16 Jan 2020

By: Mariyam Yasma

"ދުވަސްކޮޅެއްވެއްޖެ އަހަރެން އަކީލްއާ ބައްދަލުކުރަން ބޭނުންވެފަ ހުންނަތާ." ޒާމިން އިތުރަށް ބުނެލި އެވެ.

***

ފަހުން ބައްދަލުވާން ޒާމިންއާ ދެމީހުން ނަންބަރު ބަދަލުކޮށްފައި އަކީލް އެދުވަހު އައީ ގެއަށެވެ. މުޅި ދުވަހާއި އެރޭ ވެސް ސިކުންތުކޮޅަކަށް ވެސް ރިއާނާ އޭނަ ނުފެންނަ ހިސާބަށް ފޮނުވާކަށް ހިތެއް ނުރުހުނެވެ. އެކަމަކުވެސް އޭނައަށް މުހިންމު ވީ އެދަރިފުޅުގެ އުފަލެވެ. ރިއާނާ ޔަލްވީ ކައިރިއަށް ދާން އެދުމުން ހިތާއި ދެކޮޅަށް ވެސް އެކަމަށް އެއްބަސްވި އެވެ. ބަދަލުގައި ޔަލްވީ އޭނައަށް ޔަޤީންކޮށްދިނީ ރިއާނާ ރަނގަޅަށް ބަލައިދޭނެ ކަމުގަ އެވެ.

މުޅި ރޭ އޭނައަށް އޮންނަން ޖެހުނީ ރައިޝާގެ ހިޔާލުގައި ނުނިދިފަ އެވެ. ޒާމިން އޭނައާ ބައްދަލުކޮށްގެން ދައްކަން ބޭނުންވާ ވާހަކައެއް އޮޅުންފިލުވާހިތުން ކެތްތެރިކަން ކުޑަވި އެވެ. ލިބުނު ފުރުސަތުގައި ކުޑަމިނުން ރައިޝާގެ ހާލު އަހުވާލު އޮޅުން ނުފިލުވާ އާދެވުނު ކަމަށްޓަކައި ހިތާމަކުރި އެވެ. ތަފާތު އެކި ކަހަލަ ނުބައި ހިޔާލުތައް ސިކުނޑިއަށް ވަދެ އުދަނގޫ ކުރަން ފެށުމުން އެހިޔާލުތައް ބޭރުކޮށްލަން މިންނެތް މަސައްކަތް ކުރަން ޖެހުނެވެ.

"އިރާދަކުރެއްވިއްޔާ ޒާމިން ދައްކަން އެއުޅެނީ ރައިޝާއާ ބެހޭ ނުބައި ޚަބަރެއްގެ ވާހަކައެއް ނޫން. ޝި ވިލް ބީ ފައިން އެން ހެޕީ." އަކީލް އަމިއްލަ ހިތް ހަމައަކަށް އެޅުވުމަށްޓަކައި އަމިއްލަ ނަފްސާއި ވާހަކަދެއްކި އެވެ.

ޖެހިގެން އައި ދުވަހު ޒާމިން ބުނި ގަޑިއަށް ދާންވެގެން އޭނަ ނިކުތީ އޮފީހުގައި އިނދެފަ އެވެ. ޓައީ ދޫކޮށްލާފައި ނަގައި ފަޓްލޫނު ޖީބަށް ކޮށްޕައިލުމަށްފަހު ޑްރައިވަރު ކާރު ކައިރިކުރާންދެން މަޑުކުރި ވަގުތުކޮޅުވެސް ދެތިން ފަހަރު ގަޑިއަށް ބެލުނެވެ. ޑްރައިވަރު އޭނަގެ މަންޒިލަށް ކާރު މަޑުކުރުމުން ފައިބާފައި ބަލައިލީ ކުރިމަތީ ވަދެވެން ހުރި ތަނުގެ ނަން ބޯޑަށެވެ. ބޭރުން ބަލައިލުމުން ހީވަނީ މާވިއްކާ ތަނެއް ހެންނެވެ. އެކަމަކު ދޮރު ހުޅުވާލައިފައި ވަންހާއިރުން އެތެރޭގައި ޖަހާފައިވާ މޭޒުތައް ފެނުނެވެ. ކައުންޓަރުގެ ކައިރިން ލައިފައި ތަންކޮޅަކަށް ދެވުނުތަނާ ޒާމިން ދުރުގައި ހުރި މޭޒު ދޮށުގައި އިނދެފައި އަތް އުފުލައިލި އެވެ.

އަކީލް ހިނގުން ބާރުކޮށްލައިފައި ގޮސް ކައިރިވުމާއެކު ޒާމިން ތެދުވެ ސަލާމަށް އަތް ދިއްކޮށްލެވުނެވެ. އާދައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރުމުން ޑިއުޓީ ގަޑި ނޫންކަން ހާމަވާން ހުއްޓެވެ. އަހަރުތަކެއް ފަހުން ފެނުމުން އެމޫނުން ދުވަސްވެފައިވާކަން ފެންނަން ހުއްޓެވެ. އެހިތްހެޔޮ ހިނިތުންވުމަށް ބަދަލެއް ނައިކަމުގައި ވިއަސް ހިނިތުންވެލުމުން ލޮލުގެ ކަނުން ރޫ ފެންނަން ހުއްޓެވެ.

"ރަނގަޅު. ޒާމިން ކިހިނެތް؟" ސަލާމްބަލައިގަތުމުގެ ގޮތުން އެއަތުގައި ހިފައިލި ވަގުތު ޒާމިން ކުރި ސުވާލުގެ ޖަވާބުގައި އަކީލް ވާހަކަދެއްކި އެވެ.

"ރަނގަޅު..." ޒާމިންގެ ޖަވާބު އައެވެ.

އަތްތިރިކޮށްލާފައި ދެމީހުން ދެފަރާތުގައި އިށީންގޮތަށް ޒާމިންގެ އިޝާރާތަކަށް ވެއިޓަރު އެތަނަށް ހިނގައްޖެ އެވެ. އަކީލް ކައިރީ އަހައި އޮޅުންފިލުވުމަށްފަހު ކޮފީއަށް އޯޑަރު ދީފައި ޒާމިން ބަލައިލިއިރު އަކީލް އިނީ ބަލަހައްޓައިގެންނެވެ.

"ހައު އިޒް ޝީ؟" އަކީލް މިފަހަރު ފަސްޖެހުމެއްނެތި ފައުޅުގައި ސުވާލުކުރި އެވެ.

"ރައިޝާ ރަނގަޅު..." ޒާމިން ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލި އެވެ.

އެވަގުތު އަކީލް ލޯމަރާލައިފައި ހުޅުވާލިއިރު ޒާމިން އިނީ ބަލާށެވެ. އޭނަ އެޖަވާބު އަހާފައި ފުން ނނޭވައެއް ދޫކޮށްލިގޮތުން ހީވީ އެނޭވާ ހިފަހައްޓައިގެން އެތައް އިރަކު ހުރެފައި ނޭވާލީހެންނެވެ. ހީވީ އޭނަގެ ކޮނޑުގައި އެލިފައި އޮތް ބޮޑު ބަރެއް ނަމަވެސް ނެގިގެން ލުއި ލިބުނު ހެންނެވެ.

"ކޮބާ ދަރިފުޅު؟ އަދިވެސް ނެނީތަ ބަލަނީ؟..." ޒާމިންގެ ފޯނަށް މެސެޖެއް އައިސްގެން ބަލައިލާފައި ފޯނު ބަންޑުން ބޭއްވުމަށްފަހު އަކީލްއަށް ނަޒަރު ބަދަލުކުރަމުން އިތުރަށް ވާހަކަދެއްކި އެވެ.

ޒާމިން އެސުވާލުގެ ޖަވާބު ހިފައިގެން ގޮސް ރައިޝާގެ ކަންފަތަށް އިއްވާނެ ބާވައޭ އަކީލް ހިތަށްއެރި އެވެ. ކޮންމެ ގޮތެއްވިއަސް ދޮގު ހަދާކަށް އޭނަގެ ގަސްތެއް ނެތެވެ.

"ރަނގަޅު. ނެނީ ބަލަނީ..." އަކީލް ބޯޖަހައިލި އެވެ.

އޭނަ ފެންތައްޓެއް އަޅައި ދަމާލައިފައި ބެހެއްޓިތަނާ ވެއިޓަރު ކޮފީ ހިފައިގެން އައެވެ.

"ހަތަރު އަހަރުތެރޭގައި ކަމުދާ ކުއްޖަކާ ހަމަ ބައްދަލެއް ނުވޭތަ؟" ޒާމިން ނޫން އެހެން މީހަކު ނަމަ އެގޮތަށް މާބޮޑު ގާތްކަމެއް ނެތި އެހާ ޒާތީ ވާހަކަދައްކާތީ އަކީލް ގާތަށް ރުޅި އައީސްކަން ކަށަވަރެވެ. އެކަމަކު ޒާމިން އެސުވާލުތައް ކޮށްގެން އޭނައަށް އެއީ ކަމަކަށް ނުވި އެވެ. ޒާމިންގެ ބަދަލުގައި އެސުވާލުތަކުގެ ޖަވާބު އެދެވެނީ ރައިޝާއަށް ކަމުގައި އޭނައަށް ޤަބޫލުކުރެވެނީ ކަމަށްވެދާނެ އެވެ.

"އިންނަން އުޅުނު ކުއްޖާ ޒާމިން އަތުލީމަ ހުހަށް މިހުންނަނީ...." އަކީލް ސީރިއަސްވެފައި ބުނެލި އެވެ. "ދޮގެއް ތީ. އަހަރެން އަތުލީއެއް ނޫން. އޭނަ އަހަރެން ހިޔާރުކުރީ." ޒާމިން ވަގުތުން ރައްދު ދިނެވެ.

އިރުކޮޅެއް ވަންދެން ދެމީހުންގެ އެކަކުވެސް އެއްޗެއް ނުބުނެ އެސްފިޔަޖަހައިލަ ޖަހައިލާ ތިއްބެވެ. އއެއަށްފަހު ދެމީހުންގެ ހިނިތުންވުން ފައުޅުވެގެން އައީ ދާދި އެކުއެކީގަ އެވެ. އަކީލް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފައި ކޮފީ ތަށިން ކޯވަރެއް ދަމާލި އެވެ.

"ދެން ތިހެން ހަމަ ހުންނާނީތަ؟ އަހަރެން ދުވަހަކުވެސް އޭނަ ދޫކޮށްނުލައިފިއްޔާ..." ޒާމިންގެ ލޮލުން ޝައުޤުވެރިކަން ފެނުނެވެ. އޭނަ އެއްފަރާތަކަށް ކުޑަކޮށް މޫނު އަރިކޮށްލައިގެން އިންގޮތުން ވެސް އޭގެ ޖަވާބަކަށް ބޭނުންވާވަރު ހާމަވެ އެވެ.

"އޭނައަށްވުރެ ކުރިން ޒާމިން މަރުވެއްޖެއްޔާ އަހަންނަށް އޭނަ ލިބޭނެ އެއްނު..." އަކީލް ކޮށްލީ އަނެއްކާވެސް ސަމާސަ އެވެ.

ޒާމިން ހިނިގަނޑެއް ޖަހައިލި އެވެ.

"ބުނެބަލަ! އޭނަ އެއްފަހަރުވެސް ނުދައްކާތަ އަހަރެން ވާހަކައެއް...؟" އަކީލް ތަންކޮޅެއް ސީރިއަސްވެލި އެވެ. އެދެމެދުގައި ދެކެވުނު ވާހަކަކޮޅަށްފަހު އެސުވާލު އެއީ އޭނައަށް ޒާމިންގެ ފަރާތުން ތެދުވެރި ޖަވާބެއް ލިބިދާނެ ސުވާލެއްކަން ޤަބޫލުކުރެވުނެވެ.

"އަހަންނާއި ރައިޝާ މިހާރު އުޅެނީ އެކީގައެއް ނޫން...." ޒާމިން ކޮނޑު އަރުވާލައިފައި ޖަވާބުދިނެވެ. އަކީލް ލައިލައި ހުރި ނޭވާ ވަގުތުން ކަރުތެރޭ ތާށިވި އެވެ. ދެވަނަ ސިކުންތުގައި ބާރު ބާރަށް މޭޒުމަތީ އަތުން ޖެހިގޮތުން އެމޭޒުމަތީ ހުރި ހުރިހާ އެއްޗަކަށް ގުޑުން އެރި އެވެ. ހައިރާންކަން ފައުޅުވަމުންދިޔަ ލޮލުން ރުޅިވެރިކަން ފައުޅުވާން ފަށަން ނެގީ ފަޅި ސިކުންތެކެވެ.

"ވަޓް ޑިޑް ޔޫ ޑޫ ޓު ހާ؟" ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން އިނދެ ލަސްލަހުން އެކަމަކު އަމުރުވެރި އަޑަކުން އަކީލް ސުވާލުކުރި އެވެ.

އާދައިގެ މީހަކު ނަމަ އަކީލްގެ އެކުލަވަރާއި އެއަޑުގައިވި އަމުރުވެރިކަމުން ޖެހިލުންވާނެ އެވެ. އެކަމަކު ޒާމިން އިނީ ހަމަޖެހިލައިގެންނެވެ.

"އަހަރެން ބޭނުންވީ އަހަރެންގެ އަމިއްލަ ލޮލުން ދެކެން. އަކީލްގެ ހިތުގައި އަދިވެސް ރައިޝާއަށް އޮތް މަޤާމު، އެ ހާއްސަކަން އެގޮތުގައި އޮތްތޯ. އައި ވޯންޓެޑް ޓު ނޯ އިފް ޔޫ ސްޓިލް ބާން ފޯ ހާ..." ޒާމިން ވާހަކަދެއްކި ދެއްކިހެން އަކީލްގެ ނޭވާ އައީ އަވަސްވެގެންނެވެ. ކެތްކުރަން މަސައްކަތް ކުރަމުން ކަނދުރާމަތީ ހިފާލައި ބާރުކޮށްލެވުނެވެ. އެކަމަކު ހަޤީޤަތުގައި އޭނަ ކުރަންވީ ބޭނުންވީ ކަމަކީ ޒާމިންގެ ގިރުވާނުގައި ހިފާ ނަގައި ވަގުތުން ހުރިހާ އެއްޗެއް ކިޔައިދޭން ބާރު އެޅުމަށެވެ.

***

މެންދުރު ނަމާދުކޮށްގެން ނިމުނުތަނާ ފޯނު ރިންގް ވާ އަޑު އިވުނުހެން ރައިޝާއަށް ހީވި އެވެ. ދޮޅި ބާލާފައި ގޮސް އަވަހަށް ނެގިއިރު ކެނޑިއްޖެ އެވެ. ފޯނު ހިއްލާލައިފައި ނަންބަރަށް ބަލަން އޭނަ ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ. މާލެ އައިސް އެ ނަންބަރު ބޭނުންކުރަން ފެށިފަހުން އަދި މާގިނަ ދުވަހެއް ނުވެސް ވާނެ އެވެ. ނަންބަރު އެނގޭނީ ހަމައެކަނި ގާތް މީހުންނަށެވެ.

ވިސްނަން ހުރެލާފައި ގޮސް އެނދުގައި އިށީނދެ އެނަންބަރަށް ގުޅައިގެން އިރުކޮޅަކު ބަލަން އިނެވެ. ޖަވާބު ނުދިނުމުން ފޯނު އެނދުމަތީ ބާއްވާފައި ގޮސް މުސައްލަ ނަގަނިކޮށް އަނެއްކާ ރިންގް ވާން ފެށި އެވެ. ރައިޝާ އަވަސް އަވަހަށް އައިސް ފޯނު ނެގުނުއިރު ނޭވާ ހުރީ އަވަސްވެފަ އެވެ.

"ހަލޯ... ކާކު؟" ވަގުތުން އޭނަ ސުވާލުކޮށްލި އެވެ.

އެކޮޅުން ޖަވާބެއް ނައުމުން ތަކުރާރުކޮށް އަދި ދެފަހަރަކު ހަލޯއޭ ކިޔާ ގޮވާލި އެވެ.

ޖަވާބެއް ނުލިބި ފޯނު ކެނޑުމުން ތިރިކޮށްލާފައި ނިކުންނަން ހިނގައިގަތްވަގުތު ދެފައި ބިމުގައި ތަތްލލީ ހިތަށް އެރި އެއްޗަކުންނެވެ. "އަކީލް!" ހިތާއި ހިތުން އެނަން ކިޔައިލެވުނު ވަގުތު މެއަށް ހީވީ ފެން އެއްޗެއް އަޅައިލެވުނު ހެންނެވެ. އެތައް އަހަރެއް ކުރިން އަކީލް އެގޮތަށް ގުޅައިގެން އަނގައިން ނުބުނެ ހުރިކަން ހަނދާންވުމުން އެނަން ހިތަށް އައީ ހަމަ ކުއްލިއަކަށެވެ. އެކަމަކު ތެދަށް ބުނަންޏާ އޭނަ އަކީލް މަތިން ހިތަށްވެސް ނާރުވާތާ އެތައް ދުވަހެކެވެ. ބައެއްފަހަރު ދިމާވާ ކަމަކާއި ގުޅިގެން ފަދަ ގޮތަކަށް އަމިއްލަ އިޚުތިޔާރުން ބޭރުން އައިސް ހަނދާނުގެ ތެރެއަށް ފޭދިގެން ދާ ދިއުމަކީ އަދި އެހެން ވާހަކަ އެކެވެ.

"ރައިދައްތަ؟" ކޮޓަރި ދޮރުމަތިން އުފާވެރި އަޑަކުން ގޮވާލި އަޑަށް ރައިޝާގެ ސަމާލުކަން އެދިމާއަށް ދިޔަ އެވެ. އިމްޝާގެ ދޮށީ ދަރިފުޅު އާޒީން ދުވެފައި އައިސް އޭނަގެ މެދުހަށީގައި ބައްދައިގަތެވެ. އިސާހިތަކު ރައިޝާގެ މޫނަށް ވެސް އުފާވެރިކަން ފެތުރިގެން އައެވެ.

މަންމައާ ބެހޭގޮތުން ސުވާލު ކުރަމުން ދެއަންހެން ކުދިން ނިކުތްއިރު އިމްޝާ ސިޓިންރޫމްގައި އިނީ ދެ އަހަރުގެ ހަގު ދަރިފުޅު އަލަމްއަށް ބުއްފުޅި ޖައްސައިގެންނެވެ. ދާދި ކައިރީގައި ސޯފާގައި ޑައިޕާ ބޭގްއާއި އިމްޝާގެ ދަބަސް ހުއްޓެވެ.

"ކޮބާ މަންމަ؟" އިމްޝާ ފުރަތަމަވެސް ސުވާލުކުރީ މަންމައާ ބެހޭގޮތުންނެވެ.

"ބައްޕައަށް ކާއެއްޗެއް ދޭން ވަދެ ވީ. މިހާރު ނިކުންނަން އުޅޭނެ ކަންނޭނގެ.." ބައްޕަގެ ކޮޓަރިއާ ދިމމާއަށް އިޝާރާތްކޮށްލާފައި ރައިޝާ ވާހަކަދެއްކި އެވެ.

ދައްތަ އަލަމްއަށް ބުއްފުޅި ދީ ނިމުމުން އޭނަ ކައިރިވެލާފައި އެކުއްޖާ ނަގައި އުރައިލި އެވެ. މަސްޖަހާފައިވާ ކޯތާފަތުގައި ފިރުމާލައިފައި އަލަމްއާ ސަމާސަކޮށް ލޯބިކޮށް ހެދިއިރު އިމްޝާއަށް އިނދެވުނީ ހިތި ހިނިތުންވުމަކާއެކު އެމޫނަށް ބަލާށެވެ. އެކަމަކު ކޮއްކޮ ބަލައިލަން އުޅޭހެން ހީވުމުން ނޫންކަމަށް ހަދާފައި އަވަހަށް ތެދުވެ އާޒީންގެ އަތުގައި ހިފައިގެން ބައްޕަގެ ކޮޓަރިއަށް މަންމަ ހޯދަން ވަދެއްޖެ އެވެ.

ސްޓްރޯކެއް ޖެހުނުފަހުން ބައްޕަ އޮންނަނީ އެއްފަޅި ވާގިނެތިފަ އެވެ.

ދައްތަ ލޯމަތިން ގެއްލުމުން ފޯނު ނަގައި އަލަމްއާ ދެމީހުން ވެގެން މަޖާ ގޮތްގޮތަށް ސެލްފީ ނަގާފައި އެފޮޓޯތަކަށް ބަލަން އިނދެ އިރުކޮޅެއްވީއިރު އޭނަގެ އަތަށް މަޑުޖެހުމެއް އައެވެ. އަމިއްލަ އާއިލާއެއް ހޯދައި އެއާއިލާއެކު އުފާވެރި ހަޔާތެއް ހޭދަކުރުމަށްޓަކައި ދެކުނު ހުވަފެނުގައި ދުވަހަކުވެސް ކުލަޖެހުމުގެ ޔަޤީންކަމެއް ނެތްކަން ހިތަށް އަރާ ކޮންމެ ފަހަރަކު މާޔޫސްކަން އިހްސާސްވެ އެވެ. ޒާމިންއާ އޭނަގެ ކައިވެނީގައި ނިމުމުގެ ސިއްކަ ޖެހުނީވެސް އެހެންވެ އެވެ.

"އަދި ނޭނގެއެއްނު ބޭބީއެއް ނުލިބޭނެ ކަމެއް. ބައެއްމީހުންނަށް އެބަހުރި ދިހަ ވަރަކަށް ނޫނީ ވިހިވަރަކަށް އަހަރު ފަހުންވެސް ކުދިން ލިބިފަ..." ޒާމިން އޭނަގެ މާޔޫސްކަން ފިލުވާލަން ވެގެން ބުނެއުޅުނު ވާހަކަތަކުގެ ތެރޭގައި އެވާހަކކަ ހިމެނެ އެވެ.

"އެކަމަކު ދިހަ އަހަރު ފަހުން ނޫނީ ވިހި އަހަރުފަހުންވެސް އެކަން ހާސިލްވާން ނެތްކަން އެނގުނީމަ ވާނީ ކިހިނެތް. އެއިރުން ޒާމިން ހުންނާނީ އުމުރު ގޮސްފަ..." ރައިޝާ އޭގެ ޖަވާބުގައި ހަނދާންކޮށްދެ އެވެ. "ވީ ކެން އެޑޮޕްޓް..."ރައިޝާގެ އެޖަވާބާއެކު ޒާމިން ދެން ލަފާ ދޭނީ އެކަމަށެވެ.

"އެކަމަކު އެއީ ޒާމިންގެ ފެމެލީ ބޭނުންވާ ގޮތެއް ނޫން. ދޭއާ އޯލްޑް ފެޝަންޑް. އެގޮތަށް ގެނައީމަ ނުވެސް ވާނެ އަމިއްލަ ދަރިންނަކަށް. މައްސަލަ ހުރީ އެހެންނޫނަސް އަހަރެންގެ. ޒާމިންގެ އެއް ނޫން. މާލަސްނުވަނީސް ޒާމިންގެ އާއިލލާގެ އުންމީދުތައް ވާނީ ފުރިހަމަކޮށްދޭން..." ރައިޝާ ތަކުރާރުކޮށް ޒާމިންއަށް ވިސްނަދެމުން ބުނެ އެވެ.

ބައްޕަގެ ކޮޓަރި ދޮރު ހުޅުވާލައިފައި ދައްތަ އާއި މަންމަ ނިކުތްއަޑަށް ރައިޝާގެ ހިޔާލުތައް ދުރަށް އުދުހިގަތެވެ. އޭނަ އަލަމް ގޮވައިގެން ތެދުވެފައި މަންމަ އައިސް އަތްދިއްކޮށްލުމުން މަންމައަތަށް އެދަރިފުޅު ދިނެވެ. އެހިސާބުން ދެން ޖެހުނީ އާޒީންއަށް އައިސްކްރީމް ދޭން ދާށެވެ. ރައިޝާ ފްރިޖުން އައިސްކްރީމް ނަގައިގެން އައިސް ތަށްޓަށް އަޅަންދެން އާޒީން އަނގަ ނުހުއްޓެ އެވެ. އެކުއްޖާގެ އަނގަ ހުއްޓުނީ އައިސްކްރީމް ކާން ފެށުނީމަ އެވެ. ރައިޝާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ.

އިރުކޮޅެއް ފަހުން އިމްޝާ އެތަނަށް ވަނީ އަލަމް ނުލައި އެކަންޏެވެ. ދައްތަ ބަލައިލިގޮތުން އެއްޗެކޭ ކިޔަން އުޅޭހެން ހީވެގެން ރައިޝާގެ ހިތް ތެޅިގަތެވެ.

"ރައި ކައިރީ ކަމަކު ކިޔަންވެގެންނާއެކު މިއަދު މިއައީ..." އިމްޝާ އައިސް ކައިރިވެފައި އަނގަ ދިއްކޮށްލުމުން އާޒީން މަންމައަށް ސަމުސަލެއް ލެވި އެވެ. އިމްޝާ ދަރިފުޅުގެ ކޯތާފަތުގައި މަޑުމަޑުން ތަޅާލައިފައި ކޮއްކޮއަށް ސަމމާލުކަން އަނބުރައިލި އެވެ.

"މާދަމާ އަކީ އަހަރުމެން ވެޑިން އެނިވަރސަރީ. އެހެންވެ ޒާހިދުއަށް ސަޕްރައިޒްއެއް ދޭންވެގެން އަހަރެން ވިސްނާފަ ވީ. މަންމަ ބުނެފި އާޒީން އެކޮޓަރީގަ މަންމަ ކައިރީ ބާއްވަދީފާނަމޭ. އެކަމަކު އަލަމް މަންމައަށް މަތަނުވާނެކަން އެނގެއެއްނު..." އިމްޝާގެ ޖުމްލަ ނުނިމެނީސް ރައިޝާ އަތް އުފުލާލައިފައި ހުއްޓުވި އެވެ.

"ތިދެން އަހާކަހަލަ ވެސް ވާހަކައެއް ނޫނެއްނު. ގެނޭ އޭނަ މިރޭ..." ރައިޝާ ޖަވާބު ދިނެވެ. "ތެންކިއު ރައި..." އިމްޝާގެ ހުރިހާ ދަތެއް އެއްފަހަރާ ފެނިލި އެވެ.

***

އެރޭ އަލަމް ނިދުމުން ތަންމަތީ ބާއްވާފައި ލައިޓު އަލި މަޑުކުރުމަށްފަހު ރައިޝާ ދިޔައީ މަންމަ ކޮޓަރިއަށެވެ. އޭނަ ބެލިއިރު އާޒީން ވެސް ނިދައިފި އެވެ. ބަލަން ހުރެލާފައި ގުދުވެ އާޒީންގެ ނިތުގައި ބޮސްދިނުމަށްފަހު ދެން އޭނަ ވަނީ ބައްޕަ ކޮޓަރިއަށެވެ. ބައްޕަ ހޭލާ އޮތުމުން ކަންބޮޑުވެފައި ތަނަކަށް ތަދުވަނީތޯ އެހި އެވެ. ސަލާމަތުން އޮތް އަތް ހިއްލާލައިފައި ރައިޝާގެ އަތުގައި ހިފާލުމަށްފަހު ބައްޕަ ކޮންމެވެސް އެއްޗެއް ބުނެވޭތޯ އެހި އެވެ. އިސާހިތަކު ލޮލުން ކަރރުނަ ތިއްކެއް ފޭދިގެން ކޯތާފަތުން ތިރިއަށް ދަތުރުފެށި އެވެ. ރައިޝާ ކުރިއަށްވުރެވެސް ކަންބޮޑުވެފައި މަންމައަށް ގޮވާލުމަށްފަހު ދެވަނަ ފަހަރަށް ބައްޕައާ ދިމާއަށް އެނބުރި ސުވާލުތައް ކުރަން ފެށި އެވެ.

ބައްޕަ ތަނެއްގައި ރިއްސަނީ ނޫންކަން އެނގުނީ އުދަނގުލާއެކުވެސް ނޫނެކޭ ބުނުމުގެ އަތުން އިޝާރާތް ކުރީމަ އެވެ. ބައްޕަގެ އަތްތިލައިގައި ދެއަތުން ހިފާލައިފައި އޭނަ ދެން އިށީނދެލީ އެތާހުރި ގޮނޑީގަ އެވެ. ބައްޕަގެ ރިހުން އެކުލެވިފައިވާ ދެލޮލަށް ބަލަން އިނދެގެން ހިނިތުންވެލާފައި އޭނަ ހުރީ އުފަލުންކަން ހާމަކުރީ ބައްޕަ ދެރަވެގެން އުޅޭ ސަބަބަކީ އެއީ ކަމަށް ވެދާނެކަމަށް ހީކުރެވިގެންނެވެ.

ބައްޕައަށް ނިދުމުން އެނބުރި ގޮސް ކޮޓަރިއަށް ވަންއިރު ފޯނު ދިއްލިފައި އޮތްވާ ފެނުނެވެ. ރައިޝާ އަވަހަށް ގޮސް ނެގިއިރު އެއްކަހަލަ ނުދަންނަ ނަންބަރުންނެވެ. ދެވަނަ ފަހަރަށް ރިންގް ވުމާއެކު ފަސްޖެހުމެއްނެތި އޭނަ ފޯނު ނެގި އއެވެ. ކަންފަތުގައި ޖެހިއިރު ހިތުގެ ތެޅުން އަވަސްވެފައި ވި އެވެ.

"އަކީލް؟؟؟؟... އަކީލްތަ؟" އިރުކޮޅަކު އަޑު އަހާލަން ހުރެފައި އެކޮޅުން ވާހަކަ ނުދެއްކުމުން ރައިޝާ ސުވާލުކުރި އެވެ.

"ރައިޝާ...." އަކީލްގެ އަޑު އައީ ކޮންމެވެސް ވަރަކަށް ކުރެހިގެންނެވެ.

ރައިޝާގެ މެއަށް ހީވީ ފިނި ފެން އެއްޗެއް އަޅައިލެވުނު ހެންނެވެ. އަކީލްގެ އަޑު އޭނައަށް އެ އިވުނީ ހާދަ ދުވަހެއް ފަހުންނެވެ. "ރައިޝާ އަހަރެން މިހުރީ ބޭރުގައި... ކެން ޔޫ.. ކެން ޔޫ މީޓް މީ!" އަކީލް ވާހަކަދެއްކިއިރު ފަސްޖެހުން ފާހަގަވި އެވެ.

ފޯނު ކަނޑާލައިފައި ގެންގޮސް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ރައިޝާ ދެން ގޮސް ހުއްޓުނީ ބެލްކަންޏަށް ނިކުމެވޭ ދޮރު ކައިރިއަށެވެ. އެދޮރު ހުޅުވާ އަޅާފައި ނިކުމެ ބެލްކަނީ ހުއްޓިފައި ތިރި ބަލާލިއިރު ތެދެކެވެ. މަގުގެ އެއްފަރާތުގައި ހުއްޓި އޭނަގެ ކޮޓަރިއާ ދިމާއަށް ބަލަން އަކީލް ހުއްޓެވެ.

ނުނިމޭ

ދިގު ވާހަކަ

Popular