26 Sep 2020

By: Mariyam Yasma

ބަރާބަރު ނުވައެއް ޖެހުމާއެކު ކޮޓަރީގެ ދޮރު ހުޅުވުނެވެ. ގަޔަށް ދޫކޮށްހުރި އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ވަދެގެން އައި އަންހެންކުއްޖާ އިސްކޮޅުން މެދުމިނެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. ފަން އިސްތަށިގަނޑު ކަޅުކުލަ ގަދަވެފައި ބުރަކަށީގެ މެދާކަށް ހަމައަށް ދެމިފައިވި އެވެ. ހިތިފަތެއްގެ ބަށްޓަމަށް ދަމާލެވިފައިވާ ރީތި ބުމައާއި އޭގެ ތިރިން މުށިކުލައިގެ ދެލޯ ޖަވާހިރެއްފަދަ އެވެ. ކަޅިރަވައިގެ ރީތިކަން ބަލައިލި ކޮންމެ ހިތެއް ކަތިކޮށްލާނެ އެވެ.

އާދައިގެ މަތިން މިރްހާ އައިސް އިށީނދެލީ އޭނާ ކޮންމެ ދުވަހަކުވެސް އައިސް އިންނަ ގޮނޑީގަ އެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީ އޭނަގެ ދަބަސް ބަހައްޓާފައި ފަހަތަށް ޖެހިލައި ސްޕަންޖް ޖެހި ގޮނޑިއަށް އެހަށިގަނޑު ދޫކޮށްލަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ. ދިހަ ފޫޓު ބާރަ ފޫޓުގެ ކޮޓަރިތެރޭގައި ވި ކޮންމެ އެއްޗެއް އޭނައަށް ހިތު ދަހެވެ. ހަތަރުފާރުގައި ލެވިފައިވާ ކުކުޅުބިސްކުލަ އެވެ. ކުރިމަތީ ހުރި ފާރާ ޖެހިގެން ބަހައްޓާފައިވާ ތިރި ކަބަޑުގައި އަތުރާފައިވާ ފޮތްތަކެވެ. އެކަބަޑާއި ދިމާ މަތީގައި ހަރުކޮށްފައިވާ ކެންވާސްގައިވާ ކުރެހުމެވެ. ކުރެހުންތެރިއެއްގެ ކުޅަދާނަ ފިއްސަކުން އެ ކެންވާސްއަށް ދިރުން ގެނެސްދީފައިވާ ވިއްސާރަދުންޏެއްގެ ރީތި ކުލަތަކެވެ.

އޭނާއާ ދެތިން ފޫޓު ދުރުގައި ހުރި ސޯފާގައި އެއްފައިމައްޗަށް އަނެއްފައި ލައިގެން އިން ނީޒާ ފަރުވާތެރިކަމާއެކު އޭނަގެ ހަރަކާތްތަކަށް ބަލަނީ އެވެ. ތިރީހުން މަތީގެ އަހަރުތައް ގުނަމުންދާ ނީޒާއަކީ ހަމުގެ ކުލަ ކަޅު ކުއްޖެކެވެ. ކުޑަ ނޭފަތަކާއި ފުޅާ ތުންފަތެކެވެ. ކަޅިރަވަ ރީތިވެފައި އެލޮލުގައި މައުސޫމުކަމެއް ހުރެއެވެ. ނީޒާ މިއަދު ލައިގެން އިނީ ހުދުކުލައިގެ ތިރިގަނޑަކާއި މަޑުނޫކުލައިގެ ޓޮޕެކެވެ. އިސްތަށިގަނޑު ފަހަތަށް ގެންގޮސް ހުޅިއަކުން ހައްޔަރުކޮށްފައިވާއިރު އެންމެ އިސްތަށްޓެއްވެސް އެހުޅިގަނޑުން ވަކިވެގެން ތިރިއަށް އައިސްފައެއްނުވެ އެވެ. ނީޒާ މޭކަޕެއް ނުކުރެ އެވެ. އެކަމަކު ތުންފަތުގައި އަބަދުވެސް ފަނޑުކޮށް ލިޕްސްޓިކް ޖައްސާފައިހުރެ އެވެ.

މިރްހާ ފުރަތަމަ އަންނަން ފެށި ދުވަސްކޮޅު ނީޒާ އެކިގޮތްގޮތުން އޭނަ ލައްވާ ވާހަކަދެއްކުވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު މިރްހާ ނީޒާއަށް ދިނީ ބީރު ކަންފަތެކެވެ. ނީޒާ ކެނޑި ނޭޅި ކުރި މަސައްކަތުގެ އެއްވެސް ނަތީޖާއެއް ނުފެނުމުން ވަގުތުކޮޅު ނިމެންދެން ދެމީހުން ހިމޭނުން ތިބެނީ އެވެ. މިރްހާ އެކުޑަ ކޮޓަރިތެރެއަށް ބަލަމުންދާއިރު ނީޒާގެ ނަޒަރު ހުންނަނީ މިރްހާއަށެވެ.

