By: Mariyam Yasma
އޭނާ ޖެހިލުންވެ ހުރެގެން ގޮސް ބެލްކަންޏަށް ނިކުތުމާއެކު އުދުހިލާފައި އައިސް ރެއިލިން މައްޗަށް ތިރިކުރި މައިނާ ފެނުނެވެ. އެވަގުތު މޭގަނޑު އައީ ފިނިވެގެންނެވެ. ކުއްލިއަކަށް ތިރިން މީހަކު ފެނުނުހެން ހީވެގެން ބަލާލިއިރު އަންހެންކުއްޖަކު ގޮސް އަނދިރީގެ ތެރެއަށް ގެއްލެނީ އެވެ. ރަމްޝާއަށް ދެން އަނެއްކާވެސް ބަލައިލެވުނީ ރެއިލިން މަތީ އިން މައިނާ އަށެވެ. އެވަގުތު ކޮންމެވެސް މީހަކު ފަހަތުން އޭނަގެ ކޮނޑުގައި ހިފައިލުމުން ސިއްސައިގެން ދިޔަ އެވެ.
"އަނެއްކާ ބިރުގަންނަވާލެވުނީތަ؟" ރަމްޝާ އެނބުރުނުއިރު އެ މޫނު ހުރިގޮތް ފެނިގެން ޔޫޝައުއަށް އަހައއިލެވުނެވެ.
"ޕްލީޒް ޔޫޝައު! ތިހެން އައިސް ކޮންމެފަހަރަކު އަހަރެން ބިރުނުގަންނަވަބަ!" ރަމްޝާ މޭގައި އަތް އަޅާލައިގެން ހުރެ ހިތްހަމަނުޖެހުމާއެކު އެދުނެވެ.
"އޯލްރައިޓް. އައިމް ސޮރީ..." ޔޫޝައު ދެއަތް އަމާނަށް ނަގަމުން މާފަށް އެދުނެވެ.
"ޔޫ ނެވަ ލުކް ސޮރީ..." ރަމްޝާ އަނގައަށް ގޮތެއް ހަދައިލި އެވެ.
ޔޫޝައު ހިނިތުންވުން ފޮރުވާލުމުގެ ގޮތުން ކެއްސައިގަތް ކަމަށް ހަދާފައި އަތްމުތްކަވާލައި އަނގަމަތީ އެޅި އެވެ. އެވަގުތު މައިނާ މަތިން ހަނދާންވެގެން ރަމްޝާ އެނބުރުނުއިރު އޭތި އުދުހިފައި ދުރަށް ދަނީ އެވެ.
"ފެނުނުތަ އެދޫނި؟" ރަމްޝާ ބޭނުންވީ އޭނަ ހެނދުނު ވީ ކަންތަކާއި ބިރުން ހީވިގޮތެއް ނޫންކަން ޔަޤީންކުރާށެވެ.
"މައިނާ؟..." ޔޫޝައު ސުވާލުކޮށްލިގޮތުން ރަމްޝާ ސިހިފައި އެމޫނަށް ބަލައިލި އެވެ.
"މައިނާ..." ރަމްޝާ ބޯޖަހައިލަމުން އެއްބަސްވި އެވެ. ޔޫޝައުގެ މޫނަށް ފަރުވާވެ ބެލިނަމަވެސް އެމޫނުނން އޭނައަށް އެއްވެސް ތަފާތުކަމެއް ނުފެނުނެވެ.
ގުލްނާރުގެ އެކުވެރިންނަށް ތައާރަފްވެލަން އިރުކޮޅަކަށް ތިރިއަށް ދާން އެދިފައި އޮތުމުން ރަމްޝާ އުޅުނީ ހެދުމެއް އިސްތިރިކޮށްލަންވެގެންނެވެ. ޔޫޝައު އެނދަށް އަރާ އިނީ އުނގަށް ލެޕްޓޮޕް ލައިގެން ކޮންމެވެސް މަސައްކަތެއްގަ އެވެ. އަތްފޯރާ ފަށުގައި ސައިޑު ޓޭބަލްމަތީ ހުރި ކޮފީތަށި ނަގާފައި އިރުއިރުކޮޅުން ކޯވަރެއް ބޯލަ އެވެ. މަސައްކަތުގައި ހުރިއިރު ރަމްޝާގެ ހިޔާލުތަކުގައި ވީ ހަމަ އެންމެ ހާދިސާއެކެވެ. އެއީ ކުއްޖަކު މަޖަލަކަށް ކޮށްލި ސަމާސައެއް ނޫންކަމާއި އަންނަން އުޅޭ ތޫފާނުގެ ރަތް ސިގްނަލެއްގެ ގޮތުގައި ސިކުނޑި އަންގަނީ އެވެ. އެދެމެދަށް ކިތަންމެ ބޯ ފާރެއް ހުރަސްވެފައި ވިއަސް ޖޫޒަންއަށް ގުޅައިގެން މަޝްވަރާ ކުރަން ސިކުނޑި ލަފާދިނެވެ.
ރަމްޝާ ކުޑަކޮށް މޭކަޕްކޮށްލައިގެން ތައްޔާރުވެގެން ތިރިއަށް ދިޔައިރު މައިދައިތަގެ އެކުވެރިން އަތުވެއްޖެ އެވެ. ގުލްނާރުން އެކުވެރިންތައް ސޯފާތަކުގައި ބައިތިއްބައިގެން އެންމެންގެ މެދުގައި އިނީ ނިކަން އުފާވެފަ އެވެ. ރަމްޝާ ސިޑިން ފޭބިތަން ފެނިގެން އަވަހަށް އައިސް ރަމްޝާ އަތުގައި ހިފާލައިގެން އެމީހުން ކައިރިއަށް ގެންދިޔަ އެވެ. ފަހަރަކު މީހަކަށް ޅީ ދަރިފުޅު ތައާރަފްކޮށްދީފައި ގުލްނާރު އާއި ޖެހިގެން ކައިރީގައި ބެއިންދި އެވެ. ގަދައަށް މޭކަޕްކޮށްގެން އަގުބޮޑު ގަހަނާއިން ތަނަވަސްކަން އިޝްތިހާރުކޮށްގެން ތިބެގެން ފަހަރަކު މީހަކު ރަމްޝާއާ ސުވާލުތައް ކުރި އެވެ.
"ދެން ކޮންއިރަކުން ކުއްޖަކު ހޯދަނީ؟" އެތަނުން އެކަކު އިނދެ އިނދެފައި ކުއްލިއަކަށް އެހި އެވެ.
ރަމްޝާގެ ހަށިގަނޑުގައި ހުރިއްޔާ ހުރި ލެއެއް މޫނަށް ޖަމާވި ކަހަލަ އެވެ. ރަކިވެގެން އިސްޖެހުނުގޮތަށް އިސްއުފުލައިލާކަށްވެސް ނުކެރުނެވެ. އެންމެންގެތެރޭގައި އެކަހަލަ ސުވާލުކުރަނީ ކާކު ހެއްޔެވެ؟ އަންހެންވެރިންނާއި ނުބެހޭ ކަމެއް އޮވޭ ހެއްޔެވެ؟ ގަތްލަދާއިއެއްވަރަށް ފާޑެއްގެ ރުޅިއެއްވެސް އައެވެ. އެކަމަކު އޭނަ އެތެރެއަށް ހިންދައިލަން މަސައްކަތް ކުރި އެވެ. ގުލްނާރު ނަސީބަކުން ކާންހެދިއްޖެތޯ ބަލައިލަން ދާށޭ ކިޔާފައި ސަލާމަތްކޮށްގެން އެތަނުން ފޮނުވާލައިފި އެވެ.
އެނބުރި އައިސް ކޮޓަރިއަށް ވަންއިރު ރަމްޝާ ހުރީ އަދިވެސް އެ ހިތްހަމަނުޖެހުމުގަ އެވެ. ދޮރުޖަހާފައި އެނބުރުނުއިރު ނަސީބަކުން ޔޫޝައު ކޮޓަރިއަކު ނެތެވެ. ގެއިން ނިކުމެގެން ނައްޓައިލީ އޭނަ ބަދިގޭގައި ގޮސް މަޑުކުރި ގަޑީގައި ކަމަށްވެދާނެ އެވެ. ޝޯލް ނަގާފައި ކަކުލާއި ހަމައަށް ހުރި ކުރުތާއަކާއި ފުޅާ ހަރުވާޅަކަށް ބަދަލުކޮށްލުމަށްފަހު އޭނަ އެނދުގައި އިށީނދެލީ ފޯނު އަތަށް ނަގައިގެންނެވެ. ވިސްނަ ވިސްނާފައި ހިޔާލު ބަދަލު ނުވަނީސް ޖޫޒަން ނަންބަރަށް ގުޅާލި އެވެ.
ފޯނު ރިންގް ވާން ފެށިއިރު ޖޫޒަން އުޅެނީ ފާޚާނާގަ އެވެ. ކައިދަން ބަލައި އަންނަން ބުނި ގަޑިޖެހެން އޭރު އަދި ދިހަ މިނިޓު ހުއްޓެވެ. އޭނަ މަންމަ ހޯދަން ބޭރަށް ނިކުތްއިރު ރިންގް އަޑު ކެނޑިއްޖެ އެވެ.
"މަންމާ! މަންމަ ކޮންމެހެން ނުދިޔަސް ރަނގަޅު..." ޖޫޒަން ކޮޓަރި ހުޅުވާލައިފައި ބުނަން ފެށި ޖުމްލަ ފުރިހަމަނުކޮށް ހުއްޓައިލި އެވެ.
ރީތިވާ މޭޒުކައިރީގައި މަންމަ ހުރީ ތައްޔާރުވެ ނިމިފަ އެވެ. އޭނަ ވާހަކަދެއްކި އަޑަށް އެނބުރުނީ އެތާ އޮތް ފޯނުވެސް އަތަށް ނަގައިގެންނެވެ. ޖޫޒަން އޭރު އަދި ހުރީ ދޫ ޓީޝާޓްގަނޑަކާ އެކު ތިރިން އުނުގައި ތުވާޔެއް އަނދެގެންނެވެ. އެ ދެފައި ހާމައަށެވެ. އޭނަ ހައިރާންކަމުގައި ބަލަން ހުއްޓާ ބެލް އަޅާލި އަޑު އިވުނެވެ. މަންމަ އާއި ދެމީހުންނަށް އެއްފަހަރާ އަޑުއައި ދިމާއަށް ބަލައިލެވުނެވެ.
"ދޭ އަވަހަށް ތިޔަ ގަޔަށް ހެދުމެއް ލާން..." ޒީނިޔާ ދޮރާ ދިމާއަށް ހިނގައިގަންނަމުން ބުނެލި އެވެ.
މަންމަ އައިސް އޭނަގެ ކޮނޑުގައި ހިފާ އެއްފަރާތްކޮށްލާފައި ނިކުމެގެން މައިދޮރާއި ދިމާއަށް ދިޔައިރު ޖޫޒަން ހުރީ ބަލަހައްޓައިގެންނެވެ. ދެން އެދޮރު ނުހުޅުވެނީސް އަވަހަށް ގޮސް ކޮޓަރިއަށް ދެމިގެންފި އެވެ. މަންމަ ދޮރުހުޅުވުމަށްފަހު ވާހަކަދައްކަން ފެށި އަޑު އިވުނެވެ. އަދި މަންމަ ބުނި އެއްޗަކަށް ކައިދަންވެސް ޖަވާބުދިނެވެ. ސާފުނުވީ ކީ އެއްޗެކެވެ. ޖޫޒަން އަވަހަށް އަލަމާރި ތެރޭ ހުރި ކޮނޑުތައް ފަރާތް ފަރާތަށް ޖައްސާލައިފައި ނެގީ ބޭރު ބަޔަކާ ބައްދަލުކުރާއިރު ލާން އެންމެ އެކަށޭނަ ހެދުމެކެވެ. ރަމްޝާ ހަދިޔާކުރި ހެދުމެއްކަން ހަނދާންވެފައި އިރުކޮޅަކު ބަލަން ހުރެވުނެވެ. އެކަމމަކު ހިޔާލު ބަދަލުވުމުގެ ކުރިން ކޮނޑުން ވަކިކޮށްލާފައި ނަގައި ލައިފި އެވެ.
އަތްދިގު ވަޅުފެހިކުލައިގެ ހެދުން އޭނަގެ ފައިގެ ތަބިކަށްޓާ ހަމައަށް ހުއްޓެވެ. އޭނަ އާންމުކޮށް ބޭރަށްދާން ލައި އުޅޭ ހެދުންތަކަށްވުރެ ގަޔަށް ދުލެވެ. އިސްތަށިގަނޑު ހުޅިއަކުން ހައްޔަރުކޮށްލާފައި މޫނުގެ ދެފަރާތުން ފޭބި ކުރު އިސްތަށިތައް ކަންފަތްކައިރިއަށް ލައްވައިލި އެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލައިފައި އެބޮޑު ދެލޮލުގައި އަނދުން އަޅައިލި އެވެ. ފަންސޫރަކުން ބުމަވެސް ރީތިކޮށްލި އެވެ. ހެދުމުގައި އެއްވެސް މަންޒަރެއް ނެތުމުން ފަޅުކަން އިހްސާސްވެގެން މޭމައްޗާއި ހަމައަށް ހުރި ދިގު ފަށެއް އަޅައިލި އެވެ. ނިކުންނަންވެގެން ފޯނު ނެގިއިރު ރަމްޝާގެ މިސްކޯލު ފެނުމުން ހުއްޓުން އެރި އެވެ. މަންމަ އޭނަ ލަސްވެގެން ޓަކި ޖެހީ އެވަގުތެވެ.
އެދޮރާއި ދިމާއަށް ބަލައިލާފައި އޭނަ ދެން އަވަސްވެގަތީ ނިކުންނާށެވެ.
ބޭރަށް ނިކުތްހާއިރުން އަނެއްކާވެސް މަޑުޖެހުނީ ސޯފާގައި އެއްފައިމައްޗަށް އަނެއްފައި ލައިގެން އިން ކައިދަން ފެނިފަ އެވެ. އަތްދިގު ކަޅު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު އެ ފަންއިސްތަށިގަނޑު ފަހަތަށް ފުނާ އަޅާލާފައިވާ ގޮތުން ކަންނޭނގެ އެވެ. މިރޭ މާ ބޮޑަށްވެސް ސީރިއަސްވައްތަރުޖަހާލައިފި އެވެ. ފެނިފައި ބަލާމީހުން އަމިއްލަ ނަފްސް ހަނދާން ނެތޭފަދަ ފުރިހަމަ ސޫރައެވެ. ކަޅުކުލައިގައި އަދި އެސިފައަށް ފުރިހަމަކަން އިތުރުވެފައި ވިއެވެ.
ކައިދަން ކޮޅަށް ތެދުވީ އޭނައަށް ކުރި އަސަރު އެނގޭކަން ހާމަވާފަދަ ހިނިތުންވުމަކާއެކުގަ އެވެ.
"ޔޫ ލުކް ބެޓާ..." ކައި އޭނަގެ ފައިން ފެށިގެން ބޮލަށް ކަޅި ހިންގާލައިފައި ބުނެލި އެވެ.
ޖޫޒަންއަށް އިޚުތިޔާރެއްނެތި ހުނ އޭ ބުނެލެވުނެވެ. ދެން އަވަހަށް ގޮސް ފައިވާން ހަރު ކައިރިއަށް ތިރިވެލާފައި އެތާހުރި އެންމެ ހައިހީލްއަށް އަރައިގެން އައިސް ކައި ކުރިމައްޗަށް ހުއްޓުނެވެ. އެފައިވާނުގައި އޭނަގެ ދިގުއިސްކޮޅަށް އިތުރުވި އިންޗިކޮޅާއެކު ކައިގެ މޫނާއި އެއްލެވެލް އަކުން އެމޫނަށް ބަލައިލަން ލިބުމުން ފަހުރުވެރިކަމަކާއި އަމިއްލަ ނަފްސަށް ޔަޤީންކަން އިހްސާސްވި އެވެ.
ޒީނިޔާ ނިކުމެގެން އައީ ތަބަކެއްގައި ފެންތަށްޓެއް ބަހައްޓައިގެންނެވެ. މަންމައަށް ތަންދޭންވެގެން އޭނަ އެއްފަރާތަކަށް ޖެހިލި އެވެ. ކައި ޝުކުރުއަދާކޮށްފައި ފެންތަށި ނަގައި މެދާހަމައަށް ބޮއިލައިފައި ހީވީ ބަހައްޓަން އުޅުނުހެންނެވެ. އެކަމަކު ދެން އަނެއްކާވެސް ދެ ކޯވަރަކުން ހުސްކޮށްލި އެވެ. އިސްރާފުނުކުރާ މީހަކީތާއޭ ހިތަށްއަރާފައި ޖޫޒަން ބަލަން ހުއްޓެވެ.
ޖޫޒަން ހީކުރިހެން ކައި އެމީހުން ގެންދިޔައީ އަޒީމްއާއި ދެމީހުން އެކަނި އުޅޭ އެޕާޓްމެންޓަކަށް ނޫނެވެ. އެކަމަކު ހަމަ އެއިމާރާތުގައި ހުރި އެހެން ބަޔަކަށެވެ. ބެލް އެޅުމުން ދޮރު ހުޅުވީ މެދު އުމުރަށްދާ ތައިލެންޑް މީހެކެވެ. އެކަމަކު ހެދުން އަޅާފައި ހުރީ ދިވެއްސެއްފަދައިންނެވެ. ހައުސްކޯޓާއެކު ބުރުގާ އަޅައި ނިވާވެފަ އެވެ. ކައި ސަލާމް ގޮވާލައިފައި އެމީހާ ސަލާމް ބަލައިގަތުމުން އެތެރެއަށް ވަދެ އެމީހުން އިށީންނަން ތަން ދައްކާފައި ކޮޓަރިއަކާއި ދިމާއަށް ގޮސް ޓަކި ޖަހައިލި އެވެ.
ކައިގެ އެޕާޓްމެންޓާއި ތަނުގެ ހަތަރުފާރާއި ކޮޓަރިތަކުގެ ތަރުތީބު އެއްގޮތަސް އެތެރެއިން ފެނުނީ މުޅިން ތަފާތު ކުލަވަރެކެވެ. ކައިގެ ފޮތް ހަރުގައި ހުރި ވާހަކަފޮތްތަކާއި މައުލޫމާތު ފޮތްތަކުގެ ބަދަލުގައި އެތަނުގައި ހުރި ކުޑަ ހަރުގައި ޖޫޒަން އުމުރުގައިވެސް ނުދެކޭހާ ގިނަ ދީނީ ފޮތްތައް ހުއްޓެވެ. ފާރުގައިވެސް ޤުރުއާނުގެ ރީތި އާޔަތްތައް ލިޔެފައިވާ ކެންވާސްތަކެވެ. ސޯފާތަކުގެ މެދުގައިވާ ކުޑަ މޭޒުމަތީ ހުރި ވާސްގައި ތާޒާ ފިނިފެންމަލެވެ. ޖޫޒަންމެން ދެމައިން ސޯފާގައި އެކަކު އަނެކަކާއި ކައިރީގައި އިށީންތަނާ ދޮރެއް ހުޅުވުނެވެ.
ދެމައިންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލި ވަގުތު ކޮޓަރިން ނިކުތީ ކަޅުކުލައިގެ އަބަޔާ ހެދުމާއި ބޮޑު ބުރުގާއެއްގައި ހުރި ޒުވާން އަންހެނެކެވެ. ހަނދެއްފަދަ އެމޫނާއި އުރުގައި އިން އަހަރެއްހާ ދަރިފުޅުގެ މޫނުކޮޅު ވައްތަރެވެ. ކައި ފެނުމުން އެމޫނަށް ވެރިވި އުފާވެރި ހިނިތުންވުމާއެކު ސަލާމް ގޮވާލައިފައި ވާހަކަދެއްކިތަން ފެނުނެވެ. ކައި އެސަލާމުގެ ޖަވާބުދިނެވެ. ދެން އޭނަ ބުނި އެއްޗަކާއިއެކު އަންހެންމީހާގެ ނަޒަރު ޖޫޒަންމެން ތިބި ދިމާއަށް ދަތުރުކޮށްލި އެވެ.
ކައިދަންގެ ދައްތަ އައިސް ސަލާމް ގޮވާފައި އަމިއްލަ ތައާރަފްދިނެވެ. ނަމަކަށް ބުނީ މިޒްނާ އެވެ. ފަހަތުން ކައިވެސް އައިސް ވަކިން ހުރި ސޯފާގައި ޖައްސައިލި އެވެ. މިޒްނާމެން ދެމައިން އިށީނީއްސުރެ ޖޫޒަންގެ ނަޒަރު ހުރީ މިޒްނާ އުނގުގައި އިން ފުށްގަނޑަށެވެ. އެއް އަތުގައި ކުޅޭ އެއްޗެއް އޮތަސް ތުއްތު މަލީކްގެ ކަމަކީ އަނެއް ހޭވައްޓާލައިފައި އަނެއްއަތުގެ ޝަހާދަތްއިނގިލި ބުއިމެވެ. މީހަކު ވާހަކަދައްކާއިރަށް އެމީހެއްގެ މޫނަށް ބަލާފައި ހެއެވެ. މަލީކްއަށް ހީވަނީ އެންމެން މާޒްއާ ވާހަކަދައްކާހެންނެވެ.
"އަހަރެން އުރާލިއަސް ހެޔޮތަ؟" މިޒްނާ ނޯކަރަކަށް ގޮވާލައިފައި އަޑު ނީވިގެން ހޯދަންދާން ތެދުވުމާއެކު ޖޫޒަން ހުއްދައަކަށް އެދުނެވެ.
މިޒްނާ އެރީތި ހިނިތުންވުމާއެކު ބޯޖަހާލައިފައި ޖޫޒަން އަތަށް މަލީކް ދިނެވެ.
"ހެލޯ ލިޓްލް ކަޕްކޭކް! ކީއްވެތަ އިނގިލި ތިބޮނީ؟ ލިޓްލް މަފިން ބަނޑުހައިވީތަ؟" ޖޫޒަން ކަކޫމަތީ މަލީކް ބައިންދައިގެން އެމޫނަށް ބަލާފައި ވާހަކަދެއްކި އެވެ. މަލީކްއާ ވާހަކަދައްކަން ފެށުމުން އޭނަގެ އަޑާއި ރާގަށްވެސް ހުރީ ބަދަލު އައިސްފަ އެވެ. ކައިރީގައި އިން ޒީނިޔާވެސް ހިނިތުންވެފައި މަލީކްގެ ހަރަކާތްތަކަށް ބަލަނީ އެވެ. ދެން އިނީ ކައި އެވެ. ކކައި އެތާ އިންކަމެއްވެސް ޖޫޒަން ހަނދާންނެތެވެ.
"މަންމަ އަޅެ ލޯއްބެއްނު... ހަމަ ކާލާހިތްވަނީ...." ޖޫޒަން މަންމައަށް ބަލާފައި އަނެއްކާވެސް މަލީކްއަށް ބަލައިލަމުން ކޯތާފަތުގައި ބޮސްދިނެވެ.
މިޒްނާ އެނބުރި އައިސް އިށީނދެފައި ލޮލުގެ އިޝާރާތުން ކައި ކައިރީ ކޮންމެވެސް އެއްޗެކޭ ބުނެލި އެވެ..
"ދުވަސްކޮޅެއްވެއްޖެ ކައިދަން އައިސް އަހަރެން ކައިރީ ޖޫޒަންގެ ވާހަކަދެއްކިފަހުން. އެއިރުން ފެށިގެން އަހަރެން މިހުންނަނީ ބައްދަލުކުރަން ބޭނުންވެފަ. އޭނަ ފުރަތަމަ ފަހަރަށް އަދި އަންހެންކުއްޖެއްގެ ވާހަކަ އައިސް އަހަރެން ކައިރީ ބުނީ. އަދި ބުނީވެސް އިންނަން ބޭނުން ވާހަކަ. އެއީ ކަންނޭނގެ އަހަރުމެން ދީން ވެސް ބާރު އަޅާ ގޮތަކީ. އެކަމަކު އަހަރެން ބުނީ ފުރަތަމަ ވާނެއޭ އާއިލާއާ ބައްދަލުކޮށް ދެމީހުންގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަދައްކާ ދެފަރާތުގެ އެއްވެސް އިއުތިރާޒެއް އޮތްތޯވެސް ބަލަން..." މިޒްނާގެ ވާހަކައިގެ ވަކި ހިސާބަކުން ޖޫޒަންގެ ނަޒަރު އެމޫނަށް ހުއްޓުނެވެ.
އެހިތް ބާރު ބާރަށް ތެޅެމުންދިޔައިރު ދެއަތް ފިނިވަމުން އައެވެ. ހިތްހަމަޖެހިފައި މިޒްނާގެ ވާހަކައަހަން އިން މަންމަގެ މޫނުން މިޒްނާއަށް ބަދަލުކޮށްލާފައި އެންމެފަހުން އޭނަ ބަލައިލީ ކައި އަށެވެ. ކައި އިސްޖަހައިގެން އިނީ އެމީހުންގެ ވާހަކަ އަޑު އަހަން ކަހަލަ އެވެ. ޖެހިގެން ހުރި ސޯފާގައި އިނުމުން ޖޫޒަން އެހެން މީހުންނަށް ނޭނގޭނެހެން ކައިގެ ފައިގައި ފައިން ޖަހައިލި އެވެ. ކައި އޭނައާ ދިމާއަށް މޫނު އަނބުރާލުމާއެކު ހަމައެކަނި އަނގައިގެ ހަރަކާތުން "ވަޓް ދަ ހެލް" އޭ ބުނެލި އެވެ. އެވަގުތު ކައި ކޮށްލި ކަމަކީ އެއްލޯ މަރައިލުމެވެ.
"މާފުކުރައްވާ އެކަމަކު ކައިދަންއާ އަހަރެންގެ މެދުގައި އަދި ތިފަދަ ވާހަކައެއް ދެކެވިފައެއް ނެތް..." ޖޫޒަންއަށް އިތުރަށް އަނގަ ހިމޭނުންލައިގެން ނީނދެވިގެން ކޮޅަށް ތެދުވެފައި ބުނެލި އެވެ.
މިޒްނާ އާއި ޒީނިޔާގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެވަގުތު ކައި ދަތްދޮޅީގައި އަތް ފިރުމައިލަން އިނދެފައި ތެދުވެގެން އައިސް ޖޫޒަން ކުރިމައްޗަށް ހުއްޓުނެވެ. އޭނަ ޖީބަށް އަތް ކޮށްޕާލައިފައި ނެގި ކުޑަ މަހުމާ ފޮށްޓެކެވެ.
"އަހަރެން ހިތަށް އެރީ ފުރަތަމަ ދެފަރާތުގެ އާއިލާ ބައްދަލުކުރުވާފައޭ ޖޫޒަން ކައިރީ އިންނަން އަހާނީ. އަހަރެން ސީރިއަސްވަރު އަންގައިދޭން ބޭނުންވި ގޮތަކީ އެއީ.." ކައި ދައްތަ އާއި ޒީނިޔާއަށް ނަޒަރެއްދީފައި ވާހަކަދެއްކި އެވެ.
ދެން މަހުމާފޮށި ހުޅުވާލައިފައި ނެގި އަނގޮޓި ދެއިނގިލި ދޭތެރޭ ހިފަހަށްޓައިލަމުން ޖޫޒަންއަށް ނަޒަރރު ހުއްޓައިލި އެވެ. ޖޫޒަން އަދިވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކައި އެއަނގޮޓި ދައްކާލުމުން އަދި ފަހަތަށްވެސް ޖެހިލެވިއްޖެ އެވެ. އެވަގުތު މިޒްނާ ކުރިއަށް ޖެހިލައިފައި މަލީކް އުރާލި އެވެ.
އެންމެންގެ ނަޒަރު އެމޫނަށް ހުއްޓިފައި ވަނިކޮށް ކައިދަން ޖޫޒަންގެ ތިރިކޮށްލެވިފައިވާ އަތްތިލައިގައި ހިފާ އުފުލާލައިފައި ކަށި އިނގިލީގައި އަނގޮޓި އަޅުވައިލި އެވެ. "ބޭނުން ނޫނިއްޔާ ނަގައި އެއްލައިލަންވީ!" ކައި އެހެން ބުނެލާފައި އޭނަގެ ލޮލަށް ބަލަން ސިކުންތުކޮޅަކު މަޑުކޮށްލި އެވެ. ދެން ގޮސް ކުރިން އިންތަނުގައި އިށީނދެއްޖެ އެވެ.
ޖޫޒަން އެނބުރުނުއިރު މަންމަ އާއި މިޒްނާ ހިނިތުންވެފައި އެކަކު އަނެކަކަށް ބަލައިލަނީ އެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ޖޫޒަންއަށް އިށީނދެލެވުނެވެ. ހަމަކުއްލިއަކަށް އޭނަގެ ސިކުނޑި ސުމަކަށް ހިނގައްޖެ އެވެ. އަނގޮޓި އެޅުވުނު އަތްތިލަ މުށްކަވާލައިފައި ގެނެސް އުނގުތެރެއަށް ލީއިރު އެއަނގޮނޓީގެ ފިނިކަން އޭނަގެ މުޅި ޖިސްމުވެސް ފިނިކޮށްލަން އުޅޭކަހަލަ އެވެ. ގޭގައި ގެންގުޅޭ މީހާ އައިސް ކާންހެދުނުކަން އަންގައިލުމާއެކު މިޒްނާ އެމީހުން ގޮވައިގެން ކާކޮޓަރިއަށް ދިޔަ އެވެ. އެވަގުތު މިޒްނާގެ ފިރިމީހާވެސް އަތުވެއްޖެ އެވެ. ޚާލިދު މާފަށް އެދުނީ ބައްދަލުވުން ދިގުވެގެން އެމީހުންނާއި ބައިވެރިވާން އަވަހަށް ނާދެވުނުކަމަށްޓަކައެވެ. އަގޮނޓި އެޅުވި ވާހަކަ މިޒްނާ ބުނުމުން ޚާލިދު ހިނި އައިސްފައި ކައިދަންގެ ކޮނޑުގައި ޖަހާލި އެވެ. އޭނަ ދެން މިސްރާބު ޖެހީ ހެދުން ބަދަލުކުރަން ކޮޓަރިއާ ދިމާއަށެވެ.
ޖޫޒަން އެތެރެއަށް ވަންނަން ދިޔައިރު ކައި ހުރީ ފަހަތުގަ އެވެ.
"ޔޫ ބެޓަ ކޯޕަރޭޓް....!" ކަންފަތްދޮށުގައި އެއީ ކައި ދިން އިންޒާރެއްފަދަ އެވެ.
ޖޫޒަން ސިހިފައި ބަލައިލި ވަގުތު ކައި ގޮސް ގޮނޑިއެއް ދަމާލައިގެން ޖައްސައިލި އެވެ. އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ މާނައަކީ ކައި މިހާރު އެކުރި ކަމަކީވެސް ހަަމަ އޭނައަށް ޔޫޝައު ހޯދަދޭންކުރާ މަސައްކަތުގެ ބައެއް ހެއްޔެވެ؟
އެނބުރި އައިމަގުމަތީގައި ޖޫޒަންއަށް ބެލުނީ ފޯނަށެވެ. ހާއްސަކޮށް ރަމްޝާގެ މިސްކޯލު އިނުމުން ގުޅަން ހިތަށްއެރި އެވެ. އޭނަ އެކުވެރިއެއްގެ މަޝްވަރާއަށް އެންމެ ބޭނުންވިވަގުތު ރަމްޝާ އެވަނީ އެންމެ ދުރުގަ އެވެ. އެހެން ހުރިހާ ދުވަހަކު ނުވާވަރަށް ރަމްޝާގެ ފަޅުކަން އިހްސާސްވެ ހިތުގައި ޖެހުނެވެ. އޭނަ އުމުރު ދުވަހުވެސް ޤަބޫލުކުރީ އެއެކުވެރިކަމަށް ނިމުމެއް ނާންނާނެ ކަމުގަ އެވެ. އެދެމެދަށް ވަދެވޭނެ އެކަކުވެސް ނުވާނެ ކަމުގަ އެވެ.
ގެއާ ހަމައިން މަންމަ ކައިއާ ވާހަކަދައްކާލައިފައި ވަނުމުން ޖޫޒަންއާއި ދެމީހުން އެކަނިވި އެވެ. އެކކަމަކު އެވަގުތު އެއީ އޭނަ ކައި އާ ވާހަކަދައްކަން ހުންނަން ބޭނުންވި ވަގުތެއް ނޫނެވެ. ކުއްލިއަކަށް ސިކުނޑި މާބޮޑަށް ވަރުބަލިވެއްޖެ ކަހަލަ އެވެ. އޭނަ ދާން ހިނގައިގަތުމުން ކައިވެސް ނަސީބަކުން ނުހުއްޓުވަ އެވެ.
ކޮޓަރިއަށް ވަދެ ބީފާނު އުނގުމައްޗަށް ލައިގެން ގޮނޑީގައި އޮވެ އޮވެފައި އެންމެފަހުން ރަމްޝާ ނަންބަރަށް ގުޅި އެވެ. ދެތިންފަހަރު ރިންގްވީތަނާ ރަމްޝާ ފޯނު ނަގައިފި އެވެ.
"ހަލޯ ޖޫ...؟" ރަމްޝާ ހުރީ ނޭވާ ކުރުވެފަ އެވެ.
"ގުޅާފަ އޮތީމަ..." ޖޫޒަން އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެލައިފައި ބުނެލި އެވެ.
"ހޫމ އަހަރެން ގުޅިން... ޖޫ އިހަށް ފޯނު ނުބާއްވާ އަހަރެންގެ ވާހަކަނިމެންދެން މަޑުކުރައްޗޭ. އަހަރެންނަށް މިއަދު ވަރަށް ވިސްނުނު ހެނދުނު ޖޫއަށް ލިބުނު ޕާރުސަލާއިމެދު. އަހަންނަށް ހީވަނީ އެމައިނާއާ އެމެސެޖު ފޮނުވި މީހަކު އަހހަރެމެން ކައިރީ ބުނަން އެއުޅެނީ މައިނާގެ ކަންތައް އެމީހަކަށް އެނގެއޭހެން." ރަމްޝާ ޖޫޒަން ފޯނު ބާއްވަފާނެތީ ނުބާއްވަން އެދިފައި ވާހަކަދެއްކި އެވެ.
"އަހަރެމެންނަކަށް ނޫން.. އަހަންނަށް.." ޖޫޒަން ރަނގަޅުކޮށްދިނެވެ.
"އުހު.. ޖޫއަށް އެކަނިހެނެއްހިއެއް ނުވޭ. މިއަދު އަހަންނަށްވެސް ފެނިއްޖެ މިގޭތެރެއިން މައިނާއެއް. ބެލްކަނީގަ ހުއްޓަ އައިސް ރެއިލިންއަށް ތިރިކުރީ. އަހަރެން ތިރިބަލާލިއިރު އަންހެންކުއްޖަކު ގޮސް އަނދިރިގަނޑަށް ގެއްލެނީ..." ރަމްޝާގެ ވާހަކަ އަހާފައި ޖޫޒަންއަށް ގޮނޑިން ތެދުވެވުނެވެ.
"އެއީ މައިނާއަށް ވެދާނެހެންހީވޭތަ؟ ވަޓް އިފް....ޝީޒް ނޮޓް ޑެޑް.." ޖޫޒަން ޔަޤީންކަމެއް ނެތި އެހި އެވެ. އޭނަ ބޭނުންވީ ރަމްޝާގެ ލަފަ އެވެ.
"އަހަންނަކަށްވެސް ނޭނގެ ޖޫ. ހަމަވެދާނެތަ އެހެން.. އަހަރުމެން ކުރިމަތީއެއް ނޫންތަ..." ރަމްޝާ ޖުމްލަ ފުރިހަމައެއްނުކުރި އެވެ.
"މީޓް މީ ރަމް!" ޖޫޒަން ބުނެލި ޖުމްލަ ރަމްޝާއަށް ޤަބޫލެއް ނުކުރެވުނެވެ.