިއްޔާ ރަނގަޅުވާނީ.. އާއިލާ ދަތުރެއްވީމަ ފިރިހެން ކުދިންވެސް ދާނެ. އެހެން ނޫނަސް އެއީ އެންމެން ދަންނަ އާއިލާއެއް.. ހަޑި ނަމެއް ލިބުނަސް އެމީހުން ނުވާނެ މާބޮޑު ކަމެއް.. ވެއްޓޭނީ ދަރިފުޅުމެންކަހަލަ ނިކަމެތިންގެ އަގު... އަބަދުވެސް ހަނދާންނުގަ ބަހައްޓަންވާނެ ތިއީ އަންހެން ކުއްޖެއްކަން! ކަމެއް ދިމާވެއްޖިއްޔާ ފިރިހެނަކަށްވުރެ ބޮޑަށް ބޭޒާރުވާނީ އަންހެން ކުދިން.. މީހުންގެ މަލާމާތާ ނުރުހުމާވެސް ކުރިމަތިލާން ޖެހޭނީ އަންހެން ކުދިންނާ...!!" މުނައްވަރުގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ގޮތް ދޫނުކުރުމެވެ. އެކުވެރިޔާގެ ކުރިމަތީ ގަތް ލަދާއި ވީ ދެރައިން ލިލިއަންގެ އެތެރެހަށީގައި މަޑުމަޑުން ދިޔައީ ހުޅު ރޯވަމުންނެވެ. ކުރިމަތީގައި ހުރީ ބައްޕަކަން ހަނދާންނައްތާލާކަށް ފަހަރެއްގައިވެސް އޭނަ ބޭނުމެއްނޫނެވެ.

"އަންހެން ކުދިންނަށް ވުމަކީ އަހަރެމެން އަމިއްލައަށް ކުރި ކަމެއްތަ؟! އަންހެން ކުއްޖަކަށްވީތީ ހަމަނޭވާއެއްވެސް ނުލައިތަ އުޅެންވީ.. ބައްޕަގެ ތިވިސްނުމާހެދި ފިހާރައިން ގެއަށް ގެއިން ފިހާރައާ ހަމައަށް ނޫންތާކަށް ނުދެވޭ! އަމިއްލައަށް ކުރަންބޭނުންވާ ކޮންމެ ކަމެއް ކުރަންޖެހެނީ ބައްޕަގެ ރުހުމާ އިދިކޮޅަށް.. ދަރިންގެ މައްޗަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް އޮންނަން ވާނެ ކަންނޭނގެ! އުމުރުން ތޭވީސް އަހަރު ވިއިރު، އަމިއްލަ އުފަލަށްޓަކައި އަހަރެމެންނަށް ކުރެވުނީ ކޮންކަމެއް! މިހެން އުޅުނަސް މިދިރިއުޅުންދެކެ ހާދަ ފޫސެއްވެޔޭ ބައްޕާ! ނުވޭ މިގޮތަށް އުޅޭ ހިތެއް!..." ލިލިއަންގެ އަޑު އައިލެއް ބާރުކަމުން ތޫބާއާއި ތަސްނީމްއަށްވެސް އިރުކޮޅަކު ނޭވާހިފައްޓާލައިގެން ތިބެވުނެވެ. ލިލިއަންގެ އެ ރުޅިވެރިކަމަކީ މީގެ ކުރިން އެއިން އެކަކުވެސް ދުށް ރުޅިވެރިކަމެއް ނޫނެވެ. ލިލިއަންގެ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމާއެކު އޭނާ އެ ރައްދުކުރި ކޮންމެ ބަހަކާއެކު މުނައްވަރުގެ އެ ހަރުކަށި ނަފްސަށްވެސް ގުޑުން އެރިކަހަލައެވެ. ލިލިއަންގެ ލޮލުން ފޭދިގެން އައި ކަރުނަޔާއި އެމޫނުމަތީގެ އިހްސާސްތައް އޭނާގެ ދިރިއުޅުމުގެ އެރިހުންތައް ބުނެދެމުން ދިޔައެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ލިލއަން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ދެން މަޑުމަޑުން އަނގަމަތީގައި އަތް އަޅާލަމުންގޮސް ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް އޭނާ ހުއްޓިލިއެވެ. ބައްޕަގެ ކުރިމަތީ އެހާ އިހާނާތްތެރިކޮށް ބަސްބުނާ ހަރުކަށި ލިލިއަންއެއް އުފަންވީ ކޮންއިރަކުބާއޭ އޭނާގެ ހިތަށް އެރި އެވެ. އެ ދަތުރުން އޭނާއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޫނީ މަންފާއެއްވެސް ނެތެވެ. އެކަމަކުވެސް ހިތުގެ އަޑިން އެ ދަތުރުގެ ބައިވެރިއަކަށްވާން އޭނާއަށް ހިތް އެދެވެނީއެވެ. ކީއްވެހެއްޔެވެ؟ ހަމަ އެކަނި މިންހާލް ލޮލުން ދެކިލުމަށްޓަކައި ހެއްޔެވެ؟ އެފަދަ ސުވާލްތަކެއް ސިކުންޑިއަށްވެރިވުމުން ލިލިއަންގޮސް އެނދުގައި އިށީނދެލިއެވެ.

"ލިލިއަންއެވެ! މޮޔަ ނުވާށެވެ! މިންހާލްއަކީ މާދަމާވެސް އެހެން މީހެއްގެ ޙައްގަކަށްވާން ތައްޔާރަށް ހުރި މީހެކެވެ! ދުވަހަކުވެސް އެނބުރި އައުމެއް ނުވާ ގޮތުގައެވެ!" އެއީ އެވަގުތު ލިލިއަންގެ ހިތް ބުނެދިން ގޮތެވެ. އެކަމަކު ހިތުގެ އެބުނުމަށް އޭނާއަކަށް އިޖާބައެއް ނުދެވެއެވެ. ކޮންމެ ބައްދަލުވުމާއެކު ދަގަތްފާނަށް ދަނގަޑު ދަމާ ބީދައިން ލިލިއަންގެ ހިތްދިޔައީ މިންހާލްއާ ދިމާއަށް ދީލާލަމުންނެވެ. ހިތުގައި އުފެދެމުން ދިޔަ އޭނާއަށް ނަންނޭނގޭ އެ ޖަޒްބާތުތަކާއެކު އެ މައުސޫމް ނަފްސަށް ވެސް ދިޔައީ ބަދަލުތަކެއް ގެނުވަމުންނެވެ. މިންހާލް ފެންނަ ހިސާބަށް އޭނާ ދާހިތްވާންފެށިއެވެ. އެފިޔަވަޅުތަކުގެ އަޑަށް އިންތިޒާރު ކުރެވެންފެށިއެވެ. އޭނާ ހުންނަ ކޮންމެ ތަނަކަށް މިންހާލްއަށް އާދެވޭނެ ނަމައޭ އޭނާގެ ހިތަށް އަރަންފެށިއެވެ.

އެކަހަލަ ވިސްނުންތަކެއްގައި ލިލިއަން އޮއްވައި ތޫބާއާއި ތަސްނީމް ކޮޓަރިއަށް ވަނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އެދެމީހުން އައިސް ލިލިއަންގެ ގާތުގައި އިށީނދެލިއެވެ. ފަހަރުގައި ކޮންމެވެސް ސިފައެއްގައި ލިލިއަން ބުނި ބަސްތަކަށް އެމީހުންނަށްވެސް އެއްބަސްވެވެނީއެވެ. އެހެން ނޫންނަމަ އެގޮތުގައި ބުނާނެ އެއްޗެއް ނޭނގި ހިމޭންވެފައި އެމީހުން ނުތިބީހެވެ.

އިރުއޮއްސި އަނދިރިކަން ވެރިވުމާއެކު މަޣްރިބް ނަމާދުކޮށްލައިގެން ލިލިއަން ނިކުތީ ގެއިން ބޭރަށް ދާށެވެ. ކުޑަކޮށް ނަފްސު ހަމަޔަކަށް އެޅުނުއިރު، މުނައްވަރާ ކުރިމަތިލާނެ ހިތްވަރު އޭނާގެ ކިބައިން ވަނީ ނެތިގޮއްސައެވެ. ލަސް ހިނގުމެއްގައި މަގުގެއްލިފައިވާ މުސާފިރެއްހެން އޭނާ ހިނގަމުން ދިޔައެވެ. ދެން ވަކި ހިސާބަކަށް އައިސް ކުރިމަތީ އޮތް މޫދަށް ކުރިމަތިލަމުން އޭނާ ތޮށިމަތީގައި އިށީނދެލިއެވެ. އޭނާގެ ހިތުގެ ހައިޖާނު އެވަގުތު ގެރިގާތަކަށް ބިންދާލި ރާޅު އަނިޔާވެރި ހަމަލަތަކަށްވުރެ ވަކި ކުޑައެއް ނޫނެވެ. އެއިރު މިއަދު މުނައްވަރާ ދިމާއަށް އޭނާ ބުނި ކޮންމެ ލަފްޒެއް ވަކިވަކިން އޭނާގެ ހަނދާނަށް އަންނަމުން ދާންފަށައިފިއެވެ. އަދިވެސް އޭނާ އެވިސްނަނީ އެވަރު އާދައިގެ ކަމެއްގައި މުނައްވަރުދެކެ އޭނާއަށް އެވަރަށް ރުޅިއާދެވުނު ސަބަބާމެދުގައެވެ. އެވަގުތު ކުއްލިއަކަށް ކޮންމެވެސް މީހަކު ފަހަތުން އައިސް އެއްވެސް އިޒުނައަކާ ނުލައި އޭނާގެ ގާތުގައި އިށީނދެލައިފިއެވެ. ލިލިއަންއަށް އެދިމާއަށް ދޫކޮށްލެވުނު ނަޒަރުގޮސް އެޒުވާނާގެ ދެލޮލުގެ ތެރޭގައި ގައިދުވެލި ކަހަލައެވެ. އެއާއެކު އޭނާގެ މެއަށް ފިނިވެލި ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. ނޭވާތައް އަވަސްވެ ދޫބަންދުވިއެވެ. ކުރިމަތީގައި ހިނިތުންވެލައިގެން އިނީ މިންހާލްއެވެ. އެއީ ހަގީގަތެއްކަން ގަބޫލުކުރަން ދަތިވެފައި މިންހާލްއަށް ބަލަހައްޓައިގެން ދެންވެސް ލިލިއަންއަށް އެއިން ގޮތަށް އިނދެވުނީއެވެ.

"މޫނުގަ އެއްޗެއް ހުރީތަ؟!" ލިލިއަންއަށް ހޭވެރިކަންވީ އަތުން މޫނު ފޮހެލަމުން މިންހާލް އެހެން ބުނެލި އަޑަށެވެ. އެއީ ހުވަފެނެއް ނޫންކަން ލިލިއަންއަށް އެނގުނީދެނެވެ. އެހިނދު އެ ދޮން މޫނަށް ރަތްކަންވެރިވެ އެ މޫނުމަތީގެ ރީތިކަން އިތުރަށް ފާޅުވެލިއެވެ.

"ކީކުރަނީ މިތަނުގަ؟!.." އެ ސުވާލު ދެމީހުންނަށްވެސް ކުރެވުނީ އެކު އެކީގައެވެ. އެވަގުތު މިންހާލް ދުރުބަލާލަމުން ހީލިގޮތުން ލިލިއަންގެ ގައިން ހީބިހިނެގިއެވެ. މިންހާލްގެ ގައިންދުވަމުންދިޔަ "އެމްޕޯރިއޯ އަރްމާނީ" ސެންޓްގެ މީރުވަހާއެކު ލިލިއަންގެ ހިތް މަސްތުކުރުވިއެވެ.

"ލިލިއަން ފެނޭތޯ ފާރަލަނީ.." އެވަގުތު މޫނުމައްޗަށް އަބުއިކަން ވެރިކުރުވަމުން، ސީދާ ލިލިއަންގެ ދެލޮލަށް ބަލައިލަމުން މިންހާލް ބުނެލިއެވެ. މިންހާލްގެ އެ ބުނުމާއެކު ލިލިއަންގެ ހިތުގެ ވިންދުތައް އަވަސްވެލިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular