6 Aug 2020

By: Mariyam Yasma

އޭނަ ކުއްލިއަކަށް ގޮނޑިން ތެދުވުމުން މޭޒުގެ ވަށައިގެން ތިބި އެންމެންވެސް ބަލަން ފަށައިފި އެވެ. ޔޫޝައު އެއިން އެކަކަށް ވެސް ސަމާލުކަމެއް ނުދެ އެވެ. ބައްޕަގެ މޫނަށް ބަލާލުމަށްފަހު "ސޮރީ" އޭ ބުނެލާފައި އެތަނުން ނިކުމެއްޖެ އެވެ. ބޭރަށް ނިކުމެވުމާއެކު އަދި އެއްފަހަރު ފޯނު ހިއްލާލައިފައި މެސެޖު ކިޔާލި އެވެ. ކެބިންއަށް ވަދެ ގޮނޑިއާ ހަމައަށް ދެވުނުގޮތެއް ވެސް ރޭކައެއްނުލި އެވެ. މުޅި މީހާ ލުއިވެ ވައިގެތެރޭ އުދުހެވެމުންދިޔަ ފަދަ އިހްސާސެއް ކުރެވެމުންދިޔަ އެވެ. މީހާ ހަމައަކަށް އެޅިލުމުން މޫނު ދިގަށް އަތް ހިންގާލުމަށްފަހު ފޯނު ނަގައި ރަމްޝާގެ ނަންބަރަށް ގުޅި އެވެ.

ޔުނީފޯމްގެ ކުރިމަތީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ރަމްޝާގެ ހިތް ތެޅިގަތެވެ. ކޮމްޕިއުޓަރު ކައިރީ އިނދެ ކުރަމުންދިޔަ މަސައްކަތް މަޑުޖައްސައިލުމަށް ފަހު ފޯނު ނަގައި ބަލައިލި އެވެ. މެސެޖު ފޮނުވާފައި އޭނަ އެންމެ ކަންބޮޑުވީ އެ ޚަބަރު ލިބިގެން ޔޫޝައު އަޅައިނުލައިފާނެތީ އެވެ. އޭނައަށް އެ ޚަބަރު ހާއްސަވީ ފަދައިން ޔޫޝައުއަށް ހާއްސަނުވެދާނެތީ އެވެ. އެކަމަކު އޭނަ ހީކުރި ގޮތާއި ޚިލާފަށް ޔޫޝައު އެހާ އަވަހަށް ގުޅާތަން ފެނުނީމަވެސް ވަކި ލިބުނު ނުތަނަވަސްކަން ކުޑައެއްނުވި އެވެ. ޖެހިގެން ހުރި ގޮނޑީގައި އިން މަސައްކަތުގައި ބައިވެރިއާ އާއި ކައުންޓަރުގެ އަނެއްފަރާތުގައި ތިބި ދެކުއްޖަކަށް ނަޒަރެއްދީފައި ކުޑަކޮށް ގޮނޑި ފަހަތަށް ޖައްސައިލަމުން އޭނަ ފޯނު ނަގައި ކަންފަތުގައި ޖެހި އެވެ.

"ރަމް!" ރަމްޝާ އަނގައިން ނުބުނުމުން ޔޫޝައު އިސްވެ ގޮވާލި އެވެ.

"ހޫމ... އަޑުއަހަން މިއިނީ..." ރަމްޝާގެ އަޑު ނިކުތީ އުދަނގުލުންނެވެ.

"ކެންވީ މީޓް ރަމް؟ ބުނޭ ތިހުރިތަނެއް. އަހަރެން ދާނަން ބަލާ!" ޔޫޝައު ކެތްމަދުވެފައި ވާހަކަދެއްކި އެވެ.

"ޑިއުޓީ.." ރަމްޝާ ބުނެލި އެވެ.

"އެންމެރަނގަޅު ޑިއުޓީ ނިމޭ ގަޑިއަށް ދާނަން ބަލާ..." ޔޫޝައު އިރުކޮޅަކަށް މަޑުޖެހިލާފައި އިތުރަށް ބުނެލި އެވެ.

ރަމްޝާ އެއްބަސްވެ ބޯޖަހައިލުމަށްފަހު އެކޮޅަށް އެމަންޒަރު ނުފެންނާނެކަން ހަނދާންވެގެން އަނެއްކާވެސް ހޫމ އަޅުވާލި އެވެ. އޭނަ ފޯނު ބާއްވަން އުޅެނިކޮށް ޔޫޝައު އޭނަގެ ނަން ކިޔާލިގޮތުން މަޑުޖެހުނެވެ.

"އައިމް ސޯ ހެޕީ ރަމް..." ޔޫޝައު އެހެން ބުނެލިއިރު އެއަޑުގައިވި ހިނިތުންވުމުގެ އަސަރު ރީތިކޮށް ފައުޅުވި އެވެ.

ރަމްޝާއަށް ހީވީ ބޮލުން ބޮޑު ބަރެއް ނެގުނު ހެންނެވެ. ފޯނު ބާއްވާފައި ފިނިވެފައިވާ ދެއަތްތިލަ ގެނެސް ގުޅުވާލިއިރު ލޮލަށް ކަރުނަ ގިނަވެލައިފި އެވެ. ނޭފަތް ދަމާލައިފައި އޭނަ އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލީ މާހައުލާއިމެދު ވިސްނައިފަ އެވެ. އެކަކުގެ އެހީތެރިކަން ނުލިބުނަސް އޭނަ އެ ދަރިފުޅު އުފަން ކުރާނެ އެވެ. މޭގެ އެތިކޮޅެއްފަދައިން ބަލާ ބޮޑުކުރާނެ އެވެ. އެކަމަކު އެދަރިފުޅުގެ ބައްޕަގެ އެއްބާރުލުން ލިބުމުން ބޮޑު ހިތްވަރެއް ލިބިއްޖެ އެވެ. ލޯބިނުވާމީހެއްގެ ފުށުން ލިބުނަސް ދަރިއަކު ވާނީ ދަރިއަކަށް ނޫން ހެއްޔެވެ؟ ޔޫޝައުއާމެދު އެހިތުގައިވި ޝަކުވާއިން ވެސް ބައެއް އުނިވިކަހަލަ އެވެ. އޭނައަށް ކެހި ދީފައި ވިއަސް ދަރިފުޅަށް ބައްޕަގެ ލޯބިދެނިކޮށް ނިމުނީ އެވެ. މައެއްގެ ލޯތްބަކީ އަޖައިބެއް ފަދަ އިހްސާސެކެވެ. ދަރިފުޅު ހަމައެކަނި ލޭކޮޅެއްގެ ގޮތުގައި ވަނިކޮށް ވެސް އެ ދަރިފުޅަށްޓަކައި އަމިއްލަ އުފާތައް ޤުރުބާންކުރެ އެވެ. ރަމްޝާއަށް ވެސް މިހާރު މުހިންމީ އެދަރިފުޅެވެ. އެދަރިފުޅުގެ އުފާތަކެވެ. އެދަރިފުޅަށް ހައްޤުވާ ލޯތްބާއި އުފާތައް ލިބުމުން އޭނަ ހުންނާނީ އުފަލުންނެވެ..

***

"ސެންޑް މީ އެ ނޫޑް. އައިމް ބޯޑް."

ދިރިހުރިތޯ ބަލައިލަން ވެސް އެންމެ ފޯނު ކޯލެއް ވެސް ކުރުމަކާ ނުލައި ދެހަފްތާކޮށްފައި ކައިދަން ފޮނުވާފައި އޮތް މެސެޖަކީ އެއީ އެވެ. ޖޫޒަންއަށް މެސެޖު ލިބުނީ ބްރޭކް ކުރިއަށް ހުރި އެޕޮއިންޓްމެންޓްތައް ނިމުނުތަނާ އެވެ. އޭނަ މެސެޖު ކިޔާލައިފައި ކޮމްޕިއުޓަރުގެ ކީބޯޑް ފިތްތަކަށް ވަރުދައްކަމުން ދިޔަ ޓެކްނިލް އެސިސްޓެންޓަށް ނަޒަރެއްދިނެވެ. އެކުއްޖާ މަސައްކަތް ނިންމާލައިފައި ޖޫޒަންގެ ހުއްދަ ލިބިގެން ބޭރަށް ނިކުންދާން ފެށުމުން ޖަވާބު ލިޔަން ފެށި އެވެ.

ޖޫޒަން: އައިމް އެލައިވް. ތެންކިއު ފޯ އާސްކިން." ޖޫޒަން ޖެއްސުމަށް މެސެޖުގެ ޖަވާބު ފޮނުވީ އޭނަގެ ހާލު ވެސް އަހައިނުލާކަން ހަނދާންކޮށްދެމުންނެވެ.

ކައިދަން: ޑޯން ފޯގެޓް ޓު ޝޯ ޔޯ ފޭސް.

ޖޫޒަން: އޮންލީ އިފް ޔޫ ޕްރޮމިސް ޓު ސެންޑް ވަން ބެކް.

ކައިދަން: ކާންޓް. އިން އެ މީޓިން.

މެސެޖު ކިޔާފައި ޖޫޒަން ގާތަށް ހިނިއައެވެ. މީޓިންއެއްގައި ފޫހިވެގެން އެކަހަލަ ފޮޓޯއަކަށް އެދޭނެ މީހަކީ ހަމަ ކައިދަން އެވެ. އިތުރު ކަމަކަށް އުންމީދުކުރުމަކީ ވެސް އޮތްކަމެއް ނޫނެވެ.

ޖޫޒަން: ބެގް މީ އިފް ޔޫ ވޯންޓް ވަން!

ކައިދަން: ޔޫ ވިލް ރިގްރެޓް ދިސް..!

ކައިދަންގެ ފަހު މެސެޖުގައި ވީ އިންޒާރެކެވެ. ހަމައެކަނި މެސެޖު ކިޔާލައިފައި ވެސް ޖޫޒަންގެ ހަށިގަނޑަށް އެނގުންވި އެވެ. އޭސީ ފިނީގައި ވެސް ދާހިތްލާލި އެވެ. ސިކުނޑިއަށް ތަސައްވުރު ކުރެވެން ފެށި ތަފާތު ހިޔާލުތަކުގެ ސަބަބުން ރަކި ހިނިތުންވުމަކާއެކު ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެން ފެށީ ކައިދަން އެނބުރި އަންނާނެ ވަގުތަކަށެވެ. ކައިދަން ފުރަން އުޅުނުއިރު އެކަމާއި އުފާވި ނަމަވެސް ދެހަފްތާ މާދިގުވެއްޖެހެން ހީވާން ފަށައިފި އެވެ.

ޑިއުޓީ ނިންމާފައި ރަމްޝާ ނިކުތްއިރު ޔޫޝައު އިންތިޒާރުގައި ހުއްޓެވެ. އަތްދިގު ގަމީހާއި ފަޓްލޫނުގައި ބެގީކޮށް ޓައީ ވެސް އަޅާފައި ހުރުމުން އޮފީހުގައި އުޅެފައި އައިސް ހުރިކަން އެނގުނެވެ. ރަމްޝާއަށް ފެނިގެން އެދިމާއަށް ހިނގައިގަތެވެ. އޭނަ ގޮސް ކައިރިވިއިރަށް ޔޫޝައު ކާރުގެ ދޮރުފަތް ހުޅުވާލަދީފައި އަރަން އެދުނެވެ. ރަމްޝާ ކުޑަކޮށް ފަސްޖެހުނެވެ. އެކަމަކު ދެކޮޅެއްނުހަދަ އެވެ.

"ކައިފިންތަ އެއްވެސް އެއްޗެއް؟" ޔޫޝައު އަރައި އިށީނދެފައި ކަރުގައި އޮތް ޓައީ ދޫކުރަމުން ރަމްޝާއަށް ބަލައިލި އެވެ.

"ގެއަށް ގޮސް ކެވޭނީ..." ރަމްޝާ ޖަވާބުދިނީ ދުރުބަލަން އިނދެ އެވެ. އޭނަގެ މިހާރުގެ ހާލަތަށް ބަލާފައި އެޖަވާބުދޭންޖެހުމުން ކުށްވެރިކަމެއް އިހްސާސްވި އެވެ.

"އައިމް ޓޭކިން ޔޫ ފޯ ލަންޗް.." ޔޫޝައުގެ އެޖުމްލައަކީ އިތުރަށް ދެބަސްވެވެން ނެތް ނިންމުމެއްކަން އަންގައިލީ ރަމްޝާ އެވަގުތު ޖަވާބުދޭން ވެގެން އެމޫނަށް ބަލާލައިފައި އަނގަހުޅުވާލުމުން އެކަން ހުއްޓުވަން ދެފަރާތަށް ބޯ ހޫރުވާލައިފަ އެވެ. އެވަގުތު ޔޫޝައުގެ މޫނުގައިވި ސީރިއަސްކަން ފެނިގެން ކަންނޭނގެ އެވެ. ރަމްޝާ އަނެއްކާވެސް އިޚުތިޔާރުކުރީ ހިމޭންކަމެވެ.

"އަހަރެން މިހެން މިބުނަނީ އެއްގޮތަކަށްވެސް ރަމް ގޯސްކުރާކަށް ނޫނީ ކުށްވެރިކުރާކަށް ނޫން. އެކަމަކކު ޑިއުޓީގަ އުޅުނަސް ވާނެ އެހާ ގިނައިރު ހުސްބަނޑާނުހުރެ ކޮންމެވެސް އެއްޗެއް ކާލައިގެން ހުންނަން. މިހާރު އެކަންޏެއް ވެސް ނޫނެއްނު.." ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން ޔޫޝައު އަތް އުފުލާލައިފައި މޭޒުމަތީ އޮތް ރަމްޝާގެ އަތުގައި މަޑުމަޑުން ހިފާލަމުން ހިނިތުންވެލާފައި ވާހަކަދެއްކި އެވެ.

އޭނަ މަޑުމަޑުން ބޯޖަހާލައިފައި ޔޫޝައުގެ އަތު ތެރޭން އަމިއްލަ އަތް ދަމައިގެންފައި ގެނެސް އުނގުގައި ބޭއްވި އެވެ. ރަމްޝާގެ މި ހަރަކާތުން ހިތަށް އުދަނގޫ ވީ ނަމަވެސް ޔޫޝައު ނިންމީ އެކަމާއި އަޅައިނުލާށެވެ. އޭނަ އުދަނގޫވެގެން ދުރުބަލައިލި އެވެ. އެވަގުތު ރަމްޝާގެ ފޯނަށް މެސެޖެއް އައިކަން އިޢުލާންކުރި އެވެ. ރަމްޝާ ނުތަނަވަސްކަމާއެކު ޔޫޝައުއަށް ނަޒަރެއް ދީފައި ދަބަސް ހާވައިލުމަށްފަހު ފޯނު އަތަށް ނަގައިފި އެވެ. ޔޫޝައު އިނީ ބަލަހައްޓައިގެންނެވެ.

މެސެޖް ކިޔާލައިފައި ރަމްޝާގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ. އެހިނިތުންވުން ކިތަންމެ ރީތިވިއަސް އެހިނިތުންވުމާއި ޔޫޝައު އެވަގުތު ގަޔައެއްނުވި އެވެ. އޭނައާއެކު ކާރަށް އެރީއްސުރެ ރަމްޝާގެ ތުންފަތެކޭ އެއްގޮތެއްގައި ތަތްކޮށްފައި އިން އެއްޗެކޭ ތަފާތެއް ނެތެވެ. އެކަމަކު މިހާރު ފޯނަށް ބަލަން އިނދެގެން ކޮންމެވެސް ދުރުމީހެއްގެ މެސެޖު ކިޔާފައި ހެނީ އެވެ. އޭނަ ހުއްޓާ ރަމްޝާގެ މޫނަށް އުފާވެރިކަން ގެނައުމުގެ ކުޅަދާނަކަން ހޯދީ ކާކު ހެއްޔެވެ؟

ރަމްޝާ ފޯނު ބާއްވާފައި އަތް ދޫކޮށްލިހެނެއް ހިއެއްނުވެ އަނެއް މެސެޖު އައިއަޑު އިވުނެވެ. ދެވަނަ ފަހަރު ވެސް ރަމްޝާއަށް ހެވިއްޖެ އެވެ. އޭނަ އެއް އަތުން އަނގަމަތި ނިވާކޮށްލާފައި ތިރިކޮށްލިއިރު ތިރީ ތުންފަތުގައި ދަތްއަޅާލައިގެން އިނީ ކޮންޓްރޯލްކުރަން ކަހަލަ އެވެ. ދެން ނިކަން ހަލުވިކަމާއެކު ޖަވާބު ލިޔަން ފަށައިފި އެވެ. ޔޫޝައު ފެންތަށްޓެއް ނަގައިގެން ބޯލަ ބޯލާ އިނދެގެން ރަމްޝާ ފަހަރަކު މެސެޖެއް ފޮނުވާފައި ޖަވާބު ކިޔަމުންދިޔަ މަންޒަރު ބަލަމުންދިޔަ އެވެ.

"ކާކު މެސެޖުކުރަނީ؟" ޔޫޝައުގެ ކެތްތެރިކަން ކޮޅުންލި އެވެ.

ރަމްޝާގެ ދެއަތަށް ވަގުތުން ހުއްޓުންއެރި އެވެ. އިސްއުފުލާލައި ޔޫޝައުގެ މޫނަށް ބަލައިލިގޮތުން ހީވީ ޔޫޝައު އެތާ އިންކަން ވެސް އޭނަ އަލުން ހަނދާންވީ އެހިސާބުން ހެންނެވެ.

"އިޓްސް ޖަސްޓް އެ ފްރެންޑް.." ރަމްޝާ ޖަވާބުދީފައި ފޯނު އަނބުރާ ބޭއްވި އެވެ.

ޔޫޝައުއަށް ދަތްކުނޑިވިކާލެވިއްޖެ އެވެ. ރަމްޝާގެ ގިނަ ރައްޓެހިންނެއް ނުތިބޭނެ އެވެ. ނަން ބުނެލާއިރަށް އެއީ ކާކުކަން ޚުދު އޭނައަށް ވެސް އެނގޭނެ އެވެ. އެހެންވީއިރު ކުއްލިއަކަށް ނަން ހާމަނުކުރާ އެކުވެރިއަކު މިއައީ ކޮންތާކުން ހެއްޔެވެ؟

ވެއިޓަރު ޖޫސްތަށިތައް ގެނެސް ބަހައްޓާފައި ދިއުމުން ރަމްޝާ އެއިން އެތިފޮދެއް ބޯލާފައި އަނގައަށް ހަދައިލިގޮތް ޔޫޝައުއަށް ފާހަގަވި އެވެ.

"ޔޫ އޯކޭ؟" ޔޫޝައު ސުވާލުކުރި އެވެ.

ރަމްޝާ މަޑުމަޑުން ބޯޖަހާލި އެވެ. ޔޫޝައުގެ ކިބައިގައި ވި ނުބައި އިހްސާސްތައް ހިލުވައިލީ އަނެއްކާވެސް އެޖަވާބެވެ.. ރަމްޝާ ހީވަނީ އޭނައާ ވާހަކަނުދައްކާން ހުވާކޮށްގެން އުޅޭހެންނެވެ. ކޮންމެ ވާހަކައެއް ބޯޖަހައިލުމަކުން އެބަ ނިންމަ އެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނަ އަނެއްކާވެސް ފެންފޮދެއް ބޯލި އެވެ. ރަމްޝާއަށް ވިސްނަދެވޭނީ މަޑުމައިތިރިވެގެންނެވެ.

"ސޯ... ކޯޓަށް ފޯމުލީތަ މިހާރު؟" ޔޫޝައު ދެކޮޅު ބަލައިލުމަށް ފަހު މޭޒާއި ތަންކޮޅެއް ކައިރިވެލާފައި ފެށި އެވެ.

"ތަންކޮޅެއް ބިޒީވެގެން އަދި ނުވެފަ... ވަރަށް އަވަހަށް ލާނަން.." ރަމްޝާ ޖަވާބުދިނީ ޔޫޝައުގެ މޫނަށް ނުބަލަން އިސްޖަހައިގެން އިނދެ އެވެ. އޭނަގެ އެޖަވާބު އަހާފައި ޔޫޝައުގެ ލޮލަށް ވެރިވި ވިދުވަރު ނުފެނުނީ އެހެންވެ އެވެ.

"އެހެންވީއިރު އަދި ވިސްނާލަން ވީނު. ލައިކް އައި ސެޑް. ރަމް އެކަންޏެއްވެސް ނޫން މިހާރު. ދަރިން ލިބުނީމަ ދަރިންގެ މުސްތަޤްބަލަށް ވިސްނުމަކީ އޮތްކަމެއް..." ޔޫޝައު ވިސްނައިދޭ ރާގެއްގައި ބުނެލި އެވެ. ރަމްޝާ އެވަގުތު އިސްއުފުލާލިއިރު އެމޫނުގައިވީ މާ ހަމަޖެހޭ ކުލަވަރެއް ނޫނެވެ.

"ޕްރެގްނެންސީއަކުން އަހަރުމެންގެ ކައިވެނި ސަލާމަތްކުރެވޭނެހެން ހީވޭތަ ޔޫޝައުއަށް؟" ރަމްޝާ އެ ސުވާލުކޮށްލި ގޮތުން ޚުދު ޔޫޝައުއަށް ވެސް ހައިރާންކަމެއް ލިބުނެވެ. ދުވަހަކު އެމޫނުން އެފަދަ ހަރުކަށިކަމެއް އޭނަ ނުދެކެ އެވެ. ރަމްޝާގެ އަޑު ބާރުވުމުން ކަންބޮޑުވެފައި ދެކޮޅުވެސް ބަލައިލެވުނެވެ. ނަސީބަކުން އެމީހުންނަށް ތިބެވުނީ އެންމެ ކަނުގަ އެވެ. އަދި ކައިރީގައި ހުރި ދެ މޭޒު ހުރީ ހުހަށެވެ.

"އޯލްރައިޓް އިހަށް ތި ވާހަކަ ބާއްވާފަ ކާން ހިނގާ!" ވެއިޓަރު ކާތަށިތައް ހިފައިގެން އަންނަތަން ފެނިގެން ޔޫޝައު އަތް އުފުލާލައިފައި މަޑުމަޑުން ބުނެލި އެވެ.

ބަނޑުހައިވެފައިވާވަރު ރަމްޝާއަށް އިހްސާސްވީ ކާތަށިތައް ގެނެސް އަތުރައިލީމަ އެވެ. އަވަސް އަރުވާލލައިފައި ކާންފެށުނީ ދުވަހަކު ކާއެއްޗެއް ނުފެންނަ ކުއްޖަކު ފަދައިންނެވެ. ޔޫޝައު އެއްފަހަރު ގޮވާލައިފައި ތަންކޮޅެއް ލަސްލަހުން ކާން ބުނެދިނެވެ. އެކަމަކު ރަމްޝާ ހުއްޓައިލީ ތަށި ހުސްވީމަ އެވެ.

އެނބުރި ދިޔަ މަގުމަތީގައި މޭބޮޑުކުރާގޮތް ވާން ފެށި އެވެ. އެއްފަހަރާ ގިނައިން ކެވުމުން ކަންނޭނގެ އެވެ. ރަމްޝާ އެވާހަކަ ބުނުމުން ޔޫޝައު ލަފާދިނީ ކައިރިކޮށްލަން އެގެއަށް ދިއުމަށެވެ. މަންމައަށް ރަމްޝާ ބަނޑުބޮޑު ޚަބަރުވެސް ކައިރީގައި ބަހައްޓައިގެން ދެވޭނެ ނޫން ހެއްޔެވެ؟ އޭނަގެ އުންމީދަކީ މަންމަ ރަމްޝާ ބައިންދައިގެން އޭނަގެ ސިކުނޑިއަށް އެއްޗެއް ވަންނަވަރަށް ވިސްނައިދިނުމެވެ. އޭނަގެ ވާހަކަ އަހަން ބޭނުންނުވިއަސް މަންމަގެ ވާހަކަ ނިމެންދެން އަޑު އަހާނެކަން އޭނައަށް އިނގެ އެވެ.

"ޔޫޝައު އައި ކާންޓް..." ރަމްޝާއަށް އިތުރަށް ނުހިފެއްޓޭނެހެން ހީވެގެން ރޮވޭގޮތްވެފައި ބުނެލި އެވެ.

"މިއޮތް އާދެވުނީ ގެއަށް. ޖަސްޓް ވަން މިނިޓް..." ޔޫޝައު އަވަހަށް ކާރު އެތެރެއަށް ވެއްދި އެވެ.

އޭނަ ފައިބައިގެން އަވަސްއަވަހަށް ރަމްޝާ ނެރެން އައިސް ދޮރު ހުޅުވާލެވުމާއެކު ރަމްޝާއަށް ހޮޑުދުއްވާލެވުނީ ޔޫޝައުގެ ގަޔަށެވެ.

"އައިމް ސޯ ސޮރީ..." ރަމްޝާއަށް ރޮވިއްޖެ އެވެ. އޭނަ އަނގަމަތި ފުހެލާފައި ލޮލުން ކަރުނަ އޮހިގަތުމުން ދެއަތުން މޫނު ފޮރުވައިފި އެވެ.

"އޯކޭވާނެ..." ޔޫޝައު ލައިގެން ހުރި އަންނައުނަށް ނަޒަރެއްދީފައި އާދައިގެ ގޮތަކަށް ބުނެލި އެވެ.

ރަމްޝާ ރޯން އިންދާ އޭނަގެ އުޅަބޮށްޓާއި ހިސާބުން އަތުގައި ހިފާ ކާރުން ބާލުވާފައި އެތެރެއަށް ގެންދަން ފަށައިފި އެވެ. އަތް ނެގިނަމަވެސް ލޮލުން އަންނަމުންދިޔަ ކަރުނައަކަށް ހުއްޓުމެއް ނައެވެ. ދޮރާއި ހަމައިން ރޫބީއަށް ފެނިގެން ދުވަމުން ދިޔައީ ގުލްނާރު ހޯދާށެވެ. އެވަގުތު ގުލްނާރު ނިކުތީ ބަދިގެއިންނެވެ. ރަމްޝާމެން ފެނިގެން އަވަހަށް އައެވެ.

"މަންމަ ރަމް ކައިރީ ހުރެބަލަ އަހަރެން އަންނާނަން ޗޭންޖްކޮށްލައިގެން.."މަންމައާ ރަމްޝާ ހަވާލުކުރުމަށްފަހު ޔޫޝައު އެތެރެއަށް މިސްރާބު ޖެހުމުން ގުލްނާރު ރަމްޝާ ގޮވައިގެން ބަދިގެއަށް ވަދެއްޖެ އެވެ.

ނަސީބަކުން ރަމްޝާގެ އެއްވެސް އަންނައުނެއްގައި ހޮޑުގެ އަސަރެއް ނެތެވެ. އޭނަ ގަދަކަމުން ރުއިން ކޮންޓްރޯލް ކޮށްފައި ސިންކު ކައިރީ ހުރެގެން މޫނާއި އަތް ދޮވެލި އެވެ. ގުލްނާރު ފެންތަށްޓެއް ހިފައިގެން ހުރެ ރަމްޝާގެ އަތުގައި ހިފާލައިފައި އެތާހުރި ގޮނޑިއެއްގައި ބެއިންދި އެވެ.

"ކިހިނެތްވީ ހޮޑުލެވުނީ؟ ބަލީތަ؟" ގުލްނާރު ނުހަނު އޯގާތެރިކަމާއެކު ސުވާލުކުރި އެވެ.

ރަމްޝާއަށް ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. ހަޤީޤީ ސަބަބު ބުނެދޭން ލަދުގަންނަގޮތްވި އެވެ. އޭނަ ފެންތަށީގައި ހިފާފައި ލަސްލަހުން ދެތިން ކޯވަރެއް ބޯލުމަށްފަހު މޭޒުމަތީ ބެހެއްޓި އެވެ. ގުލްނާރު މޮޅިވެރި ގޮތަކަށް ރަމްޝާއަށް ބަލަން ހުރެލާފައި އިރުކޮޅަކުން ކައިރީގައި އިށީނދެލައިފި އެވެ. ދެން ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ދެމީހުން ފަދައިން އިރުކޮޅެއް ވަންދެން ތިއްބެވެ. ފިޔަވަޅުގެ އަޑު އިވިގެން ދެން ބަލާލިއިރު ޔޫޝައު ވަދެގެން އަންނަނީ އެވެ. އޮފީސް ހެދުން ބަދަލުކޮށްގެން ހުރީ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގަ އެވެ.

"މަންމަ ކައިރީ ބުނެފިންތަ؟" ޔޫޝައު ކައިރިއަށް އަންނަމުން ސުވާލުކުރި އެވެ.

"ކޮން ވާހަކައެއް؟" ގުލްނާރު ރަމްޝާއަށް ބަލާލައިފައި ޔޫޝައުއަށް ބަލައިލި އެވެ.

"ޝީޒް ޕްރެގްނެންޓް.." ޔޫޝައު ބޮލުގެ އިޝާރާތުން ރަމްޝާ ދައްކާލައިފައި ހާމަކުރި އެވެ.

"ހަމަތެދެއްތަ ޔޫޝައު؟ ..... އަލްހަމްދުލިﷲ! މަންމަ ވަރަށް އުފާވެއްޖެ..." ގުލްނާރު އުފާފާޅުކުރަމުން ތެދުވެ ދެފަހަރު ދެމީހުންނަށް ބަލައިލާފައި ރަމްޝާގެ މޫނުގެ ދެފަރާތުން ހިފާލުމަށްފަހު ނިތުގައި ބޮސްދިނެވެ. ހިންދެމިލީއިރު ރަމްޝާ އިނީ ފެންކަޅިވެފަ އެވެ.

ގެއަށް އައިސް ވަދެވުމުން އިތުރަށް ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ. ދަބަސް ދޫކޮށްލާފައި ގޮސް ޔުނީފޯމްވެސް ބަދަލުކުރުމެއްނެތި އޭނަ އަރާ އޮށޯތީ އެނދުގަ އެވެ. ބަލިވެ އިން ޚަބަރު ލިބުމަށްފަހު ގުލްނާރު އެދެމީހުން ކައިރީގައި ބައިންދައިގެން ބައިވަރު ވާހަކަދެއްކި އެވެ. އެދެމީހުންގެ އަމިއްލަ ދިރިއުޅުމަށް ވީތީ އެމީހުންގެ އަމިއްލަ ނިންމުގެ ތެރެއަށް ވަންނަން ބޭނުން ނުވާކަން ހާމަކުރި އެވެ. އަދި ގުލްނާރު ވަނީ އެކަން ސާބިތުވެސްކޮށްދީފަ އެވެ. އަމިއްލަ ދަރިފުޅުގެ ފަތިފުށް އެނގުމުން ދަރިފުޅާއި ދެކޮޅުވެފައި އައިސް އެއްބާރުލުން ދިނީ އޭނަ އަށެވެ. ގުލްނާރު އެކަން ވެސް ފާހަގަކުރި އެވެ. އެކަމަކު އެއިރާއި މިހާރު ތަފާތުކަން ރަމްޝާއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ. ދަރިއަކު ލިބުމުން ދަރިފުޅުގެ މުސްތަޤްބަލަށް ބައެއްފަހަރު ޤުރުބާނީތައް ވާން ޖެހޭނެކަން ބުނެދިނެވެ.

"ބޭބީ ދުނިޔެއަށް އަންނަންދެން މަޑުކޮށްދީ ރަމް! ދެޓްސް އޯލް އައިމް އާސްކިން. އޭގެ ފަހުންވެސް ރަމްގެ ހިޔާލު ބަދަލުނުވީވިއްޔާ ވަކިވެވިދާނެ. އެކަމަކު މިވަގުތަށް މުހިންމީ ދަރިފުޅު. ރަމް އަހަރުމެންގެ ދަރިފުޅު ދުނިޔެއަށް ގެންނަންދެން ރަމްގެ ހުރިހާކަމެއް ގާތުން ބަލައި އެހީވާން މަންމަ އާއި އަހަރެންވެސް އަހަރުމެންގެ މުޅި އާއިލާވެސް އެދެނީ. ޕްލީޒް ރަމް ނޫނެކޭ ނުބުނޭ. އަހަރެން ނިދާފާނަން ގެސްޓްރޫމެއްގަ. ރަމް ހުންނާނީ އަހަރުމެންގެ ބެޑްރޫމުގަ. އަދި އަހަރެން ރަމްއަށް އެއްވެސް އުދަނގުލެއް ނުކުރާނަން..." ގެއަށް ގެނެސް މަގުމައްޗަށް ކާރު މަޑުކޮށްގެން އިނދެ ޔޫޝައު އޭނަގެ އަތުގައި ހިފާފައި އާދޭހާއެކު ބުނި ބަސްތައް ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

***

ކުއަލަލަމްޕޫރު ޓްރޭޑާސް ހޮޓެލްގެ ޑިލެކްސް ރޫމެއްގައި ކައިދަން އިނީ އަރާމު ލައުންޖް ގޮނޑިއަކަށް ވެޑުވިލައިގެންނެވެ. ފައިމަތީ ލެޕްޓޮޕް އިންއިރު އަތްޖެހޭ ހިސާބުގައި ހުރި ކުޑަ ވަށް މޭޒެއްގައި ކޮފީ މަގެއް ހުއްޓެވެ. ކައިދަންގެ އެއްފަރާތުން ފުޅާ ބިއްލޫރި ފާރުގެ ފުރަގަހުން ކުލަލަމްޕޫރުގެ އުސްއިމާރާތްތައް ދިއްލިފައިވާއިރު ނުހަނު ހިތްގައިމެވެ. އެންމެ ހާއްސަކޮށް ފާހަގަ ކުރެވެނީ ދާދި ގާތުން ފެންނަން ހުރި ޕެޓްރޯނަސް ޓްވިން ޓަވާސް އެވެ. ކޮޓަރިތެރޭގައި ކިންގް ސައިޒު ބެޑަކާއި އެއްފަރާތެއްގައި އޮފީހެއް ގޮތަށް ބޭނުންކުރެވެން މޭޒަކާއި ގޮނޑިއެއް ހުރެފައި އަންނައުނު ބަހައްޓާނެ އަލަމާރިއެއް ނޫން އެއްޗެއް ނުހުރެ އެވެ. އެނދުހުންނަ ބައިން ނިކުމެވެނީ ކުޑަވަރެއްގެ ލިވިންރޫމަކަށެވެ. ސޯފާޖަހައި ޓިވީ ބަހައްޓާފައިވާ އެބައިގައިވެސް އޮފީސް މޭޒެއް ހުރެ އެވެ. ފަހަތުން އަނެއްކާވެސް ފެންނަން އޮންނަނީ ބިއްލޫރިގަނޑުގެ ފުރަގަހުން ފެންނަން އޮންނަ އިމާރާތްތަކެވެ.

ކައިދަން ލެޕްޓޮޕަށް ގެއްލިފައި އިންދާ އަނދިރީގައި އެނދުގައި ނިދާފައި އޮތް އަންހެންކުއްޖަކު ތެދުވެގެން އެދިމާއަށް އަންނަން ފެށި އެވެ. ކަކުލާ ހަމައަށް އަންނަ ސްޕެގެޓީ ސްޓްރެޕް ތުނި ނިދާ ހެދުމަކާއެކު ހުސްފަޔާ ހުރި އަންހެންކުއްޖާގެ ގަދަ ކަޅުކުލައިގެ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފަ އެވެ.

"އަދިވެސް ނުނިމޭތަ؟" އަންހެންކުއްޖާ އައިސް ލައުންޖް ގޮނޑިގައި ހުސްކޮށް އޮތް ތަނުގައި ކައިދަންއާ ޖެހިފިތިގެން އިށީނދެފައި ކައިދަންގެ ކޮނޑުގައި ބޯއަޅާލައިފި އެވެ.

ކައިދަން އަނގައަކުން ނުބުނެ އެވެ. އަންހެންކުއްޖާ އިށީނދެލުމުން އެހަށިގަނޑު ތެދުކޮށްލައިފި އެވެ. އަންހެންކުއްޖާ އިރުކޮޅެއް ވަންދެން ކައިދަންގެ މޫނަށް ބަލަން އޮވެފައި އަތުގެ އިނގިލިތަކުން އެމޭގައި އަތް ކާއްތައިލުމާ އެކު ކައިދަން ކުއްލިއަކަށް އެއިނގިލިތަކުގައި ހިފަހައްޓައިފި އެވެ.

"ޕްލީޒް ނަދާ. މިހާރަކު ނޫން.." ކައިދަންގެ އަޑުގައި ހިތްހަމަނުޖެހުންވި އެވެ.

ނަދާ ވަގުތުން އިންތަނުން ތެދުވި އެވެ. އެކަމަކު އެނދާ ހަމައަށް ގޮސްފައި އަނެއްކާވެސް އެނބުރި އައިސް ކައިދަން ކުރިމައްޗަށް ހުއްޓިއްޖެ އެވެ.

"ކައި ކުރިން އުޅޭ ގޮތެއް ނޫން ތީ. އަހަރެން މިކޮޅަށް އައިތާ ތިން ދުވަސްވީއިރު އަހަރެން ގައިގަ އަތްލެވުނު ކަމަކަށް ނުވި. އަހަންނަށް ވަގުތު ދެވުނު ކަމަކަށްނުވި. އަހަރެން އިސްވެ އަތްލިއަސް އަބަދު އުޅެނީ ދުރަށް ނުދެވިގެން. އެޖޫޒަންއަކާ އިންފަހުން މުޅިން ދުރުން ތިއުޅެނީ. އައި ތިންކް ޔޫ ހޭވް ފޯލެން އިލް ލަވް ވިތް ހާ..." ނަދާ ހަށަން ބަނދެލައިގެން އިނދެ ރުޅިވެރިކަމާއެކު ޖުމްލައަކަށް ފަހު ޖުމްލައެއް ބޭރުކުރި އެވެ.

ކައިދަންގެ ދެއަތް ހުއްޓުނީ ފަހު ޖުމްލައާ ހަމައިންނެވެ. ކުއްލިއަކަށް އިސްއުފުލާލިއިރު އެލޮލުގައި ވި ރުޅިވެރިކަން ފެނިފައި ނަދާއަށް ވެސް ބިރުން ފަހަތަށް ޖެހިލެވުނެވެ. އެވަގުތު ކައިދަން ބާރު ބާރަށް ލެޕްޓޮޕް ލައްޕާލައިފައި އެއްފަރާތެއް ބޭއްވުމަށްފަހު ކޮޅަށް ތެދުވުމުން ނަދާއަށް ދެވަނަ ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ކައިދަން ހިނގައިގެންފައި އޭނަގެ ކޮނނޑުގައި ހިފާ އެއްފަރާތަކަށް ޖައްސާލުމަށްފަހު ދާން ފެށީ ދޮރާއި ދިމާއަށެވެ. ނޭވާ ނުލައި ހުރެވުނުކަން ނަދާއަށް ރޭކައިލީ އެނބުރި ކައިދަން ނިކުތްތަން ބަލަން ހުރެފައި ނޭވާ ދޫކޮށްލެވުނީމަ އެވެ.

"ގޯޑް ހީޒް ސްކެއަރީ..." ނަދާ ފަހަތަށް ޖެހިލާފައި އެނދަށް ޖެހިގަތެވެ.

***

ހެނދުނު ހެނދުނާ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނުއިރު ޖޫޒަން ހުރީ ނިންޖަށް ބަލިވެފަ އެވެ. ލައިގެން ހުރި އަންނައުނު ބާލާފައި ލާން ފަސޭހަ އެއްޗެއް ހޯދަނިކޮށް އަލަމާރީގައި ހުރި ކައިދަންގެ ނިކަން އަރާމު ޓީޝާޓެއް ލޮލުގައި އަޅައިގަތެވެ. ޖޫޒަން ޓީޝާޓް ލުމުން ބުޑުން ތިރިއަށް ހުއްޓެވެ. އިސްތަށިގަނޑުގައި ވޫލްކޮޅެއް އައްސާލުމަށްފަހު އެހުރިގޮތަށް ބަދިގެއަށް ބިސްގަނޑެއް ކަމުން ޖޫސްތަށްޓެއް ބޮމުން އިރުކޮޅަކު އެތާ ހޭދަކުރި އެވެ. އައިސް އެނދަށް ވެއްޓިގަނެވުނުލެއް ލަހެވެ. ނިދިއްޖެ އެވެ. ދެން އޭނައަށް ލޯހުޅުވާލެވުނުއިރު ކައިދަން ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ.

ނުނިމޭ

ދިގު ވާހަކަ

Popular