4 Apr 2020

މަގުމަތިން ހިނގާފައި އަންނަނިކޮށް ފަހަތުން ސައިކަލެއްގެ ބަރުގޮނު އަޑަށް ރަފްހާން ބަލައިލިއެވެ. ސައިކަލުގެ ލައިޓާއި ހެދި އޭގައި އިނީ ކާކުކަމެއް ނޭނގުނެވެ. ރަފްހާންގެ ނަމުން ގޮވާލުމުން އޭނާ ބަލަން ހުއްޓެވެ. އެއީ ދަންނަ އަޑެއް ނޫންކަން އެނގެއެވެ. އެމީހަކު ސައިކަލުގެ ލައިޓް ނިއްވާލާކަށް ނޫޅުނެވެ. އެކަމަކު އަތުގެ އިޝާރާތުން އަންނާށޭ ބުނެލިއެވެ.

ރަފްހާން ހިނގައިގަތީ ދެފިކުރެއްގައި ހުރެފައެވެ. ސައިކަލާއި ކައިރިވިފަހުން އެމީހެއްގެ މޫނު ފެނުނެވެ. އެއީ ރަފްހާން ދެކެ ފަރިތަ މީހެއް ނޫނެވެ. ފެނުނު މީހެއް ނޫނެވެ. ފަހަތުގައި އިތުރުމީހަކު ހުއްޓުނުހެން ހީވެ ފަހަތް ބަލާލަން މޫނު އަނބުރާލަނިކޮށް ކަނާތު ކަންފަތްމަތީ ޖެހީ ދަނގަޑު އެއްޗަކުންނެވެ. ބޮލުގެ އެތެރެ ހީވީ ކުދިކުދިވެގެން ދިޔަހެންނެވެ. ކަރުން ނިކުތީ ގަދަ ވޭނެއްގެ އަޑެވެ. ދެކަކޫމައްޗަށް ތިރިވަމުން ދިޔައިރު އެމީހުންގެ މޫނު ދިޔައީ ފުސްވަމުންނެވެ. ކަރުތެރޭގައި ހިފީ ލޭ ރަހައެވެ. ބިންމަތީގައި ގޮސް މޫނު ޖެހުނުއިރު އަނގައިގެ އެއްކަނުންނާއި ނޯށުން ލޭ އަންނަނީ ހޯސްލާފައެވެ.

** *

ދޮރުގައި ޓަކި ދީފައި އަރްޝީ ދޮރު ހުޅުވާލިއެވެ. ދޮރާއި މޫނުލައިގެން އިން އަކްރަމް އަތުގެ އިޝާރާތުން އަންނާށޭ ބުނެލިއެވެ. އޭނާ އެތެރެއަށް ވަންއިރު އަކްރަމްގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ޔުމާން އިނެވެ. އެމީޙުންގެ ކުރިމަތީ ހުރި މޭޒެއްގައި ފައިލެއް އޮތެވެ.

"ތި ފައިލުގައި ތިއޮތީ ތިދެކުދިންނަށް ބައްޕަގެ މުދަލުން ހައްޤުވާ މިންވަރު.. ބައްޕަގެ ވިޔަފާރިތަކަށްވުރެ ބޮޑު އެއްޗެއް ހިޔެއް ނުވޭ ދެވިދާނެހެން، "" އަކްރަމްގެ މޫނަށް ބަލަހައްޓައިގެން ތިބުން ފިޔަވައި ޔުމާން އާއި އަރްޝީއަށް އެއްވެސް ކަމެއް ނުވިއެވެ. ކުއްލިއަކަށް އެކުދިން ގެނެސް އަކްރަމް ފަށާނީ އެވާހަކަކަން އެނގޭނެމަ އެއްޗެއް ބުނަން ވިސްނައިލެވުނީހެވެ.

"މިގެއިން އަހަރެމެންނަށް އެއްވެސް ތަންކޮޅެއް ނެތް؟" ޔުމާން އަޑުގައިވީ ހިތްހަމަނުޖެހުމެވެ. މުދާ ބަހަންވީ އަކްރަމް ބޭނުންވާ ގޮތަކަށް ނޫނެވެ. އެއްވެސް މީހަކު ބާކީނުވާނެހެން އެއްވަރަށެވެ.

"މިއީ ޔުމާން އަމިއްލަ ފައިމައްޗަށް ތެދުވަންވީ ވަގުތު، އަބަދު ބައްޕަ ދިނީމައި ކައިގެން ޔުމާންއަކަށް ނޫޅެވޭނެ." އަކްރަމް މޫނު ސިދާކޮށްލަމުން އަމުރުކޮށްލިއެވެ. އެއީ ޔުމާންއަށް ވިސްނައިދެން ބުނި އެއްޗެއްކަމެއް ނޫނީ ދެރަކޮށްލަން ބުނި އެއްޗެއްކަން ނުވިސްނިފައި ޔުމާން ހުއްޓެވެ.

އޭނާގެ އުމުރަކީ ނަވާވީސް އަހަރެވެ. ދުވަހަކުވެސް ވަޒީފާއަކަށް ނުދެއެވެ. ކެއީ ބައްޕަ ދިން އެއްޗެކެވެ. ދުވަހަކުވެސް އެއްޗެއް ނުލިބި ޝަކުވާކުރާކަށް ނުޖެހުނެވެ. މަސައްކަތްނުކުރާތީ ބައްޕަ ޝަކުވާ ކުރެއެވެ. އެކަމަކު އޭނާގެ އުޅުން ހަރުދަނާކުރާނެ ހިތްވަރެއް ނެތެވެ. ރޭގަނޑު ދަނީ މަޖާކުރުމުގައެވެ. ދުވާލު ނިދުމުގައެވެ. އޭނާގެ ލޯ ކިރިޔާ ހުޅުވީ އެގެއަށް ޝެޒާ އައިފަހުންނެވެ. ގޭތެރޭގެ ކަންތައް ބޮއްސުންލައިދާކަން އެނގުނީ ދެނެވެ.

"ބައްޕަ ތިބުނަނީ އަހަރެމެންނަށް ލިބުނު އެއްޗެއް ހިފައިގެން މިތަނުން ނުކުންނާށޭތަ؟ އަހަރެން އަޖައިބުވެއްޖެ އިއްޔެ ފެނުނު ޝެޒާއަކަށްޓަކައި ބައްޕަގެ ހިތުން މި ދެދަރިން ބާކީވިން ތަން ފެނިފައި، ބައްޕަ ދެކެ ހަމައެކަނި ލޯބިވީ މަންމަ، މިއަދު މަންމަ އޮހޮރުވާ ކަރުނައިގެ ބަދަލު ބައްޕައަށް ލިބޭނީ ކިހިނެއްކަމެއް ނޭނގެ، އަހަރެން ދުއާކުރަން ބައްޕައަށް ހެޔޮވިސްނުން ލިބޭތޯ، އެއީ މިގެއިން ނިކުތުމަށްފަހު އަހަރެމެން ނުބަލާނަން ބައްޕަ ދުނިޔޭގައި އުޅެނީ ކިހިނެއްކަމެއް." އަރްޝީ ފައިލު ބޭއްވީ އަކްރަމްގެ ކުރިމަތީގައެވެ. އޭނާގެ ނަމުގައި ހުރި ފިހާރަތަކުގައި އަގުނުކުރެވޭވަރަށް މުދާ އެބަހުއްޓެވެ. އެއީ ބައްޕަގެ އިހްސާންތެރިކަމެއް ނޫނެވެ. ދެއްކުންތެރިކަމެވެ. މިގެއިން އޭނާ ނިކުންނާނީ އެމުދާތައް ދޫކޮށްފައެވެ. ބައްޕަގެ އެހީތެރިކަން ނުލައި ވެސް އެމީހުންނަށް އުޅެވިދާނެއެވެ. އޭނާއަށް ވަޒީފާއެއް ލިބިދާނެއެވެ. ބައި ރުފިޔާއެއް ލިބުނަސް އޭނާ މަންމަ ދޫކޮށެއް ނުލާނެއެވެ.

"އަހަންނާއި މެދު އަރްޝީ އާއި ޔުމާން ވިސްނަނީ ރަނގަޅަކަށް ނޫން، ހަތާވީސް އަހަރު އަހަރެން ހޯދި ހުރިހާ ފައިސާއެއް ޚަރަދުކުރީ ތިދެކުދިންނަށް، އަމިއްލަ އެދުމާއި ދަހިވެތިކަން ތިހިތުގައި ކުރިލައި ހެދިފައި އޮތީ އިތުރު އެއްޗެއް ވިސްނޭ ވަރަކަށް ނޫން، މިޒްނާ އާއި އެއްވަރަށް މިގެއިން ޝެޒާއަށްވެސް ލިބެންޖެހޭނެ، " އަކްރަމް ހިތްހަމަނުޖެހުނެވެ. އޭނާ ނިންމާ އެއްވެސް ނިންމުމަކަށް ފާޑުކިޔާނެ މީހަކު ހުރެގެން ނުވާނެއެވެ. އޭނާ ދިން މިންވަރަކަށް ރުހުން ފިޔަވައި އެމީހުންނަށް އިތުރު ގޮތެއް ނޯންނާނެއެވެ.

"ރަނގަޅު،، އަތްބަކަށްވުމަށްފަހު ޝެޒާ އާއި މަންމަ ވާނީ ހަމަހަމަ، މައްސަލައަކީ އޭނާގެ ދަރިންނާއި އަހަރެމެންނާއި ހަމަހަމަކުރާތީ، " ޔުމާން ގޮނޑިން ތެދުވިއެވެ. އަކްރަމް އާއި މޫނު ހަމަކޮށްލިއިރު އޭނާ ހީވަނީ ހިތަށް އައި ކޮންމެ އެއްޗެއް ބުނުމުގެ ޖެހިލުންވުން ނެތްހެންނެވެ. ޔުމާން ސިހުނީ އަކްރަމް އޭނަ އާއި ދިމާލަށް އުފުލައިލި އިނގިލި ފެނިފައެވެ. ދެން އަކްރަމް ހާމަކުރީ ދުވަހަކުވެސް އޭނާ ހިތަށް އެރި އެއްޗެއް ނޫނެވެ.

"އެއީވެސް އަހަރެންގެ ދަރިއެއް." ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލ އިހްސާސްވެ އަރްޝީއަށް ޔުމާންގެ ކޮނޑުގައި އަތްލެވުނެވެ. އަކްރަމްގެ މޫނަށް ބަލާލުމުން އެއި ސަމާސާއަށް ދައްކާ ވާހަކައެއް ނޫންކަން އެނގެއެވެ. އޭނާ ބަލަން ހުރީ ޖެހިލުމެއްނެތިއެވެ.

"އެދުވަހު އަހަންނަށް ހޮސްޕިޓަލުގައިވީމައި ނުބުނެވުނީ، އެކަމަކު ހަނދާނުގައި ބހައްޓާތި، ޝެޒާ ބަނޑުގައި އޮތީ އަހަރެންގެ ދަރިއެއްކަން، " އަކްރަމް ތަކުރާރުކޮށްލިއެވެ. އެކަމަކު އެއީ ދޮގަކަށްވާން އަރްޝީ ބޭނުމެވެ. ނޫނެކޭ ބުނެ ހަޅެއްލަވައިގަންނަން ބޭނުމެވެ. އޭނާއަށް ހުރެވުނީ ބަސްމޮށުންތެރިކަން ނެތް މީހެއް ފަދައިންނެވެ. ހިތުގެ ތެޅުން ގަދަކަމުން ހީވީ އޭގެ މަޤާމުން ނެއްޓި ބޭރުވެދާނެހެންނެވެ.

"މިވާހަކަ މި ހަތަރުފާރުން ބޭރުވެގެން ނުވާނެ، އަހަރެން ދޮގުކުރުމަކުން ހަޤީޤަތް ބަދަލެއް ނުވާނެ، ފުރަތަމަ އަހަރެންވެސް ބުނީ އެހެން މީހުން ބުނާހެން އެބޯޓްކޮށްލަން، ޚަރަދުކުރަން އަހަރެން ޖެހިލުމެއްނުވޭ، ދެވަނަ ފާފައަކުން އަހަރެން ސަލާމަތްކޮށްދިނީ ޝެޒާ، އަހަރެންގެ އަނދިރި ދިރިއުޅުމުން މިއަދު ލޯ ހުޅުވިއްޖެ، އެ ގޯސް އަހަރެން ދެވަނަ ފަހަރު ތަކުރާރެއް ނުކުރާނަން، އެކަމަކު މި ކައިވެނި އަހަރެން މިކުރަނީ މިއީ ގޯސްކަމެއްކަން އެނގިހުރެ، ތދަރިންނެކޭ އެއްފަދައިން އެ ދަރިފުޅުވެސް އަހަރެން ބޭނުންވަނީ އަހަރެންގެ ނަމުގައި އޮންނަން، އެކުއްޖާގެ ސެޓްފިކެޓުގައި އަހަރެންގެ ނަން އޮންނަންޖެހޭނެ، އެހެންވެ،ޝެޒާ ވިހާނީ މި ކައިވެންޏަށް ހަތްމަހުގައި، އެވަރު ހުރިހާ ކަމަކަށް ފުދޭނެ." އަކްރަމް އެނބުރި ގޮނޑީގައި އިށީނެވެ. އޭނާ އިޝާރަތްކުރީ އެމީހުންގެ ހިތުގައި އިތުރު ސުވާލެއް އޮތްނަމަ ކުރާށެވެ. ލިބުނު ޝޮކުގެ ވަރުގަދަކަމުން އެމީހުންގެ ދޫވަނީ ބަންދުވެފައެވެ.

** **

ޖެހިގެން އައި ދުވަހު އެގޭތެރޭގައި އަކްރަމްގެ ކައިވެނި އޮތެވެ. ހުދު ހެދުމެއްގައި ޝެޒާ އިނީ އޭނާއަށް ވެވޭނެ އެންމެ ބޮޑަށް ތައްޔާރުވެގެންނެވެ. އޭނާގެ އެއްފަރާތުގައި އިން ބައްޕަ ސަމަދުގެ މޫނުން އެއްވެސް އަސަރެއް ނެތެވެ. މޭޒުދޮށުގައި ތިބި މީހުންގެ ތެރެއިން މި ކައިވެންޏާއި ނުރުހޭ ހަމއެކަނި މީހަކީ ސަމަދުހެން ހީވެއެވެ. ޚާލިދާގެ މޫނުމަތިން ހިނިތުންވުން ފިލައި ނުދެއެވެ.

އަކްރަމް އައިސް ޝެޒާގެ ކައިރީ އިށީނެވެ. އޭނާ އެއްއަތުން ޝެޒާގެ ފަލަމަސްގަނޑުގައި ޖަހާލިއެވެ. އެދެމީހުން ކަޅި ހަމަކޮށްލިއެވެ. އެކަކު އަނެކަކާއި ހިނިތުންވުން ބަދަލުކޮށްލިއެވެ. ޝެޒާ އަނެއްކާވެސް އިސްޖަހައިލިއެވެ. އޭނާގެ ސިކުނޑީގައި ވަކިހިއްޕައިލީ އަރްޝީ ބާޒާރަށް ދިޔަ ދުވަހު އޭނަ އާއި އަކްރަމް ދިމާވި ގޮތެވެ. އޭނާގެ ފައި ފުރޮޅިގެން ދިޔައިރު އަކްރަމް ބެހެއްޓި ގާތްކަމެވެ. އޭނާގެ ހަށިގަނޑަށް އަކްރަމް ކަޅި އަޅާލިގޮތެވެ. އެވަގުތު އޭނާގެ ސިކުނޑީގައި އެތައް ކަމެއް ރޭވިގެން ދިޔައެވެ. ރާޒުވާ ބައިގެ ރަސްގފާނު ލިބެން އޮއްވާ ދެން ކީއްކުރާ އެހެނ އެއްޗިއްސެއްހެންޔެވެ؟ އޭނާގެ ފައިގައި އައިސް ޖައްސައިދެމުން އަކްރަމް ޔަޤީންކޮށްލަން ބޭނުންވީ އޭނާ އުޅުނީ ސައްތާރު ގޭގައިކަމެވެ. އެރޭ ޝެޒާ ދުވެފިލީ އެންމެ ކަމަކަށް ބިރުންނެވެ. އޭނާގެ ގޮތް އެނގޭ ހިސާބުން އަކްރަމް އޭނާ އެގެއިން ނެރެލާނެ ކަމުގެ ބިރު އޮތީމައެވެ.

އޭގަފަހުން ގުޅުން ބަދަހިވީ ޔުމާން އާއި އެވެ. ރަފްހާންއަށްވުރެ ހުރިހާ ގޮތުން ޔުމާން ރަނގަޅެވެ. ފައިސާވެރިއެއްގެ ދަރިއެކެވެ. ހަށިގަނޑު ވަރުގަދަވެފައި ވަރަށް ބަރާބަރެވެ. ޔުމާން އަތުއަޅުވާލައިގެން ހަމަޖެހިލެވޭނެކަމަށް ހީކޮށްހުއްޓާ އަކްރަމް އެންގީ ޔުމާން އާއި އޮތް ގުޅުން ހުއްޓާލާށެވެ. އެކަން ޔުމާންއަށްވެސް އެންގިއެވެ. ބައްޕަ ދެކެ ބިރުން ޔުމާން ދައްކައެއް ނުލިއެވެ. ޔުމާންގެ އިންތިޒާރުގައި ޓެރަސްގައި ހުއްޓާ އެރޭ އައީ އަކްރަމްއެވެ.

"ތިއައީ ހަމަ ސައްތާރުގެގޭގައި އުޅުނު މަންޖެ، ކަލޭ ހަނދާން އެބަހުރިތަ މަށާއި އެކު އެއްރޭ.ނިދި ހަނދާން.." އަކްރަމް އެރޭ ޝެޒާ ސިއްސުވާލިއެވެ. ސައްތާރުގޭގައި އުޅެމުން އޭނާ ނުނިދާ މީހަކު ހުރެދާނެހެން ހިއެއް ނުވެއެވެ. ޝެޒާއަށް އެކަން އެނގެއެވެ. ހަނދާން އެބަހުއްޓެވެ. ސައްތާރުގެ އަންހެނުން ހިންދު އަކީ މާލޭގައި މަޑުވާމީހެއް ނޫނެވެ. ސައްތާރުއަށްވުރެ ޅަކުދިންނާއި އެކު ހިންދު ދުވަނީ މުޅި ރާއްޖެ ތެރެއަށެވެ. އެކަން ސައްތާރުއަށް އެނގެއެވެ. އަޅާނުލަނީ ސައްތާރުއަށްވެސް ހުރިހާކަމެއް ފުދޭތީއެވެ.

އަކްރަމް އަކީ ސައްތާރުގެއަށް އަންނަ ރއްޓެއްސެކެވެ. އެމީހުން ދަންވަންދެން ކޮފީ ބޯންތިބެއެވެ. ތާސްކުޅެއެވެ. އެއްރެއަކު ޝެޒާ އަށް ސައްތާރު ގޮވާފައި ގެންދިޔައެވެ. ޝެޒާ ގޮސް ސައްތާރު އިން ގޮނޑީގެ އަރިމަތީ އިށީނެވެ. ސައްތާރު ވޮލެޓް ނަގައި ފައިސާ ގުނަން ފެށިއެވެ. ޝެޒާގެ ދެލޯ ހުރީ އެވޮލެޓަށެވެ. މުސްކުޅިވެފައި ސައްތާރުގެ ބޮލުން ފައިންކޮޅު ފައިބާފައި ހުއްޓަސް އެ ވޮލެޓް ހުސްވާތަނެއް ނާދެއެވެ. މޭޒުމައްޗަށް އަކްރަމްއަށް ޖެހީ ވިހިހާސް ރުފިޔާއެވެ.

"މިރޭ ކަލެއަށް މިކުއްޖާވެސް، ވިހިހާސް ރުފިޔާވެސް، އެކަމަކު ތި ކުންފުނީގެ އިންޓީރިއަރ ޑިޒައިންކުރުން ދޭންވާނީ މަށަށް.." ސައްތާރު ޑީލްއެއް ހަދައިލިއެވެ. އަކްރަމްގެ ކަޅި ހުއްޓުނީ ކުރު ސޯޓެއްލައިގެން ގޮނޑިގެ އަރިމަތީ ހައިބަތާއި އެކު އިން ޝެޒާއަށެވެ. އަކްރަމްއަށް ބަލާލާ މައުސޫމް ގޮތަކީ އޭނާއަށް ދނިޔެ އޮޅިގެން ދިޔަ ބެލުމެކެވެ. މަކަރުވެރިކަމުގެ ދަލެއް އައިސް އަކްރަމްގެ ކަރުގައި އޮޅޭކަމެއް އޭނާއަކަށް ނުވެސް އެނގޭނެއެވެ.

އެރޭ އަކްރަމް އާއި އެކު ޝެޒާ ހޭދަކުރިއެވެ. ފޫހިކަމެއް ނެތިއެވެ. އަކްރަމްގެ ލޮލަށް ނިދިއަޔަކަ ނުދިނެވެ. އެ މަސްތުން އަރައިގަނެވޭ ވަރެއް ނޫނެވެ. އެރޭ އަކްރަމް ދިޔައީ ބިޒްނަސް ކާޑު ދީފައެވެ. ޝެޒާ ބޭނުންނަމަ ގުޅާށެވެ. އެކާޑޫ ޝެޒާ ލީ ޑަސްބިނަށެވެ. އޭނާއަށް އެކަހަލަ ކިތަންމެ ކާޑެއްވެސް ލިބެއެވެ. ފައިސާވެސް ލިބެއެވެ.

"ހަނދާން އެބަހުރިތަ؟" އަކްރަމް އަހާލިއެވެ. ޝެޒާ ބޭނުންވީ މިރޭ އަކްރަމް އަށް ނުފިލައި ހުރެ ކުރިމަތިލާށެވެ.

"ކިހިނެއް ހަނދާން ނެތޭނި، ތިއީ އަހަރެންގެ މި ދަރިފުޅުގެ ބައްޕަ." ޝެޒާ އަތްޖައްސާލީ ބަނޑުގައެވެ. އެދިމާލަށް އަކްރަމް ބަލައިލިއެވެ. އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ހިންދުއަށް ޝެޒާ ބަނޑުބޮޑުކަން ޝައްކުވިއެވެ. ބަދިގެ ތެރޭ ހުރެފައި އިރުކޮޅުކޮޅާ ފާޚާނާއަށް ދުވާތީއެވެ. ހިންދު ޝެޒާ ކައިރީ ޝައްކުވެގެން އެއްސެވެ. ނޫނެކެ ބުނުމުން ހިންދު ގެނައީ ޚަތިމެކެވެ. އޭގައި އަތް ޖައްސާފައި ބުނުމަށް ބުންޏެވެ. ޝެޒާ އެއްބަސްވީ ދެނެވެ. ހިންދު ވަގުތުން ގުޅީ ޝެޒާގެ ބައްޕައަށެވެ. އެގެއިން ޝެޒާ ނެރެން ހިންދު އަމުރުކުރިއެވެ. ސައްތާރުއަށް ހިންދު ކުރިމަތީ އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެގެއިން ނުނެރެ ހުރީ ސަމަދު ޝެޒާ ބަލާ އަންނަންދެންނެވެ. ޝެޒާ ހީކުރީ އޭނާގެ ނަޞީބުގެ ހުޅުކޮޅު ދެން ނިވުނީކަމަށެވެ. އެހެން ހުއްޓާ ކުއްލިއަކަށް އައީ އަރްޝީއެވެ. އަރްޝީ ގެ ގެއަށް ދާން ޝެޒާ އެއްބަސްވިއިރު އެއީ އަކްރަމްގެ ގެ ކަމެއް ނޭނގެއެވެ.

"ދޮގެއް ތިއީ؟" އަކްރަމް ޤަބޫލެއް ނުކުރިއެވެ. "އަހަރެން ވިހެއުމަށްފަހު ޑީއެންއޭ ޓެސްޓް ހަދައި ސާބިތުކޮށްދޭނަން، ކެރޭނެތަ؟ މުޅި މީޑިޔާ ފުރާލާނަން އެ ރިޕޯޓުން." އެއީ ޝެޒާ ނިންމައިގެން ހުރިގޮތެވެ. ފަޟީހަވެދާނެކަމުގެ ބިރު އޭނާގެ ހިތަކު ނެތެވެ. އަކްރަމް އާއި އެކު ހޭދަކުރި ރޭ އެއްވެސް ހުރަހެއް ބޭނުމެއް ނުކުރެއެވެ. އެކަން އަކްރަމްއަށް އޭނާ ހަނދާންކޮށްދިނެވެ. އަކްރަމް ބޭނުން ނުވީއެވެ. ބަނޑުބޮޑުކަން އެނގުނު ތަނާއި އެއީ ކާކުގެ ދަރިއެއްކަން ޝެޒާއަށް އޮޅޭގޮތެއް ނުވިއެވެ. އޭނާ ބޭނުންވީ އަކްރަމް ހޯދާށެވެ. އެއީ ފައިސާވެރިއެކެވެ. އޭނާއަށް އުމުރު ދުވަހު އުޅެވޭވަރު ކުރަން ބޭނުންވިއެވެ.

"އެބޯޓްކޮށްލާ." އަކްރަމް އެދުނެވެ. އެއީ ކޮންމެ ފިރިހެނަކު ނަމަވެސް އެކަން ދާން އެދޭނެ ގޮތެވެ. ޝެޒާ ދެކޮޅު ހެދިއެވެ. އޭނާއަށް ލިބެން އޮތް މަންފާ ގެއްލިދާނެތީއެވެ. އެބޯޝަންއަށްފަހު ކުރިން އުޅުނު ގޮތަށް އޭނާއަށް އުޅެވޭނެއެވެ. ބޭނުން މީހަކާއި އިނދެވިދާނެއެވެ. އެކަމަކު އޭނާގެ ދަތިހާލު ދުވަހަކުވެސް ނުފިލާނެއެވެ. އެކަން ނުދައްކަން ޝެޒާ ދެއްކީ އޭނާ ތައުބާވެފައިވާ ވާހަކައެވެ. ދެވަނަ ފާފައިން އޭނާގެ ހަށި ދެން މުޑުދާރު ނުކުރެވޭނެކަމެވެ. އެ ދަރިފުޅަށް ރަނގަޅު މަގު ދައްކަން ބޭނުންވާ ވާހަކައެވެ. އެރޭ ޝެޒާގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކަކީ އަކްރަމްގެ ހިތަށް އޭނާ ދޫކުރި ތީރުތަކަކަށްވިއެވެ. އަކްރަމް އެއްބަސްވިއެވެ. އޭނަ އާއި އިންނާށެވެ. އިސްލާހްވާށެވެ. އެފަދަ ކިތަންމެ ކަމަކަށެވެ.

** **

''އަނބި ޤަބޫލުކޮށްފިން" ޝެޒާއަށް ހުވަފެނަކުން ހޭލެވުނު ފަދައެވެ. އޭނާއަށް އަކްރަމްގެ މޫނަށް ބަލައިލެވުނެވެ. އެތަނުގައި ހެކިވެރިންނާއި ޤާޟީ ހަމަވެ ކައިވެނީގެ ކަންތައްފެށުނުއިރު އޭނާއަށް އިނދެވުނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އަކްރަމް ތެދުވެ އެންމެންނާއި ސަލާމްކޮށް ހެކިންގެ ކުރިމަތީ ޝެޒާގެ ރަން ހަވާލުކުރިއެވެ.

"އަހަރެން އބަދުވެސް ބޭނުންވީ މުއްސަނދިކަން، އެއިރަކު ބޭނުންވި އެއްޗެއް ވަގުތުން ހޯދޭނެވަރުގެ ތަނަވަސްކަން، މިއަދު އަހަރެންގެ ނަޞީބު މިއޮތީ އަހަރެންގެ މުށުތެރޭ، އަހަރެން އެނބުރި ގޮތަކަށް އަކްރަމް އެނބުރޭނެ، މިރޭ މިގެ އަހަންނަށް ލިބިއްޖެ، އަހަންނާއި އެކު އަހަރެންގެ އާއިލާ ތިބޭނީ އުފަލުން. ރަށުގައި ތިބި ކޮއްކޮމެން މާލެ އައިސް ކިޔަވާނީ އެއްވެސް ދަތިކަމެއް ނެތި، އިރާދަކުރެވިއްޔާ ބައްޕަ އާއި މަންމައަށް ހައްޖުގެ މަތިވެރިއަޅުކަން އަދާކުރުމުގެ ނަޞީބު ލިބޭނެ، އަހަރެން މަޑުމަޑުން އަކްރަމްގެ ހުރިހާ ކަމެއް އަހަރެންގެ ބާރުދަށަށް ގެންނާނަން، އެކަން ވާނީ އަހަރެން އެދޭގޮތަކަށް، " ޝެޒާ ހިތާއި ހިތުން ބުނެވުނެވެ. އޭނާ އަކްރަމްގެ މޫނަށް ބަލައިލިއެވެ. އަކްރަމްގެ މޫނުމަތީ ހުރި އުފާވެރިކަން ފެނި އޭނާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ.

"އަހަރެން ވިހައި ގަދަވުމާއި އެކު ކަލޭގެ ކިބައިން މިނިވަންވާނަން، އަހަރެން އިންނާނީ އަހަރެން ކަހަލަ ރީތި މީހަކާއި.." ޝެޒާ ހިތުގައި އޮތެވެ. އޭނާ ކަންކުރާނެ ގޮތް ވަނީ ރޭވި ނިމިފައެވެ.

** ** އަރްޝީ ގެއިން ނިކުތީ ޖަލްވާ ގުޅައި ދިން ޚަބަރަކުންނެވެ. ރަފްހާން ހޮސްޕިޓަލުގައި އޮވެ މަރާއި ހަނގުރާމަކުރަނީ ކަމުގައި ޖަލްވާ ބުންޏެވެ. އޭނާ ހުރީ ރަފްހާންގެ ކުރިމައްޗަށް ދާން ލަދުންނެވެ. ރަފްހާންއަށް އެހީވާން ބައްޕަ ކައިރީ ބުނަން ހުއްޓާ ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. އެގެއިން ނިކުމެ މަންމަ ގެއަށް ބަދަލުވީ ބައްޕަ ދިން ވަސިއްޔަތުގެ ކަރުދާސްތައް ބަހައްޓާފައެވެ. އަލުން އެ ހޯދަން ދާން އޭނާ ބޭނުމެއް ނޫނެވެ.

ޒައިދަން އައިސް މަޑުކުރީ އެވަގުތެވެ. އަރްޝީ ހުރީ ޓެކްސީއެއް ނުލިބިގެންނެވެ. ޒައިދަން އައުމުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދެވިދާނެތޯ އަރްޝީ އަހާލިއެވެ. ޒައިދަން ކާރުގައި އަރްޝީ ގެންދަމުން ހޮސްޕިޓަލުގައި އޮތީ ކާކުތޯ އަހާލިއެވެ. ހަމައެކަނި ރައްޓެއްސެކޭ ބުނެވުނު ތަނާއި އައީ ޖަލްވާގެ ފޯނެކެވެ. އެފޯނުގައި އިންދާ ހޮސްޕިޓަލަށް ދެވުނެވެ. ކާރުން ނުނިކުމެ މަޑުކުރީ ފޯނު ނިމެންދެންނެވެ.

ކާރުގެ ބިއްލޫރިގަނޑުގައި އަންހެނަކު ޓަކިދިން އަޑަށް ޒައިދަން ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އެ ދައްތަ ގުދުވެފައި ޒައިދަންއަށް ބަލާލިއެވެ.

"އެނގޭތަ އޯ ޕޮޒިޓިވް ލޭ ހުންނަ މީހަކު؟" އެ ދައިތަ ދެލޮލުގައިވީ ކަރުނައެވެ. ބުރުގާއިން ދެލޯ ފޮހެލައެވެ. ފޯނު ތިރިކޮށްލާފައި އަރްޝީ ބަލައިލީ ޒައިދަންއަށެވެ. ޒައިދަންގެ ގއިގައި ހުންނަ ލޭގެ ގްރޫއްޕަކީ އެއީކަން އެނގޭތީއެވެ.

"އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ." ދެއަތް ޖޯޑުކޮށް ސަލާންޖަހާ ފަދައިން އެދައިތަ ބުނެލިއެވެ. ޒައިދަންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ އެއްބަސްވެ ކާރުން ފޭބިއިރު ޖަލްވާ އާއި ރޫބީ އައިސް ވަންނަނީއެވެ. ޒައިދަން ލޭ ދޭންވެގެން ދިއުމުން އަރްޝީ ދިޔައީ އެކުވެރިންނާއި އެކުގައެވެ. އަރްޝީ ބައްދަލުކުރަން އައި މީހަކީ ކާކުތޯ އޮޅުންފިލުވަން ޒައިދަން ހުރީ ބޭނުންވެފައެވެ. އަރްޝީގެ ހުރިހާ އެކުވެރިން އެއްތަނަކުން ފނުމުން ދެން އިތުރަށް އަރްޝީ ބުނީ ކޮން އެކުވެރިއެއްގެ ވާހަކަކަމެއް އޭނާއަކަށް ނޭނގެއެވެ.

އޭނާގެ ގައިން ލޭ ނަގައި ނިމިގެން އެކޮޓަރިން ނިކުންއިރު އެދައިތަ އިނެވެ. ޒައިދަންއަށް ޝުކުރު އަދާކުރިއެވެ. އޭނާގެ ޖީބުން ނަގައި ދިނީ ދިހަ ރުފިޔާއެވެ. ފިނި އެއްޗެއް ބޯލާށޭ ބުނެލިއެވެ. އެއީ އެދައިތަގެ އަތުގައި އޮތް ވަރުކަން ޒައިދަންއަށް އެނގެއެވެ. ދިހަ ރުފިޔާ އަލުން އެދައިތަ އަތަށް ދެމުން ޒައިދަން ބޭނުމެއް ނޫނޭ ބުނެލިއެވެ. އޭނާ ހިނގައިގަތުމުން އެދައިތަ ހިފީ ޒައިދަންގެ އަތުގއެވެ.

"އަހަރެން ބޭނުން އަހަރެންގެ ދަރިފުޅަށް ތިކުއްޖާ ދައްކަން، އޭނައަށް އެނގެންޖެހޭނެ ތިއީކަން އޭނާ ސަލާމަތްކޮށްދިން މީހަކީ." އެދައިތަ ކިޔަންފެށީ އޭނާގެ ދަރިފުޅާއި ޒައިދަން ބައްދަލުކުރުމަށެވެ. އެކަމަށްވެސް ޒައިދަން ދެކޮޅު ހެދިއެވެ. ޒައިދަންގެ އަތުގައި ހިފާފައި އެދައިތަ ރޯންފެށިއެވެ. އޭނާގެ ފަޤީރުކަމުން ހަދިޔާއެއް ދޭން ނުލިބޭނެކަމުގައި ބުންޏެވެ. އެމީހުންނަށް ކުރެވޭނެހާވެސް ކަމަކީ ޝުކުރު އަދާކުރުމެވެ. ޒައިދަން އެއްބަސްވީ އެދައިތަ ހިތްހަމަޖައްސާށެވެ. އެދައިތަ ހުއްޓާލާފައި އަންނާށޭ ބުނެލިއެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular