21 Jan 2020

"އަހަރެން ހީކުރީ ޒިވިއަން އަހަންނަށް ގުޅާނެ ކަމަށް، ދޮންބެގެ ކުރިމަތީ އެއްވެސް އެއްޗެއް ނުބުނެވުނަސް އަހަރެން ޤަބޫލުކުރަން ޒިވިއަން އަކީ ގޯސްމީހެއް ނޫންކަމަށް." ނިހާގެ އަޑު ކުރަކިވެގެންގޮސް ހިނދުނެވެ. ވާހަކަ ދައްކަން އުދަނގޫވެގެން ގޮސް ރުއިމުގެ އަޑު ނިކުތެވެ. ޒިވިއަން ދެއަތުން ނިހާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އޭނާގެ މޭގައި ނިހާ ޖައްސާލިއެވެ.

** **

އީތަން ގެއަށް ވަންއިރު ހުރީ ދަންވެފައެވެ. ރޭ ފަދައިން މިރޭވެސް އޭނާ ވަގުތު ދިނީ އެކުވެރިޔާއަށެވެ. އީތަންގެ އިންތިޒާރުގައި އިދެ އިދެ ފޫހިވެގެން މާވީއަށް އޮތީ ނިދިފައެވެ. ހޭލެވުނީ ކޮޓަރީގެ ދޮރު ލެއްޕި އަޑަށެވެ. ގަމީސް ބާލާފައި އީތަންގެ މިސްރާބު ހުރީ ފެންވަރަށް ދިއުމަށެވެ. މޫނު އުނގުޅާލަމުން މާވީ ތެދުވެ އެނދުގައި އިށީނެވެ.

އީތަންގެ ފޯނާއި ދިމާލަށް ބަލައިލެވުނީ އޭގެ ސްކްރީން ހިނދުކޮޅަކަށް ދިއްލިފައި ނިވުނު ތަން ފެނިފައެވެ. މާވީ އެ ފޯނު ނަގައި ހުޅުވަން ބަލާލިއިރު އޭގެ ލޮކު ކޯޑެއް ނޭނގުނެވެ.

ދުވަހަކުވެސް އީތަންގެ ފޯނުގައި އޭނާ އަތް ނުލައެވެ. ދެމިހުން އެކުގައި ވާހަކަ ދައްކަން ތިބޭއިރު އީތަންގެ ފޯނު އޮންނަނީ އަބަދުވެސް ޖީބުގައެވެ. މާވީގެ ފޯނު އޮންނަނީ ދަބަސްތެރޭގައެވެ. އޭނާގެ ފޯނުގައި އީތަންވެސް ދުވަހަކު އަތްޖައްސާނުލައެވެ. އިއްޔެ ޒިންދު ދެއްކި ވާހަކަތަކަށްފަހު ފުރަތަމަ ފަހަރަށް މާވީގެ ހިތުގައު އުފެދުނު ޝައްކުތަކުގެ ސަބަބުން އީތަންއަށް އޮތް އިތުބާރުވަނީ ހީނަރުވެފައެވެ. އެކަން އޭނާގެ އަމަލުން ދައްކަން ބޭނުން ނުވާތީ އެވެ.

ކުރިންވެސް ފޯނު އޮތް ތަނުގައި ބޭއްވުމަށްފަހު މާވީ އިށީނެވެ. އީތަން ނިކުން ގޮތަށް އައީ މާވީގެ ކައިރިއަށެވެ. ސައިބޯނީގެ ތާޒާވަސް އީތަންގެ ގައިން ދުވައެވެ. ބޮލުގެ އިސްތަށިގަނޑުން އަދިވެސް ފެންތިކިތައް އީތަންގެ ދެކޮނޑަށް ފައިބައެވެ. މާވީގެ މޫނާއި ހަމަޔަށް އީތަން ގުދުވެފައި ބޮލުގައި އަތްޖަހާލުމުން ފެންތިކިތައް ބުރައިގެން އައީ މާވީގެ މޫނަށެވެ. ދެއަތް މޫނާއި ދިމާލަށް ހުރަސްކޮށްލަމުން މާވީއަށް ހެވުނެވެ. އޭނާގެ ދެކޮނޑުގައި އީތަން ހިފަހައްޓާލިއެވެ.

ހުނުމުގެ އަޑު ހިނދިގެން ދިޔައީ އީތަންގެ ނޭވާ މޫނަށް އެޅުމުންނެވެ. އިތުރަށް އަޑެއްވެސް ލައްވާނުލައި އޮއްވާ އީތަން އޭނާ ބޭއްވީ ބާލީހުގއެވެ. އެއް އިނގިލިން މާވީގެ މޫނުގެ މަތިން ފެށިގެން ދަތްދޮޅި އާއި ހަމަޔަށް ފިރުމާލިގޮތުން މާވީއަށް ދެލޯ މެރިގެން ދިޔައެވެ. އީތަންގެ އަތް ގަނޑުފެންފޮދެއްހާ ފިންޏެވެ. ހެދުމުގެ ކޮނޑުގައި ހިފާ ތިރިކޮށްލިކަން އެނގެއެވެ. ދެން އިޙްޞާސްވީ އީތަންގެ ދުލުގެ ފިނިކަމެވެ. އެ ކޮންމެ ބީހުމެއްގެ ސަބަބުން މާވީ ހީކަރުވަންފެށިއެވެ. އީތަންގެ ހަށިގަނޑު ފިނިކަމުން އޭނާއަށް ލިބުނީ އަރާމެވެ. އޭނާގެ ދެއަތުން އީތަންގެ ބުރަކަށީގައި ހިފަހައްޓާލެވުނެވެ. އިހުނަށްވުރެ ގަޔާއި ކައިރިއަށް ދަމައިލެވުނެވެ. އޭނާގެ ހިތާއި ސިކުނޑިން ހުރިހާ ހާސްކަމެއް ފިލައި އެހެން ދުނިޔެއަކަށް ދަތުރުކުރެވުނުފަދައެވެ.

މިރޭ މާވީ ހިތްހަމަޖައްސައިދޭން އީތަން ބޭނުންވާ ފަދައެވެ. ހުރިހާ އިސްކަމެއް ދިނީ މާވީއަށެވެ. އީތަންގެ މަތިން ހަނދާން ނުނެތޭނެ ވަރަށް ހިތްހަމަޖެހުން ގެނެސްދިނެވެ. ނިދުނީވެސް އީތަންގެ އަތުތެރޭ އޮއްވައެވެ.

** **

ފުރަން ކައިރިވެފައިވާތީ ނާހިދާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އީތަން ބައްޕަގެ ކައިރިއަށް ދިރިއުޅުން ބަދަލުކުރާތީ އޭނާ އިނީ ކަންބޮޑުވެފައެވެ. ބައްޕަގެ އެހީތެރިކަމެއްނެތި ކުދިން ބަލައި ބޮޑުކުރިފަހުން ދަރިން ބައްޕަ އިސްކުރުމަކީ އޭނާއަށް ކެއްކުރެވޭވަރު ކަމަކަށް ނުވިއެވެ. އީތަން ތަކުރާރުކޮށް ބުނަމުން ދިޔައީ ކޮންމެ ތަނެއްގައި ވި ކަމުގައިވިއަސް މަންމަ އެކަނިވިޔަނުދޭނެކަމެވެ. އަދި މަންމަގެ ކައިރީ ސަފޫރާ އާއި ލަހްފާން ހުންނާނެކަމުގައެވެ. ބައްޕައަށްވެސް ދަރިންގެ އެހީތެރިކަން މިއަދު ބޭނުންވާތީ އޭނާއަށް ދާން ޖެހެނީކަމުގައެވެ. އެހިނދު އީތަންގެ އަތުގައި ނާހިދާ ހިފަހައްޓާލިއެވެ. ނާހިދާ އިން ގޮނޑި އާއި އެއްހަމައަށް އީތަން ގުދުވުމުން މަންމަގެ ދެލޮލުގައި ގިނަވަމުން އައި ކަރުނަތައް އީތަންއަށް ފެނުނެވެ.

"މަންމަ އަބަދުވެސް ބުނަމެއްނު ކިތަންމެ ގޯސްކޮށް ކަންތައްކުރި މީހަކާއި މެދުވެސް ރަނގަޅަށް ކަންތައްކުރާށޭ، ބައްޕަގެ ޒިންމާ ނުއުފުލުމަކީ އަހަރެމެންގެ ޒިންމާ އަދާނުކުރަންވީ ސަބަބެއް ނޫނެއްނު." އީތަން ކޮލުގައި ނާހިދާ އިނގިލި ޖައްސައިލިއެވެ. ބޮލުގެ އިޝާރާތުން އެ ބަސްތަކަށް އެއްބަސްވިއެވެ. އީތަން އާއި މެދު އެހިތުގައި އިތުރު ޝަކުވާއެއް ނެތްފަދައެވެ.

"ތިއީ މަގޭ ދަރިއަކީ." ނާހިދާގެ އަޑު ތުރުތުރލިއެވެ. އެކަމަކު އަޑުގައި އުފާވެރިކަން ހުއްޓެވެ. އޭނާގެ ތަރުބިއްޔަތުގެ ފުރިހަމަކަން އިޙްޞާސްވިއެވެ. ނާހިދާގެ މޫނަށް ބަލަން ތިބި ދަރިންގެ ތެރެއިން ލަހްފާންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެއީ މަންމަގެ ހިތުގައި އަބަދުވެސް އީތަންއަށް އޮންނަ ވަކި ޚާއްސަ ލޯބިފެނިފައި އޭނާއަށް ވީގޮތެކެވެ. އީތަން ކުރާކަމަކުން ކޮންމެ ފަހަރަކު އެ ލޯބި އިތުރަށް ފުޅާވެގެން ދެއެވެ.

އީތަން ނެތްތަނެއްގައި އެ ކުލުނު އޭނާގެ މައްޗަށްވެސް އޮވެދާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންވެ އެތަނުގައި އޭނާ ހުރީ އީތަން ދާތީ އުފާވެފައެވެ. ސަފޫރާ ހުރީ މާވީގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ދެވުނުހާ އަވަހަށް އޭނާއަށް ގުޅާލުމަށް މާވީގެ ކައިރީ ސަފޫރާ ބުންޏެވެ.

"މާވީ" ސަނާޔާގެ އަޑަށް މާވީ ބަލައިލިއެވެ. ދޮރުން ވަދެގެން އައި ސަނާޔާ އަށްވުރެ ބޮޑަށް މާވީގެ ކަޅި ހުއްޓުނީ ގޭގެ ދޮރުމަތީ ހުރި މިންހާއަށެވެ. އެއީ މަންމަކަން އެނގުނުފަހުން އޭނާއަށް މިންހާ ފެނުނު ފުރަތަމަ ފަހަރެވެ. ހިތަށްވީ ގޮތެއްވެސް ނޭނގުނެވެ. ސަނާޔާގެ ފަހަތުން މަޑުމަޑުން އައި މިންހާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. މާވީ އާއި ވާހަކަ ދައްކާލަން ބޭނުންވެގެން ކަމުގައި ބުނުމުން އީތަން ބަލައިލީ ގަޑިއަށެވެ. ޗެކިން ފެށެން ފަނަރަމިނެޓަށްވެފައި ވާތީ އެކަން އީތަން ހަނދާންކޮށްދިނެވެ. އަދި މާވީގެ ކައިރީ އެދުނީ މިންހާ ގޮވައިގެން ކޮޓަރިއަށް ދިއުމަށެވެ.

** **

"މާވީ ފުރާކަން އެނގިގެން މިއައީ، ދެން ނުވެސް ފެންނާނެ ކަންނޭނގެ" މިންހާ ހިނިތުނވާ މަސައްކަތްކުރިއެވެ. މާވީގެ މޫނަށް ބަލަހައްޓައިގެން ހުރެފައި މާ ފުޅާހިނިތުންވުމަކަށް ނުވަނީސް އެ ފިލައި ދިޔައެވެ.

"ކިހިނެއް އެނގުނީ؟" މާވީ އަހާލިއެވެ. އޭނާ ފުރާކަން މާމަ އަދި ބައްޕަވެސް ނުބުނާނެކަން އެނގެއެވެ. އެމީހުންނަށްވެސް އެނގޭނީ ދުވަސްކޮޅަކަށް ދާން އުޅޭކަމެވެ.

"ޒިވިއަން ބުނީ." މެއާއި ތިރިން ދެއަތް ހުރަސްކޮށްލަމުން ގޮސް މިންހާ ހުއްޓުނީ ބޭރު ފެންނަހެން ހުރި ކުޑަދޮރުގެ ކައިރިއަށެވެ. ޒިވިއަން އާއި މިންހާ އަބަދުވެސް ބައްދަލުކުރާތަން ފެނެއެވެ. އާއިލީ އެއްވެސް ގުޅުމެއް ނެތްކަމުގައިވިއަސް އެދެމީހުންގެ މެދުގައި ބަދަލުކުރާ ސިއްރުތަކެއްހުންނަކަން އެނގެއެވެ.

"ތިއައީ އޭނާ ބުނެގެންތަ؟" މާވީ އަހާލިއެވެ. މިންހާ ނޫނެކޭ ބުނެލީ މޑުމަޑުން ބޯ ހޫރުވާލާފައެވެ.

"ދެން އަހަރެންނަށް މާވީ ނުފެނިދާނެކަމުގެ ބިރު އޮތީމައި މިއައީ، މިވާހަކަ އަހަރެން ދައްކަންޖެހޭނެ މާވީގެ ކައިވެނީގެކުރިން، ހިމްނާ،، އޭނާއަށް ލިބުނު ދެރަ އަހަރެން ނޭދެން އިތުރު މީހަކަށް ލިބޭކަށް." މާވީ އާއި ދިމާލަށް އެނބުރިފައި މިންހާ ބުނެލިއެވެ. މާވީ ހުރީ ބަސްމަދުވެފައެވެ. ހިމްނާގެ ނަން އިވުނު ހިސާބުން މުޅި ހަށިގަނޑު ދިޔައީ ފިނިވެގެންނެވެ.

"އަހަރެން ކުރިންވެސް ކިޔައިދިނީމެއްނު ހިމްނާ ކުރިން ކުރި ކައިވެނީގެ ވާހަކަ، ދެން ވީއިރު އާއިލާއަށް ނުފެންނަ ހިސާބަށް މާވީ ދިއުމުގެ ވިސްނުމަކީ ގޯސް ނިންމުމެއް، އެއީ އީތަން ބުނެގެންވިއަސް އެކަން ހުއްޓުވަން ޖެހޭވަރުގެ ކަމެއް،" މިންހާގެ ވާހަކަތަކުން މާވީއަށް ހީވީ އޭނާގެ މައްޗަށް ނުފޫޒެއް ހިންގަނީހެންނެވެ.

"އަހަރެން މިތަނުގައި އުޅެން ބޭނުމެއް ނުވޭ، މިހާރު އަހަންނަށް ރަނގަޅީ ކާކުކަން ގޯހީ ކާކުކަން ނޭނގޭ ހިސާބަށް ގޮއްސި، އެކަކު ދައްކާ ވާހަކައެއްވެސް ދިމަލެއް ނުވޭ، ކޮންމެ މީހަކަށްވެސް ރަނގަޅަކީ އެމީހަކު." މާވީ ހިތްހަމަނުޖެހުނުކަން އެނގުނެވެ. މިންހާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ. އެއިން ކޮންމެ ލަފްޒެއް ރައްދުވަނީ އޭނާއަށްކަން އެނގެއެވެ.

"ލޯބިވާ ބަޔަކު ހަޤީޤަތެއް އޮޅުވައެއް ނުލާނެ." މިންހާ ބުނެލިއެވެ. މާވީ ދެއަތް މުށްކަވާލަމުން ގޮސް މިންހާގެ ކުރިމަތީ ހުއްޓުނެވެ.

"އެހެން ބައެއްގެ އަތްމައްޗަށް ތުއްތު ކުއްޖަކު ދޫކޮށްފަ ދާކަށްވެސް ނުކެރޭނެ. " މާޥީ ދުލަށް ބާރުލާފައި އަންގައިލީ އޭނާއަށް މިންހާ ކަންތައްކުރިގޮތް އޮޅުންފިލާފައިވާކަމެވެ. އިރުކޮޅަކަށް މާވީގެ މޫނަށް ބަލަހައްޓައިގެން މިންހާ ހުއްޓެވެ.

"ހިމްނާ އެޑޮޕްޓް ކުރަން ބޭނުންވެގެން މާވީ އަހަރެންގެ އަތުން އަތުލީ، އޭރު އަހަރެން އުޅުނީ ބަލިވެ. ދަރިފުޅުގެ ހުރިހާކަމެއް އަހަންނަށް ނުކޮށްދެވޭ، އާމިރުގެ ބޮލާއި ކުޅެން ހިމްނާ ވަރަށް ކުޅަދާނަވާނެ، އެދުވަހު އަހަރެން ވަރަށް އާދޭސްކުރިން އަހަރެންގެ އަތުން ދަރިފުޅު އަތުނުލުމަށް، އެކަމަކު އާމިރު ހިމްނާގެ ނަންމައްޗަށް ދަރިފުޅު ބަދަލުކުރި،" މިންހާ ފަދައިން މާވީއަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކަމުން ގޮސް މިންހާއަށް ރޮވުނެވެ. އަމިއްލަ މޭގައި އަތް ޖައްސާލިގޮތުން ހީވަނީ އޭނާގެ ހަށިގަނޑާއި މޭގައިވާ ހިތް ވަކިވެދާތީ ބިރުން އުޅުނުހެންނެވެ.

"އެނަދަރ ޖޯކު؟" މާވީ އަހައިލިއެވެ. މިފަހަރު މިންހާ ދައްކާ ވާހަކަ ރަނގަޅަށްވެސް އޭނާގެ ސިކުނޑިއަށް ޤަބޫލެއް ނުކުރެވެއެވެ.

"ﷲ ގަންދީ މިބުނީ." މިންހާގެ އަތް ގެނެސް މާވީގެ ބޮލުގައި ޖައްސާލިއެވެ. އަދި އެއީ ދޮގު ނޫންކަން އޭނާ ހެއްދެވިފަރާތް ގަންދެއްވައި ބުންޏެވެ.

"އެހެންވެ ރުޅި އައިސްގެން މަންމަ މަރައިލީ؟" މާވީ މިންހާގެ އަތް ތިރިކޮށްލިއެވެ. އޭނާގެ ގައިގައި ބީހެން ނުރުހުންވާކަން އެ އަމަލުން އެނގުމުން މިންހާގެ ދެލޯ އިހުނަށްވުރެ ބޮޑަށް ތެމިގެން ދިޔައެވެ.

"އެއީ އަހަރެން ކުރިކަމެއް ނޫން، އަހަރެން ދިޔައިރު ހިމްނާ އޮތީ ތަޅުންމަތީ ބަންޑުން، އޭނަ އުންޑުންކުރިއިރު އަހަންނަށް ފެނުނީ ބަނޑުގެ އެންމެ ފުނާއި ހަމަޔަށް ހެރިފައި ހުރި ވަޅި، އޭތި ނައްޓަން އަހަރެން އަތްލިން، ވަޅީގައި އަހަރެންގެ ނިޝާން ހުރީ އެހެންވެ، އެންމެންގެ ތުހުމަތާއި އެކު އަހަރެންގެ ބޮލަށް އެމަރުގެ ބަދުނާމް އެޅުނަސް އެއީ އަހަރެން ކުރިކަމެއް ނޫން، " މިންހާ މޫނުގައި ދެއަތް އަޅާލިއެވެ. ރުއިމުގެ އަޑު މާވީގެ ކަންފަތުގައި ޖެހުނެވެ. މޫނު ފޮރުވާލުމަށްފަހު މިންހާ އިރުކޮޅަކު ރުޔެވެ. އޭނާ ނަފްސު ކޮންޓްރޯލްކުރީ އަމިއްލައަށެވެ. މާވީ ދުރުގައި ބަލަން ހުރީ ހިލޭ މީހެއްފަދައިންނެވެ. މިންހާގެ ގައގައި ހަމްދަރުދީވެގެން އަތް ޖައްސާނުލައެވެ.

ފެށުނީންސުރެ އޭނާގެ ހިތުގައި މައެއްގެ ލަޤަބު ދެވިފައިވަނީ ހިމްނާއަށެވެ. ގޭތެރެއިން ފެންނަންހުރި ތަސްވީރުތަކުގައި ހުރީ ހިމްނާއެވެ. މާމަ ކިޔައިދެނީ ހިމްނާގެ ހެޔޮވާހަކައެވެ. އޭނާގެ ހިތުގައި މައެއްގެ ލޯބި ފެވުނީ ހިމްނާގެ ނަމާއި ގުޅުވައިގެންނެވެ. ކުއްލިއަކަށް އެކަން ބަދަލުކުރަންވީމައި އޭނާއަށް އުދަނގުލެވެ. އެންމެ ބޮޑު ގޮންޖެހުމަކީ މިންހާގެ ފަސްބައިގައި އޮތް ލައްގަނޑެވެ.

"ދެން ކާކު ކުރިކަމެއް އެއީ؟" މާވީ އަހައިލިއެވެ. މިންހާ ހިމޭންވިއެވެ. އޭނާގެ ދުލާއި ހަމަޔަށް އެމީހެއްގެ ނަން ގެންނަން އުދަނގޫވަނީހެން ހީވެއެވެ. ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލާފައި އޭނާ ހިމޭންވިއެވެ.

"ނޭނގެ،" މިންހާ ބުނެލިއެވެ. އޭނާ އަލުން މާވީ އާއިކުރިމަތިލިއެވެ.

"އަހަރެން ބޭނުންވަނީ މާވީ އަހަންނަށް ޝައްކު ނުކުރުން، އެއްވެސް މީހަކު އަހަންނަށް އިތުބާރުނުކުރިއަސް ތި ދަރިފުޅު މަންމައަށް އިތުބާރުކުރުން، އަދި މަންމަ ދުނިޔޭގައި އެބަހުރިކަމަށް ޤަބޫލުކުރުން، މަންމަ އާއި ކިތަންމެ ދުރަށް ދަރިފުޅު ދިޔަ ނަމަވެސް ކަމެއް ޖެހިއްޖެނަމަ މަންމަގެ އެހީތެރިކަމަށް އެދުން،" މިންހާ އަތް ދަބަސްތެރެއިން ނެގީ ކާޑެކެވެ. އޭތިކޮޅު މާވީގެ މުށުތެރެއަށް އޭނާ ލައިދިނެވެ.

"ކޮންޓެކްޓް މީ،" މިންހާ އެދުނީ އޭނާއަށް ގުޅުމަށެވެ. މާވީ އެ ނަން ކާޑަށް ބަލަން ހުއްޓާ މިންހާ ދާން ހިނގައިގަތެވެ. މިންހާ ގޮސް ގެއްލުމުން މާވީގެ ދޫ މަޑުމަޑުން ހަރަކާތްކުރިއެވެ. މަންމާއޭ ކިޔައި ގޮވާލެވުނީ ކިރިޔާ އަމިއްލަ ކަންފަތާއި ހަމަޔަށް އެ އަޑު އަންނަ ވަރަށެވެ. ރުވާފައި ދޫކުރި ތީރުތަކެއްފަދައިން މިންހާގެ ކޮންމެ ޖުމްލައެއް އޭނާގެ ހިތުގެ އެންމެ ފުންމިނަށް ހެރުނެވެ.

ހަތަރު ގަޑިއިރުގެތެރޭ އީތަންގެ ބައްޕަގެ ގެއަށް ދެވުނެވެ. އެއީ މާލެއިން ފެންނަ ކަހަލަ އިމާރާތެއް ނޫނެވެ. އެންމެ ފުރާޅަކަށް ނަގާފައިވިއަސް އެއީ ބޮޑު ތަނެކެވެ. ޚިދުމަތުގައި ނޯކަރުން ތިއްބެވެ. ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީން ތިއްބެވެ. އީތަންގެ ބައްޕަ އަކީ ތަނަވަސްމީހެއްކަން ޔަޤީންވެއެވެ.

ގޭޓުން ފެށިގެން ގެއާއި ހަމަޔަށް ހިނގަށް މަގެއް ބާއްވާފައި ހައްދާފައިވާ ބަގީޗާއިން ބައެއްގެ ބުރަ މަސައްކަތްކަން އެނގެއެވެ. އީތަން ފެނުމުން ގޭގެ ޚާދިމުންގެ މޫނުން ފެނުނު ހިތްހެޔޮކަމަކީ އެގޭގައި އެމީހުންނަށް އެކަށީގެންވާ ވަރުގެ އިހްތިރާމެއް ލިބެމުންދާ ކަމުގެ ހެއްކެކެވެ. ގޭގެ މައި ދޮރު ހުޅުވާފައި އެތެރެއަށް އީތަން ވަނީ އޭނާގެ ބައްޕައަށް ގޮވާލަމުންނެވެ.

ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުނީ ސިޓިންރޫމްގެ ފަހަތުން ހުރި ކޮރިޑޯގެ ތެރެއިންނެވެ. ހައިބަތު ހުރި ބޮޑު ފިރިހެނަކު އަންނަނީކަމުގައި މާވީ ހީކޮށްގެން ހުއްޓާ ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ހުދު ޔުނީފޯރމެއްގައި ހުރި ފިރިހެނެއްގެ އެހީގައި އެތަނަށް ނިކުތީ އެއްފަޅި ވާގިނެތިފައި އިން މުސްކުޅިއެކެވެ. އަމިއްލަ ހާލަށް ކޮޅަށް ނުހުރެވޭތީ އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގޮނޑީގައި އިން އިރު އިނދެވުނީ މޫނުގެ އެއްފަޅި ފެންނަ ގޮތަށެވެ. ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަހުގެ ސަބަބުން މޫނުން ފެންނަން ހުރީ ކުޑަ ތަންކޮޅެކެވެ. ސީދާ އުމުރު އަންދާޒާކޮށް ނުލެވުނަސް އެއީ ހަތްދިހަވަރަކަށް އަހަރުގެ ފިރިހެނެއްކަން އެނގެއެވެ. ހުދު ނުރައިން ފުރިފައިވާއިރުވެސް ހަމުގައި ހުރީ އޮމާންކަމެވެ. ބަލި ހާލުގައި އިނދެވެސް އީތަން ފެނުމާއި އެކު އެ މުސްކުޅިޔާގެ ލޮލުން ވިދަންފެށި ކަރުނަތައް މާގިނައިރެއްނުވެ ލޮލުގެ ހިމަކޮޅުން އޮހިގަތެވެ.

"ބައްޕާ، މިއީ އަހަރެންގެ އަންހެނުން." އެމީހާގެ ކުރިމައްޗަށް ގުދުވެފައި އީތަން ބުނެލިއެވެ. މާވީ އަށް ހުރެވުނީ އެތަނަށް ވަން ފިޔަވަޅުގެމަތީގައެވެ. އޭނާގެ ކައިރީ ކައިވެންޏަށް ބައްޕަ ނައި ވާހަކަ ބުނިއިރު އީތަން ބައްޕަގެ ހާލަތު ބުނެނުދިނެވެ. އީތަން ބައްޕަ ނައިސްގެން ޝަކުވާކުރާވަރަށްވުރެ އެފަކީރުގެ ހާލު ދެރައެވެ.

މާވީގެ މޫނަށް އީތަންގެ ބައްޕަ ބަލައިލީ ލަސްލަހުންނެވެ. އޭނާގެ ދުލުން އެއްވެސް ބަހެއް ނުބުނެވެނީބާއޭ މާވީ ހިތަށް އެރިއެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular