26 Nov 2020

By: Mariyam Yasma

ފިކުރުބޮޑުވެގެން ތުނބުޅީގެ އިސްތަށިތަކަށް ދަމާލައިފައި އޭނާ އިށީނދެލީ ކުރިން ވެސް އިން ތަނުގަ އެވެ. އަނެއްކޮޅުން ބޮޑުދައިތަ ދަމުން މިރްހާ ކައިރީ ދައްކާށޭ ބުނެފައި ދިޔަ ވާހަކަތައް ވެސް ކުރިއަށް އޮތީ އެވެ. އިން ތަނުން ތެދުވަން އޭނައަށް މަޖުބޫރުކުރީ މެދުކެނޑުމެއްނެތި އިވިއިވި ހުރި ހަސަންގެ ރުއިމުގެ އަޑެވެ. މިރްހާ ދިއުމުން އެއަޑު ހައްތަހާ ގަދަވިހެން ވެސް ހީވި އެވެ. އަނަސް ގޮސް ދޮރުމައްޗަށް އެރިއިރު މިރްހާ ހުރީ ހަސަންއާ ކައިރިވާން ނުކެރިފައި، އަމާންދޭ މީހަކުފަދައިން ދެއަތް އުފުލާލައިގެންނެވެ. އަނަސް ފެނުމާއެކު އޭނަ އިސްޖަހައިލީ ލަދުންނެވެ. އަނަސްގެ ހިތުގައި ރިހުމެއް އުފެދުނެވެ. އެމޫނުން ނަޒަރުވަކިކޮށްލާފައި އޭނާ ގޮސް ހަސަން އުރާލުމާއެކު ވަގުތުން ހުއްޓާލައިފި އެވެ.

އަދިވެސް ނިދީގެ އަސަރު ހުރުމުން އާފުރެމުން ހަސަން ބޯއަޅައިލީ ބައްޕަގެ ކޮނޑުގަ އެވެ. އަނަސް ދަރިފުޅާ ވާހަކަދައްކަމުން ފުރަގަސްދީފައި ގޮސް ކޮޓަރިން ނިކުމެފައި އިރުކޮޅެއް ވީފަހުން މިރްހާގެ ނަމުން ގޮވާލިއަޑު އައެވެ. މިރްހާގެ ދެފައި ހަރަކާތްކުރީ ދެނެވެ. ދެލޯ ފުހެލާފައި ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނަ ނިކުމެ ސިޓިންރޫމް ހޯދާލައިފައި ގޮސް ބޯދިއްކޮށްލީ ބަދިގެއަށެވެ. އަނަސް ފެނުނީ އެތަނުންނެވެ.

"ހަސަންގެ ބުއްފުޅިހަދަންވެގެން މިގޮވަނީ؟ ހަސަން ބޭނުމެއްނުވި ގޮނޑީގަ އިންނާކަށް..." މިރްހާ ފެނުމާއެކު އަނަސް ވާހަކަދެއްކި އެވެ.

އެޖުމްލަ އަހާފައި މިރްހާގެ މޫނުމަތި ފޮޅިގެން އައީ މިހެންނަކުންނެވެ. އަވަސް އަވަހަށް ބޯޖަހާލައިފައި އޭނަ ވަދެގެން އައެވެ. އަނަސް ކިޔައިދިނުމުން އޭނަގެ އިރުޝާދާއި އެއްގޮތަށް ހަސަންގެ ބުއްފުޅި ގިރައިދިނެވެ. އެފުޅި ހިފައިގެން އަނަސް ނިކުމެ އިށީނދެލީ ސޯފާގަ އެވެ. ކުޝަންއެއް ބޯދަށަށް ލައްވާފައި ހަސަން ބޭއްވުމަށްފަހު ބުއްފުޅި ދިނުމުން އަމިއްލައަށް އޮވެގެން ބޯން ފަށައިފި އެވެ. މިރްހާއަށް އެމަންޒަރު ބަލަން ދުރުގައި ހުރެވުނީ ދުވަހަކު އެއަށްވުރެ ހިތްގައިމު މަންޒަރެއް ނުދެކޭމީހަކު ފަދައިންނެވެ. އެތުންފަތުގައި ރީތި ހިނިތުންވުމެކެވެ. ލޮލުގައި ކަރުނަ ވިދަނީ އެވެ. އޭނަ އެހަސަންއަށް ބަލަންހުރިހާއިރު އަނަސް ވެސް އިނީ އެ މޫނަށް ބަލަންކަމެއް ރޭކައެއްނުލި އެވެ.

"ކޮޅަށް ނުހުރެ އާދޭ އިށީންނަން!" އިރުކޮޅެއް ފަހުން އަނަސް ބުނެލިއަޑު އިވުނެވެ.

މިރްހާ ހިނގައިގަތްއިރު އަދިވެސް އޭނަގެ ނަޒަރު ހުރީ ހަސަންއަށެވެ. އެންމެ ކައިރިން ޖެހުނު ސޯފާގައި އިށީނދެލައިފައި އޭނަ ކުރިއެކޭ އެއްފަދައިން ހަސަންއަށް ބަލަހައްޓައިގެން އިނެވެ. ދެން ފެނުނީ ހަސަން ފުޅި ހުސްކޮށްލާފައި ތެދުވެ އިށީންގޮތަށް ސޯފާއިން ފައިބަން އުޅުނުގޮތެވެ. މިރްހާގެ އިޚުތިޔާރެއްނެތި އަތް ދިއްކޮށްލެވުނީ ހަސަން ވެއްޓެން އުޅުނުހެން ހީވީމައެވެ. އެކަމަކު ހަސަން އެއަށްވުރެ ހުޝިޔާރެވެ. ތިރީގައި ފައިޖެހުމާއެކު ހިނިގަނޑެއް ޖަހާލައިފައި ފެށީ ކުޅޭށެވެ. ބަލަން އިނދެލާފައި މިރްހާ ވެސް ގޮސް ހަސަންއާ ބައިވެރިވި އެވެ.

އަނަސް ދައްކަން ބޭނުންވެފައި ހުރި ވާހަކަތައް އޭނަ މަޑުޖައްސައިލީ މިރްހާގެ އުފާވެރި މޫޑު ބަދަލުކޮށްލަން އެހިތް ނުރުހުނުވަރުންނެވެ. އެކަމަކު އިރުކޮޅަކަށްވެސް އެކަން ހިތުން ފިލައިގެނެއް ނުދިޔައެވެ. ބޮޑުދައިތަ ބުނީ ތެދެކެވެ. ފުރަތަމަ ކަމަކަށް އޭނަ މިރްހާގެ މަޤްސަދު ދެނެގަންނަން ޖެހެއެވެ. ނޫނީ އަނެއްކާވެސް އަނިޔާ ލިބޭނީ އަމިއްލަ ހިތަށެވެ.

ފާއިތުވަމުންދިޔަ ކޮންމެ މިނިޓަކާއެކު އަނަސްއަށް ފެނުނީ ހަސަން އާއި ހަސަންގެ މަންމަގެ ގުޅުން ގާތްވަމުން އައިތަނެވެ. އަދި އެމަންމަގެ ލޮލުން އެދަރިފުޅަށްޓަކައި އޭނަ ދެކެން ބޭނުންވި ލޯއްބާއި އަޅައިލުމެވެ. އެކަމާއި އޭނަ އިންތިހާއަށް އުފާވި އެވެ. ހަމައެއާއެކުގައިމެ ހިތުގައި ރިހުމެއްވެސް އުފެދިއްޖެ އެވެ. މިރްހާގެ ލޯއްބަށް ފެންބޮވައިގެންފައި ހުރީ ހހަމައެކަނި ހަސަންއެއް ނޫނެވެ. ޚުދު އޭނަވެސް އޭގެތެރޭގައި ހިމެނެއެވެ. ލޯބި ދަސްވީއްސުރެ އޭނަ ލޯބިވީ އެންމެ އަންހެންކުއްޖެއްދެކެ އެވެ. އެލޯބި އޭނައަށް ދަސްކޮށްދިން އަންހެންކުއްޖާދެކެ އެވެ.

މެންދުރަށް ޒާހިރާ އައިގަޑިއާ ދިމާވީ އަނަސް ނަމާދަށް ގޮސްލާ ވީ ވަގުތަށެވެ. މިރްހާ ވެސް ހަސަން ނިދާފައި އޮތުމުން އެކޮޓަރީގައި އިނދެލާފައި ނިކުތީ ފެންތަށްޓެއް ބޯންވެގެންނެވެ. އޭނަ ގޮސް ބަދިގެއަށް ވަންތަނާ ޒާހިރާ ފެނުމުން ކުއްލި ސިހުމެއް ލިބުނެވެ. އަނބުރާލައިފައި ދާން އެދެފައި ހަރަކާތްކުރީ އޭގެ އަމިއްލަ އިޚުތިޔާރުގަ އެވެ. އެކަމަކު އޭރު މާލަސްވެއްޖެ އެވެ. ޒާހިރާއަށް އޭނަ ފެނިގެން އޭނަގެ ނަމުން ގޮވާލުމާއެކު މިރްހާގެ ދެފައި އެހުރި ހިސާބުން ހަރުލައިފި އެވެ.

"ކީކޭ ދައްތާ؟" މިރްހާ އޭނަގެ ތެޅި ތެޅި އޮތް ހިތަށް މައިތިރިވާން އަންގާފައި ގޮސް މޭޒުދޮށުގައި ހުރި ގޮނޑިއެއްގައި ހިފާލައިގެން ހުއްޓުނެވެ.

ފުރަތަމަ ފެނުނީއްސުރެ އޭނަގެ ހިތް ބުނެދިނީ ޒާހިރާ އޭނައާ ގަޔާނުވާކަމުގަ އެވެ. އޭގައި ޒާހިރާގެ ކުށެއް އޮތް ކަމަކަށް ޚުދު މިރްހާވެސް ޤަބޫލެއްނުކުރެއެވެ. އަނަސްގެ ދިރިއުޅުން ހަލާކޮށްލާފައި ހުރި މީހަކަށް އޭނަގެ ލޯބިވާ ބޮޑުދައިތައަކު ގަޔާވާނެ ގޮތެއް ނޯންނާނެ ނޫން ހެއްޔެވެ؟

"އަހަރެން މިހާރު އަނަސް ކައިރީވެސް ބުނެފިން މިވާހަކަ ދައްކާށޭ. އެކަމަކު މަށަކަށް ހިއެއްނުވޭ އަނަސްގެ އެފަދަ ނިޔަތެއް އޮތްހެނެއް..." ޒާހިރާ ދޮވެ ނިމުނު ހަނޑޫ ތެލި ބަހައްޓާފައި މިރްހާއާ ދިމާއަށް އެނބުރެމުން ވާހަކަދެއްކި އެވެ.

އެވާހަކަ އަހާފައި މިރްހާގެ ހިތް އަނެއްކާވެސް ތެޅިގަތެވެ.

"މިރްހާ މިރަށަށް އައިސް ތިއުޅެނީ އަނަސްގެ ދަރިފުޅު އަތުލައިގެން ގެންދަން ކަމަށްވަންޏާ އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާތި! އަހަރެން ހަމަ ހިލާ އެހެންވިޔަކަ ނުދޭނަން. އަދި ހީނުކުރާތި އަތުގައި ފައިސާ ގިނަވީމަ އޭގެ ބޭނުން ކޮށްގެން އެކަން ކާމިޔާބު ވެދާނެއޭ. މަގޭ ހިތެއް ނުބުނޭ ދަރިއަކު ވިހާފަ އެއްލައިލި މީހަކަށް އެދަރި އަނބުރާ ދޭކަށް ހުކުމް ކުރާނެއެކޭ. މިރްހާގެ ކިބައިގައި އިންސާނިއްޔަތުކަމެއް ހުރިއްޔާ އަދި އަނަސްއާ އަނަސްގެ ދަރިއާމެދު ކިރިޔާވެސް ކުލުނެއް ހުރިއްޔާ އެމީހުން އެކަނިދޫކޮށްލާ! މިރްހާ ނެތަސް އެމީހުން އެކަންޏެއް ނުވާނެ. މިރްހާއަށް މާރަނގަޅަށް އެދެމީހުންނަށް އަޅައިލާނެ މީހަކު އަހަރެން ހޯދާނަން. މިރްހާ ތީ އަދި ޅަކުއްޖެއް. މީހަކާ އިނދެގެން ދަރިއަކު ލިބިދާނެ. އެކަމަކު އަނަސްއާ ހަސަންގެ ދިރިއުޅުމާއި ކުޅެން ނުހަދާ!" ޒާހިރާ އައިސް ކުރިމައްޗަށް ހުއްޓުނުއިރު ދޭތެރެއަކުން އޭނަގެ އަޑަށް މައިތިރިކަން އައިސްފައި ފަހު ޖުމްލަ ބުނެލީ އަނެއްކާވެސް ހަރުކަށިކަމާއެކުގަ އެވެ.

މިރްހާއަށް ހަމައެކަނި ކުރެވުނުކަމަކީ ބަލަހައްޓައިގެން ހުރުމެވެ. އޭނަގެ ސިކުނޑީގައިވި ގިނަވި ހިޔާލުތަކުން އެސިކުނޑި ގޮވަން ކައިރިވީއިރުވެސް ދުލާއި ހަމައަށް އެންމެ ލަފުޒެއްވެސް ނައެވެ. ޒާހިރާވެސް ބަލަން ހުރެލާފައި އޭނަގެ މެސެޖު މިރްހާއަށް ދެވުނުކަން އެނގުމުން އަނެއްކާވެސް އެނބުރުނީ މަސައްކަތަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އަނަސް އައިސް މިރްހާ ކޮބައިތޯ ސުވާލުކުރި އެވެ. ޒާހިރާ އެނބުރި ބަލާލިއިރު މިރްހާ އެތަނުން ދިޔަކަން ޒާހިރާއަށްވެސް ރޭކައިލީ އެހިސާބުންނެވެ. ޒާހިރާ ކޮނޑު އަރުވައިލުމުން އަނަސް އެތަނުން ދާން ނިކުމެ ނިކުމެފައި ކަމެއް ވިސްނިގެން ހުއްޓުނެވެ. އޭނަ އެނބުރި ބަލައިލާފައި ބޮޑުދައިތަގެ ނަމުން ގޮވާލި އެވެ.

"މިރްހާ ކައިރީ ބޮޑުދައިތަ އެއްވެސް ވާހަކައެއް ދެއްކިންތަ؟" އަނަސް ޝައްކުގެ ނަޒަރުން އެމޫނަށް ބަލައިލަމުން ސުވާލުކުރި އެވެ.

ބޮޑުދައިތަ އަނގަ ނުވެސް ހުޅުވަނީސް އަނަސްގެ ޖަވާބުދިނީ އެމޫނުގެ ކުލަވަރެވެ. އަނަސް އެވަގުތު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އަވަހަށް އަނެއްފަރާތަށް އެނބުރުނު ގޮތަށް ބާރު ބާރަށް ގޮސް ގެއިން ނިކުތެވެ. މިރްހާ އަދި މާދުރަށް ނުދާނެކަމުގައި ޤަބޫލުކުރެވިގެން އޭނަ އެންމެ ގާތުން އެޅެން ހުރި ކޮންމެ ގޯޅިއަކަށް ވަދެ ބެލި އެވެ. އެނބުރި އައީ މިރްހާ ނުފެނުމުން މާޔޫސްވެގެންނެވެ. ހިތް ބުނީ ބޮޑުދައިތަ އެދެއްކި ވާހަކަތަކުގެ ނަތީޖާ ރަނގަޅު ނުވާނެކަމުގަ އެވެ.

އަނަސް ފަހުންވެސް މިރްހާއަށް ގުޅި އެވެ. އެކަމަކު އެއްފަހަރުވެސް މިރްހާ އޭނަގެ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެރޭ ނިދަން އޮށޯތުމުން ނިދި ވީ އެލޮލާއި ރުޅިވެފަ އެވެ. ހިތް ދެމުން ދިޔައީ މިރްހާ އޭނައަށް ދެވަނަފަހަރު ގެއްލިއްޖެކަމުގެ ބިރުވެރި ސިގްނަލެވެ.

***

ދުވާލުގެ އަލިކަން ރޭގަނޑުގެ އަނދިރިކަމަށް ބަދަލުވާން ފެށީއެވެ. އިރުގެ ހޫނުކަން ކެނޑި މާހައުލު ފިނިކަމަށް ބަދަލުވަމުން އައެވެ. ދެހަފްތާފަހުން އަނަސް މަސައްކަތަށް ނިކުތް އެއީ ފުރަތަމަ ދުވަހެވެ. ބަންޤިގޮވަން ވާއިރަށް ފެންވަރާލެވޭހާ މޫސުން އޮތްވާ އޭނަ ގެއަށް ދާން މިސްރާބު ޖެހިއިރު ގިނަމީހުން ދަނޑުތައް ދޫކޮށްފައި ހިނގައްޖެ އެވެ. މމަދުމަދުން ދުވާއެއްޗިއްސާއި މަގު ހިނގާ މީހުން ފެނެއެވެ.

ދޮރާށިން ވަދެވުމާއެކު އަނަސް ފުރަތަމަ ވެސް ހޯދައިލީ މިރްހާ އެވެ. ގޯތިތެރެވެސް ފެނުނީ ހިމޭންކޮށް އޮތްވައެވެ. މިރްހާ އެއްވެސް ހިސާބަކު ފެންނާކަށް ނެތެވެ. ބޭރުގައި ހުރި އިސްކުރަކުން ރަނގަޅަށް އަތްދޮވެލައިގެން ޖިންސުގައި ފުހެލުމަށްފަހު އޭނަ ގެއަށް ވަންނަން ދޮރު ހުޅުވާލުމާއެކު އެތެރެއިން މަރުހަބާކީ އަނދިރިކަމެވެ. މިރްހާ ގޭގައި ނެތީ ހެއްޔެވެ؟

"މިރްހާ! އަނަސް އަނބިމީހާއަށް ގޮވާލައިފައި ބޮކި ދިއްލައިލި އެވެ.

ވަށައިގެން ހޯދާލައިފައި ގޮސް ސިޑން އަރައިގެން ކޮޓަރި ދޮރުހުޅުވާލިއިރު އެތަން އަދި އޮތީ މާ އަނދިރިކޮށެވެ. ފޮތިތައް ދަމާފައި ހުންނައިރު ދުވާލުވެސް އެތަން އޮންނާނީ އަނދިރިކޮށެވެ. އަދި އިރުއޮއްސޭއިރު ކިހާވަރެއް ވާނެ ހެއްޔެވެ؟ ބޮކި ދިއްލާލުމާއެކު އަނަސްއަށް ފެނުނީ މިރްހާ ނިދާފައި އޮތްވަ އެވެ. ފޫހިވެގެން ނިދުނީ ކަންނޭނގެ އެވެ. އަނަސް ދެރަވި އެވެ. ކައިވެނިކޮށްގެން އޭނައާއެކު އެރަށުގައި އުޅެން މިރްހާ ވެފައިވާ ޤުރުބާނީއަކީ ކުޑަ ޤުރުބާނީއެއް ނޫނެވެ.

އަނަސް އިހަށް މިރްހާއަށް ގޮވަން ނުހަދާ ވަނީ ފެންވަރާށެވެ. އޭނަ ނިކުމެ ތައްޔާރުވީއިރުވެސް މިރްހާ ހަމަ އެއޮތްގޮތަށް ގުޑިނުލާ އޮތެވެ. ނިކުތްއިރު އެކަމަކު މިރްހާ އިނީ ތެދުވެއެވެ.

"ހޭލެވުނީތަ؟" އަނަސް ސުވާލުކޮށްލިއަޑަށް މިރްހާ އިސްއުފުލައިލި އެވެ.

"އަދިވެސް ނިދާހިތްވަނީ އެކަމަކު. އެއިރުން ދެން މިރޭ ނުނިދާ ކަންނޭނގެ އުޅެންޖެހޭނީ.." މިރްހާ ތެދުވެ އަނގަމަތީ އަތް އަޅައިލީ އާފުރެންފެށީމަ އެވެ.

"މިހާރު ބަންޤިގޮވަން އެއުޅެނީ. ދެން ނިދާނެ ކަމެއް ނެތް.." އަނަސް ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. މިރްހާ ބޯޖަހާލައިފައި ގޮސް ވަނީ ފާޚާނާއަށްވަނެވެ.

އެރޭ ކައިގެން މިރްހާ ތަށިތައް ދޮވެ ބަދިގެ ސާފުކުރުމުގައި އުޅުނުއިރު ބޭރުން އަނަސް އާއި އަނަސްބައްޕަ ވާހަކަދައްކާ އަޑު އިވިއިވި ހުއްޓެވެ. މަސައްކަތް ނިންމާލައިފައި އޭނަ ނިކުތްއިރު ސޯފާގައި އިނީ އަނަސް އެކަންޏެވެ. ބައްޕަ ފެންނާކަށް ނެތެވެ. އެވަގުތު އަނަސްގެ ނަޒަރު ހުރީ ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަކަށެވެ. ބައްޕަ ނިދަން ދިޔައީތޯ އެހުމުން އަނަސް ބޯޖަހައިލި އެވެ. މިރްހާ އައިސް ސޯފާގައި އަރައި އިށީނދެލީ އަނަސްގެ އުނގަށް ދެފައި އަރުވާލައިގެންނެވެ. އަނަސްގެ އާދައިގެ މަތިން އޭނަގެ ފައި މޮޑެދޭން ފެށުމުން އަރާމުވެގެން ލޯމަރައިލެވުނެވެ. އެކަމަކު އެގޮތުގައި އޭނައަށް އިނދެވުނީ ކުޑައިރުކޮޅަކުއެވެ. ދެފައި ތިރިއަށް އެލުވާލައިފައި ތެދުވެގެން ގޮސް އަނަސްގެ އުނގުގައި އިށީނދެފައި އޭނަގެ ކަނދުރާއަށް އަތް އެއްލަމުން އެމޭގައި މޫނު ފޮރުވާލައިފި އެވެ.

"މިރްހާ!" އަނަސްއަށް ގޮވާލެވުނީ ކަންބޮޑުވެފަ އެވެ. ހިތް ބުނީ މިރްހާއަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައެވެ.

"މިއަދު އަހަރެން މަތިން މިސްވިތަ؟" މިރްހާ އެއިންގޮތަށް އިނދެފައި ސުވާލުކުރި އެވެ.

އަނަސް ހޫމް އަކުން ޖަވާބުދީ ނިމުމާއެކު މިރްހާ ކުޑަކޮށް ދުރުވެލާފައި އެމޫނަށް ބަލައިލި އެވެ. އޭނަގެ މޫނުގެ ކުލަވަރު އަނަސްއަށް ފެނުނީ ދެނެވެ. އެވަގުތު އެހިތުގައި މީހަކު ހިފައި ފިތްތައިލިކަހަލަ އެވެ. އޭނަގެ ލޯބި ލޯބި މިރްހާގެ ލޮލުގައި ކަރުނަ އެވެ.

"މިރްހާ!" އަނަސްއަށް ބުނެވުނުހާވެސް އެއްޗަކީ އެއީ އެވެ. އެވަގުތު މިރްހާ އަނެއްކާވެސް އޭނައާ ގާތްވެލި އެވެ.

"މިއަދު އަހަރެން އެކަނިވީމަ ފެމެލީ މަތިން ވަރަށް ހަނދާންވި. ހިތަށްއެރީ މެހެވިޝްވެސް މިހާރު ހުންނާނީ ހަމައަކަށް އެޅިފައޭ. އަދި މަންމަވެސް އަހަރެންދެކެ އައިސްފަ ހުރި ރުޅިފިލައި އަހަރެން ނެތުމުން ފަޅުވެފައޭ ހުންނާނީ. އެކަމަކު ފޯނު ކުރީމަ މަންމަ ބުނީ ކީކޭކަން އިނގޭތަ؟" މިރްހާ ސުވާލުކޮށްލި ގޮތުންވެސް އަނަސް އިތުރަށް ދެރަވި އެވެ.

"ކީކޭ ބުނީ؟" މިރްހާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އޭނަ އެހިއެވެ.

"މަންމަ ބުނީ މިރްހާކިޔާ ދަރިއަކު މިހާރު ނުހުންނާއޭ..." ޖަވާބުދީ ނިމުމާއެކު މިރްހާއަށް ރޮވިއްޖެ އެވެ.

އަނަސް މިރްހާއަށް ވިސްނަދޭން ވަރަށްގިނަ ވާހަކަދެއްކި އެވެ. ބައެއްފަހަރު ލޯބިން ބަލާ ބޮޑުކުރާ ދަރިން އެމީހުން ހިތް ނޭދޭ ނިންމުންތައް ނިންމުމުން އެކަމުގެ ހިތްހަމަނުޖެހުން އެތައް ދުވަހެއް ވަންދެން ހިތުގައި އަޅައިގެން އުޅޭ މީހުން އުޅެއެވެ. މާފުކުރަން ބޭނުން ވިއަސް ތިމާގެ ހައިސިއްޔަތަށް ކުޑަކަމެއް އަތުވެދާނެ ކަމަށްޓަކައި ގޮތުގައި ހިފަހައްޓައެވެ. އަދި ބައެއްފަހަރު ވަގުތާއެކު އެއިހްސާސްތައް ނެތެމުން އައިސް ބޭކާރު ކުރެވުނު ވަގުތާއިމެދު ހިތާމަކުރާ މީހުން އުޅެއެވެ. އަނަސް މިރްހާއަށް ހިތްވަރުދިނީ އަދި ވަގުތުކޮޅެއް ދިނުމުން މިރްހާ މަންމަވެސް ރުޅިގަނޑު ފިނިވެގެން އޭނައަށް ގުޅާނެކަމުގައި ބުނަމުންނެވެ. މީގެ ކުރިން މަންމަ އޭނަދެކެ ރުޅިން ދެތިން ދުވަސް ވަންދެން އަދި އަނގައިން ނުބުނެ ހުއްޓަސް އެއީ ކަމަކަށް ނުވެއެވެ. އެކަމަކު މިހާރު އޭނަގެ ދިރިއުޅުން އެވަނީ އެމީހުންނާއި މާދުރުގަ އެވެ. މިރްހާއަށް އެހާ އަސަރުކުރީ އޭނަގެ އެކަނިވެރިކަމާއި މަސައްކަތެއް ނެތިފައި ހުރެގެން ލިބޭ ހުސްވަގުތު ގިނަވެގެން ކަމުގައި އަނަސްއަށް ވިސްނުނެވެ.

މިރްހާ ކައިރީ ކޮޓަރިއަށް ދާން ބުނެފައި ގޭގެ ހުރިހާ ދޮރެއް ލައްޕާ ތަޅުލައިފައި އޭނަ ދިޔައިރު މިރްހާ ހެދުން ބަދަލުކޮށްގެން ނިދަންއަރައި އޮތެވެ. އަނަސް ގޮސް ޓީޝާޓް ދަމައިގެންފައި ގާތުގައި އޮށޯވެލުމުން މިރްހާ ބުނެލީ ހީނުކުރާފަދަ ވާހަކައެކެވެ.

ނުނިމޭ

ދިގު ވާހަކަ

Popular