28 Mar 2020

"އަހަރެން ރައްދު ކޮށްދޭނަން." އަރްޝީގެ މޫނަށް އެކުއްޖާ ބަލައިލީ ހައިރާންވެފައެވެ. އަރްޝީގެ އަތަށް ބޭސް ސިޓީ ދިނުމުގެ ކުރިން ރަފްހާން ދަންނަންތޯ އެކުއްޖާ އަހާލިއެވެ. އަރްޝީ ދެވަނަ ފަހަރަށް ރައްދު ކޮށްދޭނަމޭ ބުނުމުން އެ ބޭސް ސިޓީ އޭނާގެ އަތަށް ދިނެވެ. އެ ސިޓީއަށް އަރްޝީ ބަލައިލިއެވެ. އެއީ ރަފްހާންގެ ނަމުގައި އިން ސިޓީއެކެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭގައި އިން ރަފްހާންގެ ބަލީގެ ނަމެވެ.

އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ރަފްހާންގެ އުމުރަކީ އެންމެ ސައްބީސް އަހަރުކަމުގައި އަރްޝީއަށް ލަފާކުރެވެއެވެ. ޅަ އުމުރުގައި ބޮޑު ބައްޔެއްގެ ޝިކާރައަކަށްވުމަކީ ރަފްހާން ހިތާމަކުރާނެކަމެކެވެ. ރަފްހާންއަށް ލިބޭނެ އެންމެ ބޮޑު ތަކުލީފަކަށްވާނީ މިވަގުތު އޭނާގެ ޒިންމާ ދަށުގައި ތިބި ކޮއްކޮމެންނާއި މަންމައަށް އުޅެވޭނެ ގޮތެއް މެދުވެރިވެފައި ނެތުމެވެ. އެއީ އެމީހުންގެ ބަލަދުވެރިޔާއެވެ.

އަރްޝީ ދިން ސިޓީއަށް ބޭސް ހަމަކޮށްފައި ކައުންޓަރުގައި އިން ކުއްޖާ ދިއްކުރުމުން އޭނާއަށް އިހްސާސްވީ ހުވަފެނަކުން ހޭލެވުނުހެންނެވެ. ރަފްހާން އާއި މެދު ވިސްނުމުގައި އޭނާ ކަނޑަކަށް ޢަރަގުވެފައި ހުރެވުނުކަން އެނގުމުން ހައިރާންވިއެވެ. ކަނާތުގައި އޮތް ރަފްހާންގެ ބޭސް ސިޓީއަށް ބަލާލި ވގުތު ކަންފަތުގައި ގުގުމައިގަތީ އޭނާއަށް ދިމާލަށް ރަފްހާން ކީ އެއްޗިއްސެވެ.

"ޝިޓް" އަމިއްލައަށް ހަވާލުވެވުނު މަސައްކަތާއި މެދު ހިތްހަމަނުޖެހުނީ ދެނެވެ. މަންމަ އާއި ހަމަޔަށް ދިއުމުގެކުރިން އަރްޝީ ބޭރަށް ނިކުމެ ބަލައިލީ ރަފްހާން ފެންނަން ހުރިތޯއެވެ. އޭނާގެ އަތުގައި އޮތީ ރަފްހާންއަށް ހަވާލުކުރަންޖެހޭ އަމާނާތެކެވެ.

އެންމެ އަވަހަށް ޔުނިވާރސިޓީއަށް ދެވޭއިރަކުން ރޫބީ ނޫނީ ޖަލްވާ ލައްވާ ހަވާލުކުރަން އަރްޝީގެ ހިތް ބުނަމުން ދިޔައެވެ. ރަފްހާންގެ ކުރިމައްޗަށް އޭނާ ނިކުމެއްޖެނަމަ އެ ބައްޔަށްވުރެ އެފަކީރުގެ ހިތަށް ލިބޭނެ ރިހުން ބޮޑުވެދާނެއެވެ.

** **

ގެއަށް ދެވުމަށްފަހު އަކްރަމް އާއި ވާހަކަ ދައްކަން ޔުމާން މަސައްކަތްކުރިކަން އަރްޝީއަށް އެނގެއެވެ. ކޮންމެ ފަހަރަކު އަކްރަމް ބިޒީކަމަށްވުރެ ގަސްތުގައި ދެކޮޅު ހަދަނީކަމުގައި އޭނާގެ ހިތް ބުނެއެވެ. އަކްރަމް އަމިއްލައަށް ކަރަށް ވަލެއް މަހާލަންދެން ބަލަން ކެތްނުވެގެން ޔުމާން އުޅުނަސް އަކްރަމްގެ ސިކުނޑިއަށް އެކަން ވިސްނައިދެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އަމިއްލަ ހިޔާވަހީގައި އަރްޝީ އާއި ޔުމާންގެ ލޮލަށް ނިދި ނަޔަސް އެގޭތެރޭގައި އެހެން ބަޔަކު މާ އުފަލުގައި އުޅޭކަން އެނގެއެވެ. ކޮންމެ ދުވަހަކު ބާޒާރުކޮށްލައިގެން އައިސް ޝެޒާ އާއި ޚާލިދާ ވަންނަ މަންޒަރަކީ ހިތަށް ފިލުވައިލެވޭވަރަށްވުރެ އުދަނގޫ މަންޒަރަކަށްވަނީ ވެފައެވެ. އެމީހުން ފުރުން އޮތީ ކައިވެނި ކުރުމާއި އެކުގައި ހަމަ އެދުވަހު ކަމުގައި މިޒްނާ ބުނެއެވެ. އެމީހުން ދަންދެން އެއްވެސް އެއްޗެއް ނުބުނެ ހަނު ހުރުމަށް މިޒްނާ އާދޭސް ނުކުރާނަމަ އަރްޝީއަށް އެތެރޭގައި ގިނަވަމުން ދިޔަ ޝަކުވާ ބޭރުކޮށްނުލައި ނުހުރެވުނީހެވެ.

އެއްރެއަކު އަރްޝީގެ ކޮޓަރީގައި ޓަކި ޖެހުމުން ދޮރު ހުޅުވިއިރު ހުރީ ޝެޒާއެވެ. ޝެޒާގެ މަންމަ އައިފަހުން އަރްޝީގެ ކޮޓަރިއާއި ހަމަޔަށް ޝެޒާ އައި ފުރަތަމަ ފަހަރަކީ އެއީއެވެ. ޝެޒާއަށް އެތެރެއަށް ވަންނަން ތަންދީފައި އަރްޝީ އެއްފަރާތް ވެލިއެވެ.

ދޮރު ލައްޕާފައި އެނބުރުއިރު ޝެޒާ އިނީ އަރްޝީގެ އެނދުމަތީ އިށީދެއެވެ. މޫނުގައި ދެއަތް އަޅައިގެންނެވެ. "ޝެޒް" އަރްޝީ އަމިއްލަ ނަފްސު ހުއްޓުވުނީ އޭނާގެ ދުލުން ޝެޒާއަށް ގޮވާލެވުނުފަހުންނެވެ. އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ޝެޒާ ހުރިއިރު އަބަދުވެސް ގޮވާ އުސޫލުން ގޮވާލެވުމުން ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. އަބަދަށް އެކުގައިވާން ބުނެފައި އެކަން ވަގުތީކަމަށްވުމުން އެއީ ޤަބޫލުކުރަން ދަތިކަމަކަށްވެދެއެވެ.

"އަހަންނަށް މަޢާފްކޮށްދީ." ޝެޒާ މޫނުން އަތް ވަކިކޮށްލާފައި މެޔާއި ހަމައިން ދެއަތް ޖޯޑުކޮށްލީ މަޢާފަށް އެދެމުންނެވެ. އަރްޝީ ހައިރާންވީ ޝެޒާއަށް އެހެން ބުނަން ކެރުނުކަމަށްޓަކައެވެ.

"އަހަންނަށް އަހަރެންގެ މަންމަ އޮހޮރާ ކަރުނައަށްވުރެ ހިތްދަތި އެއްވެސް ކަމެއް ނުވޭ، ހައު ކެން ޔޫ ސޭ އިޓް ދެޓް އީޒީ." އަރްޝީ ދެއަތް ގެނެސް އުނަގަނޑުގައި ވިއްދައިލެވުނީ އައި ރުޅީގައެވެ.

"އަހަންނަށްވެސް" ޝެޒާ އަޑުގައިވި ރިހުން މިފަހަރު އަރްޝީއަށް ފާހަގަވިއެވެ. ހިންދިރުވާލަން އުދަނގޫވިކަން އަރްޝީއަށް އިހްސާސްވިއެވެ. ޝެޒާ އާއި މެދު ވިސްނާލަން އޭނާގެ ސިކުނޑި ބޭނުންކޮށްލެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ.

"އަހަރެންގެ ބައްޕަ މަޖުބޫރުކުރީތަ؟" އަރްޝީ ބަލައިލީ ޝެޒާ ދޭނެ ޖަވާބަކަށެވެ. އަކްރަމްގެ ނުފޫޒާއި އެކު ޚާލިދާގެ ހިތް ބަދަލުވެ ޝެޒާއަށް މަޖުބޫރުވުމަކީ ވެދާނެކަމެކެވެ. ކުރިން އޭނާއަށް އެހެން ނުވިސްނުނީ ކީއްވެކަމެއް ނޭނގެއެވެ. ދެލޯ ފޮހެލާފައި ޝެޒާ ދިނީ އަރްޝީ ހިތަށް އެރި ޖަވާބެއް ނޫނެވެ.

"ނޫން." ޝެޒާ އަތް ގެނެސް ބަނޑުގައި ޖައްސާލިއެވެ. ނުރޯން މަސައްކަތް ކުރިއަސް ޝެޒާގެ ކަރުނަތައް ހުއްޓުމެއް ނެތެވެ.

"މަންމަ މަޖުބޫރުކުރީތަ؟" އަރްޝީ އަށް ޝެޒާ އާއި ދުރުގައި ނުހުރެވުނެވެ. މިފަހަރު ޝެޒާ ޖަވާބު ދިނީ ދެފަރާތަށް ބޯ ހޫރުވާލާފައެވެ.

"މަޖުބޫރުވީ ހާލަތުގެ ސަބަބުން، އަހަރެން ބަނޑުބޮޑުކަން އެނގުމުން ގެއަށް އެނބުރި ދާން މަންމަ ވެސް ބައްޕަވެސް ބޭނުމެއް ނުވި، ބުނި މަރުވިއަސް މޫނު ދައްކައިގެން ނުވާނެއޭ، އަހަރެންގެ ދިރިއުޅުމަށްވުރެ އެމީހުންނަށް މުހިއްމުވީ ދުނިޔޭގެ ލަދު." ޝެޒާ އަށް ގިސްލެވުނެވެ. އަރްޝީ އައިސް ޝެޒާ ކައިރީ އެނދުގައި އިށީނުމަށް ބުންޏެވެ. ޝެޒާއަށް ފެންތައްޓެއް ގެނެސްދީފައި އަރްޝީ މަޑުކުރީ ޝެޒާ ހަމަޖެހިލަންދެންނެވެ.

"މި ކައިވެނި ސައްޚަ ނުވާނެކަން އެމީހުންނަށް އެނގޭނެ،" ޝެޒާ ފެންތަށި ދިއްކޮށްލާފައި ބުނެލިއެވެ.

"ޝެޒާ އަހަރެން ކައިރީ ނުބުނީ ކީއްވެކަމެއް ނޭނގެ، އެދުވަހު ޝެޒާއަށް އަހަރެން ވީ ބީރައްޓެހި މީހަކަށް، އެހެންނަމަ ފަހަރެއްގައި އަހަންނަށް ކޮންމެވެސް ކަމެއް ކުރެވުނީސް." އަރްޝީ ޝަކުވާ ކުރާ ރާގެއްގައި ބުނެލިއެވެ. ޝެޒާ އިސްޖަހާލިއެވެ.

'"އެއީ އަރްޝީގެ ބައްޕަ، އެހެން މީހަކު ނަމަ އަހަންނަށް ބުނަން ކެރުނީސް." ޝެޒާ އަށް އަރްޝީގެ މޫނަށް ބަލާކަށް ނުކެރުނެވެ. އަރްޝީ ދެރަވާނެކަން ޝެޒާއަށް އެނގެއެވެ. އޭނާ ދެކެ ރުޅި އަންނާނެކންވެސް އެނގެއެވެ. އޭނާއަށް އެންމެން ރުއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

"މި ދަރިފުޅު އުފަންވުމާއި އެކު އަކްރަމް އަހަރެން ވަރިކުރާނެ، " ޝެޒާ ބުނެލިއެވެ. އަރްޝީ ކުޑަކޮށްވެސް ހަމަޖެހުމެއް ނުލިބުނެވެ. އެ ކައިވެނި ކުރުމަކީ އެ އާއިލާއަށް ދެވޭނެ އަނިޔާއެކެވެ. ދުނިޔޭގެ ކުރިމަތީ އެ ދަރިފުޅު އަކްރަމްގެ ދަރިއެކެވެ.

"ޝެޒާ ކުރި ފާފައިގައި އަހަރެންގެ ބައްޕަވެސް ބައިވެރިވި ފަދަ ކަމެއް ތި ކުރުވަނީ، އަހަންނަކަށް ނުވިސްނޭ ޝެޒާގެ މަންމަ ބުންޏަސް އަހަރެންގެ ބައްޕަ ތި ކައިވެންޏަށް އެއްބަސްވާންވީ ސަބަބެއް؟" އަރްޝީގެ މޫނަށް ޝެޒާ ބަލައިލި ސިހިފައެވެ. އޭނާ މޫނު އަނބުރައިލީ އަރްޝީގެ މޫނަށް ބަލަން ނުކެރިގެންކަން އެނގެއެވެ. ޝެޒާ އާއި މެދު އުފެދެމުން ދިޔަ ހަމްދަރިދީގެ މައްޗަށް އަނެއްކާވެސް ވެރިވީ ފޫހިކަމެވެ. އަމިއްލަ އެދުމައިގެންވިއަސް އަރްޝީ އާއިލާގެ އުފާވެރިކަމަށް ފައިން އެރުމަކީ އޭނާ ދުވަހަކުވެސް މަޢާފްކުރާނެކަމެއް ނޫނެވެ.

"އަހަރެން ވަރަށް ގިނަ މީހުންނާއި ރައްޓެހިވިން، އެކަމަކު އެ ގުޅުން އެއްވެސް މީހަކާއި އެކު ނުބާއްވަން." ޝެޒާ އާއި ދިމާލަށް އަރްޝީ ބަލައިލިއެވެ. އެއީ ކުޑަކުއްޖަކުގެ ކައިރީ ބުންޏަސް ޤަބޫލުނުކުރާނެ ވަރުގެ ވާހަކައެކެވެ. ޝެޒާ ކުށް ޤަބޫލުނުކުރާކަމުގެ ހެއްކެކެވެ. އޭނާއަށްވުރެ މައުސޫމް މީހަކު މިތަނުގައި ނުވާ ކަމަށް ޤަބޫލުކުރަނީކަމުގައި ވެދާނެއެވެ.

"ޔޫ ސުވެލޯ އިޓް؟" މަލާމާތުގެ ރާގަކަށް އަރްޝީ އަހާލިއެވެ. ޝެޒާ އަށް އިންތަނުން ތެދުވެވުނެވެ. އޭނާ އައީ ހިތްވަރުކޮށްފައި އަރްޝީއަށް ހުރިހާ ކަމެއް ކިޔައިދޭށެވެ. އޭނާ ކައިރީ ބަނޑުބޮޑުވީ ކިހިނެއްތޯ ނާހާ އަރްޝީ ކުރި ސުވާލުން އޭނާގެ ހިތްމަރުވެގެން ދިޔައެވެ. އޭނާއަށް މަދަދުވެރިވާނެ އިތުރު މީހަކު ހުރެފާނެހެން ހިއެއް ނުވެއެވެ. އޭނާ ބުނާ އެއްވެސް އެއްޗެއް ޤަބޫލުކުރާނެ މީހަކު ނުވެއެވެ.

** **

ޝެޒާ ދިޔަފަހުން އެހެން ނުބުނެވުނު ނަމައޭ އަރްޝީގެ ހިތަށް އެރިއެވެ. ދުލުގެ ރައްކާތެރިކަމަށްވުރެ ހެޔޮކަމެއް ނުވެއެވެ. ޝެޒާ ގެ މޫނަށް އައި ބަދަލު އޭނާއަށް ސިފަވީ ނިކުން ފަހުންނެވެ. ޝެޒާ ދިޔައީ ދެރަވެފައި ހުރެއެވެ. އެކަނި އިނދެ ވިސްނައިލިއިރު ޝެޒާ ބުނަން ބޭނުންވި އެހެނަސް ނުބުނެވުނު ވާހަކަތަކެއް އެބަހުރިކަން އެނގުނެވެ. އެކަމަކު ދެން އެނބުރި ޝެޒާގެ ކުރިމައްޗަށް ދިއުމަކީ އުދަނގޫކަމެކެވެ. ޒައިދަންއަށް އެނގުމަކާއި ނުލައި އެގެއަށް އަރްޝީ ވަންއިރު ހަންނާނު އާއި އެކު ޒައިދަން އައިސް ވަންނަނީއެވެ. އަރްޝީ ފެނުމުން ޒައިދަން ގޮވާލާފައި ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން އަރްޝީ ވަންއިރު ޒައިދަން ނިކުމެ ހުރީ ބެލްކަނީގައެވެ.

އަރްޝީ ހުއްޓުމުން ޒައިދަން ބަލައިނުލާކަން ފާހަގަވިއެވެ. ޒައިދަންގެ އަތުގައި ހިފާލަމުން އަރްޝީ ކައިރިއަށް ހުއްޓުމުން ޒައިދަން ކުރި ސުވާލުން އޭނާއަށް އިސްއުފުލައިލެވުނެވެ.

"މިއަދު މިސްވި ދުވަހަކީތަ؟" ޒައިދަން ގެ މޫނަށް ބަލަންހުރެފައި ތުންފިއްތާލެވުނެވެ. އޭނާއަށް ކަންތައްކުރެވޭގޮތުން ޒައިދަންގެ ހިތުގައި ޝަކުވާތަކެއް ފުނިޖެހިދާނެކަން ކުރިން ވިސްނައިލެވިފައި ނުވެއެވެ. މިޒްނާ ހޮސްޕިޓަލުން ދޫކޮށްލިފަހުން އަދި ޒައިދަން އާއި ބައްދަލުވެފައެއް ނެތެވެ.

"ޔޫ ނޯ ވަޓް އައި އެމް ގޮއިން ތުރޫ." އަރްޝީ މިރޭވެސް ގަސްތުކުރީ ޒައިދަންއަށް އެއްވެސް ކަމެއް ވަންހަނާކުރުމަކާއި ނުލައި ކިޔައިދޭށެވެ. ޒައިދަންގެ ހިމޭންކަމުން އަރްޝީ މާނަނެގީ އޭނާއަށް ވާހަކަ ކުރިއަށް ގެންދެވިދާނެކަމެވެ. އެކަމަކު ޒައިދަން ހުރީ އެދެމީހުންގެ އަމިއްލަ ވާހަކަތައް ދައްކަން ކެންމަދުވެފައެވެ. އޭނާ އަރްޝީ އާއި އެކު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ. އެދެމީހުން ދުރާލާ ރާވަންޖެހޭ ރޭވުންތަކެއް އެބަހުއްޓެވެ. އެހުރިހާ ދިމާލަކަށް ޒައިދަން ހުރީ ވިސްނާފައެވެ.

މާދަމާ އަކްރަމް އާއި ޝެޒާގެ ކައިވެނި އޮތީ ހެނދުނެވެ. އޭގަފަހުން މެންދުރުފަހު ފުރައިގެން އެމީހުން ދާނެއެވެ.

"އަހަރެން މަންމަ ކައިރީ ޒައިދަންގެ ވާހަކަ ބުނާނަން އިނގޭ، މިކަންތަކާއި ހެދި މަންމަ ހުންނަނީ ވަރަށް ދެރަވެފައި، ޒައިދަން އަކީ އަބަދުވެސް މަންމަގެ ދެވަނަ ފިރިހެން ދަރިއޭ ބުނެއެއްނު، ޝީ ވިލް މީ ހެޕީ" އަރްޝީ ދެއްކި ހުރިހާ ވާހަކަތަކަކުން ޒައިދަންގެ މޫނުމައްޗަށް ހިނިތުންވުން ގެނައި ހަމައެކަނި ޖުމްލައަކީ އެއީއެވެ.

** **

އިރުގެ އަލިކަން ފެތުރުނުއިރު އަރްޝީ ހުރީ ހޭލައެވެ. ރޭގައި ހިނދުކޮޅަކަށްވެސް އޭނާއަކަށް ނުނިދުނެވެ. މިޒްނާ އައިސް ގޮވީ އަރްޝީ ފާޚާނާއިން ނިކުންތަނާއި އެވެ.

"ދަރިފުޅު ކައިރީ ކަމަކު ކިޔަން މިއައީ." މިޒްނާގެ ދެލޮލުގައިވި ވަރުބަލިކަން ފިލައި ނުދެއެވެ. އެއީ ކޮންކަމެއްތޯ އަރްޝީ އަހާލުމުން މިޒްނާއަށް ބުނަން ނޭނގިފައި ހުއްޓުނުތަން ފެނުނެވެ. އަރްޝީއަށް ބަލައިލީ މިޒްނާ އެދޭ ކޮންމެ ކަމެއް ޝަރުތަކާއި ނުލައި ފުރިހަމަކޮށްދޭށޭ ބުނާފަދައިންނެވެ.

"ޝެޒާ ތައްޔާރުވާއިރު ދަރިފުޅު އޭނަ ކައިރީ މަޑުކޮށްލަދޭންވީނު،" މިޒްނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އަރްޝީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެއީ ހަމަ މަންމަ އަމިއްލަ އިޚްތިޔާރުގައި އެދުނު ކަމެއްބާއޭ ހިތަށް އެރިއެވެ.

"އެއީ ބައްޕަ ބޭނުންވާ ގޮތްތަ؟' އަކްރަމްގެ ފަރާތުން އައި އަމުރެއްތޯ އަރްޝީ ޔަޤީންކުރަން ބޭނުންވިއެވެ. މިޒްނާ ވިސްނަން ހުރެފައި ނޫނެކޭ ބުނެލިއެވެ.

"ކައިވެނީގެ ވަގުތަކީ ވަރަށް ތަފާތު އިހްސާސެއް ކުރެވޭ ވަގުތެއް، ނުތަނަވަސްކަމާއި ފިކުރުތަކުން މުޅި މީހާ ގައިދުކޮށްލާ ވަގުތުކޮޅެއް، އެގަޑީގައި ޤާޒީ ދެއްވާ ހުތުބާއަށް ދޭންވާ ފުރިހަމަ ސަމާލުކަން ނުދެވިދާނެތީ މަންމަ ހިތަށް އެރީ އަރްޝީ މަޑުކޮށްލަން ޝެޒާ އާއި އެކު. " މިޒްނާގެ ތަބީއަތަށް އައި ބަދަލާއި މެދު އަރްޝީ ކަންބޮޑުވިއެވެ. މިޒްނާ އަކީ އަބަދުވެސް އަމިއްލަ އުފަލަށްވުރެ އެހެން މީހުންނަށް އިސްކަންދޭ މީހެކެވެ. އަދި ހިތް ސާފު މީހެކެވެ. އެހެން ނޫންނަމަ ޝެޒާ އާއި މެދު މިޒްނާ މިވަގުތު ނުވިސްނީހެވެ.

"މިދަނީ." މިޒްނާ ފިކުރުބޮޑުވާނެ އެއްވެސް ކަމެއް ނުކުރަން ޑޮކްޓަރު ބުނެފައިވާކަން އަރްޝީ ހަނދާންވިއެވެ. މިޒްނާ ހިނިތުންވެލާފައި ނިކުތުމުން އަރްޝީ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ސޫރައަކީ މިޒްނާގެ ނަކަލެކެވެ. ބޭރުފުށުގެ ސިފަތައް އެއްގޮތްވިއަސް މިޒްނާ ފަދަ ހިތެއްގެ ވެރިއަކަށް އޭނާއަކަށް ނުވެވުނެވެ. ރީތިވެލައިގެން އަރްޝީ ނިކުންއިރު ޚާލިދާގެ އަޑު ގޭތެރޭގައި ހުއްޓެވެ. ފެމެލީ ކޯޓުގައި ކައިވެނި ކުރެވުނަސް ހެކިވެރިންނަށް ދޭ ސައި އޮތީ މިގޭގައެވެ. ޝެޒާގެ ކޮޓަރީގައި އަރްޝީ ޓަކި ޖަހާލިއެވެ. އެއްވެސް އަޑެއް ނީވި އިރުކޮޅެއް ފާއިތުވިފަހުން ދެވަނަ ފަހަރަށް ޓަކި ޖަހާލިއެވެ. ޝެޒާގެ ނަމުން އަރްޝީ ގޮވާލިއިރު އަރުތެރޭގައި ހުރި ތާށިކަން އަޑުއިވޭހިސާބުގައި މީހަކު ހުރިނަމަ އެނގުނީހެވެ.

ޝެޒާގެ އަޑެއް ނީވި ދިއުމުން އަރްޝީ ހިފީ އެކޮޓަރީގެ ތަޅުގައެވެ. ތަޅު އަނބުރާލުމާއި އެކު ހުޅުވިގެން ދިޔަ ދޮރުގެ ދޭތެރެއިން އޭނާއަށް ފެނުނީ އޭނާގެ ހަށީގައި ފުރާނަހުއްޓައި ފެނުމަށް އެދޭ މަންޒަރެއް ނޫނެވެ. ޝެޒާގެ ނަން އަރްޝީގެ އަރުން ނިކުތީ އެގޭތެރެ ގުގުމައިގެންދާހާ ބާރަށެވެ. ދޮރުކޮއްޕާލާފައި ދުއްވައިގަނެވުނެވެ. އޭނާ ހިފަހައްޓާލީ ޝެޒާގެ ދެފައިގައެވެ. އޭރު ފަންކާގައި އެލުވާފައިހުރި މަޅީގައި ޝެޒާ ތެޅެނީއެވެ. އޭނާގެ ހަށީގައި ފުރާނަހުރިކަން ޔަޤީނެވެ.

އެކޮޓަރިއަށް ވަން މީހުންގެ ތެރެއިން އަރްޝީ ދުރުކުރީ ކާކުކަމެއް ނޭނގެއެވެ. ޝެޒާ ތިރިކުރަން އަކްރަމް އާއި ޔުމާން މަސައްކަތްކުރިއެވެ، ޚާލިދާގެ ރުއިމުގެ އަޑާއި އެކު މިޒްނާގެ އަޑުވެސް އިވެއެވެ. އަރްޝީއަށް ހުރިހާ މަންޒަރެއް ފެނުނީ ފުސްކޮށެވެ. އަޑުތައް އެއްވަމުން ގޮސް އެތަނުގައި އެތައް ހާސްބަޔަކު އުޅޭހެން ހީވެއެވެ. އެންމެފަހުން އޭނާގެ ހޭ ހުސްވަމުން ދިޔައިރު ހަށިގަނޑުގައި ކޮޅަށްހުންނާނެ ހިތްވަރު މުޅިން ހުސްވެގެން ދިޔައެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular