11 Dec 2024

ޕެންޓޮން: 2025ގެ ކުލަޔަކީ "މޮކާ މޫސް"

ޕެންޓޮން: 2025ގެ ކުލަޔަކީ "މޮކާ މޫސް"

By: Nurah Rasheed

ނިއޯން ފެހި ކުލަ އަދި ބާބީ ފިޔާތޮއްޓާއި މިކަހަލަ، ދިއްލޭ ހުރިހާ ކުލަތަކެއް 2024 އާ އެކު ދޫކޮށްލަންވީ އެވެ. ޕެންޓޮން ކުލަ ކުންފުނިން ބުރާސްފަތި ދުވަހުގެ ހެނދުނު އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް، ކުރިއަށް އޮތް އަހަރުގެ އާ ކުލަ ވަނީ ހާމަކޮށްފަ އެވެ.

ޕެންޓޮން މޮކާ މޫސް ކުލައަކީ ބަލައިލަން، ލޮލަށް އަރާމު މަޑު މުށިކުލައެކެވެ. މި ކުލަ އަކީ އެކި ކަހަލަ އިހްސާސްތަކާ ގުޅިފައި ހުރި ކުލައެއްކަން ވަނީ އެ ކުންފުނިން ފާހަގަކޮށްފަ އެވެ. ހިތްހަމަޖެހުމާއި އަރާމުކަން ގެނެސްދޭ ކުލައެއްގެ އިތުރުން މި ކުލައިގެ ތެރެއަށް "ސަމުސަލެއް ލައިގެން ކާލާ ހިތްވާ" ގޮތެއް ހުންނަ ކަމަށް ބުނެ ވެސް ބައެއް މީހުން މަޖާ ވެފައި ކޮމެންޓްކޮށްފައި ހުއްޓެވެ.

ގިނަ ބައެއްގެ އެންމެ ރަނގަޅު ދުވަހެއްގެ ފެށުމާ ގުޅިފައިވާ ކޮފީއާ ވެސް މި ކުލަ ގުޅިފައިވެ އެވެ.

މޮކާ މޫސް ކުލައަކީ ބެލެންސްކޮށްލަން ފަސޭހަ ކުލައެކެވެ. ކޫލް އަދި ވޯމް ކުލަތަކާ ގުޅުވަން ފަސޭހަ އަނދިރިކުލަތަކަށް ފަސޭހަކަމާ އެކު ބެލެންސެއް ގެނެސްދީ، ނިއުޓްރަލް ކުލަތަކާ އެކީ ފާހަގަވާ ވަރުގެ ރީތި އެކްސެންޓެއް ގޮތުގައި ހަރަކާތްތެރިވާނެ ކުލައެކެވެ. އިތުރު ކުލަޔަކާ އެއް ނުކޮށް ހެދުން އެޅުމުގަ އާއި ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންކޮށްލަން ވެސް ހިތްފަސޭހަ ކުލައެކެވެ.

ކޮންމެ ޑިސެމްބަރު މަހަކު ޕެންޓޮންގެ ފަރާތުން ކުރިއަށް އޮންނަ އަހަރުގެ ކުލަ ހޯދުމަށް އެތައް ބައިރު ފެޝަން ރަންވޭތަކާއި އިންޓީރިއާ ޑިޒައިން ޓްރެންޑުތަކާއި ޕޮޕް ކަލްޗާ އަދި ސައިކޮލިޖީގެ ބައިތަކަށް ވިސްނަ އެވެ. އެންމެ ފުރަތަމަ ކުލަ އެ ކުންފުނިން އިއުލާން ކުރީ 1999 އަހަރު އެވެ. މިއީ މިގޮތަށް ކުލަ އިއުލާނުކުރި 26 ވަނަ އަހަރެވެ.

Popular