10 Sep 2020

By: Ahmed Nadym

ފުނަވަލުގެ ފިނިކަމުގެ ތެރޭގައި ރުގްބާ އޮތީ އުޑުތިލަމަތިން އޮށޯވެލައިގެންނެވެ. އުސްބިމުގައި ހެދިފައިވީ ވިނަގަނޑުގެ ތެތްފިނިކަމުގެ ތެރޭގައި ވިޔަސް އޭނާގެ ހުރިހާ ހިޔާލެއް ގޮސް ގެއްލިފައި އެ ވަނީ ތަރިތަކުން ވިދައި ބަބުޅަމުން ގެންދާ ހިތްގައިމު ފަޒާގެ މަންޒަރަށެވެ. ޖެހެމުންދާ ފިނި ރޯޅީގައި މަޑުމޮޅި ޒާތަކަށް ހެލެމުން ދާ ފުނަގަސްތަކުގެ ތެރެއިން ވައިގެ ތެރެއަށް ދޫވެ މުޅި އެ މާހައުލު ތެރޭގައި އެނބުރެމުން އެދާ ހުދުކުލައިގެ ކުދިކުދި ފުނަމާތައް ބިމަށް ވެއްޓެމުންދާއިރު ހީވަނީ ހަނދުވަރުގެ އައްޔަށް ކޮކާތަކެއް މޮޔަވެ ލަސް ހަރަކާތުގައި ވެއްޓެމުންދާހެނެވެ.

މި މަންޒަރު ބަލަން ނަޖުމީ މަޑުކޮށްލައިގެން ހުރީ ތަންކޮޅެއް ދުރުގައި ބިޔަކޮށް ހެދި ފެތުރިގެންފައިވާ ފުނަ ގަހެއްގެ ދަށުގައެވެ. އޭނާގެ މޫނަށް އެޅިފައިވާ ކޮކާހަނދުވަރުގެ ސިފަ އެނބުރޭ ރޯޅިތަކާ އެކު އެގޮތްމިގޮތަށް ބަދަލުވަމުންދާއިރު އެ މޫނުމަތިން ފާޅުވަމުންދާ އެދުންވެރިކަން އެ ތެތްފިނިކަމުގެ ތެރެއިން ގޮސް ގުޅެނީ ވިނަގަނޑުމަތީގައި އޮތް ރުގްބާގެ ހަރަކާތެއް ނެތް ފަތިހަށިގަނޑާ އެވެ. ދެ މީހުން އެކުގައި އުޅޭތާ ހަޔާތުންވީ ދުވަހެއް ވެފައިވީ ނަމަވެސް މިލަހަނދުވަރުގެ މި ރޭގަނޑު ހީވަނީ ދެ މީހުން އެތައްތަންކުރުވި ދުނިޔެއެއްގެ އަލަތު ފެށުމެއް ހެންނެވެ.

ހިތްފުރި އުތުރި އަރައިގަތުމުން، ކޮކާހަނދުވަރުގެ ތެރެއިން ނުކުމެގެން ނަޖުމީ، އުސްބިމުގެ ވިނަގަނޑާ ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. ރުގްބާ އައިސް އެ އޮތީ ނަޖުމީ ދިން ދައުވަތު ހިތުގެ އެންމެ އަޑިން ގަބޫލުކޮށް، އެ ހިތް ތަންމިނަށް ހުޅުވާލައިގެންނެވެ. ނަމަވެސް ފުނަވަލުގެ މި އެކަހެރި އުސްބިމަށް ދައުވަތު ލިބުނު ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. ނަޖުމީ ދައްކަން އެ އުޅޭ ވާހަކައެއް، ބުނެދޭން އެ އުޅޭ ސިއްރެއް، ހިޔާލަށް ގެންނަން ވެސް ރުގްބާއަކަށް ނޭނގެއެވެ.

ނަޖުމީ ގޮސް ކައިރިއަށް މަޑުކޮށްލުމުން ރުގްބާގެ ކަތިނަޒަރު އޭނާގެ މޫނަށް ހުއްޓުނެވެ. ނަމަވެސް މިލަހަނދުވަރުގެ އެ ފުސްކަމުގައި، ހައެއްކަ ފޫޓު މަތިން އެ ފެންނަ ނަޖުމީގެ މޫނުގައިވީ ކުލައަކާއި އިހުސާސެއް ފެންވަރެއް ނޫނެވެ. އިރުގަނޑެއް ވަންދެން އެކަކު އަނެއްކެއްގެ މޫނަށް ބަލަން ތިބެފައި ނަޖުމީ މަޑުމަޑުން ތިރިވެ ރުގްބާއާ ވެވުނު އެންމެ ގާތެއްގައި އޮށޯތެވެ. އެ ހަށިގަނޑުގެ ހޫނު އަރާމުގައި ރުގްބާ އަނެއްކާވެސް ތަރިތަކުގެ ފަޒަޔަށް އެނބުރި ގެއްލިއްޖެއެވެ.

"އަހަންނަށް އެނގޭ ދެ މީހުންގެ ވެޑިން އެނިވާސަރީ އަންނާނީ ދުއިސައްތަ ބާވީސް ދުވަސް ފަހުންކަން. ދެ މީހުން ކުރެ މީހެއްގެ އުފަން ދުވަހެއް މި އަހަރަކު ދެން ނާންނާނެކަން ވެސް. އެހެންވީމަ ތިޔަ ދޭން އުޅޭ ސަޕްރައިޒެއް އިތުރަށް ލަސްނުކޮށް ފަށައިގަންނަންނަމާ ހިނގާ ދޯ،" އަނގައިން ނުބުނެ ތަރިތަކުގެ ތެރެއަށް ގެއްލި ތިބޭތާ އެތައްއިރެއްވީ ފަހުން ރުގްބާ އެންމެފަހުން ފަށައިގަތެވެ.

އެކަމަކު ދެން ވެސް ނަޖުމީ ވާހަކައެއް ނުދެއްކިއެވެ. ނުވަތަ ވާހަކަ ދައްކާ ހިތެއް އޭނާގެ ނެތީ އެވެ.

ވިލާތައް މަޑުމަޑުން ޖަމާވަން ފަށައިފިއެވެ. ތަރިތައް ގޮސް މަޑުމަޑުން އެ ވިލާތަކުގެ ނިވަލަށް ވަންނަން ފަށައިފިއެވެ. މާހައުލުގައިވީ ތެތްފިނީގެ އަސަރު މަޑުމަޑުން ގަދަވާން ފަށައިފިއެވެ.

"މިއީ ހަމަ ނަޖުމީ ކަހަލަ ރެއެއް،" މިހެން ބުނެފައި ކުރު ހިނިގަނޑަކާއެކު ރުގްބާ އަނެއްކާވެސް މަސައްކަތްކުރީ ޖެހިގެން އޮތް ބައިވެރިޔާ ލައްވައި އެއްޗެއް ބުނުވާށެވެ.

"އެކަމަކު ދެ މީހުން ވެސް މި ރޭ ގެސްޓް ހައުސްގެ މަސައްކަތުން އޮފް ނަގާނީއޭ ކިޔާފައި ފުނަވަލަކަށް ގެނެސް އަނގައިންނެއް ނުބުނެ ތިޔަހެނެެއް ނުއޮވެވޭނެދޯ ދެނެއް،" މިހެން ކިޔާފައި ރުގްބާ ފުންމައިގެން ގޮސް ނަޖުމީއާ ދިމާލަށް އެނބުރި ގިލިކޮށްޓައިގަތުމުން އެ ބުނިހެން އޭނާއަކަށް މަޑަކުންނެއް ނޯވެވުނެވެ.

ހީގެންފައި ރުގްބާގެ އެ ޖެއްސުމުން ސަލާމަތްވުމަށް ނަޖުމީ އޭނާގެ ދެ އަތުގައި ހިފައި ވިނަގަނޑު މައްޗަށް ވައްޓާލައި ގައިމައްޗަށް އަރައި ބާރަކަށް ބައްދައިގެންފިއެވެ.

"ބިރުގަނެއްޖެ ދޯ."

ނަޖުމީ އެ ބުނީ ތެދެކެވެ. ނަޖުމީގެ އެ ދައުވަތުގައި ވާނުވާ ނޭނގި މާ ގިނައިރުވުމުން ރުގްބާ ބިރުގަތީއެވެ. ނަމަވެސް މިހާރު އޭނާ އެެ އޮތީ އަނެއްކާވެސް ހަމަޖެހިފައެވެ. އެހެން އޮވެފައި ރުގްބާ ވެސް ކުއްލިއަކަށް ނަޖުމީގެ ގައިގައި ބާރަކަށް ބައްދައިގަތެވެ.

"ތި ޖިސްމުގައި ވާ އަރާމެކެވެ."

ނަޖުމީގެ ގައިގައި ބައްދައިގަނެގެން އޮތް ދެ އަތް ދޫކޮށް ރުގްބާ އަނެއްކާވެސް ވިނަގަނޑު މައްޗަށް މަޑުމަޑުން ގޮސް ތިރިވެ އޮށޯވެލިއެވެ. އެއަށް ފަހު ނަޖުމީގެ އަތުގައި ހިފައި އެ އަތް ގެންގޮސް މޭގައި އަޅާލިއެވެ. ރުގްބާގެ ހިތް ތެޅެމުން ދަނީ ކޮން ކަމަކަށްކަން ނަޖުމީ އަށް އެނގޭ ކަހަލައެވެ. ނަޖުމީގެ ލޮލަށް ބަލަން އޮވެފައި ރުގްބާ ދެ ލޯ މަރައި ލޯބީގެ އެ ދާނުގައި ރަނގަޅަށް ފެތުރިގަތެވެ. އަމާންކަމުގެ އެ ދައުވަތު ގަބޫލުކޮށް ނަޖުމީ ރުގްބާގެ ހަށިގަނޑުގައި ބީހި ފިރުމަމުން ގޮސް އޭނާގެ ތުނިތުނި ހަރުވާޅާ އެކު އުނަގަނޑުގައި ހިފައި ބާރުކޮށްލިއެވެ.

ދެން ގެނބިގެން ދިޔަ ފުންކަމުގައި ހޭދަވީ ވަގުތެއް ދެމީހުންކުރެ އެކަކަށް ވެސް ނޭނގެއެވެ. ލޯބީގެ އެ ދާނުން ތެދުވިގެން ދެ މީހުން ފުނަވަލުން ނުކުތުމަށް ހިނގައިގަތީ ވިލާތައް ޖަހައި ބަންދުކޮށްލާފައި އޮތް އަނދިރި އުޑުން ވާރޭ ވެހިގަތުމުންނެވެ. ސަމާސާކޮށް ހީ މަޖާކުރަމުން ދިޔައިރު ރުގްބާ ހުރީ ނަޖުމީގެ އަތުގައި ހިފައި ބާރުކޮށްލައިގެންނެވެ. ދުވަހަކުވެސް އެ އަތް ދޫކޮށްލަން އޭނާ ބޭނުންނުވާ ކަހަލަ ޖޯޝަކާއި ލޯތްބެކެވެ.

ވާރެ އާއި ވާހަކައިގެ އޮލަކަމުގެ ތެރެއިން ހިނގަމުން ދަނިކޮށް ނޭނގިތިއްބައި ބްލޫ ސްކައި ގެސްޓް ހައުސްގެ އަލި ފެންނަ ހިސާބަށް ދެވިއްޖެއެވެ. އެ ހިސާބަކަށް ވާރެއެއް ނުވެހެއެވެ. ތަރިތައް އަނެއްކާވެސް އުޑުމަތިން ބަބުޅަން ފަށައިފިއެވެ. ކުއްލިއަކަށް އިހުސާސްވާން ފެށި މާހައުލުގެ ބަދަލުތަކާ އެކު ބޭއިހުތިޔާރުގައި ނަޖުމީގެ މޫނަށް ރުގްބާ އަށް ބަލައިލެވުނެވެ. ވާނުވާ ނޭނގޭ ކަހަލަ ޖަވާބެއް ދޭ ފާޑަކަށް ހީލުން ފިޔަވައި އިތުރު ޖަވާބެއް އެ މޫނަކުން ނުދެއެވެ.

ގެސްޓް ހައުސްގެ ބޭރުގައި ބާބެކިއުކޮށް މިއުޒިކަށް ނަށައި ޕާޓީކުރަމުން ގެންދާ ގެސްޓުންނާއި މީހުންތައް ފެންނަން ފަށައި ފުނަވަލުގެ އަނދިރިކަމުން ގާތްގަނޑަކަށް ނުކުމެވިއްޖެއެވެ. އެ ދިމާލުގައި ދިއްލާފައިވާ ބޮކިތަކުގެ އަލި މޫނަށް އެޅުނުއިރު ގެސްޓް ހައުސްއާ ދިމާލުން ރުގްބާއާ ދިމާލަށް ހަރު ފިޔަވަޅުތަކެއްގައި އަންނަ މީހަކު ކުއްލިއަކަށް ލޮލުގައި އަޅައިގަތެވެ. ބޮކީގެ އަލި ލޮލަށް އެޅިފައިވުމުން އެއީ ކާކުކަމެއް ބުނާކަށް ނޭނގެއެވެ.

ފިޔަވަޅެއް ކުރިއަށް ޖެހިލައި ނަޖުމީގެ އަތުގައި ހިފައި ރުގްބާ ބާރުކޮށްގަނެވުނެވެ. އަދި އޭނާއާ ދިމާލަށް އައި މީހާގެ މޫނު ފެނި ކުއްލިިއަކަށް މުޅި ގައިން އަރައިގަތް ހީބިހިގަނޑަކާ އެކު އެ އަތް ފޮޅާލައި ސިހިގެން ގޮސް މެއާ ދިމާލަށް ދަމައިގަނެވިއްޖެއެވެ. ރުޅިގަދަވެ ހިތްހަމަނުޖެހިފައިވާ މޫނަކާ އެކު ކުރިމައްޗަށް އައިސް އެ ހުއްޓުނީ ނަޖުމީ އެވެ. އެހެންވީއިރު ފުނަވަލުގެ ފިނީގައި އެ ހުރިހާ ވަގުތެއް އެ ހޭދަކުރެވުނީ ކޮން ނަޖުމީއަކާ އެކުގައި ހެއްޔެވެ؟ މި ހިޔާލާއެކު ހިތަށް ވެއްދި ބިރުވެރިކަމުގައި ސިހިގެންގޮސް އަތް ދަމައިގަނެ ރުގްބާ އަށް ފަސްއެނބުރި ބަލައިލެވުނީ ފަހަތުގައި އޮތް އަނދިރިކަމަށެވެ. ގެސްޓް ހައުސްއާ ދިމާލުން ހިނގާލާފައި އައިސް އޭނާ ކައިރިއަށް މަޑުކޮށް އަނދަމުން އެ ގެންދާ ނަޖުމީ ފިޔަވައި އިތުރު އެހެން މީހަކު އެ ހާޒިރަކު ނެތެވެ. އެ ހަގީގަތް ގަބޫލުނުކުރެވި ރުގްބާ އަށް ހުރެވުނީ ފުނަވަލުގެ އަނދިރިކަމަށް ބަލަހައްޓައިގެންނެވެ.

"ބަލަ މަ އެއާޕޯޓުން ގެސްޓުން ގޮވައިގެން އަންނަންވާއިރަށް ރޫމްތައް ރެޑީކޮށްދޭށޭ ބުނީމަ ކޮންތާކަށް ވަދެފަތަ ތި އަންނަނީ؟ މިހާރު މުޅިތަން މި އޮތް ބޮއްސުންލީއޭ. ކިހިނެތް މިވަރުން އެއްވެސް ކަމެއް އަހަރެން ރުގްބާއާ ހަވާލުކޮށްފަ ދާނީ،" ހިތްހަމަނުޖެހިފައި ދެ އަތް އުކަމުން އެނބުރިގަނެ ގެސްޓްހައުސްއާ ދިމާލަށް ނަޖުމީ ހިނގައިގެންފިއެވެ.

ހެލިލަން ވެސް ނުކެރި ބިރުގަނެ ގަބުއަރައި އެ ހުރިތަނުގައި ރުގްބާ އަށް ހުރެވުނީ އަނދިރިގަނޑަށް ބަލަހައްޓައިގެންނެވެ. އެ އަނދިރިގަނޑުގައިވީ ނުފެންނަ ބާރެއް އައިސް ކަންފަތްދޮށުގައި ވާހަކަ ދައްކާހެން ހީވެ ސިކުނޑި މޮޔަވުމުގެ ކުރިން ރުގްބާ އެތަނުން ފެއްސިގެން ގެސްޓް ހައުސްއާ ދިމާލަށް ދުއްވައިގެންފިއެވެ.

ނަމަވެސް ފުނަވަލުގައި ކަންހިނގި ގޮތުގެ އެއްވެސް ވާހަކައެއް އޭނާ ނިންމީ ފިރިމީހާ ނަޖުމީ އަށް ކިޔައިނުދޭށެވެ. އޭގެ ފަހުން ހަފުތާތައް ފާއިތުވެ، މަހެއް ފާއިތުވެގެން ދިޔައިރު ވެސް ކަންބޮޑުވެ ހާސްވާން ޖެހޭ ވަރުގެ އުނދަގުލަކާ ވެސް ކުރިމަތިލާން ނުޖެހުނީތީ އެވެ. ރުގްބާ ހީކުރީ ފުނަވަލަށް ލިބުނު ދައުވަތު ފުނަވަލާ ހަމައިން ނިމި ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެ.

ބަލިވެއިންކަން ރުގްބާ އަށް ޔަގީންވީ ދެ ތިން މަސް ފާއިތުވެގެން ދިޔަ ފަހުންނެވެ. އެންމެ ފުރަތަމަ އޭނާ ގަތީ ބިރެވެ. ބަނޑުގައި އޮތް ދަރިފުޅު ނަޖުމީގެ ދަރިއަކަށް ނުވެދާނެތީ އެވެ. އެ ސަބަބާ ހެދި، އެ ޚަބަރު ނަޖުމީ އަށް ދޭކަށް ވެސް އެންމެފުރަތަމަ ބޭނުމެއް ނުވިއެވެ. އެ ސިއްރެއް، ބަނޑާއި ބޮލާއި ހިތު ތެރޭގައި ފޮރުވައިގެން އުޅޭތާ މަސް ދުވަސް ފަހުން އައީ ކަޅުފޮއެ ރެއެއްގެ ގަދަ ވިއްސާރައެވެ.

ނަޖުމީވީ ގެސްޓުހައުސްގައި އެންމެ ފަހަށް ތިބި ޗައިނާގެ ޒުވާން ދެމަފިރިން ފުރުވަން އެއާޕޯޓަށް ގޮހެވެ. ރުގްބާ އިނީ އޭނާ އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދެބަދޭތެރެއިން ނިދިޖެހި ސޯފާ އަށް ވެއްޓެމުން ދަނިކޮށް ސިއްސައިންގެ ދިޔައީ ބޭރު ދޮރުގައި މީހަކު ކުއްލިއަކަށް ވަރަށް ބާރަށް ތަޅައިގަތް އަޑަށެވެ. ނަޖުމީ އެނބުރި އައީ ކަމަށް ހީކޮށް ތެދުވިގެން ގޮސް ދޮރު ހުޅުވިއިރު ބޭރުގައި މަޑުކޮށްލައިގެން ހުރީ ޒުވާން އަންހެނެކެވެ. އޭނާގެ ބޮލުގައި ތެމި ތަތްވެފައި އޮތް ގަދަ މުށިކުލައިގެ އިސްތަށިގަނޑާއި ގުގުރިފިލާހާ ފެހި ދެ ލޮލާއި ލިބިފައިހުރި ފަތިހަށިކަމާއި ހަމުގައިވީ ދޮންކަމުގައި ދިވެހިވަންތަ އެއްވެސް ސިފައެއް ޖެހިފައި ނެތެވެ. – އެއީ ނޫމާ އެވެ.

އޭގެ އެތައް އިރެއް ފަހުން ނަޖުމީ އެނބުރި އައިއިރު އޭނާ އައީ ޒުވާން ފިރިހެނަކު ގޮވައިގެންނެވެ. އެއީ ނޫމާގެ ލޯބިވެރިޔާ އެވެ. އޭނާގެ ނަމަކީ އަޖުފަން އެވެ.

ސޯޅަފޮއިގެ މި ދެ މެހެމާނުން އައިސް ކެތި ނަކަތުގެ ވިއްސާރައާ އެކު ބްލޫ ސްކައި ގެސްޓު ހައުސްގައި ތާށިވީ އެވެ. މޫސުމް ގޯސްވެ ތޫފާނަކަށް ބަދަލުވުމުން ދަތުރުފަތުރު ހުއްޓުމަކަށް އައިސް ހަފުތާއެއްގެ އެ ޗުއްޓީ މުއްދަތެއް ޖަހަން ނޭނގޭ ވަރަށް ދިގުލައިގެންދިޔައީ އެވެ. އަދި ނޫމާ އާއި އަޖުފަންގެ ހަގީގީ މަގުސަދާ މެދު ރުގްބާގެ ހިތުގައި ވަސްވާސް އުފެދި ކަންކަން ގޯހުން ގޯހަށް ދާން ފަށައިފިއެވެ.

ގަޑުބަޑުވަމުން ދިޔަ މި ތޫފާނެއްގެ ތެރެއިން އެއް ރެއަކު ރުގްބާ އަށް ހޭލެވެނީ ކޮޓަރީގެ ބިއްލޫރި ދޮރު ވަޔާ ތެޅެމުން ދިޔަ އަޑަކަށެވެ. ވިދައިލި ވިދުވަރަކާ އެކު ބިއްލޫރީގެ ދޮރާއި ދޮރުފޮތީގެ ތެރެއިން ކޮޓަރީގެ ފެންޑާމަތި ދިއްލިގެންދިޔަ ވަގުތު މީހެއްގެ ހިޔަނި އެ ދިމާލު ބޭރުން ފެނި ނޫމާ އާއި އަޖުފަންއާ ގުޅުވައިގެން ހިތުގައި އުފެއްދި ހުރިހާ ޝައްކެއް ހަގީގަތަކަށް ބަދަލެ ރުގްބާގެ ހަތަރެސްފައި ފިނިވެ، އޭނާ ތުރުތުރުއަޅައިގަތެވެ.

އެ ރެއަކީ ނަޖުމީއާ އެކު ނިދައި ހޭލާނެ އެންމެ ފަހު ރޭކަމެއް ރުގްބާއަކަށް އޭރަކު އަދި ނޭނގެއެވެ.

ނަޖުމީގެ ކޮނޑުގައި ހިފުނު އެންމެ ބާރަކަށް ހިފައި ތަޅުވައިގަތުމުން އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އެއަށް ފަހު ކޮޓަރި ތެރެއަށް ވެރިވި ހަމަހިމޭންކަމުގެ ތެރޭގައި ރުގްބާ ބުނެލި ސިއްރަކާ އެކު އެނދުގެ ތަންދޮށަށް ގުދުވެ، ޓޯޗު ބައްތިއެއް އަތުޖައްސައިގެން ވަރަށް ފަރުވާތެރިކަމާ އެކުގައި ނަޖުމީ އެނދުން ތެދުވެގެން ފެންޑާގެ ދޮރާ ދިމާލަށް ހިނގައިގެންފިއެވެ.

ބޭރަށް ނުކުމެ ޓޯޗު ބައްތީގެ އަލިން ފެންޑާމަތި އެއްކޮށް ދިއްލައި، އެތަނުގައި އިތުރު މީހަކު ނެތްކަން ޔަގީންކޮށް ބައްތި ނިއްވާލައި ކޮޓަރިއާ ދިމާލަށް ނަޖުމީ އެނބުރިގަތް ވަގުތަކީ އޭނާގެ އެންމެ ފަހު ނޭވާ އެވެ. މެޔަށް އަރައިގަތް ވަރުގަދަ ތަދުގަނޑަކާ އެކު ޓޯޗު ބައްތި އަތުން ދޫވެ، ނަޖުމީ ވެސް ދޮރު ކައިރިއަށް ވެއްޓިއްޖެއެވެ. ހީވީ އޭނާގެ ހަށިގަނޑު ތެރެއަށް ރޫހާނީ ނުބައި ބާރެއް އައިސް ވަދެ ފޫއަޅުވާލާފައި ދިޔަ ހެންނެވެ.

އެއީ ސޯޅަފޮއިގެ ރޭގަނޑެކެވެ. އެރެއަށް ފަހު ރުގްބާ އަށް ވީގޮތެއް އެނގޭ މީހަކު ރަށުގައި ނެތެވެ. ނަޖުމީގެ ހަށިގަނޑު ފެނުނީ އެމީހުންގެ ކޮޓަރި ތެރެއިންނެވެ. ޚަބަރެއް ނުވެގެން ބަޔަކު އައިސް ހޯދަމުން ދަނިކޮށެވެ. އެއީ ރަހުމްކުޑަ މަރެކެވެ. އޭނާ އަށް ހަދާލާފައި އޮތް ގޮތް ފެނުނު އެންމެން ވެސް ބުނީ ރުގްބާ އޭނާގެ ފިރިމީހާ މަރާލުމަށް ފަހު ފިލައިގެން ދިޔައީ ކަމަށެވެ.

މަރުގެ އެ ބޮޑު މައްސަލަ ފުލުހުން ވެސް ވަރަށް ފުޅާކޮށް ތަހުގީގުކުރި އެވެ. އެކަމަކު ކޮޅެއްގައި ޖެހޭ ގޮތެއް ނުވި އެވެ. ރުގްބާ ނަޖުމީ މަރާލަން ޖެހޭ އެއްވެސް ސަބަބެއް ހޯދިފައެއް ނުވެއެވެ. މި މަރާ ގުޅިގެން ނަޖުމީގެ އާއިލާ އަށް ލިބުނު ހިތާމަ އަށް ވުރެ ފުން ހިތާމައަކަށް ވެއްޓިގެން ދިޔައީ ރުގްބާގެ އާއިލާ މީހުންނެވެ. ވީގޮތެއް ނޭނގި ރުގްބާ ގެއްލުމަށް ފަހު އޭނާގެ އާއިލާ ވެސް ބަދުނާމުކޮށް މީހުން ވާހަކަ ދައްކައި ތުހުމަތުގެ އިނގިލި އެ އާއިލާގެ މީސް މީހުންނަށް ކުރަން ފެށީ އެވެ. އަތުގައި ހުރި ހުރިހާ ލާރިއެއް ހޭދަކޮށްގެން ވިޔަސް ނަޖުމީގެ މަރުގެ ސިއްރު ހޯދަން ރުގްބާގެ ބައްޕަ ފަހުމީ ނުކުތް ސަބަބަކީ އެއީ އެވެ. އޭނާ ގަބޫލުކުރާ ގޮތުން ނަމަ ފަންޑިތައިގެ ބާރުން ނުހޯދޭނެ އެއްވެސް ސިއްރެއް ނުވެއެވެ.

އައްޑޫ އަތޮޅުން ގެނައި މަޝްހޫރު ފަންޑިތަވެރިޔާ ރެކިބެގެ ކިޔެވެލިތައް ފެށިތާ ހަތް ދުވަސް ތެރޭގައި، ރުގްބާ ވީ ތަނެއް އޭނާ ދެނެގަނެފިއެވެ. ފިރިމީހާ މަރާލުމަށް ފަހު އޭނާ ފިލައިގެން އުޅެނީކީއެއް ނޫނެވެ. މި ހޯދުން ވެގެން ދިޔައީ ރެކިބެގެ ހަޔާތުގައި ވެސް އޭނާ ދެކެފައިނުވާ ވަރުގެ އާދަޔާހިލާފު އަދި ތަޖުރިބާކޮށްފައިނުވާހާ ނުރައްކާ ބޮޑު ހަގީގަތަކަށެވެ. ނުބައިވެގެންވީ ބާރަކުން ރުގްބާ ޖަހައިގަނެގެން ގެން ގޮސް އޭތީގެ އަނދިރި ދުނިޔެއެއްގައި ކަސްތޮޅު ޖަހާފައިވާކަން އެނގުނު ހިސާބުން ރެކިބެ ވެސް އެންމެ ފުރަތަމަ ބޭނުންވީ މި މުސީބާތަކަށް ރުގްބާ އާއި އޭނާގެ ބައްޕަ ދޫކޮށްލާފައި ފިލައިގެންދާށެވެ. ނަމަވެސް އެ ދުނިޔެ އިން ރުގްބާ ސަލާމަތްކުރެވިދާނެ ކަމުގެ އުއްމީދެއް ލިބުނީ އޭނާގެ ހިޔާލުތަކުގެ ތެރެއަށް ރެކިބެ އަށް ގޮސް ވަދެވެން ފެށި ހިސާބުންނެވެ. ނަމަވެސް ކަސްތޮޅުޖަހާފައިވާ ދުނިޔޭގެ އަނދިރިކަން ގަދަވެފައި ނުރައްކާތައް ގިނަވުމުން ރޭވުންތައް ކާމިޔާބުކުރުން ދެން ވެސް، ހީކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ.

ރުގްބާގެ ހަމަހެޔާ ބައްދަލުކޮށް، ގަދަފަދަވެގެންވީ އެ އަނދިރިކަމުގެ ނިދިން އޭނާ ހޭލައްވަން ހައެއްކަ މަސް ނެގިއެވެ. އެއަށް ފަހު އެ ދުނިޔެއިން ނުކުތުމަށް ރުގްބާ އަށް ރެކިބެ ހުޅުވައިދިނީ ހުދުއަލިފާންހެން އެނބުރޭ ވަށްބުރެކެވެ. ރުގްބާ އަށް ފެނުނީ ހުދުކުލައިގެ އަލިގުޅައެއްގެ ގޮތުގައެވެ. އޭގެ ތެރެއަށް އޭނާ ދަމައިގެން ގޮސް ގެއްލުނީއެވެ.

އެއަށް ފަހު އެ އަލިގަނޑުގެ ދޯދިތައް ފަޅާލާފައި ނުކުތީ ރަށުގެ ބޮޑުކުޅީގައި ހެދިފައިވާ ޗަސްބިމަކުންނެވެ. އެއީ ރުގްބާގެ ހަގީގަތް އެނގުނު ފަހުން ރެކިބެގެ ކިޔެވެލިތައް ކޮންމެ ރެއަކު ވެސް ކުރިއަށް ގެންދާ ތަނެވެ.

ހުދު އަލީގެ ގަދަ ދޯދިތައް އެތަން ފަޅާލާފައި ނުކުތްތާ މާ ގިނައިރުތަކެއް ނުވެ އެ ކިސަޑު ޗަސްބިމުގެ ތެރެއިން އަތެއް ދައްކާލައިފިއެވެ. އެއަށް ފަހު، ތެތްކިލާގަނޑުގެ ތެރެއިން ދެމިގަނެގެން މައްޗަށް އަރައި ލޯ ހުޅުވާލީ އުނުއޮރިޔާމާ ހުރި ރުގްބާއެވެ. ހަތް މަހަށް އަޅާފައިވާ އޭނާގެ ބަނޑުގައިވީ ފަށަލަތަކާއި ދަރިންތައް ބޭރަށް ފާޅުވާހާ ގަދަ ރަތް އައްޔަކުން އެ ބަނޑުގެ އެތެރެ ވަނީ ދިއްލިފައެވެ.

ޗަސްބިމުން އަރައިގެން ގޮސް ރުގްބާ މަޑުކޮށްލީ ރެކިބެގެ ކުރިމަތީގައެވެ. ދިއްލިފައިވާ ބަނޑުގެ އަލި މޫނަށް އެޅުނު ވަގުތު ހީވީ ކިޔެވެލީގެ އަޑުފަށްގަނޑު އިތުރަށް ގަދަވިހެންނެވެ. (ނުނިމޭ)

ދިގު ވާހަކަ

Popular