23 Jan 2020

By: Mariyam Yasma

ރައިޝާ މެސެޖް ހުޅުވާލައިފައި ކިޔާލިތަނާ ދެލޯ ބޮޑުވި އެވެ. ޒާމިން މެސެޖުކޮށްފައި އޮތީ ދައްތައާ ޒާހިދުބެގެ އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކައާއި ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދިއުމަށެވެ. ފޯނުން އެ ނަންބަރަށް ގުޅައިގެން ޖަވާބު ލިބެން ހޭދަވި މަދު ސިކުންތުކޮޅު އެތަކެއް ނުބައި ހިޔާލު އައިސް ސިކުނޑި ވަށައިލި އެވެ.

"ހަ.. ހަލޯ.." ފޯނު ނެގުމާއެކު ރައިޝާއަށް އަވަސް އަވަހަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި އޭނަގެ ދޫ ބަންދުވީ އެކޮޅުން އިވުނު އަޑަކުންނެވެ.

"ރައިޝާ!" ރައިޝާ ކުއްލިއަކަށް ހިމޭންވުމުން ޒާމިން ގޮވައިލި އެވެ.

"ކޮބާ އަހަރެންގެ ދައްތައާ ޅިޔަނު؟ އެމީހުންނަށް ކިހިނެތްވީ؟" ރައިޝާގެ ހިތުގެ ތެޅުމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ހިތް ބުނަނީ އާދައިގެ ކަމަކަށްވުރެ ބޮޑުކަމެއް ވެއްޖެކަމުގަ އެވެ.

"ގޭގަ މަންމަ އެބައުޅޭތަ؟ އުޅެންޏާ ކުދިން ކައިރީ މަންމަ ބަހައްޓާފަ މިކޮޅަށް އައުން ރަނގަޅުވާނީ. އަހަރުމެން މިތިބީ ހޮސްޕިޓަލުގަ.." ޒާމިންގެ ބަސްތައް އެއީ އެއްފަހަރާ އައިސް ހިތަށް ހަރައިލެވުނު ކަށިތަކެއްފަދަ އެވެ. އެއަޑަށް ވިސްނާފައި ވަކި ގޮތެއް ނިންމާކަށް ރައިޝާއަކަށް ނޭނގުނެވެ.

"ކީއްވެ އަހަންނަށް އެއްވެސް އެއްޗެއް ނުކިޔައިދޭން ތިއުޅެނީ؟" ރައިޝާގެ އަތްފިނިވެ ތުރުތުރު އަޅަން ފެށިވަރުން ފޯނު އަތުން ދޫވެދާނެ ކަހަލަ އެވެ.

"އަވަހަށް އާދޭ!" ޒާމިން ޖަވާބުދިނީ އެވަރަށެވެ. އެއްވެސް އެއްޗެއް އޮޅުންފިލުވައިނުދީ ފޯނު ކަނޑާލައިފި އެވެ. ރައިޝާއަށް ވާނުވާ އެނގުނުއިރު ގޮސް ހުރެވުނީ މަންމަ ކޮޓަރި ދޮރުމަތީގަ އެވެ. ކޮންމެ ގޮތެއްވިއަސް މަންމަ ކައިރީ ނުބުނެ އަލަމް އެކަނި ބާއްވާފައި ދެވޭކަށް ނެތެވެ. މާބޮޑު މައުލޫމާތެއް ނެތި މަންމަ ކައިރީ އެވާހަކަ ބުނާނެ ގޮތެއްވެސް ނޭނގެ އެވެ. މަންމަ ކައިރީ އެވާހަކަ ބުނެފައި ނިކުމެގެން ހިނގައްޖެނަމަ ނުބައި ހިޔާލުތަކުން މަންމަގެ ސިކުނޑި ތޮރުފާނެ އެވެ.

ޓަކި ޖަހާލައިފައި ދޮރު ހުޅުވާލިއިރު މަންމަ އެނދުން ތެދުވަނީ އެވެ. ރައިޝާ ހިނގައިގެންފައި ގޮސް މަންމަ ކުރިމައްޗަށް ހުއްޓިފައި ފުރަތަމަވެސް އިސްޖަހައިލި އެވެ. ހިތްވަރު ހޯދުމުގެ ގޮތުން އަތް މުށްކަވާލައިފައި ގެނެސް ގައިގެ އެއްފަރާތުން ޖައްސާ ބާރުކޮށްލެވުނެވެ.

"މަންމާ އަހަރެން ހޮސްޕިޓަލަށްދާން ޖެހިގެން މިދަނީ. މަންމަ އަހަރެން ގުޅަންދެން އަލަމް ކައިރީ މަޑުކޮށްލަންވީއެއްނު. އާޒީން ނުއެއްހޭލާނެއެއްނު.." ރައިޝާގެ ވާހަކަ އަހާފައި މަންމަގެ ނިތަށް ރޫގިނަވި އެވެ. "އެކިހިނެތްވީ ހޮސްޕިޓަލަށް ދާން ޖެހުނީ؟" އަމީރާ ސުވާލުކުރި އެވެ.

"އަހަރެން ގޮއްސަ ގުޅާނަން..." ހިތްވަރުކޮށްފައި ރައިޝާ ބުނެލި އެވެ.

މަންމައަށް އިތުރު އެއްޗެއް ނުބުނެވެނީސް ފުރަގަސްދީފައި ގޮސް ފެނުނީ ނިކުތްތަނެވެ. ހޮސްޕިޓަލަށް ދާން ހޭދަވި ވަގުތުކޮޅު އެހާ ދިގުކަމުގައި އިހްސާސް ކުރެވުނެވެ. ރައިޝާގެ ދެފައި ބިމުގައި ތަތްލީ އެމަޖެންސީރޫމުގެ ބޭރުގައި ތިބި ޒާމިންގެ އާއިލާ ފެނިފަ އެވެ. މަންމަގެ ކޮނޑުގައި އަތް އަޅާ ގެނެސް ކައިރިކޮށްލައިގެން ޒާމިން ހުރިއިރު މަންމަ ރޯން ހުރީ ޒާމިންގެ މޭގައި މޫނު ފޮރުވާލައިގެންނެވެ. ކައިރީގައި ބައްޕަ ދެކޮޅަށް ދެކޮޅަށް ހިނގަމުން އިރުއިރުކޮޅާ މޫނުގެ ދިގަށް އަތުން ފުހެލަ އެވެ. އެދެމީހުންގެ އިތުރަށް ވެސް ޒާހިދުއާ ގުޅުން ހުރި ތިމާގެ މީހުންތައް ވެސް އައިސް އެތަނަށް ޖަމާވެފަ އެވެ.

"ރައިޝާ!" އެއްއަތުން މަންމަގެ ކޮނޑުގައި ހިފައިގެން އަނެއް އަތުން މަންމަގެ ބޮލުގައި ފިރުމަން ހުރެފައި އެނބުރިލި ވަގުތު ޒާމިންއަށް ރައިޝާ ފެނިގެން ގޮވާލި އެވެ.

އެވަގުތު އެތާ ތިބި ގިނަބަޔަކު އެނބުރި ބަލަން ފެށި އެވެ. އެއްފަހަރާ އެތައް ލޮލެއް އޭނައަށް ހުއްޓުމުން ރައިޝާގެ ނުތަނަވަސްކަން އިތުރުވި އެވެ. ޒާމިންގެ މަންމަ ދުރަށް ޖެހިލާފައި ބަލައިލި ވަގުތު ޒާމިން މަންމައަށް އިވޭވަރަށް ކޮންމެވެސް އެއްޗެއް ބުނެފައި ރައިޝާއާ ގާތަށް އަންނަން ހިނގައިގެންފި އެވެ.

"ކި.. ކިހިނެތް އެކްސިޑެންޓްވީ؟ އެމީހުން ތިބީ އެނިވަރސަރީ ފާހަގަކުރަން ގޭގައެއްނު..." ތުރުތުރު އަޅާއަޑަކުން ރައިޝާ ސުވާލުކުރި އެވެ.

"ޑިނާ ނިންމާފަ އެމީހުން ރައިޑަކަށް ބޭރަށް ދިޔަކަމަށް ވަނީ...." ޒާމިން ކަނދުރާމަތީ ހިފައިލާފައި ބުނެދިނެވެ.

ރައިޝާގެ ސުވާލުތައް ވީ އިތުރެވެ އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އޭނަ ދައްތައަށް ގުޅައިގެން ވާހަކަދެއްކިތާ އަދި މާގިނައިރެއް ނުވެސްވެ އެވެ. ދައްތަ އޭރުވެސް އިނީ ގޭގަ އެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އެކްސިޑެންޓެއް ހހިނގައިފާނެ ހެއްޔެވެ؟ އޭނަގެ ހިޔާލުތަކުން ނިކުމެވުނީ ޒާމިން އޭނަގެ ކޮނޑުގައި އަތް ޖައްސާލައިފައި އެތާ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނާށޭ ބުނީމަ އެވެ. ބޯޖަހާލައިފައި ގޮސް އެތާ ރަނގަޅަށް ނުވެސް އިށީނދެވި އުޅެނިކޮށް އެމަޖެންސީ ރޫމުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.

އެހެން އެންމެން ފަދައިން ރައިޝާގެ ނަޒަރުވެސް އެދިމާއަށް ދިޔަ އެވެ. ޑޮކްޓަރު ކައިރީ ހުރި ނަރުސްކުއްޖާ އެހީ އިމްޝާގެ އާއިލާއަކީ ކޮބައިތޯ އެވެ. އެޖުމްލަ ނިމުނުއިރު އެންމެ ކުރީގައި ގޮސް ހުރީ ރައިޝާ އެވެ. ފަހަތުގައި ޒާމިން ހުއްޓިފައި ކޮނޑުގައި ހިފައިލީ ޑޮކްޓަރުގެ މޫނުން ކޯއްޗެއް ދޭހަވެގެން ކަމެއް ނޭނގެ އެވެ. ދެން އައި މަދު ސިކުންތުކޮޅަކީ ރައިޝާގެ މުޅި ހަޔާތުގައި ދެކުނު އެންމެ ހިތްދަތި ވަގުތުކޮޅެވެ.

ޑޮކްޓަރު އިސްޖަހާލައިފައި އިމްޝާގެ ފުރާނަ ސަލާމަތް ނުކުރެވުނު ވާހަކަ ބުނިއަޑު އޭނަގެ ކަންފަތުގައި ހަރުލީ ހުވަފެނެއްގައި އޮތްވާ މާ ދުރުން އިވުނު އަޑެއް ފަދައިންނެވެ. ވަށައިގެން ތިބި އެންމެންގެ އަޑު ކެނޑި ތަކުރާރުކޮށް އެއް ޖުމްލައެއް އޭނަގެ ކަންފަތުގައި ގުގުމަން ފެށި އެވެ. ވަށައިގެންވި އެންމެން އޭނަގެ ނަޒަރުން އެއްކިބާވެ ހޯލްތެރޭގައި އެކަނި ހުރެވުނުކަމުގެ އިހްސާސް ކުރެވުނެވެ. އަދި އެ އެއްޖުމްލަ ފަހަރަކަށްވުރެ ގަދަވަމުން އައިސް ކަންފަތް ފަޅައިގެންދާން ކައިރިވުމުން ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވެފައި ދެން ވީގޮތެއް ނޭނގުނެވެ..

***

ހޭވެރިކަންވީއިރު ރައިޝާގެ ކަރުތެރެ ވީ ހިކިފަ އެވެ. ލޯ ހުޅުވާލުމުން އަލިގަދަވެ އަވަހަށް ލޯ މަރައި ބާރުކޮށްލެވުނެވެ.

"ފެން ފޮދެއް.." ރައިޝާގެ ދުލުން އެލަފްޒް ނިކުތްހާ އަވަހަށް ކައިރީ އިން ކޮންމެވެސް މީހަކު ގޮނޑި ދުރުކޮށްލާފައި ތެދުވި އެވެ.

އެމީހަކު ފެން ހިފައިގެން އައިސް ކައިރިވުމާއެކު ރައިޝާގެ ނޭފަތުގައި ހަރުލީ އޭނައަށް ފަރިތަ ސެންޓެއްގެ ވަހެވެ. އެވަގުތު ދެލޯ ހުޅުވުނީ ކުއްލިއަކަށެވެ. އޭނައަށް ހިޔަނި އަޅައިގެން އައިސް ކައިރީ ހުރި ޒާމިންގެ މޫނު ދެކެފައި މިފެންނަނީ ހުވަފެނެއް ބާވައޭ ހީވެ އަނެއްކާވެސް ލޯ މަރައިލެވުނެވެ. ދެވަނަ ފަހަރަށް ހުޅުވާލިއިރުވެސް ޒާމިން ހުއްޓެވެ.

"ތެދުވަންވީނު!" ޒާމިން ލަފާދިނެވެ.

ރައިޝާ ބޯޖަހާލައިފައި މަޑުމަޑުން ތެދުވެ އިށީންއިރު ބޮލަށް އެނބުރުން އަރާގޮތްވާހެން ހީވެގެން އެނދުގެ ކައިރިފަށުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ޒާމިން އޭނަގެ ތުނބުގައި ފެންތަށި ޖެއްސުމުން އެއިން ކޯވަރެއް ދަމާލައިފައި އަނެއް އަތުން ފެންތަށި ދުރުކޮށްލި އެވެ. ޒާމިން އެވަގުތު ފެންތަށި ބަހައްޓާފައި އައިސް ކުރިން އިންތަނުގައި އިށީންއިރު ރައިޝާއަށް ފަރުވާވެ އެމޫނަށް ބަލައިލެވުނެވެ. އެމޫނުގައިވި ވަރުބަލި ކަމާއި ހިތާމައިގެ ކުލަވަރުގެ ހަޤީޤަތް ދެނެގަންނަން އޭނަ ބޭނުންވި އެވެ. އޮވެވުނު ތަނާއިމެދު އޭނައަށް ވިސްނައިލެވުނީ އަދި އޭގެ ފަހުންނެވެ.

ކައިރީ ހުރި ހުސް އެނދުތައް ފެނިފައި، އެއީ ހޮސްޕިޓަލްކަން ދޭހަވެފައި ނެގީ ސިކުންތުކޮޅެކެވެ. އެއްފަހަރާ ހުރިހާ ކަމެއް ހަނދާންވެގެން އައީ މޭގައި ޖަހާލެވުނު އެތިފަހަރެއް ފަދައިންނެވެ.

"ދައްތަ... ޒާމިން އަހަރެންގެ ދައްތަ.." ރޮއިގަނެވުމާއެކު އެނދުން ތިރިއަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު ޒާމިން ތެދުވެ އޭނަގެ އަތުގައި ހިފެހެއްޓި އެވެ.

"އަހަރެން ދައްތަ ކައިރިއަށް ގެންގޮސްދީ! ހެޔޮނުވާނެ!" ގިސްލަމުން ޒާމިންގެ ޓީޝާޓް މޭމަތީގައި ދެއަތތުން ހިފާ ބޮނޑިކޮށްލައިފައި ރައިޝާ އާދޭސްކުރި އެވެ. ޒާމިން ބޯޖަހާލިއިރު އޭނައަށްވެސް ވާހަކަނުދެއްކިގެން އުޅޭކަން ދޭހަވި އެވެ.

ޒާހިދުބެ އަދިވެސް ހޭނާރާ ކަމާއި އައިސީޔޫގައި އޮތްކަން ރައިޝާއަށް ބުނެދިނީ ދިޔަ މަގުމަތީގައި ޒާމިން އެވެ. ދައްތަގެ މޫނު ބެލުމުގެ ފަހު ވަގުތުތައް ކުރިއަށް ދިޔައިރު ޒާހިދުބެ ހޭ އަރާނެ އިރެއްވެސް ނޭނގެ އެވެ. ހޭއަރާއިރު އޭނަގެ ދެދަރިންނާއި އޭނަ އެކަނިކޮށްލާފައި އަނބިމީހާ ހިނގައްޖެކަން އެނގޭވަގުތު އެހިތަށް ކުޅަދާނަ ވެސް ނުވާނެ އެވެ. ހަމައެކަނި އއެހިޔާލުން ވެސް ރައިޝާގެ ކަރުނަތައް ވީ އިތުރެވެ. ކާރުތެރޭ އިނދެ މުޅި ދަތުރު އޭނަ ހޭދަކުރީ ރުއިމުގަ އެވެ. ކައިރީގައި ޒޒާމިން އިނދެ އޭނަގެ ބޮލުގައި ފިރުމަމުން ދިޔަ ނަމަވެސް ނުރޯށޭ ނޫނީ ހުއްޓައިލާށޭފަދަ އެއްވެސް ވާހަކައެއްނުދައްކަ އެވެ. އެހިތްދަތިވަގުތު ހިމޭންކަމާއެކު ކައިރީގައި އިންކަން ވެސް ރައިޝާއަށް ވީ ލިބުނު ކުޑަ ނަމަވެސް ހިތްވަރަކަށެވެ.

***

ފުސްގަނޑެއް ފަދައިން ދުވަހުގެ ބާކީބައި ހޭދަވެގެން ދިޔަ އެވެ. ހިނަވާގޭ ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރޭގައި ރައިޝާގެ ހަޔާތުގައި ދުވަހަކު ނުދެކޭ މީހުންނާއި އެތަކެއް އަހަރު ކުރިން އެންމެ ފަހަރަކު ފެނިފައިވާ މީހުންވެސް ހިމމެނެ އެވެ. ބްރިޖްމަތީ ހިނގި އެކްސިޑެންޓްގެ ވާހަކަ ނޫސްތަކަށް އަރާފައި އޮތުމުން ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ. ޒާހިދުމެން ދުއްވި ސައިކަލުގައި ޖެހުނު ބަހުގައި ދަތުރު ކުރި އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވި އެވެ. އެކަމަކު އެ އެކްސިޑެންޓްގެ ސަބަބުން އިމްޝާއާއި ޒާހިދުގެ އާއިލާއަށް ލިބުނު ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެ އެވެ.

އިމްޝާގެ މޫނުދެކެން އައި މީހުންގެ ތެރެއިން އަކީލްއާ ރިއާނާ ވެސް ފެނުނެވެ. ރައިޝާއަށް އެމީހުން ފެނުނީ ވަދެފައި ނިކުންނަނިކޮށެވެ. ރިއާނާ ރޯތީވެ އަކީލް އުޅެނީ އެދަރިފުޅު މަސަލަސް ކުރުމުގަ އެވެ. އޭރު ރައިޝާ ވެސް ހުރރީ އަލަމް ކޮނޑުމައްޗަށްލައިގެންނެވެ. އެތައް އިރެއް ވަންދެން މެދުނުކެނޑި ރުއިމުގެ ސަބަބުން އޭނަގެ ދެލޮލުން ކަރުނަ ހުސްވެފައިވާ ކަހަލަ އެވެ.

ކުޑައިރުކޮޅަކަށް އަކީލްއަށް ހީވީ އޭނައާ ދިމާއަށް އަންނަން އުޅުނުހެންނެވެ. އެކަމަކު ދެން ފެނުނީ ހުއްޓުނު ތަނެވެ. އެއީ ކީއްވެކަން ރައިޝާއަށް އެނގުނީ ފަހަތުގައި ހުރި ޒާމިން ވާހަކަދެއްކީމަ އެވެ. ނިދިފައި އޮތް އަލަމް ކޮނޑުމައްޗަށް ލައިގެން ހުރެ ވަރުބަލިވެދާނެތީ އޭނައަށް ދޭށޭ ބުނެ ވާހަކަދެއްކި އަޑު އިވުމުން އެދިމާއަށް އެނބުރެވުނެވެ. ޒާމިން އޭނަގެ އަތުން އަލަމް ނެގުމުން ރައިޝާ އެކުއްޖާގެ ޓީޝާޓު ހިއްލިފައިވާ ތަންކޮޅު ރީތިކޮށްލަދިނެވެ. އެހަރަކާތުގެ ތެރޭގައި ދެމީހުންގެ އަތާއި އަތް ބީހުނު ވަގުތު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ޒާމިން ދެން ބަލައިލީ ފަހަތުން ފެންނަން ހުރި އެހެން މީހަކަށެވެ. އަކީލް މަތިން ރައިޝާ ހަނދާންވީ ދެނެވެ. އޭނަ އެނބުރުނުއިރު އަކީލް ފުރަގަސްދީފައި ދަނީ އެވެ. އޭނަ ދެން އެނބުރުނުއިރު ޒާމިންގެ މޫނުން ހަމަޖެހުމުގެ ކުލަވަރު ފެނުނު ކަމުގައި ހީވީ ނުބައި ވަހުމަކުން ހެއްޔެވެ؟ ރައިޝާއަކަށް އޭގެ ޖަވާބެއް ނޭނގުނެވެ.

ދައްތަ ވަޅުލާފައި އައިސް ގެއަށް ވަން ވަގުތަކީ އެގެ ދޫކޮށް އެހެން ތާކަށް ދާން އޭނަގެ ހިތް އެދުނު ވަގުތެވެ. އެގެއަށް ބަދަލުވުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ ދައްތަގެ ކައިވެނި ކުރެވުނު ނަމަވެސް ދައްތަގެ އެތަކެއް ހަނދާން އެގޭގެ ކޮންމެ ދިމާއެއްގައި ވި އެވެ. ދެންމެ ދެންމެ ހީވަނީ ދައްތަ ވާހަކަދައްކަމުން ކޮންމެވެސް ދިމާއަކުން ނިކުމެގެން އއަތުވެދާނެ ހެންނެވެ. އަލަމް އިރު އޮއްސުނުތަނާ ހޭލައިގެން ރޯން ފެށުމުން ރުއްސަން ވެގެން މަންމައަށް ގުޅަން ހިނގާށޭ އޭނައަށް ބުނެވުނެވެ. ދައްތަގެ ލޮލުގެ ނޫރުފަދަ އެދަރިފުޅުގެ ރުއިމުގެ އަޑަކަށްވެސް ދައްތަ ދެން ނާންނާނެކަން ހަނދާންވެފައި އަނެއްކާ ވެސް ރޮވުނީ އެވެ. އޭނަ ރޯތަން ފެނިގެން އަލަމްގެ ރުއިމުގެ އަޑު ވެސް ހައްތަހާ ގަދަވީ އެވެ.

އިމްޝާ ވަޅުލިތާ ދެ ދުވަސް ފަހުން ޒާހިދުއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިޔަ އެވެ. އަލަމް ފުރަތަމަ ދުވަހުން ފެށިގެން ބެލީ ރައިޝާ އެވެ. އެކަމަކު އާޒީން، ޒާހިދުގެ މަންމަ ގެންގޮސް ބެހެއްޓީ އާޒީންގެ ބޮޑުދައިތައެއްގެ ކައިރީގަ އެވެ.

ފުރީއްސުރެ ޒާމިން ކޮންމެ ދުވަހަކު އެއްފަހަރު އަލަމްއާ ވާހަކަދައްކަން ގުޅަ އެވެ. ޒާހިދުއާ ބެހޭގޮތުން އަހާލާއިރަށް ޒާމިންގެ އަޑަށް މާޔޫސްކަން ވެރިވެދާނެ އެވެ. އޭގެ ހަފްތާއެއް ފަހުން ޒާމިން އެއް ރޭ ގުޅީ ރައިޝާއަށް ނިދިފައި އޮތްވަ އެވެ.

"ހަލޯ.. ޒާމިން..؟" އެކޮޅުން އަޑެއް ބަޑެއް ނީވިގެން ނަންބަރު ބަލައިލާފައި ރައިޝާ ގޮވާލި އެވެ. އޭނަގެ ހިތް ކުދިކުދިކޮށްލީ ކަންފަތުގައި ޖެހުނު ޒާމިންގެ ރުއިމުގެ އަޑެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular