25 Jan 2020

"ބައްޕާ، މިއީ އަހަރެންގެ އަންހެނުން." އެމީހާގެ ކުރިމައްޗަށް ގުދުވެފައި އީތަން ބުނެލިއެވެ. މާވީ އަށް ހުރެވުނީ އެތަނަށް ވަން ފިޔަވަޅުގެމަތީގައެވެ. އޭނާގެ ކައިރީ ކައިވެންޏަށް ބައްޕަ ނައި ވާހަކަ ބުނިއިރު އީތަން ބައްޕަގެ ހާލަތު ބުނެނުދިނެވެ. އީތަން ބައްޕަ ނައިސްގެން ޝަކުވާކުރާވަރަށްވުރެ އެފަކީރުގެ ހާލު ދެރައެވެ.

މާވީގެ މޫނަށް އީތަންގެ ބައްޕަ ބަލައިލީ ލަސްލަހުންނެވެ. އޭނާގެ ދުލުން އެއްވެސް ބަހެއް ނުބުނެވެނީބާއޭ މާވީ ހިތަށް އެރިއެވެ.

އެއީ ހަމައެކަނި މާވީ ހިތަށް އެރިގޮތެވެ. މާވީގެ މޫނަށް ބަލާލާފައި ހީލަން މަސައްކަތްކުރިއެވެ. ދެން އީތަން އާއި މުޚާތަބުކޮށް ވާހަކަދައްކަންފެށިއެވެ. މަޑުމޮޅިކަމާއި ބަލިކަށިކަން އެ އަޑުގައި ވިއެވެ. އީތަން ކެއްތެރިވެ ބައްޕަ ކައިރީ އަޑުއަހަން ހުއްޓެވެ.

މައިންބަފައިން އެމީހުންގެ އެންމެ ފަހު ނޭވާ އާއި ހަމަޔަށްވެސް ވިސްނާނީ ހަމައެކަނި ދަރިންނާއި މެދުގައެވެ. އެކަނ އީތަން ބައްޕަގެ ފުށުން ފެނުނެވެ. އީތަންގެ ކޮޓަރި ތައްޔާރުކުރެވިފައިވާކަމަށާއި ތާޒާވެލައިގެން ކާން ނިކުތުމަށްބުންޏެވެ. އަދި މިގޭގައި އެއްވެސް ކަމެއ ބޭނުން ނަމަ ޚާދިމުންނަށް ގޮވުމަށް ބުންޏެވެ. އަމިއްލަ ހާލަށް ނުއުޅެވޭ ހާލަތުގައި އިނދެވެސް ރަޝާދު އީތަންއަށް އެއްވެސް ކަމެއް ދަތިވިޔަކަ ނުދިނެވެ.

** **

އެގޭގައި މަދު އެއްވެސް ކަމެއް ނެތެވެ. ގޭގެ ހައިބަތު ބޮޑުކަމާއި އެކުވެސް ގޭތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ދީފައިވާ ސަމާލުކަމުން އެގެއާއި މެދު ރުޝްދީގެ ހިތުގައ އޮތް ލޯބި އެނގެއެވެ. އޭނާގެ ބުއްދި ހުރީ ސަލާމަތުންނެވެ. މިހާރުވެސް ވިޔަފާރި ހިންގަނީ ގޭގައި އިނދެއެވެ. އެ މަސައްކަތް އީތަން އާއި ހަވާލުކުރުމުގައި ހޭދަވާ ވަގުތުތަކުގައި އީތަން އެއްވެސް ވިސްނުމެއް ނެތި ނިންމާނިންމުންތަކަށް ރުޝްދީ ފާޑުކިޔައެވެ. ބައެއް ފަހަރު އެދެބަފައިންނަށް ކޮފީއެއް ކަހަލަ އެއްޗެއް ހިފައިގެން މާވީ ވަންނައިރު އީތަން އަށް ދޭ އިރުޝާދުތައް އަހާފައި އޭނާގެ ހަރުދަނާ ކަމާއި މެދު މާވީވެސް ހައިރާންވެއެވެ.

އެނބުރި ކޮޓަރިއަށް އާދެވޭ ކޮންމެ ފަހަރަކު މާވީ އޭނާގެ ބައްޕަގެ މަތިން ހަނދާންވެއެވެ. އޭނާގެ ބައްޕަ އަކީ ތަފާތު މީހެކެވެ. ވިޔަފާރިކަމެއްގައި މާވީ ދުވަހަކުވެސް ބައިވެރި ނުކުރެއެވެ. އަދި ކުރެވިދާނެކަމަށް ޤަބޫލެއްވެސް ނުކުރެއެވެ. ފިރިހެން ދަރިއަކު ނުލިބުނީ ނަޞީބު ދެރަކަމުންކަމުގައި އާމިރު އަބަދުވެސް ބުނެއެވެ. ވިޔަފާރި ތެރެއަށް ވަނުމުގެ ޚިޔާލު މާވީގެ ވެސް ނުހުރެއެވެ. ރެސްޓޯރެންޓެއްގެ ވެއިޓަރަކަށް އޭނާ ވަނީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައެޅިފައިނުވާތީއެވެ. ޒިވިއަންގެ ސަބަބުން ދިރިއުޅުންމަތިން ފޫހިވެފައިވާތީއެވެ.

** **

އީތަން އައިސް އޭނާގެ އެކުވެރިންނާއި ބައްދަލުކުރަން ދާން ބޭނުންވާކަމުގައި ބުންޏެވެ. އަދި އައިފަހުން ދެމީހުން އެކުގައި ތަނަކަށް ނުދެވޭތީ އެކަން އީތަން ފާހަގަކުރިއެވެ. އޭނާ މިރޭ ދާއިރު މާވީ ގޮވައިގެން ދާން ބޭނުންވާ ވާހަކަވެސް ބުންޏެވެ. އަދި ތައްޔާރުވުމަށް ބުންޏެވެ.

ދެމީހުންވެސް ގުޅޭހެން ހެދުން ނެގުމަށް އީތަން ބުންޏެވެ، އެންމެންގެ ލޯތަކުގައި އެދެމީހުން އަޅައިގަންނަންޖެހޭނެއޭ އީތަން ބުންޏެވެ. އީތަންއަށް މަޑުމުށިކުލައިގެ ގަމީހަކާއި އޭގެ ގަދަ ކުލައިގެ ފަޓްލޫނެވެ. މާވީއަށް އޮތީ ކަޅު ހެދުމުގައި މުށިކުލައިގެ ރޭދާ އަޅާފައި އޮތް ހެދުމެކެވެ.

އީތަން ތައްޔާރުވެފައި ބައްޕަ ކައިރީ ބުނެފައި އެބަ އަންނަމޭ ބުނެފައި ނިކުތެވެ. މާވީ އިސްތަށިގަނޑު އޮމާންކޮށްލާފައި ލުއި މޭކަޕެއް ކޮށްލިއެވެ. ބޭރަށް ނިކުތުމުގެ ކުރިން އޭނާގެ ޕާސް ނަގައި ބަލާލިއިރު އޭނާގެ ފޯނެއް ނެތެވެ. އެންމެ ފަހުން އޭނާ ބޭއްވީ އެނދުމަތީގައިކަން ރަނގަޅަށް ހަނދާންހުއްޓެވެ. އެތަނަކީ އިތުރުމީހަކު ވަން ތަނެއް ނޫނެވެ.

ދޮރުގައި ޓަކިދިން އަޑަށް މާވީ ބަލާލިއެވެ. ދޮރު ހުޅުވާފައި އީތަން ބަލައިލިއެވެ. އީތަންގެ އަތުކުރީ ގަޑި ދައްކާފައި ލަސްވެއްޖެއޭ ބުނެލިއެވެ. މާވީ ފޯނު ނުފެނުނު ވާހަކަ ބުނުމުން އީތަންގެ ނިތަށް ގިނަވި ރޫތަކުން ހީވަނީ އެއީ އޭނާ ދަންނަ އެއްޗެއް ނޫންހެންނެވެ. އެކަމަކު އީތަން އެތެރެއަށް ވަދެ ފޯނު ފެނޭތޯ ބެލިއެވެ.

"ކޮންމެވެސް ތަނަކު ބޭއްވުނުކަމަށް އެވާނީ، މިތަނަށް އިތުރު މީހަކު ނުވަންނާނެ." ބާލީސްތައް ނަގަމުން އީތަން ބުނެލިއެވެ. އެނދު ނޫނަސް މާވީ އެހެން ތަންތަންވެސް ބަލައިފިއެވެ. އޭނާ ފޯނުގެ ނިޝާންވެސް ނުފެނުނެވެ. މާވީގެ ބުރަކަށީގައި އީތަން އަތްޖައްސާލިއެވެ. އަދި އެނބުރި އައިސް ދެމީހުންވެގެން ހޯދާނީކަމުގައި ބުންޏެވެ. މިހާރު އޭނާގެ އެކުވެރިން ތިބޭނީ ލަސްވެފައިކަމުގައި ބުންޏެވެ.

** **

ކާރުގައި ގޮސް މަޑުކުރީ ހޮޓަލެއްގެ ކުރިމައްޗަށެވެ. އީތަން އައިސް މާވީއަށް ދޮރު ހުޅުވައިދިނެވެ. އޭނާ ދިއްކުރި އަތުގައި ހިފައި ތެދުވަމުން މާވީ ބަލައިލީ ވަށައިގެންވި މަގަށެވެ. މަގުގެ އެކި ދިމާލުން ދުއްވާފައި އަންނަ އުޅަނދުތައް ގިނަވެފައި ހަލަބޮލިކަން އިންތިހާއެވެ. އިމާރަތްތައް ދިއްލާފައިވުމުން ރޭގަނޑުގެ އަނދިރިކަން ދުވާލުގެ އަލި ފަދައެވެ. އީތަން އާއި އެކު ހިނގައިގަންނަނިކޮށް މާވީގެ ލޮލުގައި އަޅައިގަތީ އެމަގުގައި ހުރި މީހާއެވެ. ކަޅުކުލައިގެ ހޫޑީއެއްގައި ނިވާވެގެން ހުރި އެމީހާގެ މޫނު ހުރީ މާވީމެންނަށެވެ. އެތަނުގައިހުރި ގަހުގެ ހިޔަނިން އެމީހާގެ މޫނު ފެންނަންހުރީ އަނދިރިކޮށެވެ. ދެލޯ ފޮރުވާފައިހުރީ އަވި އައިނުންނެވެ.

އެއީ ކާކުތޯ ހިތަށް އެރިއަސް އޭގެ ޖަވާބު މި ބީރައްޓެހިތަނުގައި ލިބޭނެ ގޮތެއް ނުވެސް އޮންނާނެއެވެ. އީތަން އަށް އެމީހާ ނުދެއްކީ އެހެންވެއެވެ. ދެމީހުން އެކުގައި ހޮޓަލަށް ވަނުމުން ފެނުނީ ގްރޫއްޕުތަކަށް މަޖާނަގަން ތިބި މީހުންނެވެ. އެއީ ޖުވާ ކުޅުމުގެ މަޖަލުގައި ހޭވެރިކަން ކުޑަވެފައިތިބި މީހުންތަކެކެވެ. އެމީހުންގެ ތެރެއިން ހިނގާފައި ގޮސް އެހެން ފަންގިފިލާއަކަށް އެރިއިރު އެތަނުގައި ހިފާފައިވަނީ އެހެން ކަމެއްގެ މަސްތެކެވެ. ދެޖިންސުގެ ޒުވާނުން ހޭވެރިކަން ނެތި އެމީހުންގެ ފޭރާންތައްވަނީ ކަޝްފުވެފައެވެ، މާވީ ބަލައިލާ ކޮންމެ އަންހެނަކު އަތުގެ އިޝާރާތުން އެމީހުންނާއި ބައިވެރިވުމަށް ދައުވަތު ދޭ ފަދައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އެފަދަ ހިނިތުންވުމެކެވެ.

އީތަންގެ އެކުވެރިން ތިބީ ވެއިޓިން އޭރިއާގައި ތިބި ސޯފާތަކުގައެވެ. އެމީހުން ތިބީ ކަމެއްގެ މަޝްވަރާގައެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި ދިޔާއެއްޗެއް އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. އީތަން ފެނުމުން އެމީހުން އައިސް ކަރާއި ކަރު ޖައްސާ ސަލާމްކޮށް އުފާފާޅުކުރިއެވެ. އެމީހުންގެ ބައިވެރިންނަށްތިބި އަންހެނުންވެސް މާވީ އާއި އެފަދަ ގާތްކަމެއް ބޭއްވިއެވެ.

ފަހަތުން މީހަކު އައިސް ކޮނޑގައި އަތް ބޭއްވުމުން ބަލާލިއިރު އެއީ ޒިންދެވެ. އޭނާ އައީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

"ސަޕްރައިޒް" ޒިންދުގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި މެދު މާވީ ހައިރާންވިއެވެ. އެންމެންގެ ތެރޭގައި މާވީގެ ކުރިމައްޗަށް އޭނާއަށް އަންނަން ކެރުނު ކަމެވެ. އީތަން އާއި ދިމާލަށް އެނބުރު ވަގުތު މާވީއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ސަނީހް ކައިރިވުމުން އެދެމީހުން ސަލާމްކުރީ ކަރާ ކަރު މަހާލާފައެއް ނޫނެވެ. ދެތުންފަތް ޖައްސާ ބޮސްދިނުމަކުންނެވެ.

މާވީގެ ދަތްދޮޅީގައި ހިފާ ޒިންދު އާއި ދިމާލަށް މޫނު އަނބުރައިލިއެވެ.

"ޔޫ މަސްޓް ލާން އެވްރިތިން." ޒިންދު އެބުނި އެއްޗެއްގެ މާނަ ކުރަންވީ ގޮތް ނޭނގިފައި މާވީއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު އޭނާގެ ސިކުނޑީގެ އެއްކަނުގައި ވިކަމުން ދިޔައީ އެތަނުގެ ނުރައްކާތެރިކަމެވެ. އެމީހުންގެ ދަރަޖައަށްވެއްޓި އެހުރިހާ ކަމެއް ދަސްކުރަންވެއްޖެނަމަ މާވީގެ ދީނާއި ދުނިޔެއަށް ފޮނުއްވި ބޭނުމުގެ މަތިން ޖެހޭނީ ހަނދާން ނައްތާލާށެވެ.

"ލަވް، އެބަ އަންނަން އިނގޭ." މާވީގެ ކަންފަތް ދޮށުގައި އީތަން ބުނެލިއެވެ. އޭނާ އެދަނީ ކޮންތަނަކަށްކަމެއް ނޭނގެއެވެ. ދެތިން ފިޔަވަޅު ނަގާފައި އެނބުރި މާވީގެ މޫނަށް ބަލައިލިއެވެ. ދެން އަތުގެ އިނގިލިތަކުން އެންމެ ކުޑައަށް އިން އިނގިލި ދައްކާލުމުން އެ ވަންނަނީ ފާޚާނާއަށްކަން އެނގިގެން ދިޔައެވެ.

ޒިންދު އައިސް މާވީގެ އަތަށް ކޯކު ތައްޓެއް ދިނެވެ. އެއީ ކޮންއެއްޗެއްތޯ ސުވާލުކުރުމުގެ ކުރިން އެއީ ކޮން އެއްޗެއްކަންވެސް ޒިންދު ބުންޏެވެ. މާވީ ގެނެސް ހުރިހާ އަންހެނުން ތިބި ސޯފާގައި ބޭންދިއެވެ. އެތަނުގައި ގިނައީ ދިވެހިންނެވެ. އެކި ބޭނުންތަކަށް އެތަނަށް ދިރިއުޅުން ބަދަލުކޮށްލައިގެން އުޅޭ މީހުންނެވެ. އެކަމަކު އުޅުމާއި އަޚްލާޤުގައި ހިފާފައިވަނީ ޖާހިލުކަމުގެ ވަކިތަކެވެ.

** **

އީތަން ކޮޓަރިއަށް ވަދެފައި ނެގީ އޭނާގެ ދެވަނަ ޖީބުގައި އޮތް މާވީގެ ފޯނެވެ. އެއަށް އޭނާ ބަލައިލިއެވެ. އޭގެތެރެއިން ސިމް ނަގައި ޑަސްބިނަށް އެއްލައިލިއެވެ. ދެން ފޯނުވެސް ޑަސްބިނުގެ ތެރެއަށް ލިއެވެ. ދެން އޭނާ ހިނގައިގަތީ މާވީގެ ކައިރިއަށް ދިއުމަށެވެ.

މާވީ އިނީ ވީ އެންމެ އަވަހަކަށް އެތަނުން ނިކުންނަން ބޭނުންވެފައެވެ. އެމީހުންގެ ތެރޭ އިނުމެކޭ އެމީހުންގެ ނުބައިކަމުގައި ބައިވެރިވުމެކޭ އެއްފަދަކަމުގައި އޭނާއަށް ހީވާތީއެވެ. އީތަން ފެނުމާއި އެކު މާވީ ހަނާ އަޅާލީ ކައިރިއަށް އައުމަށެވެ. އީތަން އައިސް އިށީނީ މާވީގެ ކައިރީގައެވެ. އީތަންގެ ކައިރީ ދާން ބޭނުން ވާހަކަ ބުނުމުން އެދުނީ އިރުކޮޅަކު މަޑުކުރުމަށެވެ. އީތަން ކޯކުތައްޓެއް ނަގައި މާވީއަށް ދިއްކުރިއެވެ. މާވީ މަނާކުރަން އުޅުމުން އޭނާގެ އަތުން މާވީގެ ތުނބުގައި ޖައްސައިދިނެވެ.

** **

ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރާ ކޮންމެ ފަހަރަކު މާވީއަށް ހީވަނީ އޭނާގެ ބޮލުގައި ބަރު އެއްޗެއް ބާއްވާފައި އޮންނަހެންނެވެ. މުޅި ހަށީގައި ވަރުނެތިފައި އަތްފައި ހަރަކާތެއް ނުކުރެވުނެވެ. އަމިއްލަ ހާލާއި މެދު ވިސްނާލެވުމުން އޭނާގެ ދެލޯ ފުރިގެން އައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަންފެށިއެވެ. ދެލޯ ހުޅުވުނީ އެހެން ހިމޭންކަމާއި އެކު އޮވެ ރޮވުނުފަހުންނެވެ.

އޮވެވުނީ އީތަންގެ ގޭގައި ކަން އެނގުމުން ވަކިން ބޮޑަށް ކަންބޮޑުވިއެވެ. ރޭގެ މަތިން ހަނދާންވުމުން އެހިތް ތެޅެންފެށީ މޭކަށިތައް ފަޅާފައި ނިކުންނަހާ ބާރަށެވެ. ސްލޯ މޯޝަންގައި ދައްކަމުން ދިޔަ ފިލްމުގެ މަންޒަރުތަކެއްފަދައިން ފަހަރަކު ކަމެއް އޭނާގެ ސިކުނޑީގައި ފެވެމުން ދިޔައެވެ.

ކޯކު ތަށީގެ ރަހަ އެނގުމުން މާވީ ދުރަށްލާން މަސައްކަތްކުރިއެވެ. އެކަމަކު އީތަން ހިފަހައްޓާ ދުރުކުރިއަކަ ނުދިނެވެ. އަނގަ އެތެރޭގައި ލީ ނުބައި ހުތް ރަހަ އާއި އެކު އޭގެތެރެއަށް އެއްޗެއް އަޅާފައިވާކަން ކަށަވަރުވިއެވެ. އެކަމަކު ވަށައިގެން ތިބި އެންމެން ބަލަންފެށި ނުބައި ނަޒަރު ފެނިފައި އެއީ އެމީހުންގެ ރޭވުމެއްކަން އެނގުނެވެ. އޭނާ އީތަންގެ ގަމީހުގައި އަތް ޖައްސަން އުޅުނެވެ. އެކަމަކު އީތަން ކޮއްޕައިލީ އެމީހުންގެ ތެރެއަށެވެ.

ބަނޑުހައިވެފައިވާ ސިންގާތަކެކޭ އެމީހުން އެއްފަދައެވެ. ދެޖިންސުގެ ޒުވާނުން މަސްހުނިވެ އޭނާގެ ލޯކުރިމަތީ އުޅެންފެށި ގޮތަކީ މި ދުނިޔޭގައި އޭނާ ފެންނަން އެދޭ ފަދަ މަންޒަރެއް ނޫނެވެ. އެމީހުންނާއި އެކު އީތަންވިއެވެ. މާވީގެ ހަށިގަނޑަށް ލިބެންފެށި ކޮންމެ އަނިޔާއަކަށް ކއްތެރިވުމަށް އީތަން ބުންޏެވެ. ފުރަތަމަ ފަހަރު ވީމައި އެއީ ވެދާނެ ގޮތެއްކަމުގައި ބުންޏެވެ. ނަމަވެސް ފަހުން އަދި ރަނގަޅުވާނެކަމުގައި ބުންޏެވެ. އެމީހުންގެ ތެރެއިން ގެންގޮސްދިނުމަށް މާވީ އާދޭސްކުރިއެވެ.

އޭނާ ގެއަށް ގެނައީ ކޮންއިރަކުކަމެއް ނޭނގެއެވެ. އެތަނުގައި އޮވެ ނިދުނީކަމެއް ނޫނީ ހޭ ހުސްވީކަމެއް ނޭނގެއެވެ. މާވީއަށް އަނެއްކާވެސް ރޮވުނެވެ. އީތަން އަކީ އެފަދަ ފިރިއަކަށް ވާނެކަން އެނގުނު ނަމަ އޭނާ ދުވަހަކުވެސް ކައިވެނީގެ ގޮތުން ނުގުޅުނީހެވެ. އޭރު އީތަން ދެއްކި ވާހަކަތަކުން އޭނާގެ ފޮރުވިފައިވާ ސިފަތަކެއް ހުރެދާނެކަމުގައި ހީވެސް ވެފައި ނެތީއެވެ.

އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ މާވީއަށް ލިބުނުއިންޒާރަށް އޭނާ ސަމާލުވިނަމަ ރޭގައި އޭނާ ސަލާމަތްވީހެވެ. އޭރު އަމިއްލަ ފަސްގަނޑުގައި ހުރެފައި އަންނަން ދެކޮޅު ހެދުނު ނަމައޭ ހިތަށް އެރިއެވެ. އޭނާގެ ހަށިގަނޑަށް ލިބުނު ކޮންމެ އަނިޔާއެއްގެ ޒިންމާ އީތަން ފަދައިން އޭނާވެސް ނަގަން ޖެހޭނެކަމުގައި ހީވެ އިތުރަށް ރޮވުނެވެ. ގޭތެރޭގެ ހަމަނުޖެހުމާއި އޭނާގެ ލޯމައްޗަށް ތިލަވަމުން ދިޔަ ބައްޕަމެންގެ ދިރިއުޅުމުގެ ކަންތައްތަކަށްފަހު އެ ފަސްގަނޑުމަތިން އޭނާ ފޫހިވިއެވެ. ހުރިހާ އެންމެންގެ ފަރާތުންވެސް ފެނުނީ އޮޅުވާލުމެވެ.

އެހެން އޮވެ ރޮއި ރޮއި ވަރުބަލިވެ އިރުކޮޅަކު ނިދުނެވެ. ދެން ހޭލެވުނުއިރު ބަނޑުހައިވެ މީހާ ތުރުތުރު އަޅައެވެ. އެ ބޭހުގެ އަސަރު ކެނޑެމުން ދިޔަވަރަކަށް އަތްފައި ހަރަކާތް ކުރެވެމުން ދިޔައެވެ. އެނދުން ތެދުވިއިރު އެނދުކައިރީ ޓްރޭއެއްގައި ކާއެއްޗެހި ހުއްޓެވެ.

އީތަން އައިސް ދިޔައީ ކޮންއިރަކުކަމެއް ނޭނގެއެވެ. މާވީ ތެދުވެ ސޭންޑްވިޗަކާއި އޮރެންޖު ޖޫސްތަށިން އެއްބައި ބޯލިއެވެ. ކުޑަކޮށް ވަރުޖެހުމުން އޭނާ ހޯދަން ފެށީ އޭނާގެ ފޯނެވެ. ވީ އެންމެ އަވަހަކަށް އޭނާގެ ބައްޕައަށް ގުޅަން ބޭނުންވިއެވެ. އެ ފުރާޅު ދޮށުގައި ހުންނާކަށް ބޭނުމެއް ނޫނެވެ. އޭނާ ބުނެފި ނަމަ އާމިރު އަންނާނެކަމުގެ ޔަޤީންކަން އޮތެވެ.

މުޅި ކޮޓަރި ފުށުން ޖެހިއިރުވެސް ފޯނެއް ނުފެނުނެވެ. އެކަމަކު މާވީ ހިތްވަރު އެލުވައެއް ނުލައެވެ. މުޅި ގޭތެރެއިން އޭނާއަށް ޓެލެފޯނެއް ނަމަވެސް އަތުޖެހޭނެކަމުގައި ހީކޮށް ގޭތެރެއަށް ނިކުތެވެ. މިއަދު ގޭތެރެއިން ފެންނަނީ ހިމޭންކަމެވެ. އޭނާ އަޖައިބުވީ އެންމެ ނޯކަރެއްވެސް ލޮލު ކޮޅަށް ނުފެނުނީތީއެވެ. ސިޓިންރޫމްގައި އިން ޓެލެފޯނުގައި އަތް ލިއިރު އޭގެ ވާގަނޑު އޮތީ ބުރިކޮށްލާފައެވެ.

މާވީ ދުވެފައި ގޮސް ވަނީ ރުޝްދީގެ ކޮޓަރިއަށެވެ. ޔަޤީނުންވެސް އެކޮޓަރީގައި ފޯނެއް އޮންނާނެކަން އޭނާއަށް އެނގެއެވެ. އީތަންގެ ބައްޕަ އީތަންއަށް ގުޅައި ހަދައެވެ. އީތަންއަށް އަނިޔާވެރިވާން ކެރޭނީ އޭނާގެ މައްޗަށެވެ. ބައްޕަގެ ފޯނު އަތުލަން ކެރިދާނެހެން ހިއެއް ނުވެއެވެ.

ރުޝްދީ ހައިރާންވެފައި މާވީއަށް ބަލައިލިއެވެ. ގޮނޑީގައި އިށީދެ އިން ރުޝްދީ އިސްއުފުލައިލިއެވެ. އާއްމުކޮށް ރުޝްދީގެ ކައިރީ ހުންނަ ފިރިހެން ނަރުހެއް ނެތެވެ. އޭނާވެސް އިނީ ކޮޓަރީގައި އެކަންޏެވެ. މާވީ ވަދެފައި ފޯނު އެބައޮތްހޭ އެހުމުން ރުޝްދީ ވަކިންބޮޑަށް ހައިރާންވިއެވެ.

"އީތަން ކައިރީ ނާހާ އަހަރެން ބޭނުމެއް ނޫން ދޭކަށް." ރުޝްދީ ދިން ޖަވާބުން ވަކިން ބޮޑަށް މާވީއަށް ޝޮކެއް ލިބުނެވެ. މާވީގެ ފޯނު ގެއްލުނީ ނޫންކަން ޔަޤީންވިއެވެ.

ރުޝްދީ އަތުގައ ފޯނެއް އޮތް ނަމަ ގަދަކަމުންވިއަސް އަތުލެވިދާނެކަން މާވީއަށް އެނގެއެވެ. އެއީ ބަލިވެ އަމިއްލަ ހާލަށް ހަރަކާތް ނުކުރެވޭ މީހެކެވެ. އިންޒާރުދޭ ފަދަ ހަރުކަށި ރާގަކަށް ފޯނު ދޭށޭ ބުނުމުން އީތަންގެ ބައްޕަ އަނެއްކާވެސް ދެކޮޅު ހެދިއެވެ. މާވީ އަތް އުފުލައި މޫނުގައި ޖަހަން ދިމާކުރުމުން ބިރުން ގޮސް އަލަމާރި ތެރޭގައި ކަމުގައި ބުންޏެވެ.

އެކޮޓަރި ތެރޭގައި ހުރި ބޮޑު އަލަމާރި އާއި ދިމާލަށް މާވީ ދުއްވައިގަތެވެ. ދެއަތުން އަލަމާރީގެ ދެފަޅި އެއްފަހަރާ ހުޅުވާލިއެވެ. މާވީ އެތަނަށް ހުއްޓުނު ބޭނުމުގެ މަތިން އިރުކޮޅަކަށް ހަނދާން ނެތުނީ އަލަމާރި ތެރޭ ހުރި ފޮޓޯ ފްރޭމް ފެނިފައެވެ.

އެ ފޮޓޯގައި މާވީ އަތްލަން ފެށުމުން ރުޝްދީ ހަޅެއްލަވައިގަތެވެ. މާވީ ފަސްއެނބުރި ބަލައިލީ އެ ފޮޓީ ފްރޭމް ހިފައިގެންނެވެ. އޭނާއަށް ލިބިފައިވާ ސިހުން އިތުރަށް ބޮޑުވީ ފުރަތަމަ ފަހަރަށް ރުޝްދީގެ ބުމަ މަތީ އިން ލަކުނު ފެނިފައެވެ. އެއީ ހާމިދު ބޭ އެމީހަކު ސިފަކޮށްދީފައިވާ މީހާކަން އެނގުމުން އޭނާގެ ދެފައި ތުރުތުރުލައިގަތެވެ. މީގެކުރިން ރުޝްދީ އިންނަގޮތުން އޭނާއަށް އެލަކުނު ފާހަގަވެފައި ނެތެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular