23 Jan 2021

އިންނާނެ މީހަކު

By: Mariyam Yasma

ފަސްވަނަ ފަންގިފިލާއަށް ދޮރު ހުޅުވުމާއެކު އެންމެ ފުރަތަމަ ނުކުތީ އަހަންނެވެ. ހުސްކޮށް އޮތް ހޯލުތެރޭން ފެންނަން ހުރީ ދެދޮރެވެ. އަދި އެތަނުން ފުރަތަމައަށް ހުރީ އަހަރެންގެ އެޕާޓްމެންޓަށް ވަދެވެން ހުރި ދޮރެވެ. ފޯނުން އަޒްކާގެ މެސެޖު ހޯދާލައިފައި ކޯޑު ޖެހިހާއިރުން ދޮރު ހުޅުވިއްޖެ އެވެ.

"ވޫ ހޫ....!!" ފަޒީ ފަހަތުގައި ހުރެފައި ރާގުގައި ކިޔާލިއެވެ.

އަހަރެން އެނބުރި ބަލައިލުމުން ފަޒީ ހިނިތުންވެލާފައި އަހަރެންގެ ބުރަކަށީ އަތް އަޅާ ކުޑަކޮށް އެތެރެއަށް ކޮށްޕާލިއެވެ. އެތެރެއަށް ދެފިޔަވަޅެއްވަރު އަޅާފައި ހުއްޓުނުތަނާ އަހަރެންގެ ފަހަތުން ދެމިގަނެގެން ފަޒީ އާއި ދިޔާނާ މާކުރިން ވަދެގެން ދިޔައެވެ. އަހަރެން މަޑުކޮށްލީ ސެކިއުރިޓީ ބޭބެ ފޮށިގަނޑުތައް ގެންނާތީ އެބޭބެއަށް ތަންދައްކަން ވެގެންނެވެ. އިރުކޮޅަކުން ދޮރުލައްޕާފައި އެނބުރުނުއިރު ފަޒީ ހުރީ ވަކި ހިސާބަކަށް ގޮސް ހުއްޓުންއަރައިފަ އެވެ. މަތި ބަލާލިއިރު ފަޒީ އަނގަ ހާވެފައއި މިހުރީ ސީލިންގުން އެލިފައިވާ ބޮޑުސިންގާ ޗާންދަލިއާއެއް ފެނިފަ އެވެ. ދިޔާނާ އޭރު ފެންނާކަށް ނެތެވެ. އެކަމަކު އޭނަ ގެންގުޅުނު ސޫޓު ކޭސް ތަންކޮޅެއް ދުރުގައި ދޫކޮށްލާފައި ހުއްޓެވެ.

"ފަޒީ އަނގައަށް މެއްސެއް ވަދެދާނެ..." ފަޒީ އަތުން ދޮންދީދީގެ ބިއްލޫރި ބޯތަށި ނަގައިގެން އަހަރެން މިސްރާބު ޖެހީ ސޯފާތަކާއި ދިމާއަށެވެ. ފަޒީ ވަގުތުން މަތި ބެލުން ހުއްޓާލައިފައި މެއްސެއް އަތުވެދާނެތީ ވައިގެތެރޭ އަތް ވެސް ހޫރާލިއެވެ.

އެޕާޓްމެންޓްގެ ފާރުތައް ހުދެވެ. އަދި އަހަރެން ހީކުރި ގޮތާ ޚިލާފަށް ހުހެވެ. ފްރޭމެއް ނޫނީ ކުރެހުމެއްފަދަ އެއްޗެއްވެސް ހަރުކޮށްފައެއް ނުވެއެވެ. އަޒްކާ އެތާގައި ދިރިއުޅެން ފެށިތާ ގިނަދުވަސް ނުވަނީ ކަމަށްވެދާނެ އެވެ. ބޮޑު ގެއެއްވަރުގެ ސިޓިންރޫމްގެ ބޮޑުބައެއް އޮތީ ހުހަށެވެ. މެދާކަށް ހިސާބުގައި އަޅިކުލައިގެ ލޭޒީބޯއި ސޯފާސެޓެއްގެ މެދުގައި ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. ސޯފާގައި އިންނައިރު މޫނު ޖެހޭގޮތަށްހުރި ހުރި ފާރުގައި ފްލެޓް ސްކްރީނެއް ހަރުކޮށްފައެވެ. ސޯފާތަކުގެ މެދުގައި ފައިދަށުގައި އޮތް ހުދު ކާޕެޓްފިޔަވާ ދެން އިތުރު އެއްޗެއް އެތާކު ނުވެއެވެ.

ސިޓިންރޫމާ ޖެހިގެން ދެން ހުރީ ބަދިގެ އެވެ. ބޯތަށި މޭޒުމަތީ ބަހައްޓާފައި އަހަރެން ދިޔައީ ބަދިގެއަށް ވަންނާށެވެ. ފަހަތުން ފަޒީ އައިސް ވަނެވެ. އޮފް އަރައަރާހުރި ކިޗެން އައިލެންޑާއި ތަރުތީބުން ހަރުގައިބަހައްޓާފައިވާ ތަށިތައް ފެނުމުން ދުވަހަކު ކައްކާފައި ހުރިތަނެއް ވައްތަރެއްނުޖަހަ އެވެ. އެކަމަކު ކަބަޑުތަކުގައި ނެތްއެއްޗެއް ނެތެވެ. ދެތިން މަސް ވަންދެން ގެއިން ނުނިކުމެ ކެވޭނެ ސާމާނު އެތާ ހުއްޓެވެ.

"މިހާ ރީތި ބަދިގެއެއްގަ ކައްކަން ކެރޭނެތަ؟ އަހަރެން މީ ހޭޒް ނަމަ ނިދާނީ ވެސް މިތާ..." ފަޒީ ބުނެލިއެވެ.

"އޭގެ އަނެއްދުވަހު ތެދުވެ ގުދުބިނދިފަ އޮންނަންތަ؟ ތިހާ މޮޅެތި ހިޔާލު ނުދިނަސް ހެޔޮ ފަޒީ..." ފަޒީއަށް ރައްދު ދީފައި އަހަރެން އެތަނުން ނިކުންނަން އެނބުރުނީމެވެ.

ސިޓިންރޫމަށް ނިކުތްތަނާ ދަބަހުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ރިންގް އަޑު އަހާފައިވެސް އެއީ ކާކުކަން އެނގުނެވެ. މަންމައަށް އަހަރެންގެ ފޯނުގައި ހުންނާނީ ހާއްސަ ރިންގެކެވެ.

"ނިކަން އައިސްބަލަ މަގޭ އަތްފޯރާ ފަށަށް! ދެފައި ބިންދާލާނަން!" މަންމަ އެއްދުވަހަކު ހަޅޭތްލަވަނިކޮށް އަހަރެންނަށް ރިކޯޑުކުރެވުނު ތަންކޮޅެކެވެ. މަންމައަށް އެކަން އެނގިއްޖެނަމަ އަހަރެންގެ އަނެއް ކަންފަތަށް ވެސް ޖެހޭނީ އަލްވަދާޢު ކިޔަން ކަންނޭނގެ އެވެ.

"ކީކޭ މަންމާ!" ދަބަސްތެރެއިން ފޯނު ނަގައިގެން އަހަރެން ޖައްސައިލީ ސޯފާގަ އެވެ.

އާންމުކޮށް ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު މަންމަ ގުޅާނެ އެވެ. އެކަމަކު މިއަދު މިހާރު އެގުޅަނީ ތިންވަނަ ފަހަރަށެވެ. އަހަރެން ވަކި އެޕާޓްމެންޓަކަށް ބަދަލުވާން ކީއްސުރެ މަންމަގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންވެސް ތިބެއޭ ކިޔައިގެން މިހާރު އެއްވާހަކައެއް އެތައް ފަހަރަކު ތަކުރާރު ކުރެވިއްޖެ އެވެ.

"ހޭޒަލް މިހާރު އެގެއަށް ދިޔައީތަ؟" މަންމަ ސުވާލުކުރި އެވެ.

ފަޒީ ބަދިގެއިން ނިކުމެ އެކި ފަރާތް ފަރާތް ބަލާލައިފައި ދިޔާނާ ކޮބައިތޯ އެހީ އަތުގެ އިޝާރާތުންނެވެ. އަހަރެން ކޮނޑު އަރުވާލައިފައި މަންމަ ކިޔާ އެއްޗެއް އަހަން ފެށިވަގުތު އޭނަ ސިޑިން އަރައިގެން ދިޔައެވެ.

"ހަމަ ދެންމެ އައިސް މިވަނީ. މަންމަ ތަންކޮޅެއް ލަސްވީ ގުޅިލެއް. އެހެންނަމަ ސެކިއުރިޓީ ބޭބެއަށް ފޯނު ދިނީމުސް...އަދި ބުނަން ނިކަން ވަރުހުރި ފިރިހެނެއް. ބޮލުގަ ނުރަކޮޅެއް ހުއްޓަސް އަދިވެސް ހަމަ ބަލާލީމަ ލޮލަށް ފިނިކަން ލިބޭކަހަލަ. ފޮޓޯއެއް ފޮނުވައިލާނަން ދެން ފަހަރަކުން ދިމާވީމަ.." އަހަރެން ޖަވާބުގައި ވާހަކަދެއްކީމެވެ.

"އެއްކަލަ ހޭޒަލް. ކޮންމޮޔައެއް މިހާރު ތިގޮވަނީ.. ހޫން ބާއްވަންއުޅޭ ދެން.." މަންމަ ރުޅިއަރައިގެންފައި ފޯނު ބާއްވަން އުޅުނުވަގުތު އަހަންނަށް ދުރުން ބައްޕަ ގޮވާލިއަޑުވެސް އިވުނެވެ.

"ހޫމ ހޫމ އަވަހަށް ބާއްވަން އުޅޭ ބައްޕައަށް ބަސްޓްނުވަނީސް. އެހެންނޫނީ ވަރަށް ކަޑަ.." އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް މަންމަ ފޯނު ކަނޑައިލި އެވެ.

ބޭނުންވި ކަންތައް ވުމުން ހިނިގަނޑެއްޖަހާލައިފައި ތެދުވެ ފަޒީ ދިޔަމަގުން އަރައިގެން ދިޔައިރު ދެކޮޓަރިން ކުރެ އެއްކޮޓަރި ހުރީ ދޮރު ހުޅުވާލައިފަ އެވެ. އަހަރެން ވަދެގެން ތަންކޮޅަކަށް ދިޔައިރު ފަޒީ އާއި ދިޔާނާގެ އަޑު އައީ ބެލްކަނިންނެވެ.

"ޔަޤީންތަ ރަނގަޅު ވާހަކައެއްކަން ތީ؟ ހަމަ ވެދާނެއެއްނު ތިދެމީހުން މައްސަލަ ޖައްސަން ގުޅާފަ ދެއްކި ވާހަކައަކަށްވެސް..." ފަޒީ ބުނާއަޑު އިވުނެވެ.

"ކީއްކުރަން އޭނަ ކޮންމެހެން އަހަރުމެން ފަނިކުރަން އުޅެނީ؟ އޭނައަށް ކޯއްޗެއް ލިބޭނެކަމަށް.. އަހަންނަށް އިނގޭ އެއްޗަކީ އަންކިޔައިފިއްޔާ ޝިޔާންއަށް އޯކޭ ވާނެކަން..." ދިޔާނާ ޖަވާބުދިންއިރު އަހަރެންނަށް އެތަނަށް ނިކުމެވުނީ އެވެ.

"އެހެޔޮ އަންގިފަޅިއެއް ވެސް..." އިޚުތިޔާރެއްނެތި އަހަރެންގެ އަނގައިން ނިކުތެވެ. ހިތާއި ހިތުން އަހހަރެން އަމިއްލަ އަނގަމަތީ ޖެހީމެވެ. ހިފެހެއްޓުމެއްނެތަސް ބޮޑުވަރެވެ.

"ސޮރީ..." ދިޔާނާ ބަލައިލިވަގުތު އަހަރެން މާފަށް އެދުނީމެވެ.

"ކަމްއޯން. ހޭޒް ތިބުނީވެސް ދޮގުވާހަކައެއް ނޫނޭ...." ދިޔާނާ ޖަވާބުދީފައި ދުރުބަލައިލަމުން މަޑުމަޑުން ދެފަރާތަށް ބޯހޫރުވައިލި އެވެ.

އަހަންނާއި ފަޒީއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

ދިޔާނާ އާއި ޝިޔާން ދިމާވެ އެކަކު އަނެކަކާއި ތަތްތެޅުނީ ސުކޫލު ދައުރުގަ އެވެ. އޭރު އަހަރުމެން ތިން އެކުވެރިންނާއެކު ބައެއް ތަންތަނަށް ދާއިރު ޝިޔާންވެސް ދާނެއެވެ. އަދި ޝިޔާން އެތަނެއްގައި ހުރެއްޖެނަމަ ދިޔާނާ އާއި އޭނަ ހީވަނީ ވަކި ދުނިޔެއެއްގައި އުޅޭހެންނެވެ. އެއިން މީހަކަށް އަހަރުމެން ކިޔާ އެއްޗެއް އަޑެއް ނީވޭނެ އެވެ. މޭޒު ދޮށުގައި ތިބޭނީ ދެބޯ ޖައްސައިގެން ކޮންމެވެސް އަމިއްލަ ވާހަކަތަކެއްގަ އެވެ. އިރުއިރުކޮޅާ ހީގަންނާނެ އެވެ. ދިޔާނާ ހެވިފަ ނޫން އިރެއް ނުފެންނާ އެވެ. އޭނައާ ދިމާކުރަން ވެގެން އޭނަ ފެނުމުގެ ކުރިން ދަތްޕިލާ ފެންނަ ވާހަކަ ކިޔަމެވެ. ދިޔާނާއަށް އަށާރަ ފުރިފައި ގިނަ ދުވަހެއް ނުވެ ކައިވެނި ކުރެވިއްޖެ އެވެ. އެކައިވެންޏަށް ނާދެވުނަސް ފޮޓޯތައް އަހަރެން ދުށީމެވެ. ޝިޔާން އުޅުނީ ދިޔާނާގެ މޫނުން ނަޒަރު ވަކިނުވެގެންނެވެ. ލޯ ހުރި މީހަކަށްވިއްޔާ އެކަން އެނގޭނެ އެވެ. އެއީ އަހަރެންގެ ނަޒަރުގައި "ކަޕްލް ގޯލްސް" އެވެ. އެކަމަކު އެނބުރި އައިފަހުން ފެންނަނީ އަބަދުވެސް ދިޔާނާ ޝިޔާންއަށް ފާރަލާތަނެވެ. އަހަރެން އަދިވެސް ކައިވެނިނުކޮށް ހުރި ސަބަބު ހޯދާއިރު އެކަމުގެ އިލްޒާމު އެޅޭނެ އެކަކީ ޝިޔާން އެވެ. އަހަރެން ޝިޔާންއަށް ހާދަ އިތުބާރެއް ކުރީމެވެ.

"ދެން ކިހިނެތް ހަދާނީ؟" ފަޒީ ރެއިލިންގައި ދެއަތް އަޅުވާލައިގެން ދިޔާނާއަށް ބަލަން ހުރެފައި އެހިއެވެ.

"ނޭނގެ.." ދިޔާނާ ބުނެލި އެވެ.

ބަލާބެލުމަށްވެސް ދިޔާނާއަކީ ރީތި ކުއްޖެކެވެ. މޫނުކޮޅު ކުޑަވެފައި ޅަގޮތް ހުންނާތީ، ދެއަހަރުގެ ފިރިހެންކުއްޖެއްގެ މަންމައަކަސް ފެންނަ ފެނުމަށް އަދިވެސް ހީވަނީ ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ފަޒީއާ އަހަންނަށްވުރެ އޭނަ އިސްކޮޅުން ކުރެވެ. ހުންނަނީ ހިކިކޮށް ލޫޅާފަތިކޮށެވެ. ފެންމީހުންގެ ލޯތައް އޭގެ މަޤާމުން ބޭރަށް ނިކުންނަވަރުގެ ވަނާތަކެއް ނެތަސް ލޯ ހުންނަ މީހަކަށް ވިއްޔާ އޭނަގެ ރީތިކަން ފާހަގަނުވެއެއް ނުދާނެ އެވެ. ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑަކާއި ފިދާވާފަދަ ކަޅުކުލަގަދަ ބޮޑު ދެލޮލެވެ. ލިޕްފިލަރ އަކާނުލައި ޤުދުރަތުން ލިބިފައިވާ ޕައުޓީ ފިޔާތޮށި ތުންފަތެކެވެ.

"އޭ ދެން އަހަރެން ދަނީ އިނގޭ. މަންމަ ހުންނާނެ މިހާރު ޝަމާއިލްއާހެދި އުދަނގޫވެފަ. ފަޒީ ހޭޒްއަށް އަންޕެކްކުރަން ހެލްޕް ވެދޭނަންދޯ؟" ދިޔާނާ ހިމޭނުން ހުރެ ހުރެފައި ކުއްލިއަކަށް އެނބުރިފައި މައުޟޫ ބަދަލުކޮށްލި އެވެ.

އޭނަ އެހާ އަވަހަށް ދާން ބޭނުންވި ސަބަބު އެނގޭތީ އަހަރުމެން ދެކޮޅެއް ނުހަދަމެވެ. އޭގެ އިރުކޮޅެއް ފަހުން ފަޒީވެސް ކޮންމެވެސް ފަތިވަރެއް އަމުނަމުން ނިކުމެގެން ހިނގައްޖެ އެވެ. ގަޑި ބަލާލިއިރު ހެނދުނު ނުވައެއް ޖަހަން ދަނީ އެވެ. ފޮށި ހުޅުވާލައިފައި އަހަރެން އެންމެ ލޯބިވާ، މަންމަކިޔާގޮތުންނަމަ "ގޯނިބޭކުޑައަލީ" ޓީޝާޓާއި އެންމެ އަރާމު ޓައިޓު ވައްޓައިލުމުން ގެއަށް ދެވުނުފަދަ އިހްސާސެއް ކުރެވުނެވެ. ގޭގައި އަހަރެން އަބަދުވެސް އުޅޭނީ ބޮޑެތި ޓީޝާޓާއި ޓައިޓުގަ އެވެ. ދުވާލެއްގެ އިރު އަރައިގެން ދާއިރު މަންމަ އަހަރެންގެ ޓީޝާޓުތަކާ ދެތިންފަހަރު ބެހިނުލާ ދުވަހެއް ނުދާނެ އެވެ.

"ކީއްތަ ވާނީ ތަންކޮޅެއް ގަޔަށްރީތި އެއްޗެއް ލިއްޔާ. އިތުރަށް ދެމީހުންނަށް ވަދެވޭވަރުގެ ގޯނިބޭކުޑައަލީ ޓީޝާޓުލައިގެން ނުވިތާކަށް ހަންޑިއެއްހެން ބޯ ހާވާލައިގެން ތިހުންނަނީ. ނުފެނޭތަ ތިއުމުރުގެ އަންހެންކުދިން އަބަދު އެތިބބެނީ ރީތިވެގެން. މިހެން ކިޔަ ކިޔާވެސް އަނގައިގަ ގުއިރަހަ ލައިފި..." މަންމަ އެއްދުވަހަކު ކަނަމަދު ފަޅަން އިނދެގެން ތަޤްރީރު ފެށިއިރު އަހަރެން އިނީ ފޮތެއް ކިޔާލަން އަރައި ބޮޑު އުނދޯލީގަ އެވެ.

"މަންމައަށް ކިހިނެތް އެނގެނީ ގުއިގަ ލާ ރަހަ؟ މަންމަ ރަހަބެލިންތަ؟" އަހަރެންގެ ސަމާލުކަން ދަމައިގަތީ އެތަންކޮޅެވެ.

"މިފުރޯއިން ނުޖަހަނީސް ރައްކާވާން އުޅޭ!" ފުރޯ ހިއްލައިލަމުން މަންމަ އިންޒާރުދިނެވެ.

ވިދުވަރެއްހެން އަހަރެން ބެލީ އެތަނުން ގެއްލެވޭތޯ އެވެ.

***

އަޒްކާ ގުޅީ އެރޭ ހަތެއްޖެހިތަނާ އެވެ. އެކޮޅަށް އޭރު މެންދުރު ދޭއް ޖެހީ އެވެ.

"ކޮބާ ސެޓްލް ވެވިއްޖެ؟ އެޕާޓްމެންޓްގަ ހުރި ހުރިހާ އެއްޗެއްވެސް އެއީ ހޭޒަލްއަށް ބޭނުންކުރެވޭނެ އެއްޗެހި އިނގޭ. އަލަމާރީގަ ހުންނާނެ ހެދުންވެސް. ޔޫ ކެން ވެއަ އެމް..." އަޒްކާ ވާހަކަދެއްކީ ކޮންމެވެސް އެއްޗެއް ކަމުންނެވެ.

"އަދި އަންޕެކް ނުކުރަން. އެކަމަކު ސެޓްލްވެވުނީކަމަށް ބަލާ. އެން ތެންކިއު... މިހާރުވެސް ޝުކުރު އަދާކޮށް ނުނިމޭވަރަށް އަހަރެންނަށް އެހީވެދީފި. އަދިވެސް ތިދަނީ ކުރިއަށް. މިވަރުން ދަންޏާ އަހަރެން ހުންނާނީ އުމުރު ދުވަހަށް އަޒްކާއަށް ދަރަނިވެރިވެފައެއްނު.." އަހަރެން ޖަވާބުދިނީމެވެ.

"ހަމަ ހުރެދާނެއެއްނު ހޭޒަލްއަށް ދަރަނިއަދާކުރެވިދާނެ ގޮތެއްވެސް...އަހަންނަށްވެސް ޖެހިދާނެ ހޭޒަލްގެ އެހީއަށް އެދެން." އަޒްކާ ބުނެލިއެވެ.

"އަހަންނަށް ޝައްކު.." އަހަރެންނަށް ހެވުނެވެ. އަޒްކާ ސަމާސަ ކުރަނީކަން ޔަޤީނެވެ. އަޒްކާކަހަލަ ކުއްޖަކު އަހަރެންގެ އެހީއަށް އެދެން ޖެހޭނެ ދުވަހެއް އަތުވެދާނެ ހެއްޔެވެ؟

އަޒްކާ އެވަގުތު ހީގަތެވެ. އޭނަ ފޯނު ބޭއްވުމުގެ ކުރިން ބުނީ ޖެހިގެން ހުރި އެޕާޓްމެންޓްގައި އުޅެނީ އަޒްކާގެ ބޭބެއެއް ކަމުގަ އެވެ. އަދި ކަމެއް ޖެހިއްޖެނަމަ އޭނަގެ އެހީ ހޯދުމަށެވެ. އޭނަ ފޯނު ބޭއްވުމުން އަހަރެން ނިންމީ ބޭރަށް ނިކުމެލުމަށެވެ. ލޮބީއަށް ގޮސް ޑެސްކުގައި އިންނަ މީހާ ކައިރީ ބުނެލުމުން އިމާރާތުގައި އުޅޭ މީހުންނަށް ލިބެން ހުންނަ ޚިދުމަތްތަކާއި އެތާ ކުރިއަށްދާ ހަރަކާތްތަކުގެ ތަފްޞީލު ލިބޭނެކަމުގައި ބުންޏެވެ. މުޅި ދުވަހު އެކަނި އެހާބޮޑު ތަނެއްގައި އުޅެއުޅެ އަހަރެން ހުރީ ފޫހިވެފަ އެވެ.

ބޭރަށް ނިކުންނަން ވެގެން ޓީޝާޓް ބާލާފައި އަހަރެން ލީ މަޑުނޫކުލައިގެ ފައިތިލައާހަމައަށް ފަސްބައިހުރި އަތްދިގު ހެދުމެކެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި ހުޅިން ވަކިވެފައިވާ އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވައިލީމެވެ. ފޯނު ހިފައިގެން ނިކުމެގެން ގޮސް ލިފްޓަށް އަރަނިކޮށް ފަހަތުން ދޮރެއް ހުޅުވުނު އަޑު އިވުނެވެ. އަހަރެން ގޮސް ލިފްޓްގެ ދޮރާއި ކުރިމަތިލައިގެން އެތެރޭގައި ހުއްޓި ހުއްޓާ އެދިމާއަށް އައި ޒުވާނާ ފެނިގެން ބަލައިލެވުނެވެ.

އިސްކޮޅުން ދިގު މީހެކެވެ. ރޫފަ ރަނގަޅުވެފައި ވަރުގަދަ ވައްތަރުޖަހަ އެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު ފޯނަށް ބަލަމުން އައުމުން ރަނގަޅަށް އޭރު މޫނެއް ނުފެނެ އެވެ. އަހަންނަށް ދެން ފާހަވީ ކުރުކުރުކޮށް ކޮށާލައިފައި އޮތް އިސްތަށިގަނޑެވެ. ލިފްޓަށް އަރަންވެގެން އިސްއުފުލައިލި ވަގުތު އަހަރުމެންގެ ހަތަރުކަޅި ބައްދަލުވި އެވެ. އެވަގުތު އަހަންނަށް ކޮންމެވެސް ވަރަކަށް ލޯ ބޮޑުކޮށްލެވުނީ ސިހިފަ އެވެ. އިތުރު ސަބަބެއް އޮވެގެނެއް ނޫނެވެ. އެކަމަކު އަހަރެން ބަލަން ހުއްޓާ އެޒުވާނާއަށް ފެނިގެން ވީގޮތެކެވެ. އެކަމަކު އެއްކަމަކަށް އަހަރެން އެއްބަހެވެ. އޭނަ ވަރަށް ރީއްޗެވެ.

އަހަރެން އަވަހަށް ނަޒަރު ވަކިކޮށްލުމާއެކު އޭނަ އައިސް ހުއްޓުނީ ލިފްޓްގެ އަނެއްކޮޅުގައި އަހަންނާއި ދުރުގަ އެވެ. އެވާނީ އަޒްކާގެ ބޭބެއަށޭ ހިތަށް އެރުމުން އަނގައިން ބުނަން ބޭނުންވި އެވެ. ކުޑަމިނުން ތައާރަފްވެވިދާނެތާ އެވެ. އެވަރުން ފުދޭނެ އެވެ. އެހެންނޫނީ އޭނަގެ ކޮއްކޮގެ ގޭގައި އުޅެމުން ދަންނަ ކަމަށްވެސް ހަދައިނުލާ ހުރީމަ އެވީ ކޯއްޗަކަށް ހެއްޔެވެ؟

"ހައި! ތީ އަޒްކާގެ ބޭބެތަ؟" ޒުވާނާގެ މޫނަށް ބަލައިލަމުން އަހަރެން އިސްވެ ސުވާލުކޮށްލީމެވެ.

ފޯނުގައި މެސެޖަށް ލިޔަން ހުރި ޒުވާނާގެ އިނގިލިތަކަށް އެވަގުތު ހުއްޓުންއެރި އެވެ. އެކަމަކު އަހަންނާއި ދިމާއަށް ބަލާނުލައި އަނެއްކާވެސް އެކުރާކަމެއް ކުރަން ފެށިއެވެ.

ފަހަރެއްގައި އަޑު ނީވުނީ ކަމަށް ވެދާނެ ހެއްޔެވެ؟ ނޫނީ އަހަރެން ބުނި އެއްޗެއް ސާފުވެސް ނުވެދާނެ ނޫން ހެއްޔެވެ؟ އަދި ވާހަކަދައްކަންވީ އެވެ. އެހެންނޫނަސް އަހަންނަކީ ކާކުކަން ނުބުނެ ވާހަކަދެއްކުމުން އަނގައިން ބުނަން ބޭނުންނުވީ ކަމަށްވެސް ވެދާނެ އެވެ.

"އަހަންނަށް ކިޔަނީ ހޭޒަލް. އަޒްކާގެ އެޕާޓްމެންޓްގަ އުޅެނީ.." ކުރިއަށްވުރެ އަޑަށް ބާރުލާފައި އަދި ދެބަސް ދޭތެރޭ ދުރުމިން ބާއްވާފައި އަހަރެން ވާހަކަދެއްކީމެވެ.

ޒުވާނާގެ ފުށުން މިފަހަރު ކުރިން ފެނުނު ފަދަ ހަރަކާތެއްވެސް ނުފެނުނެވެ. އަހަރެން އެއީ އެތާ ހުރި މީހަކަށްވެސް ހަދާނުލި އެވެ. ހާދަ ފޮނި މީހެކެވެ. އަހަރެން ގާތަށް ރުޅި އަތުވެއްޖެ އެވެ. އިއްތިފާޤުން އެވަގުތު ދެވަނަ ފްލޯއަށް ދޮރު ހުޅުވިއްޖެ އެވެ. އެތެރެއަށް ވަނީ ކުރިން ބައްދަލުވި ސެކިއުރިޓީ ބޭބެ އެވެ. އެބޭބެއަށް އަހަރެން ފެނުމުން ހިނިތުންވެލާފައި ކުޑަކޮށް ބޯޖަހައިލި އެވެ.

"ބޭބެއަށް އަހަރެން ފެނޭތަ؟" ދެލޯ ބޮޑުކޮށްލާފައި އަދި ގޮތް ބޮޑުކޮށްލަން ދެއަތްވެސް ކޯތާފަތުގައި އަޅާލައިފައި އަހަރެން އެހީމެވެ.

"ކަނބުލޮ ނުފެންނަންވީ ކީއްވެ؟" އެބޭބެ ހިނިގަނޑެއް ޖަހާލައިފައި ހުއްޓުނީ އަހަންނާއި އަނެއްކޮޅުގައި ހުރި ޒުވާނާގެ މެދުގަ އެވެ.

"އަޅެ ކިހާދެރަ އަހަރެން އަދި ހީކުރީ އަހަންނަށް ކުއްލިއަކަށް ސުޕަރ ޕަވާއެއް ލިބުނީކަމަށް. އެހެންވެ އަދި "އިންވިސިބަލް ވުމަން" ކޮސްޓިއުމް ފަހާނެ ގޮތްވެސް ބޮލުގަ ރާވާލައިފިން.. ހުރިހާ ހުވަފެނެއް އެދިޔައީ ވަޔަށް އަރައިގެން..." އަހަރެން ވާހަކަ ނިމުނުތަނާ އެންމެ ތިރިއަށް ލިފްޓް ހުޅުވުނެވެ. އެވަގުތު ޒުވާނާ އެންމެ ކުރިން ނިކުމެގެން ހިނގައިގަތެވެ.

"ޖާރކް!!" ފަހަތުން ނިކުންނަމުން އަހަރެން ބުނެލީމެވެ. އޭނައަށް އަޑު އިވޭނެ ކަމަށް ނޫނެވެ. އެކަމަކު ރަނގަޅީ އިވުނިއްޔާ އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular