8 May 2024

އެއް ހެދުމެއްގެ ދެތިން އެތި ގަންނަ މީހުންނަށް

"މި ހެދުމުގެ ދެތިން އެތި ގަންނަން ބޭނުން" މިއީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. ހަމަ ޔަގީނުން ވެސް މިގޮތަށް ކަންކުރާ ބަޔަކު ތީގެ ތެރެއިން ވާނެ އެވެ. އެއް ޑިޒައިނެއްގެ އެއް ކުލައެއްގެ ދެތިން އެތި ނުވަތަ ހަމަ އެ ޑިޒައިނުގެ އެކި ކުލަތައް އެއް ފަހަރާ ގަނެލައިގެން ހިފައިގެން ދެވޭ ފަހަރު އާދެއެވެ. ސަބަބަކީ ދެން ދުވަހަކު ވެސް އެހާ ސަޅިކޮށް މީހާއާ ގުޅޭ ހެދުމެއް ދެން އަތުނުޖެހިދާނެތީ އެވެ. މި ސުވާލު އަމިއްލަ މީހާއާ ކޮށްލެވިއްޖެ ނަމަ ހަނދާން ބަހައްޓަންވީ ކަންކަން އެބަ ހުއްޓެވެ.

އެންމެ 'ބޭސިކް' އައިޓަމްތައް

އެއް ޑިޒައިނެއްގެ ދެތިން ބޭސިކް އައިޓަމް ގަތުމަކީ ބުއްދިވެރި ގޮތެކެވެ. ހާއްސަކޮށް ޕްލެއިން ޓީޝާޓު އަދި ޖިިންސުގެ ރަނގަޅު ފިޓެއް ލިބެން ހުރެއްޖެ ނަމަ ގަނެލުން ރަނގަޅުވާނެ އެވެ. ސަބަބަކީ މާލޭގައި ދިރިއުޅޭއިރު އެ މީހެއްގެ ހަށިގަނޑާ ގުޅޭ ގޮތަށް ހެދުން އާންމުގޮތެއްގައި ލިބެން ނުހުންނާތީއެވެ. ހެޔޮވަރު ޓީޝާޓެއް ހޯދަން އުނދަގޫ ނަމަ އެއް ޑިޒައިނެއްގެ ލިބެންހުރި ދެތިން ކުލަ ގަނެލުމަކީ ފަސޭހަވާނެ ގޮތެކެވެ. އަދި ބޭސިކް ހެދުންތަކަކީ އެކި ގޮތްތަށް ސްޓައިލްކޮށްލެވޭނެ އެއްޗިއްސެވެ.

އެހެންނަމަވެސް ބައެއް ފަހަރު ގަންނަ އައިޓަމް ދޮވުމަށް ފަހު އަންނަ ބަދަލުތަކުން ލާން އުނދަގޫވެ ނުވަތަ ހަޑިވާނަމަ އެއްފަހަރާ ދެތިން އައިޓަމް ގަނެގެން ލަނޑު ލިބޭ ފަހަރު ވެސް އެބަ އާދެއެވެ. މިހެންވެ ފަހަރުތަކުގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވޭ ވައްތަރުގެ ގިނަ އައިޓަމްތަކެއް އަނެއްކާ ވެސް ބޭކާރު ގޮތުގައި އަލަމާރިތެރެއަށް ގިނަކޮށްލެވުނީއެވެ. މީގެ ހައްލަކީ އެކަތި ގަތުމަށް ފަހު ދޮވެލައިގެން ލައިގެން އުޅެ ޓެސްޓުކުރުމަށް ފަހު އިތުރަށް މި އައިޓަމް ގަންނަންޏާ ގަތުމެވެ.

ޕެޓާން އަދި ޕްރިންޓު ނުވަތަ ފާޑު ފާޑުގެ ކުލަ

އެކި ކަހަލަ ޑިޒައިންތަކާ އެކި ކަހަލަ ބޯލްޑު ކުލަތަކުގެ ހެދުން ކިތަންމެ ރީތިވެ ލާން ފަސޭހަ ވިއަަސް މީގެ ދެތިން އަައިޓަމް ގަތުމަކީ މޮޔަކަމެކެވެ. ސަބަބަކީ މި އައިޓަމްތަކަކީ ރީތިކޮށް ފާހަގަ ވާނެ ހާއްސަކަމެއް ހުންނަ އައިޓަމްތައްކަމުން އެކި ގޮތްގޮތަށް ސްޓައިލް ކުރިއަސް އަބަދު އެކަށްޗެއް ލައިގެން އުޅޭހެން ހީވާނެތީއެވެ.

ދެން ހެދުން ގަންނަން ދާއިރު މިކަންކަމަށް ވިސްނާލުމުން ބޭނުން ނުކުރެވޭ ބޭކާރު ހެދުންތަކެއް ހެދުންގަންނަން އުޅުމުގެ ތެރެއިން ސަލާމަތް ވެދާނެއެވެ.

Popular