2 Apr 2020

މަންޒިލް ތީއޭ

By: Mariyam Yasma

ހެނދުނު ޖަންނަ ހޭލައިގެން ކޮޓަރިއަށް ދިޔައިރު ސާރިމް ނިދާފައި އޮތްވާ ފެނުމުން ކައިރިއަށް ހުއްޓި ބަލަން ހުރެވުނެވެ. އިރުކޮޅަކުން ފެނުނީ ސާރިމް ލޯ ހުޅުވައިލިތަނެވެ. ސިހިފައި ޖަންނަގެ ދެލޯ ބޮޑުވި އެވެ. އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނުގޮތަށް އޭނައަށް އަނގަމަތީ އަތް އަޅައިލެވުނެވެ.

"ޖަންނަ!" ސާރިމް ތެދުވެ އިށީނެވެ. ޖަންނަ ދުރަށް ހިނގައިގަންނަން އުޅެނިކޮށް ހުއްޓުވީ އެއަޑެވެ.

"އިޒް އެވްރީތިން އޯކޭ؟ ބައްޕަ ކޮބާ މިހާރު؟" ސާރިމް ތެދުވެ އިނގިލިތަކުގެ ކުރިން ދެލޯ ފުހެލާފައި އައިސް ޖަންނަ ކުރިމައްޗަށް ހުއްޓުނެވެ.

ޖަންނަ ހަނދާންވީ މިނޫނީ އެގޮތަށް ސާރިމް ހެނދުނު ނިދާހޭލައިގެން އެހުރިގޮތަށް ހުއްޓާ ނުފެންނަ ކަމެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ލޮލުގައި ހުރި ނިންޖާއެކު ވެސް އެސޫރައަށް އުނިކަމެއް އައިސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެސިފައިގައި ސާރިމްގެ ހިތްގައިމުކަން އިތުރުވެފައިވާ ކަހަލަ އެވެ.

"ސޯ ނޮޓް ފެއާ... " ޖަންނަ ހިތާއި ހިތުން ޝަކުވާކޮށްލި އެވެ.

"ސޮރީ؟" ސާރިމް ބުމަ ކައިރިކޮށްލި އެވެ.

ޖަންނައަށް އެއްޗެއް ބުނެވުނުކަން އެނގުމުން ފާޑަކަށް ރަކިވި އެވެ.

ބައްޕަ ނިދާފަ..." ވާހަކަ ބަދަލުކޮށްލާފައި އޭނަ އަވަހަށް ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

ސާރިމް އެނބުރި ޖަންނަ ދިޔަ ދިމާއަށް ބަލައިލާފައި އާފުރެން ފެށުމުން އެއް އަތުން އަނގަމަތި ނިވާކޮށށްލި އެވެ.

***

"ނޫރީ ރީތިކޮށް އިންނާތި އިނގޭ މަންމި އެބަ އަންނަން ދޮރު ހުޅުވާފަ." ބެލް ޖެހި އަޑާއެކު ސާއިރާ ގޮނޑިން ތެދުވަމުން ދަރިފުޅަށް ބުނެލި އެވެ.

ނޫރީ ބޯޖަހައިލިތަން ފެނުމުން ސާއިރާ ގޮނޑީގެ އަތްގަނޑު މަތީ އޮތް ބުރުޤާ ނަގައި ބޮލަށް މަހާލައިގެން ދޮރާއި ދިމާއަށް ދިޔަ އެވެ. ދޮރުހުޅުވިއިރު އޭނަ ހީކުރީ މަންމަ ކޮންމެވެސް އެއްޗެއް ނުލާ ނިކުމެވިގެން އެނބުރި އައީ ކަމަށެވެ. އެކަމަކު ދޮރު ހުޅުވާލުމާއެކު ފެނުނީ އަދީލްގެ ހިނިތުންވެފައިވާ މޫނެވެ. ސާއިރާގެ ފުރަތަމަ ރައްދަކީ އެތުންފަތަށް ވެރިވި ހިނިތުންވުމެކެވެ. އެކަމަކު ސިކުންތުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލައި ހާސްކަމަށް ބަދަލުވެއްޖެ އެވެ.

"އަދީލް ކީއްކުރަން މިތަނަށް ތިއައީ؟" ސާއިރާ ތަޅުން އަތްދޫކޮށްނުލާ ހުރެގެން އެހި އެވެ.

"އަހަރެން އައީމަ ކަމުނުދިޔައީތަ؟ ތިވީ ހާދަ ދެރަގޮތެކޭ.... އަހަރެން އަދި ހީކުރީ އަހަރެން އައީމަ ސާއިރާ ވާނީ އުފާކަމަށް.." އަދީލް މޮޅިވިކަމަށް ހެދުނެވެ.

"އަހަރެން ބުނީމެއްނު ގެއަށް ނާންނާށޭ...މަންމަ ނޫނީ ސާރިމްއަށް ފެނިއްޖެއްޔާ ވާނެގޮތް އެނގެއެއްނު. " ސާއިރާ ހަނދާންކޮށްދިނެވެ.

"އެމީހުންނަކަށް ވެސް އަހަންނާއި އަހަރެންގެ ދަރިފުޅާ ބައްދަލުކުރިއަނުދީއެއް ނުހުއްޓުވޭނެ." އަދީލް ނުރުހުމާއެކު ސާއިރާގެ އަތުގައި ހިފާ ތަޅުން ވަކިކޮށްލާފައި އެތެރެއަށް ވަދެގެން ދާން ފެށި އެވެ.

"އަހަރެން އަބަދުވެސް އަދީލް ބުނާ ތާކުން ނޫރީއާ ބައްދަލުކޮށްދެމެއްނު..ދެން ކީއްކުރަންތަ އަހަރެންގެ ދިރިއުޅުމަށް އިތުރަށް ދަތިކުރަން މިގެއަށް ތިއަންނަނީ؟" އަދީލް ފަހަތުން ދަމުން ސާއިރާ ވާހަކަދެއްކި އެވެ. އޭނައަށް އަދީލް އަތުގައި ކިރިޔާ ހިފާލެވުނުތަނާ އަދީލް ހުއްޓިފައި އެނބުރި ބަލައިލުމުން ސިހިފައި ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.

"ބޭބީ އަހަންނަށް އެނގެއޭ މައިދައިތަ ދެންމެ ގެއިން ނިކުމެއްޖެކަން. އަދި ސާރިމްވެސް މިދުވަސްކޮޅު މަޑުކޮށްގެން ހުރީ ވައިފްގެ މޭންޝަންގަ ކަން. އަހަރެންވެސް ވިސްނާނެއެއްނު އަހަރެންގެ ބޭބީގެ ދިރިއުޅުމަށް ދަތިނުވާނެހާ ގޮތްތައް.." އަދީލް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ޝާހާދަތް އިނގިލިން ސާއިރާގެ ދަތްދޮޅި އުފުލާލައިފައި ވާހަކަދެއްކި އެވެ.

ރައްދު ދޭން އުޅުނު ސާއިރާގެ ސަމާލުކަން އަތުލީ ބަދިގެއިން އެއްޗެއް ވެއްޓުނު އަޑެވެ. އޭނަ ނޫރީއޭ ގޮވާލުމާއެކު އަދީލްގެ އަތް ދުރުކޮށްލާފައި ދުވެފައި އެދިމާއަށް ދިޔަ އެވެ.

"ސޮރީ މަންމާ. ނޫރީ އަތުން ސީރިއަލް ދަޅު ވެއްޓުނީ.." ސާއިރާ ފެނުމާއެކު ނޫރީ ކަންބޮޑުވެފައި މާފަށް އެދުނެވެ.

ސާއިރާ ބަލާލިއިރު ތިރިއަށް ވެއްޓިފައި އޮތް ސީރިއަލް ދަޅުން ބަންޑުންވެފައިވާ އެއްޗެހި ތިރިއަށް ފެތުރިފައި އޮތެވެ. ދަރިފުޅަށް ކަމެއްވިތޯ އެހުމުން ނޫރީ ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ސާއިރާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނނަ އެތަން ސާފުކުރަން ފެށިތަނާ ފަހަތުން އައިސް ވަން އަދީލް ފެނިގެން ނޫރީ ބައްޕާއޭ ކިޔާ ގޮވާލައިފި އެވެ. އަދީލް އައިސް ދަރިފުޅުގެ ކޯތާފަތަށް ދޮނެއްދީފައި ސާއިރާ ތެދުވެގެން ދިޔަ ގޮނޑި ދަމާލައިގެން އިށީނެވެ.

"ބައްޕަ ކީއްވެ ހުރިހާދުވަހަކު ނޫރީއާއެކު ބްރޭކްފާސްޓް ނުކަނީ؟" އަދީލް އާއި ނޫރީ ދައްކަމުންދިޔަ ވާހަކައަށް އެއް ކަންފަތްދީގެން ހުރި ސާއިރާގެ ސަމާލުކަން އަތުލީ އެސުވާލެވެ.

އޭނަގެ އަތަށް މަޑުޖެހުމެއް އައިސްފައި ތެދުވެ ޑަސްބިނަށް ސީރިއަލްކޮޅު އަޅަން އުޅުނުއިރު އަދީލްގެ ނަޒަރު އޭނައަށް ހުއްޓުނުކަމުގައި އިހްސާސްސް ކުރެވުނެވެ.

"މަންމަ ކައިރީ ބުނޭ ހުރިހާދުވަހަކު ބްރޭކްފާސްޓް ކާން ނޫރީއާ މަންމައާ ބައްޕަގެ ގެއަށް ބަދަލު ވާން." އަދީލް ޖަވާބުދިންއިރު ބަލަން އިނީ ސާއިރާ އަށެވެ.

ނޫރީ އެވަގުތު މަންމާއޭ ގޮވާލުމުން ސާއިރާ އެނބުރިފައި ހިތްހަމަނުޖެހުމާއެކު ބަލައިލީ އަދީލް އަށެވެ.

"ދަރިފުޅު ކާގަޑީގަ އެހާ ވާހަކަ ގިނަ ކުރީމަ ކަމަކުނުދާނެ.." ސާއިރާ ނޫރީގެ ވާހަކަ ހުއްޓުވި އެވެ.

އަދީލް ލާނެތް ހިނިތުންވުމަކާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ފޯނު ނަގައިގެން ހާކަން ފެށި އެވެ.

ކުޑައިރުކޮޅެއް ފަހުން ތިންމީހުން ނިކުމެ ތިބީ ގޭގެ ސިޓިންރޫމްގަ އެވެ. ނޫރީ އަދީލްގެ ފޯނު ނައިގެން ގޮސް ވަކިން ހުރި ސޯފާއަށް އަރައި ދެފައި ވަށްކޮށްލައިގެން ހަމަޖެހިލުމުން އަދީލް ސާއިރާ ގާތަށް ޖެހިލި އެވެ.

"ނޫރީ ކައިރީ ފާޑު ފާޑު ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ. އަހަރެން ބުނީމެއްނު އަހަރެން މިގުޅުން ހުއްޓާލަން ނިންމި ވާހަކަ." ސާއިރާ އަދީލްއަށް ބަލައިލީ ސީރިއަސް ނަޒަރަކުންނެވެ.

އަދީލް ދެފަރާތަށް ބޯ ހޫރައިލީ އެކަމާއި ދެކޮޅު ހެދުމުގެގޮތުންނެވެ. ސާއިރާ އެވަގުތު ތެދުވެގެން ދާން ފެށުމުން އެނަމުން ގޮވާލި އެވެ. އެކަމަކު ސާއިރާ ނުހުއްޓުނެވެ. އަދީލް ސާއިރާ ފަހަތުން ތެދުވެފައި ނޫރީއަށް ބަލައިލުމަށްފަހހު ކުރިއަށްވުރެ ހިނގުން ބާރުކޮށްލި އެވެ. ސާއިރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމުން އޭނަ ގޮސް ޓަކި ޖަހަން އުޅެފައި ލިބުނު ޖޯޝަކާއެކު އެދޮރު ހުޅުވާލައިފައި ވަދެއްޖެ އެވެ. އޭރު ރީތިވާ މޭޒާއި ދިމާއަށް ގޮސްގޮސް ހުރި ސާއިރާ ސިހިފައި އެނބުރުނެވެ.

"ސާއިރާ އަހަންނަށް އަދި އެއްފުރުސަތު ނުދެވޭނެތަ؟ ސާއިރާ ބޭނުމެއް ނުވޭތަ އަހަރުމެން ދެމީހުން އެދަރިފުޅު ބަލާ ބޮޑުކުރާކަށް. ތި ސާރިމްއެއް ނުޤަބޫލުވެގެން މަވެސް މިހެން ހުހަށް މީހަކާއި ނީނދެ ހުންނަތާ މިހާރު ކޮން ދުވަހެއް؟" އަދީލް ދޮރުލައްޕާ ލައިފައި އެހުރި ހިސާބުގައި ހުއްޓި ހުރެގެން ވާހަކަދެއްކި އެވެ.

"ސާރިމްއޭ ނުކިޔާ އަދީލް އަމިއްލައަށް ތީގެ ޒިންމާ ނަގަން ޖެހޭނީ." ސާއިރާ ގާތަށް ރުޅި އައެވެ.

"ސާރިމް ހަމަ ނަގަން ޖެހޭނީ. އޭނަ މިދޭތެރެއަށް ނުވަންނަމަ އަހަރެމެން މިހާރު އުޅޭނީ އިނދެގެން...ސާއިރާ ހީނުކުރާތި ސާރިމް މުޅި އުމުރުދުވަހު ސާއިރާއާ ނޫރީގެ ބެލެނިވެރިކަން ކުރަން އުމުރު ހުސްކޮށްގެން ހުންނާނެއޭ. މިހާރު އަމިއްލަ ދިރިއުޅުން އެފެށީ. އަމިއްލަ ދަރިން ލިބުނީމަ އޭނައަށް މުހިންމުވާނީ އެދިރިއުޅުން. ދެން ސާއިރާ އެހެން މީހަކާއި އިނދެގެން ބާކީ ވާނީ ހަމަ ނޫރީ. އެދުވަހަކުން ނުބުނާތީ އަހަރެން ސާއިރާ ފަހަތުން އާދޭސްކުރަމުން ނާދެއޭ..." އަދީލް ރުޅި އައިސްގެން އެތިވަރު ގޮވައިގެންފައި ނިކުމެ ބާރު ބާރަށް ދޮރުޖެހި އެވެ.

ބާރުބާރަށް ދޮރު ޖެހުނު އަޑާއެކު ތެޅިގަނެވުނު ގޮތަށް އެނދުގައި އިށީންނަން ދެންވެސް ސާއިރާގެ ހިތުގެ ތެޅުން މަޑެއް ނުވެ އެވެ. ލޮލަށް ކަރުނަ ގިނަވާހެން ހީވުމުން މައްޗަށް މޫނު އުފުލާލައިފައި އޮއްބައިލަން މަސައްކަތްކުރި އެވެ.

ކައިވެނި ކުރިއިރު ސާއިރާއަށްވެސް އަދީލް ކަމަކަށް ދެވިހިފާފައިވާކަން އެނގިފައެއް ނެތެވެ. އަދީލް އެހާ ވެސް މޮޅަށް އެކަން އޮތީ ސިއްރުކޮށްފަ އެވެ. އެކަން އެނގުނުއިރު ސާއިރާ ބަނޑުބޮޑެވެ. އެދަރިފުޅުގެ ހައްޤުގައި އަދީލް އިސްލާހު ވާނެނަމަ ނޫރީ އުފަންވުމުން އެކަން ހުއްޓައިލީހެވެ. އެހިސާބުން ސާރިމް ފައިވިއްދައިލީ އެދެމީހުން ދުރު ކުރުމަށެވެ. މަސްތުވާ އެއްޗެހި ބޭނުންކުރާ މީހަކާއެކު ދަރިއަކު ބަލާބޮޑު ކުރުމަކީ ކޮށްގެން ނުވާނެކަމެއްކަން ސާއިރާއަށް ވިސްނައިދިނެވެ.

އޭގެ ދެތިން މަސް ފަހުން އެހާ އަވަހަށް އަދީލް ފެނުނީ ދެވަނަ ކައިވެންޏެއް ކުރިތަނެވެ. އަދި ދެވަނަ ފަހަރަށް ސާއިރާ ފަހަތުން އާދޭސްކުރަމުން އަންނަން ހަތަރު އަހަރު ނެގި އެވެ. އެހަތަރު އަހަރު ތެރޭ ދެފަހަރެއްގެ މަތިން ޖަލުގައި އޮތެވެ. އަދީލްގެ އާއިލާއިން ވެސް ނޫރީއަށް އެހީތެރިކަމެއް ނުލިބުނުތާގައި އާއިލީ ވަންތަކަމެއްވެސް ނުދައްކަ އެވެ. ދެވަނަ ފަހަރުން ޖަލުން ނިކުތްއިރު އަދީލް ހުރީ ވިސްނިފަ އެވެ. އެއީ އަދީލް ބުނާތީ ސާއިރާއަށް އިވޭ ވާހަކަ އެވެ. ދެވަނަ ފަހަރަށް އަދީލްފަދަ މީހެއްގެ އަތްމައްޗަށް އޭނަގެ ދިރިއުޅުމުގެ ހުންގާނު ދީލާލައިގެން ކަނޑުވެއްޖެނަމަ ސާރިމް ވެސް ދެވަނަ ފަހަރު އޭނަ ސަލާމަތްކުރާނެ ކަމެއް ނޭނގެ އެވެ.

***

ބައްޕައަށް ޚިދުމަތް ކުރަން ގެއަށް ބަދަލުވީފަހުން ޖަންނަ ބޭރަށް ދިއުން ހުއްޓައިލި އެވެ. ބައްޕަ މމާދަން ވެސް ދިރި ހުންނާނެކަމެއް ޔަޤީންނުވާއިރު އެކުވެރިންނާއެކު ބޭރަށް ގޮސް މަޖާ ކުރާ މޫޑެއް އޭނަގެ ނުހުރެ އެވެ. އެކަމާއި އަނީސް ކަންބޮޑުވާން ފެށި އެވެ. ޖަންނަގެ މޫނުމަތިން ހިނިތުންވުމެއް ފެނިލާއިރު މަދުވާން ފެށި އެވެ. ޖަންނަ ކައިރީ ބޭރަށް ދާން ބާރު އަޅަން ފެށުމުން އޭނަ ކުރި ކަމަކީ އެކުވެރިންނަށް ގެއަށް އަންނަން ދައުވަތު ދިނީ އެވެ.

ޚާލިދާ ކައިރީ ބައްޕައަށް ބަލަން ތަކުރާރުކޮށް ބުނެފައި އޭނަ ކޮޓަރިއަށް ފެންވަރަން އައިއިރު ސާރިމް ވެސް މަންމަގެއަށް ގޮހެވެ. އެގޭގައި އުޅުނަސް ގަވާއިދުން މަންމަ ކައިރިއަށް ދިއުމަކީ ސާރިމް ކުރާ ކަމެކެވެ. ޖަންނަ ނުނިމެނީސް ކޮޓަރީގައި ޓަކިދިން އަޑު އިވުނެވެ.

"ކާކު؟" ތުވާލި އޮޅައިގެން ހުރުމުން ޖަންނައަށް ސުވާލުކޮށްލެވުނީ ނިކަން ބާރަށެވެ.

އޭނަ ސާރިމްއަށް ވެދާނެތީ އަވަހަށް ގޮސް އަލަމާރި ތެރެއިން ޓީޝާޓެއް ނަގައިގެން ލާން އަވަސްވެގަތެވެ. ބޭރުން ލަމްޔާގެ އަޑު އިވުނުހެން ހީވެގެން ހަމަޖެހުމުގެ ނޭވައެއްލައިފައި ޓީޝާޓާއެކު ތިރިން ސޯޓެއް ލައިގެން ގޮސް ދޮރު ހުޅުވި އެވެ. ލަމްޔާ އާއި ނުޒޫ ކޮޓަރިއަށް ވަންއިރު ލަމްޔާ އޭނަގެ ފައިން ފެށިގެން ބޮލާއި ހަމައަށް ނަޒަރު ހިންގާލައިފައި ނުސިޔާނު ގޮތަކަށް ހިނިތުންވެލި އެވެ.

"މިހާރު ނުފެންނަތާ ގިނަ ދުވަސްވީމަ މަ ހީކުރީ އަންނައިރު ޝެއިޚްގެ ވައިފް އިންނާނީ މޫނުބުރުޤާ އަޅައިގެން ކަމަށް. އެހެންވެ ގެއިން ނިކުންނަން ނުކެރިގެން އުޅެނީ ކަމަށް..." ލަމްޔާ ގޮސް އެތާ ހުރި ގޮނޑިއަށް ވެއްޓިގެންފައި ދަބަސް އުނގުމަތީ ބޭއްވި އެވެ.

ފާތުން ހިނިގަނޑެއް ޖަހާލައިފައި ވަށައިގެން ބަލައިލީ ތަނުން ތަފާތެއް ފެނޭތޯ ހޯދާފަދަ ގޮތަކަށެވެ..

"ސާރިމް އަކީ ތިހީކުރާކަހަލަ ސްޓްރިކްޓް މީހެއް ނޫން.. އޭނަ މަށަކަށް ފޯސްއެއް ނުކުރާނެ.." ޖަންނަ ލޮލެއް ގޮތެއް ހަދާލައިފައި ލޯގަނޑު ކުރިމަތީ ހުރެގެން އިސްތަށިގަނޑު ހިއްކަން ފެށި އެވެ.

"ވާ! ވާ! މިހާރު ދިފާޢުގައި ވަކާލާތު ކުރަން ފެށީ. ދުވަސްކޮޅަކުން އަހަރެމެން ޝެއިޚްގެ ނަން ބުންޏަސް ރުޅި އަންނާނެ ކަންނޭނގެ.." ލަމްޔާ ހީވަނީ ޖަންނަ ރުޅި ނައިސްގެން އުޅޭހެންނެވެ.

އެވަގުތު ލަމްޔާ ފަހުން ބުނި ވާހަކަ އަހާފައި ޖަންނަގެ އަތަށް ހުއްޓުން އެރި އެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެފައި ލަމްޔާ ބުނިހެން ސާރިމްގެ ދިފާޢުގައި ވާހަކަދެއްކުނުކަން އިހްސާސްވުމުން ކަންބޮޑުވި އެވެ.

"ޖަންނަ ހަމަ ނަސީބުގަދައީ. އެހާ ދީންވެރި އެހާ ރީތި އަދި އެހާ ސޮފްޓްހާޓެޑްވީމަ ދެން ހަމަ ޕަރފެކްޓްއޭ ބުނަން ޖެހޭނީ..." ފާތުން ވެސް ލަމްޔާއާ އެއްބައިވެލި އެވެ.

ޖަންނަ ގަދަކަމުން ހިނިގަނޑެއް ޖަހާލައިފައި ގޮސް ފާތުން ކައިރީ އިށީނދެލި އެވެ. އެހެން އިނދެފައި އިރުކޮޅަކުން ފެނުނީ ދެއަތުން މޫނު ފޮރުވައިލިތަނެވެ. ލަމްޔާ އާއި ފާތުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

"ޖަންނަ!" ލަމްޔާ ކަންބޮޑުވެފައި ގޮނޑިން ތެދުވެގެން އައިސް ޖަންނަގެ އަނެއްފަރާތުގައި އިށީނދެލި އެވެ.

އޭނަ ޖަންނަގެ ކޮނޑުގައި އަތްލުމާއެކު ޖަންނަގެ ކޮނޑު މައްޗަށް އަރާފައި ތިރިވާން ފެށި އެވެ. ލަމްޔާއަށް މިވީގޮތެއް ރޭކކައިލުމުން މޮޅިވެރި ލޮލަކުން ފާތުންއަށް ބަލާލައިފައި ޖަންނަގެ ހަށިގަނޑުގައި ބައްދައިލި އެވެ. ޖަންނަގެ އަޑު ބޭރުވާން ފެށީ އެހިސާބުންނެވެ. ދުވަސްތަކެއް ވަންދެން އޭނަ އެތެރެއަށް ހިންދާލައިގެން ހުރި ހުރިހާ ކަރުނައެއް އެއްފަހަރާ ބޭރުވެގެން ފައިބަން ފެށި އެވެ.

ޖަންނަ ހަމަޖެހުމުން ތިން އެކުވެރިން ގޮސް ތިބީ ބަދިގޭގަ އެވެ. އެމީހުން އައިއިރު ގެނަ ޕިއްޒާ ހޫނުކޮށްގެން އަދި ފޮނި އެއްޗެހީގެ ދެތިން ވައްތަރެއް ވެސް ގެނުވައިގެން ކެ އެވެ. ފަހަކަށް އައިސް ޖަންނަ ކާއެއްޗެއް ކާހިތުން ކޭ ވަގުތަކަށް ވެސް އެވަގުތުވި އެވެ.

ދުވަހަކަށްވުރެ ދުވަހެއް ބައްޕަ ބަލިކަށި ވަމުން އަލާމާތްތައް އިތުރަށް އަންނަނީ ފެންނަމުންނެވެ. ބައްޕަ ބޭރަށް ނިކުމެ އިންނާނެ ފަހު ދުވަހަކީ އެއީ ކަމުގައި ޖަންނަ އަބަދުވެސް ހިތަށް އަރަ އެވެ. އެހެންވެ އެއިން ކޮންމެ ދުވަހަކު އޭނައއަށް ގިނަ ވަގުތު ހޭދަކުރެވެނީ ބައްޕައަށް ބެލުމުގަ އެވެ. ހީވަނީ އެމަންޒަރު ސިކުނޑިން ނުފިލާނެހެން ރައްކާކުރަން އުޅޭ ހެނންނެވެ. ބައްޕަ ވާހަކައެއް ދައްކާނަމަ ކަނުލާ އަޑު އަހަން އިންނައިރު ކިތަންމެ ކުޑަ ހަރަކާތެއް ބައްޕަ ގެނަޔަސް ފާހަގަވެ އެވެ.

އަދި ބައްޕަ އާއި ސާރިމްގެ މެދުގައި ހާއްސަ ގުޅުމެއް އުފެދެމުން އަންނަކަން ވެސް ޖަންނައަށް ފާހަގަ ވާން ފެށި އެވެ. ކިތަންމެ ފަހަރަކު އޭނަ އެކޮޓަރިއަށް ދާއިރު ބައްޕަ އާއި ސާރިމް އޮލަ ވާހަކައިގައި ތިބެ އެވެ. އެދެމީހުން ދައްކަނީ ކޮން ވާހަކައެއް ބާވައޭ ވެސް ޖަންނަ ހިތަށް އަރަ އެވެ. އަދި ސާރިމްގެ މަންމަ ވެސް ގިނަ ގިނައިން އެގެއަށް އައިސސް ބައްޕައާ ބައްދަލު ކުރެ އެވެ. އެހެން އަންނައިރު މީރު ކާއެއްޗެއް ހަދައިގެން ނުގެންނަ ފަހަރެއް މަދުވާނެ އެވެ.

އެއްރޭ ޖަންނައަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ތެދުވިއިރު ސާރިމް ވެސް އެނދަކު ނެތެވެ. އަދި ކޮޓަރިއަކުވެސް ނެތެވެ. ނިތުގައި ހުރި ދާތިކިތައް ފުހެލާފައި ޖަންނަ ތެދުވެ ފެންތަށްޓެއް ދަމައިލި އެވެ. އެނދުގައި އޮވެ އޮވެ ސާރިމްގެ ޚަބަރެއް ނުވުމުން ތެދުވެގެން ގޮސް ފާޚާނާ ދޮރުގައި އަތް ޖައްސައިލި އެވެ. ފާޚާނާ ދޮރު ހުރީ ހުޅުވައިފި އެވެ. ޖަންނަގެ ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. އެގަޑި އަކީ ސާރިމް ބޭރަށް ދާ ގަޑިއެއް ނޫނެވެ. ގަޑި ބަލާލުމަށްފަހު އޭނަ ޖެހިލުންވެ ހުރެގެން ކޮޓަރިން ނިކުތެވެ.

ދެކޮޅު ބަލަން ހުރެލާފައި ދެން ދާން ފެށީ ބައްޕަގެ ކޮޓަރިއާ ދިމާއަށެވެ. ސާރިމް ވެސް ހޭލެވޭ ފަހަރަކކު ވިއްޔާ އޭނަހެން ބައްޕަގެ ޚަބަރު ބަލައިލަން އެކޮޓަރިއަށް ވަދެ ބަލައިލާކަން އޭނައަށް އެނގެ އެވެ. އެހެންވެ އެކޮޓަރީގައި އުޅެފާނެ ކަމުގައި ހީކުރެވުނެވެ. އެއުންމީދުގައި ހުރެގެން ގޮސް ވީހާ ވެސް މަޑުމަޑުން ދޮރު ހުޅުވައިލީ ބައްޕަ ނިދާފައި އޮތްނނަމަ އެއަޑަށް ހޭލަފާނެތީ އެވެ. އެތެރެއަށް ވަދެވުމާއެކު ކަންފަތުގައި ހަރުލީ އަޑަކުން ދެފައި ބިމުގައި ތަތްލައިފި އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular