18 May 2020

ފުރާމީހުންނަށް ހާއްސަ ދޮރުން އެތެރެއަށް ވަންނަމުން އެލީޝާ ފުރުވަން އައިސް ތިބި މީހުންނަށް ހަނާ އަޅާލިއެވެ. ޒަކްވާންގެ އަތުގެ މުލައްދަނޑީގައި ފިޒާ ދެއަތުން އޮޅުލައި ގަނެގެން ހުރުމުން އެލީޝާއަށް އިންތިހާއަށް އުނދަގޫވިއެވެ. އެހެނަސް ނަޖްމާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ދިޔައީ މަޖްބޫރުވެފައިވާ މީހަކު ފަދައިންނެވެ. އަމިއްލަ ހިތްމަތީ ހިލަގަނޑެއް ބާއްވާފައެވެ. މިއަދު އެލީޝާއަށް ކުރެވެނީ ޒަކްވާނާއި ވަރަށް ވަރަށް ދުރަށް ދާ ކަމުގެ އިޙްސާސެވެ.

* * * * * *

ލަންކާގައި ނަޖްމާމެންގެ އެއްގަމުދަތުރުތަކާ ހަވާލުވެގެން ހުރީ އަންވަރުގެ އެންމެ ގާތް އެކުވެރިޔާ ސަމީރުއެވެ. ސަމީރަކީ އަމިއްލަ ކާރެއް ދުއްވާމީހެކަށްވެފައި އެމީހުންނަށް ތަންތަނަށް އައިސް ގޮސްހަދަން ފަސޭހައަކަށް އަންވަރު ސަމީރު އާ ހަވާލުކުރީއެވެ. ސަމީރަކީ އެލީޝާ އާއި އައިލީންގެ ނަމުންނަމަ " ސަމީރު އަންކަލް" އެވެ. ދޭތެރެ ދޭތެރެއިން ސަމީރު އަންވަރު ކައިރިއަށް އައިސް އުޅެއެވެ. އަންވަރުމެންނާއި ސަމީރު އޮންނަނީ އާއިލީ ގުޅުމެކެވެ.

ނަޖްމާމެން ލަންކާގައި ތިބެނީ އަންވަރުގެ ކޮއްކޮ އިކްރިޝާގެ ގޭގައެވެ. އެލީޝާއަށްވެސް އޭނާގެ ބޮޑުދައިތަޔާއި ބައްދަލުވީ އަލަށެވެ. އަލަށް ބައްދަލުވިކަމުގެ އިހްސާސެއް އެލީޝާއަކަށްވެސް ނުކުރެވެއެވެ. އެއަށްވުރެން ބޮޑުދައިތަ އެލީޝާއަށް މާ ބޮޑަށްވެސް ހިތްހެޔޮވެފައި ރަނގަޅެވެ. އެލީޝާ އާއި ހެދި އިކްރިޝާ އެހާވަރު ހުންނަނީ އޭނާގެ ތިންފިރިހެންކުދިން ތިބޭތީ ކަމަށްވެސް ވެދާނެއެވެ.

ލަންކާއިގެ މާހައުލަށް ހޭނެން ދެތިން ދުވަސްނެގިއެވެ. ކުލާސްފެށިގެން އެލީޝާ އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ހަވީރުދާ ގޮތަށް ގިނަރޭރޭ އާދެވެނީ ވަރަށް ލަސްވާ ފަހުންނެވެ. އެލީޝާ އެންމެ ދެރަވަނީ ޒަކްވާން އާ ވާހަކަ ނުދެއްކޭތީއެވެ. ހެނދުނާއި ހަވީރު ޒަކްވާންގެ ޓެކްސްޓް މެސެޖެއް ލިބުނަސް އެވަރުން އެލީޝާ ހިތްހަމައެއް ނުޖެހެއެވެ. ދައްކަން ބޭނުން އެތައްހާސް ވާހަކައެއް އޭނާ ހުރެއެވެ. ޒަކްވާންގެ އަޑު އަހާލާ ހިތުންވެސް އޭނާގެ ކެތްތެރިކަންވަނީ ކުޑަވެފައެވެ.

* * * * * * *

ޒަކްވާނަށް ފިޒާގެ ފޯނުކޯލެއް އައި ގަރާޖުން ނިމިގެން ގެއަށް އަންނަން ސައިކަލަށް އަރައަރަ ހުއްޓައެވެ. ފޮޓޯއެއް ނަގަންދާން ފިޒާ ބުނުމުން ޒަކްވާންވެސް އެއްބަސްވީ މާބޮޑު ވިސްނުމެއްނެތިއެވެ. އެލީޝާވެސް ނެތުމުން އޭނާއަށް ހުސްއެތައް ވަގުތެއް މިހާރު އޮވެއެވެ. ގެއަށްވަދެ ފެންވަރައިގެން ކޮޓަރިން ނިކުތީ ކެމެރާ ކޮނޑުގައި އަޅުވައިގެންނެވެ. ބަދިގެއަށް ވަންއިރު ބަދޫރާ ދެދަރިންނަށް ސައިހަދާފައި ހުއްޓެވެ. ޒަކްވާން ފެނުމުން ސައިބޯން އަންނަން ބުނެލިއިރު ބަދޫރާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ރަތްވެފައިވާ ދެލޮލުން ހެކިދެނީ ރޮއެފައިވާކަމެވެ. ނޫނީ ރަނގަޅަށް ނިދި ނުލިބޭކަމެވެ.

" ބޭބެގެ ހަބަރެއް އަދިވެސް ނުވޭތަ ؟ " ބަދޫރާގެ ހިތާމަތައް ގުޅިފައިވަނީ ވާފިރާކަން ޒަކްވާނަކަށް ނޯޅެއެވެ.

" އަދިވެސް ފޯނު އޮންނަނީ ނިއްވާލާފަ " ބަދޫރާ އަރުބެދި ވާހަކަދައްކަން އުނދަގޫވިއެވެ. ކުދިންގެ ކުރިމަތީ ނުރުޔަސް އެކަނިވުމުން އޭނާގެ ދެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. ވާފިރު ދެކެ ލޯބިނުވިޔަސް އެދިރިއުޅުން އާރާސްތުކުރަން އޭނާއަށް ކުރެވެންހުރި ހުރިހާ ކަމެއް އޭނާ އެދަނީ ކުރަމުންނެވެ. ކުރިއަށް އޮތްތާވެސް އޭނާކުރާނެއެވެ. ވާފިރަކީ ބަދޫރާގެ ދެމައިން އެކަނިވެ ބިކަވަމުންދަނިކޮން އޭނާގެ އަތުގައި ހިފާ ކޮޅަށްޖެހިމީހާއެވެ. ވާފިރުގެ ފޮނިބަސްތަކުން ބަދޫރާއަށް ލިބުނު ހިތްވަރުން އޭނާ ދިރިއުޅުން އާރާސްތުކުރަން ވަރަށް މަސައްކަތްކުރިއެވެ.

ޒަކްވާނަށް ބަދޫރާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނާނެ ބަހެއް ނޭނގުނެވެ. ހަމަ ހިމޭންކަމާއި އެކު އިނދެ އޭނާ ސައިތަށި ބޮއެ ނިންމާލިއެވެ. އެވަގުތު ދުވަމުން ކަހަލަ ގޮތަކަށް ބަދިގެ ތެރެއަށްވަނީ ޒީބާއެވެ.

" ތުއްތޭ ނިންމާލީތަ ؟ އެކަންޏޭނުން ސައިބޯން މިޖެހުނީ " ޒަކްވާނާއި އެންމެ ކައިރީގައި ހުރި ގޮނޑި ދަމާލަމުން ޒީބާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ބަދޫރާ އަށެވެ.

" ތުއްތޭ ވަރަށް އަވަހަށް ތަނަކަށް ދާންވެގެން މިދަނީ " މޭޒުމަތީގައި ބައިންދާފައި އިން ކެމެރާ ނަގާ ކޮނޑުގައި އަޅުވާލަމުން ޒީބާގެ ބޮލުގައި ފިރުމާލިއެވެ. އެކުއްޖާ ކިތަންމެ ކުޑަކަމަކާއިވެސް ޝަކުވާކުރާނެ ފުރުސަތެއްދޭން އޭނާ ބޭނުން ނުވާ ކަހަލައެވެ.

" ގައިމު އެލީ އެއްވެސް ނެތެއްނު މާ ބިޒީވެގެން އަބަދު ތުއްތޭ އުޅޭނީ " ތުންކޮޅުދަމާލަމުން ޒީބާ ވާހަކަދެއްކިއެވެ. ޒަކްވާން ނިކުމެގެން ދިޔައީ ލަސްވާކަމަށް ބުނެއެވެ. ހިތްހަމަ ނުޖެހިފައި އިނދެ ބަދޫރާ ސައިތަށި ކައިރިކޮއްދިނުމުން ސައިބޯން ފެށިއެވެ. މޭޒުގެ އެއްފަރާތުގައި ބަދޫރާ އިން ނަމަވެސް އެދެމެދު އޮތީ ހިމޭންކަމެވެ. ދައްކާނެ ވާހަކައެއްނެތް ފަދައެވެ.

* * * * * * * *

ފިޒާ ގޭދޮށަށް ދިޔައިރު އޭނާ ހުރީ ތައްޔާރުވެގެން ނިކުމެއެވެ. ދޮރުމަތީ ފިޒާ ހުއްޓިލައިގެން ހުރި އިރު މޮޑެލްއެކޭ އެއްވެސް ތަފާތެއްނެތެވެ. ލައިގެންހުރީ މަޑުނޫކުލައިގެ ކުރު ހެދުމެކެވެ. ހެދުން ކުރުކަމުން ފައިފަލަމަސްގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ. އަތްކުރުކަމުން ކިހިލިފަތްދޮއް އަތް ހިއްލާލާއިރަށް ފެނެއެވެ. ހެދުމުގެ ކަރު ބޮޑުކަމުން ބޮޑުބައި އޮތީ ހާމައަށެވެ. ފިޒާގެ ކަޅުކުލަގަދަ އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ގަހަނާގެ ގޮތުގައި ހަމައެކަނި ބޭނުންކޮއްފައިވަނީ ހިމަހިމަ ރަންފަށެކެވެ.

ޒަކްވާން ސައިކަލް މަޑުކޮށްލުމާއި އެކު ފިޒާ ސައިކަލް ފަހަތަށް އަރައި ހަމަޖެހިލިއެވެ. ޒަކްވާންގެ އިޒުނައަކަށް އޭނާ ނާހައެވެ. ޒަކްވާންގެ ހަށިގަނޑުގައި ވީހާ ވެސް ބޮޑަކަށް ޖެހިގެން ފިޒާ އިން އިރު އޭނާގެ ދެ އަތް ވަށާލީ ޒަކްވާންގެ ބަނޑުގައެވެ. ޒަކްވާނަށް އުނދަގޫ އިޙްސާސެއް ކުރެވުނެވެ. ޒީބާ އާއި މަންމަ ފިޔަވައި އޭނާ އެންމެ ގިނައިން ސައިކަލް ދުއްވަނީ އެލީޝާއާ އެކުއެވެ. އެލީޝާގެ އަމަލުތަކާއި ފިޒާގެ އަމަލުތައް އުޑާއި ބުމާހާވެސް ތަފާތެވެ. އެލީޝާ އިންނާނީ އެހާ ދުރުގައެވެ. ކޮނޑުގައި ކިރިޔާ އަތްޖައްސާލައިގެން އިންނާނީއެވެ. ޒަކްވާނާއި ގާތްވާން އެލީޝާ މަސައްކަތެއް ނުކުރެއެވެ.

ދިގު ރުއްތަކުނުން ފުރިފައިވީ ތަނަކަށް ޒަކްވާން ސައިކަލް މަޑުކޮށްލިއެވެ. ފޮޓޯ ގުރާފަރެއްގެ ލޮލަށް ގުދުރަތުގެ ކޮންމެ މަންޒަރެއް ވެސް ފެންނާނީ ތަފާތުކޮންނެވެ. ކެމެރާގައި ރައްކާކުރަން ޖެހޭ މުހިއްމު މަންޒަރެކެވެ. ހިމަހިމަ މަގެއްގެ ދެފަރާތުގައި ދިގުރުއްތައް ހެދިފައިވެއެވެ. ފެހިފެހި ވިނަތަކުން ބިންގަނޑުފޮރުވިފައިވާ އިރު އެހާވެސް ހިތްގައިމެވެ. މީހުން ހިނގާށާއި ސައިކަލްދުއްވަން އޮންނަ ހިމަހިމަ މަގެއް އޮވެއެވެ. ޒަކްވާން އެހިމަ މަގުގައި ހުރެ ދެތިން ފޮޓޯއެއް ނެގިއެވެ. އެހިތްގައިމު މަންޒަރު ފެނުމުން އޭނާ ފިޒާމަތިން ކުޑަ ވަގުތުކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ.

ސައިކަލް ކައިރީ އިރުކޮޅަކު ހުރެފައި ފިޒާ ހިނގައިގަތީ ޒަކްވާނާއި ދިމާލަށެވެ. އެލީޝާ ރަށުގައި ނެތިސް ލިބޭ އެންމެ މިނެއްޓަކީ ވެސް އޭނާއަށް ރަނަށްވުރެން އަގުބޮޑު ވަގުތުތަކެކެވެ. އެއެންމެ މިނެޓެއް ބޭކާރުކޮއްލަންވެސް އޭނާ ބޭނުމެއް ނުވެއެވެ. ޒަކްވާން ފޮޓޯ ނަގަން ގުދަށް އޮއްވައި ފިޒާ ޒަކްވާންގެ ފުރަގަހުން ގޮސް ބައްދާލިއެވެ. ޒަކްވާނަށް ލިބުނު ސިހުމުގައި މަޑުމަޑުން ކޮޅަށް ތެދުވެ ހިންދެމިލިއެވެ. އެއާއެކު ފިޒާ ވަކިން ބޮޑަށް ޒަކްވާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޒަކްވާންގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ. ފިޒާގެ އެންމެ ބީހުމަކަށްވެސް އޭނާ އުނދަގޫވެފައިވާކަން އޭނާގެ މޫނަށް އަރާފައިބަމުންދާ ކުލަތަކުން ހެކިދެއެވެ. ފިޒާގެ އަތުގައި ހިފާ ޒަކްވާން ލަތްކެއްޖަހަމުން ދުރަށް ޖެހިލިއެވެ.

" ސްޓޮޕް ދިސް . ނޮންސަންސް .." ލުއި ފަތެއްހެން ފިޒާ ކޮއްޕާލަމުން ޒަކްވާން ބުނެލީ ރުޅިވެރިކަމާ އެކުއެވެ. ފިޒާގެ މޫނު މިލައިގެން ދިޔަ ނަމަވެސް އެކަން ނުދައްކަން އޭނާ ހިނިތުންވެލިއެވެ.

" ޖަސްޓް ލީވް އިޓް.." ފިޒާ ކައިރިއަށް ޖެހިލާފައި އުޅުނީ ޒަކްވާންގެ މޫނުގައި އަތްލާށެވެ. އެހެން ނަމަވެސް އެފުރުސަތު ޒަކްވާނެއް ނުދެއެވެ. ފިޒާގެ އަތުގައި ހިފާ އެއަތް ފޮޅުވާލިއެވެ. ދެތިން ފިޔަވަޅު ފަހަތަށް ޖެހިލައި ދެބުމަގޮށްޖަހާލިއެވެ.

" ސާބަސް ރުޅި އައީތަ ؟ އެ މަޖަލަކަށް ކޮށްލި ކަމެކޭ ..މިއޮއްހާ ދުވަހު ކުޑަކުއްޖަކާ އެކީ އުޅުނީމަ ތިހިރީ ފިރިހެނެއްގެ ހަގީގީ ފީލިންގްސްއަކީ ކޮބައިކަންވެސް އޮޅިފައެއްނު" ފިޒާ މޫނަށް ވައްތަރުތަކެއް ޖައްސާލީ ޒަކްވާން ދަށްކޮއްލުމަށެވެ. ފިޒާގެ އެބަސްތަކުގައިވީ މަލާމާތެވެ. ނުސީދާކޮން އެލީޝާއަށް އޭނާ އެއްޗެހިކިއެވެ. ޒަކްވާނަށް ބަލާލެވުނީ ފިޒާގެ މޫނަށެވެ.

" އެލީ އެއްކޮން އުޅެ އުޅެ ޒެކްގެ ފީލިންގްސް ތިހިރީ ގުރޯ ނުވެ.. އެހެންނު ވާނީ އެއީވެސް ނިކަން ޅަކުއްޖެއް ވިއްޔާ " ފިޒާ އައިސް ހުއްޓުނީ ސީދާ ޒަކްވާންގެ ކުރިމަތީގައެވެ.

" އަހަރެން ހީކުރީ ޒެކް ތިއީ މިހާރުގެ ބޯއީ އެއްކަމަށް ...މިހާރުގެ ބޯއީސް ވަރަށް ހޮޓްވާނެ " އަތުގެ ދެއިނގިލި ދައްކާލަމުން އެ ދެއިނގިލި ހަލުވާލިއެވެ. ތުންފަތްމަތީގައި ހުރި ހިނިތުންވުމުން މަލާމާތްކުރާކަރާކަން ފާޅުވޭވޭ ހުއްޓެވެ.

" ފިޒާ " އަކުރުތަކައް ދަމާލަމުން ޒަކްވާން ގޮވާލީ ހުއްޓާލާށޭ ބުނާފަދަ އާދޭހަކާއި އެކުއެވެ. ކެމެރާ ކަރުގައި އަޅުވާލަމުން ޒަކްވާން ހިނގައިގަތީ ރުއްތަކުގެ ތެރެއަށް ވަންނާށެވެ. ދެފަޔަށް ލެވުނުހާ ބާރެއްލައިފާ ޒަކްވާން ފިޒާ އާ ދުރަށްދާން ބޭނުންވާ ކަހަލައެވެ.

" ހިނގާބަ އަހަރެންގެ ސަޅި ފޮޓޯކޮޅެއް ނަގައިދޭން " ޒަކްވާނާއި އެއްވަރުކުރަން ފިޒާ އައީ ކުޑަކޮން ދުވެލާފައެވެ. ފިޒާ ވާހަކަދެއްކުމުން ޒަކްވާން ހުއްޓުނެވެ.

" ކުރިންވެސް ބުނީމެއްނު ފޮޓޯ ސެޝަންތައް ނިމުނިއްޔޭ...ޕޭކޮށްފަ ބުނީމެއްނު އެލީ ފުރާތީ މިކަން ނިންމާލިއްޔޭ " ޒަކްވާންގެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.

" އެނގެޔޭ ! މިފަހަރު ޕޭކުރާ ގޮތަކަށް ނޫނޭ ...އަހަރެން ބޭނުމޭ ޒެކް ތިކަމުން ކުރިއަށްދާން...އިތުރު އޮފަރތައް ލިބޭނީ ވެސް ތި ނަގާ ފޮޓޯތައް އިސްތިހާރު ކުރެވިގެންނު " ފިޒާގެ އަޑުގައި އިންތިހާއަށް ޒަކްވާނާއި މެދު ފިކުރު ކުރާކަން ހާމަވެއެވެ. އެއީ ޙުދު ޒަކްވާނަށްވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

" އަހަރެން މިހިރީ ހަމަ ފުރީކޮން ޒެކް އެކީ ވާރކްކުރަން " ފިޒާގެ އެ ޖުމްލައިން ޒަކްވާނަށް ޔަގީންކަން ލިބުނެވެ.

" އަސްލުވެސްތަ ؟ " ޒަކްވާނަށް ހިނިތުންވާން ގިނަ ވަގުތުތަކެއް ނުނެގިއެވެ. އެއްޗެއް ނުބުނެ ފިޒާ ޒަކްވާންގެ ކުރިމައްޗަށް ހުއްޓި ކަކުލުގައި އަތްވިއްދާލަމުން ބުޑުމަސްގަނޑު އިތިކޮއްލިއެވެ. ފޮޓޯނަގަން ޒަކްވާނަށް ގޮވާލަމުންނެވެ. އެއާއެކު ހުއްޓުމެއްނެތި ވަރަށް ގިނަ ފޮޓޯތައް ނަގަމުންދިޔައެވެ. އިށީނދެގެންނާއި ކޮޅަށް ހުރެގެންނެވެ. އުއްޑުންނާއި ބަނޑުން އޮވެގެންނެވެ. ޒަކްވާނަށް ނޭގުނީ އޭނާ ފިޒާގެ މައްޗަށް ލަނބާލަން އޭނާ ބޭނުންކުރި ހަތިޔާރެއްކަމެވެ.

އިރުއޮއްސުމުން ފޮޓޯ ސޫޓް ނިންމާލާފައި ޒަކްވާންމެން މަޑުކޮށްލިއެވެ. ވެފައިވާ ވަރުބަލިކަމާއި ހޫނުގައި ވައިޖައްސާލާށެވެ. ގަސްތަކުތެރޭގައްޔާއި ރުއްތަކުގެ ތެރޭގައި ދުވެދުވެ ދެމީހުންވެސް ތިބީ ހޫނުވެފައެވެ. ކަރުހިއްކައިގަނެ ފިނި އެއްޗެއް ބޯލަން ބޭނުންވެފައެވެ. ގަމީހުގެ އެންމެމަތީ ދެ ގޮށް ނައްޓާލަމުން ޒަކްވާން ސައިކަލްމަތީ އިށިއިނެވެ.

" މާދަން ވާނެ ދޯ އަދި ޖައްސަން " ފިޒާގެ އިސްތަށިގަނޑު ކޮނޑުގެ އެއްފަރާތަށް ގެންނަމުން ބުނެލީ ޒަކްވާންގެ ޖަވާބެއް ބޭނުން ނުވާ ފަދައިންނެވެ.

" މާދަން ވެސް ؟" އެލީޝާ ފިޔަވައި ޒަކްވާންގެ ކަންކަމަށް ހިތްވަރު ދޭނެ މީހަކު ފެނުމުން އޭނާ އިންތިހާއަށް ހައިރާންވިއެވެ. ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ.

" އާން ! އަހަރެން ފުރީވާނޭ...ޒެކް ބޭނުން ކޮންމެ ގަޑިއެއްގަވެސް އަހަރެން އެވެލެބަލް ވާނޭ ! ގުޅައްޗޭ " ސައިކަލް ފަހަތަށް އަރާ ހަމަޖެހިލަމުން ފިޒާ އިތުރަށް އޮޅުން ފިލުވައިދިނެވެ. އެއާއެކު ޒަކްވާން ސައިކަލް ސްޓާޓްކޮއްލިއެވެ. ފިޒާގެއަށްލާން ދިއުމަށްޓަކާއެވެ.

ޒަކްވާންގެ ސައިކަލުން ފައިބައިގެން ފިޒާގެއަށްވަން އިރު ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައި ފައިނާން ހުއްޓެވެ. އެމޫނުމަތިން ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ނޫނީ ނުވެއެވެ. ފިޒާ ގެއަށްވަނީ ނިކަން ފުޅާ ހިނިތުންވުމަކާއި އެކުއެވެ. ކާމިޔާބުގެ ކޮޅުމަތި އޭނާއަށް ފެންނަމުންދަނީ ވަރަށް އަމާން އޮމާން ކޮށެވެ.

" ފިޒާ ! އެންމެފަހުން އެކުއްޖާގެ ސައިކަލް ފަހަތަށް ވެސް އަރަން ފެށީދޯ! " ފައިނާންގެ އަޑުއިވިފައި ފިޒާ ގަނޑުވި ކަހަލައެވެ. ހުރިހާ އުފާވެރިކަމެއް ވަޔާ ވިހުރިގެންދިޔައެވެ.

" ކޮބައިތަ މައްސަލައަކީ؟ " ނުރުހުމާ އެކު ފިޒާ ލޯއަޅާލީ ފައިނާންއަށެވެ. ގަދަބަސް ބުނުމާއި ދެކޮޅުވެރިކަމުގައި ފައިނާން އެއީ ފިޒާއަށް އިންތިހާއަށް ހެޔޮ ފިޒާގެ ދައްތަކަން އޭނާ ހަނދާންނައްތާލައެވެ. ކޮންމެ ކަމެއްގައި ފިޒާ ފައިނާންގެ ނަސޭހަތަށްވުރެން އިސްކުރަނީ ފިޒާ ބޭނުންވާ ގޮތެވެ.

" ކުރިންވެސް ބުނެފައި އޮންނާނީ އެއީ އެލީގެ ބީ އެފް އޭ . ފިޒާ އޭނަޔާ ދުރުވާށޭ " ފިޒާގެ މޫނަށް ބަލާލަން ފައިނާން ބޭނުން ނުވާހެންނެވެ. ބައެއް ފަހަރު ފިޒާގެ އަމަލުތައް ހުންނަ ގޮތުން ފައިނާންވެސް ލަދުގަނެއެވެ.

" އެއީ އެލީގެ ބޯއީ ފުރެންޑަށް ވިޔަސް ބެސްޓްފުރެންޑަށް ވިޔަސް ދައްތައަށް ވަރުތަކެއް ވާން ޖެހޭތަ ؟ " ފައިނާންއަށް ކުޑަ ވެސް އިޙްތިރާމްކުރުމެއް ނެތެވެ. ފިޒާގެ ކޮންމެ ބަހަކުން ބަލިކަށިވަމުންދިޔައީ ފައިނާން ކޮޅެވެ.

" އަހަރެންވެސް އަބަދު މިހެނެއް ނުހުންނާނެދޯ ! އަބަދުވެސް ދައްތަ ހަނދާންކޮއްދޭން ބޭނުންވަނީ ދައްތަ އަހަންނަށްޓަކާ ކޮއްދިންހާކަމެއް " ފިޒާ އެތެރެއަށް ވަންނަން ދަމުން ދޮރުގެ ތަޅުގައި ހިފާފައި މަޑުކޮއްލިއެވެ.

" އެލީޝާ އަކަށް އަހަރެން ނުބަލާނަން ޒެކް އަހަރެން ކައިރިއަށް ގެންނަން އަހަރެންނަށް ކުރެވުނުކަމެއް ވިއްޔާ ކުރާނަން " ފިޒާ އެތެރެއަށް ވަދެ ދޮރުޖެހީ ނިކަން ބާރަށެވެ. އެއާ އެކު ފައިނާންގެ ހަށިގަނޑަށްވެސް ގުޑުން އަރައިގެން ދިޔައެވެ. ދެލޮލުން ކަރުނަ ފާއްދާލީ ހިތްދަތިވީ ވަރުންނެވެ. ފިޒާއަށްޓަކާއި އޭނާ ނުއުފުލަނީ ކޮން ބުރައެއް ހެއްޔެވެ؟ އުޅެބޮޑުވި ރަށާއި މައިންބަފައިން ދޫކޮށް ފިޒާ ގޮވައިގެން ފައިނާން އައީ ނުދަންނަ ބައެއްގެ ތެރެއަށެވެ. ފިޒާއަށް އޭނާގެ ދޮންބައްޕަގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްކުރާށެވެ. އުފަންރަށާއި ގެދޮރު ދޫކޮށް ކުއްޔަށް އައިސް އުޅުމަކީ ފައިނާންއަށްވެސް ފަސޭހަކަމެއްނޫނެވެ. އެހެނަސް އެކަންވެސް ކުރީ ފިޒާއަށް ރަނގަޅު ގޮތެއް ހޯދައި ދިނުމަށެވެ.

* * * * * * *

އަންވަރުވެސް ހޮސްޕިޓަލްގައި ބުރަކޮށް އުޅުނު ދުވަހެކެވެ. ގެއަށްދާން ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އައިލީން ކޮރިޑޯއިން އަންނަނިކޮން ޑރ.ޝާހް އާ ދިމާވިއެވެ. އެއާ އެކު ދެމީހުން އެކީ އައިކޮޅަށް އަނެއްކާވެސް ދާތަން ފެނުނެވެ. ފޯނު ތިރިކޮއްލަމުން އެމީހުން ދިޔަ ދިމާލަށް ބަލަން އެތައް އިރަކު ހުއްޓެވެ. މިގޮތަށް ދޫ ދީގެން ހުއްޓާ ނުބައި އަޑުތަކެއް އެމީހުންނާއި ބެހޭ ގޮތުން ފެތުރިދާނެކަން އަންވަރަށް ވިސްނުނެވެ. އެހެން ނަމަވެސް ގޮތެއް ނިންމަން މިއީ ރަނގަޅު ދަނޑިވަޅެއް ކަމަކަށް އަންވަރަށް ނުފެނުނީ ނަޖްމާވެސް ކައިރީގައި ނެތުމުންނެވެ.

އައިލީން މެސްރޫމަށް ވަދެ ކޮފީތައްޓެއް ހަދާލިއެވެ. ދެތަށި ތައްޔާރުކޮއްގެން އެނބުރުނު ވަގުތު ފައިނާން ފެނުމުން ސިހުނެވެ.

" ސިއްސައިގެންނޭ ދިޔައީ " އައިލީން މޭގައި އަތްޖައްސާލަމުން ވާހަކަދެއްކީ އުނދަގުލުންނެވެ.

" ހޫމް! އެހެންނު ވާނީ ހީކުރި މީހާ ނޫން ވީމަދޯ ތި ސިހުނީ " މީގެ ކުޑައިރުކޮޅެއް ކުރިން އައިލީން އާ އެކު ޑރ.ޝާހް ހުއްޓާ ފެނުނެވެ. ފައިނާން ވެސް އެހެން ބުނެލީ އައިލީންގެ ފަރާތުން އެއްޗެއް އެނގޭތޯއެވެ.

" ތިބުނީ ؟ " އައިލީން އެނގޭކަމަކަށް ނުހަދައެވެ. ގޮނޑި ދަމާލާފައި އިށިއިނީ މޭޒުކައިރީގައެވެ. ފައިނާންއާ ކައިރިއަށް ކޮފީތަށި ޖައްސާލަމުންނެވެ.

" ހޫމް ނޭގޭ ކަމަށް ހަދާނެ ކަމެއްނެތް...އަހަރެން ދެކުނީމޭ ޑރ.ޝާޙް އާ އެކު މާ އޮލަވާހަކައެއްގަ ތިބެގެން މިދިމާލަށް އަންނާތީ " ފައިނާން ގެނައި ލަންޗްބޮކްސް ހުޅުވާލަމުން ވާޙަކަދެއްކިއިރު އޭނާގެ ލޯ އަމާޒުވެފައި ހުރީ އައިލީންއަށެވެ. ޝާޙްގެ ނަން އިވިފައި އައިލީންގެ މޫނަށް އައި ބަދަލު އޭނާ ރީއްޗަށް ދުއްޓެވެ.

" ޝާޙްދޯ " އައިލީން އެހެން ބުނެފައި ފުންހިޔާލެއްގެ ތެރެއަށް ގެނބިގެންދިޔަ ކަހަލައެވެ. ނޫނީ އެމައުލޫއަށް ވާހަކަދައްކަން އޭނާ ބޭނުން ނުވާ ކަހަލައެވެ.

" އާނ ޝާޙް އެއީ ބެސްޓު މީހެއްނު " ފައިނާން ބޭނުންވީ އޭނާޔާ މެދު އައިލީން ދެކޭ ގޮތް ބަލާށެވެ.

" ތިބުނީ ޝާހް ކިހިނެތް ބެސްޓް ވާހަކައެއް ؟ " ގަޔާނުވެފައި އިނދެވެސް އައިލީން ބޭނުންވީ އޮޅުން ފިލުވާށެވެ. ޝާޙްގެ ފަރާތުން ލިބުނު ހުށައެޅުމަށް އައިލީން ދޭނެ ޖަވާބަކާއި މެދު ވިސްނުމެއް އޭނާގެ ނެތެވެ.

" މިބުނީ ޕާރޓްނަރ އަކަށް އައިލީން އާ ވަރަށް ގުޅެޔޭ " ނުކެރިފައި ހުރެ ފައިނާން ބުނެލިއެވެ. ހީވީ އޭނާގެ މޫނުމަތީ މީހަކު ވިހެލިހެންނެވެ.

" ފައިނާނޫ...މަށަކަށް އޭނަ ކަމަކު ނުދޭ...ހީ އިޒް ނޮޓް މައި ޓައިޕް އިނގޭ " އަތުން އެވާހަކަ ނުދައްކާށޭ ބުނާފަދައިން އައިލީން އިޝާރާތެއް ކޮއްލިއެވެ. ޝާޙްގެ ވާހަކަ އެއްވެސް މާނައެއްގައި އައިލީން ދައްކަން ބޭނުމެއް ނޫނެވެ. ފައިނާންވެސް ދެން ފެށީ އެހެން ވާހަކައެކެވެ. ޝާހް އައިލީން އާ ބައްދަލުވާނެ ގޮތެއް ހޯދުމުން ކާންދާން ރޭވީ ފައިނާންއެވެ. ޝާޙް ބޭނުންވާ ފަދައިން އައިލީނާއި ވާހަކަދެއްކޭނެ ގޮތް ހަމަޖައްސައިދިނެވެ. އެކަމުގެ އަޑީގައި ހުރީ ފައިނާންކަން ނޭގި އޮތީތީ ފައިނާންއަށް އިންތިހާ ހިތްހަމަޖެހުން ލިބުނެވެ.

* * * * * * *

ރޭގަނޑުގެ ހަމަ ހިމޭންވަގުތެވެ. ކުލާހުން އައި ގޮތަށް ފެންވަރައިގެން އެލީޝާ އެރީ އެނދަށެވެ. ހަވީރު ދިޔަ ގޮތަށް އޭނާ އުޅުނީ ކުލާހުގައި ނިކަން ބުރަކޮށެވެ. އެހެންވެ އެލީޝާ ހުރީ އަރާމްކޮށްލަން ބޭނުންވެފައެވެ. ފޯނު ނަގައި ފުރަތަމަވެސް ބަލާލެވުނީ ޒަކްވާންގެ ޓެކްސްޓް މެސެޖެއް ލިބިފައި އިންތޯއެވެ. ޒަކްވާންގެ މެސެޖެއް ނެތުމުން އެލީޝާ އިންތިހާއަށް ދެރަވެފައި ވައިބަރ ޗެކްކޮއްލިއެވެ. ޒަކްވާން ވައިބަރއިން އެއްޗެއް ފޮނުވާފައި އިނުމުން އެލީޝާ އުފަމުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ހުޅުވާލިއިރު ފޮޓޯއެކެވެ. ފިޒާ އާއި ޒަކްވާން ރުއްތަކެއް އަރާހެން ނަގާފައި އިން ސެލްފީއެކެވެ. އެލީޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއާއެކު ބޮޑަށް ހިތްދަތިވީ ސެލްފީގެ ތިރީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލާފައެވެ.

(ނުނިމޭ)

Popular