27 Jan 2020

By: Mariyam Yasma

އޭނަގެ ހިތް ކުދިކުދިކޮށްލީ ކަންފަތުގައި ޖެހުނު ޒާމިންގެ ރުއިމުގެ އަޑެވެ. ލިބެން އުޅެނީ ކިހާ ނުބައި ޚަބަރެއްކަން ލަފާކުރެވިފައި ރައިޝާއަކަށްވެސް އިތުރަށް ކަރުނަ ހިފަހައްޓައެއްނުލެވުނެވެ. ނިދިފައި އޮތް އަލަމްއަށް ބަލާލައިފައި އެދަރިފުޅު ގެނެސް މޭގައި ޖައްސައިލެވުނީ އެނުބައި ޚަބަރުން އެދަރިފުޅު ހިމާޔަތްކުރަން ބޭނުންވެފައިވާ މީހަކުފަދައިންނެވެ.

"ބޭބެ ހޭއަރައިފި.." އަމިއްލަ ނަފްސް ކޮންޓްރޯލް ކުރެވުމުން ކުޑަކޮށް ކަރުކެހިލުމަށްފަހު ޒާމިން ދިނީ ރައިޝާ އުންމީދުނުކުރާ ޖަވާބެވެ. އޭނަ އެރުއީ އުފަލުންކަން އެނގުމުން ރައިޝާއަށް ވެސް ހެވިއްޖެ އެވެ.

"ﷲއަށް ހަމްދު ހުރި. ދަރިފުޅުގެ ބައްޕައަށް ދިރުން ދެއްވައިފި. ހޭއަރައިފި.." އަލަމްގެ ނިތުގައި ބޮސްދީފައި އެމޫނަށް ބަލަން އިނދެގެން ރައިޝާ ވާހަކަދެއްކީ ކަރުނަ ފުހެމުންނެވެ. ނަސީބަކުން ފުން ނިދީގައި އޮތް އަލަމްއަށް ކަމެއްވާހެންވެސް ހިއެއްނުވެ އެވެ.

ޒާމިން އިތުރަށް ކިޔައިދިނީ ހޭއެރި ނަމަވެސް ބޭބެ ރަނގަޅުވާން ދުވަސްތަކެއް ނަގާނެ ކަމުގަ އެވެ. ބޭރުފުށުގެ ޒަޚަމްތަކަށްވުރެ ދައްތަގެ ޚަބަރުން ޒާހިދުބޭގެ ހިތަށް ލިބިފައިވާ އަނިޔާ ދެގުނައަށް އިތުރެވެ. އެހިތާމައިން ޒާހިދުބެ އަރައިގަންނާނެ ގޮތެއްވެސް ނޭނގެ އެވެ. މަޔަކާނުލާ އެކުދިން ބަލާނީ ކިހިނެތް ހެއްޔެވެ؟ އެކުދިންގެ ސުވާލުތަކަށް ޖަވާބުދާރީވާނީ ކިހިނެތް ހެއްޔެވެ؟ އެހާ ލޯބިން ބިންޤާ އަޅައިގެން އިމާރާތް ކުރަންފެށި ލޯބީގެ ގަނޑުވަރު ފުރިހަމަވެފައި ވަނިކޮށް ކުއްލިއަކަށް ބިމާއި ހަމަވެގެން އައުމުން އިތުރަށް ކުރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟

"ﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ. އިރާދަކުރެއްވިއްޔާ ޒާހިދުބެއަށް އަދި މިއަށްވުރެ ރަނގަޅު ދުވަސްތަކެއް ފެންނާނެ..." ޒާމިން ފޯނު ބޭއްވިފަހުން ރައިޝާ ވާހަކަދެއްކީ އަމިއްލަ ނަފްސާ އެވެ.

***

ޒާމިން ބުނީ ތެދެކެވެ. ބޭރުގެ ޒަޚަމްތައް ރަނގަޅު ވިއަސް އެތެރެހަށީގެ ޒަޚަމްތައް ފަސޭހަ ވާން ވަގުތު ނަގާނެ އެވެ. ގައިގައި ހުރި ލަކުނުތައް ފަސޭހަވިފަހުން ވެސް ޒާހިދު އެކޭ ފުރާނަ ނެތް މަސްގަނޑެކޭ އެއްގޮތެވެ. ތަނެއްގގައި އިށީންނަ މީހާ ނުވަތަ އެ އޮށޯންނަ މީހާ އެއޮތްގޮތަށް ގަޑިއެއްގެ އިރުވާންދެން ވެސް އޮވެދާނެ އެވެ. ކައިރީގައި ދަރިން އުޅުނަސް އެކުދިންނަކާ ވެސް އަޅައެއްނުލަ އެވެ. ބޭރަށް ނިކުމެ މީހުންނާ ވާހަކަދެއްކުމަކީ ޒާހިދު ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. ޒާމިން އެދި އާދޭސްކޮށްގެން ވެސް ތެރަޕިސްޓަކާ ބައްދަލުކުރާކަށް އެއްބަހެއް ނުވި އެވެ.

އެނބުރި އައި ފަހުން ޒާމިންވެސް ކުރިއެކޭ އެއްގޮތަށް އުޅެން ފެށީ ދުރުންނެވެ.

ދުވަސްތަކެއް ފަހުން ރައިޝާ އެއްދުވަހަކު އަލަމް ރީތިކޮށްގެން ބޭރަށް ނިކުމެލަން ތައްޔާރުވަމުން ދަނިކޮށް ކޮންމެވެސް މީހަކު ގެއަށް އައި އަޑު އިވުނެވެ. އޭނަ އަލަމް އުރައިގެން ސިޓިންރޫމަށް ނިކުތްތަނާ ސަލްވާ ފެނިގެން ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނައާއި ޒާމިންގެ ކައިވެނި ރޫޅުނުފަހުން ސަލްވާ ފެނުނީ ހޮސްޕިޓަލުތެރެއިންނެވެ. އެއަށްފަހު ސަހަރާއިން ނެވެ.

"ތަނަކަށް ދާންތަ ތިއުޅެނީ؟" ސަލްވާ އިންތަނުން ތެދުވެގެން އެމީހުން ކައިރިއަށް އަންނަމުން ވާހަކަދެއްކި އެވެ.

ރައިޝާ ބޯޖަހާލައިފައި އަލަމް އުކުޅަށް ހެއުވަރުކޮށްލި އެވެ. އަލަމް ދޮރާއި ދިމާއަށް އަތްދިއްކޮށްފައި ކިޔަންފެށީ ބޭރަށް ނިކުންނާށެވެ. ކައިރިއަށް އައިސް މާމަ ދަރިފުޅުގެ އަތުގައި ހިފާލެވުނުއިރު ސަލްވާގެ ލޯ ފެންކަޅިވެއްޖެ އެވެ. ނަސީބަކުން މާމަ އުރާލަން އުޅުމުން އަލަމް ވަރަށް ފަސޭހައިން ސަލްވާ ކައިރިއަށް ދިޔަ އެވެ. ދެން އަނެއްކާ ވެސް އެދެން ފެށީ ބޭރަށް ނިކުތުމަށެވެ.

ސަލްވާ ދާން ފެށުމުން މަންމައަށް ބަލައިލުމަށްފަހު ފަހަތުން ރައިޝާ ވެސް ހިނގައިގަތެވެ. ބޭރަށް ނިކުމެފައި އަލަމް އެދުނީ ތިރިއަށް ބޭލުމަށެވެ. ދެން އެދުނީ ރައިޝާ ވެސް އަލަމްގެ އަތުގައި ހިފުމަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އުފުއްލައިލަން އެދުނެވެ. ދިހަ ވަރަކަށް މިނިޓް ހިނގާފައި ގޮސް ޕާކަށް ވަދެވުމާއެކު ކުޅޭ އެއްޗެހިތައް ފެނިގެން އަލަމް ހަށްޓަކު ހެއެއް ނެތެވެ. ފުރަތަމަ ދެތަނަކަށް އަރަން އެހީ ބޭނުންވި ނަމަވެސް އިރުކޮޅެއް ވީތަނާ އެހެން ކުދިންނާއެކު ކުޅެން ފަށައިފި އެވެ. ރައިޝާ އެމަންޒަރު ބަލަން ކައިރީ ހުރި ހިލަ ގޮނޑިއެއްގައި އިށީނދެލިތަނާ ސަލްވާ ވެސް އައިސް އޭގެ އަނެއްކޮޅުގައި ޖައްސައިލި އެވެ. އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ ތިބީ އަލަމްގެ ހަރަކާތްތަކަށް ބަލާށެވެ.

"ޝުކުރިއްޔާ ރައިޝާ. ތީ އަލަމްގެ ބޮޑުދައިތައަށް ވިއަސް ރައިޝާގެ އަމިއްލަ ހުރިހާ ކަމެއް ފަހަށް ޖައއްސާލައިފަ އަލަމް ބަލައިދޭތީ އެކަން އަހަރުމެން ބަލައިގަންނަން.." ސަލްވާ ވާހަކަދައްކަން ފެށުމުން ރައިޝާއަށް އެމޫނަށް ބަލައިލެވުނެވެ.

"ދައްތައަށްޓަކައި މިއަދު އަހަރެންނަށް ކޮށްދެވޭނެ ހަމައެކަނި ކަމަކީ ދައްތަގެ ދަރިންނަށް ރަނގަޅަށް ކަމޭހިތުން. އެކުދިންނަށް އަޅައިލުން.." ޖަވާބުދިންއިރު ރައިޝާގެ އަޑު ކޮންމެވެސް ވަރަކަށް ކުރެހުނެވެ.

ގެއަށް އެނބުރި އައިސް ކުރިއްސުރެ ސަލްވާ ގެނެސް ބެހެއްޓި އަތް ދަބަހުން ހަދިޔާތައް ނަގައި ދިނުމުނން އަލަމް އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި އެއެއްޗެހި ނަގައިގެން ފެށީ އަނެއްކާވެސް ކުޅޭށެވެ. ރައިޝާ ސައިހަދައިދޭން އެދުމުން ސަލްވާ ހިނިތުންވުމާއެކު ބޯޖަހައިލި އެވެ.

ބަދިގެއަށް ވަދެފައި އިރުކޮޅެއް ވީތަނާ ފިޔަވަޅުގެ އަޑު އިވިގެން އެނބުރުނުއިރު ސަލްވާ ވަދެގެން އާދެއެވެ. ސައި ހަދައިދިނުމުން ރައިޝާ ކުރެން އެދުނީ އޭނަވެސް ސަލްވާއާއެކު ބައިވެރިވުމަށެވެ. ޒާމިންއާއެކު ހޭދަކުރި ފަހު ދުވަސްތަކުގައއި ސަލްވާ އައިސް ދައްކާފައި ހުރި ވާހަކަތައް އަދި އަދަށް ދާންދެންވެސް ރައިޝާގެ ހިތުގައި ތާޒާ ޒަޚަމްތަކެއް ލާފައިވެ އެވެ.. އެކަމަކު އަލަމްގެ މާމައަށް ވީތީ އިޚުތިރާމް އަދާކުރުމަށް އޭނަ ފަހެއް ނުޖެހެ އެވެ.

"މިއަދު މިގެއަށް މިއައީ ރައިޝާ ކައިރީ މުހިންމު އެހެން ވާހަކައެއްވެސް ދައްކަންވެގެން....މީ އަހަރެންނަށް އެކަނި ފެނުނު ގޮތެއް ނޫން. އަލަމްއާއި އާޒީންގެ ކާފަ އާއި ވެސް ވާހަކަދެއްކިން. އަދި ޒާމިންއާ ވެސް.." ސަލްވާ ސައިބޯން ނޫޅެ ޖޯޑުގެ ކައިރިފަށުގައި ޝަހާދަތްއިނގިލި ހާކަން އިނދެގެން ވާހަކަދައްކަން ފެށި އެވެ. ރައިޝާގެ ހިތް ޑަންޑަން ލާފައި ތެޅެން ފެށި އެވެ.

"ކޮން ވާހަކައެއް؟" ރައިޝާއަށް އިތުރަށް ކެތް ނުވެގެން އަހައިލެވިއްޖެ އެވެ.

"ޒާހިދު ރަނގަޅުވިއަސް އޭނައަކީ މިހާރު މުޅިން ތަފާތު މީހެއް. ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އިމްޝާގެ ހިތާމަތައް ފިލައިގެން ގޮސް އާ ދިރިއުޅުމެއް ލިބިދާނެ ކަންނޭނގެ. އެކަމަކު އެކުދިންނަށް ދޮންމަންމައެއް ހޯދައިދިނުމަކީ އަހަރެން އެދޭ ގޮތެއް ނޫން. މީހުން ބުނޭ ބޮޑު ދައިތައަކީ ދެވަނަ މަންމައޭ. އަހަރެން ޝައްކެއް ނުކުރަން ރައިޝާ އެކުދިންނަށް މައެއްގެ ލޯބި ދޭނެކަމާއިމެދަކުއެއް. އަދި ރައިޝާއަށް ލިބިފައިވާ އުނިކަން ފޫބައްދަންވެސް މިއަށްވުރެ ރަނގަޅު ފުރުސަތެއް ލިބޭނެ ހެނެއް ހިއެއް ނުވޭ..." ސަލްވާ ވާހަކަދައްކަމުން އިސްއުފުލާލިއިރު ރައިޝާގެ ނޭވާ ހުރީ އަވަސްވެފަ އެވެ.

އޭނަ ދުރު ބަލައިލީ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މީގެ ކުރިން ޒާމިންއަށްޓަކައި އޭނަ ހަނު ހުއްޓަސް މިއަދު އޭނަ ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"އިރުއިރުކޮޅާ ހަނދާން ނުކޮށްދިނަސް އަހަރެންނަށް އިނގޭ އަހަރެންގެ އުނިކަން.." ރައިޝާގެ އަޑު ނިކުތތީ ބޭނުންވިވަރަށްވުރެ ހަރުކަށި ކޮށެވެ.

"ޒާމިންއާ އަލުން ކައިވެނި ކޮށްފިއްޔާ ރައިޝާއަށް އެކުދިންގެ މައެއްގެ މަޤާމު ފުރަން އަބަދުވެސް ހުރެވޭނެ.." ރައިޝާގެ ވާހަކައަށް އަޅާލުމެއްނެތި ސަލްވާ އިއްވައިލި އެވެ.

ވަގުތުން ރައިޝާގެ ދެލޯ ބޮޑުވި އެވެ. އެހެން އެބުނީ ހަމަ ސަލްވާ ބާވައޭ ހިތަށް އެރި އެވެ. އޭނަގެ މައްސަލައެއް ހުންނަކަން އެނގުނީއްސުރެ ޒާމިންގެ ހަޔާތުން އޭނަ ދުރުކޮށްލަން މަސައްކަތް ކުރި މީހާ މިއަދު އެހުރީ ހަމަހޭގައި ހެއްޔެވެ؟

"ޒާމިން އަދިވެސް އެވިސްނަނީ އޭނަގެ ހިތުން. ސިކުނޑިއަކުން ނޫން. އެކަމަކު މަންމަ ތިގޮތަށް ވިސްނަން ފެށީ ކޮންއިރަކު؟" ރައިޝާގެ ހިތަށް ކުރި އަސަރާއެކު ވާހަކަދެއްކުމުގެ ރާގަށް ބަދަލު އައެވެ.

"ރައިޝާ އޭނަގެ ހަޔާތަށް ގެނެވެންޏާ ޒާމިން ހުރީ އަމިއްލަ ކުދިން ހޯދުމުގެ ހިޔާލު އުމުރަށް ހިތުން ނެރެލަން ތައްޔާރަށް. އޭނަ ހަމައެކަނި ބޭނުން ވަނީ ރައިޝާ.." ސަލްވާ އޮޅުންފިލުވައިދިނެވެ.

"އެކަމަކު އެއީ މަންމަ ބޭނުންވާ ގޮތެއް ނޫނެއްނު.." ރައިޝާ ހަނދާންކޮށްދޭކަށް ފަހެއް ނުޖެހެ އެވެ. "އާޒީންއާއި އަލަމްއަކީ އަހަރެންގެ އަމިއްލަ ލޭ. އަހަރެންގެ މާމަ ދަރިން. އެކުދިން ރަނގަޅުބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށްވުރެ އަހަންނަށް މުހިންމެއް ނޫން އެހެން އެއްވެސް ކަމެއް. ލިބިފައިވާ ނިޢުމަތަށް ޝުކުރުކުރަން ދަސްކުރަނިކޮށް ﷲގެ އިރާދަފުޅުން އެއަށްވުރެ ރަނގަޅު ގޮތްތަކެއްވެސް ދިމާވެދާނެ. އެހެންނޫނަސް ޒާމިން އެގޮތުގައި ހުރިއްޔާ މަންމަ އޭނަ ހުއްޓުވަން މީ ކާކު..." ސަލްވާގެ ވާހަކައިން ރައިޝާއަށް އެނގުނީ ދައްތަގެ މަރުން ހެޔޮއެއްޗެއް ވިސްނިފައި ހުރި އެކަކީ އެއީ ކަމެވެ.

"އަހަރެން ބޭނުން ވިސްނައިލަން..." ރައިޝާ މަޑުމަޑުން ބުނެލި އެވެ.

ސަލްވާގެ ކުލަވަރު ފަނޑުވި ނަމަވެސް މަޑުމަޑުން ބޯޖަހައިލި އެވެ. ސަލްވާ ޤަބޫލުކޮށްގެން އައީ އެއްފަހަރު އޭނަ އެއްބަސްވާނެ ކަމަށް ކަންނޭނގެ އެވެ.

އެރޭ އަލަމް ނިންދަވާފައި އެކަނިވުމުން އެއްފަހަރާ އެތަކެއް ހިޔާލު އައިސް ރައިޝާގެ ސިކުނޑިއަށް ވާން ކުރަން ފެށި އެވެ. ކައިވެނީގެ ހުށައެޅުން އައުމުން މިއަދުވެސް އަކީލްގެ ހިޔާލަކީ އޭނަގެ އެސިކުނޑިން އެއްފަރާތް ކުރެވެން ނެތތް ފަރާތެކެވެ. އޭނައާ ޒާމިން ވަކިވީއްސުރެ އަކީލް އެހުރީ އޭނަގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ޒާމިން އަކީ އޭނަގެ އެންމެ ގާތް އެކުވެރިއެއްގެ މަޤާމުގައި ހުރެ އޭނަގެ އަލަތު ފިރިއެއްގެ ގޮތުގައި ވެސް އުޅުނު ފަރާތެވެ. ދައްތަގެ ކުދިންނަށްޓަކައި ވަގުތުން އާބަސް ބުނަން ހިތަށް އަރާފައިވެސް މަޑުޖެހުނު އެއް ސަބަބަކީ އަކީލް އެވެ. އަނެއް ސަބަބަކީ ފަހު ފަހަރުގެ ތަޖުރިބާ އެވެ. މިއަދު ނިކަމެތިވި ދުވަހު ކޮންމެ ވާހަކައެއް ދައްކާފައިވެސް ފަހުން ސަލްވާގެ ހިޔާލު ބަދަލުވެދާނެ އެވެ.

އިޝާ ނަމާދުކުރުމަށްފަހު ދުޢާއަށް އަތް ނަގައިގެން އިނދެ ރައިޝާ އެހީއަށް އެދުނީ ހެއްދެވި ފަރާތުންނެވެ. ބޯމަތިވެފައި އޮތް ކަންތައްގަނޑުން އެންމެ ރަނގަޅު ގޮތެއް ނިންމުމަށެވެ.

އޭނަ ކާން ހަދަންވެގެން ނިކުތްއިރު މަންމަވެސް ބަދިގޭގައި އުޅެ އެވެ. މަންމަ ބައްޕައަށް ތަށި ތައްޔޔާރު ކޮށްދޭތަން ބަލަން އިނދެފައި ރައިޝާ ކުއްލިއަކަށް ޒާމިން މަންމަ ދެއްކި ވާހަކަ ހާމަކޮށްލި އެވެ. މަންމަގެ އަތަށް ހުއްޓުމެއް އައުމާއެކު ކުއްލިއަކަށް އެނބުރި ބަލައިލި އެވެ. ދެން އަތުން އިޝާރާތްކޮށްލާފައި ބުނީ މަންމައާއެކު ދިއުމަށެވެ.

ބައްޕަގެ ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެ ބައްޕަގެ މަގަތުގައި މަންމަ އިށީނދެލުމުން ރައިޝާ ގޮސް އިށީނދެލީ އެނދުގެ އަނެއްފަރާތުން އަރައި ބައްޕަގެ ކައިރީގަ އެވެ. ބައްޕަގެ ކޯތާފަތާއި އަތުގެ ފިރުމާލައިފައި ގުދުވެ އާދައިގެ މަތިން ބައްޕަގެ ނިތުގައި ބޮސްދިނެވެ. މަންމަ އޭނަ ހިންދެމިލަންދެން ބަލަން އިނީ އޭނަގެ ހަރަކާތްތަކަށެވެ.

މަންމަ ރައިޝާ ދެންމެ ކިޔައިދިން ވާހަކަތައް ބައްޕަގެ ކަންފަތަށް އިއްވަން ފެށުމުން ރައިޝާއަށް އިނދެވުނީ އިސްޖަހާލައިގެންނެވެ. އޭނަ އިރުކޮޅަކުން އިސްއުފުލައިލީ މަންމަގެ ވާހަކަ ނިމުމުން ބައްޕަގެ މޫނުގެ ކުލަވވަރު ދެކެން ވެގެންނެވެ. އެވާހަކަތަކުން އޭނަ ހީކުރިފަދަ ހިތްހަމަޖެހުމެއް ބައްޕަގެ މޫނުން ފައުޅުވާން ފެށިތޯ އަމިއްލަ ލޮލުން ދެކެންވެގެންނެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އަކީލް އެއްދުވަހަކު މިގެއަށް އައި.." މަންމަ ފެށި ވާހަކައިން ރައިޝާގެ ސަމާލުކަން ލިބުނެވެ.

ކުއްލިއަކަށް މަންމަ މިފެށީ ކޮންވާހަކައެއް ހެއްޔެވެ؟

ދެވަނަ ސިކުންތުގައި ކަންބޮޑުވެފައި ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އަކީލްގެ ވާހަކައިން ބައްޕައަށް ނޭދެވޭ އަސަރެއް ކުރާކަށް އޭނަ ބޭނުމެއް ނުވެ އެވެ. އިސާހިތަކު މަންމައަށް ވެސް އޭނަގެ ކަންބޮޑުވުން ވިސްނިއްޖެ އެވެ.

"އަކީލް އަކީ ދަރިފުޅުގެ ބައްޕައާ ބައްދަލުކުރަން.." އަމީރާ ރައިޝާގެ ކަންބޮޑުވުން ދުރުކޮށްދިނުމުގގެ ގޮތުން ހާމަކުރި އެވެ.

އެކަމަކު އެވާހަކައިން ރައިޝާގެ ނުތަނަވަސްކަން ވީ އިތުރެވެ.

"މަންމާ!..." ރައިޝާއަށް ކެތް ނުކުރެވިގެން އަކުރުތަކަށް ދަމާލައިފައި ގޮވާލި އެވެ.

އަމީރާގެ އަތުގައި ހުރި ތަށި ކަބަޑުމަތީ ބަހައްޓާފައި ތެދުވެގެންގޮސް ރައިޝާ އިން ފަރާތުގައި ދާދި ގާތުގައި އިށީނދެލި އެވެ.

"އަކީލް ދަރިފުޅުގެ ބައްޕަ ކައިރިން އަނެއްކާ ވެސް މާފަށް އެދުނީ މާޒީގައި ހިނގި ކަންތައް ތަކަށް.." މަންމަގެ ވާހަކަތަކުން ރައިޝާގެ ހިތުގެ ތެޅުން ވީ އަވަހެވެ.

އޭނައާ ގުޅެން ބޭނުންކަން ހާމަކޮށްފައިވެސް އަކީލްގެ ޚަބަރެއް ފަހުން ނުވަނީ ކީއްވެކަން މިއެނގުނީ އެވެ. ބައްޕަ މާފުނުކުރުމުން އަކީލްގެ ހިތަށް މާބޮޑަށް އަސަރު ކުރީކަން ޔަޤީނެވެ. ރައިޝާއަށް ލޯމަރައިލެވުނެވެ. "އަކީލްއަށް ބައްޕަ މާފުކޮށްފި... އަމީރާގެ ޖުމްލައާއެކު ރައިޝާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ.

މަންމަގެ މޫނަށް އޭނައަށް ބަލައިލެވުނީ އިވުނު ވާހަކަ ޤަބޫލު ނުކުރެވިފަ އެވެ. އެއީ އޭނައަށް ހީވި ގޮތެއް ހެއްޔެވެ؟ ލޯ މަރައިލެވުނު ފެނުނު ހުވަފެނެއް ހެއްޔެވެ؟

"އަކީލްއަށް ބައްޕަ މާފުކުރީއޭ.؟" ރައިޝާ ޔަޤީންކުރަން ބޭނުންވި އެވެ.

މަންމަ ބޯޖަހައިލިތަން ފެނުމާއެކު އަޖައިބެއްފަދަ ގޮތަކަށް މެއަށް ބާރުވެލި އެވެ. އެދެލޯ ފެންކަޅިވެގެން އައެވެ. ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ހިފެހެއްޓުނީ ނިކަން އުދަނގުލުންނެވެ. އަކީލްއަށްޓަކައި އޭނަގެ ހިތް ނަށައިލި އެވެ.

"އެނގޭތަ އަކީލް ދެން ބުނީ ކީކޭކަން...؟" އަމީރާ ވާހަކަ އަދި އެވަރަކުން ނުނިމެ އެވެ. ރައިޝާއަށް ބޯޖަހައިލެވުނެވެ. އޭނ ނޭފަތް ދަމާލައިފައި ކަޅިޖަހައިލަން ވެސް ބޭނުންނުވެފައި މަންމަގެ މޫނަށް ބަލަން އިނެވެ.

"އަކީލް ބައްޕަގެ ކިބައިން އެދުނީ ދަރިފުޅުގެ ކައިވެންޏަށް..." އަމީރާ ޖަވާބުދިނެވެ.

ރައިޝާގެ ސަމާލުކަން އަނެއްކާވެސް ބައްޕައަށް ހުއްޓުނީ އެހިސާބުންނެވެ. އޭނައަށް އިތުރަށް އިށީނދެއެއް ނީނދެވުނެވެ. މަންމަގެ އަތުތެރޭ އޮތް އަތްތިލަ ދަމައިގެންފައި ކޮޅަށް ތެދުވެވެވިއްޖެ އެވެ. އެއް އަތުން މޫނު ފުހެލާފައި ބައްޕަ ކައިރިން މާފަށް އެދެން ފެށުނެވެ. ރައިޝާގެ ބަސްތައް ހުއްޓުނީ ބައްޕަ އުދަނގުލުން ވެސް ވާހަކަދައްކަން މަސައްކަތް ކުރާތަން ފެނުނީމަ އެވެ. ބައްޕަ ދައްކާ ވާހަކަ ސާފުކުރަން އުދަނގޫވެ ރައިޝާ ތަންކޮޅެއް ކައިރިވެލި އެވެ. ސަލާމަތުން އޮތް އަތް އުފުލާލައިފައި ރައިޝާގެ ބޯމަތީ ބާއްވައިލުމުން އެހިތަށް ފިނިކަން ގެނެސްދިނެވެ.

ބައްޕަ ބުނީ ރައިޝާ މާފަށް އެދުން ހުއްޓައިލުމަށެވެ. އަދި ލިބިފައި އޮތް ދެ ހުށައެޅުމުން އިޖާބަ ދޭންވީ ފަރާތަކީ ކޮބައިކަން ނިންމާނީ މިއަދު ޚުދު ރައިޝާ އަމިއްލައަށް ކަމުގަ އެވެ. އަކީލް ނޫނީ ޒާމިން ހިޔާރު ކުރިއަސް ބައްޕަ ހެޔޮހިތުން ރުހުން ދޭނެ ކަމުގަ އެވެ. ބައްޕަގެ ވާހަކަތައް ނިމުމުން ހިންދެމިލާފައި ތެދުވެ ރައިޝާއަށް ބަލަން ހުރެވުނީ ފެންނަމުން ދިޔަ ހުވަފެނުން ހޭލެވޭނީ ކޮންއިރަކުން ބާވައޭ ހިތަށް އަރައިފަ އެވެ.

"ރައިޝާ!" މަންމަ އައިސް އަތުގައި ހިފާލުމުން ރައިޝާއަށް އެނބުރި އެމޫނަށް ބަލައިލެވުނެވެ.

"ދަރިފުޅު ގޮތެއް ނިންމާނީ އެއްވެސް ނުފޫޒެއް ނެތި ހިތުގެ އަޑު އަހައިގެން..." އޭނަގެ ދަތްދޮޅީގައި ހިފާ އުފުލާލައިފައި ލޯއްބާއެކު މަންމަ ބުނެލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular