8 Aug 2020

By: Mariyam Yasma

އައިސް އެނދަށް ވެއްޓިގަނެވުނުލެއް ލަހެވެ. ނިދިއްޖެ އެވެ. ދެން އޭނައަށް ލޯހުޅުވާލެވުނުއިރު ކައިދަން ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. އޭނަ އަވަހަށް ތެދުވަންހަދާލިތަނާ ކައިދަން ހިނގައިގެންފި އެވެ. ފާޚާނާ ދޮރު ލެއްޕިއަޑު އިވުމުން އެނބުރި އެދިމާއަށް ބަލާލައިފައި ޖޫޒަން އެނދުން ފޭބި އެވެ. ކޮޓަރިން ނިކުންނަން ދަމުން އޭނަ ލޯގަނޑާހަމަވެފައި ހުއްޓި އަމިއްލަ ސޫރައަށް ނަޒަރެއްދިނެވެ. ނިދާ ނިދާ މޫނު ދުޅަވެފައިވާތަން ފެނުމުން ދެކޯތާފަތުގައި އަތުން ތަޅާލައިފައި ނިކުމެގެންދިޔަ އެވެ.

ބަދިގެ ސިންކުން މޫނަށް ފެންވިއްސާލުމަށްފަހު ޓިޝޫއަކުން ފުހެލާފައި އޭނަ ތެލިތަކުގެ މަތި ނަގަން ފެށި އެވެ. ކާއެއްޗެހީގެ ވަސްއެރުމުން ބަނޑުހައިކަން އިތުރުވި އެވެ. އަތްމަތި އަވަސްކޮށްލާފައި މޭޒުމައްޗަށް ކާންތައްޔާރުކުރުމަށްފަހު ދޮރު ފެންނާހެން އިށީނދެ ހަމަޖެހިލީ ފެންތަށްޓެއް އަޅައިގެންނެވެ. ހައިވެފައި އިނަސް ކައިދަން ނިކުމޭތޯ މަޑުކޮށްލީ އެވެ.

ކޯވަރަކުން ކޯވަރަކުން ފެންބޮމުން ގޮސް ފެންތަށި ހުސްވީއިރު ކައިދަން ދައްކައެއްނުލި އެވެ. ޖޫޒަން ރުޅިގަދަވާން ފެށި އެވެ.

"ކައިދަން......!!!" ޖޫޒަން އަޑުގެކޮޅަށް ގޮވާލި އެވެ.

އިރުކޮޅެއްކޮށްލާފައި ދެވަނަ ފަހަރު ގޮވާލިތަނާ ކައިދަން ދޮރުމަތިން ފެނިގެން ސިއްސައިގެންދިޔަ އެވެ.

"ކަންފަތް ފަޅައިގެން ހިނގައްޖެ. ކޮން ހަޅޭކެއްތަ؟" ކައިދަން ބުމަ ކައިރިކޮށްލާފައި އަތް އަޅުވައިލީ ދޮރުކަނީގަ އެވެ. އެތެރެއަށް ވަންނަ ހިޔާލެއް ނުގެންގުޅޭކަހަލަ އެވެ.

"އާދޭ ކާން!" ޖޫޒަން ފަރުވާކުޑަގޮތް ދައްކައިލަންވެގެން އިސްޖަހާލައިފައި ތަށްޓަށް އެއްޗެހި އަޅަންފފެށި އެވެ. އޭނަ ނުކައި މަޑުކުރީ ކައިދަންއަށްޓަކައިކަން އެނގޭކަށް އެހާ ބޭނުމެއްނުވި އެވެ.

"ކުރިންވެސް ބުނީމެއްނު އަހަރެންގެ އަންބެއްހެން އުޅެންނުހަދާށޭ... އައިމް ގޯއިން އައުޓް.." ކައިދަންގެ ޖަވާބުއައީ ކުރިންވެސް ވާހަކަދެއްކި ރާގުގަ އެވެ. އަވަހަށް އެތަނުން ނުދެވިފައިހުރިކަހަލަ އެވެ.

ޖޫޒަން އަނގައަށް ވައްތަރެއް ޖައްސައިލި އެވެ. ކައިދަން އެވަގުތު އަތް އެލުވާލައިފައި ދާން ހިނގައިގަތުމަށްފަހު އަނެއްކާ ހުއްޓުނެވެ. "އެން ވެއަ ސަމް ޕޭންޓްސް! އަހަރެން އެކަންޏެއް ނޫން މިތަނަށް ވަދެނިކުމެވަނީ."

ޖޫޒަންއަށް ރައްދު ނުދެވެނީސް ކައިދަން ލޯމަތިން ގެއްލުނެވެ. ފަހުން އެބުނި ވާހަކަ އަހާފައި އޭނަ ގާތަށް ކުޑަކޮށް ހިނިއައެވެ. ކުޑަމިނުން އޭނަ ތިރިން ހަރުވާޅެއްނުލައި ހުރިކަން ކައިދަންއަށް ފާހަގަވެއްޖެތާ އެވެ. އެކަމަކު އެފަދަ އަމުރެއްކޮށްފައި އެދިޔައީ ފުރަތަމަ ފަހަރަށެވެ. ގައިމުވެސް ކޮންމެވެސް ކަމެއް ވެއްޖެ އެވެ.

ޖޫޒަންގެ ޝައްކު އިތުރުވީ ކައިދަން ދުރުދުރުން އުޅެން ފެށީމަ އެވެ. އޭނަ ހީކޮށްގެން ހުރީ އެނބުރި އައުމަށްފަހު އޭނައަށް ކައިދަންގެ އަދަބުން ފިލޭނެ ހަމަ އެއްގޮތްވެސް ނޯންނާނެ ކަމުގަ އެވެ. އެކަމަކު ދެތިންދުވަސް ވީއިރުވެސް ކައިދަންއާ ރަނގަޅަށް ބައްދަލުވެސް ނުވެ އެވެ. އޭނަ އެހަފްތާގައި ދަންވަރު ޑިއުޓީ އޮތުމުން ކައިދަން ނިދަން އަންނަނީ ހީވާގޮތުން އޭނަ ޑިއުޓީއަށް ދާ ފަހުންނެވެ. ހެނދުނު އަންނަގަޑީ ނިދަން އޮތަސް މާގިނައިރެއްނުވެ ތެދުވެ ތައްޔާރުވެގެން މަސައްކަތަށް ހިނގައިދާނެ އެވެ. ދެން ބައްދަލުވިޔަސް ވާނީ ހަވީރުގެ ވަގުތުގަ އެވެ. އެވެސް ކައިދަން އަންނަ ގޮތަށް އޮފީސް ރޫމަށް ނުވަންނަމަ އެވެ.

އޮފްދުވަހެއް ލިބުމުން ޖޫޒަން އޮތީ ސޯފާގައި އޮށޯވެ ދެފައި ދަމާލައިގެން ފިލްމެއް ބަލާށެވެ. ސްޓާކިނަށް އަރާފައި އޮތްއިރު އަދި ކުޝަންއެއްގައި ބައްދާލައިގެންނެވެ. އޭނަ ލައިގެން އޮތީ ކައިދަންގެ އަންނައުނުތަކުން އަނެއްކާވެސް ފެނުނު މަޑުނޫކުލައަކަށް ދާ ހޫޑީއެކެވެ. އަތްދިގުވެފައި ފޮތި ބޯވެ ފިނިދުވަހަކާއި އަދި ނިކަން ގުޅެއެވެ. ތިރިން ކަޅު ލެގިންސް ދެވަނަ ހަމެއްފަދައިން ދެފަޔަށް ހިފާފަ އެވެ. ދޮރުފޮތިތައް ކަހާލައިފައި ހުރުމުން އެއްފަރާތުގައިވާ ބިއްލޫރި ދޮރުތަކުގެ ފުރަގަހަށް ވާރޭ ވެހެމުންދިޔަތަން ފެނެ އެވެ. އަތްފޯރާ ހިސާބުގައި ކޮފީ ޖޯޑެއް ހުއްޓެވެ. ފިލްމަށް ގެއްލިފައި އޮތްވާ ކައިދަން ވަދެގެން އައިސް ޖައްސައިލީ ޖެހިގެން ހުރި ސޯފާގަ އެވެ. އޭނަގެ މޫނަށް ކައިދަންގެ ނަޒަރު ހުރިފަދަ އިހްސާސެއް ކުރެވިގެން އެދިމާއަށް މޫނު އަނބުރާލި އެވެ.

"ކީއްވެ ތިބަލަނީ؟" ކައިދަން ބަލަނިކޮށް އަތުލައިގަނެވުމުން ޖޫޒަން ޖަވާބަކަށް އެދުނެވެ.

"ބަލަން ބޭނުންވެގެން..." ކައިދަން ޖެހިލުމެއްނެތި ބުނެލި އެވެ.

"ބަލަން ބޭނުންވި ސަބަބެއްވެސް އޮންނާނެއެއްނު..." ޖޫޒަން އިތުރަށް ބާރުއެޅި އެވެ.

"އަހަރެންގެ ހޫޑީއެއްލައިގެން އޮތީމަ ކަންނޭނގެއެއްނު..." ކައިދަން ގަމީހުގެ ދަށަށް ޖަހާފައިވާ ބައއި ނައްޓާލައިފައި ގަމީހުގެ މަތީ ދެގޮށް ނައްޓައިލި އެވެ.

"ބާލާފަ ދޭންވީތަ؟" ޖޫޒަން ބޭނުންވީ ކައިދަން އިމްތިހާނު ކޮށްލާށެވެ. ކައިދަން އެވަގުތު އެއްޗެއް ނުބުނެ ބަލަން އިނުމުން އޭނަ ދެއަތް ހިއްލާލައިފައި ބާލަން އުޅޭގޮތް ދައްކައިލި އެވެ.

"ކީޕް އިޓް! އިޓްސް ޔުއާސް..." ޖޫޒަންއަށް ކާމިޔާބުނުވަނީސް ކައިދަން ކުއްލިއަކަށް ތެދުވެގެން ދުރަށް ހިނގައިގަތެވެ. އެވަގުތު އޭނައަށް ކުއްލިއަކަށް އެދިމާއަށް އެނބުރިފައި ކައިދަން ގޮސް ކޮޓަރިއަށް ވަންނަތަން ބަލަން އިނދެވުނެވެ.

ކައިދަންއަށް ޔަޤީނުންވެސް ކޮންމެވެސް ބަދަލެއް އަތުވެއްޖެ އެވެ. އެކަމާއި އުފާވުމުގެ ބަދަލުގައި އޭނަގެ ހިތުގައި އުފެދުނީ ފާޑެއްގެ ހިތްހަމަނުޖެހުމެކެވެ. ދުރުން އުޅެން ބޭނުންވާއިރު ފުރަތަމަވެސް ދުރުން ނޫޅުނީ ކީއްވެ ހެއްޔެވެ؟ ދުރުވާންވީ މިހާރު ހެއްޔެވެ؟ ނޫނީ ކުރިއްސުރެ ކައިދަންގެ އެޖެންޑާއަކީ އެއީ ކަމަށްވެދާނެ އެވެ. އޭނަގެ ހިތް ލަންބުވާފައި ނަފްސާނީ އަނިޔާދިނުމެވެ. އޭނަ ކައިދަންއަށް ބޭނުންވެގެން އާދޭސްކުރުވުމެވެ.

***

ފޮށި ހިފައިގެން ރަމްޝާ ކޮޓަރިން ނިކުތްއިރު ޔޫޝައު އައިސް އިނީ ސިޓިންރޫމްގަ އެވެ. އޭނަ ޔޫޝައުއަށް ގުޅީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެކަމަކު މިހާ އަވަހަށް އެއިނީ އައިހެވެ. ގާތުގައި ބައްޕަ ވެސް ޔޫޝައުއާ ކޮންމެވެސް ވާހަކައެއްދައްކަން އިނދެފައި އޭނަ ފެނުމުން ދެމީހުން ތެދުވެއްޖެ އެވެ. ޔޫޝައު އަވަހަށް އައިސް އޭނަގެ އަތުން ފޮށި އަތުލައިގެން ކުރީގައި ހިނގައިގަތެވެ. ރަމްޝާ ހުއްޓުނީ ބައްޕަ އޭނަގެ ނަމުން ގޮވާލީމަ އެވެ.

"ބައްޕަ ވަރަށް ހިތްހަމަޖެހިއްޖެ ދަރިފުޅުމެން މައްސަލަ ހައްލުކޮށްފަ ދަރިފުޅު އެގެއަށް ދާން ނިންމީމަ. ބައްޕަގެ ދުޢާއަކީ ކުރިއަށް އޮތް ތާގައި ތިފަދަކަމެއް ތަކުރާރު ނުވުން. އަދި ހަމަ މައްސަލައެއް ޖެހިލާ ކޮންމެފަހަރަކު ގެއިން ނިކުމެގެން އައުމަކީ ގޮތެއް ނޫން. ދަރިފުޅުވެސް ވާނެ ވިސްނަން..." ބައްޕަ އޭނަގެ ކޮނޑުގައި އަތް ޖައްސާލައިފައި ދެއްކި ވާހަކަތައް އަހަން ހުރުމަށްފަހު ރަމްޝާ ހަމައެކަނި ބޯޖަހައިލީ ބައްޕައަށް ދެއްކުމުގެގޮތުންނެވެ. ބައްޕައަކަށް އެކައްޗެއްވެސް ނޭނގެއެވެ. ކިޔައިދިނުން އޭނައަށް މުހިންމުވެސް ނުވީ އެވެ.

"ވަރަށް އުފާވެއްޖެ ގެއަށް ދާން ނިންމީމަ. ތެންކިއު." ޔޫޝައު ރަމްޝާ އަރުވާފައި އަނެއްފަރާތުން ކާރަށް އަރައި އިށީންނަމުން އިއްވައިލި އެވެ.

"އިޓްސް ނޮޓް ފޯ ޔޫ..." ރަމްޝާ ދުރުބަލަން އިނދެގެން މަޑުމަޑުން ޖަވާބުދިނެވެ.

ޔޫޝައުގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ. ކޮންމެ ސަބަބަކަށްޓަކާއި ނިންމި ނިންމުމެއްގައިވިއަސް އޭގެ ފައިދާ އޮތީ އޭނައަށެވެ. ކުރިއަށް މިއޮތް ދުވަސްތަކުގައި އޭނަ ރަމްޝާގެ ހިތް އަލުން އަނބުރާ ހޯދާނެއެވެ.

މިޒްނާގެ ދައުވަތަކަށް ޔޫޝައުއާއެކު ރަމްޝާ އެގެއަށް ދިޔަ ދުވަހު ޖޫޒަންއާ ވެސް ބައްދަލުވި އެވެ. ބެލް އަޅާލުމުން އައިސް ދޮރުހުޅުވީ މިޒްނާ އެވެ. މިޒްނާ އުފަލާއެކު ދެޒުވާނުންނަށް މަރުހަބާ ކިޔާފައި ވަންނަން ދައުވަތުދިނެވެ. ޖޫޒަން އެމީހުންގެ ލޮލުގައި އަޅައިގަތީ އެތެރެއަށް ވަންފަހުންނެވެ. ސިޓިންރޫމް ސޯފާގައި ކުޑަކުޑަ މަލީކް އުރާލައިގެން ޖޫޒަން އިނީ ހިނިތުންވެފަ އެވެ. ހީހީފައި އޭރުވެސް މަލީކްއާ ކޮންމެވެސް ސަމާސައެއްކުރަނީ އެވެ. އެދެމީހުން ވަދެގެން ދާން ފެށިތަނާ ޖޫޒަންވެސް ބަޔަކު ވަންކަން އިހްސާސްވެގެން އިސްއުފުލާލައިފި އެވެ.

"ރަމް!" ޖޫޒަންގެ މޫނުން ހައިރާންކަން ފެނިލި އެވެ. ފަހަތުގައި ހުރި ޔޫޝައުގެ މޫނަށް ބަލައިލާފައި އަނެއްކާ ރަމްޝާއަށް ބަލައިލީ ސުވާލުއުފެދިފަ އެވެ. އެދެމީހުން ސުލްހަވީކަމެއް އޭނައަކަށް އަދި ނޭނގެ އެވެ. ދެވަނަ ސިކުންތުގައި ހިނިތުންވެލީ ހަޤީޤަތުގައިވެސް އުފާވެފަ އެވެ.

މިޒްނާ އެދެމީހުން ބައިތިއްބާފައި އެތެރެއަށް ވަދެގެން ދިއުމުން އަނެއްކާވެސް ޖޫޒަން އާއި މަލީކްގގެ އަޑު ނޫން އަޑެއް އެތާ ނެތެވެ. ރަމްޝާ އާއި ޔޫޝައުއަށްވެސް މަލީކްގެ ލޯބިވެތި ބަހުރުވައިން ހިނިތުންވެނުލައެއް ނީނދެވުނެވެ.

"ހިތަށްއަރާ މިމަލީކްމަފިންކޮޅު އަމިއްލަކޮށްގެން ގެއަށް ގެންގޮސްފާނަމޭ..." ޖޫޒަން ވާހަކަދައްކަމުނން ބަލައިލީ ރަމްޝާއަށެވެ.

"އަސްލުވެސް ވަރަށް ކިއުޓް ދޯ..." ރަމްޝާ ޖޫޒަންއާ އެއްބައިވެލި އެވެ.

"ކޮބާ ކައިދަން؟" ޔޫޝައު އެދެއަންހެންކުދިން ކައިރީ އިންނަން ޖެހުމުން ކުޑަކޮށް އުދަނގޫވެފައި ސުވާލުކޮށްލި އެވެ.

"އޭނަ އަންނާނެ އިރުކޮޅަކުން. ލަސްވާތީ އަހަރެން އެކަނި އައީ... " ޖޫޒަން އިސްއުފުލައިލުމެއްނެތި ޖަވާބުދިނެވެ.

ކުޑައިރުކޮޅެއް ފަހުން ޔޫޝައުއަށް ފޯނެއް އައުމުން ތެދުވެގެން ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. އޭނަ ދޮރުފަތް ކަހާލައިފައި ނިކުމެ ބޭރުގައި މަޑުކުރި އެވެ. ޖޫޒަން އެނބުރި ޔޫޝައުއަށް ބަލާލައިފައި ރަމްޝާއަށް ބަލައިލި އެވެ. ރަމްޝާ އިސްޖަހައިގެން އިނދެލާފައި އިސްއުފުލައިލީ އޭނަ ބަލައިލިގަޑީގަ އެވެ. ހަތަރުކަޅި ހަމަވުމުން ފުރަތަމަ ހިނިތުންވެލީ ޖޫޒަން އެވެ. އެވަގުތު ރަމްޝާގެ އޭގެ ރައްދުދިނެވެ.

"ދެކުދިން ސުލްހަވީތަ؟" މަލީކް ފައިބަން އުޅުމުން ތިރީގައި މެޓްމަތީ ބައިންދާފައި ޖޫޒަން ސުވާލުކުރި އެވެ.

"ވިހަންދެން އެގެއަށް ޗޭންޖް ވީ..." ރަމްޝާ ހާމަކޮށްލި އެވެ.

"ވަޓް؟ ޔޫ އާ ޕްރެގްނެންޓް؟" ޖޫޒަން ސިއްސައިގެން ގޮސްފައި ސުވާލުކޮށްލި އެވެ.

ރަމްޝާ ބޯޖަހައިލުމުން އޭނައަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަދި އޭނައަށް އެއްޗެއް ނުބުނެވެނީސް އެތަނަށް މިޒްނާ އެނބުރި އައެވެ. އެންމެން ކާމޭޒު ދޮށަށް ދާން ބުނެފައި މިޒްނާ މަލީކް އުރާލައިގެން އެމީހުންގެ ކުރީގައި ހިނގައިގަތެވެ. ދެއަންހެންކުދިން އެކަކު އަނެކަކަށް ބަލާލައިފައި ވަދެގެން ދިޔަތާ އިރުކޮޅެއް ފަހުން ޔޫޝައުވެސް އަތުވެއްޖެ އެވެ. ނާންނަނީ ހަމައެކަނި ކައިދަންއެވެ.

"ޖޫޒަން ގުޅާބަލަ ކައި ކިހާ ހިސާބެއްގަތޯ ބަލައިލަން..." މިޒްނާ އެދުނެވެ.

ޖޫޒަން ބޯޖަހާލައިފައި ދަބަސްތެރެއިން ފޯނު ހޯދައިގެން ނެގިއިރު ކޮންމެވެސް މީހަކު ބެލް އަޅައިފި އއެވެ. ކައިދަން އައީ ކަންނޭނގެއޭ ބުނެފައި މިޒްނާ ދާން ފެށުމުން އޭނަ މަޑުކޮށްލި އެވެ. އެކަމަކު މިޒްނާ އެނބުރި އައީ ފިރިމީހާ ޚާލިދުގޮވައިގެންނެވެ. ޖޫޒަން ދެވަނަ ފަހަރަށް ފޯނު ނަގާފައި ކައިދަންއަށް ގުޅި އެވެ. ރިންގް ކެނޑުނުއިރުވެސް ޖަވާބު ނުދިނުމުން މަސައްކަތް ހުއްޓާލައިފައި ފޯނު މޭޒުމަތީ ބާއްވައިފި އެވެ.

ކައިދަން އައީ އެމީހުން ކައި ނިމެން ކައިރިވެފައި ހުއްޓަ އެވެ. މިޒްނާ ޝަކުވާކުރީމަވެސް ބަހަނާއެއް ނުދެއްކިތާގައި މާފަކަށްވެސް ނޭދެއެވެ. ޖޫޒަން ގާތަށް ރުޅިއައެވެ. މިފިރިހެނާގެ ސަބަބުން އޭނަވެސް މިއެންމެންތެރޭ ބޭޒާރުވާނެ އެވެ. އަމިއްލަ ގޭގައި ކޮންމެ ގޮތަކަށް އުޅުނަސް އެހެން މީހުންތެރޭގައި އުޅެންވާނީ ތަންކޮޅެއް ރަނގަޅަށް ނޫން ހެއްޔެވެ؟

ކެއުމުގެ ތެރެއިން މިޒްނާ ނެގީ ބަލިވެ އިނީއްސުރެ ސުންނަތަށް އަމަލުކުރުމުގެ މައުޟޫއެވެ. ފުރަތަމަ ކަމަކަށް މާބަނޑުކަން ފައުޅުކޮށް އެންމެން ކައިރީ ކިއުމުގެ ބަދަލުގައި ވީހާވެސް ސިއްރުކުރުމަށެވެ. އެއީ ހަސަދައާއި އެސްފީނާއިން ސަލާމަތްކުރުމަށްކަމުގަ އެވެ. ލިބުނު ނިޢުމަތަށް ޝުކުރުވެރިވުމާއެކު ދަރިފުޅު ހެޔޮލަފާ ޚުލްޤުހެޔޮ ކުއްޖަކަށް ވުމަށް އެދި ދުޢާ ކުރުމާއެކު އިވުމުގެ ހިއްސު އުފެދުނީއްސުރެ އެދަރިފުޅަށް އިވޭވަރަށް ޤުރުޢާން ކިޔައިވައިދީ ޤުރުއާނަށް ލޯބި ޖެއްސުމުގެ ފައިދާ އެވެ. މިޒްނާގެ ވާހަކަ ނިމުނީ މަލީކްގެ ވާހަކައިންނެވެ. މިޒްނާ ބަނޑުބޮޑުއިރު ޤުރުޢާން އިއްވާދީފައި ހުރުމމުން މަލީކް މިހާރުވެސް އެންމެ އަޑުއަހަން ލޯބިކުރާ އެއްޗަކީ ޤުރުޢާންކަމުގައި ބުނެދިނެވެ. ނާސަރީ ރައިމްއެއް އަޅުވާފފަ ހުއްޓަސް ފޯނުން ޤުރުއާން ޖަހާލާއިރަށް ޓީވީ ބެލުން ހުއްޓާލައިފައި ޝައުޤުވެރިކަން ދެނީ ޤުރުއާނަށެވެ.

ރަމްޝާ އިނީ ނުހަނު ފަރުވާވެ އަޑު އަހާށެވެ. ދެފަހަރަކު ޔޫޝައުގެ މޫނަށްވެސް ބަލައިލި އެވެ.

"ތޭންކްސް ދައްތަ. އިންޝާﷲ ދައްތަ ތިކިޔައިދިން ގޮތަށް އަހަރެން ކަންތައްކުރާނަން.." ރަމްޝާ ހިނިތުންވެލާފައި ވާހަކަދެއްކި އެވެ.

"މީ ރަމްޝާއަށް އެކަނި ކިޔައިދިން ވާހަކައެއް ނޫން. ޖޫޒަން ބަލިވެއިނީމަ ޖޫޒަންއަށްވެސް ކުރިން ކިޔާދީފަ އޮތީމަ އެނގޭނެއެއްނު..." މިޒްނާ ހިނިއައިސްފައި ޖޫޒަންގެ ކޮނޑުގައި ހިފާލަމުން ބުނެލި އެވެ.

"ވީ ވިލް ނޮޓް ހޭވް ކިޑްސް..." ޖޫޒަންއަށްވުރެ ކައިދަން ބުނެލި އެވެ.

ވަގުތުން އެންމެން ހިމޭންވި އެވެ. ލިބުނު ޝޮކުގެ ސަބަބުން މިޒްނާއަށްވެސް ވާހަކަދައްކަން އިރުކޮޅެއް ނެގިއެވެ. އެހެން އެކެއްގެ މޫނަށްވެސް ބަލައިލަން ނުކެރިގެން ޖޫޒަންއަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ. އޭރު ރަމްޝާގެ ނަޒަރު ހުރީ ޖޫޒަން އަށެވެ. ޖޫޒަން ކުޑަކުދިން ދެކެ ލޯބިވާ ވަރާއި އަމިއްލަ ދަރިއަކު ގެންގުޅެން ޝައުޤުހުންނަ ވަރު އޭނަ ދަނެއެވެ. އޭރުވެސް ހުއްޓުން އަރަނީ ކައިވެންޏާއި ހަމައިންނެވެ. އެކަމަކު މިހާރު އެއީ ތަފާތު ވާހަކައެކެވެ. އެންމެން ހިމޭންވެފައި ތިބިއިރުވެސް ކައިދަން ކަމެކޭ ހީނުވާ މީހަކު ފަދައިން ކާލަ ކާލަ އިނެވެ.

"މޮޔަ ވާހަކަނުދައްކާ ކައިދަން. ކައިވެނީގެ މަޤްސަދަކީވެސް ހަލާލުގޮތުގައި ކުދިން ހޯދުން." މިޒްނާ ހިތްހަމަނުޖެހިފައި ބުނެލި އެވެ.

ކައިދަން އެއަކަށް ރައްދެއް ނުދިނެވެ. އެންމެންގެ ފަހުން ކެއުން ނިންމާލައިފައި ތުން ފުހެލަމުން ރަމްޝާއަށް މަރުހަބާ ކިޔާލައިފައި އެންމެ ކުރިން ތެދުވެގެން އެތަނުން ނިކުންނަން ހިނގައިގެންފި އެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް ޖޫޒަން ތެދުވެގެން ހިނގައިގަތެވެ.

"ދައްތަ ކައިރީ ބުނެވެސް ނުލާ ދަނީތަ؟" ކައިދަންގެ މިސްރާބު ދޮރާއި ދިމާއަށް ހުރުމުން ޖޫޒަން ފަހަތުގައި ހުރެފައި ސުވާލުކުރި އެވެ.

ކައިދަން ހޫމ އަޅުވާލައިފައި ނިކުންނަން ދާން ފެށުމުން އޭނަ މަޑުކުރަން އެދިފައި ދުއްވައިގަތީ އަނެއްކާވެސް އެތެރެއަށެވެ. ދޮރުމައްޗަށް އަރާފައި ކެއުމަށް ޝުކުރުއަދާކޮށްފައި ގެއަށްދާ ވާހަކަ ބުނެލި އެވެ. މިޒްނާ ބޯޖަހައިލުމުން އޭނަ ދެން ބަލައިލީ ރަމްޝާ އަށެވެ. "ގުޑްނައިޓް ރަމް. އެން ކޮންގްރޭޓްސް. އައިމް ހެޕީ ފޯ ޔޫ..." ޖޫޒަން ހަނާ އަޅާލައިފައި ލުއއި ހިނިތުންވުމަކާއެކު ބުނެލި އެވެ.

ރަމްޝާގެ މޫނުގައި ވި ހައިރާންކަން ހިނިތުންވުމަކަށް ބަދަލުވީތަން ދެކެފައި އޭނަ ދުވަމުން ގޮސް ނިކުތްއިރު ކައިދަން ސައިކަލު މަތީ އިނީ ނުދެވިގެން ލަސްވެފަ އެވެ.

"އަޅެ ދައްތަ ހިތްހަމަޖައްސައިލަން ވެސް އެތާގައި އަނގައިން ނުބުނެ އިންނަމަ ކައިދަންގެ ހަށިގަނޑުން ބައެއް ކަންފަތިވާނީތަ؟ ހަމަ އެއެންމެންތެރޭ އެހެން ބުނަންވެއްޖެ..." ގެއަށް ވަދެވުމުން ޖޫޒަންއަށް އިތުރަށް ހިމޭނަކުން ނުހުރެވުނެވެ. އޭނައަށް ވާހަކަދެއްކުނީ ބޭނުންވި ވަރަށްވުރެ އަޑު ބާރުކޮށެވެ.

ކައިދަން ހިނގަ ހިނގާފައި އެނބުރި ބަލައިލިއިރު ދެބުމަ ހުރީ ގޮށްޖެހިފަ އެވެ. ޖޫޒަން ކުޑަކޮށް ފިނިވވި އެވެ. އެކަމަކު ހުރިތަނުން ގުޑައެއްނުލި އެވެ. ކައިދަން މިކުރި ކަމަކުން އޭނަ ގަތީ ހަމައެކަނި ލަދެއްވެސް ނޫނެވެ. ދެކެމުންދިޔަ ހުވަފެނެއް ފުނޑުފުނޑުވެގެން ދިއުމުން އެކުރެވޭފަދަ ރިހުމުގެ އިހްސާސެއް ހިތުތެރެއަށް ވެރިވެއްޖެ އެވެ. އެކަމަކު ކައއިދަންފަދަ މީހަކާއެކު ދިރިއުޅުމެއް ނެތްކަން އޭނައަށް ކުރިންވެސް އެނގެއެވެ. ވީއިރު އެފަދަ މީހަކާއެކު ކުދިން ހޯދުމުގެ ހިޔާލު ކުރުމަކީ އަމިއްލަ މޮޔަކަން ނޫން ހެއްޔެވެ؟

"އައި ޑޯން ލައިކް ޕްރިޓެންޑިން..." ކައިދަން ނުރުހުމާއެކު ޖަވާބުދިނެވެ.

"އަހަރެން ކިހިނެތް ތިވާހަކަ ޤަބޫލުކުރާނީ. ފުރަތަމަ މިކައިވެނި ވެސް މީ ކައިދަން އެހެން މަޤްސަދެއްގެ ކުރި ކައިވެންޏެއް. މިވެސް ވާނީ ހަމަ ޕްރިޓެންޑް ކުރުމަށް.." ޖޫޒަން ހަށަން ބަނދެލަމުން ހަނދާންކޮށްދިނެވެ.

ކައިދަން އެއްޗެއް ނުބުނެ ފުރަގަސްދީފައި ވަދެ ދޮރުޖެހި އަޑު މުޅިގޭތެރޭ ގުގުމާލި އެވެ. ރުޅިއައިސްގެން ޖޫޒަންވެސް ގޮސް އޭނަ ނިދާ ކޮޓަރިއަށް ވަދެއްޖެ އެވެ. ކައިދަންއަށް ގެއްލުން ދޭން ބޭނުންވެ އެކަން ވާން ނެތުމުން ކޮޓަރިތެރޭ ހުރި ކައިދަންގެ އެއްޗިއްސަށް ގެއްލުން ދޭން ނިންމި އެވެ. ކަތުރެއް ހިފައިގެން ގޮސް އަލަމާރި ހުޅުވާލައިފައި އެތާ ހުރިއްޔާ ހުރި ގަމީހެއްގެ ކަފާ ކުދިކޮށް ތިރިއަށް އަޅައިލި އެވެ. ހުރިހާ ޓައީއެއް ނަގައި ކޮންމެ ޓައީއެއް މެދާ ހިސާބުން ބުރިކޮށްލި އެވެ. މަސައްކަތް ނިންމާލައިފައި ނުހަނު އަރާމުގައި ނިދާލައިފައި އޮތްވާ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ކައިދަން ވަނެވެ.

ނުނިމޭ

ދިގު ވާހަކަ

Popular