28 Jan 2020

އެ ފޮޓޯގައި މާވީ އަތްލަން ފެށުމުން ރުޝްދީ ހަޅެއްލަވައިގަތެވެ. މާވީ ފަސްއެނބުރި ބަލައިލީ އެ ފޮޓީ ފްރޭމް ހިފައިގެންނެވެ. އޭނާއަށް ލިބިފައިވާ ސިހުން އިތުރަށް ބޮޑުވީ ފުރަތަމަ ފަހަރަށް ރުޝްދީގެ ބުމަ މަތީ އިން ލަކުނު ފެނިފައެވެ. އެއީ ހާމިދު ބޭ އެމީހަކު ސިފަކޮށްދީފައިވާ މީހާކަން އެނގުމުން އޭނާގެ ދެފައި ތުރުތުރުލައިގަތެވެ. މީގެކުރިން ރުޝްދީ އިންނަގޮތުން އޭނާއަށް އެލަކުނު ފާހަގަވެފައި ނެތެވެ.

"ތި ހުރިތަނެއްގައި ބަހައްޓާފައި މިތަނުން ކަލޭ ނިކުމޭ، އެހެން ނޫނީ އަހަރެން އީތަންއަށް ގޮވާނަން." ރުޝްދީގެ އަޑުގައި ރުޅި އާއި އެކު މަޑު ތުރުތުރުއެޅުމެއްހުއްޓެވެ. މާވީ އިސްޖަހާލީ އޭނާގެ އަތުގައިވާ ތަސްވީރު ފެންނަހެންނެވެ. އެއީ ރުޝްދީގެ އެންމެ ޒުވާން އިރެވެ. ދެފައިގެ ބާރުގައި ކޮޅަށް ހުރެވުނު އިރުގައި ނަގާފައިވާ ފޮޓޯއެކެވެ. ރުޝްދީގެ އަތްތިލަ އާއި އަތްމަހާލައިގެން ހެވިފައި ރީތިގޮތަކަށް އެހުރީ ހިމްނާއެވެ.

މިއީ އެގެއެއްގެ މިންހާ ގެ ދުލުން ސިފަކޮށްދިން އަނިޔާވެރިކަމުގެ ކިއްލާހެއްޔެވެ؟ މާވީގެ ދެފައި ތުރުތުރުއަޅަންފެށިއެވެ. ހިމްނާގެ ހަށިގަނޑުގައި އެތައް ލަކުނެއް ލެވުނީ ރުޝްދީގެ އަނިޔާވެރިކަމުންނޭ މިންހާ ބުނެދިނެވެ. އެ ވާހަކަތައް ހަނދާންވުމުން މާވީ އަރުތެރެ ހިކިވެ ހިތިރަހައެއް ލިއެވެ. އޭނާގެ އަރުގައި މަރުގެ ރަހަ ލި ފަދައެވެ.

"ހިމްނާ ދަންނަންތަ؟" ރުޝްދީގެ އަޑަށް މާވީ ބަލައިލިއެވެ. ކުރިން ހުރި ރުޅިވެރިކަން ފިލައި ރުޝްދީގެ ދެލޯވަނީ ބޮޑުވެފައެވެ. މާވީގެ މޫނަށް އެސްފިޔަޖަހާނުލައި ބަލަމުން ދިޔައެވެ. މާވީގެ ދެލޯ ފުރެމުންދިޔަތަންފެނިފައި ރުޝްދީ އެ ގޮނޑިން ތެދުވަން މަސައްކަތްކުރިއެވެ.

"އަހަރެންގެ މަންމަ އެންމެ ފުރަތަމަ އިން މީހަކީ ތިއީ؟ އަދި މަންމަގެ މަރުގެ ޒިންމާ ނަގަން ޖެހޭ މީހަކީ ތިއީ.؟" މާވީގެ މޫނަށް ބަލަން އިން ރުޝްދީ ދެފަރާތަކަށް ބޯހޫރުވާލިއެވެ. އެއްޗެއް ބުނަން އުޅެފައި އޭނާ ޝަހާދަތް އިނގިލި އުފުލައި މާވީއަށް އެންގީ ހަނު ހުރުމަށެވެ.

"އަހަރެން އޭނަ އާއި އިނިން، އެކަމަކު އޭނަ މަރައެއްނުލަން، އޭގެކުރިން މިތަނުން އޭނަ ނެރެގެން ބަޔަކު ގެންދިޔައީ، އޭގެފަހުން އަހަރެން އޭނަ ނުދެކެން." ރުންކުރު ރާގަކަށް ރުޝްދީ އެހެން ބުނެލިއެވެ.

"ތިއައީ ދޮގު، އޭގެ ދެއަހަރުފަހުން ކަލޭ އަހަރެމެންގެ ގެއަށް ދިޔަ، މަންމަ އާއި ބައްދަލުކުރި، އެރޭ އަހަރެންގެ މަންމަ މަރުވީ، އަހަންނަށް ޔަޤީން އެ މަރުގެ ފަހަތުގައި ތި ނޫން މީހަކު ނުވާނެކަން. " މާވީ އިތުބާރުހިފޭ މީހަކަށް ރުޝްދީ ނުވެއެވެ. މާވީގެ މޫނަށް ބަލަން އިނދެފައި މޮޔައެއްފަދައިން ރުޝްދީ ގޮވަން ފެށީ އީތަންއަށެވެ. ހީވަނީ އެތަނުން ނިކުމެގެން ނުދެވިގެން އުޅޭހެންނެވެ. ދެއަތުގައި ހުރި ބާރެއްލައި އެގޮނޑީގައި ދުއްވާފައި ކޮޓަރީގެ ދޮރާއި ދިމާލަށް ދާންފެށިއެވެ. މާވީގެ މޫނު ނުފެންނަހާ ދުރަށް ދާން ބޭނުންވެގެން އުޅޭކަން އެނގުމުން މާވީ ބޭނުންވީ ރުޝްދީ ހުއްޓުވާށެވެ. މާވީ ރުޅި އައިސް އެންމެ ފަހަރަކު އޭނާ ހުއްޓުވައިފިނަމަ ތެދަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭހާ ފިނޑިކަން ރުޝްދީގެ ފަރާތުން ފެނުނެވެ.

ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާފައި ވަން އީތަން ފެނިފައި މާވީ ހުއްޓުން އެރިއެވެ. އީތަން ފެނުމުން ބިރުވެރިކަން ފިލައި ދިޔައީ ރުޝްދީގެ ހިތުންނެވެ. އޭނާ ދެއަތުން އީތަންގެ އަތްތިލައިގައި ހިފާފައި ކައިރިކޮށްލިއެވެ.

"ދަރިފުޅުގެ އަންހެނުން އެހުރީ މޮޔަވެފައި، އޭނަ އުޅެނީ މިގެއިން ދުވެ ފިލަން، " މާވީ ދައްކާލަމުން ރުޝްދީ ބުނެލިއެވެ. އީތަން ބަލާލަންވީރަށް މާވީ އިސްޖަހާލިއެވެ. ރުޝްދީ އެބުނީ ތެދެކެވެ. އެތަސްވީރު ފެނުމާއި އެކު މާވީ އެކޮޓަރިއަށް އައި ބޭނުމުގެ މަތިން ހަނދާންނެތުނީއެވެ. އީތަންއަށް އެކަން ފަޅާއެރުމުން މާވީގެހިތުގައި އުފެދުނީ އޭނާއަށް މިގޭގައި ރައްކާތެރިކަން ނެތްކަމުގެ ބިރުވެރިކަމެވެ. ރުޝްދީ ކިޔައިދެމުން ދިޔައީ މާވީ އާއި ހިމްނާގެ ގުޅުމެވެ. ރުޝްދީގެ ބޮލުގައި އަޅުވަމުން ދިޔަ ތުހުމަތުގެ ވާހަކައެވެ.

** **

ގޭގެ އަނެއްފަރާތުގައިވާ ބަގީޗާ މާވީ ދުށް ފުރަތަމަ ދުވަހަކީ މިއަދެވެ. ރުޝްދީގެ ކުރިމަތީ މާވީގެ އަތުގައި ހިފައިގެން އީތަން އޭނާ ގެނައީ މިތަނަށެވެ. ބަގީޗާގެ އެކި ހިސާބުގައި ގޮނޑިތައް ބަހައްޓާފައިވިއެވެ. އެގޮނޑިތަކުގެ ފައިތައްވަނީ ބިންމަތީ ހަރުކޮށްފައެވެ. އެތަނުގައި ދިރުމެއް ނެތެވެ. ގަސްތައްވަނީ މިލާ މޯޅިވެފައެވެ. ފާރުމަތިން ދުވަން ފަށާފައިވާ ވެޔޮގަނޑުވެސް ހިކެން ފަށާފައެވެ.

މާވީ ގެނެސް އޭގެން ގޮނޑިއަކަށް ކޮއްޕާލާފައި އީތަން ގުދުވީ އޭނާއަށް ނުތެދުވެވޭނެހެންނެވެ. އީތަންގެ ދެލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ފެނިފައި މާވީއަށް އިނދެވުނީ ހިންދިރުވާލިގޮތަށް ނޭވާ ހިފަހައްޓާލައިގެންނެވެ. އީތަން ފުރަތަމަ އެހީ މާވީ ފިލަން މަސައްކަތްކުރިންތޯއެވެ.

"އަހަރެންގެ ފޯނު.." މާވީއަށް ބުނެވުނީ އެންމެ ދެލަފްޒެވެ. އޭނާ އެކޮޓަރިއަށް ދިޔައީ ފޯނު ހޯދާށެވެ. ފިލާކަށް ނޫނެވެ. ހާލަތު ނިޔާކުރީ މުޅިން އެހެން ގޮތެކެވެ. އޭނާގެ ލޯމައްޗަށް ފާޅުވެގެން ދިޔައީ މީގެކުރިން ނޭނގި އޮތް ހަޤީޤަތެވެ.

"އަހަރެން މާވީއަށް ފޯނު ދީފާނަން، އެކަމަކު އޭގެކުރިން އަހަންނަށް ދޭންވީ ދުވަހަކުވެސް އަހަރެން ދޫކޮށްފައި ނުދާނެކަމުގެ ޔަޤީންކަން." އީތަން ދަތްޕިލަޖައްސާ ބާރުކޮށްލިކަން އޭނާގެ ކޯކަށިގަނޑުންވެސް އެނގުނެވެ. އެ އަޑުގައިވީ އަމުރުވެރިކަމެވެ. ތަކުރާރުކޮށް މާވީ ހިނގައިދާނެކަމުގެ ބިރު އީތަންގެ ހިތުންނުފިލާ އޮންނަ ސަބަބަކީ ކޮބައިކަމެއް ނޭނގެއެވެ. އިތުބާރު ނުކުރެވޭއިރު ކައިވެނީގެ ގޮތުން ގުޅެން މާވީ ކައިރީ ބުނީ ކީއްވެކަމެއް ނޭނގެއެވެ. ނޭނގުމެއްގެ ތެރެއިންވިއަސް އީތަން އިތުބާރު ގެއްލޭވަރުގެ އެއްވެސްކަމެއް ކުރެވިފައި ނުވާނެކަން މާވީއަށް އެނގެއެވެ.

"ކުރިން ނަމަ އަހަރެން ތި ޔަޤީންކަން ދޭން ފަސްނުޖެހޭނަން، އެކަމަކު މިހާރު އަހަރެން ބޭނުންވަނީ މިތަން ދޫކޮށްފައި ދާން. އީތަން އާއި އީތަންގެ މުޑުދާރު އެކުވެރިންގެ ކިބައިން، އަދި ކަލޭމެން އެންމެން ތިކިޔާ އުފާވެރިކަމުން ދުރަށް ދާން، " މާވީ އަށް ލިބުނު ހިތްވަރަކީ އީތަންގެ ދެކެ އައި ރުޅިއެވެ. އީތަން އޭނަ އާއި ދިމާލަށް ބަލައިލިގޮތުން އޭނާ ދެވަނަ ފަހަރަށް ފަސްޖެހުނެވެ. އަދިވެސް އީތަން އާއި ދިމާލަށް ކިޔަން ބޭނުންވި ކިތަންމެ ޖުމްލައެއް އޭނާގެ ހިތުތެރޭ ވިއެވެ. ހިންދިރުވާލާފައި ދޫ ހަރަކާތް ކޮށްލަން މަސައްކަތްކުރިއެވެ. އޭގެކުރިން އޭނާއަށް އިޙްސާސްވީ އޭނާގެ ދެދަތްޕިލަ ފުނޑުވެގެން ދިއުމުން ވާނެ ފަދަ ދިލަ ތަދެކެވެ. އީތަންގެ އިނގިލިތަކަށް ލެވުނު އެންމެ ބާރެއް ލައި މާވީގެ އަނގަމަތީ ހިފައިގަތެވެ.

"އައި އެމް ޓްރައިން ޓު ޕްލީޒްޑް ޔޫ." މާވީ އާއި ދިމާލަށް އީތަން ބުނެލިއެވެ. އީތަންގެ އަތް ދުރުކޮށްލަން އުޅުމުން އަނެއްކާވެސް އޭނާއަށް ލިބުނީ އިތުރު އަނިޔާއެކެވެ. އެއަތުގައި އީތަން ހިފަހައްޓާލުމަށްފަހު ފުރަގަހަށް އަނބުރާލިގޮތުން މިފަހަރު ކޮނޑާއި އޭގެ ހުޅު ވަކިވެގެން ނުދާނެކަމެއްވެސް ނޭނގެއެވެ.

"އަހަރެންގެ ބައްޕަ ބުނީ ހެޔޮކޮން، އަންހެނުންނަށް ކުޑަވެސް މިނިވަންކަމެއް ދިނުމަކީ މޮޔަކަމެއް، ނިކަން އަވަހަށް އުޅޭނެ އުދުހިގެންދާން. ބައްޕައަށް ލިބުނު ކެއްސަކީ އެއީ،" އީތަން އަލުން އޭނާގެ ސިކުނޑި އަނބުރައިލީ ހިމްނާ އާއި ދިމާލަށެވެ. ރުޝްދީ ދެމުން ދިޔަ ގެވެށި އަނިޔާތަކުން ހިމްނާ މިނިވަންވުމަކީ އޭނާއަށް ލިބުނު ކެއްސެއްގެ ގޮތުގައި ސިފަކުރަންވީ ކީއްވެކަމެއް ނޭނގެއެވެ. އެއީ އަމިއްލަ ކުށް ޤަބޫލު ނުކުރުމާއި އަދިވެސް އެ ޖަހާލަތުގެ އަނދިރިކަން އެހިތުން ނެރެފައިނުވާކަމުގެ ހެއްކެކެވެ.

"އަހަރެން ހިތަކަށްވެސް ނާރާ އީތަންގެ ނުފެންނަ ފަރާތެއް އޮތްކަމަކަށް، އަދި އަހަންނަށް އައިސް ވަދެވޭނީ އަހަރެންގެ މަންމަ ތެޅުނު ނަރަކައަށްކަމެއް، އަހަރެންގެ ނަޞީބުގައި ހުރީ ކޮންގޮތެއްކަމެއް ނޭނގެ، އެކަމަކު އަހަރެންގެ މަންމަ އަނިޔާވެރިކަމުން މިނިވަންވި، އެވަރުންވެސް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވުނު، އަހަރެންގެ މަންމަ މަރުވީ އީތަންގެ ބައްޕަގެ ސަބަބުން." މާވީ ބިރުގަތީ މިފަހަރު އީތަން ރުޅި ކޮންޓްރޯލް ނުވެ އައިސް ކުރާނީ ކޮންކަމެއްކަން ނޭނގޭތީއެވެ. މިފަހަރު އީތަން ބަލަހައްޓައިގެން ހުރީއެވެ. އޭނާއަށް ދުވަހަކުވެސް އިވިފައިނުވާ އާ މައުލޫމާތެއް އިވިގެން ހައިރާންވެފައިވާ މީހެއް ފަދައިން ބަލަން އިރުކޮޅަކު ހުއްޓެވެ. ކުޑަ އިރުކޮޅަކަށްފަހު އީތަން ކިޔައިދިނީ އެވާހަކަ މާ ފުރިހަމައަށް ތަފްސީލްކޮށެވެ.

"އަހަރެންގެ ބައްޕަ އާއި އިނދެގެން އެ އަންހެންމީހާ އާއިރު އަހަރެންގެ އުމުރަކީ ހަތަރު އަހަރު، އޭރު މަންމަ އިނީ ބަލިވެ، އޭނަ މިގެއަށް އައީ ހަމައެކަނި ފައިސާއަށްޓަކައި، އަހަރެންގެ މަންމަ ބާކީވަމުން ދިޔަތަން އަހަރެން ދުށިން، އަހަރެމެންނާއި މެދު ބައްޕަ ފަރުވާކުޑަކުރަމުން ދިޔަ، އެކަމަކު އެ އަންހެންމީހާ އެވަރަކުން ހިތެއް ނުފުރުން، އޭނާގެ ނަން މައްޗަށް ހުރިހާ މުދަލެއް ބަދަލު ނުކުރުމުން އޭނާ އެކި މީހުންނަށް ގުޅައި ބައްޕަ އަނިޔާކުރާ ވާހަކަ ދެއްކި، ބައްޕަ އޭނާގެ ގައިގައި ޖެހިތަން އަހަރެން ދުށިން، އެއީ އެ އަންހެނާގެ ނުބައިކަން ހައްދު ފަހަނަ އަޅައި ދިއުމުން، ބައްޕަގެ ބޮލުގައި އޭނާ ނާޅުވަނީ ކޮން ކަމެއް، އޭނާ ފިލައިގެން ދާން އުޅުނީ ބައްޕަގެ ހުރިހާ ފައިސާއެއް ހިފައިގެން، އެހިސާބުން އޭނާ ހުއްޓުވަން ބައްޕައަށް ޖެހުނު، އެއީ އަނިޔާވެރިކަން ކަމަށް ވަންޏާއި މައްސަލައެއް ނެތް، އޭނަ ބަލާ އައި ބަޔަކު އައީ ފުލުހުންނާއި އެކު، ބައްޕަގެ ދެއަތުގައި ބިޑި އަޅުވައި ގެންދިޔައީ އަހަރެންގެ ކުރިމަތީ، އަހަރެން އަބަދުވެސް އޭނަ ދެކެ ރުޅި އާދޭ، އެދުވަހަށްފަހު ވަކިން ބޮޑަށް ރުޅި އާދޭ، ބައްޕަ ބަންދުގައި ހުރީ ކުޑަ ދުވަސްކޮޅަކު، އޭގެފަހުން އައިސް މަންމަ އާއި އޮތް ގުޅުންރަނގަޅުވެގެން ދިޔަ، އެކަމަކު އަނެއްފަހަރު ޖެހުނީ އޭނާގެ މުޞީބަތް، ކުއްލިއަކަށް ބައްޕަ ދެކެ ލޯބިވާކަމަށް ބުނެ ގުޅަން ފަށައިފި، އޭނާގެ ދަރިފުޅާއި އެކު ބަލާ އަންނަން ބުނެފި، އޭނާއަށް ދުވަހަކުވެސް ދެ ވަނަ އަނބެއްގެ މަޤާމު ނޫން އެއްޗެއް ނުލިބޭ، މީހުންގެ ހައްޤުތަކަށް އަރައިގަންނަ އަންހެނަކަށް އޮންނާނީ ކޮން ހައްޤެއް، ބައްޕަ ދިޔަ އޭނަ ބަލާ، އެކަމަކު އެނބުރި އައީ އޭނަ ނުލައި، ނޭނގެ ކީއްވެކަމެއް، އަހަންނަށް އެނގޭ އެއްޗަކީ ބައްޕަ އޭނަ މަރާނުލާނެކަން، ބައްޕަ އެންމެ ލޯބިވާ މީހަކީ އެއީ، އޭގެ ހެއްކެއް އެއީ ބައްޕަގެ އަލަމާރީގައި ފޮރުވާފައި ހުރި ފޮޓޯތައް، އަހަރެންގެ މަންމަގެ ފޮޓޯއެއް ދުވަހަކުވެސް ބައްޕަ ނުގެންގުޅޭ." އީތަން ކިޔައިދިނީ ހިތުގައިވާ ރިހުމެއް ބޭރުކޮށްލާފަދައިން މަޑުމައިތިރިކަމާއި އެކުގައެވެ. އީތަން އެބުނީ ތެދެކޭ މާވީ ހިތް ބުނަމުން ދިޔައެވެ. ރުޝްދީ ހިމްނާ މަރާލަން ބޭނުން ނަމަ އެގެއަކަށް ނުވަންނާނެއެވެ. އެއްވެސް އިންސާނަކު އެހާ ފާޅުގައި ކުށެއް ނުކުރާނެއެވެ.

"ބައްޕަ އަށް އޭނާގެ މަރުގެ ޚަބަރު އެނގުނީ އެނބުރި އައިފަހުން، އޭގެފަހުން ބައްޕަ މާލެ ދިއުން ހުއްޓާލި، " މިފަހަރު އީތަންގެ ދެލޮލުން ރުޅިވެރިކަމަށްވުރެ ފިތުނައިގެ ކުލަ ފެނުނެވެ. އޭގެ ބަދަލު ހިފަން އީތަން އޭނަ އާއި ކައިވެނިކުރީބާއޭ ހިތަށް އަރައި އޭނާއަށް އިނދެވުނީ މޭ ތުރުތުރު އަޅައެވެ.

"އަހަންނަކަށް ނޭނގެ ތިއީ އެ އަންހެންމީހާގެ ދަރިއެއްކަމެއް." އީތަން އާއި އެއްވަރަށް މާވީ ތެދުވިއެވެ.

"ޝީ އިޒް މައި ސްޓެޕް މަދަރ." ހިމްނާ އަކީ މަންމަ ނޫންކަން މާވީ ޤަބޫލުކުރި މިއީ ފުރަތަމަ ފަހަރެވެ. މިންހާ އަބަދުވެސް ހިމްނާގެ ހީލަތްތެރިކަމުގެ ވާހަކަ ދެއްކިއެވެ. އަމިއްލަ އުފަލަށްޓަކައި މިންހާއަށްވެސް ކެހި ދިން ވާހަކަ ކިޔައިދިނެވެ. އެކަމަކު އޭނާ ދުވަހަކުވެސް ޤަބޫލެއް ނުކުރެއެވެ. ދެމީހަކު އެއްވާހަކައެއް ދައްކަން ފެށީމައި މިފަހަރު ހިމްނާގެ ޝަހްސިއްޔަތާއި މެދު މާވީގެ ހިތް ކިލަނބުވެއްޖެއެވެ.

އީތަން ހައިރާންވެފައި ބަލަންހުއްޓެވެ. މާވީ ކިޔައިދިނީ އޭނާގެ މަންމަ އަކީ މިންހާ ކަމެވެ. އަދި އެކަން އޭނާއަށްވެސް އެނގުނީ ކައިވެނީގެ ފަހުންކަމެވެ. އީތަން ހިނގައިގަތީ ގެއާއި ދިމާލަށެވެ. އޭނާ ހަލުވިކޮށްގޮސް ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން ދިޔަ މާވީ ކޮޓަރިއަށް ވަދެ ބަލަން ހުރީ އީތަން ކުރަން އުޅޭކަމެއް ނޭނގިގެންނެވެ.

** **

ކެފޭގެ ތެރެއަށް ޒިވިއަން ވަންނަމުން ބަލައިލީ އޭނާ ބައްދަލުކުރަން އައި މީހާ ފެނޭތޯއެވެ. ކަޅު ކުލައިގެ ހޫޑީއެއްގައި އިން ޒުވާނަކު ވަކި މޭޒެއްގެ ދޮށުގައި އިންތަން ފެނި ޒިވިއަން ހިނގައިގަތެވެ. ޒިވިއަންގެ ފިޔަވަޅު އަޑާއި އެކު އޭނާ އިސްއުފުލައިލިއެވެ. އޭނާ އަޅައިގެން ހުރި އަވި އައިނު ނެގީ ޒިވިއަން އިށީނުމުންނެވެ.

"މިންހާ ބުނެގެން މިއައީ." ޒިވިއަން އަމިއްލަ ތަޢާރަފް ދީފައި ބުނެލިއެވެ. އެއީ ޒިވިއަންގެ އެކުވެރިއެކެވެ. ނަމަކީ ސާދިން އެވެ. އެ ޒުވާނާގެ ބަސްމަދުކަން ފެނި ޒިވިއަން ދައްކަން ބޭނުންވާ ވާހަކަ ފަށަން ފަސްޖެހެވުނެވެ.

"އަހަރެން ރޭގައި އެމީހުންނަށް ފާރަލިން، އެތަނުގައި ނެތް ބެލުމުގެ ދަށަށް ގެންދަންނުޖެހޭވަރުގެ އެކަކުވެސް." ސާދިން އިނީ ކިޔައިދޭންވެސް އުދަނގޫވެފައެވެ. މައިންބަފައިންނާއި ދުރަށް އާދެވުމާއި އެކު ބައެއް މީހުން ދީން މަތިން ހަނދާންނެތެއޭ ބުނާ އަޑު އޭނާވެސް އަހައެވެ. އެކަމަކު ދުވަހަކުވެސް އެ ބަލިމަޑުކަން ނުޖެހުނުކަން އެއީ އަގީދާގެ ވަރުކަމެވެ.

ސާދިން ޖީބުން ފޯނު ނަގައި ދެއްކީ އެތަނުގައި އޭނާ ސިއްރުން ކުރި ފަސްމިނެޓްގެ ވީޑިޔޯއެވެ. ޒިވިއަން އަމިއްލަ މޫނުގައި އަތް އަޅާލިއެވެ. އެފަދަ މަންޒަރުތައް ބަލަން އޭނާއަށްވެސް އުދަނގޫވިއެވެ. އެންމެ ބޮޑަށް އުދަނގޫވީ އެތަނުގައި މާވީ ހުރިތަން ފެނުމުންނެވެ. ރަނގަޅަށް ބަލާލުމުން އެ އަމަލުތަކުގައި މާވީ ބައިވެރިނުވާކަން އެނގެއެވެ. އޭނާ ލައްވާ ގަދަކަމުން ކުރުވަނީކަން އެނގެއެވެ.

"ކުށެއްގައި މީހަކު ފްރޭމް ކުރުމަކީ ފަސޭހަކަމެއް، އަހަރެން ބޭނުންވަނީ އެގޮތެއް ނޫން، އަދަބު ދިނުމުގެކުރިން ކުށުގެ އިހްސާސް އެމީހުން ކުރުން. ސާދިން ގެ އެހީތެރިކަން އަދިވެސް އަހަރެން ބޭނުންވާނެ، " ޒިވިއަން ބުނެލިއެވެ. ސާދިން އާއި ސަލާމްކޮށްލާފައި ޒިވިއަން ނިކުންއިރު މަގުގެ އަނެއްފަރާތުގައި ނިހާ މަޑުކޮށްލައިގެން ހުރިތަން ފެނި ޒިވިއަން ހިނގައިގަތެވެ.

"ކޮންއިރަކު އައީ؟" ޒިވިއަން ފެނުމުން ނިހާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ޒިވިއަންވެސް ގަދަކަމުން ހިނިތުންވިއެވެ.

"މިއައި ހަމަ." ޒިވިއަން ބުނެލިއެވެ. ނިހާގެ އަތުގައި ހިފައިގެން އެމަގުން އޭނާ ހިނގައިގަތެވެ. އޭނާ ސިއްރުން ނިހާގެ މޫނަށް ބަލައިލިއެވެ. އެއީ އޭނާއަށްޓަކައި ހުރިހާ ކަމެއް ދޫކޮށްލަން ތައްޔާރުވެގެން ހުރި އަންހެންކުއްޖާއެވެ. މި ކުޅިގަނޑު ނިމޭއިރު ނިހާއަށް ވާނީ ކިހިނެއްކަމެއްނޭނގެއެވެ. ނިހާގެ އަތްތިލައާއި އޭނާގެ އިނގިލިތައް މަހާލިއެވެ. އޭނާގެ ހިތުގައި ނިހާއަށްޓަކައި ލޯބި ވާނެ ނަމައޭ ހިތަށް އެރިއެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular