24 Mar 2020

ޒައިދަންގެ އަތްތިލައިން އޭނާގެ އަތް ވަކިކޮށްލެވުނެވެ. މޫނުގައި އަތް އަޅައި ފޮރުވައިލީ އޭނާ އޮހޮރާ ކަރުނަތައް ނުދެއްކުމަށެވެ. އެކަމަކު ޒައިދަން އޭނާގެ އަތް ތިރިކޮށްލަދިނެވެ. އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަރްޝީ ގެނެސް މޭގައި ޖައްސާލިއެވެ. އެއަތުގެ ހިމާޔަތަށްވުރެ މިރޭ އޭނާއަށް ލިބޭނެ ފިނިކަމެއް ނުވެއެވެ. ކުރިމަތީގައި ހުރީ އޭނާއަށްޓަކައި މުޅި ދުނިޔެވެސް އޭނާގެ މުށުތެރެއަށް ލައިދޭނެކަމަށް ވައުދުވި ހަމައެކަނި ޒުވާނާއެވެ. ކުރިން ޒައިދަންގެ ފަރާތުން ފެންނަ ނުރަނގަޅު އެތައް ސިފައެއް އެއްފަރާތްކޮށްލީ އަރްޝީއަށްޓަކަ އެވެ.

** **

ހޫނު ކޮފީތައްޓެއް ގެނެސް އަރްޝީއަށް ދިއްކޮށްލާފައި ޒައިދަން އޭނާގެ އަތުގައި ހުރި ތަށިން ކޯވަރެއް ބޯލިއެވެ. ކޮފީގެ މީރުވަހުން އެއާއި ރުޅި ހަދައިގެން އަރްޝިއަކަށް ނީދެވުނެވެ. މިހާރުވެސް އޭނާގެ ސިކުނޑިއަށް ވަނީ ލުއިކަން ލިބިފައެވެ. ޒައިދަންއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އޭނާގެ ހާސްކަން ފިލައިގެން ހިނގައްޖެއެވެ.

"އަރްޝީ ބޭނުންނަމަ މިރޭ މިގޭގައި މަޑުކުރެވިދާނެ، ޒާރާ ހުރީ އަރްޝީ އައިސްގެން އުފަލުން،" ޒައިދަން ބުނި ފަދައިން އޭނާ ބޭނުންވަނީ މިރޭ ގެއާއި ދުރުގައި މަޑުކުރާށެވެ. ކޮފީ ތަށި ހުސްކޮށްލާފައި ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން އެދުމުން އަރްޝީ ދެކޮޅު ހެދިއެވެ. ޒައިދަން ދިއުމުން އަރްޝީއަށް އެކަނި ވަގުތުކޮޅެއް ލިބުނެވެ. ޔުމާންއަށް އަރްޝީ މެސެޖުކޮށްލިއެވެ. މަންމަ ކޮބައިތޯ އަހާލާފައެވެ. ޔުމާންވެސް ހުރީ ބޭރުގައެވެ. މަންމަގެ ގާތުގައި ދެމީހުން ކުރެ އެއްވެސް މީހަކު މަޑުނުކުރުމަކީ މަންމަގެ ހިތާމަ އިތުރުވެގެންދާނެކަމެއްކަން އަރްޝީއަށް ވިސްނުނެވެ. ކޮންމެ މީހަކަށްވެސް ވިސްނުނީ އެމީހަކު އަމިއްލަ ހާލާއި މެދުގައެވެ. އަރްޝީ ބޭނުންވީ އަވަހަށް ދާށެވެ. ޒައިދަން ކޮބައިތޯ ބެލިއިރު ޒައިދަން ވީ ހަންނާނު ވާހަކައެއް ދައްކާލަން ބުނެގެން މަތީ ކޮޓަރީގައެވެ. އަރްޝީ ގެއަށް ދާކަން ބުނީ ޒާރާގެ ކައިރީގައެވެ.

** **

އޭނާ ހީކުރިގޮތާއި ޚިލާފަށް މުޅި ގެ އޮތީ ފަޅަށެވެ. އެތަނުގައި ބައިވަރު މީހުންތަކެއް ނެތެވެ. އެގެއެކޭ ފަޅު ތަނެކޭ ތަފާތެއް ނެތެވެ. މިޒްނާ ކޮބައިތޯ ބަލާލިއިރު މިޒްނާ އޮތީ ކޮޓަރީގައެވެ. އަރްޝީ ފެނުމުން އައީ ކޮންތަނަކުންތޯ މިޒްނާ އަހާލިއެވެ.

"މަންމަ ރަނގަޅުތަ؟" ހާލު އަހާލުމާއި އެކު މިޒްނާގެ ހިތްވަރު ކަރުނައިގެ ސިފައިގައި ބަންޑުންވިއެވެ. އަރްޝީގެ ގާތުގައި މިޒްނާ އެދުނީ އަކްރަމް އާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނެ ހުރުމަށެވެ. އެއީ އަކްރަމްގެ ހަރުކަށިކަމުގެ ބިރަށް މިޒްނާ އެދޭ އެދުމެއްކަން އޭނާއަށް އެނގެއެވެ. މިޒްނާއަށް އަރްޝީ ވައުދުވީ މަންމައަށްޓަކައި ޝެޒާ އާއި ދިމާލަށްވެސް ބަހެއް ނުބުނެ މަޑުންހުރުމަށެވެ.

** **

ދެ ދުވަސް ފަސް

ޔުނިވާރސިޓީއަށް ވަދެގެން ދިޔައިރު އަރްޝީއަށް ހީވަނީ ހުރިހާ ކުދިން އޭނާއަށް ބަލާހެންނެވެ. އެންމެންނަށް ޝެޒާ އާއި އޭނާގެ ބައްޕަ ކައިވެނިކުރަން އުޅޭކަން އެނގެނީހެންނެވެ. އެންމެންގެ ލޯތަކަށް ފޮރުވިގެން ދެވޭނަމައޭ މި ނޫނީ އޭނާގެ ހިތަކަށް ނާރައެވެ. ނޯޓިސްބޯޑުގެ ކައިރީ ހުރި ރަފްހާން ފެނުމުން އަރްޝީއަށް މަޑުކޮށްލެވުނެވެ. ރަފްހާން އާއި މެދު އޭނާގެ ހިތުގައި ހަމްދަރުދީވިއެވެ،. ޝެޒާ ކަންތައްކުރިގޮތުން ރަފްހާންގެ ހިތަށް ލިބުނު ތަކުލީފް އޭނާއަށް އިހްސާސްވެއެވެ.

"ރަފްހާން." އަރްޝީ ފެނުމާއި އެކު ރަފްހާން ހިނގައިގަތެވެ. އަރްޝީ ގޮވާލުމުން ހުއްޓިފައި ރަފްހާން ބަލައިލިއިރު އޭނާގެ ދެބުމަ ވަނީ ގޮށްޖަހާލެވިފައެވެ.

"އައި ފީލް ބޭޑް ފޯ ޔޫ" އަރްޝީ ހަމްދަރުދީ އެކުލެވިގެންވާ ރާގަކަށް ބުނެލިއެވެ.

"ރިއަލީ؟" ރަފްހާން ރާގުގައިވީ މަލާމާތެވެ. އަރްޝީ ހައިރާންވީ އޭނާ ދެކެ ރަފްހާން ރުޅި އަންނަންވީ ސަބަބު ނޭނގިފައެވެ. ފަހަރެއްގައި އެއީ އޭނާ ލޯބިވާކަން އެނގި ވީ ފޫއްސަކުން ވާ ގޮތަކަށް ވެދާނެއެވެ. އަދިވެސް އެ ހަނދާނަށްވުރެ ރަފްހާންގެ ހިތުގައި ރިހޭނީ ޝެޒާގެ ސަބަބުންނެވެ.

"އަސްލުވެސް" އަރްޝީ ހިނިތުންވެލިއެވެ. ރަފްހާން އޭނާގެ އަތުގައި ހިފާ ހިނގައިގަތީ ގޯތިތެރޭގައި ތިބި ކުދިންނަށް އަޑު ނީވޭހާ ދުރަށެވެ.

"ވެދިޔަ ހުރިހާ ކަމަކަށް އަރްޝީ އުފަލެއްނު ކުރަންވީ؟ އިޓް ވޯޒް ޔުއަރ ޕްލޭން" ރަފްހާން އަރްޝީގެ އަތުން ދޫކޮށްލިއެވެ. އަރްޝީގެ މޫނަށް ބަލާލިއިރު އޭނާގެ ދެބުމަ ގޮށްޖެހިފައިވާލެއް ބޮޑުކަމުން އެދެމެދުގައި އިތުރު ހުސްކަމެއް ނެތެވެ.

"ރަފްހާންއަށް ތިއުޅެނީ އޮޅިގެން." އަރްޝީ އަށް ބުނެވުނެވެ. ފާއިތުވި ދެދުވަހަކީ އޭނާގެ ދެލޮލުން ކަރުނަ ހިކުނު ދެދުވަހެއް ނޫނެވެ. އޭނާ އުފާވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދުނިޔެއާއި ކުރިމަތިލާންޖެހޭވަރަށްވުރެ އޭނާ ލަދުގަންނަ ހިސާބަށް ކަންތައްވަނީ ގޮހެވެ.

"އަރްޝީ އަހަރެން ދެކެ ލޯބިވާކަން ޝެޒާއަށް އެނގުނީ، އަރްޝީގެ ފޮތުން އަހަރެންގެ ނަން ލިޔެފައިވާތަން ފެނިގެން، އެދުވަހުވެސް ޝެޒާ އެދުނީ ބްރޭކްއަޕްއަށް، އަދި އަހަރެން އަރްޝީ އާއި ރައްޓެހިވަން، އަހަރެން ދެކޮޅު ހެދިފަހުން އަހަންނަށް ފެނުނީ އެހެން ޝެޒާއެއް، އޭނަ ބެލީ އޭނާގެ ސަބަބުން އަހަރެމެން ދެމީހުން ވަކިވާން، އަރްޝީއަށްޓަކައި، އެވަރުން ނުވެގެން އެންމެފަހުން އޭނަ އަށް ޖެހުނީ އަކްރަމްގެ އުދަނގޫ، ޝީ ހޭޒް ނޯ ޗޮއިސް، އަކްރަމް އާއި އިންނަން އެއްބަސްވީ، އެންމެ ފަހުން ބައްދަލުވި ދުވަހުވެސް ޝެޒާ އެދުނީ އަހަރެން މީހަކާއި އިންނަންޏާއި އަރްޝީ އާއ އިނުމަށް." ރަފްހާން ގެ މޫނަށް އަރްޝީ ބަލަން ހުރީ އެއީ އޭނާ ހޭލާ ހުއްޓާ ފެންނަ ބިރުވެރި ހުވަފެނަކަށް ބަލާހެންނެވެ. އެހުރިހާ ވާހަކަތަކަކީ ޚިޔާލީ އެއްޗަކަށްވާން އޭނާ ބޭނުމެވެ. އެއީ ދޮގެކެވެ. ޝެޒާ އަކްރަމް އާއި އިނީ އަކްރަމްގެ އުދަނގުލެއް ޖެހިގެންހެން ހިއެއް ނުވެއެވެ. "ޝީ އިޒް ލައިން." ރަފްހާންއަށްވުރެ ބާރަށް އަރްޝީއަށް ބުނެވުނެވެ.

"ރަފްހާން އާއި ރައްޓެހިވެގެން ހުރެ އޭނަ ޔުމާން އާއި ރައްޓެހިވި، އައި ހެވް ސީން ދެމް، އޭނަ ބޭނުންވަނީ އޭނަގެ އިނޮސެންޓްކަން ދައްކަން، އަހަރެންގެ ބައްޕަ އޭނާއަށް މަޖުބޫރުކުރަންވީ ކީއްވެ؟ ބައްޕަގެ އަތުގައި މަދުވަނީ ކޮންއެއްޗެއް؟ އޭނަގެ އަތުގައި ހުރީ ކޯއްޗެއް؟ އަހަރެން ދުވަހަކުވެސް ނޭދެން ޝެޒާގެ ގާތުގައި އަހަންނަށް ޓަކައި އޭނާގެ ލޯބި ގުރުބާންކުރާކަށް، އަދި ތިދެމީހުންގެ މެދަށް އަންނާނެ މީހެއް ނޫން އަހަންނަކީ، އަހަރެން ރަފްހާން ދެކެ ލޯބިވިން، އެކަމަކު މިހާރު އަހަރެންވެސް މިއުޅެނީ ޒައިދަން އާއި ރައްޓެހިވެގެން، " އަރްޝީ އަށް ކިޔައިދެވޭނެ އެންމެ ރަނގަޅަކަށް ކިޔައިދިނެވެ. ރަފްހާން ޤަބޫލުކުރާކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ.

"ތިޔަށް ކިޔަނި ދެއްކުންތެރިކަން، ކަލޭމެން އަތުގައި މަދުވާ އެއްވެސް އެއްޗެއް ނުވޭ، އެކަމަކު ފެންތިކެއްވެސް ނުދިރޭ މީހެއްގެ ދިރިއުޅުމާއި ކުޅެ ނުލާ" ރަފްހާންގެ ތުހުމަތުތަކަށް ބަދަލެއް ނައެވެ.

"މީހުން ބުނޭ ލޯތްބަކީ ކަނު އެއްޗެކޭ، ރަފްހާން ތިހުރީ ރަނގަޅަށްވެސް ކަނުވެފައި، ދެރައީ ތިހާ ލޯބިވާ މީހަކު ޝެޒާއަށް އެހީތެރިނުވީމައި، އޭނަ ރަފްހާންއަށް ދިނީ ކެހި، " ޝެޒާދެކެ ކިތަންމެ ރުޅި އައިސް ހުރި ނަމަވެސް ހުރިހާ ސިއްރެއް ކިޔައިދޭން އަރްޝީ ބޭނުމެއް ނޫނެވެ. ރަފްހާންއަށް ކިޔައިދިނުމަކީ ބޭކާރު ކަމެކެވެ.

"އައި ހޭޓް ޔޫ، އަހަރެން ފުރާނަ ހުއްޓާ އަރްޝީ އަކާއި ނީންނާނަން. އެއީ ޝެޒާގެ އެދުމަކަށް ވިއަސް،" ރަފްހާންގެ ދެލޮލުން އޭނާ ދުށީ ނަފްރަތެވެ. ރަފްހާން ހިނގައިގެން މަންޒަރު އޭނާއަށް ފެނުނީ ފުސްކޮށެވެ. އޭނާގެ ދެލޯ ފުރިގެން އައީ ހިތުގެ ރިހުމާއި އެކުގައެވެ.

"އައި ހޭޓް ޔޫ ޓޫ." ރަފްހާން އަށް އަޑު ނީވުނަސް އަރްޝީއަށް ބުނެވުނެވެ. ދުވަހަކުވެސް އޭނާ ރަފްހާން އާއި ދިމާލަށް ބަލައިނުލަން އަމިއްލަ ނަފްސަށް ވައުދުވެވުނެވެ.

** **

ކުލާސް ނިމިގެން އަރްޝީ ގެއަށް އާއިރު ޝެޒާ ތިރިއަށް ފައިބަނީއެވެ. އަރްޝީ ހިނގައިގަތީ އިސްޖަހައިގެންނެވެ. ދެމީހުން އަރާހަމަވުމުން އެއްވެސް މީހަކު އިސްއުފުލައި ބަލައިނުލައެވެ. އެއްއިރެއްގައި އެއީ އެންމެ ގާތް ދެ އެކުވެރިންނެވެ. މިއަދު ހަތުރުންނެވެ. ދުނިޔެ އެކި ދުވަހު ދައްކަނީ އެކި ކުލައޭ ބުނެއެވެ. އޭގެތެރެއިން އެންމެ ކަޅު ދުވަހަކީ މިތުރުން ހަތުރުންނަށްވެ އެކަނިވެރިވާ ދުވަހެވެ.

ކޮޓަރިއަށް ވަދެފައި ދެން ދުވަހަކުވެސް އެތަނުގެ ހަތަރުފާރުން ބޭރަށް ނުނިކުންނަށް ހިތަށް އެރިއެވެ. އެކަމަކު މިޒްނާގެ ހާލު ބަލައިނުލައި އިންނަން އަރްޝީގެ ހިތް ނުރުހުނެވެ. އަލުން ތިރިއަށް ފޭބިއިރު ނަޞީބަކުން ޝެޒާ ފެންނާކަށް ނެތެވެ.

ކޮޓަރީގައި ޓަކި ޖަހާލުމުން އާދަވެގެން މިޒްނާ ޖަވާބު ދޭނެއެވެ. މިއަދު ޖަވާބެއް ނުދިނެވެ. އިރުކޮޅަކު މަޑުކޮށްލާފައި ތަޅުގައި ހިފާ އަނބުރާލެވުނެވެ. މަޑުމަޑުން ދުރުވަމުން އައި ދޮރުން އޭނާއަށް ފެނުނީ ތިރިއަށް ވެއްޓިފައި އޮތް މިޒްނާއެވެ. އަތުން ޖަހައި ދޮރު ކޮށްޕާލަމުން އަރްޝީއަށް މަންމައަށް ގޮވާލެވުނީ އަޑުގެ ނެތްތަނަށެވެ.

އެއަޑަށް ޔުމާން އައިކަން ނަޞީބެވެ. މިޒްނާ ނަގައި އެނދުގައި ބާއްވާފައި މޫނުގައި ފެންފޮދެއް އުނގުޅައި ހެދުމުން ކުކުރާލާފައި އަނެއްކާވެސް އަޑު ހިނދިގެން ދިޔައީއެވެ. އަރްޝީ ކައިރީ ހަމަޖެހޭށޭ ބުނެފައި ޔުމާން އަވަސްކުރީ މިޒްނާ ހޮސްޕިޓަލަށް ގެންދާށެވެ.

***

އަވަސް ފަރުވާދޭ ކޮޓަރި ދޮރުމަތީ އަރްޝީ އާއި އެކު ޔުމާންހުއްޓެވެ. ދުރުގައި އަކްރަމް ވަކިން އިނެވެ. އަކްރަމްއަށް ޚަބަރު ލިބުނު ގޮތެއް ނޭނގެއެވެ. މިޒްނާ ހޮސްޕިޓަލަށް ގެނެސް އިރުކޮޅެއްގެ ތެރޭ ފެނުނީ އަކްރަމް އައިސް ވަންތަނެވެ.

ޔުމާން އައިސް އަކްރަމް ކައިރީ އިށީނެވެ.

"ޑޮކްޓަރު ބުނުއްވީ މަންމަ ފިކުރުބޮޑުވާނެ އެއްވެސް ކަމެއް ނުކުރަން." ޔުމާން އެހެން ބުނިއިރު ހީވަނީ އަކްރަމްއަށް އެކަން ހަނދާންކޮށްދިން ހެންނެވެ. ދާދި ދެންމެ ޑޮކްޓަރު ވާހަކަ ދެއްކިއިރު އަކްރަމް ހުއްޓެވެ. ޑޮކްޓަރު ނުކުތީ އަކްރަމް އެދިގެންނެވެ.

އަކްރަމްގެ ހިމޭންކަމުން އޭނާއަށް ރައްދުގައި ބުނާނެ އެއްވެސް އެއްޗެއް ނެތްކަން އަންގައިދެއެވެ. ޔުމާން ގަސްތުކުރީ އޭނާއަށް ދެއްކޭ ހުރިހާ ވާހަކައެއް ދައްކާށެވެ. އެހެން ނޫނީ އަކްރަމް ހަރުކަށިކަން ދައްކައި އަބަދުވެސް އޭނާގެ އަޑު ކަނޑުވައިލަނީއެވެ.

"މަންމަ ހޮސްޕިޓަލުން ދޫކޮށްލައިފިނަމަ އަހަރެން ބަދަލުވާނީ މަންމަ ގޮވައިގެން މަންމަގެ ގެއަށް، " ޔުމާން އަޑުގައިވި ސާބިތުކަމުން އަކްރަމްގެ ޚިޔާލެއް ބޭނުން ނުވާކަން އެނގެއެވެ. އެއީ އޭނާ ނިންމި ގޮތެވެ. އަރްޝީ ޔުމާންގެ މޫނަށް ބަލައިލީ ކަންބޮޑުވެފައެވެ.

"ކައިވެނިކޮށްފައި ޝެޒާ ބަދަލުވާނީ ރަށަށް، އެގެއަކީ އަރްޝީ އާއި ޔުމާންގެ ގޭ، އެގޭގައި މިޒްނާއަށް އުމުރަށްވެސް އުޅެވޭނެ،" އަކްރަމް ބުނެލިއެވެ. ކުރިއާއި ޚިލާފަށް މިފަހަރު އަކްރަމްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

"މިޒަމާނުގައި ކޮންމެ މީހަކުވެސް އުޅެން ބޭނުންވާ ތަނަކީ މިއީ، ޝެޒާ ބޭނުމެއް ނުވާނެ ރަށަށް ބަދަލުވާކަށް، ތި ދިރިއުޅުމަށް އެޅޭ ހިޔަންޏަކަށް އަހަރެމެން ނުވާނަން" ޔުމާން ދުލެއް ނުދެއެވެ.

"އަހަރެން ނުބުނާނަން ތިޔަ ވިސްނުމުގައި ހުރި ގޯހެކޭ، އެކަމަކު ހުރިހާ ކަމެއް ހިނގަނީ ޔުމާން ތިޔަ ވިސްނާ ގޮތަކަށް ނޫން. ޝެޒާ އަހަންނާއި އިންނަނީ މުދާތަކެއް ބޭނުންވެގެންނެއް ނޫން، އަދި އަހަރެން އޭނަ އާއި އިންނަނީ މިޒްނާގެ ހުރި އުނިކަމަކުން ނޫން. " އަކްރަމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ސަބަބު އެނގެން އަހަރެން ބޭނުން." އަކްރަމްގެ ޖުމްލަ ނިމުމާއި އެކު ޔުމާން ބުނެލިއެވެ. ޔުމާންގެ މޫނަށް އަކްރަމް ބަލައިލި ގޮތުން އޭނާވެސް ސިހުނުކަން އެނގެއެވެ. ތުންފަތް ހަރަކާތްކޮށްލާފައި އަކްރަމް ބަލައިލީ އޭނާގެ ދެފަރާތަށެވެ.

"މިހާރު ފާރުގައިވެސް ކަންފަތް ހުރޭ، މިވާހަކަ ދައްކާނީ ގެއަށް ގޮސް." އަކްރަމް ތެދުވީ އިތުރަށް އެވާހަކަ ކުރިއަށް ގެންދަން ބޭނުން ނުވާތީއެވެ. އިތުރު އެއްޗެއް ޔުމާންވެސް ނުބުނެއެވެ. އަކްރަމް ދަންދެން އޭނާ އިނީ ބަލާށެވެ.

"ކޮންއިރަކު ޔުމާން މަންމަ ގެއަށް ބަދަލުވާން ނިންމީ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަރްޝީ އަހާލިއެވެ. އޭނާ ދެންމެ އިނީ ޗާބީ ދީފައިވާ ބުދެއްހެން ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. އެ މުއާމަލާތުގައި އޭނާއަށް ބައިވެރިވާނެ ފުރުޞަތެއް ނުލިބުނެވެ.

"ދެންމެ." ޔުމާންގެ މޫނުމަތިން ފެންނަނީ ހަމަޖެހިލައިގެން އިންކަމެވެ. ޔުމާންގެ ނިންމުން ގޯސް ނޫންކަމުގައި އަރްޝީ ހާމަކުރިއެވެ. އަދި އެގެއިން ނިކުންނަން އޭނާވެސް ބޭނުމެވެ. އަކްރަމް ބުނި ކަމުގައިވިއަސް އެގޭގައި އުޅުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. އެގެއަކީ މިޒްނާ އެތައް ހަނދާންތަކެއް ރައްކާކޮށްފައިވާ ތަނެކެވެ.

** **

މިޒްނާ ވޯޑަށް ބަދަލުކުރިފަހުން އަކްރަމް ދެފަހަރަކު އައެވެ. އަކްރަމް ހާލު އަހާލިއަސް މިޒްނާ ޖަވާބެއް ނުދެއެވެ. ޔުމާން އާއި އަރްޝީވެސް ފެންނަނީ ރުޅި ހަދައިގެން ތިބޭތަނެވެ. އެހެންވެ އަކްރަމް އެތަނުގައި މަޑެއްނުކުރެއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން މިޒްނާގެ އަމިއްލަ ގެއަށް ބަދަލުވާން ޔުމާން އެދުނެވެ. އެކަމާއި މިޒްނާ ދެކޮޅު ހެދިއެވެ. އަކްރަމްގެ އަނބިމީހާގެ މަޤާމުގައި އިންނަ ކޮންމެ ދުވަހަކު އޭނާ އިންނާނީ އަކްރަމް ބުނާ ތަނެއްގައި ކަމުގައި ބުންޏެވެ.

މިޒްނާއަށް ވިސްނައިދެން ވަރަށް އުދަނގޫވިއެވެ. މިޒްނާގެ ހިތުގައި އަކްރަމްއަށް އޮތް މަޤާމަކީ އަކްރަމް ކުރާ އެންމެ ކަމަކުން ބަދަލު އަންނާނެ މަޤާމެއް ނޫންކަމުގައި މިޒްނާ ބުންޏެވެ. އެންމެފަހުން އެވާހަކަ ދެއްކުން ޔުމާން ހުއްޓައިލިއެވެ. މިޒްނާގެ އަތުގައި ހިފައިގެން އިނދެ ޔުމާން އެދުނީ އެންމެ ކަމަކަށެވެ. ކިތަންމެ ފިކުރުބޮޑުވިއަސް މިޒްނާ އަމިއްލަ ނަފްސަށް ފަރުވާ ކުޑަނުކުރުމަށެވެ.

"މަންމަ އާއި މެދު އަހަރެމެން ފިކުރުބޮޑުވޭ." ޔުމާންގެ ބޮލުގައި މިޒްނާ ފިރުމައިލީ ފެންކަޅިވެފައެވެ. ޔުމާން އެދުނު ފަދައިން މިޒްނާ ވައުދުވިއެވެ.

ގެއަށް ދޫކޮށްލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ. ހޮސްޕިޓަލުގެ ބިލްތައް ދައްކަން ދިޔައީ ޔުމާންއެވެ. އަރްޝީ ނިކުތީ ބޭސްފިހާރައިން ބޭސް ނަގާށެވެ. އެތަނުގައި ބޮޑު ކިޔުއެއް އޮތެވެ. އެންމެ ފަހަތުގައި އަރްޝީ މަޑުކޮށްލިއެވެ. ތަރުތީބުން ގޮސް އޭނާއަށް ޖެހުނު ވަގުތަކީ އޭނާގެ ކުރިމަތީގައި ހުރި މީހާ އޭނާއަށް ތަންދީފައި ދާން ހިނގައިގންވަގުތެވެ.

އެއީ ރަފްހާންކަން އޭނާއަށް އެނގުނީ ދެނެވެ. ކިޔުގައި ދިހަ މިނެޓް ދިޔައިރު އޭނާއަށް ރަފްހާން ވަތްކެއް ނުވިއެވެ. ރަފްހާންއަށް އަރްޝީ ފެނުމުން ބޭނުންވީ ވީ އެންމެ އަވަހަކަށް އެތަނުން ނިކުންނާށެވެ. ކައުންޓަރާއި ކައިރިވަމުން އަރްޝީ ބަލާލިއިރު ރަފްހާން ހިނގާފައި ދިޔައީ ފަސްއެނބުރި ބަލައިނުލައެވެ.

"އޭނަ އެދިޔައީ ބޭސްސިޓީ ބާއްވާފައި" ބޭސް ދޫކުރަން އިން ކުއްޖާ ބުނި އަޑަށް އަރްޝީ ބަލައިލިއެވެ.

"އަހަރެން ރައްދު ކޮށްދޭނަން." އަރްޝީގެ މޫނަށް އެކުއްޖާ ބަލައިލީ ހައިރާންވެފައެވެ. އަރްޝީގެ އަތަށް ބޭސް ސިޓީ ދިނުމުގެ ކުރިން ރަފްހާން ދަންނަންތޯ އެކުއްޖާ އަހާލިއެވެ. އަރްޝީ ދެވަނަ ފަހަރަށް ރައްދު ކޮށްދޭނަމޭ ބުނުމުން އެ ބޭސް ސިޓީ އޭނާގެ އަތަށް ދިނެވެ. އެ ސިޓީއަށް އަރްޝީ ބަލައިލިއެވެ. އެއީ ރަފްހާންގެ ނަމުގައި އިން ސިޓީއެކެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭގައި އިން ރަފްހާންގެ ބަލީގެ ނަމެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular