19 Mar 2020

މަންޒިލް ތީއޭ

By: Mariyam Yasma

އޭނަ ވަން އަޑު އިވިގެން ސާރިމް އިސްއުފުލާލައިފައި ދާދި އަވަހަށް އިސްޖެހި އެވެ. އެކަމަކު ނޫރިއާ ފޮނިވެގެން ދައްތާއޭ ކިޔާފައި އިންތަނުން ތެދުވެގެން އޭނައާ ދިމާއަށް ދުވެފައި އަތުވެއްޖެ އެވެ. އައިގޮތަށް އެކުއްޖާ އެދެން ފެށީ ވާހަކަކިޔާއިރު އަޑުއެހުމަށެވެ.

ޖަންނަގެ ބޮލުގައި ރިއްސައިލި އެވެ. ނޫރިއާގެ ކިބައިން ސަލާމަތް ވާން ބަހަނާއެއް ހޯދަން ބޭނުންވި އެވެ.

"ދައްތަ ހުންނާނީ ވަރުބަލިވެފަ. ނޫރީ އާދޭ ދޮންބެއަށް ކިޔައިދޭން..." ޖަންނައަށް އެއްޗެއް ނުބުނެވެނީސް ސާރިމް ބުނެލި އެވެ.

ޖަންނައަށް ބަލައިލެވުނީ ސާރިމް އަށެވެ. ނޫރިއާ ވެސް އެނބުރި ބަލައިލާފައި ސާރިމް ހަނާ އަޅައިލުމުނން ދުވެލާފައި އެދިމާއަށް ދިޔަ އެވެ. ސާރިމްގެ ނަޒަރު ހުރީ ނޫރިއާއަށެވެ. ޖަންނަ ފުން ނޭވައެއްލައިފައި ދަބަސް ބެހެއްޓުމަށްފަހު ގޮސް ފާޚާނާއަށް ވަދެ ގެއްލުމުން ނޫނީ އެދިމާއަށް ބަލައެއްނުލަ އެވެ.

"މިހާރު ހިތަށް އަރާ ކައިވެންޏަށް އެއްބަސްނުވެ ބައްޕަގެ ހިތް ބަދަލުކުރަން ތަންކޮޅެއް ބޮޑަށް މަސައްކަތް ކުރެވުނު ނަމައޭ. އައި ޖަސްޓް ހޭޓް ބީއިން އިން ދެޓް ހައުސް. ސްޓްރޭންޖާއަކާ ރޫމް ޝެއަރކުރުމަކީ ވޭނެއް. ގޭގަ އުޅޭއިރު ލައިފަ ބާލާ ދާ ހެދުންވެސް ވަށިގަނޑަށް ވައްޓާލައިފަ އިރުކޮޅަކުން ފެންނާނީ ދޮވެފަ ހިއްކަން އަޅާފަ ހުއްޓާ. އެތާގަ އުޅެން ޖެހޭ ގޮތެއްވެސް އެނގެނީއެއް ނޫން. ބައްޕަ އަޅެ އަހަރެން ގޭގަ އުޅެން ރުހޭނެ ނަމަ ކިހާ ރަނގަޅު. މަށަށް ހީވަނީ ޝެއިޚުގެ ކަމެއްހެން އެއީ ބައްޕަ އެވަރަކުން އަހަރެން ގޭގަ ހުއްޓަ ނުދީ ފޮނުވާލީ..." ފެން އިސްކުރު ދޫކޮށްލުމަށްފަހު މޫނަށް ފިނި ފެން ވިއްސަމުން ދިޔައިރު ޖަންނަގެ ސިކުނޑީގައި ހަރުލާފައި ހުރީ ލަމްޔާ ކައިރީ ދައްކާފައި އައި ބައެއް ވާހަކަ އެވެ.

އަވަސްއަރުވާލައިފައި ނިންމާ ނިންމުމާއި ޖަޒުބާތުގައި ޖެހިގެން ނިންމާ ނިންމުމުގެ ހުރި ގޯސްކަން މިހާރު އޭނައަށްވެސް އިހްސާސްވެއްޖެ އެވެ.

ނިކުންނަންވެގެން އެނބުރިލިވަގުތު ކުރިން ނުފެންނަ އެއްޗެއް ޖަންނަގެ ލޮލުގައި އަޅައިގަތެވެ. ދޮރުފަތުގެ ތަންކޮޅެއް މަތީގައި ހަރުކޮށްފައިވާ ނޯޓެއް ފެނިގެން ކިޔާލަންވެގެން ކައިރިވި އެވެ. ފާޚާނާއިން ނިކުންނަމުން ކިޔާ ދުޢާ ޖަހާފައި ދަށު ރޮނގު ދަމާފައި އޭގެ ތިރިން އަރަބިން ކުރު އެންމެ ލަފްޒެއް ލިޔެފައި އޮތެވެ. އަދި އޭގެ ތިރިން އެބަހުގެ މާނަވެސް މެ އެވެ. ޖަންނަ ފާޑަކަށް އަނގަ ހަދާލައިފައި އެކިޔަން ނުހަދައި ބޭރަށް ނިކުމެއްޖެ އެވެ. ކޮޓަރިތެރޭގައި އޭރު ސާރިމް އިނީ އެކަންޏެވެ. ނޫރިއާ ފެންނާކަށް ނެތެވެ.

ޖަންނަ ގޮސް ރީތިވާމޭޒު ކައިރިއަށް ހުއްޓި އަތުގައި ލޯޝަން ހާކަން ފެށި އެވެ.

ސާރިމްގެ ނަޒަރު އޭރު ހުރީ އުނގުމަތީ ހުޅުވާފައި ހުރި ލެޕްޓޮޕަށެވެ. އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިންއިރު އަތްފޯރާ ހިސާބުގައި ކޮފީ ތަށްޓެއް ހުއްޓެވެ. ހީވަނީ ދެންމެ ކޮންމެވެސް މީހަކު ގެނެސް ބަހައްޓާފައި ދިޔަ ކޮފީތައްޓެއް ހެންނެވެ.

"އާ ޔޫ ވޯކިން؟" ޖަންނައަށް ސުވާލުނުކޮށް ހުންނަން އުދަނގޫވި އެވެ،

ސާރިމްގެ ޖަވާބަކަށް ވީ ހަމައެކަނި ހޫމ އަޅުވައިލުމެވެ. އެވަރުން އަދި ޖަންނަގެ ސުވާލުތަކުގެ ޖަވާބު ލިބުނީއެއް ނޫނެވެ.

"އަމް... ޝެއިޚް މިސްކިތުގަ މުދިމަކަށް ނޫންތަ އުޅެނީ؟ އައި ތޯޓް އެއީ ކަމަށް ވޯކް ކުރާ ތަނަކީ.." ޖަންނަ ސުވާލުކޮށްލާފައި ސާރިމް ބަލައިލަން އުޅޭހެން ހީވުމުން އަވަހަށް ފޯނު ނަގައި ބަލަން ފެށި އެވެ. ސާރިމް ހަމައެކަނި ނޫނެކޭ ބުނެ ޖަވާބުދިންއަޑު އައީ އޭނަ އެނދުގައި އިށީނދެ ހަމަޖެހިލިފަހުންނެވެ.

"ދެން އެހެންވީއިރު ކޮންތާކު ވޯކް ކުރަނީ؟" ޖަންނަ އަނެއްކާވެސް އެހި އެވެ.

ސާރިމްގެ މަސައްކަތް ހުއްޓާލައިފައި ޖަންނައާ ދިމާއަށް ރަނގަޅަށް ބަލައިލި އެވެ. ޖަންނަ މިއަދު އެވަރަކުން އެކަން އޮޅުންފިލުވަން އުޅެނީ ކީއްވެބާއޭ ހިތަށް އެރި އެވެ.

"ޑޯންޓް ވޮރީ. އަހަރެން މިގެއަށް ގެންނަނީ ހަލާލު ފައިސާ. ދެޓްސް އޯލް ޔޫ ނީޑް ޓު ނޯ..." ސާރިމް އިއްވާލި އެވެ.

ޖަންނައަށް އެޖަވާބެއް ކަމަކުނުދިޔަ އެވެ. އެކަމަކު ސާރިމްގެ ޖަވާބު ބަދަލު ނުވާނެކަން ވިސްނުމުން ހުއްޓައިލި އެވެ.

***

ޖަންނަ ސައިބޯކަށް ނުނިކުމޭ ދޯ؟ ދަރިފުޅު ދާންވީނު އޭނައަށް ސައި ގެންގޮސްދޭން؟" ވަހީދާ ވާހަކަދެއްކީ ބަދިގެއިން ނިކުމެގެން ފެންޑާއަށް އައިސް ވަން ސާއިރާ އާއެވެ.

"އޭނަ ބަނޑުހައިވީމަ ނިކުންނާނެ އެއްނު. މަންމަ ކީއްވެތަ އޭނަ ރަސްދަރިކަނބަލެއްހެން ގެންގުޅޭހިތުން ތިއުޅެނީ؟ އޭނަ ކިތަންމެ ތަނަވަސްކޮށް އުޅެފަ އަޔަސް މިގޭގަ އުޅެވޭނީ މިގޭ މީހުންގެ ފެންވަރުން ދޯ. އެހެންނޫނީ ސާރިމް ކައިރީ ބުނަންވީނު އޭނައަށް ޚިދުމަތްކޮށްދޭން ނޯކަރެއް ގެންނާށޭ... އޭނަ އެހާ ބޭނުން ނުވެ ހުއްޓަވެސް މަންމަ ތިހުންނަނީ އެކޮޓަރިއަށް ފަރުނީޗަރުވެސް ވައްދާ ހަމަކޮށްގެން ވިއްޔަ. މަށަށް ހިއެއްނުވޭ ސާރިމްއަށް ހަމަނިދިވެސް އަންނާނެ ހެނެއް..." ސާއިރާ ހިތްހަމަނުޖެހިފައި ރައްދުދެމުން އައިސް ކުރިމަތީ ވަކިން ހުރި ސޯފާގައި އިށީނދެލި އެވެ.

އެވާހަކަތައް އަހާފައި މަންމަގެ ކުލަވަރު ބަދަލުވެގެން އައިގޮތުން ފަހުން އެހެން ބުނެވުނީތީ ވެސް ކަންބޮޑުވި އެވެ.

"އަހަރެން... ދޮގު ވާހަކަތަކެއް ނޫން މިދެއްކީ.." ކުށްވެރިކަން އިހްސާސްވި ނަމަވެސް ސާއިރާ އަމިއްލަ ދިފާޢުގައި އިތުރަށް ބުނެލި އެވެ.

"ސާއިރާ ހިތްހަމަނުޖެހެންޏާ މަންމަ ސާއިރާއަކަށް ނުޖައްސާނަން އޭނައަށް ކަމެއް ކޮށްދޭކަށް. އެކަމަކު ސާއިރާވެސް ވިސްނަންވާނެ ޖަންނަ މިހާރު އެހުރީ ވަރަށް ނާޒުކްފައްތަރެއްގައިކަން. އޭނަގެ އެނުތަނަވަސްކަމުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުކުރުމުގެ ބަދަލުގައި އޭނައަށް ހިތްހަމަޖެހުން ލިބުމުގެ ސަބަބަކަށް އަހަރުމެން މިއަދު ވާން ޖެހޭނީ. އޭނަ ބައްޕަ ނެތް ދުވަހަކުން އޭނައަށް ބަރޯސާ ވެވޭނެކަމުގެ ޔަޤީންކަން އަހަރުމެން ދޭން ޖެހޭނެ.." ވަހީދާ ޖަވާބުދީފައި ތެދުވވެގެން ހިނގައިގަތެވެ.

ސާއިރާ ވާހަކަދައްކަން ބޭނުންވިނަމަވެސް ބުނާނެ އެއްޗެއް ނޭނގިގެން ހުއްޓައިލި އެވެ.

ވަހީދާ ގޮސް ދޮރުގައި ޓަކި ދިން އަޑާއެކު ޖަންނަ އާއި ސާރިމްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ޖަންނަ އެނދުން ހިއްލާލަން މަސައްކަތަށް ތަންކޮޅެއް އަޑަށް ބާރުލައިފައި ވަންނާށޭ ގޮވާލި އެވެ. ދޮރު ހުޅުވުނު އަޑަށް ސާރިމްވެސް އިސްއުފުލާލި އެވެ. ދެވަނަ ސިކުންތުގައި އޭނަ ފުންމައިގެން ތެދުވީ މަންމަ ތަބަކެއްގައި ތަށިތަކެއް އަތުރައިގެން ހުއްޓާ ފެނުނީމަ އެވެ. ބަނޑާހަމައިގައި ތަބަކުގެ އެއްފަރާތުން ވިއްދާލައިގެން އެއް އަތުން ހިފާލައިގެން ހުރިއިރު އަނެއް އަތުން ތަޅުގައި ހިފާލެވިފަ އެވެ.

"އަޅެ މަންމަ އެތެރެއަށް ނުވަދެ ގޮވާލިނަމަ!" ސާރިމް ލެޕްޓޮޕް ބައިންދާފައި އަވަހަށް އެދިމާއަށް ގޮސސް މަންމަ އަތުން ތަބައް އަތުލި އެވެ.

ޖަންނަވެސް އޭރު ތެދުވެ ހުރީ ކޮޅަށެވެ.

"ޖަންނަ ސައިބޯން ނުނިކުތީމަ ހިފައިގެން މަންމަ މިއައީ..." ވަހީދާ ހިނިތުންވެފައި ބަލައިލީ ޖަންނައަށެވެ.

އޭރު ތަބައް ބަހައްޓަންވެގެން ސައިޑު ޓޭބަލްއާ ދިމާއަށް ދިޔަ ސާރިމްއަށް އެއަޑު އިވުމުން މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވެލާފައި ފިލި އެވެ.

"އަހަރެން އެކުވެރިޔަކާއެކު ސައިބޮއިގެން އައީ..." ޖަންނައަށް ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހްސާސްވި އެވެ.

"މަންމައަށް ފާހަގަކުރެވޭ ޖަންނަ ރޭގަނޑުވެސް ނުކާކަން. ގޭގައި ކާން ކަމުދާ އެއްޗެއް ނުހުންނަންޏާ ވެސް ބުނީމަ މަންމައަށް އެނގޭނީ. ޖަންނައަށް ކަމުދާ އެއްޗެހި ބުނީމަ މަންމައަށް ކައްކަން ނޭނގެންޏާ ސާއިރާވެސް ކައްކަދޭނެ. ޅަކުދިން ކާ އެއްޗެހި މަންމައަށްވުރެ މޮޅަށް ސާއިރާ ކައްކާނެ..." ވަހީދާ އައިސް ކައިރިވެފައި ޖަންނަ ކޮނޑުގައި ފިރުމައިލި އެވެ.

ފަހަތުގައި ހުރި ސާރިމް ހުރީ އޭރު ބުމަ ކައިރިކޮށްލައިގެންނެވެ. އޭނަ އެއްޗެއް ނުބުންޏަސް އެމޫނަށް ބަލައިލުމުން އޭނަ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައިވާކަން ޖަންނައަށް ވެސް ދޭހަވި އެވެ.

"ރޭގަނޑު ނުކަނީ ފަލަވާތީ. މިއަދު ދެން އެކުވެރިޔަކާ ޖެހިގެން ސައިބޮވުނީ..." ޖަންނަ ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރި އެވެ. އެކަމަކު އެހިނިތުންވުން އޭނަގެ ލޮލާއި ހަމައަކަށް ނުފޯރި އެވެ.

"މަންމަ މިއެއްޗެހި މިތާ ބައިންދާފަ ދާނީ. ފަހުން ކާހިއްވެއްޖެއްޔާ ކާލާ!" ވަހީދާ އެތަބަކަށް ނަޒަރރެއް ދީފައި އިތުރަށް ބުނެލި އެވެ.

ޖަންނަ ބޯޖަހާލައިފައި މަޑުކުރީ ވަހީދާ އެތަނުން ނިކުންނަން ދެނެވެ. ހަމަ ނިކުތުމާއެކު އެނދަށް ވެއްޓިގަނެވުނެވެ. ސާރިމް އެވަގުތު ފޯނަށް ބަލައިލާފައި ވަހީދާ ފަދައިން ކޮޓަރިން ނިކުންނަން މިސްރާބު ޖެހި އެވެ.

"ޝެއިހް ކޮންތާކަށް ތިދަނީ؟" ޖަންނަ އަވަސްއަވަހަށް އެހި އެވެ. އޭނައަށް ހީވީ އޭނައަށް ބުނެވުނު އެއްޗަކުން ނޫނީ އުޅެވުނު ގޮތަކުން ހިތްހަމަނުޖެހިގެން އެތަނުން ނިކުންނަން ދަނީ ކަމުގަ އެވެ.

"މަޣްރިބް ނަމާދަށް ބަންޤި ގޮވާތީ މިދަނީ..." ސާރިމް ފަސްއެނބުރި ބަލައިލުމެއް ނެތި ނިކުމެ ދޮރު ލެއްޕި އެވެ.

ކުޑައިރުކޮޅެއް ފަހުން ޖަންނަ ފިނި ފެންތަށްޓެއް ބޯން ދާން ކަމަށް ދޮރު ހުޅުވިއިރު ސިޓިންރޫމްގައި ވަހީދާ އާއި ސާއިރާ އަދި ތުއްތު ނޫރިއާ ވެސް ސަފު ހަދައިގެން ތިބީ ނަމާދުކުރާށެވެ. ޖަންނަ ސިއްރު ފިޔަވަޅުތަކެއްގައި ބަދިގެއަށް ވަދެ ފެންބޮއިގެން އަނެއްކާ އެމީހުންނަށް ނުފެނި ގޮސް ކޮޓަރިއަށް ދެމިގަތެވެ. ކޮޓަރީގައި އިނދެގެން ސާރިމް ހަދާފައި ހުންނަ ނަމާދުކުރާ ތަންކޮޅަށް އިރުއިރުކޮޅާ ބަލައިލެވެ އެވެ. އެކަމަކު ކަންނެތްކަން އައިސް ވަށައިލުމުން ތެދުވާހިތެއް ނުވި އެވެ. ހެޑްސެޓް އަޅައިގެން ލަވައެއް ޖަހައިލަމުން އޭނަ އޮށޯތީ އެނދުގަ އެވެ.

ޖަންނައަށް ނިދިފައި އޮތްވާ ކޮންމެވެސް މީހަކު އައިސް ކައިރިއަށް ހުއްޓުނުހެން ހީވި އެވެ. އަދި ކޮންމެވެސް އެއްޗެއް ކިޔަވާފައި އޭނަގެ ނިއްކުރިއަށް ފުމެލިކަން އިހްސާސްވި އެވެ. ހޭލެވިގެން ބަލާލިއިރު ކޮޓަރިތެރެއަށް ވެރިވެފައި އޮތީ ނިދާބޮކީގެ ފަނޑު އަލިކަމެވެ. ޖަންނަ އެނބުރުނުއިރު ސާރިމް ވެސް ނިދައިފި އެވެ. ގަޑި ބެލިއިރު ދިހަގަޑި ބައިވީ އެވެ. އެހާ ގިނައިރު ނިދުނުކަން އިހްސާސްވުމުން ދެން ކަންބޮޑުވީ ރޭގެ ބާކީބައި ހޭދަކުރާނެ ގޮތަކާއިމެދުގަ އެވެ.

ބަނޑުހައިކަން އިހްސާސްވާން ފެށުމުން އޭނަ އެނދުން ފޭބި އެވެ. ފާޚާނާއަށް ވަންނަން ދިޔައިރު ކުރިން ފާހަގަނުވާ ކަމެއް ފާހަގަވި އެވެ. އެއީ ދޮރުފަތުގެ ބޭރު ފަރާތުގައި ވެސް އެތެރެ ފަރާތުގައި ހުރިފަދަ ލިއުންކޮޅެއް ހުރި ކަމެވެ. އަލި ފަނޑުވެ ޖަންނަ އެ ކިޔާކަށް ނުހަދަ އެވެ.

ކުޑައިރުކޮޅެއް ފަހުން އޭނަ ގޮސް ބަދިގެއަށް ވަނީ ފޯނު ދިއްލައިގެން އޭގެ އަލީގަ އެވެ. ބަދިގެ ދިއްލާފައި ހުއްޓާ މީހަކަށް ފެނިގެން އޭނަ ހޭލާކަން އެނގިގެން އަންނާކަށް ބޭނުމެއް ނުވި އެވެ. ފްރިޖް ހުޅުވައިގެން ފެނުނު ޖޫސް ޕެކެޓެއް ނަގައި މޭޒުމަތީ ހުރި މޭވާ ވަށިގަނޑުން ދޮންކެޔޮ ވަކެއް ނަގައިގެން ކާން އިނީ މޭޒު ދޮށުގަ އެވެ. ބޭރުން ވާހަކަދައްކާ އަޑު އިވުނުހެން ފުރަތަމަ ހީވީ އެހެން އިންދަ އެވެ.

ހީވި ގޮތެއް ކަމަށް ނިންމާފައި އޭނަ ޖޫސްތަށި އަޅައިގެން ބޯން ފެށި އެވެ. ދެވަނަ ފަހަރަށްވެސް މީހަކު ވާހަކަދައްކާ އަޑު އިވިއްޖެ އެވެ. އަޑުން ހީވީ ސާއިރާ ހެންނެވެ. ޖަންނަ ހުސްތަށި ގެންގޮސް ސިންކުގައި ބަހައްޓާފައި ފޯނުގެ ލައިޓު ނިއްވާލުމަށްފަހު ސިއްރު ސިއްރުން ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. އެވަގުތު އޭނަގެ މެއަށް ފިނިވެލި އެވެ. ސާއިރާ ސިޓިންރޫމްގައި ހުރީ އެކަންޏެވެ. އެކަމަކު ހުއްޓައިނުލާ ވައި އަޑުން ކޮންމެވެސް ވާހަކައެއް ދައްކަ އެވެ.

ޖަންނައަށް ހޯދައިލެވުނީ އެތާ ތެރޭ އިތުރު މީހަކު ފެންނަން ހުރިތޯ އެވެ. އިތުރު މީހަކު ނެތުމުން ކުރިއަށްވުރެ ބިރުގަތެވެ. އަނެއްކާ ސާއިރާއަކީ ޖިންނި މޮޔަވެފަ ހުރި އަންހެންކުއްޖެއް ބާއޭ ހިތަށް އެރި އެވެ. ސާއިރާ އެވާހަކަދައްކަނީ އޭނައަށް ނުފެންނަ ފަރާތަކާއި ކަމާއިމެދު ސުވާލު އުފެދުނެވެ.

ގުޑިލަން ނުކެރިފައި ޖަންނަ ހުއްޓާ ސާއިރާ ފެނުނީ ގޭގެ މައިދޮރާއި ދިމާއަށް ދާން ފެށި ތަނެވެ. ޖަންނަގެ ހިތުގެ ތެޅުން އަވަސްވެގެން އައީ ދެނެވެ. ސާއިރާ ހުއްޓުވަން ދާން ވެސް ހިތަށް އެރި އެވެ. އެކަމަކު އޭނައަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް ފެނުނީ ދޮރު ހުޅުވިތަނެވެ. ޖަންނަގެ މެއަށް އިތުރަށް ފިނިވެގެން އައީ ސާއިރާ ހުޅުވި ދޮރުން އިސސްކޮޅުން ދިގު ފިރިހެނަކު އެތެރެއަށް ވަންތަން ފެނިފަ އެވެ.

ސާއިރާ ދޮރު ލައްޕާ ތަޅުލާފައި އެމީހާގެ އަތުގައި ހިފާލުމަށްފަހު ނިކަން ހަރުކޮށް ދެމީހުން ގޮސް ވަނީ ސާއިރާ ނިދާ ކޮޓަރިއަށެވެ.

ފެނުނު މަންޒަރަކީ ހަޤީޤަތެއްކަން ނުވަތަ ނޫންކަން ނިންމަން ނޭނގިފައި ޖަންނައަށް ހުރެވުނެވެ. ދެފަޔަށް އޭގެ އަމިއްލަ ބާރު ލިބުމުން އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފި އެވެ. އެނދުގައި އިށީންއިރު އެތަކެއް ސުވާލުތައް އައިސް ސިކުނޑި ވަށައިލި އެވެ. ހަޤީޤަތަކީ ނޫރިއާގެ ބައްޕައާ ބެހޭގޮތުން ވެސް އޭނައަށް އެއްޗެއް ނޭނގޭ ކަމެވެ. އެމީހަކީ ނޫރިއާގެ ބައްޕައަށް ވެސް ވެދާނެ އެވެ. ސާއިރާގެ ފިރިމީހާ ކަމަށްވެސް ވެދާނެ އެވެ. އެކަމަކު ދަންވަރު އެންމެންނާއި ސިއްރުން އައިސް އެގެއަށް ވަންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ފިކުރު ބޮޑުވެފައި ޖަންނަ އިންދާ ސާރިމް ނިދީގައި އޭނައާ ވީ ފަރާތަށް އެނބުރުނެވެ. ޖަންނަގެ ނަޒަރު އެމޫނަށް ހުއްޓުމުން ވަކިކޮށެއް ނުލެވުނެވެ. ފުން ނިދީގައި ސާރިމްގެ މޫނުގައި އެހުންނަ ސީރިއަސް އަދި ހަރުދަނާ ކަމެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ މައުސޫމު ކަމެވެ. އަދި އެއުމުރުގެ ޒުވާން ފިރިހެނެއްގެ މޫނުން ވެސް ފެންނާނެ ޅަކަމެވެ. އިސްތަށިގަނޑު ހޭވިފައިވާ ގޮތުން އަދި ވަރަށް ތަފާތެވެ. ތިރިއަށް ޖެހިލައި ސާރިމްއާ ވީ ފަރާތަކަށް އަރިއަކަށް ޖަންނަ އޮތީ އެމޫނަށް ބަލާށެވެ. އޭނައަށް ދެވަނަ ފަހަރަށް ނިދުނީ އެހެން އޮތްވަ އެވެ.

***

ފަތިހު މަންމަ އައިސް ގޮވިއިރު ސާއިރާ އޮތީ ހޭލަ އެވެ. އެކަމަކު އޭނަ ޖަވާބު ދިނީ ދެތިންފަހަރު ތަކުރާރުކޮށް ގޮވީމަ އެވެ. އެއްފަހަރުން ޖަވާބު ދީފިނަމަ އޭނަ އެގަޑީ ހޭލާ އުޅޭ ސަބަބު މަންމަގެ ހިތުގައި ޝައްކު އުފައްދާނެ އެވެ. މަންމަ ގެ ފިޔަވަޅުތައް އޮބުމުން އޭނަ އެނބުރުނީ ދާދި ދެންމެއަކާއި ޖެހޭންދެން ދަރިފުޅުގެ ބައްޕަ އޮވެފައި ދިޔަ ތަނަށެވެ. އަތް ޖައްސާލިއިރު މިހާރު އެހަށިގަނޑުގެ ހޫނުކަމެއް އެތާކު ނެތެވެ. ބަދަލުގައި އެތަން އޮތީ ފިނިވެފަ އެވެ. ސާއިރާގެ ލޯ ފެންކަޅިވި އެވެ.

ކަރުނަތައް ދިރުވާލައިފައި ގައިމަތީ އޮތް ރަޖާ ސޮހިގެން ނުދާނެހެން މެއާ ހަމައިން ހިފަހައްޓާލައިގެން އޭނަ އެތަނުން ތެދުވި އެވެ. އެނދުގައި އޮތް ތުއްތު ދަރިފުޅަށް ބަލާލައިފައި ގޮސް ރަޖާގެ ބަދަލުގައި ތުވާއްޔަކުން ހަށިގަނޑު ނިވާކުރި އެވެ. ދެން ތިރީގައި ތަންމަތި ހަދާފައި އޮތް ބޯ ރަޖާ ނަގައި ގެންގޮސް ދާވަށިގަނޑަށް ވައްޓާލައިފައި ބާލީސްތައް އެނދދުގެ އެއްކޮޅުގައި ބަރިއަކަށް ބެހެއްޓި އެވެ. ނޫރީ ނިދާފައި އޮތުމުން ފެންވަރަން ވެގެން އަވަހަށް ގޮސް ފާޚާނާއަށް ވަނެވެ.

ނުނިމޭ

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular