12 Feb 2020

By: Ifraz Ali

"އަހަރެންގެ މަންމަ ކޮބާ؟" އީތަން ގެ މޫނަށް ބަލާލާފައި މާވީ އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އީތަން އެއް މިޔަނުން ހީލިއެވެ. މި ނޫނީ އީތަންގެ މޫނުމަތިން އެހާ ނުބައި ސިފައެއް ނުޖަހައެވެ. ދެވަނަ ފަހަރަށް މާވީ އެ ސުވާލު ތަކުރާރުކުރީ އޭނާއަށްވީ އެންމެ ބާރަށެވެ.

ކޯތާފަތްމައްޗަށް އިހްސާސްވީ އީތަންގެ އަތްތިލައިގެ ހޫނުކަމެވެ.

"އަހަރެންނާއި ދިމާލަށް ހަޅެއްލަވައިގެން ނުވާނެ، ދެވަނަ ފަހަރަކުން ކަލޭގެ ދޫ އޮންނާނީ މިތާ ތިރީގައި ތެޅިތެޅި" އެއްއަތުން މާވީގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަންނަމުން އަނެއް އަތުން އީތަން އިޝާރަތްކުރީ ބިންމައްޗަށެވެ. ގަތްބިރުގެ ސަބަބުން މާވީއަށް އިނދެވުނީ ރޯންވެސް ހަނދާންނެތިފައެވެ.

"ބައެއް މީހުންނަކީ ދެ މޫނުގެ ވެރިންނޭ ބުނޭ، ޔޫ އާ މޯރ ވޯސް ދޭން ދެޓް، ލޯބިނުވާއިރު އީތަން އަހަންނާއި އިނީ ކޮން ބޭނުމަކު؟" ނޭވާ ހަމައަކަށް އަޅުވާލަމުން މާވީ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ޖުމްލަ ފެށިއިރު ހުރި ބާރުމިން ހިނދެމުން ގޮސް ފަހުން ލަފްޒުތައް ނިކުތީ ކިރިޔާ އިވޭވަރަށެވެ.

"އަހަރެން މާވީ އިނީ ލޯތްބަކުން ނޫން، އެއީ އަހަރެން މިތަނަށް އެނބުރި އަންނަން އޮތް ހަމައެކަނި މަގަކީ، ކައިވެނީގެކުރިން މިކޮޅަށް އަންނަން މަންމަ އެއްބަހެއް ނުވާނެ، އެއީ އަހަރެން މިހެން އުޅެން މަންމަ ބޭނުން ނުވާތީ، އަހަރެން ގަޔާވަނީ ފިރިހެނުންކަން އެނގުނު ހިސާބުން މަންމަ އަށް ޖެހުނީ ހާޓްއެޓޭކް، ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު މަންމަ އާދޭސްކުރި، އަހަރެން ހިތުގައި ނެތް ޝައުޤެއް މަންމަގެ އަމުރަކަށް ނުއުފެދުނު، ޕްލަސް އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން އަންހެނުން ދެކެ އިންތިހާއަށް ނަފްރަތުކުރަން، މަންމަ އާއި ބައްޕަގެ ޒުވާބުތައް އަޑުއަހަ އަހާ އަހަރެން ހިތަށް އަރާ ދުވަހަކުވެސް އަންހެނަކާއި ނީންނާނަމޭ، އެކަމަކު އަހަރެން މިހާރު މާވީ ދޫކޮށްލާކަށް ބޭނުމެއް ނޫން، ފިލައިގެން ދިޔަކަ ނުދޭނަން." އީތަން ދެއަތުން މާވީ އިން ގޮނޑީގައި ހިފަހައްޓާލިއެވެ. މާވީގެ ދެލޮލަށް ބަލާލިއިރު އެ ދެލޯވަނީ ރަތްވެފައެވެ.

"އީތަން ، އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ، އަހަރެންގެ މަންމަ ދޫކޮށްލާ، މަންމައަށް އީތަން ކިހިނެއް ހެދީ.؟" ރޮމުން މާވީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. މިފަހަރުވެސް އީތަންގެ ފަރާތުން ފެނުނީ ބަސްބުނުމެއް ނެތި މަޑުމަޑުން އިންތަނެވެ. އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވަނީ ކީއްވެކަމެއް ނޭނގެއެވެ. މާވީގެ ހިތަށް އެކި އެކި ޚިޔާލުތައް ވަންނަމުން ދިޔައެވެ. ރުޅި އަންނަކޮންމެ ފަހަރަކު އީތަން އަކީ އަމިއްލަ ނަފްސު ހަމައަށް އަޅުވަން އެނގޭ މީހެއް ނޫނެވެ. ރަހުމެއް ކުލުނެއް އެހިތަކު ނެތެވެ.

މަންމަ ދުނިޔޭގައި އެބަހުރިބާއޭ މާވީގެ ހިތަށް އެރިއެވެ. މިފަހަރު އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. އުފަލެއްވިއްޔާ އެއީ ވަގުތީ އެއްޗަކަށްވަނީ ކީއްވެކަމެއް ނޭނގެއެވެ. އެއީ މަންމަ އާއި އެކު ހޭދަވާ އެންމެ ފަހު ވަގުތުކޮޅުކަން އެނގޭނަމަ ޔަޤީނުންވެސް އޭނާގެ ދެލޯ އެންމެ ސިކުންތަކަށްވެސް މަރާނުލީހެވެ.

** **

މިންހާއަށް ދެލޯ ހުޅުވައިލެވުނީ ސިއްސައިގެން ގޮހެވެ. ބޯދޮށުގައި އޮތް މަޑު ބާލީހުގައި އަތް ޖައްސާލާފައި އޭނާ ކުއްލިއަކަށް ތެދުވަން މަސައްކަތްކުރިއެވެ. އޭނާގެ ކުރިމަތީ އިން މުސްކުޅި ފިރިހެން މީހާ ފެނިފައި މިންހާ އަޖައިބުވިއެވެ. އަހަރުތަކަކަށްފަހުވެސް އެއީ ކާކުކަން މިންހާއަށް ފަސޭހައިން ނަގައިގަނެވުނެވެ،

"ތިއީ ރުޝްދީތަ؟" ފުރޮޅުލި ގޮނޑި ފަހަތަށް ޖައްސާލަމުން ރުޝްދީ އާއެނކޭ ބުނެލިއެވެ. މިންހާ ވަށައިގެން ބަލައިލީ އޭނާއަށް އޮވެވުނީ ކޮންތަނަކުތޯއެވެ. މިތަނަށް އޭނާ ގެނައީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. މާވީ ކޮބައިބާއޭ ހިތަށް އެރުމުން އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ދެލޯ ފުރިގެން ދިޔައީ ރޭ ދިމާވި ކަންތައްތަކުގެ މަތިން ހަނދާންވެގެންނެވެ.

"އީތަން އެ މަންޖެ ގެންދިޔައީ ކޮންތަނަކަށްކަމެއް ނޭނގެ، ފުރަތަމަ ގެނައީ ގެއަށް، އެކަމަކު ފުލުހުން އީތަން ހޯދަން އުޅޭތީ މިގެއިން ފިލައިފި، އޭނަ އުޅޭގޮތުން އަހަރެން މިހުންނަނީ ކަންބޮޑުވެފައި، ބައެއް ފަހަރު ހިތަށް އަރާ އޭނަގެ ބުއްދި ހުރީ ސަލާމަތުންބާއޭ، " ރުޝްދީ ގެ މޫނަށް މިންހާ ބަލައިލިއެވެ. ދެލޯ ފޮހެލަމުން މިންހާ އަހައިލީ އީތަން ދިޔަ ތަނެއް އެނގޭތޯއެވެ. މަޑުމަޑުން ދެފަރާތަށް މޫނު އަނބުރާލާފައި ރުޝްދީ ނޫނެކޭ ބުނެލިއެވެ. މިންހާގެ އަތް ދަބަސް ފެންނަން ހުރިތޯ ބަލާލިއެވެ. ދެން ރުޝްދީގެ ކައިރީ ފޯނެއް ހުރިތޯ އަހާލިއެވެ.

"މިގޭގައި ތިކަހަލަ އެއްވެސް އެއްޗެއް ނެތް، އަދި މިގެއިން ބޭރަށް ދެވޭނެ އެއްވެސް ގޮތެއްވެސް ނެތް" ރުޝްދީ ބުނެލިއެވެ. މިންހާ ގޮސް ދޮރު ތަކުގައި ތަޅައިގަތެވެ. ތަޅު އަނބުރަންފެށިއެވެ. އެކަމަކު އެތަންހުރީ ބޭރުން ތަޅުލާފައިކަން އެނގުމުން މިންހާ ގޮތްހުސްވިއެވެ.

"ކަލޭމެން ދެބަފައިން ގެ ހިތް އޮތީ އެއްގޮތަކަށް، މިގެއިން ހިމްނާ ގެންދިޔަ ދުވަސް އަހަރެންގެ ހިތުން ފިލައި ނުދޭ، " މިންހާ ތެދުވެގެން ގޮސް ހުއްޓުނީ އެތަނުގެ ކުޑަދޮރުގެ ކައިރީގައެވެ.

"އަހަރެން އޭނައަށް އަނިޔާއެއް ނުކުރަން. އެއީ އަހަރެންގެ ބޮލުގައި އެޅުވި ބަދުނާމްއެއް." ރުޝްދީ ކިޔައިދެން އުޅުނެވެ. އެވާހަކަ އަޑުއަހަން މިންހާ ބޭނުމެއް ނޫނެވެ. އެންމެ ގާތްއެކުވެރިޔާ އިން ހާލާއި ހަށިގަނޑުގައި ހުރި ލަކުނުތައް އޭނާއަށް ފުދެއެވެ. އަމިއްލަ ކުށަށް އިއުތިރާފްނުވުމަކީ މިހާގެ ނުބައި ކަމެވެ.

"އެއީ ދޮގަކަށް ވާ ނަމަ ދެވަނަ ފަހަރަށް ހިމްނާ އަހަންނާއި އިންނަން އެއްބަހެއް ނުވާނެ،" ރުޝްދީ އެބުނީ ދޮގެކޭ މިންހާގެ ހިތެއް ނުބުންޏެވެ. ދެވަނަ ފަހަރަށް އަނިޔާގެ ތެރެއަށް އެއްވެސް މީހަކު އެނގިގެން ނުދާނެއެވެ. އެހެން ކަމަށް ވާނަމަ ކުރިން ހިމްނާ ހެދީ ދޮގެވެ.

"އަހަރެން އަތުގައި އެންމެ ފައިސާ ދަތިވެ ފަޤީރުވި ދުވަހު ހިމްނާ ބޭނުންވީ ވަރިވާން، އެއީ އޭނަ މިންހާއަށް ދައްކަން އަމިއްލަ ގައިގައި ލި ލަކުނުތަކެއް، އޭނާއަށް ނަޞީބު ލައްވާލި ހުރިހާ ގޮތަކުން، އާމިރު ކަހަލަ ފައިސާވެރިއަކު ލިބުނު، އަމިއްލަ ބަނޑުން އުފަންނުކުރިއަސް ދަރިއަކު ލިބުނު ފަދަ، އެކަމަކު ކުއްލިއަކަށް އޭނަ އަށް އާމިރު ކަމުނުދިޔަ، ސަބަބެއް ނޭނގެ، އޭނަ ދަރިފުޅާއި އެކު އަހަރެންގެ ކައިރިއަށް އަންނަން ބޭނުންވި، އަހަރެން ދިޔައިން އޭނަ ބަލާވެސް، އާމިރުގެ ގެއަށް." މިންހާގެ ކަންފަތުގައި ޖެހުނީ އޭނާއަށް ދުވަހަކުވެސް އެނގިފައިނުވާ މައުލޫމާތުތަކެވެ. ރުޝްދީ އާއި ދިމާލަށް އެނބުރުނުއިރު އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންވެފައި ހުރިކަމެވެ.

"ކޮންއިރަކު؟' މިންހާ އަހާލިއެވެ.

"ހިމްނާ މަރުވި ރޭ" މިފަހަރު މިންހާއަށް ހީވީ އޭނާގެ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ. އިތުރު ސުވާލެއް ނުކުރެވި އޭނާގެ ދޫ ހިމޭންވިއެވެ.

"އޭނަ އަންނަން އެއްބަސްނުވީތަ؟ އެހެންވެ ކަލޭ އޭނަ މަރައިލީތަ؟" އޭގެ އިރުކޮޅެއްފަހުން މިންހާ ހިތަށް ވަނީ ވަހުމްތަކެކެވެ. ހިމްނާގެ ޤާތިލަކީ ރުޝްދީ ކަމުގައި މިންހާއަށް ޤަބޫލުކުރެވުނެވެ. އޭނާ ހިތްދަތިވީ ސަތާރަ އަހަރު ޖަލުގައި ހުންނަން ޖެހުނުކަން ހިތަށް އަރާފައެވެ.

ރުޝްދީ ގެ ޖަވާބު އައީ ދެފަރާތަށް ބޯހޫރުވާލުމަކުންނެވެ.

"އާމިރު އައުމުން ހިމްނާ އަހަރެން ދައްކާފައި ބުނި އަހަންނާއި އެކު ދަނީކަމުގައި، ދަރިފުޅު ގޮވައިގެން ދާ ވާހަކަ ބުނުމުން އާމިރު ދެކޮޅު ހެދި، ހިމްނާ އެކަނި ދިއުމުގެ ހުއްދަ އާމިރު ދިން، ވަރިވެސް ކުރި، އެކަމަކު ހިމްނާ ބޭނުންވީ އެކުއްޖާ ގޮވައިގެން އަންނަން. އޭނަ އެކުއްޖާ ދެކެ ވަރަށް ލޯބިވާކަމަށް ބުނަމުން ދިޔަ، ޒުވާބު ހޫނުވެގެން ދިއުމުން ހިމްނާ ބުނީ ބޭރުގައި މަޑުކުރުމަށް، އަހަރެން ހުރީ ބޭރުގައި، އޭގެ ބައިގަޑިއިރުފަހުން އަހަރެންނަށް ފެނުނީ ފުލުހުން އައިތަން، އަހަރެން ބިރުން އެތަނުން ފިލައިގެން އައީ އަހަރެންގެ ކުށުގެ ރިކޯޑް އޮވެފައި އެމީހުންގެ އަތްދަށުވެދާނެތީ، އޭރު އަހަންނަކަށް ނޭނގެ ހިމްނާ މަރުވިކަމެއްވެސް، " ރުޝްދީ އެ ކިޔައިދެނީ އަމިއްލަ ޚިޔާލީ ވާހަކައެއް ނޫންބާއޭ މިންހާ ހިތަށް އެރިއެވެ.

ހިމްނާ ހަޅެއްލަވައިގެން އަޑަށް ދުވެފައި ހިމްނާ ދިޔައިރު ފެނުނީ މަރުވެފައިވާ ހަށިގަނޑެވެ. އޭގެކުޑައިރުކޮޅެއްފަހުން ފައުޒިއްޔާ ވަދެ ހަޅެއްލަވައިގަތީ މިންހާ އަކީ ޤާތިލެކޭ ކިޔާފައެވެ. އާމިރު އައީ ފައުޒިއްޔާގެ އަޑަށެވެ. މިންހާގެ މައްޗަށް އެގެއަކު އިތުބާރެއް ނެތެވެ. އާމިރުވެސް ހުރީ މޫނު ހަމަކުރާ ގޮތަކަށް ނޫނެވެ. ބައެއްފަހަރު ހިމްނާ އަމިއްލައަށް މަރުވީބާއޭ އޭނަ ހިތަށް އެރިއެވެ. އެކަމަކު އެއްފަހަރުވެސް ޝައްކުގެ އިނގިލި އާމިރު އާއި ދިމާލަށް އޭނަ ނުއުފުލައެވެ.

** **

ހޮޓަލުގެ ތެރެއަށް ވަދެގެން ދިޔައިރު ޒިވިއަންގެ އަތުގައި ދެކޮތަޅެއްގައި ކާއެއްޗެހި ހުއްޓެވެ. އޭނާގެ އަނެއްއަތުގައި ހިފަހައްޓާލައިގެން ނިހާ ހުއްޓެވެ. އެދެމީހުންގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ހުއްޓެވެ.

"އެމީހުން މިއަދު ފުރާނެތަ؟" ކުރިމަތިން ފެންނަންހުރި ފުޅާ ސިޑިއާއި ދިމާލަށް ބަލަން ހުރެފައި ނިހާ އަހާލިއެވެ. އޭނަ އެހީ މިންހާ އާއި މާވީގެ ވާހަކައެވެ. އޭނާގެ ހިތުގައި އެއްވެސް މީހަކަށް ހަސަދައެއް ރުޅިވެރިކަމެއް ނެތެވެ. ޒިވިއަން އާއި އެކު އަންނަން ބޭނުންވީ އޭނާ އަމިއްލައަށެވެ.

"މާވީއަށް ޕާސްޕޯރޓް ލިބިގެން އަދި ފުރޭނި، ހީވަނީ އެކަން ހަމަޖެހިދާނެހެން، " ޒިވިއަން ބަލައިލީ މިންހާ ފޮނުވާފައި އިން މެސެޖަށެވެ. އެއީ އިއްޔެ މިންހާ އެއާޕޯރޓުން އައިސް ހޮޓަލުގެ މައުލޫމާތު ފޮނުވާފައި އިން މެސެޖެވެ. އެތަނުގެ ނަމާއި ކޮޓަރީގެ ނަންބަރު ލިޔެފައި އިނެވެ.

ކޮޓަރި ދޮރުމަތީގައި ހުރެފައި ޒިވިއަން ޓަކި ޖަހާލިއެވެ. އިރުކޮޅަކު މަޑުކޮށްފައި އަނެއްކާވެސް ޓަކި ޖަހާލިއެވެ. ޖަވާބެއް ނައުމުން ޒިވިއަން ގުޅީ މިންހާގެ ފޯނަށެވެ. ފޯނު ނިއްވާލާފައި އޮތުމުން އޭނާ ކަންބޮޑުވިއެވެ. ހޮޓަލުން ބޭރަށް ނުދާނެކަމަށް މިންހާ ބުންޏެވެ. ކާއެއްޗެއް ގެނެސްދޭށޭ ބުނީވެސް މިންހާއެވެ.

"ވެދާނެ ބޭރަށް ދިޔައީކަމަށް." ނިހާ ގެ މޫނަށް ބަލާލާފައި ޒިވިއަން އެއްބަސްވިއެވެ. ބޭރުގައި މަޑުކުރަން ހިނގާށޭ ބުނެފައި ދެމީހުން އެކުގައި ތިރިއަށް ފޭބިއެވެ.

މިންހާގެ ޚަބަރެއް ވަންދެން މަޑުކުރާނީއޭ ހިތައި ޒިވިއަން ގަސްތުކުރީ ކުރިމަތީގައި ހުރި ފިހާރައަށް ވަންނާށެވެ. މުޅިތަނުގައި ހުވަދުލާފައިވަނީ އެ ފިހާރައިގައި ހުރި ތާޒާ މާމެލާމެލިންނެވެ. ރަތް ފިނިފެންމަލެއް ނަގައި ނިހާއަށް ދީފައި ޒިވިއަން ޖެހިލީ އޭގެ އަގު ދައްކާށެވެ. އޭނާއަށްވުރެ ކުރީގައި ހުރި މީހެއްގެ ކޮނޑުގައި ޖެހުނުހެން ހީވެ ބަލާލިއިރު އެއީ ކާރުގެ ޑްރައިވަރެވެ.

"ސޮރީ ބްރަދަރ" ޒިވިއަން އެމީހާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އިއްޔެއިން ފެށިގެން އެމީހާ އަކީ ދަންނަ މީހަކު ކަމުގައި ވިއެވެ. ބައެއް ފަހަރު މަދުމަދުން ވާހަކަ ދެކެވިފައި ވިއެވެ. ދަންވެފައި ހުއްޓާ ދަތުރުކޮށްދެން އެއްބަސްވީ ޒިވިއަން ވާހަކަ ދއްކައިގެންނެވެ.

ޒިވިއަންގެ އަތް ފޮޅާލީ ހޫނު އެއްޗެއްގައި ޖެހުމުން ސިހޭ ފަދަ ގޮތަކަށެވެ. ފަހަތަށް ޖެހިލާފައި އެމީހާ ކުއްލިއަކަށް ދުއްވައިގަތެވެ. ޒިވިއަންގެ ހިތް އެންގީ އެމީހާގެ ފަހަތުން ދިއުމަށެވެ. އޭނާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުން ކަމެއް ފޮރުވާކަން އެނގިއްޖެއެވެ.

ޒިވިއަން ދުވެފައި ގޮސް އެމީހާ އާއި އަރާ ހަމަކުރީ އެމަގުގެ މެދެއްހާ ހިސާބުންނެވެ. ޒިވިއަންއަށްވުރެ އިސްކޮޅުން ކުރުވެފައި ހިކިކަމުން ޒިވިއަންގެ އަތްދަށުން އެމީހާއަށް ސަލާމަތެއް ނުވެވުނެވެ. އެމީހާގެ ގަމީހުގައި ހިފާ ކައިރިއަށް ދަމައިގަތުމުން އޭނާ އަތް ނަގައި ސަލާމަތްކޮށްދޭށޭ ބުނެލިއެވެ.

** **

ދޮރުގައި ތަޅައިގެން އަޑަށް އީތަން ބަލައިލިއެވެ. މާވީގެ ކުރިމަތިން ތެދުވެގެން ގޮސް އީތަން ދޮރުހުޅުވިއެވެ. ކަރުނައިގެ ސަބަބުން ދެލޯ ފުސްވެފައިވާތީ މާވީ އަވަސް އަވަހަށް އެސްފިޔަޖަހާލިއެވެ. ދޮރުމަތީގައި ހުރި އަންހެނަކު މާވީއަށް ފެނުނެވެ. ކަޅުކުލައިގެ ދޫ އަބާޔާ އާއި މޫނު ބުރުގާގެ ސަބަބުން އެއީ ކާކުކަން އެނގޭވަރެއް ނޫނެވެ. އީތަންގެ އެކުވެރިންގެ ތެރެއިން ދުވަހަކުވެސް އެވަރަށް ނިވާވެގެން ހުރި މީހަކު މާވީ އަށް ފެނުނު ހަނދާނެއް ނެތެވެ.

އެތެރެއަށް ވަދެ މޫނު ބުރުގާ ބާލައި އެއްފަރާތްކޮށްލުމުން އެއީ ކާކުކަން މާވީއަށް އެނގުނެވެ. މާވީ އިނީ ހިތްބިރުގެންފައެވެ. ސަނީހް އައިސް އީތަންގެ ގައިގައި ބައްދާލިއެވެ.

"އޭނަގެ މޮޔަކަމުން އަހަރެމެންނަށް ނެތް މަގެއްގެ މައްޗަށް ނިކުމެވެންވެސް، ގޮތެއް ހަމަޖެހެންދެންވެސް އޭނަ ބަޔާން ނުދީ މަޑުން ހުންނަންޖެހޭނެއެއްނު، އަހަރެންގެ ރައްޓެއްސަކު ބުނި އަހަރެމެންގެ ޕާސްޕޯރޓްތައް ހިފަހައްޓަން އެލާޓްކޮށްފައި އޮތްކަމަށް، މިތަނުން އެހެން ތަނަކަށް ދެން ނުވެސް ދެވޭނެ، މިއަދު ހެނދުނު އެމީޙުން ވަދެ އަހަރެންގެ އެޕާރޓްމެންޓް ހިފައިފި،" ސަނީހް ކަންބޮޑުވެފައި ވާހަކަ ދައްކަމުން ދިޔައެވެ.

"އައި ވިލް ފައިންޑް އަ ވޭ." އީތަން ސަނީހް ކައިރިކޮށްލީ ހިތްވަރު ދޭށެވެ. އޭނާ ގެނެސް ބައިންދާފައި ހަމަޖެހޭށޭ ބުނެލިއެވެ. ދެން ސަނީހް ދެއްކީ ޒިންދު ނެތުމުގެ ފަޅުކަމުގެ ވާހަކައެވެ. އެދެމީހުން ވާހަކައިގައި ތިއްބާ މާވީ ސިއްރުން ބެލީ އޭނާގެ އަތް ނެއްޓޭތޯއެވެ. އައްސާފައިވާލެއް ބާރުކަމުން އަތް ކިރިޔާ ހަރަކާތްކޮށްލިއަސް ހީވަނީ ބުރިވެދާނެހެންނެވެ. ދެއަތް ގާނާގާނާ ދިލަނަގަން ފެށިއެވެ.

"އަހަންނަށް ނުވެސް ނިދޭނެ." ސަނީހް ބުނި އަޑު އިވުނެވެ. އޭގެ ރައްދުގައި އީތަން ބުނި ޖުމްލަ އަހާފައި މާވީއަށް ހީވީ ގަނޑުފެންގަނޑެއް ފަދައިން އޭނާގެ ހަށިގަނޑު ފިނިއަރައިގެން ދިޔަހެންނެވެ.

"އަހަރެން ކީއްކޮށްދެންވީ؟ އަހަރެން މިހުރީނު، އޯ ޔޫ ޓޭކް މައިން. އަހަރެން ސަނީހްއަށްޓަކައި ދީފާނަން." އީތަން މާވީ އާއި ދިމާލަށް ބަލައިލިގޮތުން މާވީއަށް އިނދެވުނީ ނޭވާ ނުލައެވެ. ގަދަހުނުމުގެ އަޑުން އެތަން ގުގުމައިލިއެވެ. އެދެމީހުން އެކުގައި ކޮޅަށް ތެދުވެ އެދިމާލަށް އަންނަން ފެށުމުން މާވީއަށް ހަޅެއްލަވައިގަނެވުނެވެ. އެމީހުންގެ ހިތުގައި ހެއްދެވި ފަރާތާއި މެދު ކުޑަވެސް ބިރުވެރިކަމެއް ނެތީހޭ އަހައިލެވުނެވެ.

"އަހަންނަށް އެނގޭ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެކަން. އެހެންވެ އަހަރެން އަބަދުވެސް ބޭނުންވަނީ ފާއިތުވާ ކޮންމެ ސިކުންތެއް އަހަރެންގެ ހިތްހަމަޖެހުމަށް ހުސްކުރަން. މިރޭ ވަކިން ބޮޑަށް އަހަރެން ބޭނުންވެއްޖެ ހިތްހަމަޖައްސާލަން، ވީ ވިލް ނޮޓް ސްޓޮޕް އަންޓިލް ޔޫ ބްލީޑް" އީތަން އައިސް މާވީގެ ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. އޭނަގެ މޫނާއި މާވީ ކައިރިކޮށްލާފައި އެންމެ ފަހުން ބުނި ޖުމްލައިން މާވީއަށް ދުއާކޮށްލެވުނީ އޭގެކުރިން އޭނާގެ ފުރާނަ ދޭތޯއެވެ.

މާވީގެ ދެއަތް އެމީހުން މޮހެ ގަދަކަމުން ކޮޅަށް ނެގިއެވެ. އީތަންމެން އިށީދެ ތިބި ބާ ސަތަރިގަނޑުގެ މައްޗަށް މާވީ އެއްލައިލީ އެއްވެސް ރަހުމެއް ނެތިއެވެ. ދެން ފެނުނީ އެމީހުންގެ އަމަލުތައް ހައްދުން ނެއްޓިފައިވާ ތަނެވެ. ލަދުވެތިކަމެއް ބިރުވެރިކަމެއް ނުވާކަމެވެ. މާވީ އޮތީ މޫނުގައި އަތްއަޅައިގެންނެވެ. އެއްވެސް މަންޒަރެއް އޭނާ ބަލާކަށް ބޭނުމެއް ނޫނެވެ. އެމީހުންގެ ކުރިމަތީ އާދޭސްކުރާކަށްވެސް ބޭނުމެއް ނޫނެވެ.

(ނުނިމޭ)

ދިގު ވާހަކަ

Popular