ސެޝަން ފެށުނުތާ ދިހަ ވަރަކަށް މިނިޓް ފަހުން އެކޮޓަރީގެ ދޮރުގައި ޓަކިޖަހާލައިފި އެވެ. ނީޒާ އާއި މިރްހާގެ ނަޒަރު އެއްފަހަރާ އެދޮރާއި ދިމާއަށް ދަތުރުކޮށްލި އެވެ. އޭނަ އެސެޝަން ތަކަށް އަންނަން ފެށިތާ ތިންމަސްވީއިރުވެސް އެއީ ވީކަމެއް ނޫނެވެ. ބޮޑުކަމެއް ޖެހިގެން ނޫނީ ސެޝަން ކުރިއަށްދާ ގަޑީގައި އެދޮރުގައި ޓަކި ނުދޭނެކަން ދެމީހުންނަށްވެސް ޔަޤީނެވެ. ނީޒާ ފުންމައިގެން ތެދުވެފައި އެދޮރާއި ދިމާއަށް ދާން ފެށުމުން މިރްހާއަށް ބަލަން އިނދެވުނެވެ.

ދޮރު ހުޅުވާލުމަށްފަހު ބޭރުގައި ހުރި މީހަކާއި ނީޒާ ވާހަކަދެއްކިއަޑު އިވުނެވެ. މަދު މިނިޓްކޮޅެއް ފަހުން އެނބުރިލާފައި ދޮރު ލައްޕައިލިއިރު އަތުގައި ވަށިގަނޑެއް އޮތެވެ. އެންމެ އަތަށްހެއުވަރު ސައިޒުގެ ކުޑަ ކަރައަކާއި ދޮންވެ ފައއްކާވެފައިވާ ޓޮމާޓޯތަކަކުން ވަށިގަނޑު ފުރިފައިވި އެވެ. ނީޒާ އޭގެ އަތްގަނޑުގައި ހިފާލައިގެން ގެންގޮސް ފާރުކައިރީ ހުރި ކަބަޑު މަތީ ބަހައްޓާފައި އެނބުރި އައިސް އިށީނެވެ. އެކަމަކު މިރްހާގެ ނަޒަރު އެ ވަށިގަނޑު ދޫކޮށްފައެއް ނައެވެ. ނީޒާ ވެސް އިރުކޮޅަކު މިރްހާއަށް ބަލަން އިނެވެ. އެއަށްފަހު މޭޒުމަތީ ނޯޓްފޮތް މަތީ އޮތް ރެކޯޑަރ ނަގައި އޮންކޮށްލާފައި އަލުން ބާއްވައިފި އެވެ.

***

ދުރުދުރަށް އެތައް މޭލަކަށް ފެތުރިފައިވާ ފެހި ދަނޑުތަކުގައި ކަރަ އާއި ކޮފީފަތެވެ. ޓޮމާޓޯ އާއި ބައްޓާއި ރޯ މިރުހެވެ. ރޭ ވެހުނު ވާރެއަށްފަހު ބިންގަނޑު އޮތީ ތެމިފަ އެވެ. ނުވެހި ދުވަސްތަކެއް ދިއުމަށްފަހު އައި ފުރަތަމަ ވާރެއިން ބިންގަނޑު ތެމުމުން މުޅި ސަރަހައްދުގައި ފެތުރިފައިވީ ބިންގަނޑުގެ މީރުވަހެވެ.

ފެށުނީއްސުރެ ގިނަ ބަޔަކު ދަނޑުވެރިކަން ކުރަމުންދާ އެރަށުގައި އެކަމަށް ވެސް ނަން މަޝްހޫރު މީހަކު އުޅެ އެވެ. ހަލީލު އަދުނާނުގެ މިލްކިއްޔާތުގައިވާ ދަނޑުބިން އެހެން އެންމެންނާއި ނުބައްދަލެވެ. މަރްހޫމު ބައްޕައާއެކު ފުރަތަމަ އެމަސައްކަތް ފަށައިގަތްއިރު އެދެބަފައިން ބެލެހެއްޓީ އެންމެ ދެދަނޑެވެ. ﷲ ގެ ރަހުމަތް ފުޅުން މިއަދު އެވިޔަފާރި ފުޅާވެ އަތޮޅުން ބޭރަށް ނިކުމެއްޖެ އެވެ. ރާއްޖޭގެ އެތައް މާރުކޭޓެއްގައި އެދަނޑުތަކުން އުފައްދާ ކާނާގެ ބާވަތްތައް ވިކެމުންދެ އެވެ. އެތައް ރެސްޓޯރެންޓަކާއި އެތައް ގެއެއްގެ މޭޒުމަތިން އެކާނާތަކުގެ ޖާގަދެވިފައިވެއެވެ. ވެހޭ ވާރެއާއި ދިންހާ އަތްވެއްގައި މަސައްކަތް ކުރުމަށްފަހު މިއަދު ހަލީލު އަދުނާނު ދަނޑުތަކުގެ ވެއްޔާއި ހިރަފުހުން އަތް ފޮޅާލައިފައި އިންނަނީ ގޭގަ އެވެ. ހަލީލުގެ ދަށުން އެމަސައްކަތްކޮށް އޭނަ ދޭ މުސާރައިން އަމިއްލަ ދިރިއުޅުން ބަލަހައްޓާ މީހުން ގިނަ އެވެ. ކަންމިހެން ހުރުމާއެކު ހަލީލު އަދުނާނު ހިމެނިފައިވަނީ ރަށުގައި ޤަދަރުވެރިންގެ ތެރޭގަ އެވެ.

ދަނޑުތަކާއި ދިމާއަށް ދެވެން އޮންނަ ހިމަ މަގުން ދުވެފައި ދިޔަ ކުޑަ އަންހެންކުއްޖެކެވެ. އެގާރަ ވަރަކަށް އަހަރުގެ އަންހެންކުއްޖާ ހިމަ ތޮޅި އެވެ. ބޮޑުބައެއް ރަންވެފައިވާ ފަންފަން އިސްތަށިގަނޑު އުނަގަނޑާއި ހަމައަށް ދެވިފައިވި އެވެ. ގިނައިރު ލޮނާއި އަވީގައި އުޅޭކަމުގެ ހެކިތަކެވެ. ހިތުގެ ބަށްޓަމަށްވާ އެހާމެ ލޯބި މޫނެކެވެ. ހިތިފަތެއްހެން ދަމާލެވިފައިވާ ރީތި ބުމަ އާއި ޖަވާހިރެއްފަދައިން ބަބުޅަމުންދިޔަ މުށިކުލައިގެ ދެލޮލެވެ. ޤުދުރަތީ ފިޔާތޮށި ކުލައިގެ ކުޑަ ތުންފަތެކެވެ. ތަބިކަށްޓާ ހަމައަށް ހުރި ރީނދޫ މާޖެހި ހުދު ހެދުން އަންހެންކުއްޖާގެ ހުދު ދޮންކުލައިގެ ހަންގަނޑަށް އިތުރު ދިރުމެއް ގެނެސްދެ އެވެ.

ދުވަމުންދިޔަ އަންހެންކުއްޖާ ހުއްޓުނީ ދަނޑުތައް ފެށޭ ހިސާބުންނެވެ. އަރައިގެން އައި އިރާއެކު މަސައްކަތްތެރިން ދަނޑަށް ނިކުމެ މަސައްކަތުގަ އެވެ. އެހުރިހާ މީހުންގެ ތެރެއިން އަންހެންކުއްޖާގެ ދެލޯ ހޯދައިލީ އެންމެ ސޫރައެކެވެ. ހަމަ ފެނުމާއެކު އަޅައިއިތިކޮށް ދުއްވައިގެންފި އެވެ.

"ޕޮއް!" ގަސްތަކުގެ ތެރޭގައި އުޑަފައިން އިން ފިރިހެންކުއްޖާގެ ބުރަކަށީގައި ޖަހަމުން މިރްހާހަޅޭތްލަވައިގަތެވެ.

އެނބުރި ބަލައިލުމާއެކު މިރްހާގެ މޫނާއި އަމާޒުވީ އަނަސްގެ ކަޅުކަންގަދަދެލޮލެވެ. ތެދުވެ ހިންދެމިލުމުން އޭނަ މިރްހާއަށްވުރެ ކުޑަތަންކޮޅެއް އިސްކޮޅުން ދިގެވެ. ހިކިކަމުން ގިރުވާން ކަށިގަނޑުވެސް ހުންނަނީ ހާމައަށެވެ. ގިނައިރު އަވީގެ އުޅުމުގެ ސަބަބުން އޭނަގެ އަތްފައިގައި ހުންނަ ލޯލިތަކަށް އަރަނީ ރަން ކުލަ އެވެ. ބޮލުގެ އިސްތަށިގަނޑުގައިވެސް ބޮޑުބައެއް ރަންވެފަ އެވެ. ބޭރުގައި އަބަދުހެން އުޅޭތީ އޭނާގެ ހަންގަނޑު ހުންނަނީ އަނދައިފައެވެ.

ލައި ބައުވެފައިވާ ޓީޝާޓްގެ އެތައް ތަނެއްގައި ވިދުތައް ހުރިއިރު އަނަސް ތިރިން ލައިގެން ހުރި ޖިންސްފޮތީގެ ސޯޓުގެ ކަކުލާއި ދިމާގައި ދޮވުނަސް ނުފިލާ ދެ ލައްގަނޑު ހުއްޓެވެ. ތުނިވެފައިވާ ފެންފައިވާނެކެވެ. ދެފަޔާއި ދެއަތުގައި އެވަގުތުވެސް ތެތް ވެލިތަކެވެ. ކުރުކޮށް ކަނޑާފައިވާ ނިޔަފަތިތަކުގެ ދަށުގައި ދާއިމީކޮށް ހުންނަ ކިލައެވެ.

އަނަސްއަކީ ހަލީލުގެ ދަނޑުގައި މަސައްކަތްކުރާ ހަސަންފުޅަށް ލިބުނު ހަތްކުދިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ދަރިއެވެ. އަނަސް ވިހެއުމުގެ ތެރޭގައި ހަސަންފުޅުގެ އަންހެނުން އައިމިނާ ނިޔާވީ އެވެ. މިރްހާ ފަދައިން އަދީންވެސް ބޮޑުވީ އެދަނޑުތަކުތެރޭގަ އެވެ. ފިރުކެވޭވަރު ވުމުން އަނަސް ވެލިގަނޑަށް ކުޅެން ދޫކޮށްލާފައި ހަސަންފުޅު އުޅޭނީ ދަނޑުގެ މަސައްކަތުގަ އެވެ. ހަލީލުގެ އެންމެ ދުވަސްވީ އަދި އެންމެ ވަފާތެރި މަސައްކަތްތެރިޔާގެ ގޮތުގައި ހަސަންފުޅޅުވުމުން އަނަސް ޅައިރު ހަލީލުގެ އެހީތެރިކަން އެދެބަފައިންނަށް ނުހަނު ބޮޑަށް ލިބުނެވެ. އަނބިމީހާ ނާޒްލީން ނުރުހުނެއް ކަމަކު، މިރްހާބަލަން އުޅޭ އައިޝާއާ އަނަސް ބަލަން ހަވާލުކުރީ ހަލީލު އެވެ. އެއީ ހަސަންފުޅު މަސައްކަތުން އެނބުރި އަންނަންދެނެވެ.

ޅައިރުއްސުރެ މިރްހާއަކީ ފިސާރި ކަނބަލެކެވެ. ދެކުދިން ކައިރީގައި ބާއްވާފައި އޮންނައިރު އަނަސް އަބަދުވެސް އޮންނާނީ މަޑުންނެވެ. އެކަމަކު މިރްހާގެ އަތްޖެހިއްޖެނަމަ އަނަސް ނޮޅައިނުލާ ނުދާނެ އެވެ. ބޮލުގެ އިސްތަށިގަނޑަށް ދަމައި މޫނުގައި ވަކި އަޅައި ފުރުސަތުގެ ބޭނުން ހިފާލަ އެވެ. އެކަމަކު ދެކުދިން ދުރުކުރިއަސް ރޯން ފަށާނީ މިރްހާއެވެ. އަނަސް ރޮއިލާފައިވެސް އިސާހިތަކު ހުއްޓައިލަފާނެ އެވެ. މަންމަ ނެތުމުން ޅައިރުވެސް ބޮޑާހޭކުމުގެ މާބޮޑު ފައިދާއެއް ނެތްކަން އެޅަސިކުނޑިއަށް އެނގެނީ ކަހަލަ އެވެ.

ދަތްފެޅުމުން ދަތްތަކުގެ ތޫނުކަންވެސް މިރްހާ ފުރަތަމަ ދައްކައިލީ އަނަސްއަށެވެ. އެހެންވެ އަނަސް ތަންކޮޅެއް ބޮޑުވެލުމުން ހަސަންފުޅަށް ނުވެގެން ނޫނީ އައިޝާއާ ހަވާލެއްނުކުރެ އެވެ. އެއްޗެއް ނުބުންޏެއް ކަމަކު ނާޒްލީންގެ ލޮލުން ފެންނަ ނުރުހުން ވެސް ހަސަންފުޅު ރަނގަޅަށް ފާހަގަކުރެ އެވެ. އެދެބަފައިންގެ ހައިސިއްޔަތާއި އެމީހުންގެ ފެންވަރު ހަސަންފުޅު އަބަދުމެ ހަނދާނުގައި ބަހައްޓަ އެވެ.

އެއްކުލާހުގައި އުޅެމުން އަދި ގާތްގަނޑަކަށް އެއްގެއެއްގެ ތެރޭގައި ބޮޑުވަމުން އައި ދެކުދިންގެ މެދުގައި އެކުވެރިން އުފެދުނީ ނުހަނު ބޮޑަށެވެ. ނާޒްލީން ކިތަންމެ ވަރަށް ދުރުކުރަން އުޅުނަސް މިރްހާ އަނަސްއާ ދުރެއް ނުކުރެވުނެވެ. ކުޑައިރު އޭނަ އަނަސްއަށް ދައްކައިލި ފޯރިގަނޑު، ވިސްނެން ފެށުމުން ކުލުނާއި އޯގާތެރިކަމަށް ބަދަލުވި އެވެ. މީރު ކާއެއްޗޗެއް ލިބުނަސް އަނަސްއަށް ނުދީ ކެވޭކަމަކަށްނުވެ އެވެ.

"އަނަސް ހިނގާބަލަ އަހަންނާއެކު އަހަރެން އެއެއްޗެއް ދައްކަންވެގެން..." މިރްހާ އަނަސްގެ އަތުގައި ހިފާ ދަމާލަމުން ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި އެދުނެވެ.

އަނަސް އެވަގުތު ބަލައިލީ ތަންކޮޅެއް ދުރުގައި ހަޑި ފަތްތަކެއް ކަނޑައި ސާފުކުރަން އިން ބައްޕައަށެވެ. ދަރިފުޅުގެ ނަޒަރުގެ އިހްސާސްވެގެން ނޫންކަމެއް ނޭނގެ އެވެ. ހަސަންފުޅު އިސްއުފުލައިލި އެވެ. ދެން މަޑުމަޑުން ބޯޖަހާލައިފި އެވެ. އަނަސް ހިނގައިގަތީ ދެނެވެ. މިރްހާ އެވަގުތުވެސް ދަމުން ދަމުން ގަހެއްގައި ރިއްސާފައިހުރި ޓޮމާޓޯއެއް ބިނދެލައިގެން ކާން ފަށައިފި އެވެ. ޓޮމާޓޯއަކީ އޭނައަށް ހުހަށް ކާން މާ މީރު އެއްޗެކެވެ. ކަރާ ދޮންވާން ފަށާ ދުވަސްވަރުވެސް ދަނޑަށް އައިސް ކަރާ ބިނދެގެން ކާނެއެވެ. އަދި އޭނަ ކުރާ ކަމެއްގައި ވިއްޔާ އަނަސްވެސް ބައިވެރިކުރެވޭތޯ ބަލަ އެވެ. އަނަސް ނުކާން ހުއްޓަސް ގަދަކަމުން ކާންދޭނެ އެވެ.

ދެކުދިން އެނބުރި ގޮސް މަގަށް ނިކުތްއިރު އަނެއްފަރާތުން ހަލީލުގެ ގެ ފެންނަން ހުއްޓެވެ. އިހު ޒަމާނުގެ ބޮޑު ގޯއްޗެއްގައި ދެބުރިއަށް ނަގާފައިވާ "ފާމްވިއު" ތަނަވަސްވެފައި ކޮޓަރިތައް ގިނަ އެވެ. ޓެރެސްމައްޗަށް އަރައި ބަލައިލުމުން ދަނޑުތައް އޮންނަނީ ފެންނާށެވެ. އެބޮޑު އިމާރާތާއެކުވެސް ގޯތިތެރޭގައި އަދި ނުލާހިކު ހުސްތަން އޮވެ އެވެ. ހަލީލު ލޯބިން އޭނަގެ ދެއަންހެން ކުދިން ކަމަށްވާ މިރްހާއާއި ދޮށްޓަށް ހުންނަ މެހެވިޝްއަށް ހަދައިދީފައި އޮންނަ ބޮޑު ފެންގަނޑެއް ގޯތިތެރޭގައި އޮވެއެވެ. އެވަރުން ވެސް މިރްހާ މޫދުން ގެއަށް ގެންނަންޖެހޭ ދުވަސް ގިނަ އެވެ. މޫދާއި ގޮނޑުދޮށަކީ މިރްހާ އެންމެލޯބިކުރާ ތަންތަނެވެ. ނާޒްލީން އަބަދު ހިފަހައްޓަން މަސައްކަތްކުރިއަސް ފިލަ ފިލައިގެން ގޮސް ދެން ފެންނާނީ އަތިރިމަތީ ނޫނީ މޫދަށް އެރި އުޅެނިކޮށެވެ. ގެއާއި މޫދާއި ކައިރިވުމަކީ މިރްހާގެ އެންމެބޮޑު އުފާވެސްމެއެވެ.

"ޗީޗީ ފަކުރު..." ގޭގެ ކުޑަ ގޭޓުން ވަދެގެން ގޮސް ގެއަށް ވަންނަން ހުރި ދެ ހަރުފަތުން ކުރެ ތިރީ ހަރުފަތަށް އަރަންވެގެން މިރްހާ ފައިވާންކިބައި ދޫކޮށްލައިފި އެވެ. ފައިވާން ތެމުނީމަށްވުރެ ފަކުރުކަމެއް އޭނައަކަށްނުވެ އެވެ.

މިރްހާ ދޮރާއި ހަމައިން ހުއްޓިފައި އެނބުރުނީ އަނަސް ފަހަތުން ނާންނަކަން އިހްސާސްވެގެންނެވެ. އަނަސް ހުރީ ފުރަތަމަ ހަރުފަތާއި ކައިރީގަ އެވެ. އެމޫނުގެ ކުލައަށް ބަލާފައި އޭނަ ވިސްނާ އެއްޗެއް ދެނެގަންނާކަށް ނޭނގެ އެވެ. މިރްހާއަށް އެއްވެސް އިރެއްގައި އަނަސްގެ މޫނުގެ ކުލައިން ހިތުގެ ހާލު ދެނެގަންނާކަށް ނޭނގެ އެވެ. އެސީރިއަސް ލޮލުގައި ސިއްރުން ފުރިފައިވާ ފުންކަނޑެއްވެ އެވެ.

"ކީއްވެ ތިހުއްޓުނީ އާދޭ އެތެރެއަށް!" މިރްހާ އެދުނެވެ.

އަނަސް ގުޑިނުލުމުން އޭނަގޮސް އެންމެފަހުން އަނަސްގެ އަތުގައި ހިފައިފި އެވެ. އޭނަ ހުއްޓުނީ އަނަސް ގޮވައިގެން ވަދެގެން ގޮސް ކޮޓަރިއާ ހަމައިންނެވެ. އެއީވެސް އަނަސް ހުއްޓުނުކަމުންނެވެ. ބައެއްފަހަރު ކުރަން ޖެހޭ މަސައްކަތުގެ ސަބަބުންނާއި އަދި އަނެއްބައިފަހަރު މިރްހާގެ ބޯހަރުކަމުން އެކުގައި ގެނެސް ގެއަށް ވެއްދިއަސް އޭނަ ފަހަނައަޅައިނުދާ ރޮނގުތަކެއްވެ އެވެ. އަމިއްލަ ފެންވަރު ހިފަހައްޓައި އަމިއްލަ ހައިސިއްޔަތާއި ގުޅޭގޮތުން އަދަބުތައް ބަހައްޓަން އޭނައަށް އެނގެ އެވެ. މިރްހާގެ ނިދާ ކޮޓަރިއަކީ އެގޮތުން އޭނަ ހުރަސްނުކުރާ ރޮނގެކެވެ.

"ތިދައްކަން އުޅޭ އެއްޗެއް ގެނެސްދީ. އަހަރެން މަޑުކުރާނަން ބޭރުގަ..." އަނަސް މިރްހާގެ އަތް ދުރުކޮށްލަމުން ބުނެލި އެވެ.

ނަސީބަކުން އިތުރު ދެބަސްވުމަކާނުލާ މިރްހާ އެތެރެއަށް ވަނެވެ. އޭނަ އެނބުރި އައީ ޓޯޗެއް ހިފައިގެންނެވެ. އަދި އަނެއްކާވެސް އަނަސްގެ އަތުގައި ހިފާލުމަށްފަހު ގޮސް ގެއިން ނިކުމެއްޖެ އެވެ. އަނަސް އަދި ހީކުރީ އޭނަ އެހާ ހަޑިކޮށް ހުއްޓާވެސް މިރްހާ އެވަރަކުން އޭނަ ގެއަށް އެވެއްދީ ގޭގައި ހުރި ކޮންމެވެސް އެއްޗެއް ދައްކަންވެގެން ކަމަށެވެ. ނާޒްލީންއަށް ފެނުނުނަމަ ކަޅިއަޅާލީނުން އޭނަގެ ޓީޝާޓްގައި ވިދުނެތި ހުރި ހަމައެކަނި ތަންކޮޅުވެސް ތޮރުފައިލީހެވެ.

ފާމްވިއު ގޯތިތެރެއިން ނިކުމެ މިރްހާ މިސްރާބު ޖެހީ ޖެހިގެން ހުރި ފަޅުގެއާ ދިމާއަށެވެ. ހިކިފަތްތައް ފިސްކުރަމުން ދެމީހުން ވަދެގެން ގޮސް މަޑުކޮށްލީ ބޮޑުބައެއް ވެއްޓިފައިވާ ފަޅު ގޭގެ ކުރިމަތީގަ އެވެ.

"އަނަސް ބަލާބަލަ!" މިރްހާގެ އަތުގައި އޮތް ޓޯޗުން އަލިކޮށްލަމުން އެތެރެ ދައްކައިލި އެވެ.

އަނަސް ބަލާލުމާއެކު އެތެރެއިން އޭނައަށް މަރުހަބާ ކީ ބޮޑުކޮށްލެވިފައިވާ ފެހި ދެލޮލެވެ. ބުޅަލެއްގެ ދެލޮލެވެ.

"އަހަރެން މިއަދު މިތާ ކައިރިން ދަނިކޮށް ބުޅާ ގޮވާއަޑު އިވުނުހެން ހީވެގެން ގޯތިތެރެއަށް ވަނީ. އަހަރެން ފެނުނުހާއިރުން ބުޅާތައް ވަދެ ފިލައިފި. ފެނުނު ތިން ބޭބީ ބުޅާ. އަދި ލޯބި ލޯބި ކަޅު ބުޅަލެއްވެސް އޮތް. ވަރަށް ހީވޭ އޭތީގެ މަންމަވެސް މިތާވެއްޖެހެން..." މިރްހާ ވާހަކަދައްކަމުން ދިޔައިރު އެދެލޯ ވިދަ އެވެ. އަޑުގައި ޖޯޝާއި ލޯއްބެވެ.

އަނަސް އެއްޗެއް ނުބުނެ ބަލަން ހުރީ އެވެ.

"އަނަސް އަހަރެން ބޭނުން އެތަނުން ބުޅަލެއް. ބޭނުމީ ކަޅު ބުޅާ. އުހު ހުދު ބުޅާ... އުހު ދެބުޅާވެސް ބޭނުން..." މިރްހާ ލައިޓް ނިވާލައިފައި ކޯތާފަތުގައި ޝަހާދަތްއިނގިލި ޖައްސާލައިގެން ހުރެ ވިސްނަ ވިސްނާފައި ވާހަކަދެއްކި އެވެ. އޭނަ މާޔޫސްކޮށްލީ އަނަސް ދިން ޖަވާބެވެ.

"މިރްހާ މަންމަ ޤަބޫލެއް ނުވާނެ.." އަނަސް މަޑުމަޑުން ހަނދާންކޮށްދިނެވެ.

ގެއަށް ދިއުމުން ކަންތައްވީ އަނަސް ބުނި ގޮތަށެވެ. މިރްހާ ރޮއި އާދޭސްކޮށްވެސް ގެއަށް ބުޅަލެއް ގެންދާކަށް ނާޒްލީން ޤަބޫލެއްނުވި އެވެ. ބުޅަލަކީ ނާޒްލީން މާބިރުގަންނަ އެއްޗެކެވެ. ނުވިތާކަށް އެހާ ރުޅިއަރަ އެވެ. ބުޅަލުން ބަލިތައް ޖެހޭނެތީ އެކަމާއި ނުރުހުންވެ އެވެ. ނާޒްލީންއާއި ބުޅަލާއި މިއޮންނަ ދުޝްމަންކަމެއްގެ ސަބަބުން ހަލީލުއަށްވެސް ޖެހހުނީ މިރްހާގެ އެދުން ބޮލާލައި ޖަހާށެވެ. އޭނަ ދަރިފުޅަށް ވިސްނަދޭން މަސައްކަތްކުރީ މަންމަގެ ނިޔަތް ރަނގަޅުކަމުގަ އެވެ. ބުޅާ ގެއަށް ގެންނަން ދެކޮޅު ހެދީ އެއިން ލިބޭނެ ގެއްލުންތަކެއް ހުރުމުން ކަމެވެ.

އެރޭ ބޮޑައިހާކާފައި ނުކައި އައިސް ކޮޓަރީގައި އޮތްވާ ބެލްކަންޏާއި ދިމާއިން އަޑެއް އިވުނުހެން ހީވި އެވެ. މިރްހާ ދޮރު ހުޅުވާލައިފައި ބެލްކަންޏަށް ނިކުތްއިރު އަނަސް ހުރީ މަގުމަތީގަ އެވެ. އެގެއާއި އަޒީންގެ ގެ ވަކިވަނީ ހަމައެކަނި އެންމެ ފާރަކުންނެވެ. މަތީގައި ހުންނައިރު ގޭގެ ކުރިމަތީ އޮންނަ ސަރަހައްދު ރީތިކޮށް ފެނެއެވެ. އަނަސްގެ އަތުތެރޭ އޮތް އަނެއް ގާކޮޅު އެއްލަން ތައްޔާރުވެލީތަނާ މިރްހާ ފެނުމުން ހަނާ އަޅާލައިފި އެވެ.

ސިއްރު ސިއްރުން ގެއިން ނިކުމެގެން ދުވެލާފައި ގޮސް ގޭޓުން ނިކުތްއިރު އަނަސް އޭނަ ބަލާ އައިސް ހުއްޓެވެ. ގޯތިތެރޭ އޮތް ހުސް ބިން ކަޑައްތުކޮށްފައި ގޮސް އަނަސް މިރްހާ ވެއްދީ އެމީހުންގެ ޖިފުޓިގަނޑެއްފަދަ ކުޑަކުޑަ ގެއަށެވެ. ރޭނިގޮތަށް ސިމެންތިވެސް ނުޖަހާ ހުރި ދާދި ކުޑަކުޑަ ގެއެކެވެ. ހިފާ ގެންގުޅޭ ސާމާނުވެސް އެހާ މަދެވެ. ފަތްޖެހި އެނދެއްގައި ގުގުރިދަމަން ހަސަންފުޅު އޮތެވެ. އަނަސް ތުންފަތުގައި ޝަހާދަތް އިނގިލި އަޅާ ހިމޭންކަން އިޚުތިޔާރުކުރަން އިޝާރާތްކުރުމުން އޭނަ އަނަސް ފަހަތުން ދިޔައީ ނިކަން މަޑުންނެވެ.

އަނަސް ކުރީގައި ހުރެ ގޭގެ ވަލުފަރާތު ދޮރު ހުޅުވާލައިފައި އަނދިރިއަށް ނިކުތުމުން މިރްހާ ކުޑަކޮށް ޖެހިލުންވި އެވެ. އޭނަ ކައިރިއަށް ދިޔައީ އަނަސް އެނބުރި އިޝާރާތްކޮށްލީމަ އެވެ. އެފަރާތަށް އަލިކުރަން ދިއްލާފައިވާ ބޮކީގެ އަލި ފެތުރިފައިވާ ތަންކޮޅުގައި ގޭގެ އަސްކަނި ދޮށުގައި ފެން އަޅާފައިވާ ނާށްޓަކާއި ބާ ތަށްޓެއް ހުއްޓެވެ. ތަށީގައި ހާވާފައިވާ ބަތްކޮޅެކެވެ. މިރްހާ ސުވާލު އުފެދިފައި ވަނިކޮށް އަނަސްގެ ފައިބުޑަށް އައިސް މަޑުކޮށްލީ ތުއްތު ތުއްތު ހުދު ބުޅަލަކާއި ކަޅު ބުޅަލެކެވެ. އެވަގުތު އެޅަހިތް ފުރި ބާރުވެގެން އައެވެ.

"އޯހ އަނަސް." މިރްހާއަށް އެއިހްސާސްތައް ފައުޅުކުރަން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

އޭނަ ގުދުވެފައި ބުޅަލުގެ ބުރަކަށިމަތީ ފިރުމަން ފެށި އެވެ. އޭތި މިރްހާގެ ފުރަތަމަ އަތްލާން އުޅުމުން ދުރަށް ދާން އުޅެފައިވެސް ފިރުމަން ފެށުމުން ބަނޑުޖަހާލައިގެން އޮށޯވެ ލޯމަރާލައިފި އެވެ. މިރްހާއަށް އުފަލުން އަނެއްކާވެސް ބަލައިލެވުނީ އަނަސްއަށެވެ. އަނަސްގެ ތުންފަތްމަތީގައި އުފާވެރި ހިނިތުންވުމެއްވި އެވެ

***

ފިލާވަޅުތައް ނިންމާފައި އާދައިގެ މަތިން ބައްޕައަށް ކާއެއްޗެއް ހިފައިގެން އަނަސް އައިސް މަޑުކުރި ވަގުތެކެވެ. ބައްޕަ ދަނޑަށް އަންނައިރު ގެންނަ މަދިރިބޭސް ފުޅި ގެއިން ފެނިގެން އޭނަ އައީ އެވެސް ހިފައިގެންނެވެ. ބައްޕަ ކާން ފެށުމުން ބައްޕަގެ ދެފައިގައި މަދިރިބޭސް ހާކައިދޭން އިނދެފައި އަނަސް ތެދުވީ މާދުރުން މިރްހާ އަންނަތަން ފެނިގެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular