14 Jan 2020

"އިޓްސް އޯކޭ." އީތަން ގަދަކަމުން ހިނިތުންވެލިއެވެ. އޭނާ ދައްކަން ބޭނުންވަނީ މާވީއަށް އޭނާގެ ފަރާތުން އެއްވެސް ކަމެއް ދެން ދިމާނުވާނެކަމެވެ. މާވީ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނެކަމެވެ. އޭނާއަށް މާވީ އިތުބާރު ނުކުރާކަން އެނގެއެވެ.

މާވީ ކާއެއްޗިއްސަށް ބަލައިލީ ފޫހިވެފައެވެ. އޭނާގެ އަރުން އެއްވެސް އެއްޗެއް ނުދިރޭނެއެވެ. އީތަން ކައި ނިމިގެން ނިކުތީ ބޭރަށެވެ. ބަނޑުހައިވެއްޖެނަމަ ކާށޭ މާވީގެ ގާތުގައި އީތަން ބުންޏެވެ. ޓްރޭ ގެންގޮސް ދުރުގައި ބާއްވާފައި މާވީ އައިސް އެނދުގައި އޮށޯތެވެ. އަދިވެސް އޭނާގެ ސިކުނޑީގައިވީ ރޭގައި އީތަން ކުރި ކަންތަކެވެ.

މާވީ ކާއެއްޗިއްސަށް ބަލައިލީ ފޫހިވެފައެވެ. އޭނާގެ އަރުން އެއްވެސް އެއްޗެއް ނުދިރޭނެއެވެ. އީތަން ކައި ނިމިގެން ނިކުތީ ބޭރަށެވެ. ބަނޑުހައިވެއްޖެނަމަ ކާށޭ މާވީގެ ގާތުގައި އީތަން ބުންޏެވެ. ޓްރޭ ގެންގޮސް ދުރުގައި ބާއްވާފައި މާވީ އައިސް އެނދުގައި އޮށޯތެވެ. އަދިވެސް އޭނާގެ ސިކުނޑީގައިވީ ރޭގައި އީތަން ކުރި ކަންތަކެވެ.

އޭނާ އެކަން އީތަންއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެކަމަކު އީތަންގެ ލޭގައި ހުރި ރުޅި އަކީ މުޅިން އަލަށް ފެނުނު ސިފައެކެވެ. ނުބައި އާދަތަކަށް އީތަން ދެވިހިފާފައިވާވަރު ރޭގައި މާވީއަށް އެނގިއްޖެއެވެ. އެއީ އީތަން އަލަށް ކުރިކަމެއްނޫންކަންވެސް އެނގިގެން ދިޔައެވެ. އީތަން ތަކުރާރުކޮށް ބުނީ މާވީ ދެކޮޅު ނުހަދައިފިނަމަ ދެމީހުންނަށްވެސް އޭގައި ހުރި އުފާވެރިކަމުގެ ވާހަކައެވެ. ހަރާމްކަމަކުން ލިބޭ އުފަލަކީ ވަގުތީ އެއްޗަކަށް ނޫނީ ނުވެއެވެ.

އެހަނދާންތައް އާވުމުން އަނެއްކާވެސް މާވީގެ ދެލޯ ފުރިގެން ދިޔައެވެ. މަޑުމަޑުން ގިސްލެވެމުން ގޮސް ރުއިމުގެ އަޑު ކޮޓަރި ތެރޭގައި ހުއްޓެވެ. ބޮލުގެ ރިހުން ގަދަވެ ދެލޯ ހުޅުވަން އުދަނގޫވިއެވެ. އެހެން އޮވެ. ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ.

ހޭލެވުނީ އޭނާއަށް މީހަކު ގޮވާތީއެވެ. ދެލޯ ހުޅުވައިލެވުނީ ގަދަކަމުންނެވެ. އެނދުގެ މަގަތުގައި އިށީދެގެން އިން ޒިންދު ފެނިފައި މާވީ ތެދުވަން މަސައްކަތްކުރިއެވެ.

"އަދި ސައިވެސް ނުބޮންތަ؟" މޭޒުމަތީގައި ހުރި ޓްރޭ އަށް ބަލާލާފައި ޒިންދު އަހާލިއެވެ. ޒިންދުއަށް ޖަވާބު ނުދީ މާވީ ހޯދަންފެށީ އޭނާގެ ފޯނެވެ. ގަޑިންވީއިރެއްބަލަން މާވީ ބޭނުންވިއެވެ. ބާލީސް ކައިރީ އޮތް ފޯނު ނަގައި ބަލާލިއިރު މެންދުރުފަސްވެއްޖެއެވެ. ރޭގައި ނުނިދާ ހުރުމުން އޭނާއަށް ހައިބަނޑާއި އޮވެވެސް ފަސްގަޑިއިރު ނިދިއްޖެއެވެ.

ޒިންދު އެދުނީ އޭނަ އާއި އެކު މާވީ ބޭރަށް އައުމަށެވެ. އީތަން އާއި ސަނީހް ވީ ސްނޯކްލިންއަށް ގޮސް ކަމަށާއި އެހެންވެ ޒިންދުވެސް ފޫހިވެއްޖެކަމުގައި ބުންޏެވެ. މެންދުރު ކެއުމުގެ ވަގުތު ޖެހިފައިވާތީ ޒިންދު އެދުނީ ރެސްޓޮރެންޓަށް ގޮސް ކެއުމަށެވެ.

** **

ޒިންދު އާއި އެކު ހޭދަވި ވަގުތުތަކުގައި މާވީގެ ބޮލުގެ ރިހުން ލުއިވެގެން ދިޔައެވެ. ޒިންދު އޭނާ އަމިއްލަ ދިރިއުޅުމުގެ އުފާވެރިކަން ކިޔައިދިނެވެ. މިހާރު ދިރިއުޅެނީ މެލޭޝިޔާގައެވެ. މިފަހަރު އައީ ސަނާޔާ އެދުމުން މާވީމެންގެ ކައިވެންޏަށެވެ. ކުއްޖަކު ހޯދަން މަސައްކަތްކުރާތީ ވަޒީފާ މެލޭޝިޔާއަށް ބަދަލުކުރިކަމަށް ޒިންދު ބުންޏެވެ.

ކާއެއްޗެހީގެ މީރުވަސް ނޭފަތުގައި ޖެހުމުން މާވީ އަށް ބަލައިލެވުނީ މޭޒުމައްޗަށް ތިރިކުރަމުން ދިޔަ ސީފުޑް ޓްރޭއަށެވެ. ތަރުތީބުކޮށް އަތުރާފައި ހުރި ޕްރޯންސް ތައް ފެނިފައި މާވީގެ ބަނޑު ކުކުރަންފެށިއެވެ.

"ގުޑް އަފްޓަނޫން." ދަންނަ އަޑެއްކަން އެނގިގެން މާވީ ބަލައިލެވުނީ ވެއިޓަރުގެ މޫނަށެވެ. ހައިހޫނުކަމާއި އެހެން ހުރިހާކަމެއްގެ މަތިން އޭނާ ހަނދާންނެތުނީ ކުރިމަތީގައިހުރި ހާމިދު ފެނިފައެވެ.

"ހާމިދުބޭ." މާވީ ގެ މޫނު ފެނިފައި ޖަވާބެއް ދޭން ނޭނގިފައި ހާމިދު އިރުކޮޅަކުހުއްޓެވެ. ދެން މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ކޮލުގެ މަސްތައް ކުރުގެޅިގެންގޮސް ލޮލާއި ހަމަޔަށް ރޫގިނަވެގެންދިޔައީ ހިނިތުންވުން ފުޅާވެގެން ދިޔަވަރުންނެވެ. އެދެމީހުންގެ މޫނަށް ބަލަން އިން ޒިންދު މާވީގެ ނަމުން ގޮވާލިއެވެ. ހާމިދު ކައިރީ މާވީ އެހީ ޑިއުޓީ ނިމޭނެވަގުތެވެ. އަދި އޭނާ ވާހަކަ ދައްކަން ބޭނުންވެފައިވާކަމަށް ބުނުމުން ހަވީރު އަންނާނެކަމަށް ހާމިދު ބުންޏެވެ.

** **

ދުރުގައި ވަކިން އިން ޒިންދު ފޫހިވެގެން ފޯނާއި ކުޅެމުން ދިޔައެވެ. އަތިރިމަތީގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި މާވީ އާއި ހާމިދު ތިއްބެވެ. އިރުގެ އަލިކަން ދުނިޔެ އާއި ވަކިވާން ކައިރިވެއްޖެކަމުގެ ކުލަތައް އުދަރެހުން ހުރީ ފެންނާށެވެ. އެ މަންޒަރުބަލަން ނުކުމެތިބި މީހުންގެ މޫނުތަކުން އުފާވެރިކަން ފެންނަން ހުއްޓެވެ. މާވީ އިނީ އިސްޖަހައިގެންނެވެ. ދެންމެ ހާމިދު ކިޔައިދިން ބައެއް ވާހަކަތަކުގެ ސަބަބުން އޭނާގެ މޫޑްވަނީ ގެއްލިފައެވެ. އޭނާ ހީކުރީ ގޭ ވަޒީފާ ދޫކޮށްލީ ހާމިދުކަމަށެވެ.

"ކުއްލިއަކަށް މި ވަޒީފާއަށް ދާން އެންގީ، އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން ތި ގޭ ނޫން އެހެންތަނެއްގައި ވަޒީފާ އަދާކުރާކަށް. އަހަރެން އަމިއްލަ ގެ ފަދައިން ބެލެހެއްޓިތަނަށް ހިތުގ ލޯބި ވަނީ އުފެދިފައި، އަހަރެން އމިއްލަ ދަރިންނަށްވުރެ ގިނަ ވަގުތު ދެވުނީ މާވީއަށް، އަހަރެންގެ ދަރިން ސްކޫލުން ގެއަށް ނުގެންގޮސް އަހަރެން މާވީ ގެންދިޔައިން." ހާމިދު ޝަކުވާ ކުރާ ރާގެއްގައި ކިޔައިދެމުން ދިޔައެވެ.

"މާމަ އެހެން ކަންތައްކުރަންޖެހޭ ސަބަބެއްވެސް އޮންނާނެ؟ ހާމިދުބެއަށް ހީވަނީ ކިހިނެއް؟" މާވީގެ މޫނަށް ބަލާލާފައި ހާމިދު އަނެއްކާވެސް ކިޔައިދެންފެށިއެވެ.

"މިންހާ ގެއަށް އައުމާއި އެކު ވަރަށް ގިނަ ކަންތައް ފައުޒިއްޔާ ބަދަލުކުރި، އަހަރެން ފޮނުވާލީ އަހަރެން ކުރެ މިންހާ އެއްޗެއް އަހާފާނެތީ." ހާމިދު އާއި އެއްވަރަށް މާވީ ތެދުވިއެވެ. ހާމިދު ގޭގައި ނެތްކަން އެނގުނީ މިންހާ ހޯދާތީއެވެ. ހާމިދު ކައިރިން އޮޅުންފިލުވަން މިންހާ އުޅެނީ ކޮންކަމެއްބާއޭ މާވީގެ ހިތަށް އެރިއެވެ.

"ހާމިދުބެއަށް އެނގޭ ކޮންމެ ކަމެއް އަހަންނަށް ސިއްރުނުކޮށް ކިޔައިދެވޭނެތަ؟" މާވީ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ހާމިދުގެ މޫނުން ފެނުނީ ކަންބޮޑުވުމެވެ. މާވީއަށް އެނގެންނުޖެހޭ ކަންތައްތަކެއްހުރީކަން ހާމިދުގެ މޫނުން އެނގެއެވެ. މާވީ އެދުނީ އޭނާއަށް އެއްވެސް ކަމެއް ސިއްރުނުކުރުމަށެވެ. ބޮޑުކަމެއް ހިނގާފައިވާނަމަ އެކަން އެނގުމުގެ ހައްޤު އޭނާއަށްވެސް އޮންނާނެކަމަށެވެ.

އާމިރު އިތުރު ކައިވެންޏެއް ކޮށްގެން އުޅޭކަން މާވީއަށް މިހާރު އެނގިފައވާކަމަށާއި މިންހާ ސަތާރަ އަހަރު ޖަލުގައި ހުންނަންޖެހުނުކަންވެސް އެނގިފައިވާކަމަށް މާވީ ބުންޏެވެ. ހާމިދު ހަދާނެގޮތް ހުސްވެފައިވާ މީހެއްފަދައިން ގިނޑީގައި އިށީނެވެ.

"މިންހާ ޖަލުގައި ހުންނަންޖެހުނީ އޭނާގެ އެއްވެސް ކުށެއް ނެތި." ހާމިދު ގަސްތުކުރީ ކިޔައިދޭށެވެ. ކޮންމެ ފަހަރަކު އޭނާގެ ދޫ ބަންދުވަނީ އާމިރު އޭނާއަށް ކޮށްދީފައިވާ ހުރިހާ ކަމެއް ފައުޒިއްޔާ ހަނދާންކޮށްދޭ ހިސާބުންނެވެ. އެއީ އޭނާގެ ބަލި ފަޔެވެ.

"އެހެންވިއްޔާ އަހަރެންގެ މަންމަ މަރާލި މީހަކުވެސް ހުންނާނެ، އެރޭ ހާމިދުބޭ ހުރީ ކޮންތާކު؟" މާވީ ސުވާލުކުރިއެވެ.

ހާމިދުގެ ހަނދާނަށް އައީ އެރޭގެ ބިރުވެރިކަމެވެ. ސިޓިންރޫމްގައި އޭނާ ހިރަފުސްފޮޅަންހުއްޓާ އެގޭގެ ރަނގބީލް ޖެހުނެވެ. ދޮރު ހުޅުވުނުއިރު ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހަމުގެ ކުލަ އަލިކަމުން އެއީ ރާއްޖެ މީހެއްހެން ހިއެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގައިވަނީ ރަންކުލ ޖައްސާފައެވެ. ބުމަ ކައިރީ ކަޅު ލަފެއް އިނެވެ. ދެލޮލުގައި ކުލަ ނޭނގުނީ އަޅައިގެން ހުރި އަވި އައިނުގެ ސަބަބުންނެވެ. އެކމަކު އެ ޒުވާނާ ފަރިތަކޮށް ދިވެހިން ވާހަކަ ދެއްކިއެވެ. ހިމްނާ ކޮބައިތޯ އެހުމުން ހާމިދުއަށްވުރެ ކުރިނ އޭގެ ޖަވާބު ދިނީ ހިމްނާއެވެ. މަތީ ކޮޓަރީގައި އުޅެފައި ހިމްނާ ސިޑިން ފައިބަން އައި ވަގުތަކީ އެއީއެވެ.

އެއީ ކާކުކަން ހާމިދުއަކަށް ނޭނގެއެވެ. ހިމްނާ ދަންނަ މީހެއްކަން އެނގެއެވެ. އެމީހަކާއި އެކު ހިމްނާ ދިއުމުން ހާމިދު ބެލީ އޭނާގެ މަސައްކަތް ނިންމޭތޯއެވެ. އޭނާ ބޭރަށް ނިކުތީ ކުނިތައް އުކާލާށެވެ. އެއީ ދިހަވަރަކަށް މިނެޓްގެ ވަގުތުކޮޅެކެވެ. އެނބުރި ވަންނަން އައިތަނުން އެއްކަލަ ނުދަންނަ މީހާ ނިކުންނަތަން ފެނުނެވެ. އެމީހާ އަކީ ކާކުތޯ އޮޅުންފިލުމުގެ ޝައުޤުވެރިކަން އޮތުމުން އެމީހާ ދާތަނެއް ބަލަން ދާން ހާމިދު ހިތަށް އެރިއެވެ.

ގޭ ކުރިމަތީގައި އޮތް ހުދު ކާރު ހާމިދު އަށް ފެނުނެވެ. އެމީހަކު ގޮސް އެރީ އެކާރަށެވެ. ބޭރުން ފައުޒިއްޔާ އައިސްވަނީ އެވަގުތެވެ. ފައުޒިއްޔާގެ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ހާމިދު އެތެރެއަށް ވަނެވެ. ފައުޒިއްޔާގެ މިސްރާބު ހުރީ ހިމްނާގެ ކޮޓަރިއަށެވެ. މީގެ ދުވަސްކޮޅެއްގެ ކުރިން މިންހާ އާއި ފައުޒިއްޔާގެ ދެމދުގައި ހިނގި ޒުވާބަކަށްފަހު ފައުޒިއްޔާ އޮޅިގެންވެސް މިންހާގެ ކޮޓަރިއަށް ބަލައިވެސް ނުލައެވެ.

ފައުޒިއްޔާ ހަޅެއްލަވައިގަތީ ހާމިދު އެކޮތަޅުތައް ބަހައްޓާފައި ނިކުންތަނާއި އެވެ. އެދިމާލަށް ދިޔައިރު ފެނުނީ ހާމިދުގެ މޭގަނޑު އަނގައަށް އަންނަ ފަދަ މަންޒަރެކެވެ. ތިރީގައި ވެއްޓިފައި އޮތް ހިމްނާ އާއި އެކޮޓަރި ތެރޭ ދެމިފައިވާ ލޭގެ ކޯރު ފެނިފައި ހިނދުކޮޅަކަށް ހާމިދުއަށް އެތަނުގައި ދެން ހިނގި ކަންތަކުގެ މަތިން ހަނދާން ނެތުނެވެ. އެތަނަށް އާމިރު އައީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ފުލުހުންނާއި ގޭގެ އެހެން ނޯކަރުންތައް އައިސް މުޅިތަން ހަލަބޮލިވެގެން ދިޔައެވެ.

އެންމެންގެ ތުހުމަތުގެ އިނގިލި މިންހާ އާއި ދިމާލަށް ދިއްކުރަމުން ދިޔައިރު މިންހާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ އާއިރުވެސް ހިމްނާގެ ފުރާނަ ނެތްވާހަކައެވެ. އެކަމަކު އެތަނުގައި ފައުޒިއްޔާގެ އަޑުގަދަކަމުންނާއި ނުފޫޒު ގަދަކަމުން މިންހާގެ އަޑު މަޑުވިއެވެ. އެތަނުގައި މިންހާއަށް ރުހުމުގެ ލޮލުން ބަލައިލާނެ މީހަކު ނެތެވެ. މާކުރިން ފެށިގެން އެގޭގެ އެންމެންގެ ހިތުން މިންހާ އަށް ލޯބި ވަނީ ފުހެވިފައެވެ. ފުލުހުން މިންހާ ގެންދިޔަފަހުން މާވީ އާއި ހަވާލުވީ ފައުޒިއްޔާއެވެ.

ހިމްނާގެ މަރަށްފަހު ފުރިހަމަ ތަހްގީގެއް ހިންގިފައިވާކަމަށް ހާމިދު ޤަބޫލެއް ނުކުރެއެވެ. އެންމެ ކުޑަމިނުން އެގޭގެ އެއްވެސް ނޯކަރަކާއި ސުވާލެއް ނުކުރެއެވެ. އެރޭ ހިމްނާގެ މަރާއި އެމީހާއި އާއި ގުޅުމެއް ވެދާނެކަމަށް ހާމިދު ފުރަތަމަ ބުނީ އާމިރުގެ ކައިރީގައެވެ. އާމިރު އެކަނި އިންނަވަގުތު ގިނަވެފައިވާތީ ކަންބޮޑުވުން ދުރުވާނީ އެ މަރުގެ ތަފްސީލް އެނގިގެންކަމަށް އޭނާއަށް ޤަބޫލުކުރެވޭތީ އޭނާ ގަސްތުކުރީ އޭނާއަށް އެނގޭ މިންވަރެއް ކިޔައިދިނުމަށެވެ.

އާމިރު ސިހިފައި ތެދުވެ ހާމިދު ކައިރީ އެހީ އެއީ ކާކުކަން އެނގޭތޯއެވެ. އެއީ ކާކުކަން ނޭނގުނަސް އެމީހާ އެރި ކާރުގެ ނަންބަރު ހާމިދު ވަނީ ހިތު ދަސްކޮށްފައެވެ. ކާރުގެ ވެރިފަރާތަކީ އެއީ ކަމަށްވާނަމަ އޭގެ އެހީގައި އެމީހަކު ހޯދިދާނެއޭ ބުނެ ހާމިދު ދިން ލަފާ އަހާފައި އާމިރު ތެދުވެގެން ގޮސް ހުއްޓުނީ ތިޖޫރީގެ ކައިރީގައެވެ. ޗެކު ފޮތް ނަގައިގެން އައިސް ލިޔުނީ ފަސްލައްކަ ރުފިޔާގެ ޗެކެކެވެ. ހާމިދުގެ އަންހެނުން ކިޑްނީ ބަދަލުކުރަން ބޭނުންވޭތޯ އާމިރު އެހުމުން އޭނާ ހުރީ ޤަބޫލުނުކުރެވިފައެވެ. އާމިރު އެދުނީ އެ ތަހްގީގު ނިމެންދެން ހާމިދުގެ ދޫ ހިމޭނުން ލައިގެން ހުރުމަށެވެ. އޭނާގެ ދަރިންގެ ޚަރަދުތަކާއި ހުރިހާ ކަމަކާއި އާމިރު ހަވާލުވެދާނެކަމަށް ބުނެ ރަނގަޅަށްވެސް ހާމިދު ފައިސާތައް އަޅުވެތިކޮށްލިއެވެ.

ހިމްނާ އަކީ އާމިރު އެންމެ ލޯބިވި އަނބިމީހާއެވެ. މިންހާ އަކީ އާމިރުގެ ފުރަތަމަ ލޯތްބެވެ. ދެ އަނބިންގެ މެދުގައި އުޑާބިމާހާ ފަރަގު ގެންގުޅެއެވެ. ދެމީހުންގެ އުޅުންވެސް ހުރީ އެފަދައިންނެވެ. ހިމްނާ އައިސް ކުޑަ ދުވަސްކޮޅެއްގެތެރޭ ގޭގެ ނޯކަރުންނަށް ދަންދެން ވާހަކަ ދައްކައިގާތްކަން ބޭއްވިއެވެ. މިންހާ ފެނުނީ އެކަނިވެރިކަމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. އާމިރު އާއި މިންހާގެ ދެމެދުގައިވެސް މާބޮޑު ގުޅުމެއް ނެތެވެ.

އެންމެ ލޯބިވާ އަނބި މީހާގެ ޤާތިލް ދެނެގަތުމުގެ ބަދަލުގައި އަމިރުގެ ފަރާތުން ފެނުނު ސިފައަކީ ހާމިދު އެންމެ ފޫހިވި ސިފައެވެ. ފަހަރެއްގައި އެއީ މިންހާ އެގެއިން ނެރެލަން ލިބުނު އެންމެ ފަސޭހަ ބަހަނާކަމަށް ވެދާނެއެވެ. ދެ އަހަރުގެ މާވީއާއި މެދުވެސް އާމިރު ވިސްނާނުލާކަމުގެ ހެއްކެކެވެ. ފހަރުގައި އެއީ މަންމަގެ ލޯބި ފައުޒިއްޔާއަށް ދެވޭނެތީ އާމިރު އަޅާނުލި ސަބަބަށް ވެދާނެއެވެ. މިންހާ ހުރިނަމަ ފައުޒިއްޔާއަށްވުރެ ރަނގަޅަށް އެ ޒިންމާ ނެގުނީހެވެ.

** **

ހާމިދުއަށް އެނގުނު ކަމެއްވިއްޔާ ސިއްރުނުކޮށް މާވީއަށް ކިޔައިދިނެވެ. މާވީ އިނީ އޭނާގެ ކަންފަތަށް އިވުނު ވާހަކަތަކާއި މެދު ޤަބޫލުނުކުރެވިފައެވެ. އަމުދުން އާމިރު ކަންތައްކުރި ގޮތް އަހާފައި އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. އެތަނުން ތެދުވެގެން އޭނާ ކޮޓަރި އާއި ހަމަޔަށް އާދެވުނުއިރުވެސް ސިކުނޑީގައި ބުރުޖަހަމުން ދަނީ އެވާހަކަތަކެވެ.

އާމިރު މިންހާ ދެކެ ރުޅި އަންނަ ސަބަބެއް އޮންނާނެއެވެ. އެދެމީހުންގެ ކައިވެންޏަކީ އެއްވެސް މީހެއްގެ ނުފޫޒަކާއި ނުލައި ލޯބިން ފެށުނު ގުޅުމަކަށްވާއިރު އެ ލޯބި ނެތިދިޔަ ސަބަބެއް ނެތިއެއް ނުދާނެއެވެ. އެކަންތައް މާވީ އެނގެން ބޭނުންވިއަސް އެ މައުލޫމާތު އޭނާއަށް ލިބޭނީ ކާކުގެ ފަރާތުންބާއޭ ހިތަށް އެރިއެވެ.

"މިންހާ" ދުލުން މިންހާގެ ނަން ބޭރުވުމުން މާވީ ހައިރާންވިއެވެ. މިންހާ ދައްކާ ހުރިހާ ވާހަކަތަކުގައި ދޮގެއްނުވާނެކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

މާވީއަށް ކއިވެނީގެ ހަދިޔާއެއްގެ ގޮތުގައި މިންހާ ގެނެސްދިން ސިޓީއުރައިގެ މަތިން މާވީ ހަނދާންވީ ދެނެވެ. ފުރަންވެގެން އަތް ދަބަހަށް ލެވުނުގޮތަށް އޭގެ މަތިން ހަނދާނެއް ނެތެވެ. އޭނާ އަވަސްވެގަތީ އެ ސިޓީއުރަ ނަގައި ބެލުމަށެވެ.

ސިޓީއުރައިގައި ފުރަތަމަ އޮތީ މާވީގެ އުފަންދުވަހުގެ ސެޓްފިކެޓެވެ. މިންހާއަށް އޭތި ދިނީ މާވީގެ އަތުންނެވެ.އިތުރު ކަރުދާސްތަކެއް ހުރިހެން ހީވެ މާވީ ބަލާލިއެވެ. ދެވަނަ އަށް ނެގުނު ގަނޑުގައި އޮތީ އުފަންދުވަހުގެ ސެޓްފިކެޓެކެވެ. ދޭތީގެ ފަރަގު ދެނަގަތުމަށް މާވީ އެނދުމަތީ އެގަނޑުވެސް ފަތުރާލިއެވެ. ކޮންމެ ގަނޑެއްގައިވެސް މާވީގެ މައުލޫމާތު ހުރީ އެއްގޮތަށެވެ. އާމިރުގެ މައުލޫމާތުވެސް ރަނގަޅެވެ. ތަފާތީ މަންމަގެ ނަމުގައި ހުރި މައުލޫމާތެވެ.

އެކަތީގައި އިނީ މިންހާގެ ނަމެވެ. އެއީ ކޮންތާކުން ހޯދި ސެޓްފިކެޓެއްކަމެއް ނޭނގެއެވެ. އެކަމަކު އެއީ އަމިއްލައަށް ހަދާފައިވާ އެއްޗެއް ނޫންކަން އެނގުނީ އޭގައި ރަސްމީ ތައްގަނޑުޖަހާފައި އިނުމުންނެވެ. ހިމްނާގެ ނަން ލިޔެފައިވާ ސެޓްފިކެޓްގެ އާކަމުން އެއީ ގިނަދުވަސްވެފައިވާ އެއްޗެއް ނޫންކަން އެނގެއެވެ. ރަސްމީ އެއްވެސް ސިފައެއް ނެތެވެ. މީގެކުރިން އެއީ އަސްލު އެއްޗެއް ނޫނޭ މާވީ ހިތަކަށް ނާރައެވެ.

މާވީގެ ހިތް ހީވީ މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ. މިންހާ އަކީ އޭނާގެ މަންމަ ނަމަ ހިމްނާގެ ނަމުގައި ސެޓްފިކެޓެއް ހަދައި އޮޅުވާލުމުގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ. މިންހާ ޖަލުގައިވީކަން ބުނަން ބޭނުން ނުވާތީކަމަށް ވެދާނެއެވެ. އޭގެ ބަދަލުގައި ހިމްނާ މަރުވެއްޖެކަމަށް ބުނެގެން މާވީގެ ޝަކުވާތަކުން ސަލާމަތްވެވޭނެތީ އެހެން ހެދީކަމަށްވެދާނެއެވެ.

މިވަގުތު ގޮސް އާމިރުގެ ކުރިމައްޗަށް އަރައި މާވީއަށް އެނގުނު ކަންކަން ކިޔައިދޭނަމޭ ހިތަށް އެރިއެވެ. އީތަން އައުމާއި އެކު މާލެ ދާން އޭނާ ބުނާނެއެވެ. އާމިރު ކައިރީ ޝަކުވާކުރަން ބޭނުމެވެ.

އީތަން އައުންލަސްވެގެން މާވީ އީތަންގެ ފޯނަށް ގުޅިއެވެ. އެކަމަކު އީތަން ޖަވާބެއް ނުދެއެވެ. ރޭގަނޑު ނުވައެއް ޖަހަނިކޮށް އެކޮޓަރިއަށް ޒިންދު އައެވެ. އީތަންމެން އޯވަރނައިޓް އަކަށް މަޑުކުރާތީ ޒިންދު އައީ މާވީގެ ކޮޓަރީގައި ނިދާށެވެ. ޒިންދުއަށް އެކަނި ނިދަން ނުކެރޭކަމަށް ބުންޏެވެ. ސަނީހް ޒިންދުއަށް ގުޅާފައި މިރޭ ނުދާކަން އަންގާފަދައިން އީތަންއަށްވެސް އެގޮތް އޮންނާނެއެވެ. މިއަދު މާވީ ރުޅިއަށްހުރީތީ ގުޅަން ނުކެރުނީބާއޭ މާވީ ހިތަށް އެރިއެވެ.

ނިދަން އެރިތާ މާގިނައިރުތަކެއް ނުވެ ޒިންދު ނިދައިފިއެވެ. މާވީގެ ދެލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ވިސްނާ ފިކުރުކުރުމުގައި ވަގުތުތައް ދިގުދެމިގެން ދިޔައެވެ. ޒިންދުއަށް ފުރަގަސްދެމުން މާވީ އެއްފަރާތަކަށް އެނބުރުނު ވަގުތު ޒިންދުގެ އެއްފައި ގެނެސް މާވީގެ ފައިމައްޗަށް ލިއެވެ. އެއީ ނިދީގެ ސަބަބުން ޒިންދުއަށް ވީގޮތެއްކަމަށްބަލައި މާބޮޑުކަމަކަށް ނުހަދަން އޮއްވާ އޭނާގެ ބުރަކަށީގައި ޒިންދު ފިރުމާލިއެވެ. އެންމެ ފުރަތަމަ ހެދުމުގެ މަތިންނެވެ. މާވީ ލައިގެން އޮތް ނިދާ ހެދުމުގެ އެތެރެއަށް އަތްލާން ފެށުމުން ހަޅެއްލަވައިގެންފައި މާވީ ތެދުވަން އުޅުނެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular