11 Jul 2020

By: Mariyam Yasma

ރަމްޝާ ސަމާއަށް ނަޒަރެއްދީފައި ތެދުވެގެން ގޮސް ޖޫޒަން ކައިރިއަށް ހުއްޓުނެވެ. ދެން ގުދުވެލާފައި އެފޮށިގަނޑު ނަގައި އެތެރެ ބަލައިލި އެވެ. ހަމައެއާއެކު ކުއްލިއަކަށް ހަޅޭތްލަވައިގެންފައި ޖޫޒަން ފަދައިން ފޮށި ދުރަށް އެއްލާލައިފި އެވެ. އެވަގުތު ފޮށިން ވެއްޓުނު ފަތްޖަހާލާފައި އޮތް ކަރުދާސްކޮޅެއް އައިސް މަތަވީ ރަމްޝާގެ ފައިކައިރިއަށެވެ. އޭނަ އެނަގައި ކިޔާލިއިރު ޖޫޒަންވެސް ކައިރީގައި ބަލަން ހުއްޓެވެ.

"ފޮގެޓް މީ ނޮޓް.." ނޯޓްކޮޅުގައި އޮތީ މިފަދައިންނެވެ.

ޖޫޒަން އެއްވެސް އެއްޗެއް ނުބުނުމުން ރަމްޝާ އެނބުރި އެމޫނަށް ބަލައިލި އެވެ. އެކުވެރިޔާ ހީވަނީ ނޯޓުކޮޅަށް ބަލަން ފެށިގޮތަށް އެހެން ދުނިޔެއަކަށް ގެއްލިފައިވާ ހެންނެވެ.

"ކާކު މިކަހަލަ ވިޔާނުދާ ކަމެއް ކުރާނީ؟" ރަމްޝާ ވާހަކަދެއްކި އަޑަށް ޖޫޒަންއަށް ހޭވެރިކަންވި އެވެ.

"ޔޫ ޓެލް މީ؟" ޖޫޒަންގެ މޫނުގެ ކުލަވަރު ބަދަލުކޮށްލާފައި ހަށަން ބަނދެލައިފި އެވެ.

"ވަޓް؟.... ޖޫއަށް ހީވަނީ މީ އަހަރެންގެ ކަމެކޭތަ؟.." ރަމްޝާއަށް ޤަބޫލުކުރަން ދަތިވި އެވެ.

"ދެން ކާކު؟" ޖޫޒަން ސުވާލުއުފައްދާފައި ކޮފީ ޖޯޑު ހިފައިގެން ނިކުންނަން ހިނގައިގަތެވެ.

ރަމްޝާއަށް އެމަންޒަރު ބަލަން ހުރެގެން ނޯޓްކޮޅު މުށުތެރޭ ބޮނޑިކޮށްލެވުނެވެ. އައި ރުޅިއާއެއްވަރަށް ހިތުގައިވެސް ޖެހުނެވެ. އެކަމަކު ކަރުނަ އޮއްސާކަށް އޭނަ ބޭނުމެއް ނުވި އެވެ. ސަމާ ކަންބޮޑުވެފައި ހުރެގެން އައިސް ފޮށިގަނޑުގައި އޮތް އެއްޗަކާއި ބެހޭގޮތުން ސުވާލުކުރި އެވެ. މަރާލާފައި އޮތް މައިނާއެކޭ ރަމްޝާ ބުނުމުން ސަމާއަށްވެސް ކުއްލިއަކަށް އަނގަމަތީ އަތް އަޅައިލެވިއްޖެ އެވެ. ސަމާ އެކަން ތަހުޤީޤުކުރަން ބޭނުންވެގެން ސުވާލުތަކެއް ކޮށްލާއިރަށް އޭނަ އެތަނުން ނިކުންނަން ބޭނުންވި އެވެ. އޭނަގެވެސް ޝައްކުތަކެއް އެބަހުއްޓެވެ. މާޒީއާ ގުޅިފައިވާ ހަނދާންތަކެއް އެބަހުއްޓެވެ. އެކަމަކު އެކަން ސަމާއަކަށްވެސް އަންގާކަށް ބޭނުމެއް ނުވި އެވެ.

ޑިއުޓީ ނިންމާފައި ނިކުތްގަޑީގައި އޭނަ އެމަސައްކަތު މީހާ ހޯދައިގެން ސުވާލުކުރި އެވެ. އޭނނަ އައިސް ހުއްޓުނުއިރަށްވެސް އެމީހާ ކަންބޮޑުވިކަން އެނގުނެވެ.

"ކަނބުލޮ ބޭބެއަކަށް ނޭނގެ އެއީ ކާކު ކަމެއް. އަންހެންކުއްޖަކު އައިސް ދޭށޭ ބުނީމަ ބޭބެ އެދިނީ..ބޭބބެއަކަށް ނޭނގެ އޭގަ އޮތް އެއްޗެއް ވެސް..." ރަމްޝާ ސުވާލުކޮށްލަންވާއިރަށް އެމީހާ އަވަހަށް ވާހަކަދެއްކި އެވެ.

ރަމްޝާއަށް އެނގުނީ އޭނަގެ ކުރިން ޖޫޒަން ވެސް އައިސް ސުވާލުކޮށްފައި ހުރިކަމެވެ. އޭނަ އެއަންހެންކުއްޖާގެ ސިފަތައް ކިޔައިދިނުމުން އެބޭބެ ކިޔައިދިން ސިފަތަކުން އަލިމަގެއް ނުފެނުނެވެ. ވިސްނުމެއްގައި ހުރެގެން ހޮސްޕިޓަލުން ނިކުތްއިރު ޔޫޝައު ކާރުގައި އައިސް މަޑުކޮށްލަނީ އެވެ. އޭނަ ނިކުމެ ދޮރުހުޅުވާލަދިނުމުން ރަމްޝާ އަރައި އިށީނދެއްޖެ އެވެ. ވެދިޔަ ކަންތަކާއި ގުޅިގެން އޭނަގެ ހިޔާލުތަކުގެ މިސްރާބު ހުރީ އޮޅިގެންވެސް ދާން ބޭނުން ނުވާ މިސްރާބަކަށެވެ. ލޯމަރައިލަމުން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލީ އެހިޔާލުތައް ހިތުންނެރެ އެއްލައިލެވޭތޯ އެވެ.

"ކިހިނެތްވީ؟" ޔޫޝައު އަރައި އިށީނދެފައި ސުވާލުކޮށްލި އެވެ.

ރަމްޝާގެ ޖަވާބު އަނެއްކާވެސް އައީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލުމަކުންނެވެ. އޭނަ ޔޫޝައު ކައިރީވެސް ބުނާކަށް ބޭނުމެއްނުވި އެވެ. ނަސީބަކުން ޔޫޝައުވެސް އިތުރަށް ބާރެއް ނާޅަ އެވެ.

***

ގެއަށް ގޮސް ވަނުމާއެކު ބީފާނު އައިސް ފައިބުޑަށް ވަދެއްޖެ އެވެ. ޖޫޒަން ބުޅާ ނަގައި އުރާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ދަބަސް މޭޒުމަތީ ބަހައްޓާފައި އެނދުގައި އިށީނދެ ބީފާނުގެ ބުރަކަށިމަތީ ފިރުމަން އިނދެގެން އެޕާރުސަލާއިމމެދު ވިސްނައިލި އެވެ. އެމެސެޖާއި މަރުވެފައި އޮތް މައިނާއިން ދޭން ބޭނުންވާ މެސެޖަކީ ކޮބައި ހެއްޔެވެ؟ އަދި އެއީ ކާކު ކުރި ވިޔާނުދާ ކަމެއް ހެއްޔެވެ؟ އެވަރުގެ ހިތްވަރެއް ހުރީ ކާކުގެ ހެއްޔެވެ؟

ބެލްކަނި ދޮރު ހުޅުވާފައި ހުރުމުން އެތެރެއަށް ވަން ކޮކާލެއް ފަހަން ބީފާނު ދިއުމާއެކު ޖޫޒަން އެއޮތްގޮތަށް އެނދުގައި އޮށޯވެލި އެވެ. އެއްކޮޅުން ކައިގެ އުދަނގުލެވެ. އަނެއްކޮޅުން މައިނާ.... ޖޫޒަން އެހިޔާލު ފުރިހަމަ ނުވަނީސް ދެލޯ މަރައި ބާރުކޮށްލި އެވެ.

"އިޓް ކާންޓް ބީ....މައިނާ އިޒް ޑެޑް.." ޖޫޒަން އެހެންބުނެލީ އަމިއްލަ ނަފްސަށް ޔަޤީންކޮށްދޭންވެގެން ބުނެލި ރާގެއްގަ އެވެ.

ފޯނު ރިންގްވާން ފެށިގެން ހީވެގެން އޭނަ ތެދުވި އެވެ. ގޮސް ދަބަސްތެރެއިން ފޯނު ނެގިއިރު ނުދަންނަ ނަންބަރަކުން ގުޅަނީ އެވެ. ޖޫޒަން ކުޑަކޮށް ޖެހިލުންވެ ހުރެގެން ފޯނު ނަގައި ކަންފަތުގައި ޖެހި އެވެ.

"ޖޫޒަން! ކައިގެ އަޑު އިވިފައި މެއަށް ފިނިވި އެވެ.

އެކަމަކު ވަގުތުން އޭނަ ފޯނު ކަނޑާލައިފި އެވެ. ކައިއާ ވާހަކަދައްކާކަށް އޭނަ ނޫޅެ އެވެ.

ފާޚާނާއަށް ވަދެ މާގަނޑު ދަށުގައި ހުރިއިރު އެރޭ ކައި ދެއްކި ވާހަކައާމެދު އަނެއްކާވެސް ވިސްނެން ފފެށި އެވެ. ކައިއަށް އޭނަގެ މަޤްސަދު އެނގުނު ގޮތާއިމެދު ސުވާލުކުރުމުން ދިން ޖަވާބު ހަނދާންވި އެވެ.

"ދަ ބެޓަ ކުއެޝަން އިޒް.... ހައު އާ ވީ ގޯއިން ޓު ވިން ހިމް ބެކް..." ކައި ދިނީ އޭނަ ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ.

ޖޫޒަން ނިންމީ އެހާ ފަސޭހައިން އޭނަގެ ކަރަށް މަޅިގަނޑު ވައްޓާލި ނުދަންނަ ޒުވާނާގެ ކޮންމެވެސް މައުލޫމާތުތަކެއް ހޯދާށެވެ. އަދި ކައި އޭނައާ އެއްބައިވާން ޖެހޭ ސަބަބެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟

ފެންވަރައިގެން ނިކުމެ ފޯނު ނެގިއިރު އިތުރު އެއް މިސްކޯލު އިނެވެ. ޖޫޒަން ޓީޝާޓަކާއި ހަރުވާޅެއް ލުމަށްފަހު ބޮލުގައި އޮތް ތުވާއްޔާއެކު ބޭރަށް ނިކުތީ ފޯނުވެސް ހިފައިގެންނެވެ. ބަނޑުހައިވެފައި ހުރުމުން ކާންވެގެން ގޮސް ބަދިގޭ މޭޒުމަތީ ހުރި ތަށިތައް މަތި ނަގަން ފެށި އެވެ. ފެން ތަށްޓެއް އަޅައިގެން ކާން ޖައްސައިލިތަނާ ބެލް އެޅި އަޑު އިވުނެވެ. އިރުކޮޅަކު އޭނަ މަޑުކޮށްލީ ދޮރު ނުހުޅުވީމައި އެމީހަކު އެނބުރި ހިނގައިދާނެތޯއްޗެކޭ ހިތަށް އަރުވައިލަމުންނެވެ. އެކަމަކު އެއީ ހަމައެކަނި އޭނައަށް ކުރެވުނު އުންމީދެކެވެ. ހާސިލެއް ނުވި އެވެ. އަތްދޮވެގެން އަލުން ކާން ކިތަންމެ ފޫހިވިއަސް އޭނަ އަތް ދޮވެލި އެވެ. ހިތްހަމަނުޖެހިފައި ހުރެގެން ގޮސް ދޮރު ހުޅުވާލުމާއެކު މޫނުމަތީ ތަފާލެއް އަޅައިލިހެން ހީވި އެވެ. ދޮރުމަތީ ހުރީ ކައި އެވެ. ޖޫޒަން ބޭނުންވީ ކައިގެ މޫނަށް ދޮރު ޖަހާށެވެ. އެކަމަކު އޭނަ ދޮރުގައި ދޮރު ކައިރިކޮށްލަން އުޅުނުއިރަށް ކައި ބާރަކަށް ދޮރު ހުޅުވާލިގޮތުން އޭނަވެސް ދިޔައީ ދެފިޔަވަޅު ފަހަތަށެވެ.

"ގެއަށް އަންނަ މެހުމާނުން ފައްސައިލަންތަ މަންމަ ދަސްކޮށްދީފަ ހުރީ؟" ކައި އެތެރެއަށް ވަންނަމުން ސުވާލުކުރި އެވެ.

"ތީ އަންއިންވައިޓެޑް ގެސްޓެއް..." ޖޫޒަން ދޮރު ލައްޕާފައި އެނބުރުނުއިރު ކައި ސޯފާގައި ޖައްސާލައިފފި އެވެ.

"އަހަރެން ކާން އިނދެފަ މިއައީ..." ޖޫޒަން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

ކައި އޭނަ ފަހަތުން އަންނަން އިރުކޮޅެއް ނެގި އެވެ. އޭނަ ފެނުމާއެކު ޖޫޒަންއަށް ކާން އުދަނގޫވި އެވެ. އާއިލާ މީހުންނާއި އެކުވެރިން ކުރިމަތީ ނޫނީ ކާކަށް ފަސޭހައެއް ނޫނެވެ. ބޭރަށް ދަތުރުގޮސް އުޅުމާއި ގޭގައި ކެއުމާވެސް ތަފާތެވެ. އެކަމަކު އޭނަ އެކަމެއް ނުދައްކަ އެވެ. އެތާ މީހަކު ހުރިކަމަށްވެސް ހަދާނުލައި ކާން އިނދެގެން އަދި އެއް އަތުން ފޯނާއި ކުޅެމުން އެއަށް ބަލަމުންދިޔަ އެވެ. ކުރިމަތީ ހުރި ގޮނޑި ދަމާލައިފައި ކައި އިށީނީމަ ވެސް އިސްއުފުލައެއްނުލަ އެވެ.

"ކޮބާ މަންމަ؟" ޖޫޒަންގެ އަތަށް ހުއްޓުން އެރީ އެސުވާލުންނެވެ.

އޭނަ ކައިގެ މޫނަށް ބަލައިލީ ލޯ ހަނިކޮށްލަމުންނެވެ. މިފިރިހެނާގެ މަޤްސަދަކީ ކޮބައި ހެއްޔެވެ؟

"ނުބުނަންޏާ އިނދޭ. އަހަރެންނަށްވެސް މިގޭގަ މަޑުކުރެވިދާނެ މަންމަ އަންނަންދެން..." ކައި ފަހަތަށް ޖެހިލައިގެން ގޮނޑީގައި ރީތިކޮށް ހަމަޖެހިލި އެވެ.

"އަހަންނަށް އަހައިލެވިދާނެތަ ކީއްކުރަންކަން؟" ޖޫޒަން ކެއުން ހުއްޓާލައިފައި ތަށި ދުރަށް ޖައްސައިލި އެވެ.

"އުހު..."ކައި ޖަވާބުދީފައި ޖޫޒަން ދެލޯ ބޮޑުކޮށްލުމާއެކު ހީގަތެވެ.

އައި ރުޅިން އޭނަ ތަށި ހިފައިގެން ގޮސް ސިންކު ކައިރިއަށް ހުއްޓިއްޖެ އެވެ. އޭނަ ތަށި ދޮވެ ނިމުނުވަގުތު ބޭރު ދޮރުހުޅުވުނު އަޑު އަހާފައި އަވަހަށް އެނބުރި ބަދިގެ ދޮރާއި ދިމާއަށް ބަލައިލެވުނެވެ. މަންމަ އައީކަން ޔަޤީނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މަންމަ އާއި ކައިއާ ބައްދަލުވާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު ހުއްޓުވާނީ ކިހިނެތް ހެއްޔެވެ؟ ހައްތަހާވެސް އަމިއްލައަށް ލިބޭ ލަނޑެވެ.

ޖޫޒަން އަތް ފުހެލާފައި ދޮރާއި ދިމާއަށް ދާން ފެށިއިރަށް ކައިވެސް ތެދުވެގެން ހިނގައިގަތެވެ. މަންމަ ކޮތަޅުތަކެއް ހިފައިގެން ވަދެ ހުއްޓުނީ ސޯފާތަކުގެ މެދުގައި ހުރި މޭޒު ކައިރިއަށެވެ. އެމޫނުން ވަރުބަލިކަން ފެންނަން ހުއްޓެވެ. ސޯފާގައި އިށީނދެލާފައި އޭނަގެ ނަމުން ގޮވާލިއިރަށް ޖޫޒަންއަށް ހިނގައިގަނެވިއްޖެ އެވެ.

"ދަރިފުޅު ގެއަށް އަތުވެއްޖެއިން ދޯ. މަންމައަށް ފެންތަށްޓެއް..." ޒީނިޔާގެ ޖުމްލަ ފުރިހަމަ ނުވަނީސް ހުއްޓައިލެވުނީ އެނބުރި ބަލައިލުމާއެކު ޖޫޒަން ފަހަތުން އަންނަންފެށި ކައި ފެނިފަ އެވެ.

ޒީނިޔާ އެވަގުތު ކޮޅަށް ތެދުވެއްޖެ އެވެ. އެޒުވާނާއަށް ބަލައިލާފައި ދަރިފުޅަށް ބަލައިލީ އެއީ ކާކުކަން ތައާރަފްކޮށްދޭން އެދޭފަދަ ބެލުމަކުންނެވެ.

"އައްސަލާމް އަލައިކުމް. އަހަންނަށް ކިޔަނީ ކައިދަން..." ކައި ޖޫޒަންގެ ފުރަގަހުން ނިކުމެގެން އައިސް ޒީނިޔާ ކުރިމައްޗަށް ހުއްޓިފައި އަމިއްލަ ތައާރަފްދިނެވެ.

ޒީނިޔާ ސަލާމް ބަލައިގެންފައި އަނެއްކާވެސް ބަލައިލީ ޖޫޒަން އަށެވެ. ޖޫޒަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނައަށް ކައި އަކީ އޭނަގެ ކާކުކަން ބުނެދޭނެ ގޮތެއް ނޭނގުނެވެ. އެކުވެރިއެކޭ ބުނާކަށް ބޭނުމެއް ނުވި އެވެ. އެއީ އެކުވެރިއެއް ނޫނެވެ. ލޯބިވެރިޔާއޭ ބުނާކަށް އަދި އަމުދުން ބޭނުމެއް ނުވި އެވެ. އެއީ އޭނަ ކައިއަށް ދިން މަޤާމެއް ނޫނެވެ. އަދި އޭނަގެ ލޯބިވެރިއަކު ހުއްޓޭ ބުންޏަސް މަންމަ ޤަބޫލުނުކުރާނެކަން ކަށަވަރެވެ.

"މާފަށް އެދެން ކުރިން އަންގާނުލައި އާދެވުނީމަ. ވާހަކައެއް ދައްކާލަންވެފަ އޮތީމަޔާ އަދި ވާހަކައިގެ ގޮތުން ފޯނުން ދެއްކީމަށްވުރެ ރަނގަޅު ކަމަށް ފެނުނީ ބައްދަލުކޮށްގެން. އެހެންވެ ދައުވަތުދޭންވެގެން މިއައީ." ކައިދަން ވާހަކަދެއްކީ ނުހަނު އަދަބުވެރިކަމާއި އިޚުތިރާމާއިއެކީގަ އެވެ.

ކުރިމަތިން ފެންނަން މިހުރީ ކާކު ބާވައޭވެސް ޖޫޒަން އިރުކޮޅަކަށް ހިތަށްއެރި އެވެ. ދެން ހަނދާންވި އެވެ. ޔޫޝައު ބައްޕަ ކުރިމަތީވެސް އޭނަ އުޅެނީ އެހެންނެވެ. ދެވަނަ ސިކުންތުގައި "ދައުވަތު" މިތަން ތަންކޮޅާއިމެދު ވިސްނާލެވިފައި ހާސްވެއްޖެ އެވެ. އަނެއްކާ އަނެއް މަޅިގަނޑު އޭނަގެ ކަރަށް ވައްޓައިލަން ކައި ތައްޔާރުވަނީ ހެއްޔެވެ؟

"އަހަރެންގެ އާއިލާގަ ބޮޑުބެ ނޫނީ ދެން ހުންނާނީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ. ދައްތަގެ ލަފާގެ މަތިން އަހަރެން މިގެއަށް މިއައީ. މިރޭ އަށްގަޑި ބަޔަށް ތައްޔާރުވެގެން ހުރީމަ އަހަރެން އަންނާނަން ޖޫޒަންމަންމަ އާއި ޖޫޒަން ބަލައި..." ކައި ޖޫޒަންގެ ވާހަކަ ބުނިއިރު ޖޫޒަން ހުރި ދިމާއަށް ބަލައިލި އެވެ.

ޖޫޒަންއަށް ކުރެވުނު ކަމަކީ ގަނޑުވެފައި ހުރެވުނީ އެވެ. މަންމަ އާއި ކައި އެކަމަށް އެއްބަސްވެ ބައްދަލުވުން ހަމަޖައްސާ ނިމިއްޖެ އެވެ. ކައި އެނބުރިލާފައި އައިސް އޭނަ ގާތަށް ހުއްޓި އަތުގައިގައި ހިފައިލާފައި މިރޭ އަންނާނަމޭ ބުނެލިއިރުވެސް ޒީނިޔާގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ. ދެން ކޮށްލީ ޖޫޒަން ހިތަށްވެސް ނާރުވާ ކަމެކެވެ. ކައި ދާންވެގެން ތުންފަތް ޖައްސައިލީ އޭނަގެ ނިތުގަ އެވެ. ދެން އެހިނގަތްމީހާ ގޮސް ބޭރަށް ނިކުމެ ގެއްލުނީ އެވެ. އެފިރިހެނާގެ އެހިތްވަރަކީ ސާބަސްދޭވަރު ކަމެކެވެ. ޖޫޒަންއަށް ހޭވެރިކަންވީ ވެސް މަންމަ އޭނައަށް ބަލަން ހުރެލާފައި ކޮތަޅުތައް ނަގައއިގެން އެތަނުން ދުރަށް ދާންފެށީމަ އެވެ. އެވަގުތު ބީފާނު އައިސް އޭނަގެ ފައިގައި އޮޅިގެންފި އެވެ.

ފައިން ވާގި ހުސްވާހެން ހީވެގެން އޭނައަށް ގޮސް ސޯފާގައި ޖައްސައިލެވުނީ އެވެ.

***

ދުވަހުގެ ބާކީގައި ރަމްޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެ އެވެ. ވިސްނާ ވިސްނާ އޭނަ ބޮލުގައިވެސް ރިއްސަން ފެށި އެވެ. ބޭސްގުޅައެއް ކައިގެން އަރައި އެނދުގައި އޮތްވާ ގުލްނާރު އައިސް ބަލީ ހެއްޔޭ ކިޔަން ފެށުމުން ތެދުވި އެވެ.. ބޮލުގައި ރިއްސާ ވާހަކަ ބުނެފިނަމަ ކަމަކާއި ފިކުރު ކުރަނީތޯ އަހައިފާނެ އެވެ. އެހެންވެ އޭނަ ބުނީ ވަރުބަލިވެގެން އަރާމުކކޮށްލަން އޮތީ ކަމުގަ އެވެ. ގުލްނާރު އެދުނީ ރޭގަނޑަށް ކޭކެއް އަޅައިދިނުމަށެވެ. އެކުވެރިންތަކެއް އަންނާތީވެ ބަދިގޭގައި ދެން އުޅޭ މީހުންވެސް ތައްޔާރުކުރަން ޖެހޭ އެއްޗެހީގެ ދިގު ލިސްޓެއް އޮތީ އެވެ. ރަމްޝާ އެއްބަސްވެ ބޯޖަހައިލި އެވެ.

އެނދުގައި އޮތްވާ ނިދިދާނެތީ އޭނަ ބުރުގާ އަޅައިގެން ކޮޓަރިން ނިކުތެވެ. ކުޑަދޮރުތައް ހުޅުވާފައި ހުރުމުން ޖެހެމުންދިޔަ ވައިރޯޅިތައް އެތެރެއަށްވެސް ވަދެ އެވެ. ރޫބީއާ ދެންއުޅޭ ދެމީހުން ފޯރީގައި މަސައްކަތް ކުރަމުންދިޔަ ވަރަކަށް އެމަސައްކަތާއިއެކު އެމީހުންގެ އަނގަވެސް މަސައްކަތް ކުރެ އެވެ. ރަމްޝާއަށް އެދައްކާ ވާހަކަތަކުން އިވެނީ ތަންކޮޅުކޮޅެވެ. އޭނަގެ ހިޔާލުތައް ވީ އޭނަގެ އަމިއްލަ ދުނިޔެއެއްގަ އެވެ. އެހިޔާލުތައް ކޮންމެ ފަހަރަކުވެސް ގޮސް ނިމެނީ ހެނދުނު ޖޫޒަންއަށް ހަދިޔާކުރެވުނު މައިނާ އަށެވެ.

މަސައްކަތުގައި އުޅެނިކޮށް ޔޫޝައު ގެއަށް ވަދެގެން ގޮސް ބޭރުގައި ހުރި ލައުންޖް ގޮނޑިއެއްގައި އިށީންނަނިކޮށް އޭނައަށް ފެނުނެވެ. އޭރު އިރު އޮއްސި އަނދިރިވެއްޖެ އެވެ. ޔޫޝައު އެއައީ މަޣްރިބް ނަމާދުން ކަމަށް ވެދާނެ އެވެ. ރަމްޝާގެ ސަމާލުކަން ދެވުނީ އަނދިރީގައި ޔޫޝައު ގޮސް އެތާ އިނީމަ އެވެ. ބަދިގެއިން ނިކުމެފައިވާ އަލި ނެތްނަމަ އެތަން އަދި މާ އަނދިރިވާނެ އެވެ. ދުރުބަލަން އިންގޮތުން ހީވަނީ ފިކުރެއްގައި އިންހެންނެވެ. އެކަމަކު ޔޫޝައު އެހާ ފިކުރު ބޮޑުވާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟

ކޭކު އަވަނަށް ލައިފައި އަވަހަށް އަތް ދޮވެލައިގެން އޭނަ މިސްރާބު ޖެހީ މައްޗަށެވެ. އިޝާ ނަމާދަށް ނުގޮވަނީސް އަވަހަށް މަޣްރިބު ނަމާދުކޮށްލެވޭތޯ އަވަސްވެގަތެވެ. ކިތަންމެ ބަލައިގެން އުޅެން ބޭނުންވިއަސް ބައެއްފަހަރު ނަމާދު ކުރެވެނީ ފަހު ވަގުތުގަ އެވެ. އެކަމާއި އޭނަ ދެރަވެ އެވެ.

ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނިކުތް ކުއްޖާގެ ދެފައި ބިމުގައި ތަތްވީ ބެލްކަންޏާއި ދިމާއިން އިވުނު އަޑަކުންނެވެ. ވިސްނަން ހުއްޓާ ދެވަނަ ފަހަރުވެސް ހަމަ އެއަޑު އިވުނެވެ. އޭނަ ޖެހިލުންވެ ހުރެގެން ގޮސް ބެލްކަންޏަށް ނިކުތުމާއެކު އުދުހިލާފައި އައިސް ރެއިލިން މައްޗަށް ތިރިކުރި މައިނާ ފެނުނެވެ. އެވަގުތު މޭގަނޑު އައީ ފިނިވެގެންނެވެ. ކުއްލިއަކަށް ތިރިން މީހަކު ފެނުނުހެން ހީވެގެން ބަލާލިއިރު އަންހެންކުއްޖަކު ގޮސް އަނދިރީގެ ތެރެއަށް ގެއްލެނީ އެވެ.

ނުނިމޭ

ދިގު ވާހަކަ

Popular