29 Oct 2020

By: Mariyam Yasma

ދެވަނަ ފަހަރު އަޑު އައީ އޭނާ ވިސްނަން އިންދަ އެވެ. ހަމަ އިވުމާއެކު ގައިމަތީ އޮތް ރަޖާ އެއްފަރާތްކޮށްލާފައި ފައިބައިގެން ބެލްކަންޏާ ދިމާއަށް ދުއްވައިގެންފި އެވެ.

ތިރިބަލާލިއިރު ތިރީގައި ހުރި މީހަކު ފުރަގަސްދެނީ އެވެ. މިރްހާގެ ހިތް ބުނެލީ އެއީ އަނަސްކަމުގަ އެވެ. އޭނާ އެތެރެއަށް ވަދެފައި އަވަސްއަވަހަށް، ނިދާ ހެދުން ބޭލުމަށްފަހު އެންމެ ފުރަތަމަ އަތުޖެހުނު ހެދުންލައިގެން ނިކުންނަން ދުވެދުވެފައި އަނެއްކާ އެތެރެއަށް ވަނެވެ. ފާޚާނާއަށް ވަދެ މޫނަށް ދެތިން ގޮށި ފެން ވިއްސާލުމަށްފަހު އަނގައަށް ދަތްއުނގުޅާ ބޭސްކޮޅެއް ލައިގެން ބޮމުން ނިކުމެ ދޮރު ހުޅުވާލި އެވެ. އެވަގުތު މޫނުގައި އައިސް ބީހުނީ ފަތިހުގެ ފިނި ވައިރޯޅިއެކެވެ. އަދި އަނަސްވެސް ގޭޓާއި ހިސާބުގައި ހުރެފައި އޭނަގެ އަޑު އިވިގެން އެނބުރި ބަލައިލީ އެވެ.

"އަނަސް!!" މިރްހާގެ ހިތް އުފަލުން ފޮޅިގެން އައެވެ.

އަތުގެ އިޝާރާތުން ފަހަތުން އައުމަށް އަންގާފައި އަނަސް މަގުމައްޗަށް ނިކުތެވެ. މިރްހާއަށް މަގުމައްޗަށް ނިކުމެވުނުއިރު އަނަސް ގޮސް އެގޭ ގޯތިތެރެއަށް ވަންނަނީ އެވެ. ގެއަށް ވަދެފައި މިރްހާ ފަހަތުން އަންނަކަން ޔަޤީންކުރަން އެއްފަހަރު އޭނަ ފަސްއެނބުރި ބަލައިލި އެވެ. ދެން ގޮސް ވަލު ދޮރާށި ހުޅުވާލައިފައި ނިކުތީ ގޭގެ ފުރަގަހުގައި އޮންނަ ވަލަށށެވެ. މިރްހާގެ ހަނދާނާއި ގުޅިފައި ވީ މަންމަ ނުގަބޫލުވެގެން އުޅުނު ދުވަހުގެ ރޭ ހަމަ އެގޮތަށް އަނަސް އޭނާ ގެންގޮސް ބުޅާތަކާ ބައްދަލުކޮށްދިން ދުވަހެވެ.

ބޭރަށް ނިކުތްއިރު އަނަސް އިނީ ތިރީގައި ކުޑަކަކޫ ޖަހާލައިގެންނެވެ. އަދި ކައިރީގައި މައި ބުޅަލެއްގެ ކައިރީގައި ތިބީ ހުދާއި މުށީގެ ޅަބުޅާތަކެވެ. މިރްހާގެ ހިތް ލޯބިން ފުރިގެން އައެވެ. ނޫރާ ގެންގޮސްގެން އުޅޭ ބުޅަލަށްވުރެ ވެސް އެ ބުޅާތައް ކުޑައެވެ.

"އިއްޔެ ވިހޭ ބުޅާތަކެއް މީ. މިއަދު މީ ދެވަނަ ދުވަސް. ހަތްހާއްޔަށް ބަދަލުކުރާއިރު އެކި ތަންތަނަށް ގެންދާނެތީ އޭގެ ކުރިން މިރްހާއަށް ދައްކާލާހިތްވީ..." މިރްހާ ގޮސް ކައިރިއަށް ހުއްޓުމާއެކު އަނަސް ވާހަކަދެއްކި އެވެ.

"ސޯ ކިއުޓް..." މިރްހާ އުޑަފައިން އިށީނދެފައި އެތަނުން ޅަ ބުޅަލެއްގެ ބުރަކަށިމަތީ ފިރުމަން ފެށި އެވެ. ކުޑައިރުކޮޅެއް ފަހުން އަނަސްގެ ނަޒަރު އެމޫނަށް ހުރިކަން އިހްސާސްވެގެން ބަލައިލުމާއެކު އަނަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލި އެވެ.

"ދެން ނެތްތަ އަނަސް އަހަރެން ކައިރީ ބުނާނެ އިތުރު ވާހަކައެއް؟" މިރްހާ ކޮޅަށް ތެދުވެފައި ސުވާލުކުރި އެވެ.

އެވަގުތު އަނަސްވެސް ތެދުވެއްޖެ އެވެ. އެކަމަކު އޭނަ ހުރީ އިސްއޮބާލައިގެންނެވެ.

"ސޮރީ..." މިރްހާ އެމޫނަށް ބަލަން ނެތްނަމަ ބުނި އެއްޗެއް ނުވެސް އެނގުނީހެވެ. އަނަސް ވާހަކަދެއްކީ އެހާވެސް މަޑުންނެވެ.

"ކޮންކަމަކާ؟" މިރްހާ ސުވާލުކޮށްލާފައި އަނަސް ބަލައިލިހާއިރުން ހަށަން ބަނދެލައިފި އެވެ. މިއަދު އޭނަ އެހުރީ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާލަން ގަސްތުކޮށްގެންނެވެ. އެހާ ފަސޭހައިން އަނަސްއަށް ސޮރީއޭ ބުނެލާފައި ނިންމައިލެވޭކަށް ނޯންނާނެ އެވެ.

"އަހަރެން މިރްހާގެ އެކުވެރިއަކަށް ވާން ބޭނުން ނުވަނީއެއް ނޫން. އެކަމަކު މިރްހާވެސް ގަބޫލުކުރަން ޖެހޭނެ ކުޑައިރު އުޅުނުހެން އަހަރުމެންނަށް މިހާރު ނޫޅެވޭނެކަން. މިހާރު އަހަރުމެން މިތިބީ ބޮޑެތިވެފަ.." އަނަސް ވިސްނުންތެރިކަމާއެކު ޖަވާބުދިނެވެ.

"އެކީއްވެ؟" މިރްހާގެ ސުވާލަކަށްފަހު ސުވާލެއް ކުރި އެވެ.

އަނަސް ދުރުބަލައިލާފައި އަތުގެ އިސްތަށިގަނޑަށް މަހާލައިގެން ވާންކޮށްލިގޮތުން ހީވީ މިރްހާގެ ވާހަކައިން ސިކުނޑިއަށް ދަތިކުރީހެންނެވެ. ވިސްނަދޭން ބޭނުންވިއަސް އޭނަ މިރްހާއަށް ވިސްނަދޭނީ ކިހިނެތް ހެއްޔެވެ؟ އެއްޗެއް ވިސްނަދިނުމާއި އެ އެއްޗެއް ނަގައިގަތުމާއި އަދި އެއީ މުޅިންތަފާތު ދެކަމެކެވެ. މިރްހާ އޭނަގެ ވާހަކަ އޭގެ މާނައާ މުޅިން އިދިކޮޅަށް މާނަކޮށްފައި ހައްތަހާ ބޮޑަށް އޭނަދެކެ ރުޅި އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

"ކީއްވެ ކުޑައިރު އުޅުނުހެން އެކުވެރިކޮށް ނޫޅެވެންވީ؟ ކާކަށް މިހާރު އަހަރުމެން ހުއްޓުވޭނީ؟ ބުނެބަލަ!..." މިރްހާ އައިސް އަނަސް ކުރިމައްޗަށް ހުއްޓުމާއެކު އަނަސްއަށް އުދަނގޫވެގެން ފަހަތަށް ދެފިޔަވަޅު އަޅާލައިފި އެވެ.

"ހަމަތެދެއް މިބުނަނީ އަނަސްގެ ވާހަކައަކާ އަނަސްގެ އަމަލުތަކަކާ އެއްވެސް ގުޅުމެއް ނެތް. އެކުވެރިވާން ބޭނުން ނުވަނީއެއް ނޫނޭ ކިޔާފަ މިހާރުވެސް އަހަރެން ކައިރިއަށް އައީމަ ފަހަތަށެއްނު ތިޖެހެނީ.." މިރްހާ އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އަޅައިލި އެވެ.

"މިރްހާ!!..." އަނަސް ގޮވާލީ އިންޒާރެއްދޭ ފަދައިންނެވެ. އޭނައާ އިތުރަށް ކައިރިނުވާން ދިން އިންޒާރެއްކަހަލަ އެވެ.

"އަހަންނަށް އެނގިއްޖެ. ދުވަހަކު ގާލްފްރެންޑެއް ނުގެންގުޅެމޭ ކިޔާފަ އެރޭ އަހަރުމެންގޭގަ އިނދެގެން ބުނީ ދޮގުވާހަކައެއް. ގާލްފްރެންޑް ރުޅިއަތުވެދާނެތީ ދޯ އަހަންނާއި ތިހާ ދުރުން އުޅެން ތި މަސައްކަތްކުރަނީ؟ އެހެންނޫންނަމަ މިޒަމާނުގަ ތިއުމުރުގެ ފިރިހެނަކު ހުންނާނެތަ ކުއްޖަކާ ރަތްޓެހިނުވެ. އިޓްސް ނޮޓް ނޯމަލް..." މިރްހާ ގާތަށް ރުޅިއައިސްގެން އަނަސްގެ ޓީޝާޓްގައި ދެއަތުންހިފާ ވާންކޮށްލި އެވެ.

"އެންމެން ކުރިއަސް ގޯސްކަމެއް ވާނީ ގޯސް ކަމަކަށް..." އަނަސް މިރްހާގެ ދެއަތް ނައްޓުވާލައިފައި ޖަވާބުދިނެވެ.

މިރްހާއަށް އެބުނި އެއްޗެއް މުޅިއަކުން ފަހުމެއްނުވި އެވެ. އެކަމަކު އެވާހަކައަށްވުރެ ބޮޑަށް އޭނަ އޮޅުންފިލުވަން ބޭނުންވެފައި ހުރީ އަނަސްގެ ލޯބިވެރިޔަކު ހުންނަކަން ނުވަތަ ނޫންކަމާއިމެދު އުފެދޭ ސުވާލުގެ ޖަވާބެވެ. އެކުއްޖަކު އޭނައަށް އެނގިއްޖެނަމަ ނޮޅައިލާނެ އެވެ. ބޮލުގައި ހުރިއްޔާ ހުރި އިސްތަށްޓެއް ލުހެލާނެ އެވެ. ނުފެންނަ ފަރާތަކަށްޓަކައި އެހިތް ހަސަދައިން ފުރިގެން އައެވެ. އަނަސް ވާންޖެހޭނީ ހަމައެކަނި އޭނަގެ މީހަކަށެވެ. އެހެން އެކަކަށްވެސް އަނަސްއެއް ނުލިބޭނެ އެވެ..

"ކާކު އަނަސްގެ ގާރލްފްރެންޑަކީ؟" މިރްހާ ކުރީ އަދިވެސް އެސުވާލެވެ.

"މިރްހާ ތިހުރީ އެއްޗެއް ވިސްނޭ ވަރަށްވުރެ މާރުޅި އައިސްފަ. ރަނގަޅުވާނީ އިހަށް ގެއަށް ދިއުން.." އަނަސް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި މިރްހާގެ މޫނަށް ކަޅި ހުއްޓައިލަމުން އޯގާތެރިއަޑަކުން ބުނެލި އެވެ.

"ޖާރކް.." ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މިރްހާ އިއްވައިލި އެވެ. ދެން ފަސްދީފައި އެގެއިން ނިކުންނަން ހިނގައިގެންފި އެވެ.

ގެއަށް ގޮސް އޭނަ ހުރިހާ ރުޅިއެއް އަމާޒުކުރީ އަމިއްލަ ނަފްސަށެވެ. އެތިވަރު ގޮވީވވެސް އެނަފްސަށެވެ. އަނަސް ފަހަތުން ދެވުނީ އޭނަގެ މޮޔަކަމުންނެވެ. އެކަމަކު އަނަސްއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އޭނަ އަނަސްދެކެ ގަޔާވާ ވަރާއި އޭނަ ބޭނުންވަނީ އެކުވެރިކަމަށްވުރެ ހާއްސަގުޅުމެއްކަން ހަމަ ނޭނގެނީ ކީއްވެ ހެއްޔެވެ؟ ސާފުބަހުން އެހެން ނުބުނެ އަމަލާއި ބަހުން ބުނެވޭނެ އިތުރު ހުރިހާ ގޮތަކުން އޭނަ މިހާރު އަނަސްއަށް އަމިއްލަ އިހްސާސްތައް ބުނެދީފި އެވެ. ސާފުބަހުން ބުނަން އަދި ނުކެރިގެން އުޅެނީ އަނަސް އެއިހްސާސްތައް ބަލައިނުގަނެފާނެތީ އެވެ. އޭނަފަދައިން އަނަސް އޭނައަށް ހާއްސަ ނަޒަރަކުން ނުދެކިފާނެތީ އެވެ. ފުރަތަމަ ލޯބި ނާކާމިޔާބުވެއްޖެނަމަ ދުވަހަކު އެހެންމީހެއްގެ ފަރާތުން ލޯއްބަށް އުންމީދު ކުރެވޭނެ ކަމެއް ނޭނގެ އެވެ.

***

"ނާޒް! ނާޒް! ދޭބަލަ އެއްކަލަ ބޭސްފުޅި ގެނެސްދޭން!" ގެއަށް ވަދެގެން އައިސް ހަލީލު ގޮވައިލުމާއެކު ނާޒްލީން ނިކުތީ ބަދިގެއިންނެވެ. ރަށަށް އައިފަހުން ނާޒްލީން ގިނަ ވަގުތު ހޭދަކުރަނީ ކޮންމެވެސް އެއްޗެއް ކެއްކުމުގަ އެވެ. މާލޭގައި ރަތްޓެހިންނާއި ޝޮޕިންއަށް ވަގުތު ދީފައި އެފަދަ ކަމަކަށް ވަގުތެއް ނޯވެއެވެ.

"އަނެއްކާ ފައިގަ ރިއްސަން ފެށީތަ؟ މިކޮޅަށް އައިސް ތިހެން އަޅައިނުލާ ހުއްޓާ ބޮޑުވަރުވެދާނެ. މާލެދާން އުޅެންވީއެއްނު.." ނާޒްލީން ބޭސްފުޅި ހިފައިގެން އައިސް ހަލީލުކައިރީ ސޯފާގައި އިށީނދެފައި ވާހަކަދެއްކި އެވެ. ހަލީލު އޭނަގެ އުނގަށް ފައި ލުމުން ފަޓްލޫނު މައްޗަށް އޮޅާލައިފައި ކުޑަހުޅުގެ ވަށައިގެން ބޭސް ހާކައިދޭން ފެށި އެވެ.

"އަހަރެންވެސް ބޭނުމީ ދާން! މިހާރު މިކޮޅުގަ ފޫހިވެއްޖެ.." ސިޑިން ފޭބި މެހެވިޝްއަށް ބައްޕަމެންގެ ވާހަކަ އިވުމުން އައިސް ހުހަށް ހުރި ސޯފާގައި އިށީނދެލި އެވެ.

"މީރާ އެއްބަސްވާނެތަ؟" ހަލީލު ދޮށީދަރިފުޅުގެ މޫނަށް ބަލައިލި އެވެ.

"އަހަރެމެން އެންމެންދަންޏާ އޭނައަކަށްވެސް އެކަންޏެއް ނުހުރެވޭނެއެއްނު..." މެހެވިޝް ޖަވާބުދިނެވެ.

ނޫރާ އެވާހަކަތައް އަހައިގެން ގެއިން ނިކުމެގެން މިރްހާ ހޯދަމުން ދިޔައިރު އަވަށްޓެރިގެއެއްގެ ދޮރުމމަތީ ކުޑަކުއްޖަކު އުރައިގެން ހުރި އެފުރާގެ އަންހެންކުއްޖަކާއި ވާހަކަދައްކަން ހުއްޓެވެ. ނޫރާ ގޮވައިލުމުން ތުއްތު ކުއްޖާގެ ކޮލަށް ދޮނެއް ދީފައި ކައިރިއަށް އަތުވެއްޖެ އެވެ.

"ހިނގާބަލަ ފިނިކޮށްލަން ބީޗްކައިރީ ހުންނަ ޖޯލިތައް ކައިރިއަށް ގޮސްލަން. ދާ މަގުމަތީ އަނަސްވެސް ފެނިދާނެ!" ނޫރާ މިރްހާގެ އަތުގައި ހިފާލައިފައި އެދުނެވެ.

"މަށަށް ހެޔޮ އަނަސް ނުފެނުނަސް..." މިރްހާ ހުއްޓިފައި މޫނުހަދައިލި އެވެ.

"ޔަޤީން؟" ނޫރާ ދެވަނަ ފަހަރަށް އެހި އެވެ.

"އުހު ހިނގާ..." މިރްހާ ފުން ނޭވައެއް ދޫކޮށްލައިފައި ނޫރާގެ މުލައްދަނޑީގައި ދެއަތުން ހިފާލައިގެން ހިނގައިގަތެވެ. ނޫރާ ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ.

ޖޯލިތަކުގައި ތިއްބާ ޒާނިޝް ގުޅީ މިރްހާގެ ފޯނަށެވެ. މިރްހާމެން ތިބިދަން ބުނެދީފައި ފޯނު ފޭއްވިއިރު ނޫރާ ބަލަން އިނެވެ. އޭނަ ސުވާލުކޮށްލުމުން އެއީ ކާކުކަން ބުނެދީފައި މިރްހާ ފެށީ އަނެއްކާވެސް ފޯނާއި ކުޅޭށެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް އައި މަގުމަތީ އަނެއްކާވެސް އަނަސް ފެނޭތޯ ހޯދުނެވެ. އަނަސްއާ އޭނަ ގަޔާވަނީ ކީއްވެބާވައޭ ވެސް ބައެއްފަހަރު ހހިތަށް އަރައެވެ. ފުރަތަމަ އޭނައަށް ކަމުދިޔައީ އަނަސްގެ ސޫރަ އެވެ. އެކަމަކު އަނަސްއާ ބައްދަލުވެ އަނަސްގެ އުޅުމާއި ބަހުރުވައާއި އަމަލުތައް ފެންނަން ފެށުމުން ހައްތަހާ ބޮޑަށް އެހިތް ވަނީ އަނަސްއަށް ލެނބިފަ އެވެ. ރުޅިއައިސް ދުރުގައި ހުންނަން ނނިންމައިގެން ހުއްޓަސް ދެކޭހިތްވެ އެވެ.

"އަހަރެން މިކުރާ ސުވާލެއްގެ ޖަވާބުދީބަލަ! މީރާ އަނަސް ބޭނުންވަނީ އޭނައާ ގަޔާވާތީ ހާސިލްކުރުމުގެ ބޭނުމުގައިތަ؟ ނޫނީ... އުމުރުދުވަހު އޭނައާ ކައިވެނިކޮށްގެން އުޅެން ހިތުގައި އެބައޮތްތަ؟" ނޫރާ ވިސްނަން އިނދެފައި ސީރިއަސްއަޑަކުން އެހި އެވެ.

"ކައިވެންޏޭ؟ މީހަކާ ރަތްޓެހިވެފަ ދެމީހުން ދަސްވެ އެކީ އުޅެވޭނެކަމުގެ ޔަޤީންކަން ލިބުނީމައެއްނު ކައިވެނި ކުރަނީ. އެހެންނޫނަސް އަހަންނަށް އަދި ނައިންޓީން. އަމިއްލަ ފައިމައްޗަށް ތެދުވަންވެސް ޖެހޭނެއެއްނު... މޮޔަ ސުވާލުނުކުރޭ!" މިރްހާގެ ވާހަކަ ނިމުނީ ހިނިގަނޑަކުންނެވެ.

ނޫރާ އެކައްޗެއްވެސް ނުބުނެ ޖޯލީގައި އޮށޯވެލައިގެން މަތިން ފެންނަން އޮތް ގަހުގެ ފަތްތަކަށް ބަލަން އޮތެވެ. "އެއްފަހަރުވެސް ހިތަށްއެރިތަ އަނަސް މީރާއާ ހާއްސަ ގުޅުމަކަށް ދާން ބޭނުންނުވަނީ ތިހެންވެއޭ...؟" ނޫރާ އަނެއްކާވެސް ވާހަކަދެއްކި އެވެ.

މިރްހާ ކުއްލިއަކަށް ތެދުވެ އިށީނދެފައި ނޫރާއާ ދިމާއަށް ބަލަން ފެށުމުން ނޫރާވެސް ތެދުވެއްޖެ އެވެ.

"އޭނަ ބުންޏެއްނު އޭނަ ރަނގަޅު ކުއްޖަކު ފެނުނީމަ އިންނާނީއޭ. އޭނައަށް އެނގެނީ ކަންނޭނގެ މީރާ އޭނައާ ނީންނާނެކަން...ރަތްޓެހިވެގެން ކުޑަދުވަސްކޮޅަކު އުޅެފަ މާލެގޮސް އެކަންތައް ނިންމާލީމަ އޭނައަށްވެސް ދެވވޭ ކިހާ ބޮޑު އަނިޔާއެއް އެއީ. މަށަށް ފެންނަނީ މީރާ އަނަސް މަތިން ހަނދާން ނައްތައިލަން. ތިކަން ކުރަންއުޅޭނެކަމެއް ނެތް.." ނޫރާ ބޮޑުމީހަކުފަދައިން ނަސޭހަތްދިނެވެ.

މިރްހާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެކަމަކު އޭނަގެ ހިތް އެމޭގައި ތެރޭ އޮވެ ނޫރާގެ އެވާހަކައާ ދެކޮޅަށް އެދިގޮވަމުންދިޔަ އެވެ. އަނަސް އޭނައަށް ހާސިލްނުވިއްޔާ އެހިތުގައި އަނަސްއަށްޓަކައި އޮތް މަޤާމު އަބަދުގެ އަބަދަށްވެސް އޮންނާނީ ހުހަށެވެ. އެހުސްކަން އިތުރު އެހެން މީހަކަށް ފުރައެއްނުދެވޭނެ އެވެ.

***

ފުރަން އޮތްދުވަހު އިރު އެރީއްސުރެ މިރްހާ ހުންނަނީ ނެގިމަޑުވެފަ އެވެ. ފުރުމުގެ ވާހަކަދައްކާފައި ދެތިން ދުވަސްތެރޭ ހަމަޖެހިދާނެ ކަމަކަށް އޭނަ ކުޑަކޮށްވެސް އުންމީދެއްނުކުރެ އެވެ. އެދުވަސްތައް އަނަސްއާ ރުޅިން ދުރުގައި ހުރެވުނީތީ އޭނަ މިހާރު ހިތާމަކުރެ އެވެ. އެކަމަކު އަނަސް ކުރިމައްޗަށް ދާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ނޫރާ ބުނިހެން އޭނައަށް އަނަސްއަށް ދެވޭނީ އަނިޔާއެކެވެ.

"މިރްހާ! އަނަސް އެބަ ހޯދާ!" ޖޫސްތަށްޓެއް ހިފައިގެން ނިކުމެ ޕޫލަށް ދެފައި ލައިގެން މިރްހާ އިންދާ ނޫރާ އައިސް ވާހަކަދެއްކި އެވެ.

މިރްހާގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ސިއްސައިގެން ގޮސްފައި އޭނައަށް އެނބުރި ބަލައިލެވުނެވެ. ނޫރާ ބުނީ އަނަސްއާ ބައްދަލުވާނީ އެގެއިން ކަމުގަ އެވެ. ޖޫސްތަށި ތިރީގައިބަހައްޓާފައި މިރްހާ އަވަހަށް ތެދުވެގެން އެގެއާ ދިމާއަށް ދާން މިސްރާބުޖެހި އެވެ. ނިކުންނަނިކޮށް ޒާނިޝްއަށް ފެނިގެން ގޮވާލީމަވެސް އެއަޑެއް ނޭހި އެވެ. ޒާނިޝް އެނބުރި ހުރެގެން މިރްހާ ވަންތަނެއް ބަލާފައި ގެއަށް ވަދެގެން އައެވެ.

ނުނިމޭ

ދިގު ވާހަކަ

Popular