27 Feb 2021

އިންނާނެ މީހަކު

By: Mariyam Yasma

"އަހަންނަށް ހޭޒަލް ވަރަށް ކަމުދޭ. ވަރަށް ގަޔާވޭ...އައި..." އައްފާން ޖަވާބުދިނެވެ. އެކަމަކު އެއްޖުމްލަ ފުރިހަމަނުކޮށެވެ. ނުބުނެ ދޫކޮށްލީ ކީކޭ ކަމެއް ނޭނގެއެވެ. ފަށާފައި ފަހުން ދެވަނަ ވިސްނުމަކަށް ދިޔައީ ކަންނޭނގެއެވެ.

ވަގުތުން އަހަރެން ހާސްވެއްޖެއެވެ. އެސުވާލު ނުކުރެވުނު ނަމައެވެ. ނޫނީ އޭގެ ސިކުންތުކޮޅެއް ކުރިއަށް ދަތުރުކުރެވޭނެނަމައެވެ. ވާނީވެސް އެހެންނެވެ. އޭނަގެ ޖަވާބު މިއައީ އެންމެ ބޭނުންނުވާ ގޮތަށެވެ. މިވަރުގެ ނުރައްކާ ވަގުތުކޮޅަކާ މިދިމާވީ ހަޔާތުގައި އަލަށެވެ. އަބަދުމެ ވިސްނާނުލާ ކޮންމެއެއްޗެއް ބުނެލަން އާދަވެފައިވާ އަހަރެންގެ އަނގައަށްވެސް ގަނޑުވާން އެނގުނީ އެގަޑީގައެވެ. އެވާނީ އޭނަގެ ނުބައި ސަމާސައަކަށެވެ. އެކަމަކު އެއީ ހަޤީޤަތެއްނަމަ ވާނީ ކިހިނެތް ހެއްޔެވވެ؟ އަދި ކުރިން އެކަން އަހަންނަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އަދި އޭނަ އަހަންނާ ގަޔާވިއްޔާ އަހަރެންނަށް މިވަރު ވާންޖެހޭ ހެއްޔެވެ؟

"ހޭޒަލް!" އައްފާން އިންތިޒާރުކޮށްކޮށް ޖަވާބު ނައިސްގެން ގޮވާލިފަދައެވެ. ނޫނީ އަހަރެންގެ ދެލޯ މުދދުނަށް އަރާފައިހުއްޓާ ފެނިގެން އަހަރެން ހުރީ ރަނގަޅަށްތޯ ބަލަން ބޭނުންވީ ކަމަށްވެސްވެދާނެއެވެ.

އޭނަ ހަމަ ކުރިއަށް ފިޔަވަޅެއް އަޅާލިހާއިރުން އަހަންނަށް ފަހަތަށް އަޅައިލެވިއްޖެއެވެ. އެކަމަކު ދާނީ ކޮންތާކަށް ހެއްޔެވެ؟ ފަހަތުގައި ސިންކެވެ. އޭގެ އަރިމަތީ ޖެހިފައި އެހިސާބުން މަތަވުންނޫންކަމެއް ނުވިއެވެ.

"މަންމާ!..." އެވަގުތު ހިތަށްއައި ފުރަތަމަ ހިޔާލާއި އެއްގޮތަށް ކަންތައްކުރީމެވެ. ނަސީބަކުން ތާށިވެފައިވާ އަޑުވެސް ބޭރަށް ނިކުމެއްޖެއެވެ.

"ހޭޒަލް...!" އައްފާން އަތްއުފުލައިލި ގޮތުން ހީވީ އަހަރެންގެ ކޮނޑުގައިނަމަވެސް އަތްޖައްސައިލަން އުޅުނުހެންނެވެ.

އެކަމަކު ނަސީބަކުން އަތެއްނުލައެވެ. ގޮވާލިހެނެއްހިއެއްނުވެ މަންމަ ބަޑިބަޑިއަޅާފައި އަންނައަޑު އިވުނެވެ. އައްފާން ފަހު ފަހަރަށް އަހަންނަށް ބަލާލައިފައި ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. އެލޮލުން އަހަންނަށް މެސެޖެއް ދޭން އުޅުނުކަހަލަ އެވެ. އެކަމަކު އަހަރެން ހުރީ މެސެޖުބަލައިގަންނަ ވަރަށްވުރެ ހާލަތު ގޯސްވެފައެވެ. މަންމަ ކިހިނެތްވީހޭ އެހިއިރު އައްފާން ހުރީ ދޮރުން ބޭރުގައެވެ. އެކަމަކު ފެންނަ ހިސާބުގައެވެ.

"އަހަންނަށް މިތަށިތަކެއް ނުދޮވެވޭނެ..." މަންމަކައިރީ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން ބުނެލީމެވެ.

އެވަގުތު އައްފާން ލޯމަތިން ގެއްލުނުތަން ފެނުމުން ފުރަތަމަ ފަހަރަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. މަންމަގެ ރައްދުއައިގޮތެއް އަޑެއްވެސް ނީވުނެވެ. އެތަނުން ދުރަށް ޖެހިލަމުން އަހަރެން ވިސްނައިލީ ސިޓިންރޫމްގައި ތިބި މީހުންނަށް ނުފެނި ކޮޓަރިއަށް ދެވިދާނެ ގޮތަކާއިމެދުގައެވެ. އައްފާން އެދެއްކި ވާހަކައަށްފަހު އޭނަ ކުރިމައްޗަށް ދާނން އަހަރެން ވަގުތުކޮޅެއް ބޭނުމެވެ. ކުޑައިރު އަހަރެން އެއެއްޗެއް ލިބޭތޯ އެންމެގިނައިން ދެއަތް ނަގައި ދުޢާކުރި ނުފެންނނަ ތާކިހަލެއް ލިބިފައި އޮތްނަމަ ބޭނުންހިފޭނެ ވަގުތުކޮޅެއްކަމުގައި އެވަގުތުކޮޅުވިއެވެ. އުނދޯއްޔަށް އެރިއަސް ކުޑަދޮރު ހުޅުވާފައި ހުރުމުން އެތެރޭ ތިބި މީހުންނަށް ފެންނާނެއެވެ. މި ލައިގަތީ ވަރުގަދަ ކަމަކާއެވެ. އައްފާންއަށް ހަލާކުހުއްޓެވެ.

ބަދިގެއިން ނިކުތްތަނާ ސައިކަލެއް އައިސް މަޑުކޮށްލިއަޑު އައެވެ. އެވާނީ ޚާލިދަށެވެ. އަހަރެން ގެއާ ދިމާއަށް ބަލާލައިފައި ގޮސް ދޮރާށިން ނިކުންނަން ދިމާކޮށްލިތަނާ ޚާލިދު ދޮރު ހުޅުވާލިއެވެ.

"އޭ ދީބަ ތަޅުދަނޑި ސުޕާރީއެއް ގަންނަން ދާންވެއްޖެ.." އަތްތިލަ ހުޅުވާލައިފައި ދިއްކޮށްލަމުން އަހަރެން އެދުނީމެވެ

ޚާލިދުން ވަގުތުން ދެކޮޅުހެދިއެވެ. ބުނީ އޭނަ އައީ ކޮޓަރިއަށް ވަދެލާފައި ކޮންމެވެސް އެއްޗެއް ހިފައިގެން އަނެއްކާވެސް އެނބުރި ދާގޮތަށެވެ. އަހަރެން ގާތަށް ރުޅިއަންނަގޮތްވިއެވެ. ގަދަކަމުން އޭނަގެ ޖީބުން ނަގަން އުޅުމުން ޚާލިދު އަހަރެންގެ ކޮނޑުގައި ހިފާ ފަހަތަށް ކޮށްޕާލައިފިއެވެ. މަންމައަށް ނިކުމެވުނީ އެގަޑިއަށެވެ.

"ހޭޒަލް! ހާލިދު!" މަންމަ ގޮވާލިއަޑަށް އަހަންނަށް އަވަހަށް އެދިމާއަށް އެނބުރެވުނެވެ.

ޚާލިދު އަހަރެން ފަސްދީފައި ހިނގައިގަތީ ގެއާދިމާއަށެވެ. ހިތާއިހިތުން އޭނައަށް ވަރުގަދަ ލަގާއެއްދޭން ރާވަމުން އަހަރެންވެސް އެދިމާއަށް ހިނގައިގެންފީމެވެ. ސިޓިންރޫމްގައި ތިބި މީހުންގެ ނަޒަރުވެސް އަހަރުމެން ދެމީހުންނަށް ހުއްޓުނެވެ. އެވަގުތުވެސް ނަސީބު ލައްވައިލީ ރަންދަރިއަށެވެ. އޭނަ ފިކުރެއް ހިޔާލެއްނެތި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.. އަހަރެން ހަމަ ދޮރުންވަންނައިރަށް ޝެހެނާޒް އަހަރެންނަށް ގޮވާލައިފައި ސޯފާގައި އޭނައާ ޖެހިގެން ހުރި ހުސްތަންކޮޅު ދައްކާލައިފިއެވެ. ފަލަކާއި ތަރީގެ މެދުގައި ގިނިހިލައަކަށްވެގެން އިންނަހިތުން މަ އެބައުޅޭ ހެއްޔެވެ؟ އެކަމަކުވެސް ދެމެހުމާނުންގެ މޫނަށް ބަލާލައިފައި ދެކޮޅު ހަދާކަށް ނުކެރުނެވެ. އަހަރެން ގޮސް އިށީންނަންދެން އައްފާންގެ ނަޒަރު އަހަންނަށް ހުރިކަން އިހްސާސްވިއެވެ. ކިތަންމެވަރަކަށް ބެލިއަސް މަގޭގައިން ތަންގަނޑެއް ކަންފައްޗެއްނުވާނެއެވެ. އެއްޗަކަށް ބަލައިގެން ހާސިލްވަންޏާ އަހަންނަށް މިހާރު ތާޖުމަހަލްގެ މިލްކުވެރިކަންވެސް ހުންނާނީ ލިބިފައެވެ.

އަހަންނަށް ލިބުނު އެންމެބޮޑު ހަމަޖެހުމަކީ ސައުދާ އައިސް އަހަރެންގެ އުނގަށް އަރައިގެން އިނދެ އަމިއްލަ ވާހަކަފެށުމެވެ. ދެން ހީވީ ސައުދާއާއި އަހަރެން ވަކި ބޮއްކެއްގެތެރޭގައި އިނދެވުނު ހެންނެވެ. ދެންތިބި މީހުން އެމީހުންގެ އަމިއްލަ ވާހަކައިގައެވެ. އެކަމަކުވެސް ދޭތެރެއަކުން އެމީހުން އެތާ ތިބިކަން ހަނދާންވެއެވެ. މިހާރު ކެވިއްޖެނޫން ހެއްޔެވެ؟ ދެން އެވީ ގެއަށް ދާކަށް ނޫން ހެއްޔެވެ؟ ލައިފައި ހުރި އަންނައުނުންވެސް އަހަންނަށް އެބަ އުދަނގޫވެއެވެ. ގޭތެރޭގައި އަހަރެން ބޭނުމީ ފަސޭހަ އެއްޗެހީގައި އުޅޭށެވެ.

ޖީބުގައި އޮތް ފޯނަށް މެސެޖެއް އައިސް ވައިބްރޭޓްވުމުން އަހަންނަށް ބަލައިލެވުނީ އައްފާންއަށެވެ. އޭނަގެ ނަޒަރު ފޯނުން އަހަންނަށް ހުއްޓައިލީ ހަމަ އެގަޑީގައެވެ. އަވަހަށް އެހެން ދިމާއަކަށް ބަލައިލީމެވެ. އަދި ފޯނު ނަގާކަށްވެސް ނޫޅެމެވެ. މެސެޖުގައި ކޮންމެއެއްޗެއް އޮތަސް ވަރިހަމައެވެ.

"ދޮންދައްތަ މަޑުކުރޭ އަހަރެން ސައުދާ ނިންދަފާނަން..." ސައުދާ ނިދިއައި ވާހަކަ ބުނުމާއެކު ޝެހެނާޒް ތެދުވަން އުޅުމުން އަހަރެން އަވަހަށް ބުނެލީމެވެ. އެވަގުތު ސައުދާ ފޮނިވެގެން އަތް ތަޅާލައިފައި އުނގުން ފައިބައިފިއެވެ. ލިބުނު ކާމިޔާބަކުން އަހަންނަށް ހެވިއްޖެއެވެ. ސައުދާދެކެ ދުވަހަކު ނުވާވަރަށް ލޯބިވެވުނެވެ. އަވަހަށް އެމަންޖެ އަތުގައި ހިފާލައިގެން ކޮޓަރިއާ ދިމާއަށް މިސްރާބު ޖަހައިފީމެވެ.

ސައުދާ ނިންދަން އޮވެ އަހަންނަށްވެސް ނިދުނީއެވެ. ޝެހެނާޒް އައިސް އެމަންޖެ ގެންދިޔަ އިރެއްވެސް ނޭނގެއެވެ.

ފަތިހު ހޭލެވުނީ އާދައިގެ މަތިން މަންމަ ދޮރުވައްޓައިލަން އުޅޭ އަޑަށެވެ. ތަންކޮޅެއް ބަލިކޮށް ހަދާފައި ހުންނަ ނަމަ ސީއައިޑީގައި އުޅޭ ދަޔާއަށްވުރެ މަންމަ އުޅޭނީ ކުރީގައެވެ.

"މިތެދުވީއޭ..." އާފުރެމުން އަހަރެން ތެދުވެ އިށީނދެލީމެވެ.

އައްފާންގެ މެސެޖު އަހަރެން ކީ ނަމާދުކޮށްގެން ސައިތައްޓެއް ބޯން ބަދިގެއަށް ނިކުމެފައެވެ.

އައްފާން ލިޔެފައި އޮތީ ޖަވާބަކަށް އޭނަ ބާރުނާޅާނެކަމުގައެވެ. އެކަމަކު އަހަރެން ނިކަން ހަމަޖެހިލައިގެން އޭނަ ދެއްކި ވާހަކައާ ދޭތެރޭ ވިސްނުމަށެވެ. އަދި އޭނަގެ މަޤްސަދަކީ އަހަންނަށް އެއްވެސްކަހަލަ ނުތަނަވަސްކަމެއް ދިނުން ނޫންކަމުގައެވެ. ދެތިން ފަހަރު މެސެޖު ކިޔާލެވުމުން އަނެއްކާ ރޭގައިވީހެން ފިނިވެއްޖެއެވެ. ކަމުގެ ހަޤީޤަތް ފުރަތަމަ ފަހަރަށް އިހްސާސްވިއެވެ. އައްފާން އެކުރަނީ ސަމާސައެއް ނޫނެވެ. އެއީ އޭނަގެ ހިތުގެ އަޑެވެ.

"މަންމާ ސައިތައްޓެއް!" ފޯނު މޭޒުމަތީ ބަންޑުން ބޭއްވުނީ ބޭނުންވިވަރަށްވުރެ ބާރަށެވެ.

އަހަރެން އެހެން ބުނިއަޑަށް އެއްކަލަ މަންމަ ރޮށިފިހަން ހުރެފައި އެނބުރި ބަލާލައިފިއެވެ.

"ހޭޒަލްގެ ދެއަތް ނެތީތަ؟" މަންމަ ދިނީ މަންމަފަރާތުން އުންމީދުކުރެވޭފަދަ ރައްދެކެވެ.

ތުން އަނބުރާލައިފައި އަހަރެން ތެދުވެއްޖައީމެވެ. މިގޭގައި ދެއަތް ހުންނަނީ އަހަރެންގެ އެކަންޏެވެ. އަހަރެންގެ ކޮއްކޮ ޚާލިދަކީ ދެއަތް ނެތް ސޮރެކެވެ. ފެންތަށްޓެއްވެސް އަތުން އަޅައިގެން ނުބޯނެއެވެ. ގިނަފަހަރު ކާނީ ކޮޓަރިއަށް ކާތަށި ވައްދައިގެންނެވެ. އަދި އެވެސް މަންމަ ބަތްމޮޑެދީފައި ސަމުސާ ލައިދިނުމުންނެވެ. އަދި މިހުންނަނީ ހަނދާން ނެތިފައެވެ. އޭނައަށް މިއަދު ލަނޑެއްދޭން އެބަޖެހެއެވެ. އެހިޔާލުން ކުއްލިއަކަށް މޫޑު ރަނގަޅުވެއްޖެއެވެ. އޭނަ އެންމެ ލޯބިވާ ގަމީސް އަހަރެން ކޮޓަރި ތަންފުއްސަކަށް ގެންދަންވީއެވެ. ނޫނީ ސައިކުގައި ބާބީ ސްޓިކާ ތަތްކޮށްފުރާލަންވީއެވެ. އޭނަ ހިތުން އެނިކަން ފިރިހެންވަންތަ މީހެކެވެ. ފިޔާތޮށިކުލައޭ ބުންޏަސް ހުންއާދެއެވެ. ނިދާ ހޭލަންވާއިރަށް ތުނބުޅީގައި ފިޔާތޮށި ކުލަ ޖައްސަނިކޮށް ފަހިވާނެއެވެ. ފޯނު ކަވަރުވެސް ފިޔާތޮށިކޮށްލާނީ އެވެ.

ސުކޫލަށް ދާން ނިކުމެވުނީ ނީމާ ކުރިމައްޗަށެވެ. ގޭދޮރުމަތީ ހުރެފައި އަހަރެން ފެނުނުހާއިރުން އަތުވވެއްޖެއެވެ. މާ ހެނދުނަކާ ތެދުވެ ރަތް ލިޕްސްޓިކް ޖައްސާލައިގެން މިއުޅެނީ އާދައިގެ ކަމަކު ނޫންތާއެވެ. މޫނުޖަހާފައި ހުރި ފުށުން ދެމަހު ރޮށިފިހެވޭނެއެވެ. ލައިފައި ހުރީވެސް ކަނޑައިގެން ވަންނަވަރުގެ ޓޮޕަކާއި ދެވަނަ ހަމެއްހެން ހިފާލައިފައި ހުރި ސްކިނީއެވެ. ފަންއިސްތަށިގަނޑު ދޫކޮށްލާފައެވެ. އަބަދުވެސް އަހަރެން ޖޭވާ އިސްތަށިގަނޑެކެވެ. ކޮނޑުގައި އަތް ދަބަހަކާއި ފަސްމަޑު މަގުތަކުން ހިނގަން އެކަށީގެންނުވާފަދަ އުސްކަށްޓަކަށް އަރައިފައެވެ. މައްސަލައެއްނެތްތާއެވެ. ދާ ތާކަށް ދާނީ ސައިކަލުގައި ވިއްޔާއެވެ.

"ކޮބާ ވީކްއެންޑްގަ ޓްރިޕެއް އެބައޮތް މިތާކައިރީ އޮންނަ ފިނޮޅަށް. ނުދާނަންތަ؟" ނީމާ ދައުވަތުދިނެވެ.

"މަންމަ ފޮނުވާނެހެން ހީވޭތަ؟" އަހަންނަށް ބުނެލެވުނެވެ.

"އެހެނެކޭ ކިޔާފަ ހޭޒަލް ކުރަން ބޭނުންކަމެއް އެކަކަށްވެސް ހުއްޓުވުނުތަ؟" ނީމާ ހަނދާންކޮށްލަދިނެވެ. އަހަރެން ގާތަށް ހިނިއައެވެ. މީނަމީ އަހަރެންގެ ކްރައިމް ޕާޓްނާއެވެ. ކުޑައިރު ކުރި ހުރިހާ ގޯސްކަމެއްގެ އެއްކޮޅުގައި ހިފައިގެން ހުރި މަންޖެއެވެ.

"ދަންޏާ އަންގާލާނަން..." ހިނިއައިސްފައި އަހަރެން ޖަވާބުދިނީމެވެ.

ނީމާ އެނބުރުނީ އެގޭދޮށަށް ސައިކަލެއް މަޑުކޮށްލީމައެވެ. ބަލާލިއިރު އޭނަގެ އެންމެ އާ "ބޯއިޓޯއި" އެވެ. ކިހާ ދުވަހެއް ވަންދެން ފޫހިނުވެ ކުރިއަށް ދާނެބާވައެވެ. އޭނަ ދަމުން ހަނާ އަޅާލުމުން އަހަރެންވެސް ހަނާ އަޅައިލީމެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން ސައިކަލެއް އަންނައަޑު އިވުނެވެ. އަހަންނާ އަރާ ހަމައެއް ނުކުރެއެވެ. އެކަމަކު ދުއްވަމުން އައީ ވަރަށް ކައިރިންނެވެ. އެއީ ކާކުކަން ޔަޤީންވެދާނެތީ އަހަރެން އެނބުރި ބަލައެއްވެސްނުލަމެވެ.

ގޭޓުން ވަދެގެން ދާން ފެށުމާއެކު އަނެއްކާވެސް ފަހަތުން މީހަކު އަންނަކަން އިހްސާސްވިއެވެ. ހުއްޓިފައި ބަލާލިއިރު އައްފާންއެވެ. ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި މުށި ޖިންސެއްގައި ހުރިއިރު ހެނދުނުފަދައިން އެމޫނު ތާޒާވވެފައި އިސްތަށިގަނޑުގެ ތެތްކަން ފައުޅުވަމުން ދިޔައެވެ. އަހަރެން ހުއްޓުމުން އޭނަވެސް ހުއްޓުނެވެ. އަދި ހިނިތުންވެލައިފިއެވެ. ވަގުތުން މެއަށް ފިނިވެއްޖެއެވެ. ޖެހުނު ވައިރޯޅިއަކުން ވީގޮތެކެވެ. އަހަރެން އަމިއްލަ ނަފްސަށް ވިސްނާދިނނީމެވެ. އެކަމަކު އަދި އެވަރުން ކުރިއަކަށް ނުދެވުނެވެ. ކޮޅެއްގައި ޖައްސަން ބޭނުންވެއްޖެ އެވެ.

|"ޑޫ ނޮޓް ސްމައިލް އެޓް މީ!" ޝަހާދަތް އިނގިލި ހިއްލާލަމުން އަހަރެން ބުނެލީމެވެ. އަމުރެއްކަމަށް ބެލިއްޔާ އަމުރެކެވެ. އިންޒާރެއްކަމަށް ބެލިއްޔާ އިންޒާރެކެވެ. އޭނަ ބޭނުން ގޮތަކަށް ނިންމަންވީއެވެ.

ވަގުތުން އޭނަ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އަހަރެން ގާތަށް އިތުރަށް ރުޅިއައެވެ. އެރުޅިއާއެކު ކުރިއެކޭ އެއްގޮތަށް ފިނިވެސްވިއެވެ. އަދި އެއީ އަހަރެން އެއްގޮތަކަށްވެސް ގަޔާވި އިހްސާސެއް ނޫނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް އެތާ ނުހުރެ އަހަރެން ހިނގައިގަތީ އެސިހުރުވެރިޔާއާ ދުރަށެވެ. ނަސީބަކުން އައްފާން ފަހަކުން އަހަރެން ކައިރިއަކަށް ނާދެއެވެ. އެތެރެއަށް ވަންނަމުން ބަލާލިއިރު އޭނަގެ މިސްރާބުހުރީ މަޖުދީގެ އޮފީހާ ދިމާއަށެވެ. އަހަންނަށް ހަމަޖެހިލެވުނީ ދެނެވެ.

ސްޓާފުރޫމަށް ވަތްއިރު މައުސޫމާ ވަށާލައިގެން އަންހެން ޓީޗަރުންތައް އުޅެއެވެ. ވެގެން އުޅޭގޮތެއް ނުވެސް ބުނަނީސް އޭނަ އަހަރެން ކައިރިއަށް އަތުވެއްޖެއެވެ. އަހަރެން ފޮތްތައް ހުޅުވާލައިގެން މަސައްކަތުގައި އިންދާ ޖެހިގެން ހުރި ގޮނޑީގައި ޖައްސާލައިފައި އަތުގައި އޮތް އަނގޮޓި ދައްކަންވެގެން އަތްކަހަން ފަށައިފިއެވެ. ލޯ ފުސްމީހެއްގެ ލޮލަށްވެސް އުދަނގޫވާވަރުގެ ބޮޑު އަލިމަހުގެ އަނގޮޓިއެއް ކަށި އިނގިލީގައި އޮތެވެ. މައުސޫމާއަށް އަހަރެންގެ ގޮތް ނޭނގެނީއެވެ. އަހަންނނަކީ އަތުގައި އާދައިގެ ރަން އަނގޮޓިއެއް އެޅިއަސް އުދަނގޫވާ މީހެކެވެ. އޭނަ ހިތުން އެއަނގޮޓީގެ ހިޔާލުގައި އަހަރެން އޮންނާނީ ކުރިއަށް އޮތް ދެހަފްތާ ވަންދެން ލޮލަށް ނިދި ނައިސްފައެވެ.

"އަހަރެން އަތުގަ ހުންނާނެ ކަހާ ތަންތާ އުނގުޅާ ވަރަށް ރަނގަޅު ބޭހެއް.." އަހަރެން އަހައިލީމެވެ.

މައުސޫމާ ވަގުތުން ކެހުން ހުއްޓާލައިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.

"ބޭނުމިއްޔާ ބްރޭކަށް ގޮސްފަ އަންނައިރު ގެނެސްދީފާނަން.." އަހަރެން އިތުރަށް ބުނެލީމެވެ. މައުސޫމާ ވަގުތުން ފުއްޕާފައި ތެދުވެގެން ދުރަށް ހިނގައްޖެއެވެ.

ކުލާހަށް ގޮސްހަމަ ވަންތަނާ އެއްކަލަ ސިދުޤީ އަމިއްލައަކަށް ތެދުވެގެން ގޮސް ކުލާސްރޫމުން ނިކުމެއްޖެއެވެ. އޭނަ ނިކުމެގެން ދިޔަ ދިމާއަށް ބަލާލައިފައި ކޮނޑު އަރުވާލުމަށްފަހު އަހަރެން އައިސް ކުލާސް މެދަށް ހުއްޓުނީމެވެ. ހަނާގެ ނަޒަރު ހުރީ ސިދުޤީ ނިކުމެގެން ދިޔަ ދޮރަށެވެ. އޭނަ ސިހިފައި ބަލައިލީ އަހަރެން އޭނަގެ ނަމުން ގޮވާލީމައެވެ. ދުވަހުގެ މައުޟޫއާ ގުޅުވައިގެން ފަހަރަކު ކުއްޖަކު ކުރެން ކުޑައިރުގެ ފުރަތަމަ ހުވަފެނާއި ބެހޭގޮތުން ސުވާލު ކުރުމުން ހީނުކުރާފަދަ ޖަވާބުތައް ލިބުނެވެ. މާބޮޑަށް ކިޔަވަން ނޫޅޭ ކުދިންވެސް އެސުވާލާއި ގަޔާވިއެވެ. ސިދުޤީ އެއަށް ދޭނެ ޖަވާބު އަހަރެން އޮޅުންފިލުވާހިތްވި އެވެ. ނަތީޖާއެއްގެ ގޮތުން ކުލާސް ނިންމާފައި ނިކުމެގެން ދިޔައީ ސިދުޤީ ފެނޭތޯ ހޯދަމުންނެވެ.

ހޯލުތެރޭގައި ހުއްޓާ ސިދުޤީ ނިކުތީ ފާޚާނާ ބަރިއާ ދިމާއިންނެވެ. އަހަރެން ފެނުނުހާއިރުން ހުއްޓުނެވވެ. ދެން އަނެއްކާވެސް ހިނގައިގެންފައި އަންނަން ފެށިއެވެ. ހޯލުގެ އަނެއްފަޅިން ދިއުމުގެ ބަދަލުގައި އަހަރެން މިސްރާބު ޖެހީ ސީދާ ސިދުޤީއާ ދިމާއަށެވެ.

"ސިދުޤީ! އަހަރެން ސިދުޤީ ކުރިމައްޗަށް ހުއްޓެމުން ގޮވައިލީމެވެ. އޭނަ އެވަގުތު އަހަރެންގެ ކުރިމަތިން ރެކިގެން އަނެއްކާވެސް ދާން ހިނގައިގަތެވެ.

"ސިޑް!" އަހަރެން ދެވަނަ ފަހަރަށް ގޮވާލީމެވެ. ވަގުތުން ސިދުޤީ ހުއްޓުނެވެ. އެކަމަކު އެއީ އަނެއްކާވެސް އިރުކޮޅަކަށެވެ. އަހަރެން އެދިމާއަށް އެނބުރުނުތަނާ ހިނގައިގެންފިއެވެ. އަހަރެން ސިކުނޑީގައި އެތަންކޮޅު ނޯޓުކޮށްލީމެވެ.

ލިބުނު ހުސްގަޑީގައި އަހަރެން ބޭނުންވީ ކުދިންގެ ކުޅިވަރު ގަޑި ކުރިއަށް ދާގޮތެއް ބަލާށެވެ. އެންމެފަހު ގަޑީގައި އޮތް ބާސްކެޓު ޕްރެކްޓިސް ދާގޮތް ބަލައިލަން ކޯޓަށް ދިޔައީ ވިސްނައިގެން ހުރެ ދުރުދުރުންނެވެ. ފުރަތަމަވެސް ހިތް އަތުލީ ސިދުޤީގެ ހުނަރެވެ. މެޓައެއްކާލާހާ ފަސޭހައިން އެހެން ކުދިން އަތުން ބޯޅަ ހޯދައިގެން ގެންގޮސް ދާގަނޑުތެރެއަށް ވައްޓައިލައެވެ. ކޯޓުން ބޭރުގައި ހުރި އައްފާންއަށް އަހަރެންގެ ނަޒަރު ހުއްޓުނީ އަދި އިރުކޮޅެއް ފަހުންނެވެ. އޭނައަށް އަހަރެން ފެނިދާނެތީ އަވަހަށް އެތަނުން ދުރަށްދާން ހީކޮށްލާފައި ހިނގައިގެންފީމެވެ.

"ހޭޒަލް!" މަޖުދީ ގޮވާލިއަޑު އިވުނެވެ.

އޭނަ ތެދުވެގެން އައީ ކުދިންގެ ކުޅިވަރު ބަލަން ބެންޗުގައި އިނދެފައެވެ. އަދި އައްފާންއަށްވެސް އޭނަ އަހަރެންނަށް ގޮވިއަޑު އިވިގެން އެނބުރި ބަލާލައިފިއެވެ. ހިތާއި ހިތުން މަޖުދީއަށް އެތިވަރު ގޮވަން ހުއްޓާ އައިސް އަރާހަމަކޮށްފިއެވެ.

"މިހާރު ކިހިނެތް ހާލު؟" މަޖުދީ ކޮށްލި ސުވާލުން އަހަންނަށް ބުމަ ކައިރިކޮށްލެވުނެވެ.

"އަހަންނަށް ކިހިނެތްވީ؟" އަހަންނަށް އަހައިލެވިއްޖެއެވެ.

"ރޭގަ ބޮލުގަ ރިއްސާތީއެއްނު ފަހުން ނުނިކުތީ ކޮޓަރިން. މަންމަ ބުނި އެހެން..." މަޖުދީ އޮޅުންފިލުވވައިދިނެވެ. ވަގުތުން އަހަންނަށް ވިސްނުނެވެ. މަޖުދީ ކުރިމަތީ އަހަރެންގެ ޑިގުއަރުވައިލީތާއެވެ.

"ނިދާލީމަ ބަރާބަރުވެއްޖެ..." އަހަރެން މަންމަ ބޭޒާރުނުކުރަންވެގެން ބުނެލީމެވެ.

މަޖުދީ އެވަގުތު ދާން އިޝާރާތްކޮށްލީ އަތުންނެވެ. އަހަރެން ބޯޖަހާލައިފައި އޭނައާއެކު އައިކޮޅަށް ދަމުން އަދި އެއްފަހަރު ފަސްއެނބުރި ބަލައިލީމެވެ. އައްފާން ހުއްޓި ހުރީ ސީދާ އަހަރެންނަށް ބަލާށެވެ. ވަގުތުން އަހަރެންގެ އިސްލާހިއްޔާއަށް ފޮނުވާލަންވެފައި ހުރި ހިތް ތެޅިގެންފިއެވެ. އަހަރެން އަވަހަށް ފުރަގަސްދީފީމެވެ.

ނުނިމޭ

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular